ދުނިޔެ ހުއްޓުމަކަށް ގެނައި ކޮވިޑް-19 ފެތުރެމުން އަންނަތާ ހައެއްކަ މަސްވި އިރު، ދުނިޔޭގެ ސިއްހަތު ޖަމިއްޔާ (ޑަބްލިއުއެޗްއޯ) އާއި ސިއްހީ ތަޖުރިބާކާރުން ކަންބޮޑުވެފައި ވަނީ، އެކިއެކި ގައުމުތަކުން ފުރަބަންދަށް ލުއި ދިނީމަ، ރައްޔިތުން ކަން ފަސޭހަކޮށްލަފާނެ ކަމެވެ. މި ބަލިމަޑުކަމުން ދުނިޔެއަށް އަރައިނުގަނެވި އޭގެ ނުރައްކާ ގައުމުތަކަށް އިންތިހާ އަށް ވަނީ ކުރިމަތިވެފައެވެ.

ކޮވިޑް-19 ފެތުރެން ފެށުމާއިއެކު ގައުމުތަކުން އެންމެ ފުރަތަމަ އެޅި އެންމެ އިސް ފިޔަވަޅަކީ ފުރަބަންދުގެ ހާލަތު ގެނައުމެވެ. މި ހާލަތަށް ރާއްޖެ ހިމެނޭހެން ބަލި ފެތުރުނު ހުރިހާ ގައުމެއްހެން ގެނައެވެ. މިއާއެކު ގެތަކާއި ފެސިލިޓީތަކުގައި އެތައް ބަޔަކު ތާށިވެ ތިބެން ޖެހުނެވެ. މި ބަލިމަޑުކަމުގައި ރާއްޖެ އުޅެމުންދާތާ މިއަދަށް މިވީ 100 ވަނަ ދުވަހެވެ. އަދި ދެ މަސް ދުވަސް ފަހުން، ރައްޔިތުންނަށް ވަނީ ލުއިތަކެއް ލިބިފައެވެ.

މި ބަލިން އަރައިގަތުމަށް ކުރާ މަސައްކަތަށް މާ ބޮޑު ކާމިޔާބެއް ނުލިބުމާ އެކު، އެކިއެކި ގައުމުތަކުން މިހާރު ތައްޔާރުވެފައި ވަނީ ބައްޔާއެކު އުޅޭށެވެ. ބައެއް ގައުމުތަކުން ފުރަބަންދަށް ލުއިދީ އެހެން ގައުމުތަކުގައި އާ އާންމު ހާލަތެއް ވަނީ ގެންނަން ފަށައިފައެވެ.

ސިނަމާލެ ބްރިޖު ކައިރީގައި މީހެއްގެ ގައިން ސުންކު ނަގަނީ. --- ވަގުތު އިމޭޖަސް: މުހައްމަދު އަފްޒަލް

މިއަދަކީ ރާއްޖެ އަށް ވެސް މުހިންމު ދުވަހެކެވެ.

ފުރަ ބަންދަށް ދިން ލުއިތަކާއިއެކުވެސް މަނާކޮށްފައިވާ ކަންކަން

1- މާލެ، ހުޅުމާލެ، ވިލިމާލޭގައި ރޭގަނޑު 10:00 އިން ފެށިގެން ފަތިހު 5:00 އަށް، ބޭރަށް ނުކުތުން މަނާ.

2- މާލެ، ހުޅުމާލެ، ވިލިމާލޭގައި އެއްވެސް ވަގުތެއްގައި، އެއްފަހަރާ 3 (ތިނެއް) މީހުންނަށް ވުރެ ގިނައިން އެއްވުން.

3- މާލެ، ހުޅުމާލެ، ވިލިމާލެ، ތިލަފުށި، ގުޅީފަޅަށް އެހެން ތަންތަނުން މީހުން އަރައި ފޭބުން މަނާ.

4- ޒަރޫރީ ބޭނުންތަކަށް ފިޔަވައި މާލެ، ހުޅުމާލެ، ވިލިމާލޭގައި ގޭގެއަށް ޒިޔާރަތް ކުރުން މަނާ.

