މައިންބަފައިންނަކީ ތިމާ ދުނިޔެމަތީގައި އެންމެ އިހުތިރާމު ކުރަން ޖެހޭ އެބަޔަކަށް ލޮތްބާއި އަޅާލުން ދޭން ޖެހޭ މީހުންނެވެ. އެ ދެމީހުންނަށް ދެވިފައިވާ ދަރަޖައާއި، އެ ދެމީހުންނަށް ދަރިން އަދާ ކުރަން ޖެހޭ ހައްގުތައް ކީރިތި ރަސޫލާ ސައްލައްﷲ އަލައިހި ވަސައްލަމްގެ ސުންނަތުން ސާބިތުވެއެވެ. ކަން މިހެން އޮތް އިރު މައިންބަފައިން މުސްކުޅިވެ ގައިބާރު ދެރަވާ ދުވަހުގައި އެ ދެމީހުންނަށް ދޭން ޖެހޭ ލޮތްބާއި އަޅާލުން އެތައް ގުނަ އިތުރު ކަމަށް ބުނެވިދާނެއެވެ.

ތ. ހިރިލަންދޫ ތަރިވިދާގޭ މުހައްރިމް އަބޫބަކުރަކީ މައިންބަފައިންނަށްޓަކައި އެތައް ގުރުބާނީތަކެއް ވަމުން އަންނަ، ދިވެހިންނަށް މިސާލެއް ފަދަ ޒުވާނެކެވެ. މުހައްރިމްގެ މަންމަ އަކީ ކެންސަރު ބަލީގެ ވޭން ތަހައްމަލު ކުރަމުންދާ ފަރާތަކެވެ. އަދި އޭނާގެ ބައްޕައަށް ދާދި ފަހުން ޖެހުނު ހާޓް އެޓޭކެއްގެ ސަބަބުން ވަނީ ވަރަށް ހާލު ދެރަވެފައެވެ. އަމިއްލަ ދިރިއުޅުމުގެ ކަންތައް ގުރުބާން ކުރުމަށް ފަހު މުހައްރިމް އޭނާގެ ދުަވަސްތައް ހޭދަ ކުރަމުން ދަނީ މަންމައާއި ބައްޕަގެ ހައްގުގައެވެ.

ލ. އަތޮޅު މާވަށަށް އުފަން މުހައްރިމް ހިރިލަންދޫ އަށް ދިރިއުޅުން ބަދަލު ކުރީ އޭނާގެ މަންމަ ހިރިލަންދޫ މީހަކާއި ކައިވެނި ކުރުމުން މަންމަ ދޫކޮށްފައި ނުދިޔުމުގެ ބޭނުމުގައެވެ. އޭނާގެ ބައްޕަ އޭރު ދިރިއުޅެމުން ދިޔައީ ލ. މާވަށުގައެވެ. އެފަހުން މުހައްރިމް ވަނީ ހިރިލަންދޫ އަންހެނަކާއި ކައިވެނި ވެސް ކޮށްފައެވެ. އަދި އެ ދެމަފިރިންގެ ކައިވެންޏަށް ދަރިންވެސް ވަނީ ލިބިފައެވެ. އޭނާ ވަޒީފާ އަދާ ކުރަމުން ދަނީ ހިރިލަންދޫގައި ހުންނަ ޕޮލިސް ސްޓޭޝަނުގައެވެ.

މައިންބަފައިންގެ ސިއްހީ ހާލަތު

މުހައްރިމްގެ މަންމަ މަރިޔަމް މުހައްމަދަށް އެންމެ ފުރަތަމަ ޖެހިފައި ވަނީ އަނގައިގެ ކެންސަރެެވެ. 2008 ވަނަ އަހަރު އަނގައިގެ ކެންސަރު ޖެހުނު އިރު އެތައް އަހަރެއް ވަންދެން ފަރުވާ ދިނުމަށް ފަހު އެ ކެންސަރު ފިލައިގެން ދިޔައީ 2014 ވަނަ އަހަރުއެވެ. އެހެން ނަމަވެސް އެ އުފާވެރިކަން އަނެއްކާވެސް ހިތާމައަށް ބަދަލުވެގެން ދިޔައީ އެފަހުން މާ ގިނަ ދުވަސްތަކެއް ފާއިތުވެގެން ނުދަނީސް މުހައްރިމްގެ މަންމައަށް އުރަމަތީގެ ކެންސަރު ޖެހިފައިވާކަން އެނގުމުންނެވެ.

