ކޮންމެ އިންސާނަކަށް ވެސް ކަށަވަރުވާ އެއްކަމެއް އޮވެއެވެ. އެއީ މަރު އެމީހަކާއި ބައްދަލު ކުރާނެ ކަމެވެ. އަބަދަށްޓަކައި މިދުނިޔެ ދޫކޮށް، އަބަދަށް ދެމިގެންދާނެ ދުނިޔެ އަށް ކޮންމެ މީހަކު ވެސް ދަތުރު ކުރާނެއެވެ. ނަމަވެސް ބައެއް ބޭފުޅުންގެ ހަނދާންތައް އަބަދުގެ އަބަދަށް އަޅުގަނޑުމެންގެ ތެރޭގައި ހުންނާނެއެވެ. "ދާދި އަވަހަށް ނެތި ފަނާ ވިޔަކަސް އަގެއް ނެތް ޖިސްމުތައް، ތާ އަބަދު ދެމިހުންނަނިވި ޒިކުރާޔަކަށް ނިމުމެއް ނެތޭ"

ފާއިތުވި ހަފްތާއަކީ އެފަދަ ޚިދުމަތްތެރިންތަކެއް އަޅުގަނޑުމެންނާއި ވަކިވެގެން ދިޔަ ހަފްތާއެކެވެ.

ސީއެޗްއެސްސީގެ ކުރީގެ ޕްރިންސިޕަލް ޑރ.މާލިކް

ސައިންސް އެޑިއުކޭޝަން ސެންޓަ (އެސްއީސީ) ނުވަތަ މިހާރުގެ ސެންޓަ ފޯ ހަޔަ ސެކަންޑްރީ އެޑިއުކޭޝަން ސެންޓަރު (ސީއެޗްއެސްއީ) އުފައްދަވައި އެ ސްކޫލުގެ ފުރަތަމަ ޕްރިންސިޕަލްކަން ކުރެއްވި، ޑރ.އިބްރާހިމް އަބްދުލް މާލިކު، ކޮވިޑް-19 ޖެހިގެން އަވަހާރަވި ޚަބަރު އަޅުގަނޑުމެންނަށް ލިބުނީ މިދިޔަ ހުކުރު ދުވަހު އެވެ.

ޑރ.މާލިކަކީ ކިތަންމެ ދުރު ގައުމަކަށް ނިސްބަތްވާ ބޭފުޅަކަށް ވީނަމަވެސް އޭނާއާއި ދިވެހިންގެ ހިތާއި ދެމެދުއޮތީ ވަރަށް ގާތް ގުޅުމެކެވެ. މާދުރު ކަރައަކުން ވަޑައިގެން، ވަސީލަތްތައް މަދު، ދުވަސްވަރެއްގައި އޭނާ ރާއްޖެއަށް ކޮށްދެއްވި ޚިދުމަތްތައް އަބަދުގެ އަބަދަށް ހަނދާން ހުންނާނެއެވެ.

ފާތިމަތު ޖަމީލް

އަންހެނުންގެ ތަރައްގީ އަށް ރާއްޖޭގައި އެންމެ ފުރަތަމަ އުފެއްދި އިދާރާގެ ކުރީގެ ވެރިޔާ، އަދި ދައުލަތަށް ވަރަށް ގިނަ ދުވަހު ހިދުމަތް ކުރެއްވި ފާތިމަތު ޖަމީލް އަވަހާރަވީ އުމުރުން 82 އަހަރުގައި މިދިޔަ ހޮނިހިރު ދުވަހުއެވެ. އަންހެނުންގެ ޙައްޤުތަކުގެ ވާހަކަ ފުރަތަމަ ދައްކަވާ، އަންހެނުންނަށް ހާއްސަ ޙައްޤުތައް ހޯއްދަވައި ދެއްވަން ފާތިމަތު ޖަމީލް މަސައްކަތް ކުރެއްވި ދުވަސްވަރާއި، މިހާރާއި ވަރަށް ބޮޑަށް ތަފާތެވެ. ނަމަވެސް ދޫނުދެއްވާ އޭނާ ކުރެއްވި މަސައްކަތްތަކަކީ އަގުނުކުރެވޭނެ ފަދަ ޚިދުމަތްތަކެކެވެ.

ރާއްޖޭގެ ކުރީގެ އުއްތަމަ ފަނޑިޔާރުމަނިކުފާނު އަދި ދީނީ އިލްމުވެރިޔާ ޝޭހު މުހައްމަދު ޖަމީލް ދީދީގެ ދޮށީ ދަރިކަނބަލުން ފާތިމަތު ޖަމީލްގެ ޚިދުމަތް ހަމައެކަނި ލިބިފައި އޮތީ އަންހެނުންގެ ތަރައްޤީ އަށް މަސައްކަތް ކުރުމުގެ ދާއިރާއަކުން ނޫނެވެ. ސަރުކާރުގެ ތަފާތު މަގާމުތަކުގެ އިތުރުން ރައްޔިތުންގެ މަޖިލީހުގެ ރައީސުލްޖުމްހޫރިއްޔާގެ މެމްބަރުކަން 1989 އިން 2000 އަށް އޭނާ ވަނީ ކުރައްވައިފަ އެވެ. އަދި އޭނާ އަކީ މޮޅުން ލިޔުންތެރިއެކެވެ. މިހާރުގެ މުޖުތަމަޢާ ގުޅޭ ކިތައްމެ ލިޔުއްވުމެއް ވެސް ލިޔުއްވާފައި ވެއެވެ.

