ދެ ޢީދު ދެދުވަހު އެކަކު އަނެކަކު ގަޔަށް ފެން ޖަހާ، ކުލަ ޖަހާ ހެދުމަކީ ދިވެހިން އެންމެ އިހުއްސުރެ ކުރަމުން އަންނަ ކަމެކެވެ. ދިވެހި ޘަޤާފަތުގެ ތެރެއިން މިއަދާއި ހަމައަށްވެސް އައިސްފައިވާ ކަމެކެވެ. އެހެންނަމަވެސް ހައްދުންމަތީ ފޮނަދޫގައި މިކަން އޮންނަނީ މުޅިން ތަފާތު ގޮތަކަށެވެ. ޢީދު ދުވަހު ފެނެއް ނުޖަހައެވެ. ކުލައެއްވެސް ނޫނގުޅައެވެ. މިރަށު މިކަމަށް އޮންނަނީ ވަކި ހާއްސަ ދުވަހެކެވެ.

އަތޮޅުގެ އެހެން ރަށްތަކާއި ޚިލާފަށް ހައްދުންމަތީގެ ވެރިކަން ކުރާ ރަށް ކަމުގައިވާ ފޮނަދޫގައި ފެނާއި ކުލަ ޖެހުމަށް އޮންނަ ހާއްސަ ދުވަހަަށް ކިޔަނީ "ފެންކުޅި ޢީދު ދުވަސް" އެވެ. ފޮނަދޫ ބަހުން ނަމަ "ފެންކޮޅި ޢީދަ ދޮހާ" އެވެ. ފޮނަދޫގައި މި ދުވަސް ފާހަގަކުރަނީ ކޮންމެ ޝައްވާލުމަހުގެ ހަ ރޯދަ ނިމި އެއާއި ޖެހިގެން އޮންނަ ދުވަހުއެވެ. މިއަދަކީ ފޮނަދުއަށް މިއަހަރުގެ "ފެންކުޅި ޢީދު" ދުވަހެވެ.

2019 ވަނަ އަހަރުގެ ފެންކުޅި ޢީދުގެ ތެރެއިން

ފޮނަދޫގައި ފެންކުޅި ޢީދު ދުވަސް ފާހަގަކޮށް، އެކަކު އަނެކަކު ގަޔަށް ފެންޖެހުމަކީ ބުނެއުޅޭ ގޮތުގައި މީގެ 80 ވަރަކަށް އަހަރު ކުރިން ވެސް ކޮށްއުޅޭ ކަމެކެވެ. ޒަމާނަށް އައި ބަދަލުތަކާއެކު، ފެންކުޅި ކުޅޭ ގޮތަށްވެސް މިވަނީ ބޮޑެތި ބަދަލުތަކެއް އައިސްފައެވެ.

އަޅުގަނޑުގެ މާމަ ބުނިގޮތުގައި މާމަމެން ކުޑައިރު އެއްވެސް މީހެއްގެ އަތުގައި ލާނެ މާގިނަ ހެދުމެއް ނުހުރެއެވެ. އެހެންކަމުން ކޮންމެ މީހަކުވެސް ބަލާނީ ފެނުން ރެކިގެން އުޅެވޭތޯއެވެ. އޭރު ހުރިހާ އުމުރެއްގެ މީހުންގެ ފެންކުޅެން ނިކުމެ އުޅޭ ކަމަށް މާމަ ބުންޏެވެ. މާމަ ބުނީ މިހާރާއި ޚިލާފަށް އޭރު ފެންކުޅި ޢީދު ދުވަސް ވަރަށް ފޯރިގަދަ ކަމަށެވެ. އަދި އޭރު އަންހެންވެރިން އުޅޭނީ ފިރިހެނުން ތެންމަށް ކަމަށާއި، ފިރިހެނުން އުޅޭނީ އަންހެނުން ތެންމަން ކަމަށްވެސް މާމަ ބުންޏެވެ.

2011 ވަނަ އަހަރުގެ ފެންކުޅި ޢީދުގެ ތެރެއިން - ފޮޓޯ: އަހުމަދު ރަޝީދު

މާމަ ކިޔައިދިން ގޮތުގައި އޭރު ފެން ޖެހުމަށް ބޭނުންކުރަނީ އޮނުގަހުގެ ބަދައިން ހަދާ ފެންބަޑިއެވެ. ކުޑަކުދިން ފެން ޖަހަން ގެންގުޅެނީ އަލަނާސި ހުސްކުރި ދަޅު ނުވަތަ ގެރިކިރު ހުސްކުރި ދަޅުފަދަ ތަކެއްޗެވެ. ނުވަތަ ނާށި އުނބުގަނޑެކެވެ. އެހެންނަމަވެސް މިހާރު ބޭނުންކުރަނީ ޕްލާސްޓިކުން ހަދާފައި ހުންނަ ފެންބަޑި އެވެ. ކުރިއާއި ޚިލާފަށް މިހާރު ކުލަވެސް ޖަހާއުޅެއެވެ.

އިހުޒަމާނުގައި ފެންކުޅި ކުޅޭއިރު ފިރިހެންވެރިން ބައިހަދާލައިފައި ގޮސް މިވެނި ގެއެއްގައި އުޅޭ ރީތި އަންހެން ކުއްޖެއްގެ ގަޔަށް ފެންޖަހައެވެ. އަދި އެކުއްޖާ ގެންގޮސް ވަޅަށްލާ ހަދައެވެ. އެހެންނަމަވެސް އެކަން އޭރު މާ ބޮޑު މައްސަލައަކަށް ނުވެއެވެ. މަގުމަތިން ފެންނަ ކޮންމެ މީހެއްގެ ގަޔަށް ފެން ޖެހިޔަސް މާބޮޑު ކަމަކަށް ނުވެއެވެ. އެހެންނަމަވެސް މިއަދު މީހެއްގެ ހުއްދައާއި ނުލައި ފެންޖަހައިފި ނަމަ ކުއްވެރިވެސް ވެދާނެއެވެ. ވާނީވެސް އެހެންތާއެވެ. ޖީބުގައި އަގުބޮޑު ފޯނެއް އޮންނާނެއެވެ. އަތުކުރީގައި އަގުބޮޑު ގަޑިއެއް އޮންނާނެއެވެ.

