ކޮވިޑް-19 އާ ގުޅިގެން އެންމެ ބޮޑު މަސްއޫލިއްޔަތެއް އުފުއްލަވަން ޖެހިވަޑައިގަންނެވި ވަޒީރަކަށް ހެލްތު މިނިސްޓަރު އަބްދުﷲ އަމީން ވާނެއެވެ. ސިއްހީ ނިޒާމު ނާޒުކު ހާލަތެއްގައި އޮއްވައި ތަޖުރިބާ ނެތް ބޭފުޅަކު ވަޒީރު ކަމާ ހަވާލުވެވަޑައިގަތުމަކީ ބައެއް މީހުން ސުވާލު އުފެއްދި ކަމެކެވެ. ރައްޔިތުންގެ ހިތްހަމަނުޖެހުން އެންމެ ބޮޑަށް އަމާޒުވެފައި އޮތް ސިއްހީ ދާއިރާއާ އޭރުގައި އަމީން ހަވާލުވެވަޑައިގަތީ ޗެލެންޖެއްގެ ގޮތުގައި ދެކިވަޑައިގެނެވެ.

އާންމުން އިތުބާރު ކުރާ، އަތް ފޯރާ އަގެއްގައި ހިދުމަތް ލިބޭނެ އިންތިޒާމާއި މަތީ ފެންވަރުގެ ސިއްހީ ހިދުމަތުގެ ނިޒާމެއް ގާއިމުކުރެއްވުމުގެ ތަސައްވުރާ އެކު، އަމީން ކުރެއްވި މަސައްކަތަށް އިތުރު ހަލުވިކަމެއް ގެންނަން ޖެހިވަޑައިގަތީ ދުނިޔޭގެ އެކިކަންކޮޅުތަކުގައި ކޮވިޑް-19 ފެތުރެން ފެށުމާ އެކުގައެވެ. ކޮވިޑް-19 މިދިޔަ ޑިސެމްބަރު މަހުގެ ތެރޭގައި ދުނިޔޭގައި ފެތުރެން ފެށުމާ އެކީގައި ސަރުކާރުގެ އިސް އަމާޒަކަށް ހެދީ ރާއްޖޭގައި ތިބި މީހުންގެ ފުރާނަ ސަލާމަތް ކުރާށެވެ. އޭރުއްސުރެ، މިހާތަނަށް ކުރެވުނު ނަތީޖާއާ މެދުގައި އަމީން ހިތްހަޖެހިވަޑައިގަންނަވައެވެ.

އަމީން ގަބޫލު ކުރައްވާ ގޮތުގައި ކޮވިޑް-19 ގެ މަސައްކަތަކީ އެންމެ ވަޒީރެއްގެ މަސައްކަތެއް ނޫނެވެ. ކޮވިޑް-19 އާ ގުޅިގެން ކަންތައްތަކެއް ރަނގަޅަށް ކުރެވުނު ނަމަ، އެއީ ވަރަށް ބޮޑު ޓީމަކުން ކުރެވުނު ކަމެއް ކަން ފާހަގަކުރެއްވިއެވެ. އަމިއްލަ އަށް ކްރެޑިޓް ނަންގަވަން ނޫޅުއްވިއެވެ. ކޮވިޑް-19 އަށް ތައްޔާރުވުމުގެ ކަންކަން ކުރިއަށް ދިޔައީ މުޅި ސަރުކާރާއި ދައުލަތުގެ ވަރަށް ގިނަ މުއައްސަސާތަކުގެ ބައިވެރިވުމާ އެކުގައި ކަން ސާފުކޮށްދެއްވިއެވެ.

އަމީން ކަމާބެހޭ ފަރާތްތަކާ މަޝްވަރާ ކުރައްވަނީ. --- ފޮޓޯ: ހެލްތު މިނިސްޓްރީ

ހެލްތު މިނިސްޓަރު ފާހަގަކުރެއްވި އެއް ބޭފުޅަކީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހެވެ. ކޮންމެ ދުވަހަކުހެން، ކޮވިޑް-19 އާ ގުޅިގެން ހިނގަމުންދާ ކަންކަން ބައްލަވާ ކަމާއި ހުކުރު ދުވަހެއް، އީދު ދުވަހެއް އެމަނިކުފާނު ނުބައްލަވާ ކަމަށް ވިދާޅުވިއެވެ.

"އަޅުގަނޑު ސިއްހީ ނިޒާމާ ހަވާލުވެގެން އައިއިރު، އެ ނިޒާމު އޮތް ގޮތް ކޮންމެ ބޭފުޅަކަށް ވެސް ވަޒަން ކުރެވޭނެ. އެހާ ހިސާބުން ސަރުކާރުން ރަނގަޅު ބަދަލުތައް ގެނައުމަށް ކުރެވުނު މަސައްކަތާ އެއިން ފެނުނު ނަތީޖާ އަޅުގަނޑުމެންނަށް ފެންނާނެ،" ވޭތުވެދިޔަ އަހަރު އަތޮޅުތެރޭގެ ގިނަ ރަށްރަށުގައި ވަސީލަތްތަކާއި ހިދުމަތްތެރިންގެ އަދަދު އިތުރުވި ކަން ފާހަގަ ކުރައްވައި އަމީން "ވަގުތަށް" ވިދާޅުވިއެވެ.

ހިމަބިއްސަށް ފަހު ކޮވިޑް-19: އުނދަގޫ ހާލަތެއް!

ސަރުކާރުން ވިސްނައިގެން ތިބީ މި އަހަރަކީ ސިއްހީ ނިޒާމަށް އުންމީދީ އަހަރެއްގެ ގޮތުގައެވެ. ރާއްޖޭގެ ފަސް ސަރަހައްދެއްގައި ޓާޝިއަރީ ހޮސްޕިޓަލް ގާއިމުކޮށް، ސިއްހީ ނިޒާމު ވަރުގަދަކޮށް ހިދުމަތްތެރިން ގިނަ ކުރަން އަމާޒަކަށް ހެދިއެވެ. އެކަމަކު، އަހަރު ފެށުނީ ރާއްޖެ އިން އަލުން ހިމަބިހި ފެންނަން ފެށުމާ އެކީގައެވެ. އެއާ އެކީގައި ރާއްޖޭގެ ވެކްސިން ޕްރޮގްރާމް ހަރުދަނާ ކުރަން މަސައްކަތް ފެށިއެވެ. އެ މަސައްކަތް އަލުން ފެށުމާ އެކީގައި ދުނިޔޭގެ ހަތަރު ބިތުން "ބަރުގަނު" އަޅަން ފެށީ އާ ބައްޔެއްގެ ވާހަކައެވެ. އެއީ ނޮވެލްކޮރޯނާ ވައިރަސް ނުވަތަ ކޮވިޑް-19އެވެ.

އަމީން "ވަގުތަށް" އިންޓަވިއު ދެއްވަނީ. --- ވަގުތު އިމޭޖަސް: މުހައްމަދު އަފްޒަލް

އެކަމަކު، އަމީންގެ މަސައްކަތަށް އެއްވެސް މަޑުޖެހުމެއް ނައެވެ. އޭރުގައި ބަލީގެ ނުރައްކާތެރިކަމެއް ނޭނގެއެވެ. މިދިޔަ އަހަރުގެ ޑިސެމްބަރު މަހުގައި ޗައިނާގެ ވޫހާން ސިޓީން ފުރަތަމަ ބަލި ފެނުނު އިރު، ރައްޔިތުންގެ މެދުގައި އެ ބަޔަށް މާ ބޮޑު ސަމާލުކަމެއް ނާދެއެވެ. ނަމަވެސް ހެލްތުން އިސް ނަގައިގެން މިދިޔަ އަހަރުގެ ޖެނުއަރީ މަހުގެ ކުރީކޮޅު ބަލީގެ ހާލަތު ދެނެގަތުމަށާއި ރާއްޖޭގެ ހާލަތު ވަޒަން ކުރުމުގެ މަސައްކަތް ފެށިއެވެ.

