ޅ.ކުރެއްދޫ އަކީ ރާއްޖެއިން ކޮވިޑް-19 ގެ ވޭދަން (ކޭސް) ފުރަތަމަ ފެނުނު ރަށެވެ.

ރާއްޖެއިން ފެނުނު ފުރަތަމަ ފަސް ވޭދަން ވެސް ފެނުނީ އެ ރަށުން ކަމަށް ވާއިރު އެ ރަށުން ކޮވިޑް 19 އަށް ފައްސިވީ 2 ފަތުރުވެރިންނާއި 3 މުވައްޒަފުންނެވެ. އޭގެ ތެރޭގައި ކުރެއްދޫގެ ޑޮކްޓަރު ހިމެނެއެވެ.

މާރޗް މަހުގެ ކުރީކޮޅު އެރަށުން ބަލި ފެނުމާއި ގުޅިގެން އެރަށް އެންމެ ފުރަތަމަ ފުރަބަންދު ކުރީ 6 މާރޗްގައެވެ. އޭގެ ފަހުން އެ ރަށަކީ މުޖުތަމައުގައި ބަލި ފެތުރުނު ރަށަކަށް ވުމާއި އެކު ފުރަބަންދުގައި 28 ދުވަސް ހޭދަކުރަން ޖެހޭނެކަމާއި، އެ ރަށުން މީހުން ފުރުމުގެ ހުއްދަ ދޭނީ ރަށުގައި ތިބި އެންމެން ޗެކް ކުރުމަށް ފަހުގައި ކަމަށް އެޗްޕީއޭއިން އެންގިއެވެ.

އެ 28 ދުވަހުގެ މުއްދަތު އެޕްރިލް 12 އަށް ވަނީ ހަމަވެފައެވެ. އެހެންކަމުން މިހާރު އެރަށް ފުރަބަންދުގައި އޮންނަތާ މިއަދަށް މިވީ 49 ދުވަހެވެ.

ކުރިން އެޗްޕީއޭއިން އެންގި އެންގުމާއި އެއްގޮތަށް، އެޕްރިލް 14 އަދި 15 ވަނަ ދުވަހު އެ ރަށުގެ ގިނަ މުވައްޒަފުންގެ ޓެސްޓްތައް ވަނީ ހަދާފައެވެ. އެހެންނަމަވެސް މިހާތަނަށް އައި އިރުވެސް އެއިން އެއްވެސް ސާމްޕަލްއެއްގެ ނަތީޖާ އެ މުވައްޒަފުންނަށް ލިބިފައެއް ނުވެއެވެ.

"14، 15 ގައި ނެގީ 500 އެއްހާ ސާމްޕަލް. ނުނަގާ 125 އަށް ވުރެ ގިނަ ސާމްޕަލް ހުރި. 15 ގައި އަންނާނަމޭ ބުނީ. އެކަމު ނާދޭ. ދެން އެޗްޕީއޭ މީހުން ތިބީ މިތާ ކައިރީ ހުރަވަޅި ރިސޯޓްގައި މިތާކު ނޫން. 16 ގައި އަންނާނަމޭ ބުނެގެންވެސް ރެޑީވި. އެކަމަކު ނާދޭ. ނައިސް ފުރައިގެން ދިޔައީ. އެކަމު ޕްރެއްސެއްގައި ބުނި އެންމެންގެ ސާމްޕަލް ނެގިއޭ. އެއީ އޮޅުމެއް. އެންމެންގެ ނުނެގޭ. އެކަމަކު ގިނަ މީހުންގެ ނެގި." އެ ރަށުން "ވަގުތަށް" މައުލޫމާތު ދިން މީހަކު ކިޔާދިނެވެ.

ކުރެއްދޫގެ އެޗްއާރު މުވައްޒަފަކު ވަގުތަށް ވިދާޅުވީ މުވައްޒަފުންނަށް އެކަށީގެންވާ މައުލޫމާތު ނުލިބުމުން މުވައްޒަފުން ވަރަށް ބޮޑަށް ކަންބޮޑުވާ ކަމަށެވެ. އަދި ތަކުރާރުކޮށް އެޗްއާރާއި މުވައްޒަފުން ސުވާލު ކުރިނަމަވެސް އެ މީހުންނަށް ދޭނެ ޖަވާބެއް ނެތް ކަމަށް އޭނާ ވިދާޅުވިއެވެ.

"މުވައްޒަފުން އާދޭ، އިހަކަށް ދުވަހު ވެސް ވަރަށް ގިނަ މީހުން އައި. އަހަރުމެންނަށް ވެސް އެނގެނީ ޕްރެސްއިން އެނގޭ ވަރަށް. އެޗްޕީއޭއިން މަސައްކަތް ނުކުރެއެކޭ ނޫން. ޤަބޫލު ކުރެވޭ މާލެއިން ފެންނަ ނަމަ އިސްކަން ދޭނެކަން ވެސް. އެހެންނަމަވެސް، ކުރެއްދޫ އޮތީ އިސްކަންދިނުމުގައި ކިހާހިސާބެއްގައި ކަމެއްވެސް ނޭނގޭ." އޭނާ ވިދާޅުވިއެވެ.

