ދިރާސާތަކުން ދައްކާގޮތުން ކޮންމެ ތިން އަންހެނަކުން އެކަކީ ހަޔާތުގެ ކޮންމެވެސް ހިސާބެއްގައި ޖިންސީ އަނިޔާގެ ޝިކާރައަކަށްވެފައިވާ އަންހެނެކެވެ. މި ހިސާބުތައް ބިނާކޮށްފައިވަނީ މިފަދަ މައްސަލަތައް ރިޕޯޓްކުރާ މިންވަރުގެ މައްޗަށް ކަމަށްވާ އިރު ހިތާމައަކީ މިއަދުވެސް މިފަދަ މައްސަލަތައް ރިޕޯޓްކުރާ އަދަދު އިންތިހާއަށް މަދުކަމެވެ. ގިނަ ފަހަރަށް ޖިންސީ އަނިޔާތައް ލިބެނީ އާއިލާ އާއި ގާތް މީހުން، ނުވަތަ އިތުބާރުކުރެވޭ މަގާމުތަކުގައި ތިބޭ މީހުންގެ ފަރާތުންކަމަށް ވާއިރު އެފަދަ ވާހަކަތަކަކީ ނުދައްކާ އޮއްބާލާ ވާހަކަތަކަކަށްވެއްޖެއެވެ.

މިފަދަ ހާދިސާތައް ދިމާވުމުން މެދުވެރިވާ އެންމެ ހިތާމަވެރި އެއްކަމަކީ އާއިލާ އާއި ގާތް މީހުންގެ ފަރާތުން ލިބެން ޖެހޭ އެއްބާރުލުންތައް ނުލިބުމެވެ. ވަރަށް ގިނަ ފަހަރު ކުޑަކުދިންގެ ވާހަކަތައް ގަބޫލުކުރި ނަމަވެސް ކަމާބެހޭ ފަރާތްތަކާ ހަމައަށް މައްސަލަ ނުގެން ގޮސް މައްސަލަ ހިންދާލަނީ ކުދިންގެ ހައްގުގައި ކަމަށް ބެލެނިވެރިންނަށް ގަބޫލުކުރެވެއެވެ. އަދި މުޖުތަމައު އާ ހަމައަށް އެފަދަ މައްސަލައެއް ފެންމަތިވުމުން ޖިންސީ އަނިޔާގެ ޝިކާރައަކަށްވި ކުއްޖާ އަށް އިތުރު މަލާމާތާއި ފުރައްސާރަތައް ކުރިމަތިވެ.

ރިޕޯޓް ނުކުރާ އެތައް މައްސަލައެއް!

ޖިންސީ ގޯނާ އާއި ރޭޕް ފަދަ މައްސަލަތައް ފެންމަތިވެ، އެ ފަދަ ވާހަކަތައް އާއްމުކޮށް ދެކެވުމަކީ މިފަދަ މައްސަލަތައް ރިޕޯޓްކުރުމަށް ލިބޭ ބާރެކެވެ. ޕްރޮސެކިއުޓަ ޖެނެރަލް ހުސެއިން ޝަމީމް ވެސް އެކަން ފާހަގަކުރައްވައެވެ. އާއްމުކޮށް މިގޮތަށް ރިޕޯޓްކުރަނީ ކައިރި މާޒީގައި ހިނގާފައިވާ ކަންކަމެވެ. ސަބަބަކީ މިފަދަ މައްސަލަތަކުގެ ތެރެއިން ގިނަ ދުވަސްވެފައިވާ ކަންކަމަށް އިންސާފު ހޯދުމަކީ ދަތި އަދި އުނދަގޫކަމަކަށްވުމެވެ.

ރޭޕް ކުރާ މީހުންނާ ދެކޮޅަށް މާލޭގައި ކުރި މުޒާހަރާއެއް. --- ވަގުތު އިމޭޖަސް: މުހައްމަދު އަފްޒަލް

ޖެންޑަ މިނިސްޓަރު އައިޝަތު މުހައްމަދު ދީދީ ވަނީ ޖިންސީ ގޯނާ އާއި ރޭޕްގެ މައްސަލަތައް ރިޕޯޓް ކުރާ މިންވަރަށް ވުރެ، އެފަދަ ކަންކަން ހިނގާ މިންވަރު ގިނަކަން މީސްމީޑިއާ އަށް ބަލާލުމުން އެނގޭ ކަމަށެވެ.