އަމީންގެ މިސްރާބު އަނބުރައިލެއްވީ ރާއްޖެ އިން ބަލި ފެނުމުގެ ތިން މަސް ކުރިންނެވެ. އޭގެ ނުރައްކާ ވިސްނިވަޑައިގަތުމާއި ރާއްޖޭގައި ތިބި ރައްޔިތުންގެ ދުޅަހެޔޮކަމަށް އަމީން ވިސްނަވާ ވަރު އެނގުނީ ރާއްޖެ އިން އެކަށީގެންވާ މުއްދަތެއްގައި ބައްޔަށް ތައްޔާރުވުމުންނެވެ.

"ޖެނުއަރީގެ ވަރަށް ކުރީކޮޅު އަޅުގަނޑުމެން ހެދިން އެސެސްމަންޓެއް ރިސްކު ލެވެލްގެ. އޭގައި ފާހަގަ ކުރެވުނު ރާއްޖެއަކީ ހައި ރިސްކު ގައުމެއްގެ ގޮތުގައި. ދެން ހިސާބުން ބެލީ އަޅުގަނޑުމެންގެ ހާލަތު،" އަމީން ވިދާޅުވިއެވެ.

"އޭރުގައި ތިބި ހާލަތަށް ވުރެ މިހާރު ތިބީ ރަނގަޅު ހާލަތެއްގައި"

އޭރުގައި އެންމެ ފުރަތަމަ މަސައްކަތް ކުރީ ރާއްޖެ އަށް ބަލި އަޔަ ނުދިނުމަށް ކުރެވިދާނެ ކަންކަމަކީ ކޮބައިތޯ ބެލުމެވެ. އެގޮތުން އެސްއޯޕީތަކާއި ގައިޑްލައިންތައް ހަދައި ތަންފީޒު ކުރަން ފެއްޓިއެވެ. ބަލީގެ މައުލޫމާތު ރާއްޖޭގެ ހުރިހާ ކަންކޮޅުތަކެއްގައި ތިބި ސިއްހީ ހިދުމަތްތެރިންނަށް ފޯރުކޮށްދިނުމަކީ ކުޑަ ކަމެއް ނޫނެވެ. ރިސޯޓުތަކަށް އައި ފަތުރުވެރިންގެ މެދުގައި ކޮވިޑް-19 އެހާ ބޮޑަށް ނުފެތުރު ސަބަބަކީ ވެސް ގައިޑްލައިންތަކެވެ.

"މާލެ އިން ކޭސްއެއް (ވޭދަނަ) އެއް ފެނުނު އިރު، އަޅުގަނޑުމެންގެ ތައްޔާރުވުމަށް ބަލާ އިރު، އެންމެ ބޮޑަށް ފާހަގަ ކުރެވުނީ ބަލީގެ މައުލޫމާތު ރައްޔިތުންނާ ހަމައަށް ފޯރައި، މީގެ ނުރައްކާތެރިކަން ރައްޔިތުންނަށް ފޯރުކޮށްދެވުން. އެއާ އެކީގައި ހެލްތު މިނިސްޓްރީ އާއި އެޗްޕީއޭ އިން ދީފައި ހުރި އިރުޝާދުތަކާއި ގައިޑްލައިންތަކަށް އާންމުން ވަރަށް ބޮޑަށް ތަބާވާން ފެށި ކަން ފާހަގަކުރެވުނު،" އަމީން ވިދާޅުވިއެވެ.

އަމީން، އެންއީއޯސީގައި މަޝްވަރާ ކުރައްވަނީ. --- ފޮޓޯ: ހެލްތު މިނިސްޓްރީ

އެޗްޕީއޭ އިން ވަރަށް ކުރީކޮޅު އެޅި ފިޔަވަޅުތަކުގެ ތެރޭގައި ކޯލް ސެންޓަރަކާއި ޓާސްކް ފޯހެއް އުފައްދައި ކަރަންޓީން ކުރުމާއި އައިސޮލޭޓް ކުރާނެ ތަންތަން ކަނޑައެޅުން ހިމެނެއެވެ. ޓެސްޓް ކިޓުތަކާއި މެޝިން ހޯދުމުގެ މަސައްކަތް ފެށިއެވެ. އެންމެ ފުރަތަމަ ޓެސްޓްކުރީ އެންމެ ކައިރިން އިންޑިއާގެ ޕޫނޭ އަށް ފޮނުވައިގެންނެވެ. އޭރުގައި ސުންކު (ސާމްޕަލް) ޕޫނޭއާ ހަމައަށް ދިއުމަށް ވެސް ދެ ދުވަސް ނެގިއެވެ. އެކަމަކު ފެބުރުއަރީ މަހު ރާއްޖޭގައި ޓެސްޓްތައް ކުރަން ފެށިއެވެ. މިހާރު ރާއްޖޭގައި މަދު ގަޑިއިރުތަކެއްގެ ތެރޭގައި ޓެސްޓްގެ ނަތީޖާ ލިބެއެވެ.

މިއީ ހަމަ ޔަގީނުން ވެސް ރާއްޖެ އިން ހޯދި ބޮޑު ކުރިއެރުމެކެވެ؛

އަދި ނިމުނީކީ ނޫނެވެ؛ މިވީ ކުރު މުއްދަތުގެ ތެރޭގައި ހޮސްޕިޓަލްތަކުގެ އެނދު އިތުރުކޮށް، ކްރިޓިކަލް ފަރުވާދޭ މީހުންގެ އަދަދު އިތުރުވެއްޖެ ނަމަ، އެކަން ވެސް ކުރެވޭނެ ގޮތް ހެދުމާއި އަތޮޅު ތެރޭގައި ފަރުވާ ދޭނެ ތަންތަން ކަނޑައެޅިއެވެ. އަމީން ގަބޫލު ކުރައްވާ ގޮތުގައި މިހާރު ރާއްޖެ އޮތީ އޭރުގައި ތިބި ހާލަތަށް ވުރެ ރަނގަޅު ހާލަތެއްގައެވެ. އޭރުގައި ކުރެވުނު މަސައްކަތުން ރަނގަޅު ނަތީޖާއެއް ފެނުނު ކަމަށް ވިދާޅުވިއެވެ.

"އެނގިވަޑައިގަންނަވާނެ އަޅުގަނޑުމެންގެ ފުރަތަމަ ޕްރޮޖެކްޝަންގައި ހުރި އަދަދުތަކަށް ބަލާ އިރު، ވަރަށް ގިނަ ބައެއްގެ ފުރާނަ ގެއްލިގެންދާ ހާލަތުގައި އޭރުގައި އަޅުގަނޑުމެން ތިބީ. ޕްރޮޖެކްޝަންތަކާ އެކީގައި މަސައްކަތް ކުރީ އެ ހާލަތަށް ނުދިއުމަށް ކުރެވޭނެ ކަންކަން ކުރުމަށް. އޭގެ މާނައަކީ 2،000 މީހުންގެ ފުރާނަ ގެއްލިގެން ނުދިއުމަށް ކުރެވޭނެ ކަންތައްތަކަކީ ކޮބައިތޯ ބެލީ. އޭގެ ތެރޭގައި ރައްޔިތުން ކުރަން ޖެހޭ ކަންކަމާއި ހޮސްޕިޓަލްތަކުގައި ހޯދަން ޖެހޭ ވަސީލަތްތަކާއި ފަރުވާގެ ކަންކަން އިންތިޒާމު ކުރުން ހިމެނޭ،" އަމީން ވިދާޅުވިއެވެ.