"ނޯމަލް ވެފަ އިންދާ އަނެއްކާ އަލުން ފެނުނީ ބްރެސްޓު ކެންސަރު. ފެނުނު އިރު އިނީ 3 ވަނަ ސްޓޭޖު ފަހަނަ އަޅާ ގޮސްފަ، 4 ވަނަ ސްޓޭޖަށް ޕަސެންޓުކޮޅެއްވެސް ނެތް. ޑޮކްޓަރު އެންގީ ވީ އެންމެ އަވަހަށް އެހިސާބު ނަގަން." މުހައްރިމް ކިޔައިދިނެވެ.

މުހައްރިމްގެ މަންމަ މަރިޔަމް

މިހާރު އުރަމަތީގެ ކެންސަރަށް ފަރުވާ ދިނުމަށް މުހައްރިމް އަންނަނީ އޭނާގެ މަންމަ ގޮވައިގެން ހުޅުމާލޭ ހޮސްޕިޓަލަށް މަހަކަު ދެފަހަރު ދަތުރުު ކުރަމުންނެވެ.

"މަހަކު ދެފަހަރު މިހިސާބުން ހުޅުމާލެ އަށް ދަތުރު ކުރުމަކީ، އެ ނުވާނެ ދޯ ފަސޭހަ ކަމަކަށް އަޅުގަނޑަކަށްވެސް. ތ. އަތޮޅުން ހުޅުމާލެއަށް ދާން މިޖެހެނީ." އޭނާ ބުންޏެވެ.

މުހައްރިމް ބުނީ ޑޮކްޓަރުން ބުނާ ގޮތުންނަމަ އޭނާގެ މަންމައަށް ދޭން ޖެހޭ ޑޯސްތައް ފުރިހަމައަށް ދެވިއްޖެ ނަމަ މަންމަގެ ފުރާނަ ސަލާމަތް ކުރެވޭނެ ކަމުގެ އުންމީދު އެބަ އޮތް ކަމަށެވެ. އަދި މަންމަގެ ހަށިގަނޑުގެ އެެހެން ތަނަކުންވެސް ކެންސަރު ފެނިއްޖެ ނަމަ ފަރުވާ ހޯދުމަށް ގުރުބާން ވާން ތައްޔާރަށް ހުރި ކަމަށް އޭނާ ބުންޏެވެ.

"އެކަމަކު އަޅުގަނޑު ބޭނުންވަނީ އަޅުގަނޑުގެ މަންމަ ވީމަ އަޅުގަނޑުގެ ޖާނާއި މާލުން މި ގުރުބާން ކުރަނީ އޭނައަށްޓަކައި." އޭނާ ބުންޏެވެ.

މުހައްރިމްގެ ބައްޕަ އަބޫބަކުރު އިދުރީސް (67 އަހަރު) އަށް ހާޓް އެޓޭކު ޖެހުނީ އޭނާގެ މަންމަ ގޮވައިގެން ކީމޯ ދިނުމަށް ހުޅުމާލޭގައި ހުއްޓައި މި މަހު ކުރީ ކޮޅުއެވެ. އޭރު އޭނާގެ ބައްޕަ ހުރީ މާވަށުގައެވެ. ބައްޕަ ބަލިވުމާއެކު ހިރިލަންދޫއަށް ގެނެސް މިހާރު ބައްޕަވެސް ބަލަހައްޓަމުން ދަނީ މުހައްރިމެވެ.

މުހައްރިމްގެ ބައްޕަ މިހާރު އޮންނަނީ އެނދުގައި އައިވީ ގުޅާފައެވެ. އޭނާއަށް އަމިއްލައަށް ތެދުވެ ނޫޅެވޭ އިރު ކާން ދިނުން ފަދަ ޟަރޫރީ ކަންތައް ކޮށްދެމުން ދަނީ މުހައްރިމް އެވެ.

