ލިޔުނީ: އަލްއުސްތާޛު އާދަމް ޝަމީމު

މިދުވަސްވަރަކީ މަޖިލިސް މެންބަރުންނަށް ލިބިގެންވާ އިމްތިޔާޒުގެ ވާހަކަ ވަރަށް ގަދައަށް ދެކެވޭ ދުވަސްވަރެކެވެ. މި ވާހަކައެއް ދެކެވެން މި ފެށީ މިދިޔަ އަންގާރަ ދުވަހުގެރޭ (02 ޖޫން 2020) ވަނަ ދުވަހުގެރޭ 1:30 ގައި މަޖިލިސްކުރާ ގޭގައި ބޭއްވުނު ޖަލްސާގައި އިދިކޮޅު ޕްރޮގްރެސިވް ޕާޓީ އޮފް މޯލްޑިވްސް ޕާޓީ(ޕީ.ޕީ.އެމް) ގެ މެންބަރެއް ކަމުގައިވާ ނައިފަރު ދާއިރާގެ ޢިއްޒަތްތެރި މެންބަރު އަޙުމަދު ޝިޔާމްގެ ނަން އިއްވައި އެބޭފުޅާ ޖަލްސާ ދޫކޮށް ދިއުމަށް މަޖިލީހުގެ ރިޔާސަތުން އެންގެވުމުން އޭނާ މަޖިލީހުން ނެރުމަށްޓަކައި ސަރުކާރު ހިންގާ ކޯލިޝަންގެ މައި ޕާޓީ މޯލްޑިވިއަން ޑިމޮކްރަޓިކް ޕާޓީ (އެމް.ޑީ.ޕީ) ގެ މެންބަރުންތަކެއް އަޙްމަދު ޝިޔާމްގެ ހަށިކޮޅަށް އަތްލައްވައި އޭނާއާމެދު މާރާމާރީ ހިންގަވައި އޭނާއަށް އަނިޔާކުރެއްވުމާގުޅިގެންނެވެ.

އަދި، މިހެން މިކަން ހިނގާފައި ވަނިކޮށް، ހަމަ އެރޭ އަޙްމަދު ޝިޔާމް މޯލްޑިވްސް ޕޮލިސް ސަރވިސް އަށް ޙާޟިރުވެ އޭނާއަށް އަނިޔާކުރި މީހުންގެ މައްސަލަ ފުލުސް އޮފީހަށް ހުށަހަޅާފައި ވަނިކޮށް، 05 ޖޫން 2020 ވަނަ ދުވަހު ޕަބްލިކް ސަރވިސް މީޑިއާގެ ޕްރޮގްރާމެއްގައި ވާހަކަފުޅު ދައްކަވަމުން، ފުލުހުންނަށް ހުށަހަޅާފައިވާ، މަޖިލީހުގެ މެންބަރުންގެ މެދުގައި ހިނގި ހަމަނުޖެހުމުގެ މައްސަލަ، އިންސާފްވެރިކަމާ އެކު އެ މައްސަލަ ބަލައި އެ ކަންކަމުގައި އަޅަންޖެހޭ ގާނޫނީ ފިޔަވަޅު އަޅުއްވާނެ ކަމަށް ހޯމް މިނިސްޓަރ ޢިމްރާން ޢަބްދުﷲ ވިދާޅުވުމާގުޅިގެން އެއީ މަޖިލީހުގެ ނިޒާމަށް ހުރަސް އަޅައި މަޖިލީހުގެ އިންތިޒާމް ތަކުގެ ތެރެއަށް އަރައިގަތުން ކަމަށް އެމްޑީޕީގެ ޗެއަރޕަރސަން އަދި ހެންވޭރު ހުޅަނގު ދާއިރާގެ ޢިއްޒަތްތެރި މެމްބަރު ހަސަން ލަތީފް ވިދާޅުވުމާގުޅިގެން މި ބަހުސެއްގެ ފޯރި ވަކިން ގަދަވެއްޖެއެވެ.
އެހެންކަމުން މަޖިލިސްކުރާގޭގެ ތަޅުމުގައި ހިނގާދިޔަ އިސްވެ ދެންނެވުނު ހާދިސާއާ މަޖިލިސް މެންބަރުންނަށް ލިބިގެންވާ އިމްތިޔާޒާ އޮތީ ކިހާޥަރެއްގެ ގުޅުމެއްތޯއާއި، އަދި އެ ހާދިސާ ތަހުޤީޤުކުރުމަށް މޯލްޑިވްސް ޕޮލިސް ސަރވިސް އަށް އެއްވެސް ހުރަހެއް އޮތްތޯ ނޫންތޯއާމެދު މި ކުރެވޭ ބަހުސްގައި އަޅުގަނޑު ވެސް އެއްޗެއް ބުނެލަން ގަސްދުކުރީއެވެ.

މަޖިލިސްކުރާގޭގެ ތަޅުމުގައި މިބުނާ ރެޔަކު ޖިނާއީ ކުށެއް ހިނގިތަ؟

މި މައުޟޫއަށް އިންސާފުކުރަން ފެށުމުގެ ކުރިން އެންމެ ފުރަތަމަ ޖަވާބު ހޯދަންޖެހޭ ސުވާލަކީ މިއީއެވެ. އެއީ، 02 ޖޫން 2020 ވަނަ ދުވަހުގެރޭ މަޖިލިސްކުރާ ގޭގައި ހިނގައި ހާދިސާގައި ޖިނާއީ ކުށެއް އެކުލެވޭތޯ ނުވަތަ ނޫންތޯއާމެދު އުފެދޭ ސުވާލެވެ. އެހެނީ، ޖިނާއީ ކުށެއްގެ ތުހުމަތު ނުއުފެދޭނަމަ ނުވަތަ ޖިނާއީ ކުށެއް އެތަނުގައި ހިނގާފައި ނުވާނަމަ އެފަދަ މައްސަލައެއް ފުލުހުން ބެލުމަކީ މަޖިލިސްކުރާގޭގެ އިންތިޒާމަށް އަރައިގަތުން ކަމަށް ބެލެވިދާނެތީއެވެ.

އެރޭ ހިނގައި ދިޔަ ކަމެއް ހިނގައިދިޔައީ ދިވެހި އެންމެހާ ކަތުންގެ ލޯމަތީގައި ކަމަށް ބުނުމަކީ ދޮގަކަށް ނުވާނެއެވެ. އެއީ އެވަގުތަކީ ޖަލްސާ ލައިވްކުރަމުން ދިޔަ ވަގުތަކަށް ވެފައި އެރޭގެ ޖަލްސާގައި ކުރިއަށް ދިޔައީ މުޅި ޤައުމު އިންތިޒާރުކުރަމުން ދިޔަ ނިންމުމެއްގެ ވޯޓަށް އެހުމުގެ ވަގުތުކަމަށް ވީއިރު ގިނަ ބަޔަކު އެ ލައިވް ބަލަމުން ދިޔައީތީއެވެ. އެހެން މީހުންނެކޭ އެއްގޮތަށް އަޅުގަނޑު ވެސް އެރޭ އެ ލައިވް ބެލީމެވެ. އެގޮތުން އެރޭ އެމްޑީޕީގެ މެންބަރުންތަކެއް މެންބަރު އަޙްމަދު ޝިޔާމްގެ ހަށިކޮޅަށް އަތްލައްވައި އޭނާ ކޮށްޕަވައި ގަޅުއްވައި އަނެއްބައި ފަހަރު ވައްޓައިލައްވައި ދަމާކޫއްތާފައި ގެންދަވަން އުޅުއްވިތަން ފެނުނެވެ. އަދި، މެންބަރު އަޙްމަދު ޝިޔާމް ނޫން އެހެން މެންބަރެއްގެ ހަށިކޮޅާ ދިމާއަށް އެހެން މެންބަރަކު ފައި ހޫރުއްވައިލި ތަން ވެސް ފެނިގެން ދިޔައެވެ. ކޮންމެއަކަސް އެރޭ ހިނގައިދިޔަކަމެއް ހިނގައި ނިމުނުއިރު މެންބަރު އަޙްމަދު ޝިޔާމް ތުރުކުރައްވައިގެން ހުންނެވި ގަމީސް ވަނީ ވީދިފައެވެ. އެރޭ ހޮސްޕިޓަލަށް ވަޑައިގަތުމުން ނެގި އެކުސްރޭއިން އޭނާގެ މައިބަނދައިގައި ރެނދެއް ލާފައިވާކަމަށް ދައްކާ ކަމަށް މެންބަރު އަޙްމަދު ޝިޔާމްގެ ފަރާތުން ނެރުނު ބަޔާނުގައި ބުނެފައި ވެއެވެ.

މީހެއްގެ ނުރުހުމުގައި އޭނާގެ ގަޔަށް އަތްލުމަކީ ކުށެއް

މީހެއްގެ ރުހުމަކާ ނުލައި، އޭނާގެ ގައިގާ އަތްލުން ނުވަތަ އޭނާއަށް އަނިޔާއެއް ކުރުމަކީ ކުށެއް ކަމަށް ޤާނޫނު ނަންބަރު 2014/9 (ދިވެހިރާއްޖޭގެ ޤާނޫނުލްޢުޤޫބާތު) ގެ 120 ގެ (ހ) ގެ 1 ވަނަ ނަންބަރުގައި ބަޔާންކޮށްފައިވެއެވެ.

އަދި، މީހެއްގެ ހަށިގަނޑަށް ބޮޑު އަނިޔާއެއް އޭނާ ދިންކަމަށްވާނަމަ، އެ ޖިނާޔަތުގެ 4 ވަނަ ދަރަޖައިގެ ކުށެއް ކަމަށް އެ މާއްދާގެ (ށ) ގެ 1 (i) ވަނަ ނަންބަރުގައި ބަޔާންކޮށްފައި ވެއެވެ. ހަމައެހެންމެ،

މީހެއްގެ ހަށިގަނޑަށް އަނިޔާއެއް އޭނާ ދިންކަމަށްވާނަމަ، އެ ކުށަކީ ޖުނަޙްގެ 2 ވަނަ ދަރަޖައިގެ ކުށެއް ކަމަށް އެ މާއްދާގެ (ށ) ގެ 2 ވަނަ ނަންބަރުގައި ބަޔާންކޮށްފައިވާއިރު، އެނޫން ޙާލަތްތަކުގައި، އެ ކުށަކީ، ޖުނަޙްގެ 3 ވަނަ ދަރަޖައިގެ ކުށެއްކަމަށް އެ މާއްދާގެ (ށ) ގެ 2 ވަނަ ނަންބަރުގައި ބަޔާންކޮށްފައި ވެއެވެ.
ޖިނާޔަތުގެ 4 ވަނަ ދަރަޖައިގެ ކުށެއްގެ އަދަބު ކަނޑައެޅުމުގެ އަސާސީ މިންގަނޑަކީ 1 އަހަރާއި 7 މަހާއި 6 ދުވަހެވެ. ޖުނަޙްގެ 2 ވަނަ ދަރަޖައިގެ ކުށެއްގެ އަދަބު ކަނޑައެޅުމުގެ އަސާސީ މިންގަނޑަކީ 2 މަހާއި 12 ދުވަހެވެ. އަދި ޖުނަޙްގެ 3 ވަނަ ދަރަޖައިގެ ކުށެއްގެ އަދަބު ކަނޑައެޅުމުގެ އަސާސީ މިންގަނޑަކީ 1 މަހާއި 6 ދުވަހެވެ.

