"ކަރުނުން މި ދެލޯ ފޯވެޔޭ، ވިރިގެން މި ހިތާމޭ ދެޔޭ، އުފެދޭ ވޭނާއި ތަދާ، ރިހުމާ އަސަރާއި އެކުލެވޭ، ބުނެދޭނެ ގޮތެއް ނޭނގެޔޭ...."

މުޅި ދުނިޔެއަށް ކުރިމަތިވެފައިވާ ކޮވިޑް-19 ގެ ނުރައްކާތެރި ބަލި މަޑުކަމުން، މުޅި އިންސާނީ ނަސްލަށް ގެނުވާފައި މިވާ، ނިކަމެތި ކަމާއި ނުތަނަވަސްކަން ބުނެދޭނެ ގޮތެއް ނޭނގެއެވެ. ދުނިޔޭގެ "ލޯ" ކަރުނުން ތެންމައިފިއެވެ. އެ ވޭނާ ކެކުޅުމުގައި މުޅި ހިތް ބަރުބާދު ކޮށްފިއެވެ.

ނެތުމުގެ ތެރެއިން އިންސާނާ އުފައްދަވައި އެ އިންސާނާއަށް ރިޒުޤު ދެއްވާ އެ އިންސާނާއަށް އެންމެ ރަނގަޅު ގޮތް ﷲ ތަޢާލާ ވަނީ ބަޔާންކުރައްވާ ކަނޑައަޅުއްވައިފައެވެ. އިންސާނާގެ ދިރިއުޅުމަށް ބޭނުންވާނެ އެއްމެހާ ޙުކުމްތަކާއި އުސޫލުތައްވަނީ، ޙުކުމް ކުރެއްވުމުގައި އެންމެ ޢަދުލުވެރި ﷲ ތަބާރަކަ ވަތަޢާލާ، ހަތްއުޑުގެ މަތިން ބާވައިލައްވައިފައެވެ. އެގޮތުން ފަސާދަ އާއި ޖަރީމާތައް ހުއްޓުވައި މުޖުތަމައުގެ އެންމެންގެ މަސްލަޙަތު އިސްލާމީ ޝަރީއަތުން ރައްކާތެރިކޮށްދެއެވެ.

ނަމަވެސް ހިތާމައަކީ ވިސްނުމުގައި އުނިކަން ލިބިގެންވާ މި ނިކަމެތި އިންސާނާ ﷲ ތައާލާގެ އަމުރުފުޅުތަކާއި ޚިލާފުވެ އޭގެ މައްޗަށް ގޮތް ކިޔާ ހެދުމެވެ. ކާއިނާތުގެ ވެރި ރައްބުގެ އަމުރުފުޅުތަކަށް އެއްވެސް ޖެހިލުމެއްނެތި ފާޑު ކިޔައި، ދުނިޔޭގެ އެދުންތަކާއި ބޭނުންތަކަށް ﷲ ސުބުޙާނަހޫ ވަތައާލާގެ ދީނުގެ ޙުކުމްފުޅުތައް ބަދަލުކޮށް އެއަށް އެނގިގެންނާއި ނޭނގި ނަމަވެސް ފުރައްސާރަ ކުރުމެވެ. މަލާމަތް ކުރުމެވެ. ތިބާ ނެތުމުގެ ތެރެއިން އުފައްދަވާ، ރިޒުޤު ދެއްވާ ގެންގުޅުއްވާ އިލާހަށް އުރެދެމުންދިޔުމެވެ.

"ކޮވިޑް އޮނަވިހި މިއަދު ދުނިޔެ ހާސް ކޮށްފިޔޭ، ފައްސިވުން އިންތިހާއަށް އިތުރު ވެއްޖެޔޭ، ހޯދިފައި ނެތް ތަނަކު މީގެ ފަރުވާ އަދަކު، ޖެހިލުންވެ ރޮވޭ ވަރު ވެޔޭ...."

ދުނިޔޭގައި ހަލުވިކަމާއި އެކު ފެތުރެމުން އަންނަ ކޮވިޑް-19، 2.8 މިލިއަން މީހުންނަށް މި ވަނީ ޖެހިފައެވެ. އަދި 197,306 މީހަކު މި ބަލި ޖެހިގެން މަރުވެފައިވާއިރު، 806,953 މީހަކު ވަނީ މި ބަލިން ރަނގަޅުވެފައެވެ. މި ބަލި ޖެހިގެން ސީރިއަސް ހާލުގައި، 58,524 މީހުން މިހާރުވެސް އެބަ ތިއްބެވެ.

