ރާއްޖޭގެ ބޮޑެތި ހުރިހާ ވިޔަފާރިވެރިން ހެން ހުސެއިން އަބްދުﷲ އޯގާތެރިކަމާއި ހިތްހެޔޮކަން އެނގޭނެއެވެ. ރާއްޖެ އަށް އެންމެ ގިނައިން މުދާ އެތެރެކުރާ އިމްޕޯޓަރުންގެ ތެރޭގައި ހިމެނޭ އެމްއެޗްއޭގެ ވެރިޔާއަކީ ދިވެހި އެތައް ވިޔަފާރިތަކެއް ކުރިއެރުވުމުގައި ވެސް މުހިންމު އެއް ހިއްސާދާރެވެ. ށ. މަރޮއްޓަށް އުފަން ހުސެއިން އަބްދުﷲ އަކީ އެ ރަށަށް އެތައް ހިދުމަތްތަކެއް ކުރެއްވި ބޭފުޅެކެވެ. ކޮވިޑް-19 ގެ ބަލީގައި އަވަހާރަ ހަމައަށް ވެސް ހުސެއިން އަބްދުﷲ ގެންދެވީ އެ ރަށަށް ހިދުމަތް ކުރައްވަމުންނެވެ.

ނިޝާން ކަލާފާނުގެ ޝަރަފުގެ އިއްޒަތް (ނ.ކ.ޝ.އ) ދިވެހި ދައުލަތުން 2011 ގައި އަރުވާފައިވާ ހުސައިން އަބްދުﷲ 88، އަކީ ޖަމާއަތަށް ފައިދާ ހުރި ހާއްސަ ހިދުމަތް ކުރެއްވުމުގެ ދާއިރާ އާއި ވިޔަފާރީގެ ދާއިރާގައި ފާހަގަކޮށްލެވޭ ބޭފުޅެކެވެ. މަރޮށީ ކަތީބުކަމުގައި ހުންނަވައިގެން، ރަށުގެ ތަރައްގީއަށާއި، ރަށުގެ ރައްޔިތުންނަށް އަދި މުޅި އަތޮޅަށް ވަރަށް އިހްލާސްތެރި ހިދްމަތްތަކެއް ކޮށްދެއްވި ބޭފުޅެކެވެ. ކަތީބު ކަން ދޫކުރައްވައި މާލެ ބަދަލުވެވަޑައިގެންނެވި ފަހުން ވެސް ރަށަށް ހިދުމަތް ކުރެއްވުން ހުއްޓާނުލައްވައެވެ.

ހުސެއިން އަބްދުﷲ ވިޔަފާރީގެ ފައިދާއިން އެންމެބޮޑު ހޭދައެއް ކުރައްވާފައިވަނީ، އުފަން ރަށް މަރޮށްޓަށެވެ. އޭނާއަކީ އަމިއްލަ މުދަލާއި ފައިސާ، އުފަން ރަށަށްޓަކައި އަދި ރަށުގެ ތަރައްގީއަށްޓަކައި، ދަރިންގެ ތައުލީމަށްޓަކައި ގިނަ ހޭދަތަކެއް ކުރެއްވި ބޭފުޅެކެވެ. އޭނާގެ ހިތުގައި ތައުލީމަށް އޮތް ބޮޑު އަހަންމިއްޔަތު ހާމަވެގެންދަނީ، ރަށުގެ ރައްޔިތުންގެ މެދުގައި، އޮލްމު އުނގެނުމުގެ ހޭލުންތެރިކަން އުފެއްދެވުމަށް، ކުރެއްވި ހީވާގި މަސައްކަތްތަކުގެ ސަބަބުންނެވެ.

