ރާއްޖޭގައި ވަޒީފާގެ ފުރުސަތުތައް ނެތްވާހަކަ އަކީ ގިނަ ޒުވާނުންގެ ޝަކުވާއެވެ. ސުކޫލު ދައުރު ނިންމާ މުޖުތަމައަށް ނިކުމެ މަގުއޮޅިގެންދަނީވެސް ވަޒީފާއެއްނެތީމާއޭ ބުނާއަޑުވެސް އަހަމެވެ. އެހެންނަމަވެސް ރާއްޖޭގައި ހުރި ދިވެހި ރުކަށްވުރެ، ރާއްޖޭގައި މަސައްކަތްކުރާ ބިދޭސީންގެ ނިސްބަތް އިތުރު ވުމުން މިއަކީ މުޅިން ތާކުން ތާކު ޖެހޭ ވާހަކައެއްނޫންކަން އެގެއެވެ.

ދިވެހި ރާއްޖޭގައި ވަޒީފާގެ ފުރުސަތު ކިތަންމެހާވެސް އެބައޮތެވެ. ވަޒީފާ އަދާކުރަން ނުކެރެނީއެވެ. ކޮންމެ މީހަކުވެސް ބޭނުންވަނީ ބޮޑުގޮނޑީގައި އޭސީ ކޮޓަރީގައި އިދެ ގެންނަ ފައިލްގައި ސޮއިކޮށްލާ ވަރުގެ ވަޒީފާއެވެ. އެހެންނަމަވެސް ހުރިހާ އެންމެން މިވިސްނުން ގެންގުޅެފިނަމަ އިޤްތިޞާދީބޮޑު އަދަވަޅަކަށް ރާއްޖެ ވެއްޓިދާނެ ކަމުގެ ބިރު ބޮޑެވެ. ވާހަކައެއް ބުނަން ހެއްޔެވެ. އެއްވެސް މީހަކަށް އަރާ ބޮންތިއަކު ނުހިފޭނެއެވެ. އެންމެ މަތީގައި ހުންނަ ކިތަންމެ ބޭނުންވިޔަސް ކޮންމެ ކަމެއްވެސް ކުރަންވާނީ އެކަމުގެ ހުރިހާ ހަރުފަތެއް ގިރާކޮށްފައެވެ. ނުފިރުކެނީސް ދުވަން އުޅެފިނަމަ އަގަވަތަށް ވެއްޓިދާނެކަން ކޮންމެ މީހަކުވެސް ހަނދާން ކުރަންވާނެއެވެ.

އެންމެނަށް ވަޒީފާ ސިޔާސަތުގެ ދަށުން ސަރުކާރުންދަނީ ގިނަ ވަޒީފާގެ ފުރުސަތުތަކެއް ހޯދާދެމުންނެވެ. ދިވެހިން ކުރިން ހަޑިކަމެއް ކަމަށް ދެކެމުންއައި ކިތަންމެ ވަޒީފާއަކުން ދިވެހި މޫނުތަށްފެނި އެއީ ހަޑި ވަޒީފާއެއް ނޫންކަމާއި ބަދަލު ކުރަން ޖެހިފައިވަނީ ދިވެހިންގެ ވިސްނުންކަން ވަރަށް ރަނގަޅަށްވެސް މަދު ދިވެހި ދަރިންކޮޅެއްވަނީ ސާބިތުކޮށްދީފައެވެ. މިދައްކަނީ ވެމްކޯއިން ކުރަމުން އަންނަ ބުރަބޮޑު މަސައްކަތެކެވެ. ދިވެހިންގެ "ކަޓު" ވިސްނުން ބަދަލުކޮށްލުމަށް ހަމަގައިމުވެސް "ވެމްކޯ"އިން ނެގީ ބޮޑު ރިސްކެކެވެ. މިއަދު އެމުއައްސަސާއަށް ނަޒަރު ހިންގާލުމުން އެމީހުން އެކުރި މަސައްކަތް ވަރަށް ކާމިޔާބުކަން އެނގެއެވެ.

މިއަދު ދިވެހި މުޖުތަމަޢަށް ބޭނުންވަނީ "ވެމްކޯ" ފަދަ އިތުރު ދެތިން މުއައްސަސާއެކެވެ. ދިވެހިންނަށް ވާނެކަން ޤަބޫލުކޮށް ދިވެހިން ވަޒީފާގެ މާޙައުލަށް ނެރެންކެރޭ މުއައްސަސާއެކެވެ. ކޮންސްޓްރަކްޝް ދާއިރާއިން ފެށިގެން ވެއިޓަރުންނާ ހަމައަށް ބިދޭސީގެ ނުފޫޒުގެ އަތް ދިގުކޮށްފައިވާއިރު، މިފަދަ ކަންކަން ކޮންޓްރޯލްކޮށް މޮނިޓަރ ކުރުމަށް މުއައްސަސާއެއް އުފެއްދިއްޖެނަމަ ދިވެހިންގެ ތެރެއިން މިފަދަ ވަޒީފާގެ މާޙައުލުގައި އުޅޭ ދިވެހިންގެ ނިސްބަތް އުހަށް އަރައިގެން ދާނެކަމުގެ އެއްވެސް ޝައްކެއްތެވެ.

މިއަދުވެސް ދިވެހި މުޖުތަމަޢުގައި ވަޒީފާގެ ފުރުސަތު ބޭނުންވާ ފަރާތްތަކަށް އެފުރުސަތު އެބައޮތެވެ. ވަޒީފާ އަދާ ކުރަން ނުކެރެނީއެވެ. ކުއްޖަކާ ހިތާވެއްޖެނަމަ އެކުއްޖާގެ ލޯބި ހޯދަން މަސައްކަތް ކުރާވަރަށް ވަޒީފާއެއް ހޯދަން މަސައްކަތްކޮށްފިނަމަ ހަމަގައިމުވެސް، މަގުތަކުގައި ގަނަ ތަޅަން ހުންނާކަން ނުޖެހޭނެއެވެ. ކޮންމެވެސް ވަޒީފާއެއް ލިބޭނެއެވެ. އެއީ ތިމާ ހިތް އެދޭ ވަޒީފާއަކަށް ނުވި ނަމަވެސް ވިނަމައެވެ. އަމިއްލަޔަށް އިޚްތިޔާރުކުރާ މަގަކުންގޮސް މަގު އޮޅުނީ ވަޒީފާއެއް ނެތީމައޭ ބުނާ މީހުންނަށް ބުނެލަން އޮތީމިހެންނެވެ.

މިދިވެހި ރާއްޖޭގައި ބިދޭސީން ތިބި ހާދުވަހު، ރާއްޖޭގައި ވަޒީފާގެ ފުރުސަތު ނެތޭ ދެންނެވޭކަށް ނެތެވެ. ފުރަތަމަ ކަމަކަށް އެމީހުން ގެންނަން ޖެހެނީ ވަޒީފާ އަދާ ކުރާނެ ދިވެހިންނެތީމައެވެ.