އަޅުގަނޑުމެންގެ ވަށައިގެން މޫދު އޮތް ނަމަވެސް އާބާދީގެ ނިސްބަތުން މޫދާއި ރަށްޓެހި މީހުން މަދު ކަމަށް ބުނެވިދާނެއެވެ. ފަތަން ދަންނަ މީހުންގެ އަދަދު ނިސްބަތުން މާގިނައެއް ނޫނެވެ. ކަނޑުމަތީގެ ނުރައްކާތެރި ހާދިސާއެއް ހިނގާާފާނެ ކަމަށް ބައެއް ފަހަރު އެންމެ އެކަށީގެންވާ ގޮތެއްގައި ތައްޔާރު ވެވިފައެއް ވެސް ނޯވެއެވެ. ފާއިތުވެގެން މިދިޔަ ހަފްތާއަކީ ކަނޑުމަތީގައި އުޅޭއިރު އަދި މޫދަށް އެރޭއިރު ރައްކާތެރިކަމުގެ ފިޔަވަޅުތައް ރަނގަޅަށް އަޅަން ޖެހޭ ކަން އަނެއްކާވެސް ހަނދާން ކޮށްދިން ހަފްތާއެކެވެ.

ހަފްތާއެއްގެ ތެރޭގައި މޫދުގައި ހިނގި ތަފާތު ހަތަރު ހާދިސާއެއްގައި ހަތަރު މީހުން ނިޔާވެފައި ވާއިރު އިތުރު ދެކުއްޖަކު ގެއްލުނުތާ ވެސް މާދަމާ އަށް ހަފްތާއެއް ވާނެއެވެ. އެކުދިން ހޯދުމުގައި ކުރަމުންދާ މަސައްކަތައް ވެސް ކުރިއެރުމެއް ނުލިބެއެވެ.

އޭޕްރީލް މަހުގެ 19 ވަނަ ދުވަހުގެ ރޭ ފުރަތަމަ ހާދިސާ ހިނގީ ދެލޯންޗް ޖެހިގެން ކ.ގުޅީގެ ހުޅަނގުން ހަ މޭލު ބޭރުނުންނެވެ. އެހާދިސާގައި ޒަހަމްވި ބިދޭސީއަކަށް ފަރުވާ ދެމުން ދަނިކޮށް އެ ރޭ ވަނީ ނިޔާވެފައެވެ. އަދި އެހާދިސާގައި އިތުރު މީހަކު ގެއްލުނެވެ. ގެއްލުނީ އެކްސިޑެންޓްވި އެއް ލޯންޗްގެ ކެޕްޓަނެވެ. އެއީ ދ.ކުޑަހުވަދޫ މުހައްމަދު އަހްމަދު އެވެ. މުހައްމަދުގެ ހަށިގަނޑު ވަނީ ޖެހިގެން އައި ހުކުރު ދުވަހު ހެނދުނު މޫދު އަޑިން ފެނިފައެވެ.

ހުކުރު ދުވަސް ދޫކޮށް ހޮނިހިރު ދުވަހު މެންދުރު ފަސް ވެގެން ދިޔައިރު މުޅި ރާއްޖެ އަށް ކުރިމަތިވީ ހިތާމަ އާއި ހިތްދަތިކަމާއި ހަމްދަރުދީއެވެ. އައްޑޫ ސިޓީ ހިތަދޫ އިން މޫދަށް އެރުނު ތިން ކުދިންގެ ތެެރެއިން ދެކުއްޖަކު ގެއްލުނެވެ. ގެއްލިފައި ވަނީ ހިތަދޫ ސްކޫލްގައި ކިޔަވަމުން ދިޔަ އަލީ ފަހްމީ އާއި މަޔާމީން އަހްމަދު އެވެ.

ދެކުދިން ގެއްލުނުތާ ހަފްތާއެއް ވެފައި ވާއިރު އަދިވެސް އުއްމީދު ކަނޑާނުލާ ދެކުދިން ހޯދުމުގެ މަސައްކަތް ސިފައިންނާއި ފުލުހުންނާއި އާންމު ރައްޔިތުން ދަނީ ކުރަމުންނެވެ. ދެކުދިން ހޯދުމުގެ މަސައްކަތް ކަނޑުގެ މަގުންނާއި ވައިގެ މަގުން އަދި ޑައިވް ކޮށްގެން ވެސް ދަނީ ކުރަމުންނެވެ. ނަމަވެސް އަދި މިހާތަނަށް ކުރިއެރުމެއް ނުލިބެއެވެ. އެންމެންގެ ވެސް ދުޢާ އަކީ އެދެކުދިން ފެނުމެވެ.

