މީގެ ތިން މަސް ކުރިއާ ހިލާފަށް ސްކޫލްތަކަށް މިއަދު ދިޔަ ހުރިހާ ދަރިވަރުން ވެސް ތިބީ މާސްކް އަޅައިގެންނެވެ. އެހާ ގިނަ ދުވަސްކޮށްފައި ސްކޫލްތަކަށް ދެވޭތީ، ކިތަންމެ ހިތްހަމަޖެހިފައި ހުއްޓަސް، މާސްކާ ހެދި އެކަން ވަނީ ފޮރުވިފައެވެ. އެ ދަރިވަރުން ތަޖުރިބާ ކުރަން ޖެހިފައި ވަނީ މުޅިން އާ ކަންތައްތަކެކެވެ. މީގެކުރިން ދުވަހަކު ވެސް ހިޔާލު ކުރި ކަންކަމެއް ނޫނެވެ.

މާސްކް އެޅުމަކީ އެ ދަރިވަރުންނަށް ތަފާތު ކަމަކަށް ވެދާނެއެވެ. ހަމަ އެގޮތަށް އެ ދަރިވަރުންގެ ހުން ހުރިތޯ ބެލުމަކީ ވެސް އާ ކަމެކެވެ. އެހެން ގައުމުތަކުގައި ކިޔަވާ ދަރިވަރުންނެކޭ އެއްގޮތަށް ދިވެހި ދަރިވަރުން ވެސް ތަޖުރިބާ ކުރަން ޖެހިފައި މިވަނީ އާ އާންމު ހާލަތެކެވެ. ކޮވިޑް-19 ގެ އެއްވެސް އަލާމާތެއް ހުރި ދަރިވަރަކު ނުވަތަ ޓީޗަރެއް ނުވަތަ މުވައްޒަފެއްނަމަ، ސްކޫލަށް އައުމަކީ މުޅިން މަނާ ކަމެކެވެ.

ތިން މަސް ދުވަސް ފަހުން ސްކޫލްތައް އަލުން ހުޅުވި އިރު، މިދިޔަ މާޗް 12 އިން ފެށިގެން ރާއްޖޭގައި ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތު އިއުލާން ކުރި ފަހުން، މިއަދާ ހަމައަށް ސްކޫލްތަކުގެ ދަރިވަރުން ބައިވެރިކޮށްގެން އެއްވެސް ހަރަކާތެއް ހިންގާފައެއް ނުވެއެވެ.

ދަރިވަރުންތަކެއް މިއަދު ކްލާހުގައި. -- ވަގުތު އިމޭޖެސް: އިބްރާހިމް ޝާބިލް

މިއަދު މާލެ ފިޔަވައި އެހެން ހުރިހާ ރަށެއްގެ ގްރޭޑް އެކަކުން ފެށިގެން މަތީގެ ހުރިހާ ގްރޭޑެއްގެ ކިޔެވުން ވަނީ ފަށައިފައެވެ. ނަމަވެސް މާލެ އާއި ހުޅުމާލެ އަދި ވިލިމާލޭ ސްކޫލްތަކުގައި ކިޔެވުން ފަށާފައި ވަނީ ހަމައެކަނި ގްރޭޑް ނުވައަކުން އިން ފެށިގެން މަތީ ގްރޭޑްތަކަަކަށެވެ.

