ލިޔުނީ: އަލްއުސްތާޛު އާދަމް ޝަމީމު

ވަޒީފާއާބެހޭ ޤާނޫނަށް ސަރުކާރުން މިހާރު ހުށަހަޅައިގެން މި އުޅޭ އިސްލާހެއްގެ މައްސަލަ މާ ބޮޑުވެގެން ގޮސް މުވައްޒަފުން ކެކި އުތުރި އަރަން ފަށައިފިއެވެ.

އެހެން ދުވަސްތަކެކޭ ވެސް އެއްގޮތަށް މިއަދު ހަވީރު ޓްވިޓަރު ހުޅުވާލި ތަނުން މާ ގަދަޔަކަށް މެޑިކަލް ސެޓްފިކެޓެއްގެ ވާހަކައަކާއި ސަލާމުގެ ޗުއްޓީއެއްގެ ވާހަކަ ދެކެވޭތަން ފެންނަން ފަށައިފިއެވެ. ވެގެން އުޅޭގޮތް ބަލާލި އިރު މި ވާގޮތަކީ ބަލިވެގެން ސަލާމް ބުނާ ކޮންމެ ދުވަހަކަށް މެޑިކަލް ސެޓްފިކެޓް ހުށަހަޅަންޖެހޭ ގޮތަށް ސަރުކާރުން ވަޒީފާއާބެހޭ ޤާނޫނަށް ހުށަހަޅާފައިވާ އިސްލާހަކާމެދު ރައްޔިތުންގެ މެދުގައި އުފެދިފައިވާ ނުތަނަވަސްކަން ތަންކޮޅެއް މައްޗަށް ދިޔައީ އެވެ.

ކޮންމެއަކަސް މި ދެންނެވުނު ފަދައިން ޓްވިޓަރު ބަލަމުން ދަނިކޮށް އަޅުގަނޑުގެ ހިތަށް ވަރަށް ޚާއްޞަ، ބުނަންވެސް ނޭނގޭ ފަދަ ތަސައްލީއެއް ގެނުވި މަންޒަރެއް ފެނިއްޖެއެވެ. މި ވީގޮތަކީތޯއެވެ؟ މި ވީގޮތަކީ އަޅުގަނޑު ކުރިން މަސައްކަތް ކުރި އޮފީހެއްގެ ވެރިންގެ ތެރެއިން ދެ ބޭފުޅަކު އިސްވެ ދެންނެވުނު އިސްލާހާ މެދު ހިތްހަމަ ނުޖެހޭ ފަދަ ޒާތަކަށް ޚިޔާލުފާޅުކުރައްވާފައިވާ ވާތަން ފެނުނީއެވެ. އަޅުގަނޑު އުފައުވީ، ބަލިވެގެން މުވައްޒަފުން ސަލާމް ބުނުމަކީ އޮފީސް އޮފީހުގެ ވެރިން މާ ހިތްޕުޅާނުވާ ކަމަކަށް ވާއިރު، އަޅުގަނޑު ކުރިން މަސައްކަތް ކުރި އޮފީހެއްގެ ދެ ވެރިއަކު، އަދި އެބަޔަކު ދެކެ އަޅުގަނޑު ނުހަނު ލޯބިވާ ދެ ބޭފުޅަކު، މުވައްޒަފުންގެ ދިފާޢުގައި ފާޅުގައި ވާހަކަ ދެއްކެވިތަން ފެނުނީމަމައެވެ.

ކޮންމެއަކަސް މިއަދު އަޅުގަނޑު އެއްޗެއް ބުނެވޭތޯ މި އުޅެނީ މި ދަންނަވާ ސަލާމުގެ ޗުއްޓީއާ ގުޅޭގޮތުންނެވެ. އަޅުގަނޑު ވެސް ސިވިލް ސަރވިސްގެ ވަޒީފާއެއްގައި، ސަރުކާރުގެ ކުންފުންޏެއްގެ ވަޒީފާއެއްގައި އުޅެވިފައި ހުރީމައާއި، މިހެން ދެން އެކި އެކި މީސް މީހުންނާ ދިމާވެ އެމީހުންގެ ވާހަކަތައް އަޑުއިވިފައި ހުރީމާ މި ދެންނެވުނު މި މެޑިކަލް ސެޓްފިކެޓެއްގެ ހިތިކަން ކޮންމެވެސް ވަރަކަށް ފެނިފައިވެއެވެ.

މެޑިކަލް ސެޓްފިކެޓް ހުށަހަޅަންޖެހުން ބޮޑު މައްސަލައަކަށް ވަނީ ކީއްވެ؟

ހަމަ އަސްލަށް ވެސް ބަލިވެގެން އޮފީހަށް ނާދެވޭ މުވައްޒަފަކު އޭނާ ބަލިވިކަން ސާބިތުކުރުމަށް ޑޮކްޓަރުގެ މެޑިކަލް ސެޓްފިކެޓް ހުށަހެޅުމަކީ އޭގެ ޒާތުން އެއްވެސް މައްސަލައެއް އޮތް ކަމަކަށް އަޅުގަނޑަކަށް ޤަބޫލެއް ނުކުރެވެއެވެ. މައްސަލައަކަށް ވަނީ މުޅިން އެހެން ކަމެކެވެ. އަސްލު މައްސަލައަކީ މެޑިކަލް ސެޓްފިކެޓް ހުށަހަޅަން ޖެހުމެއް ނޫނެވެ.

އަސްލު މައްސަލައަކީ ސަލާން ބުނެވޭނެ ހަމައެކަނި ސަބަބަކީ ބަލިވުން ކަމަށް ޤާނޫނު ޤަބޫލުކުރުން.