5- ޑެލިވަރީގެ ހިދުމަތް ރޭގަނޑު 10:00 ގެ ފަހުން މަނާ.

ފުރަބަންދަށް ދިން ލުޔާއެކު މާލޭގެ މަގުމަތި ހަލަބޮލިވެފައި. -- ވަގުތު އިމޭޖެސް: އިބްރާހިމް ޝާބިލް

ފުރަބަންދަށް ފަހުން ދިން ލުއިތައް

1- ހުއްދައަކާ ނުލައި ފަތިހު 5:00 އިން ރޭގަނޑު 10:00 އަށް ބޭރުގައި އުޅުން ހުއްދަ ކުރުން.

1- އުމުރުން 60 އަހަރުން މަތީގެ މީހުންނަށް އެހީތެރިޔަކާ އެކީގައި ބޭރަށް ނުކުމެވުން.

2- ކުޑަކުދިން (އެހީތެރިޔަކާއެކު) ހަވީރު 4:00 އިން 6:00 އަށް ބޭރަށް ނިކުމެވުން.

3- ކަސްރަތު ކުރުމަށްޓަކައި ހަވީރު 6:00 އިން ރޭގަނޑު 9:00 އާ ދެމެދު ބޭރަށް ނުކުމެވުން.

4- ސިއްހީ ޚިދުމަތް ދޭ ތަންތަނުން ޚިދުމަތް ދިނުން.

5- ފިހާރަތަކާއި އަމިއްލަ އޮފީސްތަކާއި އެހެނިހެން މަސައްކަތްތައް ކުރާ ތަންތަން، ކަނޑައަޅާ ގޮތެއްގެ މަތިން ޚިދުމަތް ދިނުން.

ފުލުހަކު ސައިކަލެއްގެ މަތީގައި. -- ވަގުތު އިމޭޖެސް: އިބްރާހިމް ޝާބިލް

ގެއަށް ބަލި ފަތުރާ މީހަކަށް ތިމާ ވެގެން ނުވާނެ!

ލުއިތައް ދިން ނަމަވެސް އެންމެ ރައްކާތެރި ގޮތަކީ ގޭގައި ތިބުމެވެ. ތިމާގެ ފަރާތުން ގޭގައި އުޅޭ އެހެން މީހުންނަށް ބަލި ފަތުރާ މީހަކަށް ތިމާވެގެން ނުވާނެއެވެ. ހާއްސަކޮށް އުމުރުން ދުވަސްވީ މީހުންނާއި، ބޮޑެތި ބަލިތަކަށް ބޭސްކުރާ މީހުންނާއި ކުޑަކުދިން ގޭގައި އުޅޭނަމަ މިކަމަށް ސަމާލުވާން އެބަ ޖެހެެއެވެ. އެ މީހުންނަކީ ބަލީގެ ނުރައްކާ އެންމެ ބޮޑު މީހުންނެވެ.

ރޭ ދަރުބާރު ގޭގައި ކުރިއަށްގެންދިޔަ ނޫސްވެރިންގެ ބައްދަލުވުމުގައި ނޭޝަނަލް އިމާޖެންސީ އޮޕަރޭޝަން ސެންޓަރު (އެންއީއޯސީީ) ގެ ތަރުޖަމާނު މުހައްމަދު މަބްރޫޚް އަޒީޒް ވަނީ މިއަދުން ފަށައިގެން ދޭން ނިންމި ލުއިތަކާއި އެކުގައިވެސް ކޮވިޑް-19 އާ މެދު ސަމާލުވެގެން އުޅުމަށް ނަސޭހަތްތެރިވެވަޑައިގެންފައެވެ. އަދި ގޭގައި ތިބި އުމުރުން ދުވަސްވީ މީހުންނާ ހަމަ އަށް ބަލި ގެންދާ ބަޔަކަށް ނުވުމަށް އޭނާ އެދިވަޑައިގެންނެވިއެވެ.