އަމީން ވިދާޅުވި ގޮތުގައި ކޮވިޑް-19 އާ ގުޅިގެން ފުރަބަންދަށް ލުއިތަކެއް ދިނީ ކުރިން އޮތް ހާލަތަށް ވުރެ ރަނގަޅު ހާލަތަކަށް ދިއުމުގައި މައްސަލައެއް ނެތް ކަމަށް ސަރުކާރަށް ލަފާ އަރުވަމުން އަންނަ ފަންނީ ބޭފުޅުން އިރުޝާދާ އެކުގައެވެ.

އަމީން އަބަދުވެސް ފާހަގަ ކުރައްވާ އެއް ކަމަކީ ކޮވިޑް-19 ޖެހޭ މީހުންނާ ބައްދަލުވެފައި ހުރި މީހުންގެ އަދަދު ވަރަށް ބޮޑު ތަން މަދު ކުރުމަކީ ލިބުނު ކާމިޔާބީއެއް ގޮތުގައެވެ. މީގެކުރިން 38 ވަރަކަށް މީހުން ކޮންޓެކްޓް ޓްރޭސިން ހަދައިގެން ފާހަގަކުރެވުނު އިރު، މިހާރު އަދަދު ހަޔެކަށް ވަނީ މަދުކޮށްފައެވެ. އޭގެ އެއް ސަބަކަކީ އަމީން ވިދާޅުވި ގޮތުގައި ފުރަބަންދުގެ ގައިޑްލައިންތަކަށް މީހުން އަމަލު ކުރުމުގެ ނަތީޖާއެވެ. ލުއި ދިނުމުގައި ދުނިޔޭގެ ސިއްހަތު ޖަމިއްޔާ ޑަބްލިއުއެޗްއޯގެ އިންޑިކޭޓާސް އަށް ބަލައި ދިރާސާކޮށްފައި ވާނެ ކަމަށް ވެސް އަމީން ވިދާޅުވިއެވެ.

އަމީން، އެންއީއޯސީގައި މީހަކާ މަޝްވަރާ ކުރައްވަނީ. --- ފޮޓޯ: ހެލްތު މިނިސްޓްރީ

"ސާޖެއް އަޔަ ނުދީ ލަސް ކުރެވެނީ ހަރުދަނާ ފިޔަވަޅުތަކުން"

ރާއްޖޭގައި ކޮވިޑް-19 ޕީކަށް އަރާނެ ކަމަށް ލަފާ ކުރީ މިދިޔަ އާދިއްތަ ދުވަހުއެވެ. އެކަމަކު، އެ ދުވަހު ބޮޑު ސާޖެއް (ކުއްލި އިތުރުވުމެއް) ފެނިފައެއް ނުވެއެވެ. އެހެންވެ، ސިއްހީ މާހިރުން ދެން ލަފާ ކުރީ ފުރަބަންދަށް ލުއިތަކެއް ދިނުމުން ކުއްލި އިތުރުވުމެއް އަންނާނެ ކަމަށެވެ. ފުރަބަންދަށް ލުއިތަކެއް ދިނުމުން ބަލި ޖެހޭ މީހުންގެ އަދަދުތައް ކުއްލިއަކަށް އިތުރުވުމަކީ ދުނިޔޭގެ އެކި ގައުމުތަގައި ކުރަން ޖެހުނު ތަޖުރިބާއެކެވެ.

އެކަމަކު، ރާއްޖޭގައި އެފަދަ އިތުރުވުމެއް ނައިސް ލަސް ކުރެވެނީ ސަރުކާރުން އަޅާ ފިޔަވަޅުތަކުން ކަމަށް އަމީން ގަބޫލު ކުރައްވައެވެ. އަމީން ވިދާޅުވި ގޮތުގައި ސިއްހީ މާހިރުންގެ ލަފަޔާ އެކު، ސަރުކާރުން މަސައްކަތް ކުރަނީ އެ ސާޖް އަޔަ ނުދީ ލަސް ކުރުމަށެވެ.

"ސާޖެއް އަތުވެދާނެ ކަމަށް ވިސްނައިގެން ވަރަށް ބޮޑެތި މަސައްކަތްތަކެއް ކުރިން. އޭގެ ތެރޭގައި ފުރަބަންދު ހާލަތު ދެމިއޮތުމާއި ދެން އަޅުގަނޑުމެން ފަރުވާގެ ކަންތައްތަކާ ގުޅިގެން ވަރަށް ބޮޑު ތައްޔާރީތަކެއް ވިން. އެހެންވީމަ ރަނގަޅު ފިޔަވަޅުތަކެއް އެޅޭ ކަމަށްވާ ނަމަ، އަބަދުވެސް ސާޖެއް އައުން ލަސް ކުރެވޭނެ. ނޫނީ ސާޖެއް ނާންނަ ފަދަ ހާލަތެއް މެދުވެރިވެގެން ހިނގައިދާނެ،" އަމީން ވިދާޅުވިއެވެ.

"ތީރު" އަމާޒުވި އެއް ވަޒީރު، އެކަމަކު ދެއްކެވީ ސާބިތުކަން!

ޖުމްހޫރީ ޕާޓީގެ ސްލޮޓެއްގައި ވަޒީރުކަމާ ހަވާލުވެވަޑައިގެންނެވި ފަހުން، އެތައް ފާޑު ކިޔުމެއް އަމާޒުވި އެއް ވަޒީރަށް އަމީން ވާނެއެވެ. ސަރުކާރު ކޯލިޝަންގެ ތެރެއިންނާއި ބޭރުން އަމާޒުވި ފާޑު ކިޔުންތައް ބަލައިގަތެވެ. އެއީ އެކަމަކު، ބިނާ ކުރުވަނިވި ފާޑު ކިޔުމަކަށް ވާނަމައެވެ. އަމީން ވިދާޅުވި ގޮތުގައި މަސައްކަތްތަކަށް ފާޑު ނުކިޔާ ނަމަ، ރަނގަޅު ކުރަން ހުރި ކަންކަން ދެނެގަތުމަކީ ކުރެވޭނެ ކަމެއް ނޫނެވެ.

"ފާޑު ކިޔުމަށް މަރުހަބާ ކިޔަން ޖެހޭނެ. ހާއްސަކޮށް ރައްޔިތުންގެ މަޖިލިހަކީ ސަރުކާރާއި ވަޒީރުންނާއި އަޅުގަނޑުމެން އެންމެން ޒިންމާދާރު ކުރާ ފަރާތްވީމަ ރައްޔިތުންގެ މަޖިލިހުން ކަންކަން ބެލުމަށް ކުރާ މަސައްކަތަށް އަބަދުވެސް ޕޮޒިޓިވްކޮށް ވިސްނާ މީހެއް އަޅުގަނޑަކީ،" އަމީން ވިދާޅުވިއެވެ.