ސްކޫލްތަކުން ފެންނަނީ ރައްކާތެރިކަމުގެ ނިޝާންތައް

ސްކޫލްތައް މިއަދު ހުޅުވާފައި ވަނީ ހާއްސަ ފިޔަވަޅުތަކާ އެކު، ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އާއި ތައުލީމީ ވުޒާރާގެ އިރުޝާދުތަކާއި އެއްގޮތްވާ ގޮތުގެ މަތިންނެވެ. އެގޮތުން ސްކޫލްތަކުގައި ގައިދުރުކަން ބެހެއްޓުމަށް ހަނދާންކޮށް ދިނުމަށް ސްކޫލްގެ އެކި ހިސާބުތަކުގައި ވަނީ އިރުޝާދުތައް ހިމެނޭ ލިޔުންތަކާއި ނިޝާންތައް ބަހައްޓައިފައެވެ. ސްކޫލްގެ އެސެމްބްލީގައި ކުދިންނަށް އިޖުތިމާއީ ގައިދުރުކަމާއި ކޮވިޑް-19 އިން ރައްކާތެރިވުމަށް އަޅަން ޖެހޭ ފިޔަވަޅުތައް ވަނީ ހަނދާން ކޮށްދީފައެވެ.

މާލޭގެ ސްކޫލްތަކުގެ ތައްޔާރީތަކާ ބެހޭ ގޮތުން އެ ސްކޫލްތަކުގެ އޮފިޝަލުން ވިދާޅުވީ ސްކޫލްތަކުގައި ދަރިވަރުން ސްކޫލަށް ގެންނަނީ ތޮއްނުޖެހޭނެ ގޮތަށް އެކި ގަޑިތަކަށް ބަހާލައިގެން ކަމަށެވެ.

ސްކޫލް ކުދިންތަކެއް މިއަދު ކްލާހުގައި. -- ވަގުތު އިމޭޖެސް: އިބްރާހިމް ޝާބިލް

އެ ސްކޫލްތަކުން ވަނީ އެއް ވަގުތެއްގައި ސްކޫލްގައި ތިބޭ ދަރިވަރުންގެ އަދަދު ވީހަވެސް މަދުކޮށް، ދަރިވަރުންގެ ކަންކަން ބެލެހެއްޓުން ހަރުދަނާ ކުރުމުގެ ގޮތުން ގްރޭޑް 9 އާއި 10 ގެ ދަރިވަރުންގެ ކިޔެވުން ކުރިއަށް ގެންދަން ނިންމާފައި ވަނީ ދެ ދަންފަޅިއަށް ބަހާލައިގެންކަން ފާހަގަކުރައްވައިފއެވެ.

" އެއް ފަހަރާ އަޅުގަނޑުމެން މި ގެންނަނީ 100 އަށް ވުރެ ގިނަ ނުވާނެހެން ދަރިވަރުން. ދެން ސްކޫލަށް ވައްދަނީ ވެސް ހަމަ ދުރު ދުރުގައި ބައި ތިއްބައިގެން. ހުން ޗެކް ކުރާނެ ކުދިން ވަންނަ އިރު. ސެނިޓައިޒް ވެސް ކުރާނެ. ދެން ހުންނާނެ ކުދިންނަށް ސެނިޓައިޒް ކުރެވޭނެ މަގު ހަމަޖައްސައި ދީފައި." އޭނާ ވިދާޅުވިއެވެ.

ސްކޫލްތަކުގައި ގައިދުރުކުރުން ފަރިތަކުރުމަށް ތިން ފޫޓު ދުރުގައި ތިބެވޭނެ ހެން ތަންތަން ވަނީ ފާހަގަކޮށްފައެވެ. އަދި ސިޑިން އަރާއިރު އެކަކު އަނެކަކާ ދުރުވާނެހެން ވަނީ ވަކި ފާހަގަތަކެއް ޖަހާފައެވެ.

ދަރިވަރެއްގެ ހުން ހުރިތޯ މިއަދު ބަލަނީ. -- ވަގުތު އިމޭޖެސް: އިބްރާހިމް ޝާބިލް

ދަރިވަރުންނަށް ވަނީ ހާއްސަ ލުއިތަކެއް ދީފައި!

