ރާއްޖޭގައި ކޮވިޑް-19 ފެތުރުނަ ނުދިނުމަށް ސަރުކާރުން އެޅި އެންމެ ވަރުގަދަ އެއް ފިޔަވަޅަކީ މިދިޔަ މާޗް 27 ވަނަ ދުވަހު ރާއްޖޭގެ ބޯޑަރުތައް ބަންދުކުރުމެވެ. ރާއްޖެ އަށް އާމްދަނީ ލިބޭނެ އެންމެ ބޮޑު ދޮރާށި ބަންދު ކުރީ ރައްޔިތުންގެ ސަލާމަތާއި ރައްކާތެރިކަމަށް ވިސްނައިފައެވެ. އެކަމުގެ ސަބަބުން ރާއްޖޭގެ އިގްތިސާދު ވަނީ ހީނަރުވެފައެވެ. އާމްދަނީ ލިބޭނެ ގިނަ ދޮރުތަކެއް ބަންދުވިއެވެ.

އެކަމަކު، އޭގެ ހަތަރު މަސް ފަހުން، މިއަދު ރާއްޖޭގެ ބޯޑަރުތައް ވަނީ ފަތުރުވެރިންނަށް ހުޅުވާލައިފައެވެ. ބޯޑަރު ހުޅުވާލި ފަހުން ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓަށް އެންމެ ފުރަތަމަ ޖެއްސީ ގަތަރު އެއާވޭސްގެ އޭ350 މަރުކާގެ މަތިންދާ ބޯޓެކެވެ. އޭގައި 104 ފަތުރުވެރިން ރާއްޖެ އައިސްފައިވެއެވެ.

އެ ބޯޓުގައި 24 ދިވެހިން އައިއިރު، ރާއްޖެ އައި ފަތުރުވެރިންގެ ބޮޑު އިންސައްތައެއް ހިއްސާ ކުރަނީ ޔޫރަޕްގެ ފަތުރުވެރިންނެވެ.

ސަރުކާރުގެ އިސް ބައެއް ވެރިން ރާއްޖެ އައި ފަތުރުވެރިންނަށް މަރުހަބާ ކިޔަނީ. --- ވަގުތު އިމޭޖަސް: މުހައްމަދު އަފްޒަލް

މިއަދު ހެނދުނު 8:24 ގައި ޖެއްސި އެ ފްލައިޓަށް ވަނީ ވޯޓަ ސެލިއުޓެއް ދީފައެވެ. އަދި އެ ބޯޓުން އައި މީހުންނަށް މަރުޚަބާ ދެންނެވުމަށް އިކޮނޮމިކް މިނިސްޓަރ އަދި ޓުއަރިޒަމް މިނިސްޓްރީ ހިންގެވުމާ ވަގުތީ ގޮތުން ހަވާލުވެ ހުންނެވި ފައްޔާޒް އިސްމާއިލް އާއި ޓްރާންސްޕޯޓް މިނިސްޓަރ އައިޝަތު ނަހުލާގެ އިތުރުން، މޯލްޑިވްސް މާރކެޓިން އެންޑް ޕީއާރ ރިލޭޝަންސް (އެމްއެމްޕިއާރުސީގެ) މެނޭޖިންގ ޑިރެކްޓަރު ތޮއްޔިބް މުހައްމަދު އާއި ޓުއަރިޒަމް މިނިސްޓްރީ އާއި އެމްއޭސީއެލް އަދި ކަމާއި ގުޅޭ އެހެނިހެން އިދާރާތަކުގެ އިސް ބޭފުޅުން ވަނީ އެއާޕޯޓަށް ވަޑައިގަންނަވާފައެވެ.

ބޯޑަރުތައް ދެން ބަންދު ކުރަން ޖެހިދާނެ ކަމަށް ނުދެކެން: ފައްޔާޒް

ފައްޔާޒް މިއަދު އެއާޕޯޓުގައި ނޫސްވެރިންނާ ވާހަކަ ދައްކަވަނީ. --- ވަގުތު އިމޭޖަސް: މުހައްމަދު އަފްޒަލް

ބޮޑަރު ހުޅުވުމުގެ ރަސްމިއްޔާތަށް ފަހު ރާއްޖޭގެ ފަތުރުވެރިކަމުގެ ހާލަތާ މެދު ވާހަކަދައްކަވަމުން ފައްޔާޒް ވިދާޅުވީ، ރާއްޖެ މިވަގުތު އޮތީ ނާޒުކު ހާލަތުގައި ކަމަށާއި އެހެން ގައުމުތަކުން ރާއްޖެ އަށް އިޖާބަ ދޭ ގޮތް ވަރަށް މުހިންމު ކަމަށެވެ.

