ދިވެހިންނަކީ ޒަމާނުއްސުރެ ކޮންމެ އީދު ދުވަހެއް ވެސް ވަރަށް ފޯރީގައި ފާހަގަކުރަމުން އައި ބައެކެވެ. ކޮންމެ އީދު ދުވަހެއްގެ އީދު ނަމާދުން ފެށިގެން ގޮސް އީދު ދުވަހުގެ އިރު އޮއްސުމާ ހަމައަށް ރާއްޖޭގެ ކޮންމެ ރަށެއްގައިވެސް ދަނީ ކުލަގަދަކޮށް އީދު ފާހަގަ ކުރަމުންނެވެ.

އީދު ފާހަގަ ކުރުން ފަށަނީ އީދު ނަމާދުންނެވެ. އެއަށްފަހު ގިނަ ރަށްރަށުގައި އީދު ދުވަހުގެ ހެނދުނުގެ ނާސްތާ ކުރަނީ ވެސް ރަށުގެ ރައްޔިތުން އެކުވެގެންނެވެ. އެއަށްފަހު ކުދިބޮޑު އެންމެން އީދު ދުވަހުގެ ޙާއްޞަ ކުޅިވަރުތައް ކުޅެން ފަށައެވެ. މެންދުރު ނަމާދަށްފަހު މެންދުރުގެ ނާސްތާ އަށް އަވަށްޓެރިންނާއި ތިމާގެ މީހުން އަދި ރަޙްމަތްތެރިންނަށް ދައުވަތު ދީގެން އެެއް ސުފުރާއެއް މަތީގައި ކައިބޮއި ހަދައެވެ.

މިއީ ދިވެހިން ޒަމާނުއްސުރެ ފާހަގަ ކުރަމުން އައި އީދާއި ވަރަށް ތަފާތު އީދު ދުވަހެކެވެ. މުޅި ޤައުމު އޮތީ ފުރަބަންދުގައެވެ. ގޭގެއަށް ޒިޔާރަތް ކުރެވޭކަށް ނެތެވެ. އެންމެ ކުޑަމިނުން އީދު ސަލާމެއްވެސް ކުރެވޭކަށެއް ނެތެވެ.

ޒަމާނުއްސުރެ ދިވެހިންގެ އާދަކާދަތަކަށް ވެފައި އޮންނަ ކުލަޖެހުމާއި، އީދު ސަލާމް ކުރުން ފަދަ ކަންކަމާއި ދުރުހެލިވެ މިއަދު ހަމައެކަނި ކޮށްލެވެން އޮތް ކަމަކީ ތިންފޫޓު ދުރުގައި ތިބެ އެކަކު އަނެކަކަށް އީދު ދުވަހުގެ ތަހުނިޔާ ކިއުމެވެ. މާލެ ފަދަ ތަންތަނުގައި ބަންދުވެފައި ތިބި މީހުންނަށް މި ފުރުސަތެއް ވެސް ނެތެވެ.

ކޮންމެ އަހަރަކު ފުރި ބާރުވެ، ސަފުތައް ބޭރުގައި ހަދައިގެން އީދު ނަމާދު ކުރަމުން އައި، އިސްލާމީ މަރުކަޒުގައި މިއަދު އީދު ނަމާދު ކުރީ އިސްލާމިކް މިނިސްޓްރީގެ ދެތިން މުވައްޒަފެކެވެ. އެވަގުތު އެހެން އަހަރުތަކާއި ހިލާފަށް މުޅި އިސްލާމީ މަރުކަޒުތެރެ އޮތީ ފަޅުކޮށެވެ. ބަލާލަން ހިތްދަތި މަންޒަރެއް ކަމުގައި ވީނަމަވެސް އިތުރު ގޮތެއް ނެތެވެ.

އަދި ކޮންމެ އީދެއްގައި ވެސް އެކުގައި ވަގުތުތައް ހޭދަކުރާ އާއިލާތަކާއި ދުރުގައި ތިބި މީހުންގެ ހާލު އޮންލައިންކޮށް، ނުވަތަ ގުޅާލައިގެން ބަލާލައި އެމީހުންނަށް ދުވަހުގެ ތަހުނިޔާ ފޮނުވުން ނޫން ގޮތެއް ނެތެވެ. މާލޭގެ ތާށިވެފައިވާ މާހައުލުގައި ތިބުމަށްފަހު އެހެން އަހަރުތަކާއި އެއްގޮތަށް އާއިލާ އާއި އީދު ދުވަހު ބައްދަލުކުރަން ބޭނުންވާ ކިތަންމެ ބަޔަކު އެބަ ތިއްބެވެ. ނަމަވެސް މިހާރު ފެތުރެމުން އަންނަ ނުރައްކާތެރި ވައިރަހުގެ ސަބަބުން އެކަންވެސް ކުރެވޭކަށެއް ނެތެވެ.

އެހެންކަމުން މިއަދު ޢާއިލާތަކާއި ރަޙްމަތްތެރިންނާއި ބައްދަލު ނުކޮށް ގޭގައި ތިބުން ބުއްދިވެރިއެވެ. ސަރުކާރުން ގޭއިން ބޭރުގައި އުޅެގެން އަދަބު ނުދޭ ރަށްރަށުގައި ވެސް ގޭގައި ތިބެ އީދު ފާހަގަ ކުރުން މުހިންމެވެ.

