ރާއްޖެ އިން ފުރަތަމަ ފަހަރަށް ކޮވިޑް-19 ޖެހިފައި ހުރި މީހަކު ފެނިފައި ވަނީ މިދިޔަ މާޗް 7 ގައެވެ. އަދި މާޗް 27 ގެ ނިޔަލަށް 13 މީހެއްގެ ގައިން ކޮވިޑް-19 ފެނުނު އިރު، އެމީހުންގެ ތެރޭގައި ހިމެނެނީ ރާއްޖެ އަށް ޗުއްޓީ ހޭދަކުރަން އައި ބޭރުގެ ފަތުރުވެރިންނާއި ރިސޯޓުތަކުގައި މަސައްކަތް ކުރާ މުވައްޒަފުންނެވެ. މިއީ، ކޮވިޑް-19 ޖެހުނު މީހުންގެ ތެރެއިން އެންމެ ފުރަތަމަ ސީރިއަސް ހާލަތަކަށް ދިޔަ މީހާ އަށް ފަރުވާ ދިން ގޮތެވެ.

ކޮވިޑް-19 ޖެހުނު މީހުންގެ ތެރެއިން އެކަކަކީ އިޓަލީގެ 69 އަހަރުގެ ފިރިހެނެކެވެ. ރިސޯޓެއްގައި ޗުއްޓީ ހޭދަކުރުމަށް އައި އެމީހާ ރާއްޖެ އައިތާ ތިން ވަނައަށްވީ ދުވަހު ކޮވިޑް-19 ގެ އަލާމާތްތައް ފެންނަން ފެށިއެވެ. ކޮވިޑް-19 އަށް ޝައްކު ކުރެވޭ މީހެއްގެ ގޮތުގައި އޭނާ އައިސޮލޭޝަން ފެސިލިޓީއަކަށް ގެންދިޔައެވެ. އަދި ކޮވިޑް-19 ހުރިތޯ ބެލުމަށް ޓެސްޓް ހެދުމުން ނަތީޖާ ވަނީ ފައްސިވެފައެވެ. އަދި އިންފްލުއެންޒާ އަށް ނައްސިވިއެވެ.

ބަލި މީހާ ހުން އައިސްފައި ހުންނަތާ ދެ ދުވަސްވީ އިރު، ކެއްސުމާއި ނޭވާ ކުރުން ފަދަ ކަމެއް ފާހަގަވެފައެއް ނުވެއެވެ. އޭނާގެ ހާލު ގޯހެއް ނޫނެވެ.

އެކަމަކު، ފަސް ވަނަ އަށްވީ ދުވަހު، ބަލި މީހާގެ ހާލަތު ގޯސްވާން ފެށުމުން މާލެ ގެނެސް، ދަރުމަވަންތަ ހޮސްޕިޓަލްގެ އައިސީޔޫ އަށް ބަދަލުކުރިއެވެ. އޭރު އެމީހާ އަށް ނިއުމޯނިއާ ޖެހި ހާލަތު ވަނީ ވަރަށް ބޮޑަށް ސީރިއަސްވާން ފަށައިފައެވެ. ފުއްޕާމޭގެ ހާލަތު ދަށްވާން ފެށުުމާ އެކީގައި ދުނިޔޭގެ ސިއްހަތު ޖަމިއްޔާ (ޑަބްލިއުއެޗްއޯ) ގެ އިރުޝާދާ އެއްގޮތަށް ފަރުވާ ދިނުމުގެ ކަންކަން ޑޮކްޓަރުންގެ ޓީމުން ފެށިއެވެ.

ފުއްޕާމެއަށް އަންނަމުންދާ ބަދަލުތަކުގެ އެކްސްރޭއެއް އެ ޓީމުން ނެގިއެވެ. އޭރުގައި ބަލި މީހާ އަށް އޮކްސިޖަން ދޭން ފަށައިފިއެވެ. އަދި ބޭސްތައް ދޭން ފެށީ އެންޓިބައޮޓިކާ ވެސް އެކުގައެވެ.

ފުއްޕާމެއަށް އައި ބަދަލުތައް

އޭރުގައި އޭނާގެ ގައިގައި ހުން ހުރިއިރު، ޑައިރިއާ ވަނީ ޖެހިފައެވެ. ކޮވިޑްގެ ސަބަބުން އޭނާގެ ހިތުގެ ވިންދު ލަސްވެ، ހިމަގްލޯބިން އާއި ކެލްސިއަމް ވެސް ދަށަށް ދިޔައެވެ. ފުއްޕާމޭގެ ދެ ފަރާތުގެ އެއް އަރިމައްޗަށް އިންފެކްޝަންގެ އަސަރުކޮށް ދުޅަވެފައެވެ.