ސަލާން ބުނުމާގުޅޭ ދެ މާއްދާއެއް ވަޒީފާއާބެހޭ ޤާނޫނުގައި އޮވެއެވެ. އޭގެ ތެރެއިން ފުރަތަމަ މާއްދާއަކީ އެ ޤާނޫނުގެ 42 ވަނަ މާއްދާ އެވެ.
އެ މާއްދާގެ (ހ) ގައި އޮންނަނީ، "މުވައްޒަފަކު ޚިދުމަތްކުރާ ކޮންމެ އަހަރަކު، ސަލާމުގެ ޗުއްޓީގެ ގޮތުގައި މުސާރަ ލިބޭގޮތަށް، ދިނުމަށް ވަޒީފާދޭ ފަރާތުގެ މައްޗަށް ލާޒިމުވާނީ ގިނަވެގެން 30 ދުވަހުގެ ޗުއްޓީ" ކަމަށެވެ. އެ މާއްދާގެ (ށ) ގައި އޮންނަނީ، ބަލީގެ ބާވަތާއި، އެ ބަލީގެ ސަބަބުން މުވައްޒަފަކަށް މަސައްކަތަށް ނުނިކުމެވޭނެ މުއްދަތު ބަޔާންކޮށް، ރަޖިސްޓަރީކޮށްފައިވާ ޞިއްޙީ މަސައްކަތްތެރިއަކު ދޫކުރާ މެޑިކަލް ސެޓްފިކެޓެއް ވަޒީފާއަށް ނުކުންނަ ދުވަހު ހުށަހެޅުމުން ނޫނީ، އެ މުވައްޒަފަކަށް، ވިދިވިދިގެން ދެ ދުވަހަށްވުރެ ދިގު މުއްދަތަކަށް ސަލާމުގެ ޗުއްޓީ ދިނުން ވަޒީފާދޭ ފަރާތުގެ މައްޗަށް ލާޒިމުވެގެނެއް ނުވާ" ކަމަށެވެ.

ދެވަނަ މާއްދާއަކީ ސަލާމް ބުނުމާ ސީދާ ގުޅުން ހުރި މާއްދާއެއް ނޫނެވެ. އެހެން ނަމަވެސް މި މާއްދާއަކީ ސަލާމްބުނުމާ ގުޅުން ހުރި މާއްދާއެއް ކަމަށް އަޅުގަނޑު ދެކޭ ސަބަބު ފަހުން އަންނާނެ އެވެ. ކޮންމެއަކަސް މި ދެންނެވުނު މާއްދާއަކީ އެ ޤާނޫނުގެ 47 ވަނަ މާއްދާ، ނުވަތަ އާއިލީ ޒިންމާގެ ޗުއްޓީގެ ވާހަކަ ބަޔާންކޮށްފައިވާ މާއްދާއެވެ. އެ މާއްދާގައި އޮންނަނީ "ޢާއިލާގެ މެންބަރަކު ބަލިވުން ފަދަ މުހިންމު ޒިންމާތަކާ ގުޅިގެން، ވަޒީފާއަދާކުރާ ކޮންމެ މުވައްޒަފަކަށް ވެސް މުސާރަ ލިބޭގޮތަށް 10 ދުވަހުގެ ޗުއްޓީއެއް އަހަރު ދުވަހުގެ ތެރޭގައި ނެގިދާނެ" ކަމަށެވެ.

މި ޤާނޫނުގައި ދެން ބަޔާންކޮށްފައި ހުރި އެހެން ހުރިހާ ޗުއްޓީއަކީ ވަކި ޚާއްޞަ ކަމަކާ ގުޅޭގޮތުން ދެވޭ ޗުއްޓީއެވެ. މިސާލަކަށް އަހަރީ ޗުއްޓީ، ވިހެއުމާގުޅިގެން ދެވޭ ޗުއްޓީ، މަޔަކަށް ނުވަތަ ބަފަޔަކަށް ވުމުން ލިބޭ ޗުއްޓީ، އަނބިމީހާ ވިހެއުމުން ލިބޭ ޗުއްޓީ، ޚިތާނުކުރުމާ ގުޅިގެން ދެވޭ ޗުއްޓީ އަކީ (އަހަރީ ޗުއްޓީ ފިޔަވައި) ވަކި ޚާއްޞަ ހާލަތްތަކަކާ ގުޅޭގޮތުން ދެވޭ ޗުއްޓީތަކެކެވެ.

މައްސަލަ އުފެދޭ ހިސާބަކީ ތިމާ އެކަމަކަށް އެޓެންޑް ވާންޖެހުމުގެ ސަބަބުން އޮފީހަށް ނާދެވިދާނެ ވަރުގެ ކަމެއް ކުއްލިއަކަށް ދިމާވުމުން ޢަމަލުކުރަންޖެހޭ ގޮތުގެ މައްސަލައެވެ. އެގޮތުން ވަޒީފާއާބެހޭ ޤާނުނަށް ބަލާއިރު ސަލާން ބުނެވޭނީ ވެސް އަދި ޢާއިލީ ޒިންމާގެ ޗުއްޓީ ވެސް ނެގޭނީ ހަމައެކަނި ބަލިވުމުންނެވެ. އަޅުގަނޑު މިހެން ބުނާއިރު ވެސް ޢާއިލީ ޒިންމާ ޗުއްޓީގެ މާއްދާގައި ” ޢާއިލާގެ މެންބަރަކު ބަލިވުން ފަދަ މުހިންމު ޒިންމާ" އެއްގެ ވާހަކަ އޮންނަ ކަން އަޅުގަނޑަށް ވެސް އެނގެއެވެ. އެހެންނަމަވެސް، ސުވާލަކީ ބަލިވުން ނޫން އެހެން އުޛުރެއް ޤަބޫލުކުރަނީ ކޮން އޮފީހެއްގެ ކޮން ވެރިއެއްތޯ އެވެ؟؟؟ އަޅުގަނޑު އަބަދުވެސް މި ދަންނަވާހެން އަސްލު މައްސަލަ އުފެދޭ ހިސާބަކީ ބަލިވެގެން ނޫން ގޮތަކަށް އޮފީހަށް ނާދެވޭނެ އެހެން އެއްވެސް އުޛުރެއް ނޯންނާނެ ކަމަށް ވެރިން ޤަބޫލުކުރުމެވެ. އަދި، ތިމާއަށް ދިމާވާ ކޮންމެ ބަލިޙާލަތަކީ ޑޮކްޓަރަށް ދައްކަންޖެހޭ ކަމެއްގެ ގޮތުގައި އޮންނަ އޮތުމެވެ.

