ދިފާއީ ނިޒާމު ފޫއަޅުވާލައި މެޝިނެއްގެ އެހީގައި ނޭވާލުމަށް އެތައް ބަޔަކަށް މަޖުބޫރު ކުރުވައިފިއެވެ. ފުއްޕާމޭ ހަލާކުކޮށްލައި އެތައް ބައެއް ފުރާނަ ދުނިޔެއާ އަލްވަދާއު ކިޔައިފިއެވެ. ބައްޔަށް ފަރުވާދޭނެ ބޭހެއް، ވެކްސިނެއް މިހާތަނަށް ހޯދިފައެއް ނެތެވެ. ކޮވިޑް-19 ނުވަތަ ނޮވެލްކޮރޯނާގެ ވައިރަސް އެކަކުގެ ގައިން އަނެކަކުގެ ގަޔަށް ވަދެގެން ދަނީ އެހާ ހަލުވި ދުވެއްޔަގައެވެ. އެ ބަލި ވަދެގެންދާ އިރު، ބައެއް މީހުންނަށް އިހްސާސް ނުކުރެވެއެވެ. ކޮންމެ މީހެއްގެ ގަޔަށް ވެސް މިހާރު ވައިރަސް ވަދެފައި އޮވެދާނެއެވެ.

ދުނިޔޭގެ އާބާދީގެ ހަތް ބިލިއަން މީހުންގެ ތެރެއިން އެތައް މިލިއަން މީހުންނެއް މިއަދު އެ ތިބީ ލޮލަށް ނުފެންނަ މި ވައިރަހާ ހެދި ގޭގައެވެ. އެ ނޫން ފަރުވާއެއް އޮތީކީ ނޫނެވެ. ސައިންސްވެރިންގެ ލަފާކުރުންތައް ހަގީގަތަކަށްވެއްޖެއެވެ. ސައިންސްވެރިން ކުރެހި ރޮނގުތައް އުފުލެން ފަށައިފައެވެ. އެކާވީސް ގަރުނުގައި މުޅި ދުނިޔެ އަށް ކުރިމަތިވި އެންމެ ބޮޑު ސިއްހީ ކާރިސާއިން ސަލާމަތްވާން ސިއްހީ އެހީތެރިންގެ އިރުޝާދުތަކަށް ތަބާވުން މިހާރު ވެސް ލަސްވެއްޖެއެވެ.

ގާތްގަނޑަކަށް ދެ ލައްކައެއްހާ މީހުން އުޅެމުންދާ މާލެއިން މިހާތަނަށް ނުވަ މީހެއްގެ ގައިން ބަލި ފެނިއްޖެއެވެ. ރާއްޖެ އިން 28 މީހެއްގެ ގައިން ބަލި ފެނިއްޖެއެވެ. މި އަދަދުތައް ކިތަންމެ ކުޑަ ނަމަވެސް، ކުރިއަށް އޮތް ތަނުގައި ސަމާލުކަން ނުދީފި ނަމަ، މި އަދަދުތައް އިންތިހާ އަށް އިތުރުވުމުގެ ފުރުސަތު އެބައޮތެވެ. ގެއިން ބޭރަށް ނުނިކުންނަންވީއެވެ. ގިނަ ގިނައިން އަތް ދޮވެ، ސާފު ތާހިރުވާންވީއެވެ. ގޭތެރޭގައި އުޅުނަސް، ގައިދުރުކަން ފަރިތަކުރުން ނޫން ގޮތެއް މިހާރަކު ނެތެވެ.

ބިރުވެރި އިންޒާރެއް - "ފަރުވާ ނުދެވިއްޖެއްޔާ ޖެހޭނީ ދޫކޮށްލަން"

ޔަގީންކަމާ އެކީގައި ބުނަން އެނގޭ ހަގީގަތަކީ ދުނިޔޭގެ އެކި ގައުމުތަކުގައި އޮތް ބިރު ރާއްޖޭގެ ކުޑަ އާބާދީގެ ތެރެއަށް ވަދެއްޖެ ކަމެވެ.