ރަށުގައި ހުރި މައުލޫދު ހަރުގޭގައި، އެމަނިކުފާނުގެ ސީދާ ބެއްލެވުމުގެ ދަށުން ކުދިންނަށް ކިޔަވައިދެއްވަން ފެށްޓެވިއެވެ. ފުރަތަމަ ދަސްކޮށްދެއްވީ ދީނީ ކަންތައްތަކެވެ. އޭގެއިތުރުން، އުރުދޫބަސް ވެސް ކިޔަވައިދެއްވިއެވެ. އަދި 11 ނޮވެމްބަރ 1979 ގައި އެންމެ ތިން މުދައްރިސުންނާއެކު، އަލްމަދްރަސަތުލް މުނައްވަރާގެ ނަމުގައި އަމިއްލަ ގޭގައި ރަށުގެ ދަރިންނަށާއި، އަތޮޅުގެ ދަރިންނަށް އެ ސްކޫލްގެ ހިޔާވަހިކަން ފޯރުއްވައިދެއްވަން ފެއްޓެވިއެވެ. މުޅިން ހިލޭ ސާބަހަށެވެ. ހުރިހާ ކަމެއްވެސް އަމިއްލައަށެވެ. ދުވަހުން ދުވަހަށް ސްކޫލް ތަރައްގީ ކުރައްވައި ކުރިއެރުއްވުމަށް ބުރަ މަސައްކަތްތަކެއް ކުރެއްވިއެވެ. މިހާރު ސްކޫލް ހުރި އިމާރާތަކީ ހުސެއިން އަބްދުﷲ ގެ ކުރިން ރަށުގައި ދިރިއުޅުއްވި ގެއެވެ.

މަރޮށި ކައުންސިލްގެ ރައީސް އަބްދުލްއަޒީޒް މުހައްމަދު ވަހީދު "ވަގުތަށް" މިއަދު ވިދާޅުވީ ހުސެއިން އަބްދުﷲ އަކީ ރަށުގެ ވަރަށް ބޮޑު ހިދުމަތްތެރިއެއް ކަމަށެވެ. ރަށުގައި ހިނގާ ހުރިހާ ކަމެއްގައި ހެން ހުސެއިން އަބްދުﷲ ގެ ފުރިހަމަ ހިއްސާއެއް އޮންނަ ކަމަށް ވެސް އަބްދުލްއަޒީޒް ވިދާޅުވިއެވެ. އަބްދުލްއަޒީޒް ވެސް އެންމެ ބޮޑަށް ފާހަގަ ކުރައްވާ އެއް ކަމަކީ 27 އަހަރު ވަންދެން ހުސެއިން އަބްދުﷲ ހިންގެވި މަރޮށީ މުނައްވަރާ ސްކޫލެވެ. އެ ސްކޫލްގެ ހަގީގީ ބާނީއަކީ ވެސް ހުސެއިން އަބްދުﷲއެވެ.

"ސްކޫލްގެ އިމާރާތަކީ އަމިއްލަ އަށް ހުސެއިން އަބްދުﷲ އަޅުއްވާފައި ހުރި ތަނެއް. ހުރިހާ ހަރަދެއް ކުރައްވަނީ ހުސެއިން އަބްދުﷲ. މިއަދާ ހަމައަށް ވެސް ޓީޗަރުންގެ މުސާރަ ވެސް ދެއްވަނީ ހުސެއިން އަބްދުﷲ. ޒަމާނީ ފެންވަރަށް އެ ސްކޫލް ތަރައްގީ ކުރައްވާފައި ފަހުން ސަރުކާރާ ހަވާލު ކުރި،" އަބްދުލްއަޒީޒް ވިދާޅުވިއެވެ.

މީގެ އެތައް އަހަރެއް ކުރިން 1980ގެ އަހަރުތަކުގެ ތެރޭގައި، ޒަމާނާ ގުޅޭގޮތަށް ސްކޫލް ތަރައްގީ ކުރެއްވިއެވެ. އެގޮތުން 10 ކްލާސްރޫމާއި، ހޯލަކާއި، އޮފީސް އިމާރާތެއް ބިނާކުރެއްވިއެވެ. އެ މަދަރުސާގެ ދަރިވަރުން، 1998 ވަނަ އަހަރު ފުރަތަމަފަހަރަށް ޖީ.ސީ.އީ އޯ ލެވެލް އިމްތިހާނުގައި ބައިވެރިވިއެވެ.