ފަރުވާއެއް އަދި ހޯދިފައިނުވާ މި ބަލި ޖެހިގެން މިހާތަނަށް އެންމެ ގިނަ މީހުން ފައްސި (ޕޮޒިޓިވް) ވެފައިވަނީ އެމެރިކާއިންނެވެ. އެގައުމުން މިހާތަނަށް ނުވަލައްކައަށްވުރެ ގިނަ މީހުންނަށް ވަނީ ބަލި ޖެހިފައެވެ. އަދި މަރުވި މީހުންގެ އަދަދު ވަނީ 52,193 އަށް އަރާފައެވެ. އެމެރިކާ ފިޔަވައި މި ބަލި ޖެހިގެން އެންމެ ގިނަ މީހުން އިޓަލީން މަރުވެފައިވާއިރު، ބަލި ޖެހިގެން ދެވަނަ އަށް އެންމެ ގިނަ މީހުން ރިޕޯޓް ކޮށްފައިވަނީ ސްޕެއިން އިނެވެ.

ރާއްޖެއަށްވެސް މި ބަލީގެ ނުރައްކާ ކުރިމަތިވެފައިވާއިރު، ރާއްޖެ އިން މި ބަލި ޖެހުނު މީހުންގެ އަދަދު ވަނީ 129 އަށް އަރައިފައެވެ. ބަލިން ޝިފާ ލިބުނު މީހުންގެ ތެރޭގައި ދިވެހިންނާއި ރިސޯޓުތަކުގައި ޗުއްޓީ ހޭދަކުރުމަށް އައި ފަތުރުވެރިންނާއި ރިސޯޓުތަކުގައި މަސައްކަތް ކުރާ މުވައްޒަފުން ހިމެނެއެވެ.

މާލެ އިން އެންމެ ފުރަތަމަ މީހެއްގެ ގައިން ބަލި ފެނުނު ކަން އިއުލާން ކުރީ މި މަހުގެ 15 ވަނަ ދުވަހުއެވެ.

"އެންމެހާ ކަންކޮޅަށް ފެތުމެރެމުންދާ ކޮރާނާ ވަބާ، ވާނުވާއެއް ނުއެނގި ރޯން ތިބީ މީސްތަކުން ބޯލަނބާ، ބާރެއް އާރެއް ނެތޭ، ދޭނެ ބޭހެެއް ނެތޭ، މާޔޫސްވެ ފިކުރު ބޮޑު ވެޔޭ........"

ބޭހެއް އަދި ހޯދިފައި ނުވާ މި ބައްޔަށް، ވެކްސިނެއް އުފެއްދޭނެ ދުވަހަކަށް މުޅި ދުނިޔެ ދަނީ އިންތިޒާރު ކުރަމުންނެވެ. ދުނިޔޭގެ ބޮޑެތި ޤައުމުތަކުން ދަނީ ކެނޑިނޭޅި އެ މަސައްކަތް ކުރަމުންނެވެ. ދުނިޔޭގެ ގިނަ ޤައުމުތަކެއް ހިމަނަގައިގެން ޖުމްލަ 210 ސަރަހައްދަކަށް މި ބަލި ވަނީ މިހާރު ފެތުރިފައެވެ.

ކޮވިޑް-19 އަށް ވެކްސިނެއް އުފައްދަން ކުރަމުން އަންނަ މަސައްކަތުގައި މިހާތަނަށް އުފެއްދި، އަދި ކާމިޔާބު ވުމުގެ އުއްމީދު އެންމެ ބޮޑު އެއް ވެކްސިން އިންސާނުން ބޭނުން ކޮށްގެން ޓެސްޓް ކުރަން ފަށައިފިއެވެ. އިނގިރޭސިވިލާތުގެ އޮކްސްފޯޑް ޔުނިވަސިޓީގެ ސައިންސްވެރިން ކޮވިޑް-19 އަށް އުފެއްދި ވެކްސިނަކީ ކޮވިޑް-19 އަށް ޝިފާއަކަށް ވާނެ ކަމުގެ 80 އިންސައްތަ ފުރުސަތެއް މިހާރު ވެސް އެބައޮތް ކަމަށް އޮކްސްފޯޑް ޔުނިވަސިޓީން ބުނެއެވެ.