މިސާލަކަށް ޤާނޫނުގައި ވިހެއުމުގެ ސަބަބުން ޗުއްޓީ ލިބޭ ގޮތަށް އޮތުމަކީ ކިތަންމެހާވެސް ރަނގަޅު ކަމަކަށްވީނަމަވެސް، ބަލިވެ އިންނަ ހިސާބުން ފެށިގެން ވިހަންދެން ހޮޑުލުމާއި ބޮލުގައި ރިއްސުމާއި ގައިގައި ރިއްސުމާއި ދެން މިހެން ގޮސް އެކިއެކި ބޮޑެތި ވޭންތަކުގައި އުޅެނީ ކިތަށް ކަނބަލުންތޯއެވެ؟ އަދި އެފަދަ އަންހެނަކަށް އެޓެންޑްވާންޖެހޭ ކިތައް ފިރިން ތިބޭނެތޯއެވެ؟ އަންހެނުން ހޮޑުލައި ބޯ އަނބުރައިގަންނަ ކޮންމެ ފަހަރަކު ޑޮކްޓަރަށް ދާނެބާއެވެ. އަދި ޑޮކްޓަރަށް ދިޔަސް މެޑިކަލް ސެޓްފިކެޓެއް ދޭނެތޯއެވެ؟ އަދި އަމުދުން ފިރިމީހާއަށް މެޑިކަލް ސެޓްފިކެޓެއް ލިބޭނެ ގޮތެއް އޮންނާނެތޯއެވެ؟

އިތުރު މިސާލެކެވެ. މަހަކު އެއްފަހަރު އެ ދިމާވާ ކަމެއް ދިމާވުމުން އެ ވާ ތަދެއްގެ ބޮޑުކަމުން މަރަށް ތެޅޭ މަހެއްހެން އުޅޭނީ ކިތައް ކަނބަލުންތޯއެވެ؟ އަދި، އަނބިމީހާ އުޅޭ ހާލާއި ގުޅިގެން ގޭގައި ތާށިވާނީ ކިތަށް ފިރިންތޯއެވެ؟ މިއީ އަދި ބަލިވުމާގުޅޭ ކުޑަ މިންވަރެކެވެ. ދެން އަދި ޢާއިލީ މައްސަލަތަކާއި އެހެނިހެން ސަބަބުތައް ކޯބައިތޯއެވެ؟ އަދާކުރާ ވަޒީފާއިން ޢާއިލާގެ ޚަރަދުތައް ދެކޮޅު ނުޖެހޭތީ އިތުރު ވަޒީފާއެއް ނުވަތަ މަސައްކަތެއް އަދާކުރަނީ ކިތައް މީހުންތޯއެވެ؟ މިހެން ބުނާއިރަށް އިތުރު ވަޒީފާއެއް އަދާކުރަންޖެހޭހޭ ކިޔާފަ ސުވާލު އުފައްދާ މީހުން ވެސް އުޅޭނެ އެވެ. އެހެންނަމަވެސް، ތިމާއަށް ލިބޭ މަދު ފައިސާކޮޅުން ޢާއިލާގެ ޚަރަދުތައް ފޫނުބެއްދޭތީ ފިކުރުކުރެވޭ ވަރު އެނގޭނީ ހަމައެކަނި އެ ޙާލަތު ދިމާވެފައިވާ މީހަކަށް އެކަންޏެވެ.

ޢާއިލީ ޒިންމާއަކީ ހަމައެކަނި ޢާއިލާ މީހަކު ބަލިވުން ކަމަށް ބެލުމުގެ ވިސްނުން ވެރިން ގެންގުޅުން ހުއްޓާލަން ވެއްޖެއެވެ. ބަލިވުން ނޫނަސް މުވައްޒަފަކު ގޭގައި މަޑުކޮށްލަންޖެހޭ ނުވަތަ އޮފީހަށް ނައިސް އެހެން ކަމެއްގައި އުޅެލަންޖެހޭ ފަދަ އުޛުރެއް އޮވެދާނެ ކަމަށް ވެރިން ޤަބޫލު ކުރަން އެބަޖެހެއެވެ.

މިސާލަކަށް ގޭތެރޭ ހިފާގެންގުޅޭ އެއްޗެއް ނުވަތަ ހިފާގެންގުޅޭ އެއްޗެއް ނޫނަސް މިސާލަކަށް އޭސީއެއް ފަންކާއެއް އައިސްއަލަމާރިއެއް ނުވަތަ އުނދުނެއް ނުވަތަ ފަރުނީޗަރެއް ފަދަ އެއްޗެއް ހަލާކުވެގެން އެ މަރާމާތު ކުރާނެ ބަޔަކު ގެންނާނެ ފައިސާ އަތުގައި ނެތުމުން އެ މަސައްކަތް ވެސް ގިނަފަހަރަށް ކުރަންޖެހެނީ ވަޒީފާއަށްދާ ފިރިމީހާ ނުވަތަ ގޭގައި އުޅޭ ވަޒީފާއަށްދާ ބޭބެ ނުވަތަ ކޮއްކޮ ނޫންހެއްޔެވެ؟ އެދުވަހު ވެސް އޭނާއަށް ދެއްކޭނެ އުޛުރެއް ނޯވެއެވެ. ޙަޤީޤީ ޙާލަތު ބަޔާންކުރިއަސް ގިނަ ވެރިން ޤަބޫލެއް ނުކުރޭ ނޫންހެއްޔެވެ؟ އެންމެ ފަހުން އެއްކަލަ މުވައްޒަފަށް މިޖެހެނީ ކޮންމެވެސް ނުފޫޒުގަދަ މީހެއް މެދުވެރިކޮށް ފޭކު މެޑިކަލް ސެޓްފިކެޓެއް ހޯދައިގެން އެމްސީގެ ބޭނުން ނަހަމަގޮތުގައި ހިފާށެވެ.

ނަހަމަގޮތުގައި އެމްސީ ބޭނުންކުރުން

އަޅުގަނޑުމެން ބޮޑުވެގެން އައިއިރު ޓީވީންނާއި ރޭޑިއޯތަކުން ނަހަމަގޮތުގައި ކަމެއް ކުރިއޭ ބުނާތީ އިވޭ އަޑަކީ ނަހަމަގޮތުގައި ކޮންމެވެސް ގުޅުމެއް ހިންގާވާހަކައިގެ އަޑެވެ. އެހެންނަމަވެސް އެ އަޑު ފަނޑުވެ މިހާރަކަށް އައިސް އެންމެ ގިނައިން އިވޭ އެއް އަޑަކީ ނަހަމަ ގޮތުގައި އެމްސީ ބޭނުންކުރާ ކަމަށް ދެކެވޭ ވާހަކައިގެ އަޑެވެ. ވަޒީފާއާބެހޭ މައްސަލައެއް ފެންމަތިވާ ކޮންމެ ފަހަރަކު މި އަޑެއް އަދި ވަކިން ގަދަވެއެވެ.