ކޮވިޑް-19 އާއެކު ދިރިއުޅުމުގެ އާދަތައް ބައްޓަންކުރުމުގެ ގޮތުން އަޅާފައިވާ ފިޔަވަޅުތަކުގެ ތެރެއިން ކްލާސްރޫމްތަކަށް ވެސް ކޮންމެވެސް ވަރެއްގެ ބަދަލުތަކެއް ވަނީ ގެނެސްފައެވެ. އެގޮތުން މީގެ ކުރިން 30-32 ދަރިވަރުން ތިބި ކްލާސް ރޫމުތައް، 16 ދަރިވަރުންނަށް ވަނީ މަދުކޮށްފައެވެ. އަދި ޑެސްކްތައް ދުރުކޮށް ގައިދުރުކަން ބެހެއްޓުމަށް ހަނދާން ކޮށްދިނުމަށް ތަފާތު މެސެޖުތައް ކްލާސްރޫމްގައި ވެސް ވަނީ ބަހައްޓައިފައެވެ.

ކްލާސްރޫމްތަކުގައި ޑެސްކުތައް ބަހައްޓާފައި ވަނީ ދުރުދުރުގައެވެ. ކުދިން ކްލާސްތަކާއި ހަމައަށް ދާއިރު އެ ކުދިން އިޖުތިމާއީ ގައިދުރުކަން ބަހައްޓާކަން ކަށަވަރުކުރަން މުދައްރިސުން ސްކޫލްތަކުގެ އެކި ހިސާބުތަކުގައި ހަރަކާތްތެރިވެއެވެ.

ހަމައެހެންމެ، އާންމުކޮށް ސްކޫލްގައި އަމަލުކުރާ ބައެއް ގަވާއިދުތަކަށް ވަނީ ޚާއްސަ ލުއިތަކެއް ދީފައެވެ. އެގޮތުން ސްކޫލްތަކުގެ ވެރިންނާ ވާހަކަ ދައްކާލުމުން ޔުނިފޯމް އެޅުމުގެ ގަވާއިދު އެހާ ހަރުކަށިކޮށް މިހާރު ބަލަމުން ނުދާނެކަން ވަނީ ފާހަގަކުރެވިފައެވެ.

" އަދި ހުރީ ސެލޫންތައް ބަންދުކޮށްފައި ކަމަށް ވުމާއެކު ވަރަށް ގިނަ ބެލެނިވެރިން ފާހަގަކުރައްވާ ބޯ ނުކޮށޭނެއޭ. ދެން މިހާރު އެކަމަށް އެހާބޮޑަށް ނުބަލާނެ. ދެން ބައެއް ކުދިން ގޭގައި ތިބީމަ ޔުނިފޯމް ހެޔޮވަރު ނުވުމާއި މިކަހަލަ ކަންކަން އެބަހުރި ދިމާވެފަ. އެހެންވީމަ ފަސޭހަ ހެދުމެއްގައި އަންނަން ފުރުސަތު ހުޅުވާލީ،" ސްކޫލްގެ ވެރިއަކު ވިދާޅުވިއެވެ.

ސްކޫލްތަކަށް ހާޒިރުވި ގިނަ ދަރިވަރުން ހާޒިރުވީ އެކްޓިވިޓީ ޔުނިފޯމްގައެވެ. މީގެ އިތުރުން އާއްމުކޮށް ސްކޫލްތަކުގައި އެސެމްބްލީ ބާއްވާ އުސޫލާއި ޚިލާފަށް މިއަދު ސްކޫލްތަކުގެ އެސެމްބްލީ ބާއްވާފައި ވަނީ ކުދިން ކްލާސްރޫމްތަކުގައި ބައި ތިއްބައިގެނެންނެވެ. ގިނަ ސްކޫލްތަކުގައި އެސެމްބްލީ ބާއްވަނީ ކުދިން ބޭރަށް ނެރެ އެއްތަނެއްގައި ސަފުތަކަކަށް އަތުރާފައި ބައިތިއްބައިގެންނެވެ.