"ހަށިގަނޑަށް ލިބޭ އަނިޔާ" އަކީ ކޮބައިކަން އިސްވެ ދެންނެވުނު ޤާނޫނުގެ 17 ވަނަ މާއްދާގެ 7 ވަނަ ނަންބަރުގައި މާނަކޮށްދީފައިވެއެވެ. އެ ނަންބަރުގައި ވަނީ އަންނަނިވި ފަދައިންނެވެ.

"ހަށިގަނޑަށް ލިބޭ އަނިޔާ" ކަމަށް ބުނެފައި އެވަނީ ހަށިގަނޑަށްލިބޭ ވޭނާއި، ހަށިގަނޑަށް ޖެހޭ ބައްޔާއި، ހަށިގަނޑުގެ މާއްދީ އެއްވެސް ބަޔަކަށް ލިބޭ އުނިކަމަކަށެވެ.
އެހެންކަމުން، މަޖިލިސްކުރާ ގޭގައި ހިނގައިދިޔަ ހާދިސާގައި އެމްޑީޕީގެ މެންބަރުން އަޙްމަދު ޝިޔާމްގެ ނުރުހުމުގައި އޭނާގެ ގަޔަށް އަތްލާފައިވާނަމަ ނުވަތަ އޭނާއަށް އަނިޔާއެއް ކޮށްފައިވާނަމަ އެއީ ޖިނާޢީ ކުށެއް ކަމުގައި ނުވާންވީ ހަމައެއް ނެތެވެ.

މަޖިލިސް މެންބަރަކަށް އެހެން މެންބަރެއްގެ ގައިގައި އޭނާގެ ރުހުމުގައި އަތްލެވިދާނެތަ؟

މި މައްސަލާގައި ދެން ޖަވާބު ހޯދަންޖެހޭ ސުވާލަކީ މިއީއެވެ. އެއީ، މަޖިލިސް މެންބަރުންނަކީ އެމީހަކު ބޭނުން ވެއްޖެ ނަމަ ޖެހިގެން އެހެން މެންބަރެއްގެ ގަޔަށް އަތްލައި ނުވަތަ ދަތްދޮޅި ދުއްވާލުން ފަދަ ކަންކަން ކުރުމުގެ ހުއްދަ ޤާނޫނީ ގޮތުން ލިބިފައިވާ ބައެއް ނަމަ މި ވާހަކަ ދައްކާނެ އެއްވެސް ޖާގައެއް ނެތަތީއެވެ. އަދި، މަޖިލީހުގައި ނަންއިއްވައި ބޭރުކުރެވޭ މެންބަރެއް ބޭރުކުރުމަކީ މަޖިލީހުގެ އެހެން މެންބަރުންގެ މައްޗަށް ޤާނޫނީ ގޮތުން ލާޒިމުކަމެއް ކަމުގައިވާނަމައީހީވެސް މިވާހަކަ ދެއްކޭނޭ އިތުރު ޖާގައެއް ނޯންނާނެތީއެވެ.

ދިވެހިރާއްޖޭގެ އެއްވެސް ޤާނޫނެއްގައި، މަޖިލިސް މެންބަރަކު އަނެއް މެންބަރެއްގެ ނުރުހުމުގައި އޭނާގެ ގަޔަށް އަތްލުމަށް އަދި އޭނާއަށް އަނިޔާ ކުރުމަކަށް ހުއްދަކޮށްފައެއް ނުވެއެވެ. އަދި މަޖިލިސް މެންބަރުންނަކީ ޤާނޫނު ނަންބަރު 2014/9 (ދިވެހިރާއްޖޭގެ ޤާނޫނުލްޢުޤޫބާތު) ގެ 120 ގެ (ހ) ގެ 1 ވަނަ ނަންބަރުގައި ބަޔާންކޮށްފައިވާ ކުށުން އަދި އެ ޤާނޫނުގައި ބަޔާންކޮށްފައިވާ އެހެން ކުށްތަކުން ވެސް ބަރީޢަވެގެންވާ ބައެއް ކަމަކަށް ބަޔާންކޮށްފައެއް ނުވެއެވެ. އެހެންކަމުން އެއްވެސް މެންބަރަކު އަނެއް މެންބަރެއްގެ ނުރުހުމުގައި އޭނާގެ ގަޔަށް އަތްލައި އޭނާއަށް އަނިޔާކުރުމަކަށް ދެއްކޭނޭ އެއްވެސް އުޛުރެއް ނެތެވެ.

ރައްޔިތުންގެ މަޖިލީހުގެ ގެއާއި، އެގޭގެ ގޯތި ތެރެއާއި، ރައްޔިތުންގެ މަޖިލީހުގެ ދަށުން ހިނގާ އެންމެހައި ތަންތަނުގެ ސަލާމަތީ ކަންކަން ބަހަލައްޓަންވާނީ ދައުލަތުގެ ސަލާމަތީ ޚިދުމަތްތަކުން ކަމަށް ޤާނޫނުއަސާސީގެ 105 ވަނަ މާއްދާގެ (ހ) ގައި ބަޔާންކޮށްފައި ވެއެވެ. އަދި ރައްޔިތުންގެ މަޖިލީހުގެ މެންބަރުންނަށް ޙިމާޔަތާއި ރައްކައުތެރިކަން ދިނުމަށް ދައުލަތުގެ ސަލާމަތީ ޚިދުމަތްތަކުން މަސައްކަތް ކުރަންވާނެ ކަމަށް އެ މާއްދާގެ (ށ) ގައި ބަޔާންކޮށްފައިވެއެވެ.

ޤާނޫނުއަސާސީގެ 105 ވަނަ މާއްދާގައި އެހެން އޮތްކަމަށްވީނަމަވެސް، ރައްޔިތުންގެ މަޖިލީހުގެ ގެއާއި، އެގޭގެ ގޯތިތެރެއާއި، ރައްޔިތުންގެ މަޖިލީހުގެ ދަށުން ހިންގާ އެންމެހައި ތަންތަނުގައި މަޖިލީހުގެ ގަވާއިދު ތަންފީޒުކުރުމުގެ ގޮތުން ކުރާ ކަންކަން ކުރާނީ، މަޖިލީހުގެ ރައީސް އަންގާ ގޮތެއްގެމަތިން މަޖިލީހުގެ ސާޖަންޓް އެޓް އާމްސް ކަމަށް 26 އޮގަސްޓު 2019 ގައި ބޭއްވުނު 19 ވަނަ ރައްޔިތުންގެ މަޖިލީހުގެ 39 ވަނަ ޖަލްސާއިން ފާސްކުރެއްވި، "ރައްޔިތުންގެ މަޖިލީހުގެ ގަވާއިދު" ގެ 4 ވަނަ މާއްދާގެ (ބ) ގައި ބަޔާންކޮށްފައިވެއެވެ. އަދި، ރައްޔިތުންގެ މަޖިލީހުގެ މިވަގުތު ސަރޖަންޓް އެޓް އަރމްސްގެ މަޤާމުގައި ހުންނެވީ އަލްފާޟިލް މުޙައްމަދު ޙަލީމް ކިޔާ މީހެއް ކަމަށް ރައްޔިތުންގެ މަޖިލީހުގެ ވެބްސައިޓުގައި ބަޔާންކޮށްފައި ވެއެވެ.

މަޖިލީހުގެ އެއްވެސް މެންބަރަކީ އެއްވެސް ސަލާމަތީ (ފުލުހުންނާއި ސިފައިން) ޚިދުމަތެއްގައި މަސައްކަތްކުރާ ބައެއް ނޫނެވެ. އަދި މަޖިލިސް މެންބަރުންނަކީ ސަރޖަންޓް އެޓް އަރމްސް ނޫންކަމާއި އަދި އޭނާގެ ދަށުން މަސައްކަތްކުރާ ބައެއް ނޫން ކަންވެސް އެނގެއެވެ. އެހެންކަމުން ސަލާމަތީ ސަބަބުތަކަށްޓަކައި ވެސް މަޖިލީހުގެ މެންބަރެއްގެ ނުރުހުމުގައި އޭނާގެ ގައިގައި އަތްލުމަކަށް މަޖިލީހުގެ އެއްވެސް މެންބަރަކަށް ދެއްކޭނެ ހުއްޖަތެއް ނެތެވެ.

ރިޔާސަތުން ނަންއިއްވާ މެންބަރަކު މަޖިލީހުން ބޭރުކުރުމުގައި މަޖިލީހުގެ މެންބަރުންނަށް ހަރަކާތްތެރިވުމުގެ ހުއްދައެއް އޮވޭތަ؟

މަޖިލީހުގެ ޖަލްސާއެއް ދެމިއޮތްހާ ހިނދަކު، މަޖިލީހުގެ ރައީސް ޤާނޫނުއަސާސީއާއި ރައްޔިތުންގެ މަޖިލީހުގެ ގަވާއިދާ އެއްގޮތްވާ ގޮތުގެމަތިން ކުރާ ކޮންމެ އަމުރަކަށް މެންބަރުން ފުރިހަމައަށް ކިޔަމަންވާންވާނެ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ގަވާއިދު ގެ 65 ވަނަ މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވެއެވެ.