ނަހަމަ ގޮތުގައި އެމްސީ (މެޑިކަލް ސެޓްފިކެޓް) ބޭނުންކުރުމޭ ބުނުމަކީ އަހާލަން ޖޯކު ވާހަކައެއް ނަމަވެސް މިކަމަކާހުރެ އެތަކެއް މުވައްޒަފުންނަކަށް އިސްލާޙީ ފިޔަވަޅު އަޅާކަމަށް ބުނާތީ އަޑުއިވެއެވެ. ކޮންމެއަކަސް ނަހަމަ ގޮތުގައި އެމްސީ ބޭނުންކުރުން ކަމަށް މި ކިޔަނީ ބަލިވުން ނޫން ސަބަބަކާހުރެ ނުވަތަ ބަލި ނުވަނީސް ބަލިވެއްޖެކަން ދައްކަން މެޑިކަލް ސެޓްފިކެޓެއް ހުށަހެޅުމަށެވެ.

އެހެންނަމަވެސް މިހެން މިކަން ހިނގާ ކަމަށް އަޅުގަނޑަށް ޤަބޫލުކުރެވޭ ބައެއް ސަބަބުތަކަށް ކުރިން ވެސް ކޮންމެވެސް ވަރަކަށް އަލި އަޅުވާލެވިއްޖެއެވެ. ބަލިވެގެން ނޫނަސް މަސައްކަތަށް ޙާޟިރު ނުވެވޭނެ އެހެން ސަބަބެއް ނޯންނާނެ ކަމަށް ވެރިން ދެކޭހާ ހިނދަކު މިކަމަށް ޙައްލެއް ނާންނާނެއެވެ. އަނބިމީހާ ނުވަތަ ދަރިފުޅު ބަލިވީމާ ފިރިމީހާ މެޑިކަލް ސެޓްފިކެޓް ގެންނަންޖެހޭ ކަމަށްވާނަމަވެސް މިކަމަށް ހައްލެއް ނެތެވެ. ވަޒީފާއަކީ މުވައްޒަފުގެ ދިރިއުޅުމުގެ އެންމެ ފުރަތަމަ ޕްރިއޯރަޓީ ކަމަށް ހަދަންޖެހޭނެ ކަމަށް ވެރިންގެ ވިސްނުމުގައި ހުރިހާ ހިނދަކު ވެސް މިކަމަށް ޙައްލެއް ނެތެވެ.

ކޮންމެ ވެރިއަކު ވެސް އަދި ރައްޔިތުންގެ މަޖިލީހުގެ މެންބަރުން ވެސް އަދި ސަރުކާރުގެ ޕޮލިސީ ލެވެލްގެ ހުރިހާ އެންމެން ވެސް ޤާނޫނުއަސާސީގެ 24 ވަނަ މާއްދާ ކޮންމެ ދުވަހަކު އެއްފަހަރު ކިޔައި ފިކުރުކުރަން އެބަޖެހެއެވެ. ޤާނޫނުއަސާސީގެ 24 ވަނަ މާއްދާގައި އޮންނަނީ "ކޮންމެ މީހެއްގެ ޒާތީ އަދި ޢާއިލީ ދިރިއުޅުމާއި، ގޮވަތި ގެދޮރާއި، އަނެކުންނާ ކުރާ ޒާތީ މުޢާސަލާތުތަކަކީ ހުރުމަތްތެރިވެގެންވާ ކަންކަމާއި ތަންތަން ކަމަށާއި، ހަމަ ކޮންމެ މީހަކުމެ، އަނެކުންގެ މި ބުނެވުނު ޙައްޤުތަކަށް ޙުރުމަތްތެރިކޮށް ހިތަންވާނެ ކަމަށެވެ"

މި މަޢުޟޫއަށް މި މުޅި މާއްދާ މުހިންމެއް ނޫނެވެ. މި މައުޟޫޢުގައި މުހިންމީ އެ މާއްދާގައި އޮންނަ ވާހަކަ ތަކުގެ ތެރެއިން ހަމައެކަނި އެންމެ ވާހަކައެކެވެ. އެއީ، ކޮންމެ މީހެއްގެ ޒާތީ އަދި ޢާއިލީ ދިރިއުޅުމަކީ ޙުރުމަތްރެރިވެގެންވާ ކަމެއް ކަމަށް ބަޔާންކޮށްފައި އޮންނަ ވާހަކައާއި އަދި ކޮންމެ މީހަކު ވެސް އެ ޙައްޤަށް (އަނެކުންގެ ޒާތީ އަދި ޢާއިލީ ދިރިއުޅުމުގެ ޙައްޤަށް) ޙުރުމަތްތެރިކޮށް ހިތަންވާނެ ކަމަށް ބަޔާންކޮށްފައި އޮންނަ ވާހަކައެވެ.

ދަންނަވަންމިއުޅޭ ވާހަކައަކީ މުވައްޒަފުންނަކީ އެމީހުންގެ އަމިއްލަ ޒާތީ އަދި ޢާއިލީ ދިރިއުޅުމެއް އޮންނަ ބައެއް ކަމަކަށް ގިނަ ވެރިން ނުދެކޭ ވާހަކައެވެ. މުވައްޒަފުން ޙިމާޔަތް ކުރަންޖެހޭ ޢާއިލީ އަދި ޒާތީ ޙައްޤުތަކެއް ހުންނަ ކަމަކަށް ވެރިން ނުދެކޭ ކަމެވެ. ވެރިންގެ ކިބައިގައި މި ވިސްނުން ހުރިހާ ދުވަހަކު މިކަމަކަށް ޙައްލެއް ނެތެވެ. މިކަމަށް ޙައްލު ލިބޭނީ މުވައްޒަފުންނަކީ ވެސް އެމީހުންގެ އަމިއްލަ ޢާއިލާ އަކާއި އަމިއްލަ ޒާތީ ދިރިއުޅުމެއް އުޅޭނެ ބައެއް ކަމާއި، އެމީހުންގެ ފުރަތަމަ ޕްރިއޯރިޓީއަކަށް ވާނީ ވެސް ޢާއިލާ ކަމާއި، ޢާއިލާއަށް ވުރެ އޮފީސް އިސްކުރުމަކީ ކޮންމެ ކޮންމެ މީހަކަށް ކުރެވިދާނެ ކަމެއް ނޫންކަމާއި، މުވައްޒަފުންގެ ޢާއިލީ ޒިންމާތަކަށް އެޓެންޑްވާންޖެހޭކަން ވެރިން ދަނެ އެކަމަށް ލުއި ލިބެންޖެހޭކަން ދަނެގެންނެވެ.