ހުސެއިން އަބްދުﷲ އަކީ އަތޮޅުތެރޭގެ ތައުލީމީ ފެންވަރު ދަށް ރަށްރަށުން ކުދިން މަރޮށްޓަށް ގެންނަވައިގެން، އަމިއްލަ ހަރަދުގައި އެ ކުދިންނަށް ކިޔަވައިދެއްވި ބޭފުޅެކެވެ. އަދި އަތޮޅުތެރޭގައި ތިބި ބައެއް ނިކަމެތި އާއިލާތަކުގެ ކުދިންނަށް ވެސް އަމިއްލަފުޅު ހަރަދުގައި ކިޔަވައިދެއްވިއެވެ.

މަރޮށި ސްކޫލް 27 އަހަރު ސްކޫލް ހިންގެވުމަށްފަހު، ސްކޫލްގެ އިމާރާތްތައް ޒަމާނީ ފެންވަރަށް އަމިއްލަ ހަރަދުގައި ބަދަލުކުރެއްވިއެވެ. އަދި ސަރުކާރުން ހިންގަވާ ސްކޫލަކަށް ބަދަލުކޮށްދެއްވުމަށް ސަރުކާރުގައި އެދިވަޑައިގަތުމާ ގުޅިގެން، މަދްރަސަތުލް މުނައްވަރާއަކީ، ސަރުކާރުގެ މަދަރުސާއެއްގެ ގޮތުގައި ހަމަޖެހިގެން ދިޔައެވެ.

ހުސެއިން އަބްދުﷲ ގެ ތައުލީމީ ހިދްމަތުގެ ތެރެއިން އެންމެ ފާހަގަކޮށްލެވޭ އެއްކަމަކީ، އަތޮޅުގެ ކޮންމެ ރަށަކުން ކުއްޖަކާއި، ބިލެތްފަހިންނާއި މަރޮށިން، ދެކުދިން ގުރްއާން ހިތުދަސްކޮށް، ގާރީކަމުގެ ސަނަދު ހޯދުމަށް ޕާކިސްތާނަށް ފޮނުއްވި ފޮނުއްވުމެވެ. އޭގެ އިތުރުން، ރާއްޖެއިން ބޭރަށް ތަޢްލީމު ހާސިލުކުރުމަށް ދިޔުމަށް ބައެއް ކުދިންނަށް އެހީތެރިކަންވެސް ދެއްވިއެވެ. އަދި ބައެއް ކުދިން މަދީނާ ޔުނިވަސިޓީންނާއި، ރިޔާޒު ޔުނިވަސިޓީން ތައުލީމު ހާސިލުކުރިއެވެ.

ހުސެއިން އަބްދުﷲ ގެ ހިދްމަތް ފެނިފައިވަނީ، ހަމައެކަނި ތައުލީމީ ދާއިރާއަކުން ނޫނެވެ. އިޖްތިމާއީ އިގްތިސާދީ އަދި އުމްރާނީ ތަރައްގީ އަށް ހިދުމަތް ކުރެއްވިއެވެ.

"ވަގުތު" އާ ވާހަކަ ދެއްކި ބައެއް ވިޔަފާރިވެރިން ބުނި ގޮތުގައި ހުސެއިން އަބްދުﷲ އަކީ ހިތްހެޔޮ، އޯގާތެރި މިޒާޖެއްގެ ބޭފުޅެކެވެ. އަދި އެއްވެސް ކަމަކަށް އެދިއްޖެ ނަމަ، ޝަކުވާއެއް ކުރުމެއް ނެތި އެކަމެއް ވަރަށް ފުރިހަމަ އަށް ނިންމަވައި ދެއްވާނެ ކަމަށް ވެސް އެ ވިޔަފާރިވެރިން ބުންޏެވެ.

