ކޮންމެ ދެމަފިރިއެއްމެ ހަޔާތެއް ފަށާނީ އުފާވެރި ދިރިއުޅުމެއްގެ ފޮނި އުންމީދުގައެވެ. އެ ދިރިއުޅުމަށް ލިބޭނެ އެންމެ ބޮޑު އުފަލަކީ ދެމަފިރިއެއްގެ ދިރިއުޅުމުގައި ކުލަ ޖައްސައިދޭނެ ދަރިންތަކެއް ދުނިޔެއަށް އުފަންވުމެވެ. އެހެނަސް އެދެކޭ ފޮނި ހުވަފެންތައް ހަޤީޤަތަކަށް ހެދުމަކީ ގިނަ ފަހަރަށް އެމީހުންގެ އިޚްތިޔާރުން ދުރުގައި އޮންނަ ކަމަކަށްވެ، އުންމީދުތަކަށް ހުރަސް އެޅޭ ފަހަރު އާދެއެވެ. ތަގުދީރަކީ އެކަހަލަ އެއްޗެކެވެ.

ށ. ނަރުދޫ އަށް ނިސްބަތްވާ ހަސަން ސުޖާއު އާއި ސަދުނާއަކީ ވެސް އެފަދަ ފޮނި ހުވަފެންތަކެއް ދެކެމުން، އުފާވެރި ޙަޔާތެއް ވޭތުކުރަމުން އައި ދެމަފިރިންނެވެ. ނަމަވެސް ކޮވިޑް-19 ގެ ކަޅު ހިޔަންޏާއެކު، ދެން ދިމާވި ހާދިސާއެއްގައި، ކުރަމުން އައިހާ އުންމީދެއްގެ ފަހު މަރުޙަލާއިން އެ ހުރިހާ އުފަލެއް ހިތާމައަށް ބަދަލުވެގެން ދިޔައީ ހީވެސް ނުކުރާފަދަ ގޮތަކަށެވެ.

ސުޖާއު އާއި ސަދުނާގެ ކައިވެންޏަށް 9 އަހަރު ވީއެވެ. މި ދެމަފިރިންނަކީ ތެލެސީމިއާއަށް ވާރުތަކުރާ ދެމަފިރިންނެވެ. ކައިވެންޏަށް އެންމެ ފުރަތަމަ ލިބުނު ދަރިފުޅުވީ ލޭއަޅާ ކުއްޖަކަށެވެ. އެ ހާސްކަމާއި ހިތާމަ ތަޙައްމަލް ކުރަމުން އަންނަނިކޮށް (8 އަހަރު ފަހުން) މީގެ ނުވަ ވަރަކަށް މަސް ކުރިން އުފާވެރި ސިގްނަލެއް ލިބުނީ ދެވަނަ ކުއްޖަކަށް ސަދުނާ މާބަނޑުވި ހިސާބުންނެވެ.

ކައިވެންޏަށް ލިބޭ ދެވަނަ ކުއްޖާއަކީ ދުޅަހެޔޮ ކުއްޖަކަށްވުމަށް ދެމަފިރިންވެސް ނުހަނު އެދެމުން ދިޔައެވެ. އެ އުންމީދު ފުރިހަމަވެއްޖެކަން ޔަޤީންވީ އޭގެ ތިންވަރަކަށް މަސް ފަހުން އިންޑިއާއަށް ގޮސް ހެދި ޓެސްޓުތަކަކުންނެވެ. އެއާއެކު ލޭނާޅާ ކުއްޖަކު ހޯދުމަށް އެދެމަފިރިން ދެކެމުން އައި ހުވަފެން ހަޤީޤަތަކަށްވެ، އެ ދަރިފުޅާއި މެދު މުޅި އާއިލާއިންވެސް ކުރަމުން އައި އުންމީދު ބޮޑުވިއެވެ. އާއިލާއިން ދިޔައީ ލިބުނު އެ އުފަލާއެކު "ހުރިހާ ކަމެއްވެސް ވަރަށް ގާތުން ބަލަމުން" ނެވެ.