މިނިސްޓަރު އަމީން ފޯން ކޯލެއްގައި.-- ވަގުތު އިމޭޖަސް މުހައްމަދު އަފްޒަލް

އިކޮނިމިކް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ކަމާއި ރައީސް އޮފީހުގެ މިނިސްޓަރުކަން ކުރެއްވި އަމީން ވިދާޅުވީ އޭނާ އަށް ވީމަ އާއި ސިޔާސީ ބެކްގްރައުންޑަށް ބަލާފައި ކިޔާ ފާޑު ކިޔުންތައް ހުރެދާނެ ކަމަށެވެ. އަދި ޒާތީ ފާޑު ކިޔުންތަކެއް ހުރި ނަމަވެސް އެކަމާ މެދު މާބޮޑަށް ނުވިސްނަވާ ކަމަށާއި ވިސްނަވަނީ އެ މަސައްކަތައިގެން ކުރިއަށް ދިއުމަށް ކަމަށް ވެސް އަމީން ވިދާޅުވިއެވެ.

"އަބަދުވެސް ބިނާ ކުރުވަނިވިކޮށް، ރަނގަޅު ވިސްނުމެއްގައި ކިޔޭ ފާޑު ކިޔުންތައް އަޑު އަހައި ރަނގަޅު ކުރެވެން ހުރި ކަންކަން ދެނެގަނެ ކުރަން. އެހެންވީމަ ފާޑު ކިޔުމަކީ އަޅުގަނޑު ގަބޫލު ކުރާ ގޮތުގައި ވަރަށް ބޮޑު އެލެމެންޓެއް،" އަމީން ވިދާޅުވިއެވެ.

"ކޮވިޑް-19 ގެ ގޮންޖެހުމަކީ ފަރުވާއެއް ނެތުން"

ކޮވިޑް-19 އަށް ފަރުވާ ހޯދުމަށް ދުނިޔޭގެ އެކި ގައުމުތަކުން ދަނީ މަސައްކަތް ކުރަމުންނެވެ. ވެކްސިނެއް އަދި ފަރުވާއެއް ހޯދިފައި ނުވާ މި ބަލީގެ ތެރޭގައި އުޅުމަށް ދިވެހިން ވެސް މިވަނީ ދަސްކުރަން ޖެހިފައެވެ. ކައިރި މުސްތަގުބަލެއްގައި ވެކްސިނެއް ލިބޭނެ ކަމުގެ ޔަގީންކަމެއް ނެތެވެ. އަމީން ވިދާޅުވި ގޮތުގައި ކޮވިޑް-19 އަށް ދިމާވެފައި އޮތް އެންމެ ބޮޑު ގޮންޖެހުމަކީ ވެކްސިނެއް ނުވަތަ ފަރުވާއެއް ހޯދިފައި ނެތުމެވެ.

"އެއާ އެކީގައި ދެން އެންމެ ބޮޑު ގޮންޖެހުމަކީ ފުރަބަންދުގައި އެންމެން ތިބެން ޖެހުން. އާންމު ހާލަތު ނެތި، އެތައް ބައެއްގެ ދިރިއުޅުމަށް އަންނަ ހީނަރުކަން އެއީ ކުޑަ ގޮންޖެހުމެއް ނޫން. ވަރަށް ބޮޑު އޮޕަރޭޝަނެއް އަޅުގަނޑުމެން މި ހިންގަނީ،" އަމީން ވިދާޅުވިއެވެ.

އަމީން، ބައެއް ބޭފުޅުންނާ މަޝްވަރާ ކުރައްވަނީ. ---ފޮޓޯ: ހެލްތު މިނިސްޓްރީ

އެ ގޮންޖެހުންތައް ހުރި ނަމަވެސް، އަމީން ވިދާޅުވި ގޮތުގައި މަސައްކަތް ކުރައްވަނީ އެކަންކަން ހައްލު ކުރެއްވުމަށެވެ.

އަމީން ވިދާޅުވި ގޮތުގައި މިހާ ހިސާބަށް އާދެވިފައި ވަނީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހްގެ ވިސްނުންފުޅުތަކާއި ސިޔާސަތުތަކާ އެކީގައި މަސައްކަތް ކުރެއްވުމުގެ ފުރުސަތު ވަރަށް ފުޅާ ދާއިރާއެއްގައި ލިބިވަޑައިގަތުމުންނެވެ. ވަޒީރުކަމުގެ މަސްއޫލިއްޔަތާ ހަވާލުވެވަޑައިގެންނެވި އިރު، އެއްވެސް މީހެއްގެ ނުވަތަ ބައެއްގެ ފަރާތުން ނުފޫޒެއް އައިސްފައި ނުވާ ކަމަށް ވެސް އަމީން ވިދާޅުވިއެވެ.

"އަޅުގަނޑު މަސައްކަތް ކުރާ ގޮތަކީ ރަނގަޅު ނިޔަތުގައި މަސައްކަތްތައް ކުރާ ކަމަށްވާ ނަމަ، މަސައްކަތުގެ ނަތީޖާ ފެންނާނެ. ތަސައްވުރެ، ވިސްނުމެއް އޮވެގެން މަސައްކަތް ކުރާ ނަމަ، އެމީހާ ދާންވާ ހިސާބު އެނގޭނެ. ކޮންމެ ދަތުރެއްގައި ހުންނާނެ ހުރަސް ކުރަން ޖެހޭ އުނދަގޫ ވަގުތުތަކެއް. އެކަހަލަ ވަގުތުތައް އާދެ އަބަދުވެސް،" އަމީން ވިދާޅުވިއެވެ.

ކިޔުންތެރިންގެ ހިޔާލު

26 ކޮމެންޓް

 1. ޑެލްބޯއި

  ތާރީހް ބުނާނީ އަމީނުގެ ނުވަތަ މިބަލީގެ ގައުމުގެ ސިޔާސަތު ވެގެންދިޔައީ ހާލަތާ ނުބައްދަލު ފިޔަވަޅު އަޅާ މުޅި ގައުމުގެ އިގްތިސާދާ ރައްޔިތުންގެ ދިރިއުޅުން ހަލާކުކޮށްލާ އެހެން ބަލީގެ ރައްޔިތުންނަށް ފަރުވާ ނުދެވި ނުރައްކަލަށް ހުށަހެޅުނު ސިޔާސަތަކަށްތޯ ނުވަތަ ރައްޔިތުން ސަލާމަތްކޮށް ގައުމަށް އުފަލުގެ ނޭވާއެއް ލުމުގެ ސިޔާސަތަކަށްތޯ. ހަމަގައިމު ވެސް އަމީނު ޕްރޮމޯޓް ކުރުމުގެ ބޭނުމެއް އަދި ނުފެނޭ ސަބަބަކީ އެޗް.ޕީ.އޭ އިން ކަންކަން ކުރަމުންދާލެއް ދޯދިޔާ ކަމާއި ހަރަދުގެ ބޮޑުކަމުން.