އަދި، އެ ގަވާއިދުގައިވާ ގޮތުގެމަތިން މަޖިލީހުގެ ރައީސް ކުރާ އަމުރަކަށް މެންބަރަކު ކިޔަމަންނުވެއްޖެނަމަ، ކިޔަމަންވުމަށް، އެ މެންބަރަކަށް މަޖިލީހުގެ ރައީސް ނަޞޭޙަތްތެރިވާންވާނެ ކަމަށާއި، މިކަމަށް މަޖިލީހުގެ ރައީސް ބޭނުންކުރާނެ ޢިބާރާތަކީ " )އެ މެންބަރެއްގެ ދާއިރާގެ ނަން އިއްވުމަށްފަހު (ޢިއްޒަތްތެރި މެންބަރު ގަވާއިދަށް ޙުރުމަތްތެރިކޮށް ހިއްތެވުމަށް ނަޞޭޙަތްތެރިވަން") މި ޢިބާރާތްކަމާއި، އަދި އެފަދައިން ނަޞޭޙަތްތެރިވުމުންވެސް މެންބަރަކު ކިޔަމަންނުވެއްޖެނަމަ، މަޖިލީހުގެ ރައީސް އޭނާއަށް އިންޒާރުކުރަންވާނެ ކަމަށާއި، މިކަމަށް މަޖިލީހުގެ ރައީސް ބޭނުންކުރާނެ ޢިބާރާތަކީ "(އެ މެންބަރެއްގެ ދާއިރާގެ ނަން އިއްވުމަށްފަހު) ޢިއްޒަތްތެރި މެންބަރު ގަވާއިދަށް ޙުރުމަތްތެރިކޮށް ހިއްތެވުމަށް އަދިވެސް އެއްފަހަރު ދަންނަވަން. ދެން ޖެހޭނީ ނަން އިއްވަން". މި ޢިބާރާތް ކަމާއި، އަދި އެގޮތުގެމަތިން، އިންޒާރުކުރުމުންވެސް، އެ މެންބަރަކު ކިޔަމަންނުވެއްޖެނަމަ، މަޖިލިސް ދޫކޮށްފައި ދިއުމަށް އެ މެންބަރަކަށް އެންގުމުގެ އިޚްތިޔާރު މަޖިލީހުގެ ރައީސަށް ލިބިގެންވާ ކަމާއި، އެގޮތުން މަޖިލިސް ދޫކޮށްދިއުމަށް މެންބަރަކަށް އެންގުމަށް މަޖިލީހުގެ ރައީސް ބޭނުންކުރާނެ ޢިބާރާތަކީ "އަޅުގަނޑު މި އިއްވަނީ (މަޖިލީހުގައި އެ މެންބަރެއް ހިމެނިގެންވާ ދާއިރާގެ ނަން)، ޢިއްޒަތްތެރި މެންބަރު (މެންބަރުގެ ނަން) ގެ ނަން". މި ޢިބާރާތް ކަމާއި، އިސްވެ ދެންނެވުނު ފަދައިން މަޖިލީހުގެ ރައީސް މެންބަރެއްގެ ނަން އިއްވައިފިނަމަ، އެ މެންބަރަކަށް ޖަލްސާގެ ބާކީ އޮތް ބައިގައި ބައިވެރިވުމުގެ ޙައްޤު ގެއްލޭނެ ކަމަށާއި، އަދި، އެ މެންބަރަކު ވަގުތުން ޖަލްސާ ދޫކޮށް ދާންވާނެ ކަމަށާއި، އެގޮތުގެމަތިން، މަޖިލީހުގެ ރައީސް މެންބަރެއްގެ ނަން އިއްވުމުން އެ މެންބަރަކު ޖަލްސާ ދޫކޮށް ދިއުމަށް އިންކާރުކޮށްފިނަމަ، އެ ގަވާއިދުގެ ބޭނުމަށް، އެ މެންބަރަކު ޖަލްސާއަށް ހާޒިރުވެނެތްކަމަށް ބަލައި، އެ ޖަލްސާ ކުރިއަށް ގެންދިއުމުގެ ބާރު މަޖިލީހުގެ ރައީސަށް ލިބިގެންވާ ކަމަށާއި، މަޖިލީހުގެ ޖަލްސާއެއް ކުރިއަށްގެންދެވެން ނެތް މިންވަރަށް މަޖިލީހުގެ ނިޒާމު ގެއްލިއްޖެކަމަށްވާނަމަ، މަޖިލީހުގެ ޖަލްސާ އެހެން ވަގުތަކަށް ފަސްކުރުމުގެ ބާރު މަޖިލީހުގެ ރައީސަށް ލިބިގެންވާ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ގަވާއިދުގެ 64 ވަނަ މާއްދާގެ (ހ) އިން (އ) ގެ ނިޔަލަށް ހުރި މާއްދާ ތަކުގައި ބަޔާންކޮށްފައިވެއެވެ.

އަދި، ރައްޔިތުންގެ މަޖިލީހުގެ ގަވާއިދު ގެ 23 ވަނަ މާއްދާގައި ސަރޖަންޓް އެޓް އަރމްސްގެ މަސްއޫލިއްޔަތު ބަޔާންކޮށްފައިވާއިރު، މަޖިލީހުގެ ޖަލްސާގައި ހާޒިރުވެ އިނުމަށް ހުއްދައޮތް މީހަކު ފިޔަވައި، އެނޫން މީހަކު ޖަލްސާއެއް ހިނގަމުންދާ ވަގުތު، މަޖިލިސްކުރާ މާލަމުގައި ނުބެހެއްޓުން އަކީ ސަރޖަންޓް އެޓް އަރމްސްގެ މަސްއޫލިއްޔަތެއް ކަމަށް ބަޔާންކޮށްފައިވެއެވެ.

އެހެންކަމުން ރައްޔިތުންގެ މަޖިލީހުގެ ގަވާއިދާ އެއްގޮތްވާ ގޮތުގެމަތިން މެންބަރެއްގެ ނަން އިއްވައިފިނަމަ އެ މެންބަރަކީ ޖަލްސާގައި ހުރުމުގެ ހުއްދަ ނެތް ފަރާތެއް ކަމަށް ވެގެންދާނެ އެވެ. އަދި އެފަދަ ޙާލަތެއްގައި އެ މެންބަރަކު ޖަލްސާއިން ބޭރުކުރުމަކީ ސަރޖަންޓް އެޓް އަރމްސްގެ މަސްޢޫލިއްޔަތެއްކަން އެނގެއެވެ. އަދި، އެފަދަ މެންބަރެއް މަޖިލީހުން ނެރުމުގައި މަޖިލީހުގެ އެހެން މެންބަރުންގެ އެއްވެސް ދައުރެއް މަޖިލީހުގެ ގަވާއިދުގައި ބަޔާންކޮށްފައެއް ނުވެއެވެ. އެހެންކަމުން މެންބަރެއްގެ ނަން އިއްވީ ގަވާއިދާ އެއްގޮތަށް އަދި ގަވާއިދާ ޚިލާފަށް ކަމަށްވާނަމަވެސް އޭނާ މަޖިލީހުން ނެރުމުގެ އެއްވެސް ބާރެއް މަޖިލީހުގެ އެހެން މެންބަރުންނަށް އެއްވެސް ޤާނޫނަކުން ވެސް އަދި ގަވާއިދަކުން ވެސް ދީފައި ނެތަތީ އޭނާގެ ނުރުހުމުގައި އޭނާގެ ގަޔަށް އަތްލުމަކަށް އަދި އަނިޔާއެއް ދިނުމަކަށް ވެސް ދެއްކޭނޭ އެއްވެސް އުޛުރެއް ނެތެވެ.

ޖިނާއީ ކުށަކުން ބަރީޢަވުމުގެ އިމްތިޔާޒެއް މެންބަރުންނަށް ލިބިގެންވޭތަ؟

ރައްޔިތުންގެ މަޖިލީހުގެ މެންބަރުންގެ އިމްތިޔާޒުގެ ވާހަކަ އެންމެ ފުރަތަމަ ބަޔާންކޮށްފައިވަނީ ޤާނޫނުއަސާސީގެ 90 ވަނަ މާއްދާގެ (ހ) ގައެވެ. އެ މާއްދާގައި ބަޔާންކޮށްފައިވަނީ "ރައްޔިތުންގެ މަޖިލީހުގެ ޖަލްސާއެއްގައި، ނުވަތަ އެ މަޖިލީހުގެ ކޮމިޓީއެއްގައި މެންބަރަކު ނުވަތަ އެނޫން ވެސް މީހަކު އިސްލާމްދީނުގެ އަޞްލަކާ ޚިލާފު ނުވާގޮތުގެމަތިން ދެއްކި ވާހަކައެއް ނުވަތަ ހުށަހެޅި ހުށަހެޅުމެއްގެ ސަބަބުން ނުވަތަ ވޯޓު ދިނުމުގައި ޢަމަލުކުރި ގޮތެއްގެ ސަބަބުން، ކޯޓަކަށް އެމީހަކު ހާޒިރުކޮށް ނުވަތަ އެމީހަކާމެދު އެއްވެސް ތަހުޤީޤެއް ހިންގައި ނުވަތަ ހައްޔަރުކޮށް ނުވަތަ ބަންދެއްކޮށް ނުވަތަ އެމީހަކާމެދު ދަޢުވާއެއްކޮށް ހަދައިގެން ނުވާނެ" ކަމަށެވެ.

މި މާއްދާއަށް ބަލާއިރު ފާހަގަކުރެވޭ ކަމަކީ ޤާނޫނުއަސާސީން ރައްޔިތުންގެ މަޖިލީހަށް އިމްތިޔާޒު ދީފައިވަނީ ހަމައެކަނި އެންމެ 3 (ތިނެއް) ކަމެއްގެ މައްޗަށް ކަމެވެ. އެއީ ރައްޔިތުންގެ މަޖިލީހުގައި އެ މެންބަރަކު އިސްލާމްދީނުގެ އަޞްލަކާ ޚިލާފު ނުވާގޮތުގެމަތިން (1) ދައްކާ ވާހަކައެއްގެ ސަބަބުން ނުވަތަ (2) ހުށަހެޅި ހުށަހެޅުމެއްގެ ސަބަބުން ނުވަތަ (3) ވޯޓު ދިނުމުގައި ޢަމަލުކުރި ގޮތެއްގެ ސަބަބުން އެ މެންބަރަކު ކޯޓަކަށް ހާޒިރުކޮށް ނުވަތަ އެ މެންބަރަކާ މެދު އެއްވެސް ތަހުޤީޤެއް ހިންގައި ނުވަތަ ހައްޔަރުކޮށް ނުވަތަ ބަންދެއްކޮށް ނުވަތަ އެ މެންބަރަކާމެދު ދަޢުވާއެއްކުރުން މަނާވެގެން ވުމުގެ އިމްތިޔާޒެވެ. މި ނޫން އެހެން އެއްވެސް ކަމަކަށް ޤާނޫނުއަސާސީން އިމްތިޔާޒެއް ދީފައެއް ނުވެއެވެ. އެހެންކަމުން އިސްވެ ދެންނެވުނު ކަންކަން ފިޔަވައި އެހެން ހުރިހާ ކަމެއްގައި (ކުށުގެ ޒިންމާ އުފުލުމުގައި) ޢާންމު ރައްޔިތެކޭ ރައްޔިތުންގެ މަޖިލީހުގެ މެންބަރެކޭ ވަނީ ހަމަހަމައެވެ.