އިނގިރޭސިވިލާތުގެ ހެލްތު ސެކްރެޓަރީ މެޓް ހެންކޮކް މީޑިއާ އަށް މައުލޫމާތު ދެއްވަމުން ވިދާޅުވެފައިވަނީ، އޮކްސްފޯޑް ޔުނިވަސިޓީ އާއި ލަންޑަންގެ އިމްޕީރިއަލް ކޮލެޖުން އުފައްދާ ވެކްސިނަށް އިނގިރޭސިވިލާތުގެ ސަރުކާރުން ޚަރަދު ކުރާނެ ކަމަށެވެ. ކޮންމެ ވެކްސިނެއް އުފައްދަން އިނގިރޭސިވިލާތުގެ ސަރުކާރުން 20 މިލިއަން ޕައުންޑް ދިނުމަށް ވަނީ ހަމަޖެހިފައެވެ.

އާދޭހެވެ. ޢާލަމީ ވަބާއެއްގެ ގޮތުގައި ކޮރޯނާ ވައިރަސް މުޅި ދުނިޔެއަށް ފެތުރިގެންދާއިރު އިންސާނާގެ ނިކަމެތިކަން ނިކަން ދެކި ބަލާށެވެ! ތަނަވަސްކަން ހުރުމުން އަމިއްލަ ހޮސްޕިޓަލްތައް އަޅައިގެން ތިބި، ވަށައިގެން ޑޮކްޓަރުން ބައިތިއްބައިގެން ފަރުވާ ހޯދަމުންދާ އެތައް މަހުޖަނުންނާއި އާރާއި ބާރު ހުރި އެތައް ބައަކު އެދަނީ ކޮރޯނާ ވައިރަސްގެ ޝިކާރައަކަށްވަމުންނެވެ. މިކަންކަމުން އެނގިގެން މިދަނީ ﷲ ތަޢާލާއީ ކޮންމެ ކަމަކަށް ކުޅަދުންވަންތަ އިލާހް ކަމެވެ. ހުރިހާ ކަމެއްގެ ހުރިހާ ބާރުތަކެއް ލިބިވޮޑިގެންވަނީ ﷲ ތަޢާލާއަށް ކަމެވެ. ކަން މިހެން އޮތުމުން އަޅުގަނޑުމެންގެ ނަފުސްތަކުގެ ނިކަމެތިކަމާއިމެދު ނުވިސްނަނީ ކީވެގެންތޯ މިއީ މިއަދު ކުރަންޖެހިފައިވާ ސުވާލެކެވެ!

"ޤުދުތަރުގެ އިމްތިހާނެއް މިއީ ކަށަވަރޭ، އިބްރަތެއް ލިބިގަތުން ކޮންމެހެން ލާޒިމޭ، މަންފާ އޭރުން ވާނެޔޭ، ޝައްކެއް ވަހުމެއްނެތޭ، ހިތްވަރު އެކަމުން ލިބިދެޔޭ..."

މި ދުނިޔެއަކީ ވަޤުތީ ގޮވައްޗެކެވެ. ދާދި އަވަހަށް ހަޤީޤީ މަންޒިލަށް ދިޔުމަށް ދަތުރަށް ފުރަންޖެހިދާނެއެވެ. އަނބިދަރީންނާއި މުދާ ދޫކޮށްފައި މިދުނިޔެއިން ވަކިވެދާންޖެހިދާނެއެވެ. އެދުވަހުން އެއްވެސް މުދަލަކުން ކުރާނެފައިދާއެއްނެތެވެ. ދެންއޮތީ ބަރުޒަޚުގެ ގެ ޙަޔާތެވެ. ކައްވަޅުގެ އެކަނިވެރިކަމެވެ. އެއަށްފަހު މަޙްޝަރުބިމެވެ. ޙިސާބު ބެއްލެވުމެވެ. ޞިރާޠު މަގެވެ. އެއަށްފަހު އޮތީ ދާއިމީ ދިރިއުޅުމެކެވެ. ނަރަކައިގެ ވޭންދެނިވި ޢަޒާބުގެ ތެރޭގައެވެ. ނުވަތަ ސުވަރުގޭގެ މަތިވެރި ނިޢުމަތުގެ ތެރޭގައެވެ.