މަސައްކަތްތައް ބަރާބަރަށް ނިންމާނަމަ ލުއި ނުލިބޭންވީ ކީއްވެ؟

އަޅުގަނޑުގެ ވެރިއަކު އެބޭފުޅާގެ މަޤާމާ ޙަވާލުވެވަޑައިގަތް ފުރަތަމަ ދުވަހު މުވައްޒަފުންނާ ބައްދަލުކުރައްވަމުން ވިދާޅުވި ވާހަކަފުޅެއް މިހާރު ވެސް ހަނދާނުގައި އެބަހުއްޓެވެ. ވިދާޅުވީ، އަބަދު އޮފީހުގައި ނޫޅުނަސް އެންމެ ރަނގަޅު ކަމަށާއި، އަމިއްލަ މުހިންމު ކަމެއް ޖެހިއްޖެ ނަމަ ސްޕަވައިޒަރުގެ ހުއްދަ ހޯދުމަށްފަހު އެކަމަކަށް އެޓެންޑް ވެވިދާނެ ކަމަށާއި، އެހެންނަމަވެސް ޙަވާލުކުރެވޭ އެންމެހާ މަސައްކަތެއް ބަރާބަރަށް ނިންމަންވާނެ ކަމަށާއި އަދި އަރޖަންޓްކަމެއް ޖެހިގެން ހޯދާއިރު އަވައިލަބަލް ވާންވާނެ ކަމަށެވެ. ކޮންމެއަކަސް އެ އޮފީހުގައި އަޅުގަނޑު އުޅުނީ ވަރަށް ވެސް ހިތްހަމަ ޖެހިގެންނެވެ. ނަހަމަ ގޮތުގައި އެމްސީއެއް ބޭނުންކުރާކަށް ދުވަހަކު ވެސް ނުޖެހުނެވެ. އަމިއްލަ ކަންކަމަށް ވެސް ވަގުތު ދެމުން އޮފީހުގެ ކަންކަން ވެސް ކުރަމުން އުޅެވުނީ ހަމަ ވަރަށް ހަމަޖެހިލައިގެންނެވެ.

ޙަވާލުކުރެވޭ މަސައްކަތެއް ނުނިންމައިގެން ފިޔަވަޅެއް އެޅުމަކީ އެއްވެސް މުވައްޒަފަކު އެކަމާ ދެކޮޅަށް އެއްޗެކޭ ބުނާނެ ކަމެއް ހެނެއް ހިޔެއް ނުވެއެވެ. ވީއިރު، ބަރާބަރަށް މަސައްކަތްތައް ނިންމާ މުވައްޒަފަކަށް އޭނާގެ އަމިއްލަ ދިރިއުޅުމުގެ ކަންކަމަށް ވަގުތުކޮޅެއް ދޭން ފުރުޞަތެއް ދިނުމަކީ ނަހަމަ ގޮތުގައި އެމްސީ ބޭނުންކުރުމުގެ މައްސަލައަށް ޙައްލެއް ލިބޭނޭ ކަމަށް ބެލެވެއެވެ.

އެހެންކަމުން ވަޒީފާއާބެހޭ ޤާނޫނުގައި ސަލާމުގެ ޗުއްޓީ މިހާރު ގެނެސްފައި އޮތް ގޮތް ބަދަލުކޮށް ބަލިވެގެން ނޫނަސް އަމިއްލަ މުޙިންމު ކަމެއް ދިމާވެއްޖެ ނަމަ ސަލާމް ބުނެވޭގޮތަށް ބަދަލު ކުރުމަކީ ރަނގަޅު ކަމެއް ކަމަށް ފެނެއެވެ. އަދި، ހަމައެހެންމެ، ބަލިވެގެން ނޫނަސް މުވައްޒަފަށް މުޙިންމު ކަމެއް ދިމާވެއްޖެ ނަމަ އެކަމަކަށް އެޓެންޑްވެލަން އޭނާއަށް ލުޔެއް ދިނުމުގެ ވިސްނުން ހުރި ވެރިންތަކެއް އޮފީސްތަކުގައި ތިބުމަކީ ވެސް ވަރަށް މުޙިންމު ކަމެއް ކަމަށް ފެނެއެވެ. މުވައްޒަފުންނަކީ އޮފީސްތަކާއި ފިޔަފާރި ތަކުގެ އެންމެ މުހިންމު އެސެޓް ކަމަށް ބައެއް ވެރިން ވަރަށް ފަޚުރުވެރިކަމާއެކު ބުނާތީ އަހަމެވެ. އެކަމަކު އެކަން ޢަމަލުން ދައްކައި، އެ މުވައްޒަފުންނަކީ ވެސް އަޅުންތަކެއް ނޫންކަމާއި، އެއީ ވެސް އަމިއްލަ ޒާތީ ދިރިއުޅުމެއް އޮންނާނެ ބައެއް ކަމަށް ޤަބޫލުކޮށް އެމީހުންނާ މެދު ވެސް އިޙްތިރާމާއި ލޯތްބާއި އަޅާލުމުގެ ނަޒަރަކުން ބަލަން ވެސް ޖެހެއެވެ. އޭރުން އިސާހިތަކު، ނަހަމަގޮތުގައި އެމްސީ ބޭނުންކުރުމުގެ ވާހަކައިގެ އަޑު ކެނޑިދާނެ އެވެ.