" ފުރަތަމަ ކަމަކީ ގަބޫލު ކުރުން ވަރަށް މުހިންމު. އެފަދަ ކަމެއް ހިނގާފާނެކަން. ރިޕޯޓްކުރުން ވެސް މުހިންމު މިކަހަލަ މައްސަލަތައް." އޭނާ ވިދާޅުވިއެވެ.

ޖިންސީ ގޯނާ އާއި ރޭޕްގެ ތެރެއިން ކުޑަކުދިންނަށް ދިމާވާކަން ކަން ރިޕޯޓް ނުކުރުމަކީ ރާއްޖޭގައި ވެސް ދިމާވާ ކަމެކެވެ. އެފަދަ ބައެއް ކުދިން މީސްމީޑިއާގައި އެ ކުދިންނާއި އެ ކުދިންގެ ގާތް މީހުންނަށް ދިމާވެފައިވާ ހާދިސާތައް ހިއްސާކުރިއެވެ. އެފަދަ ބައެއް ކުދިންނާއި ވާހަކަ ދެއްކުމުން ގިނަ ކުދިން ފާހަގަ ކުރީ ރިޕޯޓް ނުކުރަން ނިންމީ މައިންބަފައިން ކަމަށެވެ.

އެގޮތުން އޭގެ ތެރެއިން އެއް ކުއްޖަކު ބުނީ އޭނާ އަށް ޖިންސީ ގޯނާ ލިބުނީ އުމުރުން ހަތް އަހަރުގައި ކަމަށެވެ. އޭނާ އަށް އެ އަނިޔާ ދިނީ އެންމެން ގަދަރު ކުރާ މުދައްރިސެއްގެ ފަރާތުން ކަމަށްވުމުން އެ ވާހަކަ ދެއްކިޔަސް ބަޔަކު ގަބޫލު ނުކުރާނެ ކަން މަންމަ ބުނާ ކަން އޭނާ ފާހަގަކުރިއެވެ.

" އޭރު ހަތް އަހަރު އަހަންނަށް. މަންމަ އާއި ބައްޕަ އާއި ތިބީ ވަކިވެފައި. ގެއަށް އަންނަ ޓީޗަރެއް އެއީ ކިޔަވައިދޭން. މަންމަ އަށް އެއް ދުވަހު ފެނުނީ. ފެނުނީމަ ބުނީ އޭނަ ކައިރީ ދެން ނާންނައްޗޭ މިގެއަށް. އެކަމަކު ރިޕޯޓެއް ނުކުރޭ. އެ ވާހަކަ ނުވެސް ދައްކާ ފަހުން. ފަހުން ބޮޑުވީމަ އެނގުނީ ރިޕޯޓް ކުރުމުގެ މުހިންމުކަން،" އެމީހާ ކިޔައި ދިނެވެ.

ޖިންސީ އަނިޔާގެ ޝިކާރައަކަށްވި އިތުރު ކުއްޖަކު ކިޔައި ދިން ގޮތުގައި އޭނާ އަށް ލިބުނު އަނިޔާގެ މައްސަލަތައް ރިޕޯޓް ނުކުރެވުނީ އެއީ އާއިލާ މީހަކަށް ވެފައި ރަށުގައި ބަދުނާމު ވެދާނެ ކަމަށް އާއިލާ މީހުންނަށް ފެނުމުންނެވެ.

" ބޮޑުދައިތަ ފިރިމީހާ ވީމަ މަންމަ ބޭނުން ނުވީ އެ ވާހަކަ ދައްކަން. އެއީ މީހުން ގަބޫލު ނުކުރާނެތީއޯ ބުނީ. މިހާރުވެސް ހިތަށް އަރާ ރިޕޯޓް ކުރި ނަމައޭ. ބައެއް ފަހަރު ރުޅި ވެސް އާދޭ ރިޕޯޓް ނުކުރީމަ،" އޭނާ ކިޔާދިނެވެ.

ޖިންސީ އަނިޔާގެ މައްސަލައެއް ހިނގާކަން އެނގި ހުރެ އެކަން ސިއްރުކުރުމަކީ އެ ކުދިންނާ މެދު ވެވޭ އިހުމާލެކެވެ. އެކަން ގިނަ ފަރާތްތަކަށް އެނގުނު ނަމަވެސް އެކަން ރިޕޯޓް ކުރަން ގިނަ ބަޔަކު ޖެހިލުންވެއެވެ. އެއީ އިންސާފު ލިބުމުގެ ބަދަލުގައި އަނިޔާ ލިބުނު ފަރާތް އިތުރަށް ބަދުނާމު ވެދިއުމުގެ ބިރު އޮތުމެވެ.