އަދި ކޮވިޑް-19 އަށް ބޭހެއް ނުވަތަ ވެކްސިނެއް ނުލިބޭ ނަމަ ހާލަތު ބަދަލު ނުވާނެ ކަމަށާއި މިހާރު މަސައްކަތް ކުރަނީ މި ހާލަތާ އެކު ކުރިއަށް ދާން ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.

" ބޯޑަރު ކްލޯޒް ކުރުމުގައި ހެލްތް އޮތޯރިޓީން އެގޮތަށް އަންގަވައިފި ނަމަ ސަރުކާރުން އެގޮތަކަށް އަމަލު ކުރާނެ. ނަމަވެސް ކުރިން ފުރަތަމަ މި ވައިރަސް ފެނުނު އިރާ އަޅާ ބަލާ އިރުގައި އޭރުގައި ހުރިހާ ގައުމަކުން ވެސް ވިސްނީ އޭތި އަޔަ ނުދިނުމަށް. އެ ވިސްނުމުގައި ވަރަށް ހަރުކަށި ފިޔަވަޅުތަކެއް އެޅީ. ނަމަވެސް މިހާރު މީތި ދުނިޔޭގަ އެބައޮތް ދެން އޮންނާނީ މީތި ކޮންޓެއިން ކުރުމާއި މީތި މެނޭޖް ކުރުން. ދެއްތޯ! އަޅުގަނޑަކަށް ލަފައެއް ނުކުރެވޭ ދެނެއް ބޯޑަރު ކްލޯޒް ވާނެ ކަމަކަށް. ސްޕައިކްސް އުޅެދާނެ. އެއަށް ވަކިވަކިން ޓަގެޓެޑް އެކްޝަންސް ކަމަށް ނެގޭނީ އަޅުގަނޑު ގަބޫލުކުރަނީ." ފައްޔާޒް ވިދާޅުވިއެވެ.

ގަތަރު އެއާވޭސްގެ ފްލައިޓުން ފަތުރުވެރިން މިއަދު ފައިބަނީ. --- ވަގުތު އިމޭޖަސް: މުހައްމަދު އަފްޒަލް

ފައްޔާޒް ވިދާޅުވީ ރާއްޖެއަށް ފަތުރުވެރިން ގެނައުމަށް ގައުމުތަކާ އެކު ވާހަކަ ދައްކަވަމުންދާ ކަމަށެވެ.

އެގޮތުން ވާާހަކަ ދެކެވޭ ހުރިހާ ގައުމަކުން ވެސް ރާއްޖެގައި ކޮވިޑް-19 ފެތުރޭ މިންވަރާ އަޅާފައިވާ ފިޔަވަޅުތައް ބަލާ ކަމަށް އޭނާ ވިދާޅުވިއެވެ. އަދި ރާއްޖޭގައި އަޅާ ސަލާމަތީ ފިޔަވަޅުތައް ވަރުގަދަ ވުމަކީ ރާއްޖެއަކީ ދަތުރުކުރަން ރައްކާތެރި ގައުމެއްގެ ގޮތުގައި ބެލެވޭނެ ކަމެއް ކަމަށް ފައްޔާޒް ފާހަގަކުރެއްވިއެވެ.

އެހެންކަމުން އާއްމު ދިރިއުޅުމުގެ ކަންކަމަށް ނުކުންނަ އިރު މިހާރު އޮތް ހާލަތަކީ އާއްމު ހާލަތު ނޫންކަން ދަނެގެން، އެޗްޕީއޭގެ މިންގަނޑުތަކާއި އުސޫލުތަކަށް އާއްމުން ބޯލެނބުން ވަރަށް މުހިންމު ކަމަށް ފައްޔާޒް ވިދާޅުވިއެވެ.

" އެއީ އޭގެ މައްޗަށް ވަރަށް ބޮޑަށް މި ބިނާ ވަނި ރާއްޖެ ސޭފް ޓުއަރިޒަމް އަކަށް ވެގެން ގޮސް އެ ބޭފުޅުންގެ ގައުމުތަކުގައި ސަރުކާރުތަކުން ރާއްޖެ އަށް ދިއުމަށް އެންކަރޭޖް ކުރުމުގެ ކަންތައްތައް. އެއީ އަޅުގަނޑުމެންގެ އިގްތިސާދަށް އަދި ދިރިއުޅުމަަށް ވަރަށް މުހިންމު ކަމެއް،" ފައްޔާޒް ވިދާޅުވިއެވެ.