ރާއްޖެ އިން އެންމެ ފަހުން، ހެދި ދިރާސާތަކުން ދައްކަނީ ދިވެހިން ފިތްކަނޑައިގެންދާ ވަރުގެ އަދަދުތަކެވެ. ރާއްޖޭގައި ހެދި ލަފާކުރުންތަކުން ފެނިފައި އޮތީ ވެސް އެޕްރީލް މެދުތެރޭގައި، ކޮމިޔުނިޓީ ސްޕްރެޑަކަށް ހިނގައިދާނެ ކަމެވެ. އެކަން މިހާރު މިއޮތީ ފެންނާށެވެ. އެކަމަކު، ހާލަތު މިއަށް ވުރެ ރަނގަޅު ކުރުމުގެ ފުރުސަތު ރައްޔިތުންގެ އަތްމަތީގައި އެބައޮތެވެ. ދިރިއުޅުމުގެ އާދަކާދަތައް ކޮންމެހެން ވެސް ބަދަލު ކުރަން މިއޮތީ މަޖުބޫރުވެފައެވެ. އެއީ އެމީހެއްގެ ސަލާމަތާއި ރައްކާތެރިކަމަށްޓަކައެވެ.

ވައިރަސް ހަށިގަނޑުގައި ހުރި އެންމެންގެ ފަރާތުން ބަލީގެ ނިޝާނެއް ނުފެނެއެވެ. ކޮންމެ މީހަކަށް ވެސް ބަލި ޖެހިދާނެއޭ ބުނަނީ މި ސަބަބާ ހުރެއެވެ.

އެންމެ ފަހުގެ ދިރާސާ ދައްކާ ގޮތް. --

ދަރުބާރުގޭގައި ރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ޕަބްލިކް ހެލްތުގެ ދާއިރާ އިން ޕީއެޗްޑީ ހާސިލް ކުރެއްވި ޑރ. ޝީނާ މޫސާމެން ކުރިން ހެއްދެވި އެޕެޑެމިކް ޕްރޮޖެކްޝަންސްތަކަށް މިހާރު ވަނީ ބަދަލުވެފައެވެ. މީގެކުރިން ހެދި ދިރާސާ ދައްކާ ގޮތުގައި ރައްކާތެރިކަމުގެ ފިޔަވަޅުތައް އެޅި ކަމުގައިވިޔަސް، އެންމެ ގިނަވެގެން މި ބަލި ޖެހޭނެ ކަމަށް ލަފާ ކުރެވެނީ 10،000 އެއްހާ މީހުންނަށެވެ. އެކަމަކު، މާލެ އިން ގިނަ ބަޔަކަށް ބަލި ޖެހުމާ އެކީގައި ހާލަތު ވަނީ ބަދަލުވެފައެވެ.

ސޯޝަލް ޑިސްޓެންސިން އާންމުންގެ ތެރޭގައި އޮތް މިންވަރަށް ބަލާފައި ގާތްގަނޑަކަށް 25،000 މީހުންގެ ގައިން ބަލި ފެނުން މިހާރު ލަފާ ކުރެވެއެވެ. މިކަމުގެ ސަބަބުން އެޑްމިޓް ކުރަން ޖެހޭ މީހުންގެ އަދަދު ގިނަވާނެ ކަމަށް ޝީނާ ވިދާޅުވިއެވެ. މާލެ އިން ބަލި ފެނުމުގެ ކުރިން އެޑްމިޓް ކުރަން ޖެހޭނެ ކަމަށް ލަފާ ކުރީ ގާތްގަނޑަކަށް ދެހާހެއްހާ މީހުންނެވެ. އެކަމަކު، މާލެ އިން ގިނަ ބަޔަކަށް ބަލި ޖެހިފައިވަތީ މިހާރު އޮތް ހާލަތު ދެމިގެންދާ ނަމަ، 4000 މީހުން އެޑްމިޓް ކުރަން ޖެހިދާނެ ކަމަށް ލަފާކޮށްފައިވެއެވެ.

2000 ވަރަކަށް މީހުން ރާއްޖެ އިން މަރުވެދާނެ ކަމުގެ އިންޒާރުދީފި

"އަޅުގަނޑުމެންގެ އެޑްމިޝަންތައް އިތުރުވަމުންދާ ނަމަ، ހެލްތު ސިސްޓަމުން އެންމެންނަށް ފަރުވާދެވޭނެ ވަރުގެ ކެޕޭސިޓީއެއް ނެތް،" މީގެކުރިން ޑިރެކްޓަ ޖެނެރަލް އޮފް ޕަބްލިކް ހެލްތުގެ މަގާމާއި ހެލްތު މިނިސްޓްރީގެ ޕާމަނަންޓް ސެކްރެޓަރީއަކަށް މަސައްކަތް ކުރެއްވި ޝީނާ ވިދާޅުވިއެވެ.