އެ އާއިލާއިން "ވަގުތު" އަށް މަޢުލޫމާތުދިން ފަރާތުން ބުނިގޮތުގައި، އިންޑިއާއިން އެދެމަފިރިން އައި ފަހުންވެސް ޤަވާއިދުން ފުނަދޫ ހޮސްޕިޓަލަށް ސަދުނާ ދިޔައީ ދައްކަމުންނެވެ. ޑޮކްޓަރުންގެ ލަފަޔާއި އިރުޝާދު ހޯދައި، ހުރިހާ ކަމެއްވެސް އެންމެ ފުރިހަމައަށް ކުރުމަށް ނިންމައިގެންނެވެ. މިގޮތުގައި ދުވަސްކޮޅެއްވީފަހުން ރާއްޖެއަށް ކޮވިޑް-19 ގެ ނުރައްކާ ކުރިމަތިވިއެވެ. ނަމަވެސް ހޮސްޕިޓަލަށް ގުޅައިގެން އެ ދެމަފިރިން ދިޔައީ މަޢުލުމާތު ޙިއްސާކޮށް ލަފާ ހޯދަމުންނެވެ.

މިމަހުގެ 30 ވަނަ ދުވަހަކީ ސަދުނާ ވިހާނެ ކަމަށް ޑޮކްޓަރުން ލަފާކޮށްފައި އޮތް ދުވަހެވެ. އެހެންކަމުން އެ ދުވަހަށްޓަކައި އާއި ލިބިގެންދާ އުފަލަށް ސުޖާއު އާއި އާއިލާއިން ދިޔައީ ތައްޔާރުވަމުންނެވެ. ސުޖާއު ދިޔައީ ސަދުނާ ވިހާނެ ކަމަށް ލަފާކުރި ދުވަހުގެ އެތައް ދުވަހެއް ކުރިން ފެށިގެން އެކަން ހޮސްޕިޓަލުގެ ސަމާލުކަމަށް ގެންގޮސް ވިހެއުމުގެ ކަންކަން ހަމަޖެއްސުމަށް މަސައްކަތް ކުރަމުންނެވެ. ކަންތައްކުރަންވީ ގޮތާއި ސަދުނާގެ ފަރާތުން ފެންނަ ކަންކަން ޙިއްސާކޮށް މަޝްވަރާ ކުރަމުން ދިޔައީ ދަރިފުޅު އުފަންވާނޭ ވަގުތަކަށް ކެތްމަދުވެފައި ހުރެގެންނެވެ.

އާއިލާއިން މަޢުލޫމާތު ދިން ގޮތުން، ސަދުނާ ހޮސްޕިޓަލަށް ގެންދިއުމުގެ މަސައްކަތް ފެށީ އިއްޔެ އެވެ. އެއާއެކު އެންމެ ފުރަތަމަ މަސައްކަތް ކުރީ ށ. ފުނަދޫ ހޮސްޕިޓަލަށް ގެންގޮސް ޑޮކްޓަރަށް ދެއްކުމަށެވެ. ނަމަވެސް ހޮސްޕިޓަލުގެ އަންހެނުންނަށް ޚާއްސަ ޑޮކްޓަރު ހުންނެވީ އެކަން ކޮށްދޭ ގޮތަކަށް ނޫން ކަމަށް އާއިލާއިން ބުނެފައި ވެއެވެ. އޭނާ އެ އެދުމަށް އިންކާރުކޮށް، އެންގީ އެ ހޮސްޕިޓަލުން ސަދުނާއަށް ފަރުވާނުދެވޭނެ ކަމާއި އެރަށަށް ސަދުނާ ގެންގޮސްގެން ނުވާނެ ކަމެވެ.

ގޮތްހުސްވެފައި ތިބެ އާއިލާ އާއި ނަރުދޫ ކޮވިޑް-19 ޓާސްކްފޯސް އިން އެކަން ފުނަދޫ ހޮސްޕިޓަލުގެ މެނޭޖަރަށް ގުޅައިގެންވެސް ހަމަޖެއްސޭތޯ ބެލިއެވެ. ނަމަވެސް މެނޭޖަރުގެ ޖަވާބަކަށްވެސް ވީ "ޑޮކްޓަރ ދެކޮޅު ހަދަންޏާ ކުރެވޭނެ ކަމެއް ނެތް" ކަމެވެ.

ސުޖާއު އާއި އާއިލާއިން ދެން މަސައްކަތް ފެށީ ށ. މިލަދޫ ސިއްޙީ މަރުކަޒަށް ނުވަތަ، ޖެހިގެން އޮތް ހދ. އަތޮޅު ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލަށް ސަދުނާ ގެންދިއުމަށެވެ. އެކަމަށްޓަކައި ބޭނުންވާ އެންމެހާ ހުއްދަތައް ނަރުދޫ ކައުންސިލުން ވަނީ އާއިލާއަށް ފޯރުކޮށްދީފައެވެ. ނަމަވެސް ކުޅުދުއްފުށީ ހޮސްޕިޓަލުން ހުއްދަދޭން ނިންމިއިރު ޝަރުތުތަކެއް ކޮށްފައިވާ ކަމަށް އާއިލާއިން ބުނެއެވެ. އެއީ ސަދުނާ އާއި އެހީތެރިން ކޮވިޑް-19 އަށް ޓެސްޓުކޮށް ނަތީޖާ ހޯދުމަށް، ނުވަތަ އެރަށަށް އެމީހުން ގެންގޮސް ސަދުނާ ވަގުތުން ހޮސްޕިޓަލަށް ގެންގޮސް އެހެން މީހުން ކަރަންޓީނަށް ގެންދިއުމަށެވެ.