ޤާނޫނުއަސާސީގައި އެހެން ބަޔާންކޮށްފައި ވަނިކޮށް ޤާނޫނުއަސާސީގައި ދީފައިވާ އިމްތިޔާޒު އޭގެ މިނަށްވުރެ ފުޅާކޮށް ޤާނޫނު ނަންބަރު 2013/5 (ރައްޔިތުންގެ މަޖިލީހުގެ އިމްތިޔާޒުތަކާއި ބާރުތަކުގެ ޤާނޫނު) ރައްޔިތުންގެ މަޖިލީހުން 2013 ވަނަ އަހަރު ފާސްކުރައްވާފައި ވެއެވެ. އަދި، "މެންބަރަކު އޭނާގެ މަޤާމުގެ މަސްޢޫލިއްޔަތު އަދާކުރުމަށް މަޖިލީހަށް އަންނަ އައުމުގައާއި، މަޖިލީހުގެ މަސައްކަތުން އެނބުރި ދިއުމުގައި އަދި މަޖިލިސްކުރާ ގޭގައި ހާޒިރުވެ ހުންނަ ވަގުތުގައި ބަންދުކޮށް ހައްޔަރުކޮށްގެން ނުވާނެ ކަމަށާއި، ނަމަވެސް މެންބަރަކު ޖިނާއީ ކުށެއް ކުރަނިކޮށް ފެނިއްޖެނަމަ އެ ޙާލަތުގައި އެ މެންބަރަކު ހައްޔަރުކުރުމާއި، އަދި އެ ކުށުގެ ތުހުމަތުގައި ޤާނޫނުގައިވާ ގޮތުގެމަތިން އެ މެންބަރަކާމެދު ފިޔަވަޅު އެޅުމަށް ހުރަސް ނާޅާކަމަށް އެ ޤާނޫނުގެ 3 ވަނަ މާއްދާގެ (ށ) ގައި ބަޔާންކޮށްފައިވެއެވެ.
އެހެންނަމަވެސް އިސްވެ ދެންނެވުނު މާއްދާގެ އިތުރުން އެ ޤާނޫނުގެ 11 ވަނަ މާއްދާގެ (ހ) އާއި، 13 ވަނަ މާއްދާގެ (ނ) އާއި، 16 ވަނަ މާއްދާއާއި، 18 ވަނަ މާއްދާގެ (ށ) އާއި، އަދި 18 ވަނަ މާއްދާގެ (ނ) އަކީ ޤާނޫނުއަސާސީއާ ޚިލާފު ބާޠިލު މާއްދާތަކެއް ކަނޑައަޅައި ސުޕްރީމް ކޯޓުގެ ނަންބަރު 2013/SC-C/12 ޤަޟިއްޔާއިން 28 ނޮވެމްބަރ 2013 ވަނަ ދުވަހު ކަނޑައަޅުއްވައި އެ މާއްދާތައް ބާޠިލުކުރައްވާފައި ވެއެވެ.

އެގޮތުން ރައްޔިތުންގެ މަޖިލީހުގެ އިމްތިޔާޒުތަކާއި ބާރުތަކުގެ ޤާނޫނުގެ 3 ވަނަ މާއްދާގެ (ށ) ގައި، ރައްޔިތުންގެ މަޖިލީހުގެ މެންބަރަކު އޭނާގެ މަސްޢޫލިއްޔަތު އަދާކުރުމަށް މަޖިލީހަށް އަންނަ އައުމުގައާއި، މަޖިލީހުގައި މަސައްކަތުން އެނބުރި ދިއުމުގައި އަދި މަޖިލިސްކުރާ ގޭގައި ހާޒިރުވެ ހުންނަ ވަގުތުގައި ބަންދުކޮށް ހައްޔަރުކޮށްގެން ނުވާނެ ކަމަށާއި، ނަމަވެސް މެންބަރަކު ޖިނާއީ ކުށެއް ކުރަނިކޮށް ފެނިއްޖެނަމަ އެ ޙާލަތުގައި އެ މެންބަރަކު ޙައްޔަރުކުރުމާއި، އަދި އެ ކުށުގެ ތުހުމަތުގައި ޤާނޫނުގައިވާ ގޮތުގެމަތިން އެ މެންބަރަކާމެދު ފިޔަވަޅު އެޅުމަށް ހުރަހެއް ނެތްކަމަށް ބަޔާންވެގެން އޮންނަ އޮތުމަށް ދުސްތޫރީ ގޮތުން ބަލާއިރު، ރައްޔިތުންގެ މަޖިލީހުގެ މެންބަރަކު އޭނާގެ މަސްޢޫލިއްޔަތު އަދާކުރުމަށް މަޖިލީހަށް އަންނަ އައުމުގައާއި، މަޖިލީހުގައި މަސައްކަތުން އެނބުރި ދިއުމުގައި އަދި މަޖިލިސްކުރާ ގޭގައި ހާޒިރުވެ ހުންނަ ވަގުތުގައި ޖިނާއީ ކުށެއް ކުރަނިކޮށް ފެނިއްޖެނަމަ އެ ޙާލަތުގައި އެ މެންބަރަކު ހައްޔަރުކުރުމާއި، އަދި އެ ކުށުގެ ތުހުމަތުގައި ޤާނޫނުގައިވާ ގޮތުގެމަތިން އެ މެންބަރަކާމެދު ވަގުތުން ފިޔަވަޅު އެޅުން މަނާކުރާ ފަދަ އިމްތިޔާޒެއް އެ މެންބަރަކަށް ލިބިގެން ނުވާކަން ސާފުކޮށް އެނގެން އޮންނަ ކަމަށް އެ ޤަޟިއްޔާގައި އަޣުލަބިއްޔަތު ފަނޑިޔާރުންގެ ރަޢުޔުގެ 1.8 ވަނަ ނަންބަރުގެ (ހ) ގައި ބަޔާންކޮށްފައިވެއެވެ.

އެހެންކަމުން، ރައްޔިތުންގެ މަޖިލިސްކުރާ ގޭގެ އެތެރޭގައި ވެސް ރައްޔިތުންގެ މަޖިލީހުގެ މެންބަރަކު ޖިނާއީ ކުށެއް ހިންގައިފިނަމަ ޤާނޫނުގައިވާ ގޮތުގެމަތިން އެ ކުށާގުޅިގެން އޭނާއާމެދު ޤާނޫނުގައިވާ ގޮތުގެމަތިން ފިޔަވަޅު އެޅުން މަނާކުރާފަދަ އެއްވެސް އިމްތިޔާޒެއް ރައްޔިތުންގެ މަޖިލީހުގެ މެންބަރުންނަށް ލިބިގެން ނުވާކަން ވަރަށް ސާފުކޮށް އެނގެން އެބައޮތެވެ.

ރައްޔިތުންގެ މަޖިލީހުގެ މެންބަރެއްގެ މައްޗަށް ތުހުމަތު ކުރެވޭ ކުށެއް ތަހުޤީޤުކުރުން ފުލުހުންނަށް މަނާތަ؟

ދިވެހިރާއްޖޭގައި ޖިނާއީ ކުށްކުށް ތަހުޤީޤުކުރުމާއި، ޖިނާއީ ކުށްކުށުގެ ދަޢުވާ އުފުލުމާއި، އެފަދަ މައްސަލަތަކުގެ ޝަރީޢަތް ހިންގުމުގައި ޢަމަލުކުރާނޭ އުޞޫލުތައް ބަޔާންވެގެންވާ ޤާނޫނަކީ ޤާނޫނު ނަންބަރު 2016/12 (ޖިނާއީ އިޖުރާޢަތުގެ ޤާނޫނު) އެވެ. ޖިނާއީ މައްސަލަތައް ތަޙްޤީޤުކުރުމުގެ ޤާނޫނީ ބާރު ލިބިފައިވާ ކޮންމެ ފަރާތަކުންވެސް އެ ފަރާތަށް މައްސަލަ ހުށަހެޅޭނެ އިޖުރާއަތުތައް ބަޔާންކުރާ ގަވާއިދެއް، އެ ޤާނޫނަށް ޢަމަލުކުރަން ފަށާތާ 33 (ތިނެއް) މަސްދުވަހުގެ ތެރޭގައި ހަދަންވާނެ ކަމަށް އެ ޤާނޫނުގެ 24 ވަނަ މާއްދާގެ (ނ) ގައި ބަޔާންކޮށްފައި ވެއެވެ.

އެގޮތުން މޯލްޑިވްސް ޕޮލިސް ސަރވިސް އިން ވަނީ ގަވާއިދު ނަންބަރު 2019/R-1052 (ޖިނާއީ މައްސަލަތައް ތަހުޤީޤުކުރުމުގައި ފުލުހުން ޢަމަލުކުރާނެ އިޖުރާޢަތުގެ ގަވާއިދު) ތައްޔާރުކޮށް ގެޒެޓްކޮށް ޢަމަލުކުރަން ފަށާފައެވެ. އެގޮތުން، ޖިނާއީ އިޖުރާޢަތުގެ ޤާނޫނުގެ ދަށުން ފުލުހުންގެ މަސްޢޫލިއްޔަތާއި ޒިންމާ އަދާކުރުމުގައްޔާއި ، އެ ޤާނޫނުން ފުލުހުންނަށް ލިބިދީފައިވާ ބާރާއި އިޚްތިޔާރުގެ ބޭނުން ހިފުމުގައި ކޮންމެ ފުލުހަކު ވެސް، ޢަމަލުކުރަންޖެހޭ އަސާސީ އުޞޫލުތަކެއް އެ ގަވާއިދުގެ 161 ވަނަ މާއްދާގައި ބަޔާންކޮށްފައިވާއިރު، އޭގެ ތެރެއިން އެ މާއްދާގެ (ބ) ގައި، "ކޮންމެ މީހަކީ ވެސް ޤާނޫނުގެ ކުރިމަތީގައި، އަދި އެމީހެއްގެ މައްޗަށް ޤާނޫނު ހިންގުމުގައި ތަފާތުކުރުމެއްނެތި ހަމަހަމަވެގެންވާ މީހެއްކަމުން، ފުލުހުންގެ ވާޖިބު އަދާކުރުމުގައި ހުރިހާ މީހުންނާމެދު ވެސް އެއް ހަމައަކުން ޢަމަލުކުރުމަށާއި، މުޖުތަމަޢުގެ ޢާންމު ހާލަތަށްވުރެ ނިކަމެތިކަމެއް ލިބިފައިވާ މީހުންނާމެދު ޢަމަލުކުރުމުގައި ޚާއްޞަކޮށް ސަމާލުވެ ފަރުވާތެރިވުމަށް" ބަޔާންކޮށްފައިވެއެވެ.