ގާތްގަނޑަކަށް 4000 މީހުން އެޑްމިޓް ކުރަން ޖެހިއްޖެ ނަމަ، ވަރަށް ގިނަ ބަޔަކަށް ފަރުވާ ނުދެވި ދާނެ ކަމަށް ޝީނާ ގަބޫލުކުރައްވައެވެ. އެއީ ޑޮކްޓަރުންނާއި ނަރުހުންނާއި ސިއްހީ ހިދުމަތްތެރިން ރާއްޖޭގައި ތިބި ވަރަށް ބަލައިފައެވެ. އެކަމުގެ ސަބަބުން ވަރަށް ގިނަ ބަޔަކު މަރުވެގެން ހިނގައިދާނެ ކަމަށް ޝީނާ ލަފާކުރައްވައެވެ.

މިހާރު އޮތް ހާލަތުގައި ތިބެއްޖެ ނަމަ، ގާތްގަނޑަކަށް 2000 އެއްހާ މީހުން މަރުވެގެން ހިނގައިދާނެ ކަމަށް ވެސް ޝިނާ އަންދާޒާ ކުރައްވައެވެ. އެހެންވީމަ ވަރަށް ބޮޑަށް މަސައްކަތްކޮށްގެން، މިހާރު އޮތް ހާލަތަށް ވުރެ ރަނގަޅު ހާލަތަކަށް (ބްލޫ ޕްރޮޖެކްޝަން) އަކަށް ދިއުމަށް މަސައްކަތް ކުރަން ޖެހޭކަން ދިރާސާއިން އެނގެއެވެ.

ޑރ. ޝީނާ މޫސާ ނޫސްވެރިންނާ ވާހަކަ ދައްކަވަނީ. --- ފޮޓޯ: ރައީސް އޮފީސް

"އެހެން ނޫނީ ވަރަށް ގިނަ މީހުން ބަލިވެ، ފުރާނައަށް ގެއްލުންވާނެއޭ ދެންނެވޭނީ،" ޝީނާ ވިދާޅުވިއެވެ.

މި އެޕެޑެމިކްގެ ތެރޭގައި ގާތްގަނޑަކަށް ލައްކައެއްހާ މީހުންނަށް ބަލި ޖެހޭނެ ކަމަށް ލަފާ ކުރެވެއެވެ. އެހެންވެ، ސިއްހީ މާހިރުން މަސައްކަތް ކުރަނީ ބަލި ކިތަންމެ ބަޔަކަށް ޖެހުނު ކަމުގައިވިޔަސް، ސިސްޓަމްތަކަށް ނުކަތާ ވަރަށް ބަލި ފެތުރުނަ ނުދިނުމަށެވެ. އޭރުން ބަލި ޖެހޭ މީހުންނަށް ފަރުވާ ދެވި، މަރުން ސަލާމަތް ކުރެވޭނެއެވެ.

"ގާތްގަނޑަކަށް އަހަރެއްހާ ދުވަހަށް މިކަން ދެމިގެން ދާނެ. ކާފް ފްލެޓާން ވާނެ ސިސްޓަމަށް ބާޑަން ނުވެ. އޭގެ މާނައަކީ ފުރުސަތު އެބައޮތޭ އެންމެންނަށް ފަރުވާ ދީގެން ރަނގަޅު ކުރުމުގެ. އޭރުން މީހުން މަދުވާ ވަރު ވަރަށް ބޮޑަށް ދަށް ކުރެވޭނެ. މިހާރު އޮތް ހާލަތުގައި ތިބެއްޖެ ނަމަ، އަޅުގަނޑުމެން އެބަދޭ ޕީކަށް އެއް މަސް ދުވަހުގެ ތެރޭގައި. ކުރިއަށް އޮތް ރޯދަ މަހުގެ ތެރޭގައި ތިބޭނީ އެންމެ ގިނަ އިން ބަލި ޖެހިފައި. އެ ސްޓޭޖްގައި ތިބޭ އިރު، އެންމެންނަށް ފަރުވާ ދެވޭނެ ކެޕޭސިޓީއެއް ނެތް،" ޝީނާ ވިދާޅުވިއެވެ.