ކުރެއްދޫގައި އިސްކޮށް މަސައްކަތްކުރައްވާ މުވައްޒަފަކު ނަން ހާމަނުކުރަން ޝަރުތުކޮށް "ވަގުތަށް" ވިދާޅުވީ މި ވަގުތު ކުރެއްދޫގެ ސާމްޕަލްތައް ނުލިބިވުމުން ނުފުރި ތިބި މުވައްޒަފުންގެ ބޮޑު ކަންބޮޑުވުންތަކެއް ހުރިކަމަށެވެ.

ކުރެއްދޫގައި ތިބި ބައެއް މުވައްޒަފުން އެރަށުގެ ބިދޭސީންނަށް، ރަށުން ފުރޭތީ އެކަމާއި ކަންބޮޑުވުން ފާޅުކުރެއެވެ. އެކަމާއި ގުޅޭގޮތުން ސުވާލު ކުރުމުން ކުރެއްދޫގައި އިސްކޮށް މަސައްކަތް ކުރައްވާ ބޭފުޅަކު ވިދާޅުވީ އެކަން ހިގަނީ އެޗްޕީއޭގެ ގައިޑްލައިނާއި އެއްގޮތަށް ކަމަށެވެ.

"ބިދޭސީން ފުރަނީ ޚާރިޖީ ސިޔާސަތާއި އެޗްޕީއޭގެ ގައިޑްލައިނާއި އެއްގޮތަށް. އެއީ ރިސޯޓްގައި ހުންނަ ޑޮކްޓަރ ހަދާނެ ހެލްތް ސްކްރީން އެއް. ހަދާފައި ސީދާ އެއާޕޯޓަށް އައިސް އެއާޕޯޓުން ފުރާނީ. އެގޮތަށް ވަރަށް ގިނަ މީހުން ފުރައިފި. މާދަމާވެސް ފުރާނެ." އޭނާ ވިދާޅުވިއެވެ.

ކުރެއްދޫއިން ނެގި 500 ސާމްޕަލްގެ ތެރެއިން މިހާތަނަށް 230 އަށް ވުރެ ގިނަ ސާމްޕަލް ޓެސްޓް ކުރި ނަމަވެސް އަދި އެއިން އެއްވެސް ސާމްޕަލެއްގެ ނަތީޖާ އިއުލާނެއް ނުކުރެއެވެ. އަދި ޓެސްޓް ނުކުރާ 240 އަށް ވުރެ ގިނަ ސާމްޕަލް އެބަހުއްޓެވެ.

އެޗްޕީއޭއިން ވަނީ ކުރެއްދޫގެ ސާމްޕަލްތައް ލަސްވަނީ މިވަގުތު އެންމެ އިސްކަމެއް ދެނީ މާލޭގައި މުޖުތަމައުގައި ބަލި ފެތުރޭތީ އެފަދަ ވޭދަމަ (ކޭސް) ތަަކަށް ކަމަށް ވާތީކަމަށް ވިދާޅުވެފައެވެ. އަދި ޓެސްޓް ކުރާ ސާމްޕަލްގެ ތެރެއިން ނަތީޖާ ނާންގާ ލަސްވަނީ ނައްސި ސާމްޕަލްތައް ކަމަށް ވެސް އެޗްޕީއޭއިން ވިދާޅުވެއެވެ.

ކިޔުންތެރިންގެ ހިޔާލު

3 ކޮމެންޓް

 1. ޅޮލް

  ތިޔައީ 7 އަޖައިބުން 1 އަޖައިބު ކަންނޭންގެ ނިއުސް ކންފަރެންސެއް ދޭކައްނޫޅޭތަ އިތުރައް ދޮގެއްހަދާލާނެ ހުސްވަގުންވިއްތަ ތެދެއްހަދާނެތަ މިލިޔަނުން ލިބޭލާރިތައް ގުނަނީ ތޯއްޗެ ލޮލް

  21
  1
 2. ސުލޭ

  ކުޑަބޭބީއަކު ސަރުކާރުގެ މޫނުގެ ގޮތުގައި ގެނެސްދެނީ. އުރައްޕެއްހުރި މީހުންތައް ބިރުން ފިލައިފި.

  12
  1
 3. ވެރިން

  ނަތީޖާ ނުލިބުނަސް ލިބުނަސް ތިބިތާ މަަޑުން ތިބެބަލަ،ހޭލަ މޭލަށް ތެޅެން ހަދާއިގެން މާބޮޑަށް މާޔޫސްވާން ޖެހިއްޖެއްޔާ މަދެރަ ދޯ.