އިސްވެ ދެންނެވުނު ގަވާއިދަށް ވުރެ ކުރިން ޤާނޫނު ނަންބަރު 2008/5 (ފުލުހުންގެ ޤާނޫނު) ގައި ވެސް ފުލުހުންގެ މައްޗަށް ވަނީ ހަމަ އިސްވެ ދެންނެވުނު ފަދަ ކަންތައްތަކެއް ލާޒިމުކޮށްފައެވެ. އެގޮތުން، ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީއަށާއި ދިވެހިރާއްޖޭގެ ޤާނޫނާއި ގަވާއިދަށް ފުރިހަމައަށް ބޯލަނބައި ކިޔަމަންވުމާއި، ފުލުހުންގެ ދައުރު އަދާކުރުމުގައި، ރައްޔިތުންގެ އަސާސީ ޙައްޤުތަކަށް ޙުރުމަތްތެރިކޮށް ހިތައި އެޙައްޤުތައް ޙިމާޔަތްކުރުމާއި، ފުލުހުންގެ ދައުރު އަދާކުރުމުގައި، ވަކި ފަރާތަކަށް ނުޖެހި، އަދި ވަކި މީހަކަށް ތަޢައްޞުބެއްނެތި، ޢަދުލުވެރި ގޮތުގައި ފުލުހުންނަށް ލިބިދީފައިވާ އެންމެހާ ބާރާއި އިޚްތިޔާރު ބޭނުންކުރުމަކީ، ހަމަ ކޮންމެ ފުލުހެއްގެ މައްޗަށް ވާޖިބުކަމެއް ކަމަށް އެ ޤާނޫނުގެ 7 ވަނަ މާއްދާގައި ކަނޑައަޅުއްވާފައި ވެއެވެ.

ތަޙްޤީޤުކުރާ އިދާރާއަކަށް ހުށަހެޅޭ މައްސަލަތައް ރަޖިސްޓަރީކުރުމަށްފަހު އެ މައްސަލައަކާމެދު ޢަމަލުކުރެވިދާނެ 4 ގޮތެއް ޖިނާއީ އިޖުރާޢަތުގެ ޤާނޫނުގެ 26 ވަނަ މާއްދާގައި ބަޔާންކޮށްފައި ވެއެވެ. އެއީ:

(1) ކުށް ކުރި ކަމަށް ބުނާ މީހާ އެކަން ކުރި ކަމަށް ބެލުމުގައި އެކަށީގެންވާ ސަބަބު ހުރި ކަމަށްވާނަމަ، އެ މައްސަލަ ތަޙްޤީޤުކުރުން؛ ނުވަތަ

(2) ކުށެއް ކުރާ ކަމަށް ނުވަތަ ކޮށްފާނެ ކަމަށް ބެލެވޭ މީހާ އެކަން ކުރާ ކަމަށް ނުވަތަ ކޮށްފާނެ ކަމަށް ބެލުމުގައި އެކަށީގެންވާ ސަބަބު ހުރި ކަމަށްވާނަމަ، އެ މައްސަލަ ތަޙްޤީޤުކުރުން؛ ނުވަތަ

(3) ކުށް ކުރި ކަމަށް ބުނާ މީހާ އެކަން ކުރި ކަމަށް ބެލުމަށް އެކަށީގެންވާ ސަބަބު ނެތްނަމަ، އިތުރަށް އެ މައްސަލައިގެ ތަޙްޤީޤު ކުރިއަށް ނުގެންދިއުން؛ ނުވަތަ

(4) ކުށެއް ކުރާ ކަމަށް ނުވަތަ ކޮށްފާނެ ކަމަށް ބެލެވޭ މީހާ އެކަން ކުރާ ކަމަށް ނުވަތަ ކޮށްފާނެ ކަމަށް ބެލުމުގައި އެކަށީގެންވާ ސަބަބު ނެތްނަމަ، އިތުރަށް އެ މައްސަލައިގެ ތަޙްޤީޤު ކުރިއަށް ނުގެންދިއުން، މި ހަތަރު ގޮތެވެ.

އެހެންކަމުން، ކުށެއް ކުރިކަމުގެ އެކަށީގެންވާ ހެއްކާއެކު އެއްވެސް ތަހުޤީޤީ އިދާރާއަކަށް މައްސަލައެއް ހުށަހަޅައިފިނަމަ އެ މައްސަލައެއް ތަހުޤީޤުނުކޮށް ދޫކޮށްލުމުގެ އިޚްތިޔާރެއް ޖިނާއީ އިޖުރާޢަތުގެ ޤާނޫނުން އެއްވެސް ތަހުޤީޤު އިދާރާއަކަށް ދީފައެއް ނުވެއެވެ.

ފުލުހަށް ހުށަހެޅި ރަޖިސްޓަރީކޮށްފައިވާ މައްސަލައެއް ތަހުޤީޤުކުރުމަށްފަހު އެ މައްސަލައާމެދު ނިންމޭނެ 3 ގޮތެއް މޯލްޑިވްސް ޕޮލިސް ސަރވިސްގެ ގަވާއިދު ނަންބަރު 2019/R-1052 (ޖިނާއީ މައްސަލަތައް ތަހުޤީޤުކުރުމުގައި ފުލުހުން ޢަމަލުކުރާނެ އިޖުރާޢަތުގެ ގަވާއިދު) ގެ 16 ވަނަ މާއްދާގައި ބަޔާންކޮށްފައި ވެއެވެ. އެއީ:

(1) ތަހުޤީޤު ނިންމައި، ދަޢުވާކުރުމަށް ޕްރޮސިކިއުޓަރ ޖެނެރަލަށް ފޮނުވުން؛ ނުވަތަ

(2) ތަހުޤީޤު ނިންމިއިރު، ދަޢުވާކުރުމަށްޓަކައި ޕްރޮސިކިއުޓަރ ޖެނެރަލަށް ފޮނުވުމަށް އެކަށޭނަ ހެކި ނެތްނަމަ، މައްސަލަ ފައިލުކުރުން؛ ނުވަތަ

(3) ތަހުޤީޤު ކުރިއަށް ގެންދިއުމަށް އެކަށޭނަ މިންވަރަކަށް ހެކި ނެތުމުން މައްސަލަ އިތުރަށް ތަހުޤީޤު ނުކުރަން ނުވަތަ އިތުރު މަޢުލޫމާތު ލިބުމުން އަލުން ކުރިއަށް ގެންދާގޮތަށް ނިންމައިފައި މައްސަލަ ފައިލުކުރުން. މި ތިން ގޮތެވެ.

އެހެންކަމުން، މޯލްޑިވްސް ޕޮލިސް ސަރވިސްގެ ގަވާއިދު ނަންބަރު 2019/R-1052 (ޖިނާއީ މައްސަލަތައް ތަހުޤީޤުކުރުމުގައި ފުލުހުން ޢަމަލުކުރާނެ އިޖުރާޢަތުގެ ގަވާއިދު) އަށް ބަލާއިރު ވެސް ކުށެއް ކުރިކަމުގެ އެކަށީގެންވާ ހެއްކާއެކު މޯލްޑިވްސް ޕޮލިސް ސަރވިސް އަށް މައްސަލައެއް ހުށަހަޅައިފިނަމަ އެ މައްސަލައެއް ތަހުޤީޤުކޮށް އެ ކުށެއްގެ ތުހުމަތު ކުރެވޭ ބައެއްގެ މައްޗަށް ދަޢުވާކުރުމަށް ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހަށް ހުށަހެޅުން ނޫން އިތުރު އެހެން ގޮތެއް ނެތްކަން ސާފުކޮށް އެނގެން އެބައޮތެވެ.

އެހެންކަމުން، އިސްވެ ދެންނެވުނު ކަންކަމަށް ބަލާއިރު، ރައްޔިތުންގެ މަޖިލީހުގެ މެންބަރަކު ކުށެއް ކުރިކަމުގެ އެކަށިގެންވާ ހެއްކާއެކު މޯލްޑިވްސް ޕޮލިސް ސަރވިސް އަށް މައްސަލައެއް ހުށަހެޅިއްޖެނަމަ އެ މައްސަލައެއް ނުބަލައި ދޫކޮށްލެވޭނޭ، އަދި އެ މައްސަލައެއްގައި އެ މެންބަރެއްގެ މައްޗަށް ދަޢުވާކުރުމަށް ޕްރޮސިކިއުޓަރ ޖެނެރަލަށް ނުފޮނުވާ ދޫކޮށްލެވޭނޭ އެއްވެސް އިޚުތިޔާރެއް މޯލްޑިވްސް ޕޮލިސް ސަރވިސް އަށް ލިބިގެން ނުވެއެވެ.

މަޖިލިސް މެންބަރުންގެ ޖިނާއީ މައްސަލަތައް ތަހުޤީޤުކޮށް ދަޢުވާކޮށް ކުށް ސާބިތުވެފައިވަނީ އަލަކަށް ނޫން

ރައްޔިތުންގެ މަޖިލީހުގެ މެންބަރުންގެ މައްޗަށް ޖިނާއީ ކުށުގެ ތުހުމަތު ކުރެވި އެ މައްސަލަތައް ތަހުޤީޤުކުރެވި މެންބަރުންގެ މައްޗަށް ކުށް ސާބިތުވެފައިވަނީ އަލަކަށް ނޫނެވެ.

އެގޮތުން، ރައްޔިތުންގެ މަޖިލީހުގެ ކުރީގެ ކާށިދޫ ދާއިރާގެ މެންބަރު އިސްމާޢީލް ޢަބްދުލްޙަމީދުގެ މައްޗަށް ކުރިމިނަލް ކޯޓުގެ ނަންބަރު 567/Cr-C/2010 ޤަޟިއްޔާއިން ޖިނާއީ ކުށެއް ކުރިކަން ސާބިތުވެ 01 އަހަރާއި 06 މަސް ދުވަހަށް އަރުވާލުމަށް 29 އޯގަސްޓް 2011 ގައި ކުރިމިނަލް ކޯޓުން ޙުކުމްކޮށްފައި ވެއެވެ.