މިހާތަނަށް ކުރި ދިރާސާތަކުން ރާއްޖެއަށް އަންނަން ބޭނުންވާ ފަތުރުވެރިން އެބަ ތިބިކަން ޔަގީންވާ ކަމަށާއި އުންމީދަކީ މި އަހަރު ނިމެންވާ އިރަށް އަށް ލައްކަ ފަތުރުވެރިން ގެނައުން ކަމަށް ފައްޔާޒް ވިދާޅުވިއެވެ.

ރީޑިސްކަވަ މޯލްޑިވްސްގެ ނަމުގައި ރާއްޖެ އިޝްތިހާރުކުރަނީ

ރާއްޖެ އިޝްތިހާރު ކުރުމުގެ މަސައްކަތް ކުރިއަށް އޮތްތަނުގައި ކުރިއަށް ގެންދާނެ ގޮތުގެ ތަފްސީލް ހިއްސާކުރައްވަމުން، ތޮއްޔިބް ވިދާޅުވީ ރާއްޖެ އިޝްތިހާރުކޮށް މާކެޓް ކުރުމުގައި މިވަގުތު އުނދަގޫތައް ހުރި ނަމަވެސް އެ މަސައްކަތް ކުރިއަށް ނުގެންގޮސް ނުތިބޭނެ ކަމަށެވެ.

ރާއްޖެ އަށް ފަތުރުވެރިން އަންނަން ފެށި ނަމަވެސް ކުއްލިއަކަށް ފަތުރުވެރިން އަންނަ ނިސްބަތް އިތުރު ނުވާނެކަން އޭނާ ފާހަގަކުރެއްވިއެވެ.

ތައްޔިބް މިއަދު ނޫސްވެރިންނާ ވާހަކަ ދައްކަވަނީ. --- ވަގުތު އިމޭޖަސް: މުހައްމަދު އަފްޒަލް

ރާއްޖެ އަށް ފަތުރުވެރިން އައުން އިތުރު ކުރުމަށް ރީޑިސްކަވަ މޯލްޑިވްސްގެ ނަމުގައި ކެމްޕެއިނެއް ފަށަން ނިންމާފައިވާ ކަމަށް ތޮއްޔިބް ވިދާޅުވިއެވެ.

"އެންމެ މުހިންމު ކަމެއް މިދެނީ ގުދުރަތީ ގޮތުން އަޅުގަނޑުމެން މިތިބީ ސޯޝަލް ޑިސްޓެންސް ވެފައޭ. އެ އަޅުގަނޑުމެން މި ބުނެދެވޭތޯ މި ބަލަނީ. އަޅުގަނޑުމެން މާލޭގައި މިސާލަކަށް މި އިންފެކްޝަންސް ދާއިރު ހަގީގަތުގައި ރިސޯޓްތަކުގައި މި އެޅިފައިވާ ފިޔަވަޅުން އަސްލު އެތަނަށް އަރާ ފޭބުމުގައި ރެސްޓްރިކްޝަންސް އެބަހުރި. އެހެންވީމަ އެކަން ކުރަން އަޅުގަނޑުމެންނަށް ފުދޭވަރަކަށް ފަސޭހަ." ތޮއްޔިބް ވިދާޅުވިއެވެ.

އަދި އެޗްޕީއޭގެ ގައިޑްލައިނާ އެއްގޮތަށް ކަންކަން ކޮށްފި ނަމަ ރާއްޖެއިން ކަނޑައަޅާފައިވާ އަށް ލައްކަ ފަތުރުވެރިންގެ އަމާޒަށް ވުރެ އިތުރަށް ވެސް ހާސިލްވެދާނެ ކަމަށާއި ކޮވިޑް-19 ގެ ހާލަތު އޮތް ގޮތުން ރާއްޖޭގެ ފަތުރުވެރިކަމުގައި އުންމީދު ކުރާ ވަރަށް ހާސިލް ނުވުމަކީވެސް އެކަށީގެންވާ ކަމަށް އޭނާ ވިދާޅުވިއެވެ.

ފަތުރުވެރިންނަށް ކީ ހޫނު މަރުޚަބާ އިން ހިނިތުންވެފައި!

