ރާއްޖޭގައި ކޮވިޑް-19 ޖެހިގެން ފުރަތަމަ ފަހަރަށް ނިޔާވި ދެމަފިރިކަނބަލުންނަކީ މަޝްހޫރު ވިޔަފާރި ކުންފުނި، އެމްއެޗްއޭގެ ބާނީ ހުސެއިން އަބްދުﷲ (ހުސެއިން ކަލޭފާނު) 88، އާއި އޭނާގެ އަނބިކަނބަލުން އައިމިނަތު އާދަމް 83، އެވެ. ދެމަފިރިކަނބަލުން ދުނިޔެއާ އަލްވަދާއު ކިއާފައި ވަނީ އެތައް ބަޔަކަށް ނަމޫނާ ދައްކަވައިފައެވެ. އެއީ އެހެން މީހުންނަށް އިބުރަތެކެވެ. ގިނަ ބަޔަކު ދެ މީހުން ސިފަ ކުރަނީ "ޖަވާހިރުން"ގެ ގޮތުގައެވެ.

އައިމިނަތު އާދަމަކީ ކޮވިޑް-19 ޖެހިގެން ރާއްޖެ އިން އެންމެ ފުރަތަމަ އަވަހާރަވި ދިވެއްސެވެ. އޭގެ ދެ ހަފްތާއެއްހާ ދުވަސް ފަހުން، އޭނާގެ ފިރިކަލުން ހުސެއިން ވެސް ހަމަ އެ ބަލީގައި އަވަހާރަވެގެން ދިޔައެވެ. އައިމިނަތު އާދަމަ އަވަހާރަވި އިރު، ހުސެއިން އަށް ދަރުމަވަންތަ ހޮސްޕިޓަލްގެ އައިސީޔޫގައި ދިޔައީ ފަރުވާދެމުންނެވެ. އޭރުގައި ވެސް ހުސެއިން ހާލު ވަރަށް ސީރިއަސްއެވެ. ދެމަފިރިކަނބަލުންގެ ކައިވެންޏަށް 65 އަހަރެވެ.

ރާއްޖޭގެ ގިނަ ވިޔަފާރިވެރިންނަށް ހުސެއިން އޮޅިފައެއް ނޯންނާނެއެވެ. ހުސެއިން 1970 ވަނަ އަހަރުގެ ކުރީކޮޅުން ފެށިގެން އާމްދަނީ ހޯއްދަވަން ކުރައްވަމުން ގެންދެވި އެއް މަސައްކަތަކީ ރޯމަސް ގަނެ ބޮޑު ސްޓޯރަށް ވިއްކެވުމެވެ. ކުންފުނި އުފެއްދުމުގެ ހުއްދަ ލިބުމާ އެކީގައި ހުސެއިން އެމްއެޗްއޭ ނަމުގައި ކުންފުންޏެއް އުފައްދަވައި ވިޔަފާރި ފުޅާކުރެއްވިއެވެ. އެ ވިޔަފާރިއަށް މިހާރު 48 އަހަރަށް ވުރެ ގިނަ އަހަރުވެއްޖެއެވެ. ރާއްޖެ އަށް އެންމެ ގިނަ އަދަދަކަށް ވިޔަފާރި މުދާ އިމްޕޯޓް ކުރާ އެއް ތަނަކީ ވެސް އެމްއެޗްއޭއެވެ.

ވިޔަފާރިވެރިޔާ ހުސެއިން އަބްދުﷲ: ނަމޫނާ ދިވެހި ދަރިއެއް!

ހުސެއިންގެ ކުރު ތައާރަފެއް ދޭ ނަމަ، އޭނާއަކީ ށ. މަރޮށްޓަށް އެތައް ގިނަ ހިދުމަތްތަކެއް ކުރެއްވި ބޭފުޅެކެވެ. ރަށުގެ ކަތީބު ކަން ކުރެއްވި ހުސެއިން އަށް މީގެކުރިން ވަނީ ނިޝާން ކަލާފާނުގެ ޝަރަފުގެ އިއްޒަތް (ނ.ކ.ޝ.އ) ލިބިވަޑައިގެންފައެވެ.