ﷲ ތަޢާލާ ގެ ވަޙީބަސްފުޅުގައިވެއެވެ. ” اعْلَمُوا أَنَّمَا الْحَيَاةُ الدُّنْيَا لَعِبٌ وَلَهْوٌ وَزِينَةٌ وَتَفَاخُرٌ بَيْنَكُمْ وَتَكَاثُرٌ فِي الأَمْوَالِ وَالأَوْلادِ كَمَثَلِ غَيْثٍ أَعْجَبَ الْكُفَّارَ نَبَاتُهُ ثُمَّ يَهِيجُ فَتَرَاهُ مُصْفَرًّا ثُمَّ يَكُونُ حُطَامًا وَفِي الآخِرَةِ عَذَابٌ شَدِيدٌ وَمَغْفِرَةٌ مِّنَ اللَّهِ وَرِضْوَانٌ وَمَا الْحَيَاةُ الدُّنْيَا إِلاَّ مَتَاعُ الْغُرُورِ ” – سورة الحديد 20 – މާނަ : ” ތިޔަބައިމީހުން ދަންނާށެވެ! ދުނިޔޭގެ ދިރިއުޅުން ވާކަން ކަށަވަރީ ކުޅިވަރެއް ކަމުގައެވެ. އަދި މަޖަލެއް ކަމުގައެވެ. އަދި ޒީނަތެއް ކަމުގައެވެ. އަދި ތިޔަބައިމީހުންގެ މެދުގައި އެކަކު އަނެކަކުގެ މައްޗަށް ބޮޑާވެގަތުމެއް ކަމުގައެވެ. އަދި މުދާތަކާއި، ދަރިންތަކާމެދު، އެކަކު އަނެކަކަށްވުރެ ގިނަކަމަށްބުނެ މޮޅުވާހަކަ ދެއްކުމެއް ކަމުގައެވެ. ވާރޭފެނެއްގެ މިސާލުގައެވެ. އެ ފެނުން ފެންލިބިގެން ފެޅި ގަސްތަކެއް، ދަނޑުވެރިން عجائب ކޮށްފައިވެއެވެ. ދެން އެ ގަސްތައް ހިކިދެއެވެ. ދެން އެ ގަހުގެ ފަތްތައް ރީނދޫވެފައި ވަނިކޮށް ތިބާއަށް ފެންނާނެތެވެ. ދެން އެ ހިކި ހުއިތަކަކަށް ވެދެއެވެ. އަދި آخرة ގައިވަނީ، ގަދަފަދަވެގެންވާ عذاب އެވެ. އަދި اللَّه ގެ حضرة ން ލިބޭ ފާފަފުއްސެވުމަކާއި، ރުއްސެވުމެކެވެ. ކެހިވެރިކަމުގެ ވަގުތީ އުފަލެއްދޭ އެއްޗެއް ކަމުގައި މެނުވީ ދުނިޔޭގެ ދިރިއުޅުން ނުވެތެވެ. “

މިއަދު އިންސާނާއަށް އޮތީ ކެތްތެރިވުމެވެ. މި އިމްތިހާނުން ފާސް ވޭތޯ ގަދަ އަޅާ މަސައްކަތް ކުރުމެވެ.

فَإِنَّ مَعَ الْعُسْرِ يُسْرًا މާނައީ؛ "ފަހެ، ހަމަކަށަވަރުން، އުނދަގޫކަމާއެކު ފަސޭހަކަންވެއެވެ."

 

ކިޔުންތެރިންގެ ހިޔާލު

5 ކޮމެންޓް

  1. ???

    މާޝާﷲ ވަ ރަށް ފު ރިހަމަ.....???

    45
    1
  2. ތޮލްލ

    ޔޫ އާ ދި ބެސްޓް

    21
    1
  3. ނަސީރު

    ވަރަށް ފުރިހަމަ ލިޔުމެއް..
    މި އާރޓިކަލްގެ ލިޔުންތެރިޔާއަށް ﷲ ޙެޔޮރަހުމަތް ލައްވާށި

    34
    1
  4. ސުން

    މީ ލަވަ ކިއާ އަންބާ ކިއަންވީ ވަގުތެއް ނޫން، އަޅުކަމާ އިތުރުކޮއް ދުއާ ގިނަ ކުރަން ވީ ވަގުތުމީ.

    14
  5. ޗާލު

    އެމްޑީޕީގެ މަޖްލިސް މެމްބަރުން ޖެހި ހިސާބުކޮބާ؟؟؟ ނަޝީދުކީކޭބާ ބުނަނީ. ބައްޔަކީ ﷲ ފޮނުއްވާ އެއްޗެއް އެއަށް ޖޯކުޖަހާކަށްނުވާނެ.

    15
    1