ބެލެނިވެރިއަކު، އޭނާގެ ދެ ދަރިން ގޮވައިގެން މާލޭގެ ރަސްފަންނާ ދިމާލަށް ދަނީ. ފުރަބަންދަށް ފަހު، މަގުތަކަށް ނުކުމެވުމާ ގުޅިގެން އާންމުންނަށް ބޮޑު ހިތްހަމަޖެހުމެއް ލިބުނު. --- ވަގުތު އިމޭޖަސް: އިބްރާހިމް ޝާބިލް

އެއްވެސް މީހަކީ ގިނަ މީހުންނާއި ބައްދަލުވެފައިވާ މީހަކަށް ނުވުމާއި، ތިމާގެ މީހުންގެ ގޭގެއަށް ނުދިއުމާއި، ރައްޓެރިންނާއި ބައްދަލު ކުރުމަށް މާ ގިނަ ވަގުތު މަގުމަތީގައި ހޭދަ ނުކުރުމަށް މަބްރޫކް ވަނީ އެދިވަޑައިގެންފައެވެ.

ފުރަބަންދަށް ލުއިތަކެއް ދިފައިވާއިރު، ބަލީގެ ނުރައްކާ ކުޑަވެފައި ނުވާތީ ބޭރަށް ނުކުންނަ ކޮންމެ ފަހަރަކު މާސްކް އަޅަން ހަނދާން ކުރާށެވެ. އަދި އެނބުރި ގެއަށް އަންނަ ގޮތަށް އަތް ދޮވުން ފަދަ ކަންކަން ކޮށްލާށެވެ. އަދި ގިނަ ވަގުތު ބޭރުގައި އުޅެފައިވާނަމަ ގެއަށް އަންނަ ގޮތަށް އެއްޗެހި ދޮންނަން އަޅާށެވެ. އަދި ފެންވަރާލާށެވެ. މިއީވެސް ބަލިން ސަލާމަތްވާން ކުރެވިދާނެ ކަމެކެވެ.

ފުރަބަންދަށް ދިން ލުޔާއެކު ބިރު ބޮޑު؟

ފުރަބަންދަށް މި ދިން ލުއިތަކާއެކު އަދިވެސް ގޭގެއަށް ޒިޔާރަތް ކުރުން މަނައެވެ. އެހެންކަމުން ރަހުމްތެތެރިންނާ ދުރުގައި އުޅެން ޖެހެއެވެ. އެ މީހުންނަށް ބަލި ފަތުރާ މީހަކަށް ތިމާ ވެގެން ނުވާނެއެވެ. އަދި ރަހުމަތްތެރިންނާއެެކު މަގުމަތީގައި މާގިނަ އިން ނޫޅުމަށާއި، ފިނި ބުރު ޖަހަން ނުދިއުން ބުއްދިވެރިއެވެ.

ބައެއް ގައުމުތަކުގައި ފުރަބަންދަށް ދިން ލުއިތަކާއެކު، ބަލި ބޮޑަށް ފެތުރިގަތީއެވެ. އެފަދަ ކަމަކަށް ފުރުސަތު ނުދެމާތޯއެވެ!

ހެލްތު ޕްރޮޓެކްޝަން އެޖެންސީގެ މެޑިކަލް އޮފިސަރު ޑރ. ނަޒްލާ ރަފީގު ވިދާޅުވީ ބޭރަށް ނުކުންނަ އިރު، ގައިޑްލައިންތަކަށް، އަދި ގައިދުރުކަން ބެހެއްޓުމަށް ސަމާލުކަން ދޭން ވާނެ ކަމަށެވެ. އަދި ލުއިތައް ދިން ނަމަވެސް އެއީ އާންމު ހާލަތަށް ދާން ދިން ލުޔެއް ނޫން ކަމަށް ވިދާޅުވިއެވެ.

ފުލުހުން މަގުމަތީގައި. -- ވަގުތު އިމޭޖެސް: އިބްރާހިމް ޝާބިލް

އެގޮތުން ޒަރޫރީ ބޭނުމަށް ނޫނީ ގެއިން ނުނިކުންނަން އިލްތިމާސް ކުރައްވާ ކަމަށާއި ގޭގެއަށް ޒިޔާރަތް ކުރުމާއި، ބަލި މީހުންނަށް ގޮވާލަން ދިއުން ފަދަ ކަންކަން އެއްގޮތަކަށް ވެސް ނުކުރަން އޭނާ ވަނީ އެދިވަޑައިގެންނެވިއެވެ.