ހަމައެގޮތަށް، ކުޑަކުއްޖަކަށް ގަދަކަމުން ޖިންސީ އަނިޔާ ކުރި ކަމުގެ ތުހުމަތުގައި ރައްޔިތުންގެ މަޖިލީހުގެ މަރަދޫ ދާއިރާގެ ކުރީގެ މެންބަރު އަދި އޭރު ވެރިކަމުގައި އޮތް އެމްޑީޕީގެ ޕާލަމެންޓްރީ ގްރޫޕްގެ މެންބަރު ހަސަން އާދިލް ބަންދުކުރުމަށް 24 މެއި 2011 ގައި ކުރިމިނަލް ކޯޓުން އަމުރުކުރައްވާފައި ވެއެވެ. އަދި އެކި ފަހަރު މަތިން ބަންދުގެ މުއްދަތު އިތުރުކޮށްފައި ވެސް ވެއެވެ. އެހެންނަމަވެސް އޭނާގެ މައްޗަށް ދަޢުވާކުރި، ކުޑަކުއްޖަކާ މެދު ޖިންސީ އަމަލެއް ހިންގުމުގެ ކުށުގެ ދަޢުވާ ސާބިތުނުވާ ކަމަށް29 މާރިޗު 2012 ގައި ކުރިމިނަލް ކޯޓުން ޙުކުމް ކުރެއްވިއެވެ. އަދި، ކުރިމިނަލް ކޯޓުގެ ޙުކުމަށް ދިވެހިރާއްޖޭގެ ހައިކޯޓުން ވެސް 28 މެއި 2014 ވަނަ ދުވަހު ތާޢީދުކުރެއްވި އެވެ.

އަދި ކުރީގެ ގަލޮޅު ދެކުނު ދާއިރާގެ މެންބަރު، މިހާރުގެ ޔޫތު މިނިސްޓަރ އަޙްމަދު މަޚްލޫފުގެ މައްޗަށް ވެސް ފުލުހުންގެ ދަޢުރު އަދާކުރުމަށް ދަތިކުރުމުގެ ދަޢުވާ އުފުލި އެމަނިކުފާނުގެ މައްޗަށް ކުށް ސާބިތުވެ 06 މަސް ދުވަހުގެ ޖަލުހުކުމެއް ކުރިމިނަލް ކޯޓުގެ ނަންބަރު 244/Cr-C/2016 ޤަޟިއްޔާއިން ކުރައްވާފައިވާއިރު، ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 2016/HC-A/364 ޤަޟިއްޔާއިން އެ ޙުކުމަށް ތާޢީދުކުރައްވާފައި ވެއެވެ.

އިސްވެ ދެންނެވުނު ފަރާތްތަކުގެ އިތުރުން ވެސް މަޝްޙޫރު 12 މެންބަރުންގެ ޝަރީޢަތާއި އަދި އެނޫން ވެސް މެންބަރުންތަކެއްގެ މައްޗަށް ޖިނާޢީ ކުށުގެ ތުހުމަތު ކުރެވި ތަހުޤީޤުކޮށް ދަޢުވާ އުފުލިފައިވެއެވެ. އެގޮތުން މިހާރުގެ ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް އަކީ ވެސް އެމަނިކުފާނު މަޖިލީހުގެ ހިންނަވަރު ދާއިރާގެ މެންބަރު ކަމުގައި ހުންނަވަނިކޮށް ގާނޫނު ތަންފީޒު ކުރާ މުވައްޒަފަކަށް ހުރަސްއެޅުމުގެ ތުހުމަތުގައާއި، ގާނޫނު ހިންގުމަށް ހުރަސްއެޅުމާއި ދައުލަތުގެ އެހެނިހެން މަސައްކަތްތަކަށް ހުރަސްއެޅުމުގެ ތުހުމަތުގައި މުޒާހަރާއެއްގެ ތެރެއިން ހައްޔަރުކުރެވިފައިވާ ބޭފުޅެކެވެ. އެހެންނަމަވެސް ފުލުހުން ތަހުޤީޤުކޮށް ދަޢުވާކޮށްދިނުމަށް ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހަށް ފޮނުވުމުން އެކަށީގެންވާ ހެކި ނެތްކަމަށް ބަޔާންކޮށް މައްސަލަ އަނބުރާ ފުލުހަށް ފޮނުވުމުން ފުލުސް އޮފީހުން މައްސަލަ ފައިލްކުރެއްވީއެވެ.

ނިންމުން:

އެހެންކަމުން، ޚުލާޞާ ގޮތެއްގައި ދަންނަވަންޖެހޭނީ ރައްޔިތުންގެ މަޖިލީހުގެ މެންބަރަކު ކުށެއް ކުރިކަމުގެ އެކަށިގެންވާ ހެއްކާއެކު މޯލްޑިވްސް ޕޮލިސް ސަރވިސް އަށް މައްސަލައެއް ހުށަހެޅިއްޖެނަމަ އެ މައްސަލައެއް ނުބަލައި ދޫކޮށްލެވޭނޭ، އަދި އެ މައްސަލައެއްގައި އެ މެންބަރެއްގެ މައްޗަށް ދަޢުވާކުރުމަށް ޕްރޮސިކިއުޓަރ ޖެނެރަލަށް ނުފޮނުވާ ދޫކޮށްލެވޭނޭ އެއްވެސް އިޚުތިޔާރެއް މޯލްޑިވްސް ޕޮލިސް ސަރވިސް އަށް ލިބިގެން ނުވެއެވެ. އެގޮތުން ދާދި މިދާކަށް ދުވަހު މަޖިލީހުގައި ހިނގާދިޔަ، މަތީގައި ޒިކުރުކުރެވިގެންވާ ހާދިސާ ކަމަށްވާ، ރައްޔިތުންގެ މަޖިލީހުގެ ނައިފަރު ދާއިރާގެ ޢިއްޒަތްތެރި މެންބަރު އަޙްމަދު ޝިޔާމުގެ ނުރުހުމުގައި މަޖިލީހުގެ އެހެން މެންބަރުންތަކެއް އޭނާގެ ހަށިކޮޅަށް އަތްލައްވައި އޭނާއަށް އަނިޔާކުރެއްވި މައްސަލަ، އެކަށީގެންވާ ހެއްކާއެކު މޯލްޑިވްސް ޕޮލިސް ސަރވިސް އަށް ހުށަހަޅާފައިވާނަމަ އެ މައްސަލަ ނުބަލައި ދޫކޮށްލުމުގެ އިޚްތިޔާރެއް މޯލްޑިވްސް ޕޮލިސް ސަރވިސް އަށް ލިބިގެން ނުވެއެވެ. އަދި އެފަދަ ކުށެއްގެ ތުހުމަތުގައި މަޖިލިސް މެންބަރުންތަކެއްގެ މައްޗަށް ތަހުޤީޤެއް ހިންގައި ދަޢުވާކުރުން މަނާވެގެންވުމުގެ އެއްވެސް އިމްތިޔާޒެއް ރައްޔިތުންގެ މަޖިލީހުގެ އެއްވެސް މެންބަރަކަށް ލިބިގެނެއް ނުވެއެވެ. ފުލުހަށް ހުށަހެޅިފައިވާ މައްސަލަ އިންސާފްވެރިކަމާ އެކު އެ މައްސަލަ ބަލައި އެ ކަންކަމުގައި އަޅަންޖެހޭ ގާނޫނީ ފިޔަވަޅު އަޅުއްވާނެ ކަމަށް ހޯމް މިނިސްޓަރ ޢިމްރާން ޢަބްދުﷲ ވެސް ވަނީ ވިދާޅުވެފައެވެ.

ފުލުހުންގެ މައްޗަށް ރައްޔިތުން ކުރާ އިތުބާރު ދެމެހެއްޓޭނީ ވަކި ފަރާތެއް ތަފާތު ކުރުމެއް ނެތި ފުލުހުންގެ ޒިންމާ އަދާކުރާތަން ރައްޔިތުންނަށް ފެންނަން ފެށުމުންކަމީ ޔަޤީން ކަމެކެވެ. ސަލާމަތީ ޚިދުމަތްތަކުގައި ހިމެނޭ މީހުން ޢަމަލުކުރަންވާނީ ފަރުދުންގެ މެދުގައްޔާއި ޖަމާޢަތްތަކުގެ މެދުގައި ތަފާތުކުރުމެއް ނެތި، ހަމަހަމަކަމާއެކު، އިސްލާމީ ރިވެތި އަޚްލާޤޤި އިންސާނީ ޝަރަފާއި މީހުންގެ ޤަދަރަށް ޙުރުމަތްތެރިކޮށް ހިތައިގެން ކަމަށް ޤާނޫނުއަސާސީގެ 246 ވަނަ މާއްދާގައި ބަޔާންވެގެންވާއިރު، ސަލާމަތީ ޚިދުމަތްތަކުން މަސައްކަތްކުރަންވާނީ އަދި އެތަންތަނުން ހިންގާ ހުރިހައިކަމެއްމެ ހިންގާންވާނީ ޤާނޫނުއަސާސީއާއި ޤާނޫނާ އެއްގޮތްވާގޮތުގެ މަތިން، ޖަވާބުދާރީވަނިވި ގޮތެއްގައި ކަމަށާއި، ސަލާމަތީ ޚިދުމަތްތަކަށް ލާޒިމުކޮށްފައިވާ ގޮތުގެމަތިން ޢަމަލުކުރަމުން ގެންދާކަން ރައީސުލްޖުމްހޫރިއްޔާ ކަށަވަރުކުރަންވާނެ ކަމަށް ޤާނޫނުއަސާސީގެ 238 ވަނަ މާއްދާގައި ބަޔާންކޮށްފައި ވެއެވެ.

ކިޔުންތެރިންގެ ހިޔާލު

24 ކޮމެންޓް

  1. ކިނބޫ

    ވަރަށް މޮޅު ޤާނޫނީ ލިޔުމެއް.