މުހައްރިމް އޭނާގެ ބައްޕަ އަބޫބަކުރު އިދްރީސް އާއެކު

މުހައްރިމްއަށް ކުރިމަތިވެފައިވާ ދަތިތައް

މުހައްރިމްގެ ދޮޮން ބައްޕައަކީ ލޮލުގެ ފެނުމުން މަހުރޫމުވެފައިވާ މީހެކެވެ. އެހެން ކަމުން އޭނާގެ މަންމަގެ ކަންތައް ބެލެހެއްޓުމުގެ ހުރިހާ ކަމެއް ކުރަން ޖެހިފައި ވަނީ އޭނާ އެކަންޏެވެ. މުހައްރިމްގެ އެއްބަނޑު އެއްބަފާ ކޮއްކޮއެއް ހުރެއެވެ. އެހެން ނަމަވެސް އެ ކޮއްކޮގެ ފަރާތުން އެއްވެސް އެހީތެރިކަމެއް ލިބިގެން ގޮސްފައި ނުވާ ކަމަށް މުހައްރިމް ކިޔައިދިނެވެ. އަދި އޭނާގެ ބައްޕަގެ އެހެން ކައިވެންޏަކުން ލިބިފައިވާ އަންހެން ދަރިއަކު ހުންނަ ކަމަށާއި ނަަމަވެސް އޭނާގެ ފަރާތުންވެސް އެހީތެރިކަން ނުލިބޭ ކަމަށް މުހައްރިމް ކިޔައިދިނެވެ.

މުހައްރިމް އަށް މިހާރު ކުރިމަތިވެފައިވާ އެންމެ ބޮޑު ދައްޗަކީ ފައިސާގެ ދަތިކަމެެވެ. އޭނާ އަދާ ކުރަމުންދާ ވަޒީފާއިން މާ ބޮޑު އެއްޗެއް ނުލިބޭ އިރު، މަންމައާއި ބައްޕަ ބެލުމަށް ވަޒިފާއިން ޗުއްޓީ ނެގުމުން އެއްވެސް ފައިސާއެއް މިހާރު އޭނާއަށް ނުލިބެއެވެ.

"އަޅުގަނޑަކީ މިތާ މީ ޕޮލިސް ސްޓޭޝަންގައި މަސައްކަތު އުޅޭ މީހެއް މިއީ. އަޅުގަނޑަށް މިހާރު އެއްގޮތެއް ނުވެގެން ގޮސް މިހާރު ޗުއްޓީ ނަގައި، އިމަޖެންސީތައް ނަގައި، ހާފްޕޭ ނަގައި ހުރިހާ އެއްޗެއް ނަގައިގެން އެންމެ ފަހުން ގޮސް މިހާރު މިހިރީ ނޯ ޕޭ ލީވް ނަގައިގެން. ކޮންމެ ގޮތެއް ވިޔަސް އަޅުގަނޑަކަށް އިތުރަށް އެއްޗެއް ލިބޭނެ ގޮތެއް ނެތް މިހާރަކުއެއް." އޭނާ ކިޔައިދިނެވެ.

މުހައްރިމް ބުނީ އޭނާގެ އާއިލާގައި ސަލާމަތުން ހުރީ އޭނާ ކަމަށެވެ. އަދި މަންމައާއި ބައްޕަގެ ކަންކަމަށް އޭނާ ހަރަދު ކުރަން ޖެހޭ އިރު އޭނާގެ އަމިއްލަ އަނބި ދަރިންނަށްވެސް ހަރަދު ކުރަން ޖެހޭކަން ފާހަގަ ކުރިއެވެ.

"އަޅުގަނޑުގެ އަންބަކާއި ދެކުދިން އެބަ ތިބި. އެ ދެކުދިންނަށްވެސް ބޭނުންވާ އަސާސީ އެއްވެސް ހިދުމަތެއް މިހާރު ފޯރުކޮށް ނުދެވޭ. ރަނގަޅު ކާއެއްޗެއް ނުދެވޭ. ކަރަންޓު ބިލެއްވެސް ދެއްކޭ ހާލަތަކު ނޫން މިހިރީ." މުހައްރިމް ކިޔައިދިނެވެ.

މީގެ ދެ މަސް ފަހުން މަންމަ ގޮވައިގެން އިންޑިއާ އަށް ދަތުރު ކުރުމަށް ޑޮކްޓަރުން ވަނީ މުހައްރިމް އަށް ލަފާ ދީފައެވެ. އަދި އަންނަ މަހު އޭނާގެ ބައްޕަގެ ޓެސްޓުތަކެއް ހެދުމަށް މާލެ ދާން ޖެހެއެވެ. އޭގެ އިތުރުން ކޮންމެ މަހަކު ދެފަހަރު މަންމައަށް ކީމޯ ދިނުމަށް ހުޅުމާލޭ ހޮސްޕިޓަލަށް ދާން ޖެހެއެވެ.