ރާއްޖެ އަށް މިއަދު އައި ބައެއް ފަތުރުވެރިން ބުނީ ރާއްޖެ އައުމުން ކީ ހޫނު މަރުޚަބާ އާ މެދު ހިތްހަމަޖެހޭ ކަމަށެވެ. އެގޮތުން ސަލާމާތާއި ރައްކާތެރިކަމުގެ ގޮތުން އަޅާފަ ހުރި ފިޔަވަޅުތައް ފަސޭހަވެފައި، އިންތިޒާމްތައް ފުރިހަމަކަމަށް ފަތުރުވެރިން ބުންޏެވެ.

"ވަގުތަށް" މައުލޫމާތު ދިން އެއް ފަތުރުވެރިއަކު ބުނީ އޭނާ ރާއްޖެ އައީ ރަހުމަތްތެރިންތަކަކާއި އެކުގައި ކަމަށެވެ. އަދި ފަސޭހަކަމާ އެކީގައި ރާއްޖޭގައި ޗުއްޓީ ހޭދަކުރެވޭނެ ކަމުގެ އުންމީދު ބޮޑު ކަމަށް ވެސް އޭނާ ބުންޏެވެ.

ރާއްޖެ އައި ފަތުރުވެރިޔަކު މިއަދު "ވަގުތު" އާ ވާހަކަ ދައްކަނީ. --- ވަގުތު އިމޭޖަސް: މުހައްމަދު އަފްޒަލް

"ފުރަތަމަ ފަހަރު މިއީ އަހަރެން ރާއްޖެ އަންނަ. އަހަންނާއި ހަތަރު ވަރަކަށް ރައްޓެހިން އައީ. ވަރަށް ހިތްހަމަޖެހޭ ރާއްޖެއިން ކީ މަރުޚަބާ އާއި މެދު. އެންމެންވެސް ތިބީ ވަރަށް ހިނިތުންވެފައި. އެންމެންވެސް ވަރަށް އެކުވެރި. ބީރައްޓެހިކަން އިހުސާސެއް ނުވޭ. މާލެ ސަރަހައްދުގައި އުޅެން ގަސްތުކުރަނީ. ރާޅާ އަޅަން ދާން ވަރަށް ބޭނުން،" އެމީހާ ބުންޏެވެ.

ރާއްޖެ އައި އެހެން ފަތުރުވެރިޔަކު ބުނީ އޭނާ ރާއްޖެ މީގެ ކުރިންވެސް ރާއްޖެ އައިސްފައިވާ ކަމަށާއި ފުރަބަންދު ނިމި ރާއްޖެ ހުޅުވާލާނެ ދުވަހަކަށް އޭނާ އިންތިޒާރު ކުރިކަމަށެވެ.

" ރާއްޖެ އަކީ ވަރަށް ތަފާތު ތަނެއް. މިތަނުގެ ފިިނި ހޫނުމިންވެސް ވަރަށް ތަފާތު. ކުރިން ދެ ފަހަރަކު އައިން. ރިޓަޔަކުރުމަށް ފަހު ބޭނުންވި އަނބިމީހާ ގޮވައިގެން އަންނަން. އެކަމަކު ފުރަބަންދު ވީމަ ނާދެވުނީ. ދެން އެންމެ ފުރަތަމަ ރާއްޖެ އައި ފަތުރުވެރިން ތެރޭގައި ހިމެނުނީމަވެސް އުފާވި." އެމީހާ ކިޔައިދިނެވެ.

މީގެ އިތުރުން އިޖްތިމާއީ ގައިދުރުކުރުމާއި، ސެނިޓައިޒަ ފަދަ ތަކެތި ފަސޭހައިން ލިބެން ހުރުމާއި، ތަމަލް ސްކްރީނިން ފަދަ ސަލާމަތީ ފިޔަވަޅުތައް ތަންފީޒްކުރުމުން ރައްކާތެރިކަން އިހުސާސް ކުރެވޭކަމަށް އެ ފަތުރުވެރިން ވަނީ ބުނެފައެވެ.

ކިޔުންތެރިންގެ ހިޔާލު

3 ކޮމެންޓް

  1. ގެރި

    އަސްލު ކިތައް ގެސްޓުން އައީ! ކިޔާތީ އަށު އިވޭ 5 ޓޫރިސްޓުންނޭ އައީ

  2. ކިސަޑު

    އަޔަސް ނަޔަސް ވަރިހަމަ މައިމޫނާގެ ބޮލުތެރެއަށްވަދެ ހުރިހާކަމެއް ކުރަނީ ބިރިދައްކާފަ ހުންނަނީ ކޮއްކޮތައް ވަޒީފާއިން ބޭރުކުރާނަމޭ ކިޔާގެން

  3. ?

    ?????