    45
    • ޙައްގުބަސް

      ރަގަނޅު ގާނޫނީ ލިއުމެއް!! ޝުކުރިއްޔާ އުސްތާޒް! މިދިޔަ އަންގާރަ ދުވަހުގެރޭ (02 ޖޫން 2020) ވަނަ ދުވަހުގެރޭ 1:30 ގައި މަޖިލިސްކުރާ ގޭގައި ބޭއްވުނު ޖަލްސާގައި އިދިކޮޅު ޕްރޮގްރެސިވް ޕާޓީ އޮފް މޯލްޑިވްސް ޕާޓީ(ޕީ.ޕީ.އެމް) ގެ މެންބަރެއް ކަމުގައިވާ ނައިފަރު ދާއިރާގެ ޢިއްޒަތްތެރި މެންބަރު އަޙުމަދު ޝިޔާމްއަށް އަނިޔާކޮށް މޯލްޑިވިއަން ޑިމޮކްރަޓިކް ޕާޓީ (އެމް.ޑީ.ޕީ) ގެ މެންބަރުންތަކެއް އަޙްމަދު ޝިޔާމްގެ ހަށިކޮޅަށް އަތްލައްވައި އޭނާއާމެދު މާރާމާރީ ހިންގަވައި އޭނާއަށް އަނިޔާކުރެއްވުމާއި ގުޅިގެން ބަހުސްކުރާ މީހުން ކިޔާލަން ރަގަނޅު ލިއުމެއް!! އަދި މި މާރާމާރީގެ މައްސަލަ ހުށަހެޅިފައިވަނީ މޯލްޑިވްސް ޕޮލިސް ސަރވިސްއަށްކަމުން މައްސަލަ ތަހްގީގުކުރާ ފަރާތަށްވެސް މިލިއުން މުހިންމު ކަމުގައި ދެކެން! މިލިއުމުގައި މިވާފަދައިން ގާނޫނުތަކުގައި ކަޅާހުދުން ލިޔެފަ އޮތީމަ ދިވެހި ރައްޔިތުން ބުނަމުން އެގެންދަނީ މަޖްލިސްތެރޭ އެރޭ ހިންގި އަމަލުތަކަކީ ތަހްގީގުކޮށް ބަލަންޖެހޭ މައްސަލައެކޭ!! މިއީ ދެބަސް ވެވޭނެ ކަމެއްނޫން! މިކަން ބަލާ ޢަމަލުކުރާގޮތް ދެން މުހިންމީ ދިވެހި ރައްޔިތުންނަށް!! ދެން ހަދާގޮތް ބަލަންތިބެމާ!! ނަޝީދާ އޭނާގެ އައުވާނުންގެ މައްޗަށް ގާނޫނު ނުހިނގާނަމަ ދެން މީގެފަހުން ދިވެހި އެއްވެސް ރައްޔިތެއްގެ މައްޗަށް ގާނޫނު ހިންގަން އުޅުމުގެ ބޭނުމެއްނެތް!! ފާއިތުވެދިޔަތާ ކަންތައްތައް ކުރިގޮތަށް މިކަން ނިންމިޔަ ދީގެންނުވާނެ!! ގާނޫނު އެންމެންގެ މައްޗަށް ހަމަހަމަކަމާއެކު ހިންގަންޖެހޭ!!

      33
      1
  2. އެމަންޖެ

    ކެނެރީ ނަސީދާ އޭނަގެ ބައިގަނޑައް ހުރިހާ ކަމަކުން ރެކުމުގެ ބާރު ލިބިގެންވޭ.

    43
    1
  3. މުހައްމަދު

    އެއީ ޢިއްޒަތްތެރި ޖަނަވާރުން....

    59
  4. ކޮމެންޓަރ

    this article is the very definition of true professionalism

    18
    1
  5. ޑައެލޯގް

    މިސަރުކާރުގެ ވިސްނުން ވަރަށްސާފު ޙަސަންލަތީފު އެބުނަނީ ތިމަންނާމެނަކީ ބޮޑުޕާޓީއެކޭ ރައްޔިތުންގެ ތާއީދުއެބައޮތޭ. ދެންއުފެދޭ ސުވާލަކީ މުޅިގައުމު އެމްޑީޕީއަށް ވޯޓުދީފިއްޔާ މީހަކު މެރުމާއި ޒިނޭކުރުމާއި މާރާމާރިހިންގުމުގެ ވިސާ ދެއްވާނެހޭ؟ ފިރުއައުނުގެ ގައުމުގެމީހުންގެ މެޖޯރިޓީ ފިރުއައުނަށްތާއީދުކުރިއެވެ. ދެންފިރުއައުނު ބޮޑާވުމުން ﷲ އޭނަހަލާކުރެއްވީއެވެ.

    36
  6. މިއަދު

    ޖިނާއީ ކުށަކުން ރެކުމުގެ އިމްތިޔާޒެއް މަޖިލިސް މެންބަރުންނަށް ލިބިގެންވޭތަ؟
    މެމަބަރ އިމްތިޔާޒަށްޅިބިގެންނުވޭތޯ؟

    14
  7. ވަތަނީ

    ވަރަށް ފުރިހަމަ އަދި އެކަށޭނަ މައުލޫމާތު ހިމެނިފައިވާ އޮއްޓަރު ހުރި ލިއުއްވުމެކެވެ މިފަދަ ލިއުއްވުންތަކުން
    ރައްޔިތުންނަށާއި ގައުމަށް، ކުރިއަސް ދިއުމުގެ މަގުސާފުވެ
    ހައްގުތައް ކަށަވަރުކުރުމުގެ ދޮރު ހުޅުވިގެން ދެއެވެ.

    29
    1
  8. ހުސެން

    ކެނެރީގޭ ބޮޑާ މީހާ އާއި މިކަމާ ގުޅިގެން ޤާނޫނު އަރާ ހަމަ ކުރާނެ.މިއީ ނައިފަރީންގެ ވަޢުދު

    29
    1
  9. Anonymous

    މިހާރު މަޖުލީސް ހިސޯރުކޮށްގެން އެތިބަ ބައިގަނޑަކީ ޚާއްޞަކޮށް މަޖުލިސް ޓާކޫރު އަކީ އެއްވެސް ވަރަކަށް ޤާނޫނަކަށް ޤަވާއިދަކަށް ބޯލަނބާނެ މީހެއްނޫން. އެފަދަ އެއްޗެއް އެނގޭ މީހެއްވެސް ނޫން. މަގުމަތީ ހޮޅުއަށިތައްމަތީގައި ގެރިޒުވާބުކޮށް އުޅުމުން ރައްޔިތުންނަށް ހީވީ މިއީ އޭ ރައްޔިތުންގެ މީހަކީ. އެހެނަސް މަޖުލިސް ބޮޑޭއަށް ވުރެ ނުބައި ނުލަފާ މީހެއް ނުހުންނާނެ މި ފަސްގަނޑުގައި. ކުރިން ރާއްޖޭގެ ވެރިކަން ދިނީމަވެސް ބުނީ ޤާނޫނަކީ ތިމަން މަނިކުފާނު ބޭނުން ގޮތަކަށް ހަދަން އޮތް އެއްޗެއްކަން. މިވަރު މީހަކާއި މީނާގެ އައުވާނުން ކުރާ ކަންތައް ބެލޭނެ ގޮތެއް މިބައިމީހުންގެ ބާރު އޮތް ސަރުކާރުގައި އޮންނާނެބާ.

    19
    1
  10. އަންނިކޯޅާބޯޅާ

    މަޖިލިސް މެންބަރުންނަކީ ސަރޖަންޓް އެޓް އަރމްސް…. އަދިވެސް އެހެން މީހުންނަށް މަލާމާތާ ފުރައްސާރަޔާ އަނިޔާކުރޭ އެމްޑީޕީ ރިނދޫ ފިޔޮއްތައް … ފީކުކުޅު ބުނިގޮތް ރީނދޫ ފިޔޮއްތައް ހެދީމާ މިހާރު ހުންނާނެ އުކުނޑި ބުކުނޑި ކެވިފަ…. ޕަކާސް

    21
  11. Anonymous

    މިލިއުން ވަރަށްފައް ކާ. ވަރަށްބަރާބަރު. އެ ކަމަ ކު 6ފަހަރަށް ވިސްނަންޖެހޭނެޔޯ އެބަބުނޭ. އަނެއްކޮޅުން އިމްރާނު ފިޔަވަޅު އަޅާނީ ފަހަތައް ނުވަތަ ކުރިއަށްބާ؟ ބޮޑައް ހީވަނީ އަޅާފިޔަވަޅެއް އަޅާނީ މަގާމް ނުގެއްލޭގޮތުގެ މަތިން ފަހަތައްކަމަުގަ ބަރަށްބޮޑައްބެލެވޭ. އެއީ އަދިއެހާދުވަސް އޮތީމަ. އެއާޚިލާފައް އެ ކްސްޕަޔަރ ވާންކާރިވެފަ އޮތްނަމަ ފަހަރެއްގަ ކުރިއަށް ފިޔަވަޅުއެޅުމަ ކީ އެ ކަލޭގެ ކޮށްފާނެކަމެއް.

    15
    1
    • ބޭބޭ

      ލޮކްޑައުން ފިލުވާލާއިރަށް ވާންކޮށްލާނެ!! މިމީހުން މިލޮކްޑައުން ދަމަހައްޓާނެ ވީހާވެސް ގިނަދުވަހަކަށް!! އެއީ މިމީހުންނަށް އެނގޭ ރައްޔިތުން ތިބީ ސިންގާތަނެއްހެން ވާންކޮށްލަން ކެތްމަދުވެފަކަން! މިމީހުން ހިންގާ ޖަރީމާތަކާ ، ބޮޑެތި އިހްމާލުތަކާ ، ވައްކަންތަކާ ، ދޭ އަނިޔާތަކާ އަދި ވީ ވަޢުދުތަކަށްވެސް ހަރާންކޯރުވީމާ ދެން ރައްޔިތުން ވާންކުރާނެތާ ދޯ؟ އެންމެފަހުން ރައްޔިތުން މަޖްލީހަށް އެމީހުންގެ އަޑު އިއްވަން ހޮވާފައިވާ މެމްބަރެއްގެ ގަޔަށް ބޮލަށްއަރާ މާރާމާރީ ހިންގާ ދަމާ ކޫއްތާފަ އެނެރުނީ ގާނޫނުތަކާ ގަވާޢިދުތަކާ އަދި އުސޫލުތަކާވެސް ޚިލަފަށްކަމަށްވީމަ މިހާރު ރައްޔިތުން ވާން ނުކޮށް މަޑަކުން ނުތިބޭނެ!! އިދިކޮޅުގައި އޮތް ޕާޓީއަކީ ގައުމަށް ހެޔޮއެދޭ އަދި ހެޔޮވިސްނުން ގެންގުޅޭ ތަރައްގީއަށް މަސައްކަތްކުރާ ޕާޓީއެއްކަމުން މި ބަލިމަޑުގެ ޙާލަތުގައި ކޮންމެގޮތެއްވިޔަސް ވަރިހަމަކަމަށް ބަލާ ވާންކުރަން ރައްޔިތުންނަށް ނުގޮވާ އެތިބީ!! މި ޙާލަތުގައި އެމްޑީޕީ އިދިކޮޅުގައި އޮތްނަމަ މިހާރު ގާއުކާ ހުޅުޖަހާ ގާނޫނަށް ގަވާޢިދަކަށް ބެލުމެއްނެތި ތިބޭނީ މަގުމައްޗަށް ނިކުމެ ގައުމު ފުނޑާލަން ތައްޔާރުވެގެން!! ލޮކްޑައުން ފިލުވާލާއިރަށް ޕީޕީއެމްގެ ފަހުލަވާނުންނާ ގައުމަށް ހެޔޮއެދޭ އެންމެން އަނެއްކާވެސް އަނބުރާ ގައުމު އަތުލުމަށްޓަކައި މަސައްކަތް ފަށާނެ!