  47
  18
  • ހަމީދާ

   މި ސަރަހައްދުން އެންމެ ފުރަތަމަ ސްކްރީން ކުރަން ފަށާ، އެންމެ ފުރަތަމަ ޓާސްކު ފޯހެއް އެކުލަވާލާ، އެންމެ ފުރަތަމަ ކަންކުރާނެ ގޮތުގެ އެސްއޯޕީތަށް ތައްޔާރުކީވެސް ރާއްޖެ ހެލްތު މިނިސްޓްރީއިން. މިކަން މިގޮތަށް ކުރުމުގެ ނަތީޖާ 3 މަސް ދުވަސްވަން ދެން ކޮމިއުނިޓީ ސްޕްރެޑަކަށް ނުގޮސް ހިފަހައްޓާލެވެނީ. މިކަމުގެ ސަބަބުން އެތަށް ގައުމެއްގެ ނިޒާމު ފުނޑުފުނޑުވެ ހަދާނެ ގޮތް ހުސްވެ ވެންޓިލޭޓަރާއި ޓެސްޓުކިޓްތަށް ހޯދާނެ މަގެއް ނުފެނި މި ހައިޖާނުތެރޭގައި އޮތްއިރު މި 3 މަސް ދުވަހުގެ ބޭނުން ހެޔޮގޮތުގައި ހިފާ ބޮޑު ރާޅު އަންނަންވާއިރަށް އެތަށް ކަމަށް ހަމަޖައްސާލުމުގެ ފުރުސަތު ހުޅުވިގެންދިޔަ. މހެން ކަންތަށް ކުރެވުނީ ދުރާލާ ވިސްނައިގެން އެޅި ހަރުދަނާ ފިޔަވަޅުތަކުގެ ސަބަބުން. ޝައްކެތްވެސް، މިކަމުގައި ހެލްތު މިނިސްޓަރު އަމީންގެ ދައުރު ބޮޑު. ރައްޔިތުން ރައްކާތެރިކަން ކަށަވަރުކުރަން މަނިކުފާނު ތި ކުރެއްވި މަސައްކަތް ތާރީހު ހަނދާންކުރާނެ. 98،000 މީހުން ޕޮޒިޓިވްވާން އޮތް ސިނާރިއޯއެއް 1500 އަށް ތިރި ކޮށްލެވޭނީ ރާއްޖެފަދަ ސިއްހީ ނިޒާމެއް އޮތް ތަނެއްގައި ވަރަށް ބުރަކޮށް މަސައްކަތް ކޮށްގެން. އަޅުގަނޑުމެން ހުރިހާ ދިވެހިންގެ ދުއާއަކީވެސް ތި މަސައްކަތުގައި ﷲ ބަރަކާތްލެއްވުން.

   25
   33
   • ލުޓޭރުންގެ ސަރުކާރު

    އެ ކި ނަންމުގަ ކޮމެންޓްތަ ކަށް ރިޕްލައިދޭން ކިތައް މީހުންގެ ގްރޫޕެގެންގުޅެނީ އަމީން... ކިތައްމެ ގިނަ ނަންމުގަ އަމީން ދިފާއު ކޮއްފަ ކޮމެންޓް ކުރިޔަސް އަމީންގެ މަސައް ކަތުގެ ލިސްޓަށް އިތުރު ކޮއްލާނެ ޕްރޮޖެ ކްޓެނެތް.. ކޮވިޑްގެ ޕޮޒިޓިވް ކޭސްގެ އަދަދު ގިނަ މަދު އިގޭނީވެސް އެވަރަށް ޓެސްޓް ކުރެވުނު ނަމަ.. ކޮވިޑްޖެހިގެން ފުރަތަމަ ދުނިޔެދޫ ކުރި މަރުހޫމާގެ ޓެސްޓް ކުރުމަށް އެއާއިލާ ހޭދަ ކުރި ތަ ކުލީފެ ކޮމެންޓަ ކުން ބަޔާން ކޮއްދެވިދާނެތަ.. ކޮވިޑް ނޫން ބަލިތަ ކުގަ ދުނިޔެދޫ ކުރި ފަރާތްތަ ކުގެ އާއިލާގެ އިހުސާސްތައް ތަސައްވުރު ކޮއްލިވިދާނެތަ.. ކޮވިޑް ބަލި ފެނުމާއެ ކު ރައްޔިތުންގެ އެއްމެ އަސާސީ ކަންތަ ކުން ފެށިގެން އެއްމެ ކަންބޮޑުވާ ކަންތައްތަ ކުގަ ހެލްތް މިނިސްޓަރުގެ ހައިސިއްޔަތުން ރައްޔިތުންނަ އަމީނު ދިންމެސެޖަ ކީ ޕެނި ކްވަނީ ރައްޔިތުން ކަމަށް..އަމީންގެ ހިންގުންތެރި ކަމަ ކީ ޕރ ޖައްސައިގެން ރައްޔިތުންނަ ދައް ކަންޖެހޭފަދަ ކުޅަދާނަ ވަޒީރެއްގެ މަސައް ކަތްތަ ކެނަމަ ސީއެންއެން ބީބީސީ ސް ކްއިނިވްސްއިންވެސް ގެންނަންވީ..ރައްޔިތުންނަ ކީ ހަމައެ ކަނި އަމީންގެ ޕރ ގްރޫޕުން ދެ ކޭގޮތުގަ ސޯޝަލްމީޑިޔާ އޮންލައިން މީޑިޔާތަ ކުގަ މިތިބަ ކޮމެންޓް ކުރާ މީހުން ކަމުގަ ދެ ކެންޏާ އޮންލައިން ވޯޓަ ކުން ވެރި ކަންވެސް އަމީނަށްދީ...ރައްޔިތުމީހާގެ ހިއްސުތަ ކަށް އަތްލެވޭ އިހުސާސް ކުރެވޭ މަންފާލިބިދޭ ވަސީލަތެ ތައްރައްގީއެއް ނެތްތުމުން ކުއްވެރި ވަނީ މިހެންބުނާ ރައްޔިތުމީހާ...ފަހަރުގަ ވެދާނެ ޕރ ގްރޫޕާ އަމީންގެ ގާތްމީހުންނަ ލިބިދޭ ސިއްހީ ޙިދުމަތް ހައި ކްލާސްވީމަ ފެންގޮތް ތަފާތީ ކަމަށް..އިބުރާހިމު މުހައްމަދު ސޯލިހަ ކީވެސް ވަރަށް ގާބިލް ހުނަރުވެރި ރަސޫލާ ދުއާ ދެއްވިފަދަ ވެރިއެއް ކަމަށް ފެންނަ ބަޔަ ކުވެސް އެބަތިބި..ޒޯރޯ ޓޮލަރެންސްގަ ނަޒާހަތްތެރި މީހެއް ކަމަށްވެސް..މމޕރސ ގެ ފައިސާ ދިންމީހުންނާ ލިބުނު މީހުންނާ އެލިބުނު މީހުން އެގޭމީހުން އިބުރާހިމު މުހައްމަދު ސޯލިހު މމޕރސގެ ފައިސާގަ ހިފި ކަމަށް ނެގި އަދަދާއެ ކު ބުނާއިރުވެސް އެއަޑަށް ސަމާލު ކަށް ނުދޭބަޔަ ކުވެސް އެބަތިބި..