ދަރިވަރުންތަކެއް މިއަދު ސްކޫލް ކައިރީގައި ކިއު ހަދާފައި. -- ވަގުތު އިމޭޖެސް: އިބްރާހިމް ޝާބިލް

ހާޒިރީ ރަނގަޅު، ބެލެނިވެރިން އިންތިޒާމުތަކާ މެދުގައި ހިތްހަމަޖެހޭ!

ކޮވިޑް-19 އަށް ފަހު ސްކޫލްތައް އަލުން ހުޅުވާލުމާ އެކީގައި ހާޒިރީތައް އާދަޔާ ހިލާފަށް ދަށްވާނެ ކަމަށް ބެލެވުނު ނަމަވެސް ޖުމްލަކޮށް ހުރިހާ ސްކޫލެއްގެ ހާޒިރީ ރަނގަޅު ކަން ފާހަގަ ކުރެވެއެވެ. އެކަމަކު، ބައެއް ކްލާސްތަކުގެ ހާޒިރީ ވަރަށް ދަށެވެ.

ސްކޫލްތަކުގެ އޮފިޝަލުން ވިދާޅުވީ މިއަދު ސްކޫލްތަކަށް ހާޒިރުވި ދަރިވަރުންގެ އަދަދު އުންމީދު ކުރިވަރަށް ވުރެ ގިނަ ކަމަށެވެ.

" އަސްލު މާބޮޑަށް ވެސް ރަނގަޅު ހީކުރި ވަރަށް ވުރެ. އަޅުގަނޑުމެން ވަރަށް ހިތްހަމަ ޖެހޭ. ބެލެނިވެރިންވެސް ވަރަށް އިތުބާރު ކުރައްވާ." އޭނާ ވިދާޅުވިއެވެ.

އެހެން ސްކޫލެއްގެ އޮފިޝަލަކު ވިދާޅުވީ ކުރިއަށް އޮތްތަނުގައި މިހާރަށް ވުރެ ދަރިވަރުންގެ ހާޒިރީ ފުރިހަމަވާނެކަމަށް ގަބޫލުކުރައްވާ ކަމަށެވެ.

" ހީވަނީ އަސްލު މިއަދު ފުރަތަމަ ދުވަސްވީމަ ނާންނަ ކުދިން ވެސް އެ ކުދިންގެ ބެލެނިވެރިން ބަލާލަނީ ކަންނޭނގެ އިންތިޒާމްތައް ހުރިގޮތް. އަނެއްކާ މާދަން ބަންދުވާނެ. އެހެންވީމަ ނުފޮނުވީ ކަންނޭނގެ." އޭނާ ވިދާޅުވިއެވެ.

ސްކޫލެއްގައި މިއަދު ބޭއްވި އެސެމްބެލީ. -- ވަގުތު އިމޭޖެސް: އިބްރާހިމް ޝާބިލް

ސްކޫލްތަކަށް ހާޒިރުވި ދަރިވަރުންގެ ބެލެނިވެރިންނާއި ވާހަކަދައްކާލުމުން ގިނަ ބެލެނިވެރިން ފާހަގަކުރީ ސްކޫލްތައް ހުޅުވަން މިއީ އެންމެ ރަނގަޅު ވަގުތު ކަމަށް ގަބޫލު ކުރާ ކަމަށެވެ. ސްކޫލަށް އައިސް އާ އާންމު ހާލަތުގައި އުޅެން ދަރިވަރުންނަށްވެސް ދަސްވާން ޖެހޭ ކަމަށެވެ. އަދި ސްކޫލްތަކުން އެކަށީގެންވާ ވަރަށް ތައްޔާރުވެފައިވާކަމަށް ބެލެނިވެރިން ފާހަގަކުރެއެވެ.