މާލީ ހާލަތު ހުރިގޮތުން މުހައްރިމް އަށް ވަނީ ވަރަށް ބޮޑު ހުރަސްތަކާާއި ކުރިމަތިލާން ޖެހިފައެވެ. އޭނާއަށް އެހީތެރިކަމެއް ނުލިބިއްޖެ ނަމަ ޖެހޭނީ މަންމައާއި ބައްޕަގެ ފަރުވާގެ ކަންކަން ހުއްޓާލައި ގޭގައި ބާާއްވާށެވެ. އެެހެން ކަމުން މުހައްރިމްއަށް ކޮންމެ ރައްޔިތަކުވެސް ވެވުނު ވަރަކުން އެހީތެރިކަން ފޯރުކޮށްދިނުމަކީ އަޅުގަނޑުމެންގެ ވަރަށް ބޮޑު އެދުމެކެވެ.

މުހައްރިމް އަށް ގުޅުއްވައިގެން އެހީތެރިކަން ފޯރުކޮށްދޭން ބޭނުން ނަމަ އޭނާގެ ފޯން ނަމްބަރު 9846805 އަށް ގުޅުއްވައިގެން ކުރިއަށް ގެންދެވޭނެއެވެ. އަދި މާލީ އެހީތެރިކަން ފޯރުކޮށްދޭން ބޭނުންވާ ފަރާތްތަކުން އޭނާގެ ބީއެމްއެލް އެކައުންޓް ނަމްބަރު 7730000007681 އަށް ފައިސާ ޖަމާކޮށްދިނުމަށް އެދެމެވެ.

މާތް ﷲ މުހައްރިމްގެ މައިންބަފައިންނަށް އަވަސް ޝިފާއެއް މިންވަރު ކުރައްވައި އޭނާގެ އާއިލާއަށް ކެތްތެރިކަން ދެއްވާށިއެވެ. އަދި އަޅަމެންނީ އެކަކު އަނެކަކަށް އެހީތެރިވާ ބަޔަކު ކަމުގައި ލައްވައި މުޅި އިސްލާމީ އުންމަތް ބަލިމަޑުކަމާއި ނުރައްކާތެރި ރޯގާތަކުން މިންޖުކުރައްވާށިއެވެ. އާމީން!

 

ކިޔުންތެރިންގެ ހިޔާލު

24 ކޮމެންޓް

 1. އާދިލް

  "އެކަމަކު އަޅުގަނޑު ބޭނުންވަނީ އަޅުގަނޑުގެ މަންމަ ވީމަ އަޅުގަނޑުގެ ޖާނާއި މާލުން މި ގުރުބާން ކުރަނީ އޭނައަށްޓަކައި." ވަރަށް ވަރަށް ދެރަވެއްޖެ! މާތް ﷲ
  ތިޔަ އާއިލާއަށް ހެޔޮ ރަހުމަތްލައްވާށިއެވެ.

 2. ލުލޫ

  ވ.ދެރަވެއްޖެ...ހުރިހާ ދޮރެއް ބަންދުވިޔަސް ﷲގެ ހެޔޮރަހުމަތުގެ ދޮރަކީ އަބަދުވެސް ހުޅުވިފަވާ ދޮރެއް.ތިބާއަށާއި ތިއާއިލާއަށް ޖެހިފަވާ އުނދަގޫ ހާލަތުން އަރައިގަތުމުގެ މަގު ތަނަވަސް ކޮށްދެއްވުމަށް ﷲގެ ހަޟްރަތުގަ ދުޢާ ކުރަން.އަދި ތިބާގެ މައިންބަފައިންނަށް އަވަސް ޝިފާއަކަށް އެދެން.

  • ތިއްތި

   އާމީން

  • ?