"ވިޔަފާރިވެރިންނަށް ހުރި މިސާލެއް އަދި ނަމޫނާއެއް އެއީ. ދީލަތި ކަމުގައި އަރާ ހުންނެވި ބޭފުޅެއް. އަޅުގަނޑަށް ފެނުނު އެންމެ ގާތް އެއް ވިޔަފާރިވެރިޔާ އެއީ. އަޅުގަނޑުގެ ވިޔަފާރީގެ ކުރިއެރުމަކީ ވެސް ހުސެއިން އަބްދުﷲ ދެއްވި އެއްބާރުލުމާއި އެހީތެރިކަން،" މާލޭގެ މަޝްހޫރު ފިހާރައެއްގެ ވެރިއަކު ބުންޏެވެ.

މަޝްހޫރު ދީނީ އިލްމުވެރިޔާ ޑރ. މުހައްމަދު އިޔާޒް ކުރެއްވި ޓުވީޓެއްގައި ވިދާޅުވި ގޮތުގައި ހުސެއިން އަބްދުﷲ އަކީ ގައުމަށްޓަކައި ނުހަނު ގިނަ ހިދުމަތްތަކެއް ކުރެއްވި ބޭފުޅެކެވެ. އޭނާގެ ހަޔާތުގެ ފަހުކޮޅުގައި ވެސް ވީހާވެސް ގިނަ ހެޔޮ އަމަލު ކުރެވޭތޯ ގަދައަޅައި މަސައްކަތް ކުރެއްވި ކަމަށް އިޔާޒް ވިދާޅުވިއެވެ.

ކައުންސިލްގެ ރައީސް އަބްދުލްއަޒީޒް ވިދާޅުވީ ރަށުގެ ބަނދަރު ހެދުމުގައި 50 ޕަސަންޓު ހިއްސާ އޮތީ ހުސެއިން އަބްދުﷲ އަށް ކަމަށެވެ. އަދި މަރޮށްޓާއި ށ. ބިލެތްފައްސާއި ށ. ފީވަކުގައި މިސްކިތްތައް އެޅީ ހުސެއިން އަބްދުﷲ ގެ އަމިއްލަ ހަރަދުގައި ކަމަށް ވެސް އަބްދުލްއަޒީޒް ވިދާޅުވިއެވެ.

"މީގެ 25 ވަރަކަށް އަހަރު ކުރިން ބިލެތްފައްސާއި ފީވަކުގައި މިސްކިތެއް އެޅީ. ދާދި ފަހުން ދ. ކުޑަހުވަދޫގައި މިސްކިތެއް އަޅާފައިވޭ،" އަބްދުލްއަޒީޒް ވިދާޅުވިއެވެ.

އަބްދުލްއަޒީޒް ވިދާޅުވި ގޮތުގައި ހުސެއިން އަބްދުﷲ ހިނގާވެ ބިނގާވެ އުޅުއްވި އިރުގައި ކޮންމެ އަހަރަކު މަރޮށްޓަށާއި ށ. އަތޮޅުގެ އެހެން ރަށްތަކަށް ވަޑައިގަންނަވައެވެ. އަދި ކޮންމެ ރަށަކަށް ވަޑައިގެން ހުރި ދަތިތައް އޮޅުން ފިލުއްވައި ހައްދަވާ ކަމަށް އޭނާ ވިދާޅުވިއެވެ.

"މިހާރު އަށް ވަރަކަށް އަހަރު ވެދާނެ އަޅުގަނޑުމެން ރަށަށް ވަޑައިނުގަންނަވާތާ. އެއީ ހިނގާ ބިނގާވެ އުޅުމަށް ދަތިތަކެއް ހުރީމަ. ރަށުގައި ހިނގާ ކޮންމެ ކަމެއްގައިހެން އެހީތެރިކަން ލިބޭ. ރައްޔިތުން ވަރަށް ބޮޑަށް ގަދަރު ކުރައްވާ އެއް ބޭފުޅެއް ހުސެއިން އަބްދުﷲ އަކީ،" އަބްދުލްއަޒީޒް ވިދާޅުވިއެވެ.