      14
      1
  12. ނުރުހެވޭ

    އިންސާނުންގެ ތެރެއިން ގިނަބަޔަކަށް މުދަލާއި ފައިސާއާއި އާރާއި އަދި ބާރު ލިބުނީމަ ތިބެނީ ޤާނޫނެއްނޫން ސިދްރަތުލް މުންތަހާއަށްވުރެ މަތީގަ. ކކޮންމެ ބަޔަކު ވެރިކަމަށް އަޔަސް ހާލަކީ މީ.

    13
    1
  13. ކޮކްޓެލް އަ

    ތިޔަ ހުރިހާވާހަކަ އެއްދައްކާނެ ކަމެއްނެތް މަޖިލިހުގެ މައިކްތަކާ ގޮޑިތަކާ އުކާ ހަލާކު ކުރި މަންޒަރު ދައްކުވައިދޭ ވީޑިއޯތައް އެއޮތީ ޔޫޓިއުބުގައި މިޕާޓީ ގެނެސްގެން މިއުޅެނީ ރައްޔިތުން އަޅުވެތިކޮއް ވެރިން އަރާމާއި ލައްޒަތުގަ އުޅެން ރައްޔިތުން އަތުން ޖީއެސްޓީ ނަމުގައި ޖިޒީނަގައިގެން ނަންވާނީ އިޒްރޭލް މީހުން

    13
    1
  14. ޢީސާފުޅު

    ގޯހެއްނޫނެވެ. ޤާނޫނުގެ މާއްދާތަކާއި ކޮށްފައިވާ ދިރާސާ ކިޔާލައިފީމެވެ. މަޖްލިސް ތަޅުމުގައި ވިޔަސް އެއްވެސް ބަޔަކަށް ހިތުހުރިހާ ކަމެއް ކުރެވިގެން ނުވާނެއެވެ. މަޖްލިސްގެ ރިޔާސަތުން ނަން އިއްވީމައި ނުނިކުމެ އަޑުގަދަކުރަން ހުރުމަކީ ކުށެކެވެ. ސާޖެންޓް އެޓް އާރމްސް އަކީ އެންމެ މީހެކޭ ހިތާ ނުނިކުންނަން ގަދަ ދެއްކުމަކީ ބޮޑު ގޯހެކެވެ. ޢެބައެއްގެ އެދުމަށް ބޭއްވި ޖަލްސާ އެބަޔަކު ކިލަނބުކޮށް، ބަސްނާހާ އެންމެ މީހެއްގެ ކޮންޓްރޯލްގައި މަޖްލިސްގެ މަސައްކަތް ހުއްޓާލަން ޖެހިގެން ނުވާނެއެވެ. ޢެހިނދު،އެހެން މެމްބަރުންގެ ރިވެތި ނަޞޭހަތާއި ރަގަޅުގޮތް ބުނެދީގެންވެސް ތަޅުމުން އެމީހަކު ނެރެން ޖެހޭނެއެވެ. ޢެއްވެސް ޙާލެއްގައި މާރާމާރީ ހިނގައިގެނެއް ނުވާނެއެވެ. ނެރުނު ގޮތާއިމެދު ނުރުހޭނަމަ ޖެހޭނީ މަޖްލިސްގެ ނިޒާމާ ބެހޭ ކޮމިޓީއަށް އެކަމެއް ހުށައަޅަންށެވެ. ޖިނާއީ ތަޙްޤީޤް ހިންގަން ޖެހޭނަމަ ނިންމާނީ އެކޮމިޓީ އިންނެވެ. ޑިފެންސް ފޯސް ވައްދައިގެން މެމްބަރުންތައް ފާރުމަތިން އުކި ދުވަސްވަރާ އަޅާބަލާއިއރު އަދި ފެންނަނީ އެހާގޯސް ނޫންކަމަށެވެ. ކޮންމެ މެމްބަރަކަށް ވިޔަސް އަނިޔާ ލިބިފައިވާނަމަ ވަރަށް ދެރައެވެ. ޢެރޭގައި މެމްބަރ ޝިޔާމަށް އަނިޔާއެއް ލިބިފައިވާނަމަ ލިބިފައިވަނީ ރުޅިވެރިކަމާއިއެކު ހަޅޭލަވާ ނުނިކުންނާންވެގެން ގަދަދައްކާ އެހެން މެމްބަރުންނަށް ގޯނާ ކުރަން އުޅެގެން ނޫންބާއޭ ހިތައް އަރައެވެ. ށްކްރީނުން ފެނުނީ އެފަދަ ގޮތަކަށެވެ.

    14
  15. ތަރަބެ

    މިކަން ބަލާ ތަހުގީގުކުރުމަށް ފުލުހުންނަށް އެންގުމުގެ ބާރު ޕީޖީއަށް ލިބިގެން ނުވޭތަ؟

    12
  16. ރައްޔިތުން

    ޝުކުރިއްޔާ.

    7
    1
  17. ރަސް

    އެކަމަކު ޝިޔާމް ނެރެން މަޖިލީހުގެ ރައީސް މެންބަރުންނަށް އެންގި އެންގުމާ ބެހޭގޮތުން އަލިއަޅުވާނުލެއްވުމަކީ ލިޔުން ފުރިހަމަވި ކަމަކަށް ނުދެކެން.

    8
    1
  18. ޢީސާފުޅާ

    ކޮމެންޓް ދިގުކޮށް ލިޔުމުން ޤާނޫނުގައި އޮޔްއެޗެއް ބަދަލެއް ނުވާނެ ނަންއިއްވައި ގެން ނުނިކުތަސް އެމްޑީޕީ ގެ ޖަނަވާރު މެންބަރުން ނަކަށް މެންބަރު ޝިޔާމުގެ ނުރުހުމުގައި އަތްލުމުގެ ބާރު ކޮންތަނަކުއޮތް ޤާނޫނަކުންބާ ލާދީނީ މެއްންބަރުންނަށް ބާރުލިބުނީ ޝިޔާމުގައިގަ އަތްލަން ޢީސާފުޅާ ކަލޯގެ ކޮމެންޓް ކިޔުމުން އޭނގެން ދޭހަވަނީ ކަލެގެ ގައިގަ އިންސާނިއްޔަތު ކަމެއް ނެތްކަން ރައީސް ޔާމީންގެ ވެރިކަމުގައި ތިބައިގަނޑު ފާރު މަތިން އުކަންޖެހުނީ އިންސާނުންގެ ސިފައިގަތިބި ޖަނަވާރު ތަކަކަށްވީމަ މިއަދުވެސް މިފެނަނީ ހަމައެޖަނަވާރުތަ އިންސާނަކު ނޮޅާލާ މަންޒަރު ވެރިކަން ލިބުނަސް މިފެންނަނީ ތިރީނދޫ ބައިގަނޑުގެ ޖަނަވާރުކަން ވެރިކަން ނުލިބުނަސް ތިޖަނަވާރު ތަކަކަށް ހެޔޮގޮތެއް ނެތް އެއް ގޮތެއްވެސް ވައްކަން ކޮގެން ވެރިކަން ލިބިއްޖެ މަޖިލިސް ލިބިއްޖެ ރައީސް ޔާމީން ނުހައްޤުން ޖަލަށް ލެވިއްޖެ އެކަމަކުވެސް ތިގުންޑާތަކަށް ހަޖަމެއް ނުކުރެވުނު އެއްވެސް ފައިދާހުރި ކަމެއް ރައްޔިތުނަކަށް ނުކޮށްދެވުނު ރައްޔިތު ނަށްވިވަޢުދުތައް މަތިމައްޗަށް ބަރބަރިޔަށް ފުނިޖެހިފަ ދެންތިތެޅެނީ އިނދިކޮޅަށް މަޖިލީހުގައި ތިން މެންބަރުތިބީމަ ހަޖަމް ނުވެގެން:

  19. އަލީރަސީދު

    ވަރަށް ބަރާބަރު އިންސާފާއި ހަމައިގެ މަތިން ލިޔެފައިވަ ލިއުމެއް

    6
    1
  20. ޖަޑިބު

    މުހަންމަދު ނަޝީދަކީ މުޒާހަރާ ކުރަން ރަނގަޅު ކެރޭ ބޭ ފުޅެއް ރައްޔަތުންގެ މަޖިލީސްގެ ރިޔާސަތު ބެލެހެއްޓޭ ވަރުގެ ޤާބިލު ބޭފުޅެއް ނޫން ހަވާލުވި ކޮންމެ ކަމެއްވެސް ގާބިލްކަން ނެތިގެން އަތަށް ގޮވަނީ އެބޭފުޅާ ހުޅުއް ވަނީ ކުޑައިރު ކުޅުއްވަން ގޭދޮށު ކުޑަކުދިންނާއި އެކު އުޅުއްވި ގޮތަށް އެއްވެސް ތަފާތެއް ނެއް

    7
    1
  21. ކޮތަރު

    ޢީސާފުޅު ލޮލުގެ ޑޮކްޓަރަކަށް ދައްކައިގެން ފަރުވަ ހޯދުމަށާއި ކަންކަން ބަލާ އިންސާފުކުރާ މަޤާމަކާއި ދުވަހަކުވެސް ހަވާލު ނުވުމަށް ނަސޭހަތްތެރިވަން. އެއީ ހަމަ ޢީސާފުޅުގެ ދުނިޔާއާއި އާޚްރަތުގެ ސަލާމަތަށް ޓަކައި. ޢީސާފުޅަށް ހެޔޮދުޢާ ސަލާމް.

  22. ވަހީދު

    ތީ އޮޅުމަކުން ހިގިކަމަކައްވާނީ މާ ބޮޑަށް ޖަޒުބާތުގަ ޖެހިފަ ތިއޮތީ