" ހިތްހަމަޖެހޭ ވަރަށް. ޓީޗަރުންވެސް ސްކޫލްވެސް ވަރަށް އޯގަނައިޒްޑް. ވަރަށް ކެއަ ކުރޭ. އަނެއްކާ ވަރަށް ރަނގަޅަށް ތަފްސީލްކޮށްދިން މިކަން ހިނގާނެ ގޮތް. ދެން އަބަދު ސްކޫލް ބަންދުކޮށްފައެއް ނުބޭއްވޭނެތާ،" އޭނާ ބުންޏެވެ.

ސްކޫލް ދޮށަށް ދިޔަ ބައެއް ބެލެނިވެރިން ބުނީ ގްރޭޑް 9،10 ގެ ކުދިން ސްކޫލަށް ފޮނުވި ނަމަވެސް ތުއްތުކުދިން ސްކޫލަށް ފޮނުވުމާއި މެދު ކަންބޮޑުވާ ކަންތައްތައް އެބަހުރިކަމަށެވެ. އަދި ސްކޫލަށް ކުދިން ނުފޮނުވަނީ ކޮވިޑް-19 އަކީ އަދި މުޅިން ހުރިހާ މައުލޫމާތެއް ހޯދިފައިވާ ބައްޔަކަށް ނުވާތީ ރައްކާތެރިވުމަށް ކަމަށް ބެލެނިވެރިއަކު ވަނީ ބުނެފައެވެ.

" މިއީ ބޮޑެތި ކުދިން މި ކުދިން ތިބޭނެ ބުނާ ގޮތް ހަދައިގެން. އެކަމަކު ކުޑަކުދިން މިހެން ކޮންޓްރޯލްކުރަން ވަރަށް އުނދަގޫވާނެތާ. އަނެއްކާ މާސްކް އަޅައިގެން އެ ކުދިންނަށް ވަރަށް ކެއޮޓިކް ވާނެ ދެއްތޯ. ދެން ފެށުނީމަ ތަޖުރިބާއަށް ބަލާފަ އިތުރަށް އެއްޗެއް ބުނަން އެނގޭނީ." ބެލެނިވެރިއަކު ބުންޏެވެ.

ބެލެނިވެރިން އެގޮތަށް ފާހަގަކުރާއިރު، އެޑިއުކޭޝަން މިނިސްޓްރީން ވިދާޅުވީ މިއަދު ސްކޫލްތައް ހުޅުވިގެން ދިއުމަކީ ދަރިވަރުންގެ ނަފްސާނީ ދުޅަހެޔޮކަމަށް ވެސް ލިބިގެންދާނެ އިތުރު ކުރިއެރުމަކަށް ވާނެ ކަމަށެވެ. އެގޮތުން އެތައް ދުވަހަކަށްފަހު ރަހުމަތްތެރިންނާއި، މުދައްރިސުންނާ ކުލާހުން ބައްދަލުވުމަކީ ހުރިހާ ދަރިވަރުންނަށްވެސް ލިބޭނޭ ނުހަނު ބޮޑު އުފަލެއް ކަމަށް އެޑިއުކޭޝަން މިނިސްޓްރީން ވިދާޅުވިއެވެ.

ކޮވިޑް-19 ގެ އަސަރު ރާއްޖޭގެ 91،000 ދަރިވަރުންނަށް ކޮށްފައިވާ ކަމަށް، އެޑިއުކޭޝަން މިނިސްޓްރީން ތައްޔާރުކުރި ރިޕޯޓެއްގައި ވަނީ ބުނެފައެވެ. ޔުނިސެފާ ގުޅިގެން ތައްޔާރުކުރި އެޑިއުކޭޝަން ރެސްޕޮންސް ޕްލޭން (އީއާރުޕީ)އާ ގުޅޭ ރިޕޯޓުގައިވާ ގޮތުން ބޭބީ ނާސަރީން ފެށިގެން މަތީ ސާނަވީއާ ހަމައަށް ކިޔަވަމުން އަންނަ ހުރިހާ ދަރިވަރުންނަށް ވަނީ ކޮވިޑް-19 ގެ ސަބަބުން އަސަރުކޮށްފަ އެވެ.