    19
    7
    • މިއީ ހަގީގަތް

     ހަސަނަށް ހީވާނެ ފާރުބުޑުން ދަންޏާ ކެޔޮގަނޑު ކަނޑާލާނެޔޭ. ވެދާނެ ކޮންމެވެސް މީހަކު ތިމީހަކު ބަހައްޓާފައި ތިހިރީ އެހެން އަގުވައްޓާލަން ކޮމެންޓު ކުރަންކަމަށްވެސް. ތިގޮތަށް އެބައުޅޭ ކެނެރީގެ ނަޝީދު ގެންގުޅޭ ކުދިންކޮޅެއްވެސް ސޯޝަލް މީޑީޔާގައި ވާން ކުރާ. އެމީހަކު އުޅޭ ގޮތެއް އެމީހަކަށް އެހެން މީހުންނާ މެދުވެސް ހީކުރެވޭނީ. ތިޔަކަށް ފަރުވާލެއް ނެތް. ދެން ކޮވިޑް ކަންތަށް މެނޭޖް ކުރި ގޮތް ރަނގަޅު ވާހަކަ ދެއްކީ މި ގައުމު މީހުން އެކަންޏެއް ނޫން. އިޔޫއިން ނެރުނު ރިޕޯޓުގައި އޮތް ރާއްޖެއިން އަޅާފައިވާ ފިޔަވަޅުތަކުގެ ފުރިހަމަ ވާހަކަ. ހުދު ޗައިނާ ސަފީރުވެސް މިކަމަށް ތައުރީފުކޮށް ޓުވީޓުކޮށްފައިވޭ. ކޮވިޑް ކަންތަކުގެ އިތުރަށްވެސް މިނިސްޓަރު އަމީންވަނީ ގިނަ ގުނަ ކަން ހާސިލުކޮށްފައި. މޯބައިލް ލެބޯރަޓްރީ ޚިދުމަތް ފަށައިފި. ހުރިހާ ރަށަކަށް އެމްބިއުލާންސް ހަމަކޮށްދީފި. ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލްގައި ކާޑިއެކް ޚިދުމަތް ފަށައިފި. ނަފްސާނީ ބައްޔަށް ހާއްސަ ސެންޓަރެއް ހުޅުވައިފި. ތެލެސީމިއާ ކުދިންނަށް ފަރުވާ ދިނުމަށްޓަކައި އެކަމަށް ބޭނުންވާ ވަސީލަތްތައް ރަށްރަށުން ފަސޭހައިން ލިބޭނެ ނިޒާމެއް ހަމަޖައްސައިފި. ކެންސަރު ބަލިން ރައްކާތެރިވުމަށް އާ ވެކްސިނެއް ދޭން ފެށައިފި. މަނަދޫގައި ހޮސްޕިޓަލްގައި ދަތުގެ ފަރުވާގެ ޚިދުމަތް ހަމަޖައްސައިފި. ހިމިބިހި ކްރައިސިސް މެނޭޖްކޮށް ގައުމީ ފެންވަރުގައި ވެކްސިން ޕްރޮގްރާމެއް ހިންގާ ހިމަބިހީގެ މައްޗަށް ކުރިހޯދައިފި. މިރާއްޖޭގައި އާންމު ސިއްހަތާ ބެހޭ އެންމެ ބޮޑު މަހާސިންތާ ބާއްވައި ގައުމީ ފެންވަރުގައި މީހުން ހޭލުންތެރި ކުރުމުގެ ގޮތުން އެކްޝަން ޕްލޭނެއް ނެރެފި. މިހެން ގޮސް ކިތަންމެ ކަމެއް. ތިގޮތަށް ހަޖަމު ނުވާ މީޙުން ދެންވެސް ތިބެންޖެހޭނީ ގާއުކަން. އެކަމަކު އެންމެންވެސް ދަނޭ މޭވާ ނައަޅާ ގަހަކަަށް ގަލެއް ނުއުކާނެ.

     2
     5
 2. ޚޮރަކަލި

  މާތްﷲގެ ރަހްމަތާ ދަރުމަވަންތަ ކަން ދިވެހިންގެ މައްޗަށް ނުވާނަމަ ދިވެހިން ނެތި ހިގައްޖައީހެވެ ޝުކުރުވެރިވެ އަސްތަޣްފާރުކޮށް ޒިކުރު ކުރުން ގިނަ ކުރަށްވާ ރަހްމަތް ބާވާލެއްވުމަށް އެދޭށެވެ. ޢާރާއި ބާރު ލިބިފައިވާޓެކްނޮލޮޖީގެ ގޮތުންވަރުގަދަ މޮޅެތިޑޮކްޓަރުން ތިބި ތަންތަން މި ވައިސްގެ ކުރިމަތީ ކުޑަކަކުލަށްތިރިވެފައިވާތަން ނުދެކެން ހެއްޔެވެ ﷲއިރާދަކުރައްވާ ކަމެއްއިރާދަދަކުރައްވާގޮތަކަށް ކުރައްވައެވެ

  57
 3. ސައްލެ

  އޭނަ ކުރާ ކަމެއް ނުފެނޭ، މަބުރޫކް އަތައް ދޮގު ހަދަން މައިކް ދީފަ ނިދަން ދަނީ ކޮންމެ ދުވަހަކު

  32
  24
 4. ނަޝްވާ

  އެންމެ ފުރަތަމަ އަމީން މަގާމާ ހަވާލުވިއިރު މަށަކީވެސް ނަޝީދުމެންގެ ގޮވެލިފަތީގައި ޖެހި އަމީންއަކީ މާ ހިންގުންތެރި މީހެއް ކަމަށް ބަލައިގެން ހުރި މީހެއް ނޫން. އެހެންނަމަވެސް، ރައީސް ސޯލިހުގެ ފުރަތަމަ އަހަރު ނިމި ނަތީޖާ ޝީޓް ބެލިއިރު، ރައްޔިތުންނަށް އެންމެ ގިނަ ކަންކަން ހާސިލުކޮށްދީ މުޅި ސިއްހީ ނިޒާމަށް ދުވަަހަކުވެސް އައިސްފައިނުވާ އާރޯކަމެއް ގެނެސްދީ އަމީންވަނީ މަގޭ މުޅި ނަޒަރިއްޔާ ބަދަލުކޮށްލާފައި. މިއަދު މަށަކީވެސް އަމީންގެ ސަޕޯޓަރެއް، މަގޭ ދުއާއަކީވެސް އެބޭފުޅާ މަސައްކަތުގައި ﷲ ހެޔޮ ރަހްމަތް ލެއްވުން. އެހެނީ، އެ މަސައްކަތުގެ ފޮނި މީރުކަން އޮތީ އަހަރުމެން ދިވެހި ރައްޔިތުންނަށްވިއްޔާ.

  23
  27
 5. ޣާޒީ

  ގަބޫލުކުރިއަސް ނުކުރިއަސް 98،000 މީހުން ޕޮޒިޓިވްވާން އޮތް ހާލަތެއް 1500 އަށް ތިިރި ކޮށްލެވޭނީ ވަރަށް ބުރަ މަސައްކަތްކޮށްގެން. ކުރިއަށް އޮތް ދުވަސްތަކުގައި އަޅުގަނޑުމެން މި ކާރިސާ ހަނދާންއާކުރާ ކޮންމެ ފަހަރެއްގައި މިނިސްޓަރު އަމީން ތި ބެހެއްޓެވި ގާތް ކަމާއި އޯގާތެރިކަން ހަނދާންކުރާނަން.

  21
  35
  • ޢޭނަ

   98000 މީހުނަށް ކޮވިޑު ޖެހޭނެ އޭ ކިޔައި ހެދީވެސް ތިމަންމެނަށް މާ ކަމެއް ކުރެވޭކަމަށް ދެއްކުމަޓަކައި ރައްޔިތުން ގުބޯހައްދަން ބުނެފައިވާ އަދަދެއްކަން ބައެއް މީހުނަށް ނޭގޭތީ ދެރައީ! އަސްލު ރަގަޅަށް ކަންތަައް ކުރަން އެގުނުނަމަ ރާއްޖޭގެ އެކަކަށްވެސް ބަލި ނުޖެހޭނެ ގޮތްވެސް ހެދުނީސް!އަގައެއް އޮތިއްޔާ ކޮނޮމެވެސް ފޮނިބާސާއެް ކެޑިދާނެ ސޮރީ!