މެޑިކަލް ޑޮކްޓަރު ޝީނާއާ އެހެން ސިއްހީ މާހިރުންގެ ލަފަޔަކީ މިހާރު އޮތް ހާލަތަށް ވުރެ ރަނގަޅު ހާލަތަކަށް ރައްޔިތުން ދިއުމަށް މަސައްކަތް ކުރުމެވެ.

އެންމެ ފަހުގެ ދިރާސާ ދައްކާ ގޮތް. ސިއްހީ މާހިރުން މަސައްކަތް ކުރަނީ ނޫ ކުލައިގެ އަދަދުތަކަށް މިހާރު ދިއުމަށް.

ނިއުޒިލެންޑްގެ ވައިކާޓޯ ޑިސްޓްރިކްޓްގެ ހެލްތު ބޯޑުގައި މަސައްކަތް ކުރެއްވުމަށް ފަހު، ސަރުކާރަށް އެހީތެރިވުމަށް ރާއްޖެ ވަޑައިގެންނެވި ޝީނާ ވިދާޅުވީ މި ބަލީގައި އެންމެ މުހިންމު ކަމަކީ ބައްޔަށް ހުށަހެޅުމާއި އެ ބައްޔެއް ޖެހިފައި ހުރި މުއްދަތު އެނގުން ކަމަށެވެ. އެ ދެ ކަމުން ބަލި ފެތުރެން ހުންނަ ސްޕީޑަށް ވަރަށް ބޮޑަށް އަސަރު ކުރަމުންދާތީ އެންމެ މުހިންމު ކަމަކީ ގައިދުރުކުރުން ކަމަށް ވެސް ޝީނާ ވިދާޅުވިއެވެ.

"މިހާރު ކޮމިއުނިޓީގައި ބަލި އުޅުމުގެ މާނައަކީ އަޅުގަނޑުމެންގެ ތެރޭގައި މި ބަލި. އަޅުގަނޑުމެންނަށް މި ފެނުނީ ދިހަ ވަރަކަށް ކޭސް އަދި. އެކަމަކު އޭގެ މާނައަކީ އޭގެ ހަ ގުނަ މިހާރު އުޅޭނެއޭ ރާއްޖޭގައި. އެހެންވީމަ ސަތޭކައާ ގާތް ކުރާ އަދަދަކަށް އުޅޭނެ އަޅުގަނޑުމެންގެ ތެރޭގައި ކޭސް. ކޮންމެ މީހަކީ އެ ރިސްކުގައި ހުރި މީހެއް ކަމަށް މިހާރު ބެލެވޭނެ. ހާއްސަކޮށް ކޮންޓެކްޓް ޓްރޭސިންގެ އަދަދުތައް އެހާ ބޮޑުވީމަ. ހުރިހާ އެންމެން ވަރަށް ބޮޑަށް ސަމާލުކަން ދީގެން އުޅުނީމަ އަޅުގަނޑުމެންނަށް ނަންބަރުތައް ދަށް ކުރެވޭ ވަރަށް ހުންނާނީ،" މޯލްޑިވްސް ނެޝަނަލް ޔުނިވަސިޓީގެ ކޮންސަލްޓަންޓެއްގެ ގޮތުގައި މަސައްކަތް ކުރައްވާ ޝީނާ ވިދާޅުވިއެވެ.

ކާރޫބާރު ބޮޑު މާލެ އަށް މިހާރު އޮތީ ހިމޭންކަމެވެ. އެކަމަކު، އަދިވެސް ކަންބޮޑުވާން ޖެހޭ ދަރަޖައަށް ކަންކަން އެބަ ހިނގައެވެ. ކާބޯތަކެތި ޑެލިވަރީ ކުރާ ހާލުގައި ވެސް އެތަކެތި ބޭނުންވެގެން މީހުން ކޮޅު ކޮޅަށް ދުވާ މަންޒަރު އެބަ ފެނެއެވެ. އެއީ ސިއްހީ މާހިރުން ބަލަން ބޭނުންވާ މަންޒަރެއް ނޫނެވެ.