ވިޔަފާރީގެ ތެރޭގައި އެތައް އަހަރެއް އުޅުއްވި އިރު، ހުސެއިން ގަބޫލު ކުރައްވާ އެއް ކަމެއް އަބަދުވެސް އޮވެއެވެ. އެއީ ދަރަނި ނުވަތަ ލޯން ނުނެންގެވުމެވެ. ހުސެއިން އަބްދުﷲ ގެ އެ ސިޔާސަތަށް މިއަދު އެތައް ބަޔަކު ކުރަނީ ތައުރީފެވެ.

ކުރީގެ އުއްތަމަ ފަނޑިޔާރު އަޙްމަދު ފާއިޒް ހުސެއިން ފޭސްބުކްގައި ލިޔުއްވާފައިވާ ގޮތުގައި އެއް ދުވަހަކު ހުސެއިން އަބްދުﷲ ވިދާޅުވެގެން އެ ގެއަށް ވަޑައިގެންނެވިއެވެ. އޭރުގައި ހުސެއިން އަބްދުﷲ އުޅުއްވަނީ އާލާސްކަންފުޅާ ކަމަށް ފާއިޒް ވިދާޅުވިއެވެ.

"ވެއްދެވީ ކޮޓަރިކޮޅަށެވެ. އަރިހުގައި ޝެއިހް އުސްމާން އިންނެވިއެވެ. ބައެއް ކަންކަމުގައި މަޝްވަރާކޮށްލައްވަން ބޭނުންފުޅުވެގެންނެވެ. ހުސެއިންބެ ވިދާޅުވިއެވެ. ފާއިޒުއޭ... ތިމަން ވިޔަފާރި ކުރައްވާ އިރު ބޭންކުން ލޯން ނުނަންގަވަމެވެ. ވިޔަފާރީގައި ރިބާ ނުހިމަނުއްވަމެވެ،" ފާއިޒް ވިދާޅުވިއެވެ.

ޝެއިހް އުސްމާނަކީ ހުސެއިން އަބްދުﷲ ގެ އެއްބަނޑު އެއްބަފާ ކޮއްކޮއެވެ. ހުސެއިންގެ ތިބެނީ އެއްބަނޑު އެއްބަފާ 11 ފިރިހެން ބޭފުޅުންނާއި ދެ އަންހެން ބޭފުޅުންނެވެ. އޭގެ ތެރެއިން ބައެއް ބޭފުޅުން ވަނީ އަވަހާރަވެފައެވެ.

ރާއްޖޭގައި ކޮވިޑް-19 ފެތުރެން ފެށުމާ އެކީގައި އެ ވައިރަސްގެ "ތީރުތައް" އެންމެ ބޮޑަށް އަމާޒުވެފައި ވަނީ ވެސް އެމްއެޗްއޭއަށެވެ. ރާއްޖޭގައި ކޮވިޑް-19 ފެތުރިފައި އޮތް ގޮތަށް ބަލާ އިރު، އެންމެ ބޮޑެތި ކްލަސްޓާތަކުގެ ތެރޭގައި އެމްއެޗްއޭ ކްލަސްޓާ ހިމެނެއެވެ. މިހާތަނަށް ބެލެވިފައިވާ ގޮތުގައި ހުސެއިނަށާއި އައިމިނަތު އާދަމްގެ ގައިން ވައިރަސް ފެނިފައި ވަނީ އެމްއެޗްއޭގެ މުވައްޒަފަކާ ގޭތެރެއިން ކޮންޓެކްޓްވެފައި ހުރީމައެވެ.

ހުސެއިންގެ އާއިލާގެ ބޭފުޅަކު "ވަގުތަށް" ވިދާޅުވީ ދެމަފިރިކަނބަލުންގެ ކައިވެންޏަށް އެހާ ގިނަ އަހަރުތަކެއްވި އިރު، ދެމަފިރިކަނބަލުންގެ ބޭފުޅެއް ނުހުންނަ ކަމަށެވެ. އަދި ދެ ބޭފުޅުން ހަޔާތުގެ ދުވަސްތައް ހޭދަކުރެއްވީ އާއިލާގެ އެހެން މެމްބަރުންނާ އެކު ކަމަށް އޭނާ ވިދާޅުވިއެވެ.

