ދަރިންނަކީ ކޮންމެ ދެމަފިރިއަކަށްވެސް ލިބޭނެ އެންމެ ބޮޑު ނިޢުމަތެވެ. އެ ދަރިން ރަނގަޅަށް ތަރުބިއްޔަތުކޮށް ހަމަ މަގަށް އެޅުވުމަށް މައިންބަފައިން މުޅި އުމުރު ދުވަސް ހޭދަކުރެއެވެ. ދަރިން ބޮޑެތިވެ މުޖުތަމަޢަށް ފައިދާހުރި ބައެއްގެ ގޮތުގައި އުދުހޭ މަންޒަރު ބަލަން ކޮންމެ މައިންބަފަޔަކުމެ އުންމީދުކުރެއެވެ. އެހެނަސް، އެ ހުރިހައި ކަމެއް ބަދަލުވެ ކުއްލި ގޮތަކަށް ދަރިންނާއި ވަކިވާން ޖެހުމުން ކެތްވާނީ ކާކާށްތޯއެވެ.

މިއީ މިދިޔަ މަހުގެ 21 ވީ ހޮނިހިރު ދުވަހު، އައްޑު ސިޓީ ހިތަދޫ މޫދަށް އެރި އުޅެނިކޮށް ގެއްލުނު ދެކުދިންގެ ތެރޭގައި ހިމެނޭ ހިތަދޫ ޗަނބޭލީގޭ، އަލީ ފަހުމީގެ މަންމަ ޚަދީޖާ ފަހުމީ (46)ގެ ވާހަކައެވެ.

ޚަދީޖާގެ އެންމެ ހަގު ފިރިހެން ދަރިފުޅު، އަލީއަށް ވީނުވީއެއް ނޭނގި އަދިވެސް ފެނިފައިނުވާއިރު، އެ ދުވަހަށް ފަހު ޚަދީޖާއަށް ވަނީ ހަމަ ނިދި ނުލިބިފައެވެ. ދަރިފުޅުގެ ހަނދާންތައް ހިތުގައި އާވަމުންދާއިރު، ދަރިފުޅު ގެއްލިފައިވާކަން ހަނދާންވުމުން ހިތަށް ކެތްނުވާވަރަށް އަސަރުކުރަމުންދާތީއެވެ.

ހަދީޖާއަށް ކުރިމަތިވި މި ފުން ހިތާމައާއި ގުޅިގެން، "ވަގުތު" އާއި ވާހަކަދައްކަމުން އޭނާ ބުނީ، ދަރިފުޅު ކުއްލިއަކަށް ގެއްލި ދިއުމަކީ އަދިވެސް ޤަބޫލުކުރަން އެންމެ ދަތި ހަޤީޤަތް ކަމަށެވެ. ދަރިފުޅު ގެއްލުނު ދުވަހުން ފެށިގެންވެސް ހިތަށް އެއްވެސް ލުޔެއް ލިބިފައި ނުވަނީ، އަދިވެސް ވީނުވީއެއް ނޭނގި މިހައި ގިނަ ދުވަސްވުމުން ކަމަށް އޭނާ ބުނެއެވެ.

"އަދިވެސް އަލީ ގެއްލުނީ ކަމަށް ނުދެކެން. އަދިވެސް އުންމީދަކީ ދަރިފުޅު ފެނުން. އަލީ އުޅުނު ގޭގައި، އަލީ އާއި ނުލައި އުޅެން އުނދަގޫ. މިގޭގައި ކައްކައިގެން އަލީ ނުލާ ކާން ބޭނުމެއް ނުވޭ،" ޚަދީޖާ އަސަރާއިއެކު ކިޔައިދިނެވެ.

އެދުވަހުވެސް، އެހެން ދުވަސްތަކާއި އެއްގޮތަށް ދަރިންނަށ ސައި ހެދުމަށްފަހު ޚަދީޖާ ދިޔައީ، އޭނާ މަސައްކަތްކުރާ ހިތަދޫ ސްކޫލަށް ދިއުމަށެވެ. އެވަގުތު އަލީގެ ރަހުމަތްތެރި މަޔާމީންވެސް އެގެއަށް ގޮސް ވަތް މަންޒަރު ޚަދީޖާއަށް ފެނުނެވެ.

އަލީ(ވ) އާއި ރާއިފް އާއި ހޫދު ކޯއްޓޭ ސަރަޙައްދަށް ދަތުރުގޮސް އުޅުނު ދުވަހެއް

ޚަދީޖާ ބުނިގޮތުގައި، ސްކޫލަށް ގޮސް ހުއްޓައި އޭނާއަށް އާދަޔާއި ޚިލާފު އިހުސާސްތަކެއް ދިޔައީ ކުރެވެމުންނެވެ. އެގޮތުން އާދަޔާއި ޚިލާފަށް ރާޅު ބޮޑުވާކަމުގެ އިހުސާސް ކުރެވި އުނދަގޫތައް ވަމުންދާތީ ޑިއުޓީ ނުނިމެނީސް އަނބުރާ ގެޔަށް އައީއެވެ. އޭރު އަލީ ބައްޕަވެސް ގެއަށްގޮސް ވަންނަނީ ކަމަށާއި، ދެކުއްޖަކު ގެއްލިގެން އުޅޭ ޚަބަރު އެންމެ ފުރަތަމަ ދިނީ އޭނާ ކަމަށް ޚަދީޖާ ބުންޏެވެ.