"މި ދެވޭ ލުއިތަކަކީ އާ ކަންތައްތަކެއް ދަސް ކުރަން ދެވޭ ފުރުސަތެއް ކަމުގައި ދެކި އެގޮތަށް އަމަލު ކުރުމަށް އަޅުގަނޑު އިލްތިމާސް ކުރަން. އެގޮތުން ފިހާރައަށް ފަހަރަކު މީހަކު ވަނުން، ބޭރުގައި އުޅޭ ނަމަ ގިނަ ބަޔަކު އެކުގައި ނޫޅުން އަދި ބޭރުން އަންނަ ކޮންމެ ފަހަރަކު ވެސް ސައި ބޯނިލައިގެން ރަނގަޅަށް އަތް ދޮވުން. މިއީ ކުރިއަށް އޮތް ތަނުގައި އަޅުގަނޑުމެން ދާއިމީކޮށް ދެން ކުރާނެ ކަންކަމަށް ހަދަންވީ،" ނަޒްލާ ވިދާޅުވިއެވެ.

ފުރަބަންދަށް ދިން ލުއިތަކާއެކު ބިރު ބޮޑީ، އަނެއްކާވެސް ބަލި ފެތުރި އެނބުރި ފުރަބަންދަކަށް އަންނަން ޖެހިދާނެތީއެވެ. އެއީ މީގެ ކުރިން ދިން ލުއިތަކާއެކު މަގުމަތި ވީ ހަލަބޮލިކަމުން، ފަހުން ދިން ލުއިތަކާއެކު އިތުރަށް ހާލަތު ގޯސްވެދާނެތީއެވެ. އެއީ ވަރަށް ގާތުގައި އޮތް ކަމެކެވެ. ކުރެވޭ ކުޑަކުޑަ ކަމަކުން ބޮޑު ބަލިމަޑުކަމެއް އަނެއްކާވެސް ފެތުރިދާނެއެވެ. ފުރަބަންދަށް ދިން ލުއިތަކަކީ ފިލާވަޅެއް ކަމަށް ބަލައި ބަލި ކޮންޓްރޯލް ކުރަން އެންމެން އެކު އެކީގައި މަސައްކަތް ކުރަންވީއެވެ.

ސިއްހީ އޮފިޝަލުންތަކެއް މަޑުކޮށްލައިގެން. -- ވަގުތު އިމޭޖެސް: އިބްރާހިމް ޝާބިލް

ބަސް އަހާ، އޭރުން ބަލިން ސަލާމަތް ވާނެ

ހެލްތު މިނިސްޓްރީގެ ކުރީގެ ޑިރެކްޓަރު ޖެނެރަލް ޑރ. ޝީނާ މޫސާ ވިދާޅުވެފައިވާ ގޮތުގައި، ފުރަދަބަންދަށް ލުއިތައް ދޭން ފެށުމުން ވޭދަނަ (ކޭސް)ތައް އިތުރުވެދާނެއެވެ.

އޭނާ ވިދާޅުވީ، ފުރަބަންދަށް ލުއިތަކެއް ދިން ކަމުގައިވިޔަސް، ކޮވިޑް-19 ގެ ނުރައްކާތެރިކަން ކުޑަ ނުވާ ކަމަށެވެ. ފުރަބަންދަށް ލުއިތަކެއް ގެންނަނީ ހާލަތު ގޯސްވެއްޖެ ނަމަ، ފިޔަވަޅު އެޅޭނެ މިންވަރަށް ވަސީލަތްތައް ގާއިމު ކުރެވިފައިވާތީ ކަމަށް ޝީނާ ވިދާޅުވިއެވެ.

