މޯބައިލް ފޯނަކީ މިހާރު އެޔާ ނުލައި ދިރިއުޅެން އުނދަގޫ އެއްޗަކަށް ވަނީ ވެފައެވެ. މާރުކޭޓުގައި އެއްޗެތި ވިއްކަން ތިބޭ މީހުންނާއި، މަސްވެރިންނާއި، ގޭގޭގައި މަސައްކަތް ކުރަން ތިބޭ މީހުނުން ފެށިގެން ސުކޫލުގައި ކިޔަވަން އިންނަ ކުއްޖާވެސް ބޭނުންކުރާ އެއްޗަކަށް މިއަދު ފޯނު ވަނީ ވެފައެވެ. ނަމަވެސް ފޯނު ގެންގުޅުމިގައި ވެސް ވަކި ހަމައެއް ލަމައެއް އޮންނަން ޖެހޭނެތާއެވެ.

ފުރަތަމަ ކަމަކަށް ފޯނު ބޭނުން ކުރުން މަނާ ތަންތާންގައި ފޯނު ސައިލެންޓްއަށް ލާށެވެ. ނޫނީ ފޯނު ނިއްވާލާށެވެ. މިފަދަ ތަންތަނުގެ ތެރޭގައި މިސްކިތްތަކާއި ހަސްފަތާލުތައް ހިމެނެއެވެ. ތަނުގައި ހެދިފައި ހުންނަ ޤަވާޢިދުތަކަށް ބޯލަނބާ، ފޯނު މިތަންތަނުގައި ބޭނުން ނުކުރާށެވެ. މީގެ އިތުރުން މަތިންދާ ބޯޓުގައި ދަތުރު ކުރަމުން ދާއިރު ދެވިފައިވާ އިރުޝާދާއި އެއްގޮތަށް ފޯނު ނިއްވާލާށެވެ.

ސައިކަލު ދުއްވަމުން އަންނަ ކޯލްތަކަށް ޖަވާބު ނުދޭށެވެ. އެއީ ޤާނޫނީ ގޮތުން މަނާ ކަމެއްގެ އިތުރުން ތިމާއަށްވެސް ނުރައްކާތެރިކަމެކެވެ. ފޯނު ކޯލަށް ވުރެ ބޮޑަށް ފުރާނައަށް އިސްކަން ދޭށެވެ.

ފިހާރަޔަކަށް ނުވަތަ އެހެންވެސް ތަނަކަށް ޚިދުމަތްކުރަން ގޮސް ހުއްޓާ އަންނަ ފޯން ކޯލަށް ޖަވާބު ނުދީ އިހަށް މަދު ކޮށްލާށެވެ. ވަރަށް މުހިންމު ކޯލްއެއް ނަމަ ހެދިފައި އިން ކިއުއިން ފެހިގެން ބޭރަށް ނިކުމެ އެކޯލްއަށް ޖަވާވުދާރީވާށެވެ. ތިމާގެ ސަބަބުން އެހެން މީހުންގެ ވަގުތުތައް ބޭކާރުވިޔަ ނުދޭށެވެ. އަދި ޢާއްމުން އުޅޭ ތަންތާންގައި ބާރަށް ވާހަކަ ނުދައްކާށެވެ. އެއީ އެހެން މީހުނަށް ކުރެވޭ ޖެއްސުމެކެވެ. ތިމާއަށް ނޭނގިނަމަވެސް މެއެވެ.

ކުރިމަތީގައި ހުރި މީހަކާ ވާހަކަ ދައްކަމުން ފޯނުން އަންނަ ކޯލްތަކަށް ޖަވާބު ދިނުމުގެ ކުރިން އެމީހާގެ ހުއްދައަށް އެދޭށެވެ. ނޫންނަމަ އެއީ ކުރިމަތީގައި ހުރި މީހާއަށް ކުރެވޭ ބޭއިޚްތިރާމެކެވެ. މީގެ އިތުރުން ރެސްޓޯރެންޓް ކެފޭތަށް އަދި ޖަމާއަތެއްގައި ހުރެފައިވެސް ކޯލްއެއް އަންނަ ނަމަ، އެޖަމާޢަތުން އެކަހެރި ވުމުގެ ކުރިން އެތާ ތިބި މީހުން ކުރެން އެކަމުގެ ހުއްދައަށް އެދޭށެވެ.

ފޯނު ބޭނުން ކުރުމުގައި މިކަންކަމަށް ވިސްނާލުން މުހިންމެވެ.

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. ވިސްނަމާ

    ވަރަށް ރަނގަޅު ލިއުމެއް. އަޅުގަނޑުމެންގެ މި މުޖްތަމައުގައި އަހުލާގީގޮތުން ދައްވަމުން މިދާ ދުވަސްވަރު ތިޔައީވެސް އަޅުގަނޑުމެންގެ އުޅުމުން އިސްލާހުކޮށްލަންވީ ކަމެކެވެ.
    މީހުންގެ ކުރިމަތީގައި ތިމާގެ އަހްލާގު އާއި ރީތި އަދަބުތައް ދެއްކުމުން ތިމާގެ އަގު އަނެކުންގެ ކުރިމަތީ ގައި އަރާނެކަން ކަށަވަރެވެ.
    މިސާލަކަށް ޅ ބަހުން ވާހަކަ ދައްކާ އަޑުއިވުނީމާ ... އެނގޭ އެމީހަކީ އެއްވެސް އަދަބެއް އަހުލާގެއް ނެތްމީހެއްކަން. ތިމާގެ އަގު އަނެކުންގެ ކުރިމަތީގައި ދަށުދަރަޖައަކަށް ވެއްޓިގެންއެދަނީ. ވިސްނާލަމާ ... މި ކުޑަކުޑަ މުޖްތަމައުގައި އަބަދު އެކަކާ އަނެކަކާ ބައްދަލުވާހިނދު ތިމާގެ އަގު އަމިއްލައަށް ފައިދަށަށްލާ ފިސްކޮށް ނުލަމާ..