   24
   4
  • ޓެސްޓްކޮށްލާ

   އެމެރިކާގައި ޓެސްޓްކުރި ރޭޓަށް ޓެސްޓްކޮށްލީމަ އެނގޭނީ. އަނެއްކާ ތިޔަބުނާ 1500 މީހުންގެ ތެރޭގައި ސީރިއަސްވީ 10 މީހުން. މަރުވީ 6. ދެން ކީކޭ ކިޔާނީ؟

   9
   1
 6. ނަދޫ

  ތިވެސް އަމީންގެ ވަރަށް ރަނގަޅު ސިފައެއް. ކޮވިޑް ކަންތަކާ ގުޅިގެން އަލީ ވަހީދުއާއި ނަޝީދުފަދަ މީހުން ކްރެޑިޓް ނުނެގިގެން މަރުފަލިޖެހި އިރުވެސް އަމީން ފެނުނީ ރައްޔިތުންގެ މަސައްކަތުގައި އަވަދިނެތި އުޅުއްވިތަން. އެހާ ބުރަކޮށް މަސައްކަތް ކުރެއްވީމަކަމަށް ގަބޫލުކުރެވެނީ އަޅުގަނޑުމެންނަށް މިއަދު އަމާން އައްސޭރިއަކަށް އާދެވިފައި މި އޮތީ. ތި ކުރައްވާ ބުރަ މަސައްކަތުގައި ﷲ ބަރަކާތް ލައްވާށި.

  20
  17
 7. ވިސްނާލުމަށް އެދެމޭ

  މިސަރު ކާރުގެ ހިންގުންތެރި ކަން ފެންނަހަމައެ ކަނި ތަނަ ކީ މީޑިޔާތަ ކުގެ ފަލަސުރުޙީތަ ކުން...އެގޮތުން މިހާރު ފޮރިން މިނިސްޓަރު ހިންގުންތެރިވެ ގާބިލްވެއްޖެ..ދެންމިފެށީ ހެލްތުމިނިސްޓަރު....މިވަރަށް ގާބިލްވެ ތަޖުރިބާވެރިވެ ހުޝީޔާރުވެ ކުޅަދާނަވާނީ މިނިސްޓަރުން ސަރު ކާރެ....އަމީންގެ ހިންގުންތެރި ގަދަވަރަ ކީ ވެންޓިލޭޓަރުތައް ވީހިސާބެނޭގޭ މާސް ކެ އަންގިއެއް ސަރު ކާރުގެ އިދާރާއަ ކަށްވެސް ފޮނުވެނީ ބޭރުގެ ކޮއްމެވެސް ގައުމެ ޖަމުއިއްޔާއަ ކުން ހިލޭ އެއްޗެދީފިނަމަ...ރާއްޖޭގެ ހަތަރު ފަސް ހޮސްޕިޓަލުގަހުރި ޓެސްޓް މެޝިންތަ ކަށް ލައްވާލާނެ ކާޓްރިޖެ ނުލިބެއުޅެނި ކޮށް އޭޑީ ކޭއިން 675ރުފިޔާއަށް ޓެސްޓް ކޮއްދޭން ފަށައިފި...އަމީނުގެ ގާބިލް ކަން އިތުރަށް ހާމަވާނީ މިވެރި ކަން ނިމުނުދުވަހަ ކުން....އަމިއްލަ ޝަޙުސު ޕްރޮމޯޓް ކުރަން ތި ކުރާހޭދައާ ވަގުތު މަގާމާ މަސްއޫލިއްޔަތާ ޒިންމާ އަދާ ކުރުމަށް ހޭދަ ކުރިނަމަ މީޑިޔާތަ ކުގެ އޭހީއެއް ބޭނުމެނުވީސް ޝަޙުސުޕްރޮމޯޓް ކުރަން. މިވަރުން ނޫސް ކިޔާމީހުންގެ ސި ކުނޑިތަ ކަށް އަމީނުގެ ހުނަރާ ކުޅަދާނަ ކަން ބިންވަޅުނެގިފަ ހުންނާނީ...ރާއްޖޭގެ ސިއްހީދާއިރާ ކޮޅަށްޖަހާ ރާއްޖެއަށް ސިއްހީ އިންގިލާބެ ގެނެސްދިން ވެރި ކަމުގެ ހެލްތްމިނިސްޓަރުންގެ މަސައް ކަތާ ހުނަރު ފެންނަންއެހުރީ ރާއްޖޭގެ އެ ކިދިމަދިމާލުގަ..ޓްރީޓޮޕްހޮސްޕިޓަލެ އުފަންވެ އޭޑީ ކޭގެ ކުރިއެރުމުގަވެސް އައިޖީއެމްއެޗްގަވެސް ދަރުމަވަންތައިގަވެސް އައްޑޫ ތާޝަރީހޮސްޕިޓަލުގަވެސް އަދި ރާއްޖޭގެ އެހެން ހޮސްޕިޓާތަ ކުގަވެސް..އެ ކަމަ ކު އެމިނިސްޓަރުންނަ މިފަދަ އާޓި ކަލްތަ ކެ ބޭނުމެނުވި އެފަސްއަހަރު ނިމުނުއިރުވެސް...މިބުނީ ރޔާމީންގެ އިންގިލާބީ ފަސްއަހަރު...

  24
  6
  • މަރްޒޫގު

   ރައްޔިތުން ބަލައިގަންނަ މީހަކަށް މިނިސްޓަރު އަމީން ވެގެން އުޅެނީ ނޫހުގައި ޖަހާ އާޓިކަލްއެއްގެ ސަބަބަކުން ނޫން. އެއީ އަމަލީ މައިދާނުގައި އެބޭފުޅާ ހޯދި ކުރިއެރުންތަކުގެ ސަބަބުން. ކޮވިޑް ކަންތަކުގައި ހޯދި ކުރިއެރުންތަށް ބަހައްޓާފައި ފާއިތުވި އަހަރު އެކަނިވެސް ހޯދި ކުރިއެރުންތަށް އެހާމެ ގިނަ. ލ. އަތޮޅުގައި މޯބައިލް ލެބޯރަޓްރީ ޚިދުމަތް ފަށައިފި. ހުރިހާ ރަށަކަށް އެމްބިއުލާންސް ހަމަކޮށްދީފި. ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލްގައި ކާޑިއެކް ޚިދުމަތް ފަށައިފި. ނަފްސާނީ ބައްޔަށް ހާއްސަ ސެންޓަރެއް ހުޅުވައިފި. ތެލެސީމިއާ ކުދިންނަށް ފަރުވާ ދިނުމަށްޓަކައި އެކަމަށް ބޭނުންވާ ވަސީލަތްތައް ރަށްރަށުން ފަސޭހައިން ލިބޭނެ ނިޒާމެއް ހަމަޖައްސައިފި. ކެންސަރު ބަލިން ރައްކާތެރިވުމަށް އާ ވެކްސިނެއް ދޭން ފެށައިފި. ނ. މަނަދޫގައި ހޮސްޕިޓަލްގައި ދަތުގެ ފަރުވާގެ ޚިދުމަތް ހަމަޖައްސައިފި. ހިމިބިހި ކްރައިސިސް މެނޭޖްކޮށް ގައުމީ ފެންވަރުގައި ވެކްސިން ޕްރޮގްރާމެއް ހިންގާ ހިމަބިހީގެ މައްޗަށް ކުރިހޯދައިފި. މީގެ އިތުރުންވެސް އެތަށް ކަމެއް އިނގޭތޯ. މިއަދު ރައްޔިތުން ބަލައިގަންނަނީ އަމީންފަދަ ނަތީޖާ ނެރޭ ވެރިން އިނގޭތޯ. ފޮނި އަނގަތަޅާ މީހުންނެއް ނޫން.

   15
   22
 8. ސަނީ

  މިއަދު އަމީންއަކީ އަހަރުމެން ފަހުރުވެރިވާ ދިވެހި ދަރިއެއް. މި ނާޒުކު ދަނޑިވަޅުގައި ތިޔަ ކޮށްދެއްވި އަގުހުރި މަސައްކަތާއި ވެދެއްވި ގުރުބާނީއަށް ހިތުގެ އުމުގުން އިހްލާސްތެރި ޝުކުރެއް ބަރުތީލަކުރަން. ޔޫއާ މައި މޭން.