މިކަމާއި ގުޅިގެން ކުޅުދުއްފުއްޓަށް ދާ އެންމެން ކޮވިޑް-19 އަށް ޓެސްޓު ކުރުމަށް ސުންކު (ސާމްޕަލް) ނަގާފައިވަނީ ރޭގެ ވަގުތެއްގައެވެ. އަދި އެއަށްފަހު އެމީހުންނަށް ކުޅުދުއްފުއްޓަށް ދެވޭގޮތް ހަމަޖެހުނީ މިއަދުއެވެ. ކުޅުދުއްފުށީ ހޮސްޕިޓަލަށް ގެންދިއުމުގެ ކުރިން ސަދުނާ ގެންދިޔައީ މިލަންދޫ ސިއްޙީ މަރުކަޒަށެވެ. އެއަށްފަހު އެ މަރުކަޒުގެ ލަފާގެ މަތިން މިއަދު ކުޅުދުއްފުއްޓަށް ސަދުނާ ގެންދެވުނެވެ. ނަމަވެސް ހަވީރު ކުޅުދުއްފުށީ ހޮސްޕިޓަލުން ބެލި ބެލުމުން އެނގިފައިވަނީ އޭރު މާސް ލަސްވެއްޖެ ކަމާއި ސަދުނާގެ ބަނޑަށް އޭނާގެ އުފަންނުވާ ދަރިފުޅު ނިޔާވެފައިވާ ކަމެވެ. އާއިލާއަށް މަޖުބޫރުވީ، ޤަބޫލުކުރަން ދަތި އެ ހަޤީޤަތާއި ކުރިމަތިލާށެވެ.

މި ހިތާމަވެރި ހާދިސާ އާއި ގުޅިގެން ސަދުނާގެ އާއިލާއިން ބުނެފައިވަނީ، ފަރުވާ ހޯދުމަށްޓަކައި ބޭނުންވާ ކަންކަން ހަމަޖެއްސުމަށް ނަރުދޫ ކައުންސިލްގެ ވަރަށް ބޮޑު އެއްބާރުލުމެއް ލިބުނު ކަމަށެވެ. ނަމަވެސް ހާލަތު ގޯސްވަމުން ދިޔައިރުވެސް އެކަށީގެންވާ އެއްބާރުލުމާއި އެހީތެރިކަން ނުލިބި ދަރިފުޅު ނިޔާވީ ސިއްޙީ ދާއިރާގެ އިންތިޒާމެއް ހަމަނުޖެހުމުން ކަމަށް އެފަރާތުން ބުނެއެވެ.

ކުޅުދުއްފުއްޓަށް މިއަދު ސަދުނާއާއި އެކު ދިޔައީ، ފިރިމީހާ ސުޖާއު އާއި އެހީތެރިއެކެވެ. ސަދުނާ އެ ހޮސްޕިޓަލުގައި އެޑްމިޓްކުރިއިރު ފިރިމީހާ އަށް އޭނާއާއި އެކުގައި ހުރުމުގެ ފުރުސަތު ލިބުނެވެ. ނަމަވެސް އެހީތެރިޔާ ހުރީ ހޮސްޕިޓަލުން ބޭރުގައި ކަރަންޓީނުގައެވެ.

އާއިލާއިން މަޢުލޫމާތު ދިން ފަރާތުން ބުނެފައި ވަނީ، އެންމެ ފުރަތަމަ ސަދުނާ ދައްކަން ނިންމާފައިވާ ފުނަދޫ ޑޮކްޓަރު، އެރަށުން ފަރުވާދެވެން ނެތްކަމަށް ބުންޏަސް އާއިލާއިން އެކަން ޤަބޫލުނުކުރާ ކަމަށެވެ. އަދި ޑޮކްޓަރު އެގޮތަށް ކަންތައްކޮށްފައި ވަނީ، ނަރުދޫގައި ކޮވިޑް އޮތީތީ ކަމަށާއި "ކޮވިޑް ދެކެ ބިރުން އިތުރު ފުރާނަތައް ގެއްލުވަނީ،" ކަމަށް އޭނާ ބުންޏެވެ.