"އާއިލާގެ އެހެން މެމްބަރުންނާ އެކީގައި މުޅިން ހެން ވަގުތު ހޭދަކުރެއްވީ ދެ ބޭފުޅުން. އާއިލާގެ މެމްބަރުންނަށް ލިބިފައިވާ ކުދިން ހުސެއިން އާއި އައިމިނަތު ކައިރިއަށް ގެނެސްގެން ތަރުބިއްޔަތު ދިން ގޭގައި. ވަރަށް މަޖާކޮށް އުޅުނީ،" އެމީހާ ކިޔައި ދިނެވެ.

އެމީހާ ވިދާޅުވި ގޮތުގައި ދެމަފިރިކަނބަލުން ދަރިކަލަކު ހޯއްދަވަން ގިނަ ދުވަސްތަކެއް ވަންދެން ބޭސް ކުރެއްވިއެވެ. އެގޮތުން، ރާއްޖެ އާއި ރާއްޖެ އިން ބޭރަށް ވަޑައިގެން އެކަމުގައި އެތައް އަހަރެއް ވަންދެން މަސައްކަތް ކުރެއްވި ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.

"އެކަން ކާމިޔާބުވާ ގޮތް ނުވި ކަމުގައިވިޔަސް، ދެ ބޭފުޅުންގެ އުޅުމަކަށް އެއްވެސް ބަދަލެއް ނާދެ. އެކަކު އަނެކަކަށް ވަރަށް ލޯބިން، އިހްލާސްތެރިކަމާއި ވަފާތެރިކަމާ އެކީގައި ދިރިއުޅުއްވަމުން ގެންދެވީ. އެކަމުގައި ވެސް ޝަކުވާއެއް ނެތި،" އެމީހާ ވިދާޅުވިއެވެ.

"އެކަމަކު، ހުސެއިން ވިދާޅުވާ އެއް ވާހަކައެއް އޮންނާނެ. ދަރިކަލަކު ލިބިވަޑައިގެންނެވި ނަމަ އާއިލާ ވަރަށް ފުރިހަމަވީހޭ،"

އެކަމަކު، ހަޔާތުގެ ފަހު ބައި ހުސެއިން ހޭދަކުރެއްވީ ބަލި އެނދުގައި ކަމަށް އޭނާ ވިދާޅުވިއެވެ. ނަމަވެސް، އައިމިނަތު އާދަމް އަށް ކޮންމެވެސް ވަރަކަށް ފަހަކާ ޖެހެން ދެން ހިނގައިގަނެވި އުޅެވޭ ކަމަށް ވެސް އެމީހާ ވިދާޅުވިއެވެ.

"މީގެ ހައެއްކަ އަހަރު ކުރިން ކުރެއްވި އޮޕަރޭޝަނަކާ ގުޅިގެން ހުސެއިން އަށް ހިންގަވަން އުނދަގޫވި. އޭރުން ފެށިގެން ބަލި އެނދުގައި އޮންނަނީ. މީގެ އެތައް އަހަރެއް ކުރިން ކަންފަތަށް އިވުމުގެ މައްސަލަތައް ކުރިމަތިވެ، މީހުންނާ މުއާމަލާތް ކުރައްވަން ޖެހިވަޑައިގެންފައި ވަނީ ލިޔެކިޔުމުން. ވިޔަފާރީގެ ކަންކަން ވެސް ހަވާލު ކުރައްވާފައި އޮންނަނީ އާއިލާގެ އެހެން މެމްބަރުންނާ،" އޭނާ ވިދާޅުވިއެވެ.

އެމްއެޗްއޭ ހިންގުން އާއިލާގެ އެހެން މެމްބަރުންނާ ހަވާލު ކުރެއްވިޔަސް، އެމްއެޗްއޭ ނަގައި ކޮޅަށް ޖެހުމުގެ މޭސްތެރިއަކީ ހުސެއިންއެވެ. ށ. މަރޮށްޓަށް އުފަން ހުސެއިނާއި ށ. ބިލެތްފައްސަށް އުފަން އައިމިނަތު އާދަމް ދުނިޔޭގައި މިއަދު ނެތަސް، އެއީ އެހެން މީހުންނަށް މިސާލެކެވެ. ދެ ބޭފުޅުނަކީ ވެސް އެތައް ބަޔަކަށް އެހީތެރިކަން ފޯރުކޮށްދެއްވައި މީހުންގެ އިހްތިރާމާއި ލޯބި ލިބިވަޑައިގެންފައިވާ ސަހުސިއްޔަތެކެވެ.