އެހީ ނުލިބޭ ނަމަ މުޅި އުމުރަށް ވެސް އެކަމުގެ އަސަރު ކުރޭ!

މީސްމީޑިއާގައި މިހާރު މިފަދަ އެތައް ސަތޭކަ ވާހަކައެއް ފެންމަތިވެފައިވާ އިރު ކުޑަ އިރު ޖިންސީ އަނިޔާ ލިބުނު އެތައް ބަޔަކަށް ވަނީ އެކަންކަމުގެ ސަބަބުން ބޮޑެތި ގޮންޖެހުންތަކަކާ ދިމާވެފައެވެ. އާއްމުކޮށް މިފަދަ މައްސަލަތަކުގައި ވަގުތުން އެހީ ނުލިބިއްޖެ ނަމަ ނަފްސާނީ ގޮތުން އަނިޔާ ލިބުނު މީހާއަށް ނޭދެވޭ އެތައް ކަމެއް ތަހައްމަލު ކުރަންޖެހެއެވެ.

އަދި އެފަދަ ކަމެއް ދިމާވުމުން ނިންމާ ނިންމުންތަކަށް އަސަރުކުރާކަން ދިރާސާތަކުން ދައްކައެވެ. ޗައިލްޑް ވެލްފެއަ ގޭޓްއަވޭއިން ކުރި ދިރާސާއަކުން ދައްކާ ގޮތުން ޖިންސީ އަނިޔާ އެއް ލިބުމަށް ފަހު އެކަށީގެންވާ ކައުންސިލިން ނުލިބިއްޖެ ނަމަ އޭނާ އަށް ދިމާވި ކަންކަމުން އަރައިގަތުމަށް ވަކިން އުނދަގޫވެއެވެ. އެކަމުގެ ސަބަބުން އާދަޔާ ޚިލާފަށް މާޔޫސްވުން ފަދަ ކަންކަން ދިމާވެއެވެ.

ރޭޕް ކުރުމާ ދެކޮޅަށް މާލޭގައި ބޭއްވި އެއްވުމެއް. --- ވަގުތު އިމޭޖަސް: މުހައްމަދު އަފްޒަލް

އަދި ކަންކަމުގައި ގޮތް ނިންމުމަށް އުނދަނގޫވުމާއި، ޖަޒުބާތުތައް ދެނެގަންނަން އުނދަގޫވުން ހިމެނެއެވެ. އަދި އިތުބާރު ކުރެވޭ މަގާމެއްގައި ހުރި މީހެއްގެ ފަރާތުން އެފަދަ ކަމެއް ދިމާވުމުން އަލުން އެހެން މީހަކަށް އިތުބާރުކުރަން އުނދގޫވުން ފަދަ އެތައް ކަމެއް ދިމާވެއެވެ.

އެފަދަ ތަޖުރިބާތައް ހިއްސާ ކުރަމުން "ވަގުތަށް" މީހަކު ބުނި ގޮތުގައި އޭނާގެ މިޒާޖަށް އަންނަ ކުއްލި ބަދަލުތަކާއި، ދިމާވާ މާޔޫސްކަން ހައްލުކުރަން ކައުންސިލިން ނެގުމާ ހަމައަށް އޭނާ އަށް އަސްލު ދިމާވާ މައްސަލައަކީ ކޮބައިކަން ހުދު އޭނާއަށް ވެސް ނޭނގެއެވެ.

" އަހަންނަށް ޖިންސީ ގޯނާވީ ވަރަށް ކުޑަ އިރު. މިހާރު އަހަރެންގެ ކުދިންވެސް ބޮޑެތި ވަނީ. އެކަމަކު އަހަރެން ވަރަށް ބޮަޑަށް ދެރަވެދާނެ. ވަރަށް ރުޅި އައިސްދާނެ. ދެން ހިތަށް އެރީ ދަރިފުޅު ބުނީމަ ކައުންސިލިން ނަގާނީއޭ. އެ ހިސާބުން އެނގުނީ އަސްލު އެ ހުރިހާ އިމޯޝަންސް އަންނަނީ ކީއްވެކަން. ވަރަށް މުހިންމު ކަމެއްކަން ހީލްވާން އެ ވާހަކަދެއްކުމަކީ،" އޭނާ ބުންޏެވެ.