ކުއްޖާގެ ބައްޕަ ސުޖާއު "ވަގުތު" އަށް ބުނެފައިވަނީ ފުނަދޫ ހޮސްޕިޓަލަށް ސަދުނާ ގެންދަން އުޅުނީ ފުރަބަންދާއި ގުޅިގެން އޭނާ ޑޮކްޓަރަށް ނުދެއްކި ގިނަ ދުވަސްތަކެއް ވެފައިވުމާއެކު ވިހަން ހަމަޖެހިފައިވާ ދުވަސް ކައިރިވުމުން ކަމަށެވެ. ނަމަވެސް "ހޮސްޕިޓަލުގައި މަސައްކަތެއް ކުރާތީ މިވަގުތު ޑޮކްޓަރަށް ދެއްކެން ނެތް ކަމަށް" އެ ހޮސްޕިޓަލުން ބުނި ކަމަށް ސުޖާއު ބުނެފައި ވެއެވެ.

ސުޖާއު ބުނެފައިވާ ގޮތުގައި އެމީހުން ފުނަދޫ ހޮސްޕިޓަލަށް ދެއްކޭނެ ގޮތް ހަމަނުޖެހި ދިޔައީ، ނަރުދޫގައި ކޮވިޑް އޮތުމުން ނަރުދޫ މީހުން އެރަށް ނޭރުވުމުގެ "ޕްލޭނެއް" ގެ ދަށުން ކަމަށް މަޢުލޫމާތު ލިބޭ ކަމަށެވެ.

ވިހަން ތައްޔާރުވެފައި އިން އަނބިމީހާ ޑޮކްޓަރަށް ދެއްކޭނެ ގޮތް ހަމަނުޖެހިގެން ސިއްޙީ އިދާރާތަކުން ފެށިގެން މިނިސްޓްރީ އާއި ހަމައަށްވެސް ގުޅައިގެން އިންތިޒާމް ހަމަޖެހޭތޯ މަސައްކަތްކުރެވުނު ސުޖާއު ބުންޏެވެ. ނަމަވެސް ފާއިތުވެދިޔަ ދޮޅުމަހެއްހައި ދުވަސް ފާއިތުވެގެން ދިޔައީ އެކަން ހަމަޖެހޭ ގޮތް ނުވެ ކަމަށް އޭނާ ބުނެއެވެ.

މި ހާދިސާ އާއި ގުޅިގެން ސަދުނާ އެންމެ ފަހުން ބެލި ކުޅުދުއްފުށީ ހޮސްޕިޓަލުން ބުނެފައި ވަނީ، ސަދުނާ މިއަދު ފުރަތަމަ ގެންދިޔައީ ށ. މިލަންދޫ ސިއްޙީ މަރުކަޒަށް ކަމަށެވެ. ކުޅުދުއްފުށީ ހޮސްޕިޓަލަށް އޭނާ ގެންދިއުމަށް ލަފާދިނީ އެ މަރުކަޒުން ކަމަށާއި، އޭރު ކުއްޖާގެ ވިންދު ނެތްކަމަށް މިލަންދޫ ހޮސްޕިޓަލުން މަޢުލޫމާތު ދީފައިވާ ކަމަށް ވެސް ކުޅުދުއްފުށީ ހޮސްޕިޓަލުން ބުނެފައި ވެއެވެ.

އެ ހޮސްޕިޓަލުން ބުނާގޮތުން ސަދުނާ ކުޅުދުއްފުއްޓަށް ގެންދިޔައީ މިއަދު މެނދުރުފަހު 3:00 ހާއިރެވެ. އަދި ހޮސްޕިޓަލަށް އޭނާ ގެންދިއުމަށް ކުރިން ހަމަޖެހިފައި އޮތީ މާދަމާގެ ވަގުތެއްގައި ކަމަށާއި، އިއްޔެ އެ ހުއްދަ ދީފައިވާނެ ކަމަށް އެ ހޮސްޕިޓަލުން ބުނެފައި ވެއެވެ.