ކިޔުންތެރިންގެ ހިޔާލު

15 ކޮމެންޓް

  1. މު

    ވަރަށް ފުރިހަމަ ލިޔުމެއް! ❤️

    29
    2
  2. ޥަޒީފާއަދާކުރާ މީހާ

    ބަރާބަރަށް މަސައްކަތްތައް ނިންމާ މުވައްޒަފަކަށް އޭނާގެ އަމިއްލަ ދިރިއުޅުމުގެ ކަންކަމަށް ވަގުތުކޮޅެއް ދޭން ފުރުޞަތެއް ދިނުމަކީ ނަހަމަ ގޮތުގައި އެމްސީ ބޭނުންކުރުމުގެ މައްސަލައަށް ޙައްލެއް ލިބޭނޭ ކަމަށް ބެލެވެއެވެ.

    23
    5
    • ާތަފާތު

      ޢެކި އޮފިސްތަކުން މުއައްޒަފުން ބޭރަށް ދާން ސިވިލްސަރވިސް ގަވައިދުގައި އޮންނަ 30 މިނިޓްގެ ބްރޭކް ގަޑި ވެސް ވަރަށް ތަފާތު ހަރުކަށި އުސޫލު ގެންގުޅޭ .އެންމެ 30މިނިޓަކުން ގެއަށް ގޮސް ރަގަޅަށް ސައި ނުބޮވެނިސް 30 މިނިޓް ހަމަވޭ. ޢެކަމަކު 5 މިނިޓްވަރު ލަސްވިޔަސް އެކަމުގެ މައްސަލަ ބޮޑުކޮށް ހަރުކަށި ފިޔަވަޅު އެބަައަޅާ.ބައެއް އޮފިސްތަކުން އެއްވެސް ގޮތަކަށް މިކަންތައް ނުބަލާ މިހިރި ހައްތާވެސް ވަޒީފާގެ ގޮތުން ބައެއް މުއައްޒަފުން ނާއި މެދު މުއައްސަސާ ތަކުން ވެވޭ އިހުމާލު މިހިރަ ކަންތައް ތަކަކީ މުއައްޒަފުންނަށް ކޮންމެވެސް ވަރެއްގެ ލުޔެއް ދޭންޖެހޭ ކަންތައްތައް.ކޮންމެ މުއައްޒަފެއްގެ ނުހުންނާނެ މޭޒުމައްޗަށް ގަޑިންގަޑިއަށް ކާން ހަދާނެ މީހަކު. ނުވަތަ ކައްކާ މީހަކު ލިބޭ ކުޑަ މުސާރަ ކޮޅުން މިހުރިހާ ކަމެއް ވެވޭކަސްވެސް ނެތް .މީހަ މުއައްސަސާ ތަކުން ވިސްނާލަންޖެހޭ ކަންތައް?

      12
      2
  3. ދިރާގު މީހާ

    މަ ބުނީ ދިރާގު ކުދިންތަ އެންމެ ގިނައިން ނަހަމަ ގޮތުގައި މސ ބޭނުން ކުރަނީ؟

    2
    2
  4. ސިވިލްސާވަންޓް

    އޮފީސް ތަކުގައި ތިބޭ ބައެއްވެ ރިންގެ ވާހަކަ ނުވާނެ ދައްކަންވެސް މުވައްޒަފުންނަކީ އެމީހުންގެ އަޅުން ކަހަލަ ހިތްޕުޅާހަމަ ނުރައްވައިފިއްޔާ އެދުވަޖަކު އެމުވައްޒަފަކަށް އެއްކަމެއްވެސް ރަނގަޅަކަށް ނުކުރެވޭނެ. އެމުވައްޒަފަކާ ބެހޭގޮތުން ދައްކާފަ ނުދައްކާނެ ވާހައެއްވެސް ނޯންނާނެ ފު ރައްސާ ރަ ކު ރުމާއި ޖެއްސުން ކުރުމާއި މަލާމާތް ކު ރުމަކީ އޮފީހުގެ ޑީ.ޖީގެ އާދައެއް. ޢަދި ހިތްޕުޅާ ހަމަނުކު ރައްވާ މުވައްޒަފަކު ކު ރާކަމެއްވެސް ނޯންނާނެ ކިތަންމެ ބު ރަކޮށް މަސައްކަތް ކު ރިޔަސް ކުރާކަމެއް ނޯންނާނެ. ޚިތަންމެ ކުޑަމަސައްކަތެއް ކު ރިޔަސް އެކަމެއްގައި ހުންނަ ދަތިތަކާއި ހޭދަކުރަންޖެހޭވަގުތާއި މިކަން ކަމަކީ ފިނި ކޮޓަ ރީގައި ގަޔާވާ އަންހެން ކުދިންނާ ފޮނި އަނގަ ތަޅަން އިންނަވާ ޑީ.ޖީއަށް އިޙުސާސް ކު ރެވޭ ކަމެއް ނޫން. މުވައްޒަފުން ކުރާކަމެއްނެތް އެކަމަކު އަހަ ރީ ރިޕޯޓު ލިޔާއި ރު އަހަ ރު ތެ ރޭގައި ކު ރެވިފައި ހު ރި ކަންތައްތަކާއި ޙާޞިލުވެފައިވާ ލަނޑު ދަޑިތަކުގެ ވާހަކަ ލިޔެ ހުސްނުވޭ. ށުވާލަކީ އެހުރިހާކަމެއް ކު ރަނީ ތަނުގައި ތިބޭ ސިޔާސީ ވެ ރިންނާއި ޑީ.ޖީތޯ؟