މޫމިނާ އަބްދުލްޤައްޔޫމް

ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމްގެ އެއްބަނޑު އެއްބަފާ ކޮއްކޯފުޅު، އަދި ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ އެއްބަފާ ދައްތާފުޅު މޫމިނާ އަބްދުލްގައްޔޫމް އަވަހާރަވީ ހޯމަ ދުވަހު އެވެ. މޫމިނާ އަކީ ގަލޮޅު އަވަށު އޮފިސް ހިންގުމުގައި ގިނަ ދުވަސްތަކެއް ހޭދަކުރެއްވި އަދި އެ އަވަށުގެ ތަރައްގީގައި އިސްކޮށް އުޅުއްވި ބޭކަނބަލެކެވެ. ދިވެހި ބަހާއި ތާރީޚަށް ޚިދުމަތް ކުރާ ގައުމީ މަރުކަޒުގައި ވެސް އޭނާ ވަނީ ގިނަ ދުވަސްތަކެއް ވަންދެން އަގުހުރި ޚިދުމަތްތަކެއް ކުރައްވާފައެވެ.

އަހްމަދު ނުއުމާން

ކޮމިޝަނަރ ޖެނެރަލް އޮފް ކަސްޓަމްސް އަހްމަދު ނުއުމާން އަވަހާރަވީ އަންގާރަ ދުވަހު އެވެ. އޭނާގެ ޚިދުމަތްތައް ދިގެވެ. މަދު ދުވަސްކޮޅެއްގެ ތެރޭގައި ކަސްޓަމްސްގެ މުވައްޒަފުންނާއި، ވެރިންގެ އިތުބާރު ހޯއްދަވައިގެން އޭނާ ކުރެއްވި މަސައްކަތްތަކުގެ އިތުރުން ސިޔާސީ މައިދާނުގައި ނުއުމާން ކުރެއްވެވި މަސައްކަތްތައް ވެސް ފާހަގަ ކުރަން ޖެހެއެވެ.

"ރާއްޖޭގައި އިސްލާމްދީން ނޫން އެހެން ދީނަކަށް ފުރުސަތެއް ނެތް ކަމަށް" ޔޫރަޕްގެ އިއްތިހާދު (އީޔޫ) އިން ރާއްޖެ ވަޑައިގެންނެވި ވަފްދެއްގެ އަރިހުގައި ނުއުމާން ވިދާޅުވުމުން ވެސް އޭނާ އަކީ މިހާރު ރާއްޖޭގައި ތިއްބެވި ގިނަ ސިޔާސީ ބޭފުޅުންނާއި ތަފާތު ބޭފުޅެއްކަން ސާފުވެއެވެ.

އެންމެންނާ ގުޅޭ، މަޑުމައިތިރި، ހިތްހެޔޮ، އުސޫލްތަކުގައި ހިފަހައްޓާ ނުއުމާން އަޅުގަނޑުމެންނާއި ވަކިވެގެން ދިއުމުން އެތައް ބައެއްގެ ލޮލުން ކަރުނަ ހިލިގެން ދިޔައީ އޭނާ ދެއްކެވި މިސާލުތަކުގެ ސަބަބުންކަން ޔަގީނެވެ.

އަޅުގަނޑުމެންނާއި އަބަދަށް ވަކިވެގެން ދިޔަ ޚިދުމަތްތެރިންގެ ކުއްފާފަތައް ފުއްސަވާ، އެބޭފުޅުންނަށް ސުވަރުގޭގެ މަތިވެރި ނިއުމަތް ދެއްވާށިއެވެ. އާމީން

ކިޔުންތެރިންގެ ހިޔާލު

5 ކޮމެންޓް

  1. ާޢަހަރެން?

    ތިއީ އަދި ހަމައެކަނި ނަން މަޝަހޫރު މީހުން އެކަންޏެއްނު؟

    11
    7
    • ނިކް

      އެހެން ހާއްސަކޮށް ދެ ކަނބަލުން އެއީ ބޮސީވެފަ އެހެން މީހުން މަސައްކަތްކުރީމަ މެޑަލް ޖެހި ކަނބަލުން.. ބޭފުޅުކަމުގެ ލައްޒަތާ ބާރު ބޭނުންކޮށްގެން.. ހަޤީޤީ ޚިދުމަތްތެރިން ވަކިވީނާ މަދުފަހަރަު އެނގޭނީ ނަން މަޝްހޫރު ނުވަތަ ބޭޅުންނަށް ނުވާތީ..

      16
      2
  2. ފޭސް

    انا لله و انا اليه راجعون ?? އޭﷲ އެ މީހުންނަށް ސުވަރުގެ ދެއްވާށި آمن

    44
  3. Amathullaah

    raajjein niyaavegendhiya
    lobuvethi akhunnaa ukhthunnash faafa fussavai heu rah'ma lavvaa e a'ilasthaka ketherikan dhevvaa islaam dheenmatheega saabithukosh dhevvashi

  4. ޢަހްސަން

    انا لله و انا اليه راجعون??