ކުޅުދުއްފުށީ ހޮސްޕިޓަލުގެ ފަރާތުން "ވަގުތު" އަށް މަޢުލޫމާތުދިން އެ ހޮސްޕިޓަލުގެ މެނޭޖަރ ވިދާޅުވެފައި ވަނީ، އެ ހޮސްޕިޓަލަށް ގެންދެވޭނީ ކޮވިޑް-19 އަށް ޓެސްޓު ކުރުމަށްފަހު ކަމަށް ނުބުނާ ކަމަށާއި، ނަމަވެސް ކޮވިޑް-19 ފެތުރިފައިވާ ރަށެއްވުމުން އެޑްމިޓް ކުރާއިރު ފިޔަވަޅުތައް އަޅާނެ ކަމަށެވެ. އެގޮތުން މީގެ ކުރިން ވެސް އެކި ރަށްތަކުން ހަތަރު މީހަކު ކުޅުދުއްފުށީ ހޮސްޕިޓަލަށް ގެންގޮސްފައިވާ ކަން އޭނާ ވަނީ ފާހަގަކުރައްވާފައެވެ.

ކުއްޖާ ނިޔާވީ، ހޮސްޕިޓަލަށް ގެންދިޔަ ފަހުންތޯ ނުވަތަ އޭގެ ކުރިންތޯ ތަކުރާރުކޮށް ސުވާލު ކުރުމުންވެސް މެނޭޖަރު އެކަމަކަށް ސީދާ ޖަވާބެއް ނުދެއްވައެވެ. "އަޅުގަނޑުމެންނަށް މިލަންދޫ މަރުކަޒުން މަޢުލޫމާތު ދެއްވީ ކުއްޖާގެ ވިންދު ނެތްކަމަށް" ތަކުރާރުކޮށް އޭނާ ވިދާޅުވިއެވެ.

މިއީ ރާއްޖޭގައި ކޮވިޑް-19 ފެތުރުމާއި ގުޅިގެން ފިޔަވަޅުތައް އަޅާފައި ވަނިކޮށް މިފަދަ ހިތާމަވެރި ހާދިސާއެއް ހިނގި ދެވަނަ ފަހަރެވެ. މީގެ ކުރިން އއ. ތޮއްޑޫގައި ވެސް ފަރުވާ ލަސްވުމުން އަންހެނެއްގެ ބަނޑަށް ކުއްޖަކު ނިޔާވެފައި ވެއެވެ. ކޮވިޑް-19 އާއި އެކު އަޅާފައިވާ ރައްކާތެރިކަމުގެ ފިޔަވަޅުތަކާއެކު ސިއްޙީ ހާލަތުތައް މެދުވެރިވާ ފަރާތްތަކަށް ގޮތްހުސްވެ އިތުރު ނުރައްކާތަކާއި ދިމާވަމުން ދިއުމަކީ ގިނަ ބައެއްގެ ކަންބޮޑުވުމެކެވެ.

ކިޔުންތެރިންގެ ހިޔާލު

31 ކޮމެންޓް

 1. ކޮކީ

  އެޖެންޑާ19 ތަފާތުވާނެ. އާއިލާއަށް ކެތްތެރިކަން ދެއްވާށި

  115
  9
 2. ޖުލައި

  ކޮވިޑުން މަރުވާ މީހުންނަށްވުރެ. ކޮވިޑަށް ބިރުން މަރުވާ މީހުން ގިނަވެއްޖެ. ސަރުކާރުގެ ގާބިލުކަން ނެތް މިހާލަތް މެނޭޖު ކުރަން.

  155
  11
  • Are you going to be in the middle of nowhere

   ކޮންތިމޮޔަ ވާހަކަ އެއް

   18
   59
   • ޙާލަަތު

    ކޮވިޑް ޖުހިގެން މަރުވާ މީހުނަށް ވުރެން މިޙާލަތުގައި ނުޖެހިމަރުވާމީހުން މާގިނަ! މާހަރުކަށި ކޮށްގެން އެންމެން އުޅޭނީ... ކޮވިޑް ނޫނަސް ދެންވެސް އުޅެނީ ބަލިމީހުންކަންބަލާ ފުޜާނަދޔުމުގެ ކުރިން އަވަސް
    ފިޔަވަޅު އަޅާ!!

    115
    1
 3. ވޮޗަރު

  ތީގަ ހުރިހާ ޒިންމާ އެއް ނަގަން ޖެހޭނީ ފުނަދޫ ހޮސްޕިޓަލް އިން. ހާއްސަ ފުނަދޫ ހޮސްޕިޓަލް ގެ އެ ޑަކްޓަރު. އޭނާ އަށް ވަގުތުން ފިޔަވަޅު އެޅުމަށް ގޮވާލަން.