"މިހާރު ހޮސްޕިޓަލްތައް ތައްޔާރަށް ހުރީ ބަލި ވެގެން، ބޮޑަށް ބަލި ހާލަތު ގޯސްވާ މީހުންނަށް ފަރުވާ ދިނުމަށް. އެހެންވީމަ އެ ކެޕޭސިޓީ މި ދުވަސްތަކުގެ ތެރޭގައި ތައްޔާރަށް ގެނެވިއްޖެ. ދެން މީހުން އައިސޮލޭޓްކުރުމުގެ ކަންކަން އެގޮތަށް ތައްޔާރުވެފައި އޮތީ. އެކަމަކު މިހާރު ލުއި ދިނުމާ ގުޅިގެން ބަލި އަަވަހަށް ދެނެގަތުމުގެ ކަންތައްތަކަށް ވަރަށް ބޮޑަށް އާންމުން ތަރުޚީބު ދީގެން ނޫނީ ތަންކޮޅެއް ލަސްވެދާނެ ބަލި ދެނެގަތުން،" ޝީނާ ވިދާޅުވިއެވެ.

ޝީނާއަކީ ބަލީގެ ބިރުވެރިކަން ރާއްޖޭގެ ހުރިހާ ރައްޔިތުންނަށް އެންމެ ފުރިހަމައަށް ދައްކުވައިދިން ޑޮކްޓަރެކެވެ. މެއި މަސް ނިމޭއިރު، ރާއްޖޭގައި ބަލި ޖެހިފައި ހުންނާނެ ކަމަށް ބެލެވޭ މިންވަރާއި، މަރުވާ މީހުންގެ އަދަދުތަކާއި، އައިސީޔޫގައި ފަރުވާދެމުންދާނެ ކަަމަށް ބެލެވޭ މީހުންގެ އަދަދުތައް ޝީނާ ކިޔާދިނުމަކީ ބައްޔާއި، މެދު އާއްމުން ސީރިއަސްވި އެއް ސަބަބެވެ.

އެހެންވެ، ފުރަބަންދުގައި ދިން ލުއިތައް ސީރިއަސްކޮށް ނަގަން ޖެހޭނެއެވެ. ބަލި ނުފެތުރޭނެ ހުރިހާ މަގަކުން ހިނގަން ޖެހެއެވެ.

ކިޔުންތެރިންގެ ހިޔާލު

6 ކޮމެންޓް

  1. ކާފަ

    ގަވައިދު އޮންނަނީ ލިޔެވިފައެވެ، ފަތިހު ގޮވާލި ހާލާއެކީ ހުޅުމާލެއިން އެތައްބަޔަކު ދަރިންފަތި ގޮވައިގެން ބައަބަޔަށް ގޮސް އެރުނީ މޫދަށެވެ. ކޮންމެބަޔަކުވެސް ދަނީ 3،4،5 ކުދިން ގޮވަިގެންނެވެ.

    4
    1
  2. ރޯދަ މުބާރިކް

    ބަސްނާހަފަ ކޮބާތޯ މި ގައުމުގެ މީހުން!

    3
    2
  3. ސަނީ

    މި ސަރުކާރުގެ އަމާޒު ހުރީ، ކޮވިޑް އަދިވެސް ގެންނަން..
    އެއާޕޯރޓް ހުޅުވައިގެން.. މިއުޅެނީ އަމިއްލަ ހާލައިގެން ނޫޅެވުގެން،

  4. މޫސަ

    ލުއިކޮށް މިކަންތައް ނަގަނީ ސަރުކާރުން. ސަރުކާރުން މިކަންތައް ލުއިކޮށް ނަގާވަރަކަށް އާއްމުރައްޔިތުން ވެސް ނަގާނެ.

  5. ޒަކީ

    ކޮވިޑަށް 100ދުވަސް، ޔާމީނު ޖަލުގައި މިއަދަށް 200ދުވަސް.

  6. އެމަންޖެ

    ސަރުކާރު ހުރިހާކަމެއް ގޯހުން ގޯހައް ގެންގޮއްސަ މިއޮތީ 100 ދުވަސްވިއިރު ބަލިފެންނަ މީހުން މަދުވީކީނޫން މިހާރު މިއޮތީ ލޮކުޑައުން އުވާލާ ބަލި އިތުރައް ފެތުރޭނެ ގޮތްހަދާފަ ދެން 100 ދުވަހޭ ނުކިޔާ.