ޖަމާޢަތަށް ފައިދާހުރި ހާއްސަ ހިދްމަތް ކުރެއްވުމުގެ ރޮނގުން 1992 ވަނަ އަހަރު ހުސެއިން އަބްދުﷲ އަށް އާންމު ހިދްމަތުގެ ހިތްވަރު ދިނުމުގެ އިނާމު، ސަރުކާރުން އަރުވައިފައެވެ. އަދި އޭގެ 13 އަހަރު ދުވަސްފަހުން، 2005 ވަނަ އަހަރު މިރޮނގުން ޝަރަފުވެރިކަމުގެ އިނާމުވެސް ހުސެއިން އަބްދުﷲ އަށް ސަރުކާރުން ވަނީ އަރުވާފައެވެ.

ހުސެއިން އަބްދުﷲ އަވަހާރަވީ ކޮވިޑް-19 ގެ ބަލީގައި ދަރުމަވަންތަ ހޮސްޕިޓަލްގެ އައިސީޔޫގައި ފަރުވާދެމުން ދަނިކޮށް ރޭގެ ވަގުތެއްގައެވެ. އޭނާގެ އަނބިކަނބަލުން އައިމިނަތު އާދަމް 83، މިދިޔަ މަހުގެ 29 ވަނަ ދުވަހު އަވަހާރަވެފައި ވަނީ ވެސް މި ބަލީގައެވެ.

ކިޔުންތެރިންގެ ހިޔާލު

5 ކޮމެންޓް

  1. އަހުމަދު

    އަހަރުމެންގެ ކަންމަތީ ފިހާރަ ހިންގަން ފަށަންވެސް އެމްއެޗްއޭ ގެ ވަރަށް ބޮޑު އެހީޔެރިކަމެއް ލިބުނު. އަދި ފަހުން ވެސް ވަރަށް އެހީތެރިވި. އަބްދުﷲ ބެއަށް ހެއޮ ރަޙްމަތް ލައްވާށި

    94
    1
  2. މުހައްމަދު

    މާތްﷲ މަރުހޫމަށް ސުވަރުގޭގެ ދާއިމީ ނިއުމަތް ލައްވާށި! އާމީން.

    70
  3. މުޙައްމަދު ޢަރީފް

    ޙުސެންބެއަކީ އަޅުގަނޑުމެންގެ އަތޮޅަށާއި، ދިވެހިޤައުމަށް އަގުނުކުރެވޭފަދަ ގިނަގުނަ ޚިދުމަތްތަކެއް ކޮށްދެއްވި އަގުހުރި މިތުރެއް އަޅުގަނޑުމެންނާ އަބަދުގެ އަބަދަށް ވަކިވިކަންމައްޗަށް ހިތާމަ ކުރަން މަްޙޫމްގެ ފުރާނަފުޅަށް ސުވަރުގޭގެ މަތިވެރި ނިޢުމަތް މިންވަރުކޮށްދެއްވާ ޢާއިލާ އަށް ކެތްތެރިކަން ދެއްވާ މި ހިހިތާވެރި ވަގުތުގެ ތަޢުޒިޔާ ކިއަން

    40
  4. އައިމޮން

    މާތް ﷲ ހުސައިން އަބްދުﷲ ގެ ފުރާނަފުޅަށް ސުވަރުގޭގެ މަތިވެރި ދާއިމީ ނިޢުމަތް ލައްވައި އެމަނިކުފާނުގެ އާއިލާއަށް ކެތްތެރިކަން ދެއްވާންދޭވެ!
    ރާއްޖޭގެ މުއްސަނދި ކަމަށް ދައުވާކުރާ މަހުޖަނުންތައް މަރްހޫމް ހުސައިން އަބްދުﷲ ގެ ދިރިއުޅުމުން މިސާލު ނަންގަވައި އެހީއަށް ބޭނުންވެފައިވާ އާއިލާތަކަށް ސަދަގާތްކުރުން އިތުރުކޮށް ދީލަތިވާން ދަސްކުރަންޖެހޭ!

    51
  5. ޢަލީމް

    ހުސައިނުބެ އަކީ އޯގާތެރި އިހްލާސްތެރި ގައުމައްމުހިންމު ބޭފުޅެއް. ހުސެއިނުބެއަޝާއި ހުސައިނުބެގެ އަންހެނުންނައް ހެޔޮރަހްމަތްލައްވާށި. އާމީން

    32