  198
  9
 4. ޞޮރޭ

  ކީކ ކޭ ދެން ބުނާނި ބަލާއެއްމީ މިބުނީ ސަރުކ ކާރު ވަހަ ކާ

  90
  9
 5. ނާޢިން

  ފުނަދޫން މީގެ ހަފުތާއެއް ދުވަސް ކުރިން ދެއްކި ނަމޫނާ މި އޮތީ ހޮސްޕިޓަލުން ދިމާ އިދިކޮޅަށް ދައްކާފަ އިހުމާލު މުޅިންވެސް ބަލި އުޅުނަސް އެހެން ފުރާނަ ތަށް ސަލާމަތް ކުރެވޭތޯ ބަލަންޖެހޭނެ ބަލި ޖެހި މަރުނުވެ ބަލި ނުޖެހި މަރުވުންވެސް ގާތް މަރަކީ ބައްޔަކީ އެގި ވާކަމެއްނޫން މަތިވެރިފަރާތެއްވާކަން ހަމަ ނޭގެނީތޯ ހިތަށް އަރާ

  132
  6
 6. ލަދު

  މިހިރީ އަތޮޅުތެރޭމީހުން ސިއްހީހިދުމަތް ހޯދަން އުފުލަންޖެހޭބުރަ.

  202
  1
 7. Anonymous

  ޕިސް ޕިސް. ރަށްރަށުގައާއި އަތޮޅު ފެންވަރުގަ ބޮޑެތި ހޮސްޕިޓަލްތަށް އަޅާގެން މެނޭޖް ނުކެރެވޭކަން މިހިރީ. ބޮޑެތި މުސާރަދީފަ މެނޭޖަރުންނާ ޑޮކްޓަރުންނާ ނަރުހުން ތިބެނީ ނަމެއްގަ. ފޫޅަމައިންވެސް މާ ރަނަގަޅުވާނެ.

  160
  7
 8. ރައި

  ވަރަށް ދެރަ

  95
 9. ޝައްތާރު

  ތި ޑޮކުޓަރެއް ނޫން!! ޑޮކްޓަރުންނަކީ ބަލިމީހުންނަ އަޅާލާ އެބަލިމީހާ އަށް ފަރުވާކުރަން ހުންނަމީހެއް.. ތުއި ދެއްކޭން ހުންނަ މީހެއްނޫން... ސަސްޕެންޑް ކުރަން ޖެހޭ އެ ނުލަފާ މީހާ....

  106
  3
 10. ރޮކް12

  މީގަ ގޯސްހެދިފަ އޮތްކަމަށް ފެންނަނީ އާއިލާގެ ފަރާތުން. މެއި 30 ގައި ވިހަން ޑިއުޑޭޓް ދީފަ އޮއްވާ މިހާ ލަސްވަންދެން މާލެ ގެންދަން ނޫނީ ކުޅުދުއްފުއްޓަށް މާބަނޑުމީހާ ނުގެންގިސް ބެހެއްޓުމަކީ ވަރަށް ދެރަކޮށް ކުރިކަމެއް. ކޮންމެ މީހަކަށްވެސް އެނގޭނެ މީ ހުޅަނގު މޫސުންކަން ކަނޑު ގަދަވާނެކަން މޭ ޖޫންގަ.. ވިހޭނެގޮތް ނެތް ރަށެއްގަ ޑިއުޑޭޓް ޖެހެންދެން ހުރުމުގެ ބަދަލުގައި ކުރީ ބައިގަ ދަތުރު ފަށާ ރަނގަޅު ހޮސްޕިޓަލަކަށް ދާން ޖެހޭނެކަން..

  33
  87
  • ފާތުން

   ތިމީހާގެ އަންހެނުން ނުވަތަ ގާތް މީހަކަށް މިހެން ވުމުންވެސް ބުނާނީ ތިޔަހެން ތޯ؟ ވިސްނާލަބަލަ މަންމަ އެއްގެ ހައިސިއްޔަތުން. ކީހާ ހިތްދަތި ކަމެއް އުފުލާނެ ތޯ؟ ރަނގަޅު އެއްޗެއް ބުނަން ނެތިއްޔާ އެއްޗެއް ނުބުނެ ހަނުހުރުންވެސް މާ ރަނގަޅުވާނެ. އަހަރެންވެސް ބަަލިވެ އިންފަހުން ސްކޭން ކުރަން ދެވޭނެ ގޮތެއް ނުވެފަ މީނީ. ހަމަ ބުނަނީ ޑޮކްޓަރ ބަލިމީހާއާ ހަވާލު ނުވާނެ ވާހަކަ. ޔާ الله އެ މަންމައަށް ކެތްތެރިކަން ދެއްވާށި.