  17
  24
 9. ބެއްޔާ

  އެހާ އެކްޓިވްކޮށް އުޅޭނީ ނާޖާއިޒް ކަންތައްތަކެއް ކުރެވޭތީ. ވެންޓިލޭޓަރުގެ ކަންތައްތަކުގަ ގިނަ މިނިސްޓަރުން ވަރަށް އެކްޓިވްކޮށް އުޅުނު. ލިބޭ ފައިދާ ބޮޑީހަމަ.

  27
  6
  • މީޙާ

   ވެންޓިލޭޓަރު ގެންނަން ހަވާލުވެގެން ހުރީ އެސްޓީއޯ އެމްޑީ އަމްރު. ޖަނަވަރީގައި އޯޑަރު ކުރި ތަކެތި އަދިވެސް ރާއްޖެ ނާދޭ. ހުށަހެޅީ އާންމު އަގުގެ 4 ގުނަ ބޮޑުކޮށް. ލާރި ނަގައިގެން އެސްޓީއޯ އަމްރު ހިންގި ޖަރީމާއެއް އެނގޭނީ އޭނާއަށް. ނަޝީދު ހަރުގޭގައި ގެންގުޅޭ މީހުން ސަލާމަތް ކުރަން ރައްޔިތުން އޮޅުވަން އުޅޭނެ ކަމެއް ނެތް.

   17
   3
 10. އެމަންޖެ

  ސޮރީ ފުރަތަމަ އަމީން ކޮއްދިންކަމެއް އިނގިގެންދޯ ހަނދާންނައްތާލެވޭނީވެސް.

  14
  15
 11. ާައަހުމަދު

  އަމީނަށް ވުރެ އަމީންގެ ޕީރ ގުރޫޕް ވަރަށް ވަރުގަދަ.

  7
  9
 12. މަބޭ

  އަމީން ކުރިކަމެއް އަދިމިސަރުކާރުން ސިއްހީދާއިރާ ހަރުދަނާކުރަންކުރިކަމެއް ރާއްޖޭގެ އެއްވެސްދިމާލަކުން ފެންނާލައްނެއް ރައީސްޔާމީންގެ ވެރިކަމުގަ އައިޖީއެމްއެޗް މިހާރުއެހެރަފެންވަރައްގެނެސް ހުޅުމާލެހޮސްޕިޓަލް ތަރައްގީކޮއް އައްޑޫގަ ޓާސަރީއޮސްޕިޓަލެއްއަޅާ 25އަހަރުވަންދެން އެމްއާރުއަައިހަދަން އިމްޑިޔާ ލަންލާ އައްދިވެހިންދާންޖެހޭދިއުމް ހުއްޓުމަކައްގެނެސް ދެއްވީ ރާއްޖޭގެ ބޮޑެތިހުރިހާހޮސްޕިޓަލެއްގަ އެމްއާރއައިމެނިސް ބަހައްޓަވާދެއްވި މިސަރުކާރުވެރިކކަމާ ހަވާލުވިއިރު ސިއްހީނިޒާމައްވަނީ އިންގިލާބީ ބަދަލުތަލެއް ގެނެސްދެއްވާފަ މިހާރުތިބިމީހުނައް ހަަމައެކަނި މިޖެހުނީ މެނޭޖްކުރަން އެކަން މިހާރު ފެއިލްވެގެން މިއުޅެނީ

  18
  6
 13. މުކި

  މިނިސްޓަރަކާ ރައީސް އަކާ މިޤައުމުގަ އެބަ އުޅޭތަ؟
  ކޮވިޑް ބޮއްސުންލީ ޤައުމު ފެއިލްވެގެން

  17
  4
 14. މިއަދު

  އަމީންގެ މަސައްކަތް: ހަނދާނުން ފޮހެނުލެވޭ ވަރުގެ ބުރައެއް ނަތީޖާއެއްގެގޮތުން މާބަނޑު 2 މީހެއްގެ ބަނޑަށް ދަރިފުޅުމަރުވުމާއި ޑަކުޓަރުންގެ ފަރާތުން ފަރުދިނުން ލަސްވެގެން. މީހުންމަރުވުމާއި ތުއްތު ކުއްޖެއްގެ މުހިއްމު ގުވަނެއް ނެގުން ހިމެނޭ

  16
  5
  • ނައީމާ

   ސާބަހޭ. ދޮގުހަދާފައި ބަހައްޓާ. ބަނޑަށް ނިޔާވި މީހާގެ ކޭސްގެ ހަގީގަތް މިރާއްޖޭ އެންމެވެސް ދަނެތިބި. ޑޮކްޓަރަށް ދެއްކީމަ ޑޮކްޓަރު އެންގި ދުވަހު ވިހަން ނުގޮސް އަމިއްލައަށް ބޭނުންވި ދުވަހު ވިހަން ދިޔައިރު ކުއްޖާ އޮތީ ނިޔާވެފައި. މިކަމުގައި ބަޔަކު ކީއްތޯކުރާނީ؟ ޑޮކްޓަރު ބޭސްގުޅަ ލިޔެދިނީމަ އެ އަނގަަޔަށް ނުލައިގެން ހާލު ދެރަވީމަވެސް ޒިންމާވާން ޖެހެނީ މިނިސްޓަރުތޯ؟ ބޯލު ރޮއްޖޭ ކިޔާބަލަ!

   3
   5
 15. ޑައެލޯގް

  އާނ! މޮޅުކަމުން މުޅިދުނިޔެއިން އާބާދީގެ ނިސްބަތުން މިބަލިޖެހިފައިވާމީހުން 2 ވަނައަށްގިނައީ ރާއްޖެއެވެ. އަދި މިއީ މިވެރިން 3 މަސްކުރިން މޮޅައްތައްޔާރަށްއޮތީމަވީވަރެވެ. މޮޅީ ތަޅާށާއި ބަޖެޓް ދަވާލަން އެކަންކޮށްފި

  • އަހުމަދު

   ރާއްޖޭގެ ހާލަތު ހާދަ ތަފާތޭ. މީ ދުނިޔޭގެ އެންމެ ތޮއްޖެހިފަ އޮއިތް އެއް ތަން. މިތާނގަ މި ބަލި ފެތުރޭނެ ގޮތަކައް ދޫކޮއްލުމުގެ ނުރައްކާ މާބޮޑު

 16. އިއްބެ

  މިގައުމުގެ ރައީސުލް ޖުމުހޫރިއްޔާ އަދި ހެލްތުމިނިސްޓަރަށް ބުނެލަން ބޭނުންވަނީ މިގައުމުން ފަރުވާލިބެންނެތް ބަލިތައް ތަހައްމަލް ކުރަމުންދާ ވަރަށްގިނަ ބަލިމީހުން ގޮތްހުސްވެފަ ތިބިކަމެވެ އަދި މިމީހުންނަށް އަވައްޓެރިގައުމަކުން ފަރުވާހޯދާ ދެވޭނެ ގޮތެއް ހަމަޖައްސައިދިނުމެވެ

 17. މަޒް

  ގައިމު މާ މޮޅު ޓުއަރިޒަމް އެކްސްޕާޓަަކަށް ވެގެން އެ އުޅޭ އަސްލު ޑީއާރުޕީގެ މީހާ ބުނި އަމީނަކަށް އެއްވެސް ކަމެއް ނުވާނެއޭ