ކުޑައިރު ޖިންސީ ގޯނާގެ ޝިކާރައަކަށްވި އަންހެނަކު ބުނީ އޭނާގެ އަންހެން ދަރިފުޅު އެކަނި ތަންތަނަށް ފޮނުވަން އާދަޔާ ޚިލާފަށް ބިރު ގަންނަ ކަމަށާއި އެއްވެސް މީހަކަށް އިތުބާރުކުރަން އުނދަގޫ ކަމަށެވެ.

" އަހަރެންނަށް ޖިންސީ ގޯނާ ކުރީ ކަޒިން ބޭބެ. އޭރު 11 އަހަރު ވަރު ވާނީ. ދެން މިހާރު ދަރި ބޮޑުވާ ވަރަކަށް ވަރަށް ކޮންޝަސްވޭ. މިހާރު އިވޭ ވާހަކަތަކުން އަދި ވަރަށް ބިރުގަނޭ. ލޯމަތިން ގެއްލޭ އިރަށް ހަމަ ބިރު ގަންނަނީ." އޭނާ ކިޔައި ދިނެވެ.

ޖިންސީ ގޯނާގެ ޝިކާރައަކަށްވުމުން ބައެއް ހާލަތްތަކުގައި އެ ކުދިންގެ ފަރާތުން އެހެން ކުދިންނަށް ޖިންސީ އަނިޔާ ދިމާވެފައި އެބަހުއްޓެވެ. މިހާލަތުގައި އެއީ އެހެން ކުއްޖެއް ނުވަތަ މީހެއްގެ ކިބައިން ދަސްވާ ކަމެއް އެކުދިން ފަރިތަކުރަނީ ކަމަށްވާތީ، އެ ކުރެވެނީ ކިހާވަރެއްގެ ކަމެއްކަން އެ ކުދިންނަކަށް ނުވިސްނެއެވެ. އުމުރުން ބޮޑެތިވެ އެ ކުދިންނަށް ކުރެވުނު އަމަލުގެ ސީރިއަސްކަން ވިސްނުމުން އެ އިހުސާސްތަކާއެކު ދިރިއުޅުމަކީ އެ ކުދިންނަށް ދިމާވާ ބޮޑު ގޮންޖެހުމެކެވެ.

ޖިންސީ ގޯނާގެ ވާހަކަތައް ފެންމަތިވުމުން އަސަރުކުރޭ! އެހީ ހޯދުން މުހިންމު!

ކުރިންވެސް ފާހަގަކުރި ގޮތަށް ބޭނުންވާ އެހީ ނުލިބުމަކީ ޖިންސީ އަނިޔާގެ ނަފްސާނީ އަސަރު ނޭނގި ނަމަވެސް މީހާގެ ގައިގައި ހަރުލާފައި ހުންނަ ކަންކަމެވެ. ބައެއް ފަހަރު ނޭނގި ނަމަވެސް މިފަދަ ޚަބަރުތަކުން އެފަދަ މީހުންނަށް ވަރަށް ބޮޑެތި އަސަރުތަކެއް ކުރެއެވެ. ބައެއް ފަަހަރު ބެލެނިވެރިން އެ މައްސަލަތައް ރިޕޯޓް ނުކުރުމުން އިހުމާލުވީ ކަމަށް ދަރިންނަށް އިހުސާސް ކުރެވެއެވެ.

އެއާއެކު ދަރިންނާއި މައިންބަފައިންނާއި މެދު އޮންނަ ގުޅުމަށް ވެސް ބުރުއަރައެވެ. ޖިންސީ އަނިޔާގެ ހާދިސާއަށް ކިތަންމެ ދުވަހެއްވީ ކަމުގައިވީ ނަމަވެސް އެކަން ރިޕޯޓް ނުކުރީ ކީއްވެގެންތޯ އުފެދޭ ސުވާލު އެގޮތުގައި ދެމިއޮވެއެވެ. އަދި އަނިޔާ ދިން މީހާ އިންސާފުގެ ކުރިމައްޗަށް ހާޒިރު ނުކުރެވުމުން އޮންނަ ނުތަނަވަސްކަން ވެސް އޮވެއެވެ.

މިފަދަ ޖަޒްބާތުތައް ވަޅުލެވިފައި ހުރުމަށް ފަހު އަލުން ތިލަވަނީ އެފަދަ ވާހަކަތައް އަލުން އަޑު އިވުމުންނާއި ފެނުމުންނެވެ.