   79
   5
 11. އެއީވެސް މިސަރުކާރުގެ ކުޅަދާނަކަންތޯ

  ޚަބަރުތައް ކިޔާލީމަ ބޯގޮވާވަރުވޭ ސަރުކާރު އިސްތިއުފާ މިއުޅޭ ރީނދޫ ބައިގަނޑު މިފަހަރު މިރާއްޖެ ގަބުރުންސްތާނަކަށް ހަނދާލާފަނޫނީ ހުއްޓައެއްނުލާނެ!

  72
  9
 12. ގިލަން ވެރިކަން

  މެރިދެލޯ ދާއިރު ވެރިން އަނިޔާގެ ދަންމަރު ރޯކުރާ ވެރިކަމެއް މިކަލަ ދުށީމުތަ ރައްޔަތުން ހިތްދަތި ކުރާ!

  69
  3
 13. މަ

  އަތޮޅު ހޮސްޕިޓަލް ވިއްޔަ ކޮންމެ ހާލަތެއް މެދުވެރި ވެފަ އޮތަސް އަތޮޅަ ފަރުވާ ލިބެއްޖެހޭ..
  އެރަސުގަ އިމާރަތް ހުއްޓަސް އެއީ ހަމަ އެކަނި އެރަސު ތަނެއް ކަމަކަން ނުނިންމޭނެ..
  ޒިއްމާ ނަގާ ... ޒިއްމާ އަދާކުރޭ..

  76
  2
 14. *

  *އެ ހާސްކަމާއި ހިތާމަ ތަޙައްމަލް ކުރަމުން އަންނަނިކޮށް (8 އަހަރު ފަހުން) މީގެ ނުވަ ވަރަކަށް މަސް ކުރިން އުފާވެރި ސިގްނަލެއް ލިބުނީ **(ތިންވަނަ) ކުއްޖަކަށް ސަދުނާ މާބަނޑުވި ހިސާބުންނެވެ.

  *ކައިވެންޏަށް ލިބޭ **(ތިންވަނަ) ކުއްޖާއަކީ ދުޅަހެޔޮ ކުއްޖަކަށްވުމަށް ދެމަފިރިންވެސް ނުހަނު އެދެމުން ދިޔައެވެ.
  *ބްރަދަރ ފުރަތަމަ ކުއްޖާ އަކީ ލޭއަޅާކުއްޖެއް، ދެވަނަ ކުއްޖާއަކީ ނޯމަލް އަދި މިއީ ތިންވަނަ ކުއްޖާ.
  އާއިލާއަށް ކެތްތެރިކަން މިންވަރު ކުރައްވާށި🤲

  45
  1
 15. ޜައިޓްގިޔަރު

  މަރަށްމަރު. ޢިހުމާލުވީއެންމެންނަށް މަރަށްމަރު. ސަރުކާރު ވައްޓާލާ.

  25
  4
 16. ސްމްސިއްޔާ

  މިއީ ހަފްތާއެއްހާ ދުވަސްތެރޭގައި ހިނގި މިފަދަ ދެވަނަ ކޭސް. ތިޔަ ޑޮކްޓަރުންނަކީ ހަމަ ހަގީގަތުގައިވެސް އަންހެނުންގެ ޚާއްސަ ޑޮކްޓަރުންތަ؟؟ ކޮންމެ ފަހަރަކުވެސް ކޮންމެސް ބަހަނާއެއްދައްކާފައި ބޯދަމައިގަންނަން އުޅޭތަން މިފެންނަނީ.

  31
  2
 17. ލަމް

  ވ ދެރަ ވެއްޖެ ރަހުމަތް ލައްވާށި . ކުރާނެ ކަމެއް ނެތް ޒިންމާ ނެގޭ ވަރު ސަރުކާރެއް ނެތް.

  32
 18. ޒާ

  މިސަރުކާރުގެ ބިޑު އަނގައިން ރައްޔިތުންނަށް ފަސޭހަ ޚިދުމަތްދެނީ. އެކަމަކު މިވަނީ ބޮޑުތަނުން ފެއިލްވެފަ

  28
  1
 19. ޔާމީން

  ކޯޓައް ގޮސްގެން އިންސާފު ލިބޭނެ..

  20
  6
 20. ާައަމީނު

  މިނިސްޓަރު އަމީނު އިސްތިއުފާ. ތިޔަ ޑޮކްޓަރަށް ހަރުކަށި އަދަބު ދިނުމަށް ގޮވާލަން. ޔެލޯ ސަރުކާރު އިސްތިއުފާ.