މިއީ ﷲގެ ހަޒުރަތުގައި ދުއާ ދަންނަވައި، އެންމެން ވެސް ސާފުތާހިރުކަމަށް އިސްކަންދޭންވީ ވަގުތެވެ. ފަރުޟު ފަސް ނަމާދު ބަރާބަރަށް އަދާކުރުމަށާއި ސުންނަތް ނަމާދު ގިނަކޮށް، ގިނަ ގިނައިން ދުއާކޮށް އިސްތިގްފާރު ކުރުމަށް ހުރިހާ ރައްޔިތުންނަށް ނަސޭހަތްތެރިވަމެވެ. އިރުޝާދުތަކަށް ބޯލެނބުމަށާއި މާތް ﷲ އަށް ވަކީލްކޮށް އުޅެންވީއެވެ.

ކިޔުންތެރިންގެ ހިޔާލު

6 ކޮމެންޓް

  1. ދަރަނި ދަންތުރަ

    އެއްމެހާ އަހުންނާ އުހުތުން ޑޮކުޓަރުން ދެއްވާ އިރުސާދުތަށް ގަބޫލުކޮށް ބަސްއަހާކިޔަމަންވޭ ﷲ އަށް ބިރުވެތިވެ އެކަލާންގެ ރުއްސެވުމާއި ފުއްސެވުމަށްއެދި ދުއާކުރޭ އިންސާނުންނީ ނިކަމަމެތި ބަލިކަށި ބައެއް ﷲ އަށް ވަކީލްކޮށް އެކަލާންގެ ހަޒުރަތުން ވާގިއެދި މި ވަބާއިން އަޅަމެން ދިންނަވާތޯ ދުއާކުރޭ ޔާ ﷲ އަޅަމެން މިނުރައްކާތެރި ބަލިން ސަލާމަތްކުރައްވާށި އާމީން

    75
    • ޏަމްޏަމް

      އާ މީން.

  2. ސަޔް

    ކޮބާ ޖެނުއަރީއިން ފެށިގެން ވެފައޮއިތް ފުރިހަމަ ތައްޔާރު؟

    22
    16
    • ހީވޭ ކަމެއްހެން

      ތައްޔާރީ ތަކޭ ކިޔާނެކަމެއް ނެތް، ޑޮކްޓަރުންނާ ސިއްޙީ މާހިރުންގެ ބަސް ނާހާ އެމީހުންނަށްވުރެ މާމޮޅު ބައެއް ކަމަށް ހެދިގެން ބައެއް މީހުން އުޅެގަތީމަ މިއޮތީ ވާނެ ހަތަރެތި ވެފަ.. ދެންތިބޭ ފުރާނަ އަތްމައްޗަށް ލައިގެން.. ދެންވެސް ނަމާދުކޮށް ހެޔޮދުޢާ ކުރޭ.. އިރާދަ ކުރެއްވިއްޔާ ހުރިހާ ކަމެއްވެސް ރަނގަޅުވާނެ..

      12
  3. Anonymous

    އީމަނތެރިކަން ކުޑައީ. ސަބަބުތަކިގައި ހިފަންޖެހޭނެ ނަމަވެސް ﷲއަށް ފުރިހަމަ ގޮތުގައި ވަކީލުކޮށްފިނަމަ ަަަަަަަަަަަަަަަަަ ޔަޤީނުންވެސް އެމީހަކަށް ސަލާމަތްކަން އޮންނާނެ އެއީ ދިރިހުރުން ނުވަތަ މަރުވުން ކަުގައި ވިޔަސް. މަރުނުވާނެ އެކަކުވެސް ނުވެ ބަލަންވީ މަރށް ތައްޔާރުވެ ތިބުމަށް. ﷲ ނަހީކުރެއްވި އެންމެހާ ކަންކަމުން ދުރުވަންވީ ގިނަގިނައިން އަސްތަޣްފާރު ކުރަންވީ ހުރިހާ ކަމަކަށްވެސް ލިބޭނެ ޙައްލެއް އެއީ

    5
    1
  4. ނިލޯފަރު

    ޑޮރ އުގޭލު މިހެން ބުނެގެން ހީވީ އޭނާ ރޮލާ ކޭހެން

    11
    1