ކިޔުންތެރިންގެ ހިޔާލު

6 ކޮމެންޓް

  1. Anonymous

    އެދެކަނބަލުންގެ ފުރާނަށް ﷲހެޔޮރަޙްމަތް ލައްވާށި. އާމީން

    157
  2. މުހައްމަދު

    ހުސެއިން އަބްދުﷲ އާއި އަނބިކަނބަލުން އައިމިނަތު އާދަމް އަށް ހެޔޮ ރަޙްމަތްލައްވާ ޖަންނަތުގެ ހިޔާވަހިކަން ދެއްވާށި. އާމީން.

    140
    2
  3. އެކްޓަރ

    ނިޝާން ކަލޭފާނު ހުސައިންއަކީ ވިޔަފާރީގެ ލާމަސީލު ބޭފުޅެއް..ޚާއްސަކޮށް ރާއްޖޭގެ ވިޔަފާރިވެރިންނަށް.. ރާ ވިއްކާ އެއިން މަންފާ ނަގާ ވިޔަފާރިވެރިން ވިސްނަންޖެހޭ..އަހަރަމެން ގިނަވިޔަފާރިވެރިން އުޅޭނީ ރިބާ އަށްވެސް ލޯނެއް ނުލިބިގެން... ވިޔަފާރި ހުއްދަ ރިބާ ހަރާމް.. ސޭޓް ހުސައިން ކަލޭފާނު ރަގަޅު އަޚްލާގް ހުރިހާ ކަމަކަށް ފިޓް ނުވުމާއި ވުން އެއީ ސުވާލެއްނޫނެ...

    39
    1
  4. Anonymous

    ލޯބީގެ ރީތި މިޘާލެއް. އެހާ ތަނަވަސް ކަންހުރެ ގިނަ އަނބިން ހޯދުމުގެ ފުރުޞަތު އޮއްވާ ވެސް އަނބިކަނބަލުން ނާއިއެކު ބޭފުޅަކު ލިބިވަޑައި މިހެން އިރުވެސް އެކުގައި އޭހޭދަކުރެއްވީ އަނބިކަނބަލުން ދެކެ ވެވަޑައިގަންނެވި މަތިވެރި ލޯބިފުޅެއްގެ ސަބަބުން ކަން ޔަޤީން. ސުވަރުގޭގައި ވެސް އެދެކަނބަލުން އެކުގައި ލައްވާށި އާމީން.
    މިހާރު މިއުޅޭ މީހުން ނަމާދެއް ނުކުރިޔަސް އުޅޭ 4އަނބިން ހުއްދަވެ އެކަން ނުކުރެވިގެން. އަނެއްކޮޅުން ދަރިން ނުލިބޭތީ އޭ ކިޔާ ފަހަރަކު މީހަކާއި އިނދެވަރިކުރަމުން އެދުވަނީ.
    ޤުރްއާނުގައި އެއްބަޔަކަށް އަންހެން ދަރިން އަނެއްބަޔަކަށް ފިރިހެން ދަރިން އަދި އަނެއްބަޔަކަށް އަންހެން ދަރިންނާއި ފިރިހެން އަދި އަނެއްބަޔަކަށް އެއްވެސް ދަރިއެއް ނުދެއްވަވާ މިމިސާލަށް ބެލުމެއްނެތި.

    79
    2
  5. Anonymous

    އެ ދެމަފިރިންގެ ރަނގަޅު ހެޔޮ ނިމުމެއް ކަމުގައި ފެންނަނީ މި ބަލީގައި ނިޔާވެދިއުން
    ﷲ ތަޢާލާ ދެމަފިރިންނަށް ހެޔޮ ރަޙްމަތް ލައްވާށި

    88
    1
  6. ދުއާ

    އެތައް ކުދިންނެއް ބަލާ ބަލަހައްޓާ ކިޔަވައިދީ ގައުނުގެ އަގުހުރި ދަރިން ކަމުގައި ވާ މިންވަރައް ގިނަ އަދަދެއްގެ ކުދހިން ބެލެހެއްޓި. މަރުޙޫމޔންގެ ފުރާނައައް ރަހުމަތް ލައްވާ ސުވަރުގެ މިންވަރު ކުރައްވާށި.

    70