  38
  2
 21. ޝެޕް

  ވަރަށް ފިތުނަވެރި ލިއުމެއް.. އެވެސް ހޮސްޕިޓަލަކުން ނުބުނާނެ ބަލި މީހަކު ގެނެސްގެން ނުވާނެ އެކޭ.

  6
  39
 22. ކައިޓް

  ކޮވިޑް އުޒުރަކަށް ދައްކައިގެއް ވަރަށް ގިނަ މުއައްޒަފުން ކަންކަމުން ރެކޭ، ހަރުކަށި ފިޔަވަޅު އަޅަން ގޮވާލަން

  24
  1
 23. ށަވިޔަނި

  ށ.ފުނަދޫ އަ ކީ ވަރައް ހިތްމަތިވެގެން އިޅޭ ބައެއް މިލަންދޫ އައް ވެރި ކަން ބަދަލް ކުރިއްޔާ މާ ސަޅިވާނެ މަމީ މާއުނގޫދޫ މީހެއް ފުނަދޫ ހަގީގަތް ވ.ރަނގަޅައް އިނގޭ

  8
  2
 24. މމސ

  ޓިކަންވެސް އަޅުވާނީ ކުރީގެ ސަރުމާރުގެ ބޮލުގަ
  ޢާއިލާއަށް ކެތްތެރިކަން މިނަވަރު ކިރައްވާށި

  8
  3
 25. Unknown

  Mirashaku neii balimeehunn neyruvumuge gothunneii plan eh hedhifa eh ...oii kamugaa vaaanama milandhoo innnaaa ehnn rah rashunnaaa vx patients inn aunn manaaa kohffa thaa ohnnaaany...covid 19 aa gulhignn hadhamunn dhaaa imaaraathuge work kuriyah dhaathyyy ve mirashu ot hureekee beynunn kureveyy haalaku nooon.. emergency c section akah dhaaan jehihjjehyyaa mikolhunn kihineii ximmaa negeynyy...so doctor's decision is correct.. dhnn as per the hospital they had arranged aasandha services and sea ambulance for the patient and refered to kulhudhuhffushi hospital and patient waited for one more day by choice and the next day the patient denied to go to kulhudhuhffushi so tell me where is the doctor's fault in it ....or the shaviyani atoll hospital....innaa lillaaahi wa innaa alaihi raajioon

  3
  4
 26. ޢަބްދުލްމުހައިމިން

  ފުނަދޫ ހޮސްޕިޓަލުގެ ތިޔަ ބުނާ ޑަކްޓަރަކާއި މެނޭޖަރު، އަވަހަށް ތިތަނުން ބޭރުކޮށް ދީފައި އޮތް ވަޒީފާއިން ވަކިކޮށް ފިޔަވަޅު އެޅުމަށް ގޮވާލަން. އެއީ އިންސާނުންގެ ސިފައިގައި ތިބި، މީހުންގެ މައްޗަށް އެއްވެސް ކުލުނެއް ރަޙުމެއް ނެތް ޖަނަވާރުން.

  12
 27. ހަގަހަ

  ވަރަށް ދެރަވޭ މިހެން ބުނަންވެސް. އެކަމަކު ދެ ކެރިއަރުން އެކަން އެނގިތިބެ އިނދެގެން ލިބޭ ދަރިންގެ ކަންކަމާ ކުރަން ޖެހިދާނެ ހިތާމަޔަށް ކެތްކުރަން އެއްބަސްވެގެން ކަންނޭނގެ އިނދެގެން ތިބޭނީ.

  4
  5
  • ޢަލީ

   ކެރިއަރުން އިންނަންޖެހޭނީ ކެރިއަރު ނޫން މީހުންނާ. އެކަމަކު ލިބޭ ދަރި ކެރިއަރަކަށް ވުމުގެ ޗާންސް 50 ފަސެންޓް އޮވޭ. އެހެންވީމާ ކޮންމެ ވެސް ދުވަހަކުން ކެރިއަރުން ވަރަށް ގިނަވާނެ. ތިމާގެ ދަރިންގެ ދަރިންގެ ދަރިން ތިބާ ތިބުނު ގަވާއިދުން ކައިވެނި ކުރެވޭނެ ކަމަކަށް ނުފެނޭ. ކަމެއްގެ ހައްލުކަމަށް ހީކޮށް އެއްޗެއް ބުނާއިރު ދުރައް ވިސްނާފަ އެއްޗެއް ބުނުން ރަނގަޅު.

   3
   1