ޑޮކްޓަރުން ސިފަ ކުރެއްވި ގޮތުގައި އުމުރުން ދުވަސްވީ އެމީހަކީ ހައި ރިސްކް މީހެއްގެ ގޮތުގައެވެ.

މެޑިކަލް ރީސާޗްތައް އާންމުކުރާ "ސައިންސް ޑައިރެކްޓް" ގައި އާންމުކޮށްފައިވާ ރިޕޯޓުގައި އެމީހާ އަށް ފަރުވާ ދިން ގޮތާއި އެމީހުންނަށް ކުރިމަތިވި ގޮންޖެހުންތައް ޑޮކްޓަރުން ފާހަގަކޮށްފައިވެއެވެ. އެ ރީސާޗް ރިޕޯޓް ޝާއިއުކޮށްފައި ވަނީ "ރެސްޕިރޭޓަރީ މެޑިސިން ކޭސް ރިޕޯޓްސް"ގެ ތެރޭގައެވެ.

އޭގައިވާ ގޮތުން ބަލީގެ ކުރީކޮޅު ބަލި ދެނެގަނެ ފަރުވާ އަވަސްކުރެވިއްޖެ ނަމަ، ރިސްކް ބޮޑު ގްރޫޕްތަކުގެ މީހުންނަށް ވެސް ފަރުވާކޮށް މަރުން ސަލާމަތް ކުރެވިދާނެއެވެ. މިފަހަރު ބަލި މީހާ ރަނގަޅު ކުރީ އޮކްސިޖަން ދިނުމުގެ އިތުރުން ލޮޕިނަވިރު، ރިޓަނޮވިރު، އޮސިލްޓަމިވިރު ހިމެނޭ އެންޓިވައިރަލް ޑްރަގްގެ ސަބަބުންނެވެ. އަދި ބަލިން ރަނގަޅުވިތާ 14 ވަނަ އަށްވީ ދުވަހު، ޓެސްޓް ހެދުމުން ނަތީޖާ ވަނީ ނައްސިވެފައެވެ.

ހޮސްޕިޓަލުން ދޫކޮށްލި އިރު، އޭނާގެ ފުއްޕާމޭ ވަނީ އިންފެކްޝަނުން ސަލާމަތްކޮށްފައެވެ.

ރިޕޯޓްގެ ނިންމުމުގައި ބުނެފައި ވަނީ، ބަލީގެ ފުރަތަމަ ކޮޅުގައި ބަލި މީހާގެ ފަރާތުން ބަލި ދެނެގަނެވި ވަގުތުން ވަގުތަށް ފަރުވާދީ ބަލިން ފަސޭހަވުމަށް މަގުފަހިކުރެވުނީ ރާއްޖޭގައި ގާއިމުކޮށްފައި އޮތް ހަރުދަނާ ސަވައިލެންޑް އަދި ކޭސް ފައިންޑިންގް ނިޒާމުގެ ސަބަބުން ކަމަށެވެ.

ބަލިމީހާއަށް ފަރުުވާދިން ދިވެހި ޑޮކްޓަރުންްގެ ޓީމު ހިމެނެނީ ޑރ. މޫސާ ހުސެއިނާއި ޑރ. މުހައްމަދު އަލީ އާއި ޑރ. މުހައްމަދު އިސްމާއިލް އާއި ޑރ. ޝީނާ މޫސާ އާއި ޑރ. މިލްޒާ މުހުސިން އާއި ޑރ. އަލީ ލަތީފާއި ޑރ. ނަޒްލާ ރަފީގް ހިމެނިވަޑައިގަންނަވާ ގޮތަށް 15 މެމްބަރުންގެ ޓީމެކެވެ.

އެޑިޓަރުގެ ނޯޓު:

މިއީ ސައިންސް ޑައިރެކްޓް ނަމަކަށް ކިޔާ ވެބްސައިޓުގައި ދިވެހި ޑޮކްޓަރުންގެ ޓީމަކުން ގުޅިގެން ތައްޔާރުކޮށްފައިވާ ރިޕޯޓުގެ ހުލާސާއެކެވެ.

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

  1. ޭބޮޑޭބެ

    ނަޒުލާ ރަފީގަކީ ޑޮކްޓަރެއްގެ ހައިސިއްޔަތުން ފަރުވާދެވޭނެ މީހެއް ނޫންކަމުން އެޗްޕީއޭގަ އުޅެނީ ތިވަނީ ނަޒުލާ މުސްތަފާޔަށް

  2. ކަހަ

    ނަޒްލާ ރަފީގަކީ ހިތްހެޔޮކަމާއެކުު މީހުންނަށް ފަރުވާ ދެވޭނެ މީހެއް ކަމަށް އަހަރެން ގަބޫލެއް ނުކުރަން