މިދިޔަ ބުދަ ދުވަހު ހަވީރު ހުޅުމާލޭގައި މޫދަށް އެރި އުޅުނު ޒުވާނަކު ވެސް ވަނީ ނިޔާވެފައެވެ. ދ.މީދޫ ބީޗްހައުސް ހުސެއިން ރިޔާދު 21، ނިޔަވީ މޫދަށް އެރި އުޅެނިކޮށް ގެނބިގެންނެވެ.

އިއްޔެ ރޭ އޮޅުހަލި ރިސޯޓުގެ ޖެޓީން މޫދަށް ފޭބި ބަންގްލަދޭޝްގެ މީހަކު ވެސް ގެއްލިގެން ހޯދަމުން ދަނިކޮށް އިއްޔެ ހެނދުނު ވަނީ ނިޔާވެފައި އޮއްވާ ފެނިފައެވެ.

ކަނޑުމަތީގެ ހާދިސާތަކަށް ބަލާއިރު ގިނަ ފަހަރަށް މިފަދަ ހާދިސާތައް ދިމާވަނީ ނުރައްކާތެރި ހާދިސާއެއް ހިނގާފާނެ ކަމަށް ތައްޔާރު ނުވެވި އަދި ބަލަންވާ ވަރަށް ނުބެލި ޤަަވައިދުތަކަށް އިޙްތިރާމް ނުކުރެވޭތީއެވެ.

ލޯންޗް އެކްސިޑެންޓްތައް ވެސް ނިސްބަތުން ރާއްޖޭގައި ގިނައެވެ. މާލެ ހިމެނޭ ސަރަހައްދަކީ ލޯންޗް ފަހަރު ދަތުރު ކުރުން ގިނަ ސަރަހައްދަަކަށް ވާއިރު ބާރު ސްޕީޑްގައި ދުއްވާ ލޯންޗް ފަހަރު އެހެން އުޅަނދެއްގައި ޖެހި ހިނގާ ނުރައްކާތެރި އެކްސިޑެންޓްތަކުގައި މީހުން މަރުވުން ވެސް ވަރަށް ގިނައެވެ. ނަމަވެސް މިފަދަ ހާދިސާތައް މަދުކުރުމަށް އެއްވެސް ފިޔަވަޅެއް އެޅޭ މަންޒަރެއް ނުފެނެއެވެ.

ވަށައިގެން މޫދު އޮތް އިރު މޫދަށް އެރޭނެ ސަރަހައްދެއް ވަރަށް މަދު ރަށެއްގައި ނޫނީ ގާއިމު ކުރެވިފައެއް ނެތެވެ. އެފަދަ ތަންތަނުގައި ވެސް ކުއްލި ހަލާތެއްގައި ދެން ކަންތައް ކުރާނެ ޕްލޭނެއް ނެތެވެ. ގެނބޭ މީހަކު ސަލާމަތް ކުރާނެ ލައިފްގާޑެއް ވެސް ނީނދެއެވެ.

މަރުގެ ހާދިސާތައް ހިނގުމުން ހަމައެކަނި ނޫހެއްގައި ލިޔެލާ ޚަބަރަކާއި ހަމައިން އެމައްސަލަ ނިންމާލައިގެން ވާކަށް ނެތެވެ. މިފަދަ ހާދިސާތައް ތަކުރާރު ނުވާނެ ގޮތައް ކަންތައްތައް ރޭވުމުގެ ޒިންމާ މަސްއޫލުވެރި ފަރާތްތަކުން އުފުލަން އެބަޖެހެއެވެ.

އަދި ހަމައެއާއި އެކު ކޮންމެ މީހަކީ ވެސް ރައްކާތެރިކަމުގެ ފިޔަވަޅުތަކަށް އިސްކަންދޭ މީހަކަށް ވެސް ވާން އެބަޖެހެއެވެ. ޤަވައިދުތަކަށް ބޯލަނބާ މީހަކަށް ވާން އެބަޖެހެއެވެ. ނުރައްކާތެރި ހާދިސާއެއް ކޮންމެ ވަގުތަކު ވެސް ދިމާވެދާނެ ކަން ހަނދާންކޮށް އެކަމަށް އަބަދުވެސް ތައްޔާރަށް ތިބެން އެބަޖެހެއެވެ.

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. ާއާމީ

    ޙުކުރު ދުވަހު ކުންނާރެއް ކަރުގަ ތާށިވެ ކުޑަކުއްޖަކު މަރުވެ ހިނގި ހާދިސާވެސް