ޖިންސީ އަނިޔާއެއް ލިބުމުން އެ ވާހަކަ ނުދައްކާ ނަމަ އެ އަނިޔާތަކުން އަރައިގަންނަން އުނދަގޫވާނެއެވެ. އެހެންކަމުން އެ ވާހަކަތައް އިތުބާރުކުރެވޭ މީހަކަށް ކިޔައި ދިނުން މުހިންމެވެ. އަދި ކައުންސިލިން ހޯދުން ވެސް މުހިންމެވެ. އަދި ބޭނުންވަނީ ރިޕޯޓްކުރަންކަމަށް ވާނަމަ މައްސަލަ ސާބިތު ނުވާނެހެން ހީވި ނަމަވެސް އެކަންވެސް ކުރުން މުހިންމެވެ.

އަދި މިގޮތަށް ކުރެވޭ އިހުސާސަކީ އެއްދުވަހުން ނޫނީ ދެ ދުވަހުން ނިމޭނެ ކަންކަން ނޫންކަން ގަބޫލުކުރުން މުހިންމެވެ. ބައެއް ފަހަރު މިފަދަ ކަންކަމަކީ އޭގެ އަސަރު އެތައް އަހަރެއް ވާއިރު ވެސް ދެމި ހުންނަ ކަންކަމެވެ.

ކިޔުންތެރިންގެ ހިޔާލު

5 ކޮމެންޓް

  1. އަހުމަދު

    ރިޕޯޓު ކުރިއަސް ފިޔަވަޅު ނޭޅޭތީ ވެ ރިޕޯޓުކުރުން މަދުވަނީވެސް.

    • ދާން

      ރިޕޯޓް ކުރަން ޖެހޭ... ކުޑަކުއްޖަކަސް ބޮޑު މީހަކަސް ޖިންސީ ގޯނާ ކޮށްގެން ނުވާނެ... ޖިންސީ ގޯނާ ކުރާ ނުލަފާ މީހުންތަށް އެ ނަގާލާ ހަލާކު ކޮށްލަނީ އިނޮސެންޓް ފަރާތެއްގެ މުޅި މުސްތަގްބަލް.... ކިހާ ވެނެއް އެދެނީ... ޖިންސީ ގޯނާ އެއް ލިބުމަށް ފަހު އެކަމުން އަރައިގަތުމަކީ ވަރަށް އުންދަގޫ ކަމެއް....

  2. މޮޔަ

    ވަކި ހިސާބަކުން އަހަރުމެން އުޅޭނަން! ކަލޭމެންނަށް ނޭގޭނެ އެއްވެސް މައްސަލަ އެއް ބަލާކަށް!ވަރަށް ސަލާމް

    6
    1
  3. ލ

    ކުޑައިރު އާއިލާ ގެ މެމްބަރެއްގެ ފަރާތުން( މިއާއިލާ މެމްބަރުވެސް ކުޑަ( ޖިންސީ ގޯނާ ޔާ ފިޒިކަލް އަނިޔާތަށް ލިބުމަށް ފަހު އަދިވެސް އެކަމުން އަރައިނުގަނެވޭ... މިހާރު ޒުވާން އުމުރު ދަނީ އަދި ޒަވާޖީ ހަޔާތެއް ނުފެށޭ... ނަފްސާނީ މައްސަލަތައް ހައްލުކުރެވޭތޯ އަދިވެސް މިއުޅެނީ... މާލެ ވިއަސް މަންމަ ޔާ ބައްޕަގެ ގެދޮރު ހުއްޓަސް ޖިންސީ ގޯނާ ލިބުމަށް ފަހު އެކަމުން އަރައިގަތުމަކީ ފަސޭހަ ކަމެއް ނޫން...

  4. ތެދު

    މުޒާހަރާއަށް ދިޔަބައެއް އަންހެން ކުދިން ދިބީ އައުރަނިވާނުވާތާންގަ ކޮނޑުކެނޑިލައިގެން..މީރޭވިގެން ޢެމްޑީއެން،ޢުތެމާ އާއިގިޅިގެން ހިނގާހަރަކާތެއްބާ...!؟ މަގުމެދުގަތިއްބަސްމިހާރު އޯކޭ..! އެއްބައި ސިޔާރުތަކުގަ އެބަހުރި ރޭޕްނުކުރާށޭ ނަމަވެސް ގުޅިގެބް އޯކޭ..!؟ ޟިމޭރުމުން މީލާދީނީފިކުރެއް...މާތްވެގެންވާ އިސްލާދީނުގަ އޮއްނަނީ ކައިވެނިކޮއްގެން ގުޅުންހިންގުމައް...ސަމާލްވޭ..!ސަމާލްވޭ.! މީނުބައެއް....

    2
    2