ނަމަވެސް އެއީ ކޮން ކުދި ބައެއްކަން ނޭނގޭ ހާލުގައި މެދުންދުރު ކައްކަން ތައްޔާރުވަމުން ދަނިކޮށް، ދައްތައަކު ގުޅާފައި ދެ ކުއްޖަކު ގެއްލިގެން އުޅޭ ވާހަކަ ޙިއްސާކޮށް، އަލީ ކޮބައިތޯ ސުވާލު ކުރިއެވެ. އޭގެ ފަހުން އަނެއްކާވެސް ގިނައިރުތަކެއް ނުވެ ފޯން ކޯލެއް އައި ހިސާބަކީ ޚަދީޖާގެ މުޅި ދިރިއުޅުން ބަދަލުވެ ހިއްދަތިކަމާއި ކުރިމަތިލާން ޖެހުނު ހިސާބެވެ. ގެއްލުނު ކުދިންގެ ތެރޭގައި އަލީ ހިމެނުނު ވާހަކަ ދައްތަ ގުޅާފައި ބުނުމުން ވީގޮތެއްވެސް ނޭނގުނު ކަމަށް ޚަދީޖާ ބުންޏެވެ.

"ދެވަނަ ފޯން ކޯލާއި އެކު ދައްތަ ގުޅާފައި ބުނީ، ގެއްލުނު ކުދިންގެ ތެރޭގައި އަލީވެސް ހިމެނޭ ވާހަކަ. އެވަގުތު ވީގޮތެއްވެސް ނޭނގުނު. އަވަހަށް ގޮސް ސައިކަލަށް އަރައިގެން ދިޔައީ އެތަނަށް. އަމިއްލައަށްވެސް ގޮސް އަލީ ފެނޭތޯ މަސައްކަތް ކުރުމަށް،" ޚަދީޖާ ބުންޏެވެ.

އަލީ ފަހުމީ ގެއްލުނު ދުވަހު ލައިގެން ހުރި ސޯޓް -ފޮޓޯ: އައްޑޫ ލައިވް

ޚަދީޖާއަށް ކުރިމަތިވި މި ފުން ހިތާމައަށްފަހު އޭނާއާއި ދަރިން މިހާރު އާއިލާގެ އެހެން ގެއެއްގައި ދިރިއުޅެމުންދާއިރު، ގެއަށް އާދެވޭ ކޮންމެ ފަހަރަކު އަދި ގޭގެ ދޮރުން އެތެރެއަށް ބަލާލާ ކޮންމެ ދުވަހަކު އަލީގެ ހަނދާންތައް އިތުރުވާކަމަށް ޚަދީޖާ ބުންޏެވެ. މި ހާދިސާއަށް ފަހު އަލީ ނުފެންނަނީސް އެނބުރި ގެއަށް އަންނާން ބޭނުން ނުވާކަމަށް ޚަދީޖާ ބުނެފައިވާއިރު އޭނާގެ ދަރިންގެ ވާހަކައަކީވެސް އެއީއެވެ.

ޚަދީޖާ ބުނެފައިވަނީ، މި ހިތާމަ ކުރިމަތުވުމުން އާއިލާއިން ވަރަށް ބޮޑަށް ހިއްވަރު ލިބެމުންދާ ކަމަށެވެ. އަދި ޚާއްސަކޮށް، ފިރިމީހާގެ ފަރާތުން އިންތިހާއަށް އެހީތެރިކަމާއި ހިއްވަރު ލިބެމުންދާއިރު އެކަން ފާހަނގަކޮށް ހިތުގެ އަޑިން ޝުކުރު އަދާކުރަން ބޭނުންވާކަމަށް ޚަދީޖާ ބުންޏެވެ.

"އަލީ ބައްޕަގެ ހިއްވަރު އިންތިހާއަށް ލިބޭ، އެކަމަށް ފައްފަށުން ޝުކުރު އަދާކުރަން. އެ ހިތާމައިގައި އެންމެ ބޮޑަށް އުޅެމުންދާ ވަގުތު އޭނާގެ އޯގާތެރިކަމާއި އަޅާލުން ލިބެމުންދާތީ ހިތަށް ފިނިކަމެއް ލިބޭ،" ޚަދީޖާ ބުންޏެވެ.

މި ބިރުވެރި ހާދިސާއަށް ދެ ހަފްތާ ވެގެންދާއިރު، މަޔާމީން އާއި އަލީ ހޯދުމުގެ މަސައްކަތް އަދިވެސް ދަނީ ކުރިއަށެވެ. ބޭނުންކުރެވެން ހުރި ހުރިހައި ވަސީލަތެއް ބޭނުންކޮށްގެން، ހުއްޓުމެއް ނެތި ސިފައިން މި މަސައްކަތުގައި ޙަރަކާތްތެރިވަމުންދާއިރު، ސަރުކާރުގެ މުވައްސަސާތަކާއި އައްޑޫގެ ގިނަ ޢަދަދެއްގެ ޢާންމު ރައްޔިތުން އެކަމުގައި ބައިވެރިވަމުން ދެއެވެ. މި މަސައްކަތުގައި ޙަރަކާތްތެރިވާ ފަރާތްތަކުންނާއި ހެޔޮއެދޭ ހުރިހައި ފަރާތަކުންވެސް ތިބީ މަޔާމީނާއި އަލީ ފެންނާނެ ކަމުގެ އުންމީދުގައެވެ. އެފަރާތްތަކުގެ ދުޢާއަކީ "ވަރަށް އަވަހަށް" އެ ދެކުދިން ފެނުމެވެ.