    14
  5. ޢެސޮރު

    ޥަރަށް ރަގަޅު ލިޔުމެއް

    5
    1
  6. Anonymous

    މުއައްޒަފުންގެ ބޭނުންނަހަމަގޮތުގަ ހިފާނަމަ މުއައްޒަފުންވެސް އެބީދައިންކަންކު ރާނެ. ގާނޫންތަކާ ގަވާއިދްތައް ހަދާ އެމުގު ރާލަނީވެސް ހަމައެއްބައެއް. އޮފީހައްބަ ރާބަ ރާއް ހާޒިވެ ބަ ރާބަ ރައް މަސައްކަތްތައް ކު ރާމުއައްޒަފާ މެދު އޮންނައިތުބާ ރާއި ޔަގީންކަމެއްގެސަބަބުން އާންމުކޮށް ގިނަތަންތަނުގަ އެފަދަމުއައްޒަފުންނައް އަހަ ރީ ޗުއްޓީވެސްނުލިބޭ. އެއާޚިލާފައް ފަ ރުވާކުޑަ މުއައްޒަފައް ފައްސޭހަކަމާއެކު ކޮންމެޗުއްޓީއެއްވެސްލިބޭ. ޙަގީގަތަކީ ފަ ރުވާތެ ރި ކަމާއެކު މަސައްކަތް ކު ރާމުއައްޒަފައް ޗުއްޓދީފިނަމަ ކަންކަން ބޮއްސުންލާވެ ރިންނައްތިބޭ މީހުން ޒިންމާއިން ރެކެން ބޭނުންކު ރާހަތަިޔާރަކީ އެފަދަމުއައްޒަފުންނައްވާތީ އިންސާފެއް ހަމައެއް ނެތި ގު ރުބާންކޮށްލަނީ ރަންގަޅުމުއައްޒަފު.

  7. ޚިޔާލު

    އަޅުގަނޑުމެންގެ އޮފީހުގައި ސަލާމް ބުނެވޭނީ ބަލިވެގެން އެފް އާރް އެލް ނެގޭނެ ގޭ މުހިއްމު ކޮންމެ ކަމެއްގައިވެސް ވާގޮތަކީ ބައެއް އޮފީސް ތަކުގެ ވެރިން ކަންތައް ބޮޑު ކޮށްލަނީ މި ގޮތް ކަޑުވަން އެބަޖެހޭ ސިވިލް އަށް ގުޅީމަ ވިދާޅުވާނެ ތީ އެ އޮފީހަކުން ނިންމަންޖެހޭ ކަމެކޭ ޤަވައިދުގައި އޮތީ މިހެންނޭ އެހެންނޭ. ދެން ނޭން އެއްތަނެއްގައި އެއް ގޮތަކަށް ކަންތައް ނުކުރެވޭ ދެން މިގައި ގިނަފަހަރު ވާގޮތަކީ މުވައްޒަފުވެސް ބައެއްފަހަރު ނަޖާއިޒު ފައިދާ ނަގާތީ ހަދާ ގޮތް ހެން ހީވަނީ އެ އޮފިހެއްގެ ގަވައިދު ހަރުކަށި ކުރުން

  8. ބަންޓީ

    އޮފީސްތަކަށާއި ކުންފުނިތަކަށް ވަޒީފާ އުފައްދަނީ އެތަންތަނުން އާންމު ރައްޔިތުންނަށްދޭންޖެހޭ ޚިދުމަތް ޚިދުމަތް ދިނުމަށެވެ. އެންމެ ދުވަހަކު ޚިދުމަތް މެދުކެނޑި ނުވަތަ ލަސްވާކަށް ޚިދުމަތް ލިބިގަންނަމީހުން މީހުން ބޭނުމެއް ނުވާނެއެވެ. ވެރިންގެ ގޮތުގައި ބަޔަކު ލާފައިތިބެނީ ދޭންޖެހޭ ޚިދުމަތްދެވޭތޯ ޔަގީންކޮށް އަދި ދިމާވާ މައްސަލަތައް ޙައްލު ކުރުމަށެވެ. ނޫސް ލިއުމުގެ މަސައްކަތްކުރާ މުވައްޒަފު ނާންނަ ކަމުގައިވާނަމަ ނޫސް ހިންގާވެރިޔާ ކަންބޮޑުވާނެއެވެ. ސަބަބަކީ އޭނާ ކާންބޯން ކުރާ މަސައްކަތަކީ ނޫސް ނެރުން ކަމަށްވާތީއެވެ. ނޫސް ވިއްކައިގެން އޭނާއަށް އެއްޗެއް ލިބޭނީ ލިޔާމީހާ ގަވާއިދުން ލިޔަމުންދާ ނަމައެވެ. ކޮންމެ މީހަކީވެސް ބަލިވާނޭ މީހެކެވެ. އެކަމަކު ހަފްތާ ފެށޭ ދެދުވަހު ސަލާމް ބުނެފައި ނިމޭ ދެދުވަހު ސަލާމްބުނާނަމަ ވެރިމީހާއަށް އެ ސަލާމް ބުނުމަކީ ރަނގަޅު ސަލާމް ބުނުމެއް ކަމަށް ބެލެވިދާނެތޯ ތިމާ އަމިއްލަ ނަފުސާ ސުއާލު ކޮށްލެވުން ރަނގަޅުވާނެއެވެ.

  9. ބަންޓީ

    މި ލިއުމުގައި މުވައްޒަފުންނަށް ކުރިމަތިވާ ހަގީގީ މައްސަލައަށް ބަލާލާފައެއް ނުވޭ. މިސާލަކަށް ތިމާ ބަލަންޖެހޭ މީހަކު ބޮޑު ބައްޔެއްވެގެން އޭނާ ކައިރީގައި އެހީތެރިއަކަށް ހުންނަންޖެހޭ މުވައްޒަފުގެ ޙާލަތެވެ. ނުވަތަ ބަލިވި މުވައްޒަފުގެ ޙާލަތެވެ. މިހާރު އޮންނަގޮތުން އޭނާއަށް މުސާރައާއެކު ސަލާމުގައި ހުރެވޭނީ ވަކިމުއްދަތަކަށެވެ. އިތުރުވާނަމަ ދެންޖެހޭނީ ނޯޕޭ ލީވް ނަގާށެވެ. މިހިސާބުން މުވައްޒަފުގެ ކަރުގައި ވާގަނޑެއް ބެދުނީއެވެ. އާމްދަނީ ލިބޭނޭ މަގުބަންދުވެ ދަރަނިވެރިވާ ހިސާބަށް މުވައްޒަފުގެ ޙާލު ގޯސްވެއެވެ. މިމައްސަލައަށް ހައްލު ހޯދުމުގެ ބަދަލުގައި ކުޑަ މައްސަލައެއްގައި ފައިވިއްދުން ބުއްދިވެރިތޯ އަމިއްލަ ނަފުސާ ސުއާލުކޮށްލައްވާށެވެ.