ފޮނަދޫ މީހުންގެ ފެންކޮޅި ޢީދު ދުވަހަކީ ޘަޤާފީ ދުވަހެކެވެ. މިޘަޤާފަތްވެސް އުވިގެން ދިޔަނުދީ ދިރުވާ އާލަކުރަން މަސައްކަތް ކުރަންޖެހެއެވެ.

ކިޔުންތެރިންގެ ހިޔާލު

11 ކޮމެންޓް

  1. ބުރޯ

    ހޭކެޑޭ ދުވަސް، އަތްފޯރުވާ ދުވަސް

    36
    3
    • އެމް.އެމް

      ތިޔައީ މުރުތައްދު ދޮގެއް!
      މިއަދަކީ އަތޮޅުގެ ބައެއް އެހެން ރަށްރަށުގައިވެސް ފެންކުޅޭ ދުވަހެއް. ތަންކޮޅެއް ރަނގަޅަށް ދިރާސާ ކޮށްފަ ޚަބަރު ނުވަތަ ރިޕޯޓް ލިޔުން ރަނގަޅުވާނެކަމަށް ދެކެން.
      ތިކަހަ ދޮގު ޚަބަރު ފެތުރުމަކީ ވަރަށް ބޮޑު އޮޅުވާލުމެއް!

      31
      1
  2. ޭއަދުރޭ

    އޮޅުވާލައިގެން ހަބަރު ނުފަތުރާ. ހަމަ އެކަނި ފޮނަދޫ ގަ އެކަންޏެއްނޫން ފެންކުޅި ކުޅެކީކީ އަތޮޅު އެހެން ރަށްރަށުގައިވެސް މިއަދު ފެންކުޅި ކުޅޭ

    45
    2
  3. ފާތިމާ

    ލިޔުމުގެ ކުރިން ތަންކޮޅެއް ރަނގަޅަށް ދިރާސާ ކޮށްލިނަމަ. ފެންކުޅި އީދު ދުވަސް ތިގޮތަށް ތިދުވަހު ފާހަގަކުރަނީ ހަމައެކަނި ފޮނަދޫ މީހުނެއްނޫން. ލ އަތޮޅުގައި އެހެން ރަށްރަށްވެސް އެބަހުރި ހަރޯދަނިންމާފަ ޖެހިގެން އަންނަ ދުވަހުގައި ފެންކުޅި ޢީދުގެ ނަމުގައި މިދުވަސްފާހަގަކުރާ😊

    23
    1
  4. ދޯ

    ފޮނަދޫމީހުން މިދެންމާފޮނިވެގެން އޮޅެންބައެއް ތެއްްއަތޮޅު އެހެންރަށްރަށުވެސް ކެރަންކަމެއް މަޝްހޫރުވާންވެގެން

    20
    5
  5. ބަނބުކެޔޮ

    މީމު އަތޮޅުގަ ވެސްފެންކުޅި ދުވަހަކީ ހަރޯދަ އީދު ސައްވާލުމަހު 8 ވަނަދުވަސް

    14
    2
  6. ޒުބޭދާ

    ބަލަގަ މ.މަޑުއްވަރި ގަވެސް 6 ރޯދަ ނިންމާފަ 3 ދުވަސް ވަންދެން ފެންކުޅި ކުޅޭ ކައުންސިލް ރަނގަޅުމައުލޫމާތު ހޯދާލަބަލަ

    13
    1
  7. ބަނބުކެޔޮ

    މީމު އަތޮޅުގަވެސް ފެންކުޅިއޮއްނަނީ ހަރޯދައީދުގަ ސައްވާލުމަގެ 8 ވަނަދުވަހު

    13
    1
  8. މާމަ

    ހުވަދޫ އަތޮޅުގެ ބައެއް ރަށްރަށުގަ ފެންކުޅި ކުޅެނީ ހިތަނަކަތުގަ
    އެނަކަތުގެ 1،2،3ނުވަތަ 3،4،5 މިއިން ކޮންމެވެސް އެއް ތިންދުވަހެއްގަ
    ރަނގަޅަކަށް ހަނދާނެއްނެތް ކޮން 3 ދުވަހެއްކަމެއް
    މިކަހަލަ ރިޕޯޓްތައް ލިޔާއިލު ފައިދާކުރަނިވި މަޢުލާމާތެއް ލިބޭ ގޮތަށް ދިރާާސާކޮށްގެން ލިޔުން ވަރަށް މުހިންމު. އޭރުން ކިޔަވާކުދިންނަށްވެސް އޭގެ ބޭނުން ހިފިދާނެ

    3
    1
  9. ރާއްޖެތެރޭ މީހާ

    ފ. އަތޮޅުގައި އޮންނަނީ ހިތަނަކަތުން 3،4،5 ގައި

    3
    1
  10. ފައިއްޕެ

    މި އަހަރުގެ ފުރަތަމަ ހަ މަސް ދުވަހުގެ ތެރޭގައި އެ މަސައްކަތް ކުރުމަށް ފަހު ތި ވާހަކަ އަކ ކީ ދޮގެއް