   آمين

 3. ނަޖޫ

  އާމީން

 4. އަޅުގަނޑު

  އާމީން ޔާﷲ

 5. އިސްލާހް

  ސަރުކާރުން މިފަދަ ނިކަމެތި އާއިލާތަކަށް އެހީ ނުވާންވީ ކީއްވެ.
  އަހަރެންގެ ވެރިކަމެއްގައި، މިހުރިހާ ކަމެއް ހައްލު ކުރާނަން

 6. ހަންނު

  ﷲ ތިބާގެ މައިންބަފައިންނަށް ދުޅަހެޔިޮ ސިއްޚަތެއް ދެއްވާ އާއިލާގެ ފުދުންތެރިކަން އިތުރުކޮށްދެއްވާނދޭވެ! އަދި ތިބާ ތިވާ ގުރުބާނީތަކަށް ހެޔޮޖަޒާ ދެއްވާ ހެޔޮ ރަޙްމަތް ލައްވާނދޭ. އާމީން

  • ?

   آمين

  • މ

   އާމީން ޔާﷲ

 7. Anonymous

  ރޮވިއްޖެ

 8. ހަދީޖާ

  ޢާއިލާއަށް ކެއްތެރިކަން ދެއްވާށި.. ބުނެލަން އޮތީ ބައްޕައަށް އެހާބަލިވެ ނުތެދުވެވޭއިރު ހުރިހާގޮތަކުންވެސް އެބައްޕަގެ ރައްކާތެރިކަމަށް ބަލަންވާނެޔޭ.. އެނދުގެ ހެޑްބޯޑު މަތިން ލޮލުގަ އަޅައިގަތީ ވަޅި އަދި އިސްކުރު ކަށިގަނޑުތަކެއް.. ބަލިމީހަކު އޮންނަ ތަނަކީ އަބަދުވެސް ރައްކާތެރި ސާފު ތަނަކަށް ހެދުމަކީ ވަރަށް މުހިއްމު ކަމެއް..

  • ފަރުމާ

   އެބުނާ ހެން. ކީއްވެ ބާ؟!

 9. ހަބޭސް

  ކޮބާ ހުސްނުވާ އާސަންދަ އާއި ބޮޑު ހޮސްޕިޓަލް.

 10. ޜުސްދީ

  ވެޔަރ އިޒް ދަ ޑޭމް ސްޓޭޓް. ސިޔާސީ މީހުންވެސް ދެ އިރު ދެދަޅައައް ހަޅޭއް ނޫން އެއްޗެއް ނުޖަހައޭ. ޢޭތް

 11. ?

  آمين

 12. ?

  އާމީން

 13. އާދަނު

  5000 ރުފިޔާ ދޭތައް

 14. ވަޓަރޭ

  ޕީ÷ޕީ ސަރުކާރުގެ ވެރިންބުނޭ ބޭސްފަރުވާއަށް ސަލާމްޖަހާކަށް ނުޖެހޭނެ

 15. މުހަންމަދު

  މުއްސަނދި މަހުޖަނުންނަށްވެސް 65 އަހަރުވުމުން 5000ރ ލިބެއެވެ. ނަމަވެސް މިފަދަ ނިކަމތި މީހުން އެއުޅެނީ ބޭސްފަރުވާ ނުކުރެވިގެންނެވެ. އަދި ގޭގެ އަދި ދަރިންގެ އެހެން ޚަރަދުތައް ކޮބައިހެއްޔެވެ؟ މިކަނކަމަކީ ކިފަދަ ޤައުމެއްގައި މިހާރު ކުރެންޖެހަާޭނެ ކަންކަމެވެ.

 16. ހަސަންބެ

  މާތްﷲ ހެއު ރަހްމަތް ލައްވާށީ!

 17. މަލަކުރި

  މިފަދަ ފަރާތްތައް ރަނގަޅަށް ދެނެގަތުމަށްފަހު މިފަދަ ބަލިމީހުންނަށާއި އަދި ބަލިމީގާ އެހީތެރިންނަށް ޚަރަދުކުރެވޭނެ ނިޒާމް އޮންނަންޖެހޭކަމަށް ފެެނޭ -

 18. ހެޔޮ ދުޢާ

  މުހައްރިމްގެ މަންމަ އާއި ބައްޕައަށް އަވަސް ޝިފާއެއް ދެއްވާ އެބައިމީހުން އަބަދުވެސް ކުދި ބަލިތަކާއި ބޮޑެތި ބަލިތަކުން ސަލާމަތް ކުރައްވާންދޭވެ. އާމީން....

 19. %%%==

  ????????????????????????????