  10. ފާތުން

    އަޅުގަނޑު ވަރަށް ގިނައިން ދައްކާ ވާހަަކައެއް މި ލިޔުމުގައި މިވަނީ. ޒަރޫރީ މުހިއްމު ކަންކަމުގައި އެމްސީއާ ނުލާ ސަލާމް ފަދަ ކޮންމެވެސް ލީވެއް ވަގުތުން ބުނެވެން ވާނެއޭ. އެކަމާ ފިޔަވަޅު އަޅާއިގެން ނުވާނެޔޭ. މުވައްޒަފެއްގެ ޕާފޯމަންސް ބަލަނީކީ މިގޮތަށް ސަލާމް ބުނޭލާ އެންމެ ދުވަހަކުން ނޫނޭ. ކަންކަން ހައްލުކުރާ ޙިކުމަތްތެރި ގޮތަކީވެސް މިއެއް ނޫނޭ. ހަފްތާ ދެކޮޅު ސަލާމް ބުނުން ހުއްޓޭނެ މެޑިކަލް އަ ނުލާ ބުނާ ސަލާމްތައް ފިޔަވައި އެނޫން ހުރިހާ ލީވެއްގައިވެސް ލިބޭގޮތަށް (ނިކުންނަ ކޮންމެ ދުވަހަކަށް އެލަވަންސް އެއް ދިނީމަ). އޭރުން ކަމަކާ ނުލާ 200 ރ ގެއްލުވާލާކަން އެކަކުވެސް ބޭނުމެއް ނުވާނެ. މުސާރަ ބޮޑު ކުރުމުގެ ބަދަލަުގައި ފަދަ އެލަވަންސެއް ދޭން ނިންމިދާނެ. 80% މައްސަލަ ހައްލު އަންނާނެ. އެންމެ ބަރާބަރު ސޮލިއުޝަނެއް އެކަކަށްވެސް ނުދެވޭނެ، ނިސްބަތުން ހައްލު އަންނަ ގޮތެއް ހޯދޭނީ.

    • އަހަރީ ޗުއްޓީ

      އަހަރީ ޗުއްޓީގެ 30 ދުވަސްލިބޭނެ އަމިއްލަކަންކަމަށް

      1
      3
  11. ފަހްދު

    ފުރިހަމ ލިޔުމެއް މިލިޔުމުގައި މިވަނީ
    ހަމަ ހަޤީޤީ ދިމާވާ މައްސަލަ ♥

  12. އައްމަޑޭ

    މިލިޔުމުގަ ހުރި ވާހަކަތަކަށް އެއްބަސް. އެކަމަކު ވާހަކައެއް ބަޔާންކުރާއިރު ހަމައެކަނި ތިމާ ދެކޭގޮތް ބަޔާންކޮށް ނިންމާލުމުގެ ބަދަލުގައި ކަމުގެ ދެކޮޅުވެސް ފުރިހަމަޔަށް ބަޔާން ކޮށްލިނަމަ ރަނގަޅުވީސް. ސަލާމުގެ ޗުއްޓީ ނަހަމަ ގޮތުގައި ބޭނުންކުރާ މީހުންނަކީ މަދުބައެއްނޫން. ހަމައެކަނި އާއިލީ ގެޓްޓުގެދަރއެއްގަ ބައިވެރިވާން ވެސް ސަލާމުގެ ޗުއްޓީ ނަގާފަ އެބަހުރި. މިހެންގޮސް ވަޒީފާގެ އަޚްލާގުގެ ބޭރުން އެތައް ކަމެއްގަ އެމްސީ ނަހަމަގޮތުގަ ބޭނުންކުރަމުންދޭ. މިފަދަ މައްސަލަތަކަށް މިލިޔުމުގަ ފޯކަސް ކޮށްފަ ނެތީ ކީއްވެބާ؟

  13. ރައްޔިތުމީހާ

    ކިތައްމެ މަތީމަޤާމެއްގައި ހުއްޓަސްވެސް ތިމާއަށްވެސް ލިބިގެންވާ މިނިވަންކަމާއި ޙައްޤުތައް ލިބެންޖެހޭނެކަމަށް ޤަބޫލުނުކުރާ އަދި އިންސާނިއްޔަތުވަންތަކަމުގެ ކަންފުޅެއްހާވަރުވެސް ނެތް ފަރާތްތަކުން ކޮއްމެ ފަދަ ބިލެއް މަޖިލީހަށް ފޮނުވިނަމަވެސް ހަމަޔަޤީނުންވެސް އެބިލެއް ޤާނޫނަކަށްމިވނީ އަހަރަމެން ރައްޔިތުންގެ ހައްޤުހޯދާދިނުމަށް އަހަރަމެންގެ ވޯޓުން މަޖިލީހަށް ފޮނުވާފަތިބޭ އަހަރަމެން ރައްޔިތުންގެ މަންދޫބުންގެ ތާއީދާއިއެކު އަޢުލަބިއްޔަތު ލިބިގެން ފާސްކުރާ ބިލްތައް ޤާނޫނަކަށް ވެގެންނެވެ. އެހެންކަމުން އެމެމްބަރުންނަށްވެސް ދައުރެއްނިމޭއިރު 2 ޖަލްސާއަށް ވަޑައިނުގެންނެވޭފަދަ ޢުޒުރުތައްދިމާވާއިރު އަދި ތިޔަވިދާޅުވިފަދަ ޢުޒުރުތައްވެސް ޚުދު އެ މެމްބަރުންގެ އަނބިން ފިރިންނަށްވެސް ދިމާވެ އެކަން ތަޖްރިބާކުރެވިފައިވާއިރު އާދައިގެ މުޥައްޒަފުންނާއިމެދު ތިހާ ހަރުކަށި ޤާނޫނެއް ފާސްކުރުމުގެ ވިސްނުން ގެންގުޅުއްވާކަމީ މިލިއަނުން ސުވާލު އުފެދޭކަމެކެވެ. މައްސަލައަކީ ބިލް މަޖިލީހަށް ފޮނުވާ ފަރާތެއްނޫނެވެ. މައްސަލައަކީ ރައްޔޮތުންގެ މަންދޫބުންގެ ގޮތުގައި ތިބެ އެބިލް ޤާނޫނަކަށް ހަދައި ރައްޔިތުންނަށް ތިވިދާޅުވާފަދަ ނިކަމެތިކަމާއި ޙާލުގައި ޖައްސާ ފަރާތެވެ.