ރާއްޖޭގެ ގިނަ ރަށްރަށުގައި މިއަދު އީދު ނަމާދު ވަނީ މިސްކިތު ޖަމާއަތުގައި ކޮށްފައެވެ. ނަމަވެސް އެ ރަށްރަށުގައި ވެސް އީދު ފާހަގަކުރަމުން ދަނީ މޮޅިވެރިކަމާ އެކުއެވެ. ކޮވިޑް-19 ފެނިފައިވާ ރަށްރަށުގައި ޖަމާއަތުގައި ނަމާދު ކުރުމަށް އަދި ހުއްދަ ދީފައި ނެތުމުގެ ސަބަބުން، އެ ރަށްރަށުގެ މީހުން އީދު ނަމާދު ކުރީ ގޭގައެވެ.

ސަރުކާރުން އިލްތިމާސް ކުރާ ފަދައިން މުއާސަލާތީ ގުޅުންތައް ބޭނުންކޮށްގެން އީދު ދުވަހުގެ ތަހުނިޔާ ފޮނުވައި އާއިލާއާ ރަހުމަތްތެރިންގެ ހާލު އޮޅުންފިލުވާށެވެ. އުންމީދާ އެކު ސަރުކާރާއި ކަމާބެހޭ ފަރާތްތަކުގެ އިލްތިމާސް ގަބޫލުކޮށްފި ނަމަ ދެން އޮތް އީދު ފޯރީގައި ފާހަގަ ކުރެވިދާނެއެވެ.

ކިޔުންތެރިންގެ ހިޔާލު

4 ކޮމެންޓް

  1. އެފް

    ބޮޑުކޮށް އިސްރާފުކުރުމާ އާދައާ ޚިލާފަށް ކުޅިމަޖާ ނެގުމާ ބޭރުގެ ސަގާފަތް ތަކުގެ ކުލައިން ތަތްތެޅުމަކީ އީދު ފާހަގަކުރުން ކަމަކަށް ނުބެލެވެއެވެ. މިހާލަތުގައިވެސް އެކިވަސީލަތުން ތަހުނިޔާ ބަދަލުކުރުމާ އާއިލާ ބަދަހިކޮށް އެހީތެރިވަމުން މިއޮއްގެންދަނީ އެވެ. ކެއްތެރިކަމާ އުފާވެރިކަމާވެސް އެކުގައެވެ.

  2. މޮޔަބެ

    އޯކޭ ރައްޔިތުން ހަމަ ހިމޭނުން އެބަތިބި؛ ނަމަވެސް ބަޔަކު ފޫގަޅައިގެން ދައުލަތު ދަވާލަން މަސައްކަތްކުރާނަމަ އެއީ ގޯހެއް...މިހާރު މިކުރާ ޚަރަދު އޯޑިޓްކޮށް ހަފުތާއަކު އެއްފަހަރު ޚަރަދުގެ ތަފްސީލް ރައްޔިތުންނަށް ހާމަކޮށްދެއްވާ ..ދިވެހި ރައްޔިތުން ދަރައިގެން ބޭރު ގައުމުތަކުގެ މީހުންނަށް ޚަރަދުކޮށް ދައުލަތު ހުސްވީމަ ސަޅިއެއްނޫން... ދިވެހިރާއްޖޭގެ ހުރިހާ ރަށެއްގައި ނަރުދަމާ އެޅޭހައި ފައިސާ ޚަރަދުވެ އަދިވެސް ކުރަން މަޖުބޫރު..ވީމާ ރުގިމަގަށް މިޤައުމުގެ ދަރިން ބޭނުންކޮށްގެން ލޭބަރ ފޯސް ބައްޓަން ކުރައްވާ....

  3. ޢުމަރު ބިން ޢަބްދުލް ޢަޒީޒް

    ރަނުގެ ފެންވަރު ބެލެނީ އަލިފާނުންނެވެ. މުއުމިނާ އިމްތިހާން ކުރެވެނީ މުސީބާތްތަކުންނެވެ.
    މާތް ﷲ މި އިމްތިހާނުން ފާސްވެ ކެތްތެރިވުމުގެ ހެޔޮ ތައުފީޤް އެންމެހާ މުސްލިމުންނަށް ދެއްވާށި.އާމީން

    10
  4. ވަހީދ

    ދިވެހިންނަކީ ޒަމާނުއްސުރެ ވިޔާނުދާ ގޮތަކައް އީދު ފާހަގަކުރާބަިޔެއް. މީހުންގެ ފިރިންނާ އަބިންނާ ފޮށި ފެންޖެހުމާ، ކުޅިވަރުކުޅެ ނެށުން ކަމަކީ. އީދައް ހަދު ފެނުމާއެކު ޓީވީ ތަކައް އެ އެރީ ބަރަހަނާހާލުގަ ބުރުގާ އަޅައިގެންތިބި އަންހެނުންތައް ތަންތަން ގުޑުވާފަ ނަށަން. ދިވެހިރާއްޖޭގަ އީދު އެއީ މުލާން ރޫޖް ގެ ކަމެއް.