އޭރު ހީވެފައި އޮތީ ބިދޭސީންގެ މައްސަލައަކީ ހަމައެކަނި އިޖުތިމާއީ މައްސަލައެއް ކަމަށެވެ. އެކަމުގެ ސަބަބުން ޔަގީނުންވެސް އިޖުތިމާއީ އެތައް ކަންކަމެއް ގޯސްވެގެން ހިނގައްޖެއެވެ. ނަމަވެސް މިއަދު ބިދޭސީންގެ ވާހަކަ މި ދެކެވެނީ އިޖުތިމާއީ މައްސަލައަކަށް ވުރެވެސް ބޮޑު މައްސަލައެއްގެ ގޮތުގައެވެ. ގައުމީ ސަލާމަތަށް ނުރައްކާވާ ވަރުގެ މައްސަލައެއްގެ ގޮތުގައެވެ. އިޖުތިމާއީ ބޮޑު މައްސަލައެއްގެ ގޮތުގައި ފެށިގެން ދިޔަ ބިދޭސީންގެ މައްސަލަ ގައުމީ ސަލާމަތަށް ނުރައްކާވެ ސަލާމަތީ ބާރުތަކާއި އެމީހުންނާއި ކުރިމަތިލާ ހިސާބަށް މިކަން ހިނގައްޖެއެވެ.

ބިދޭސީންގެ މައްސަލަ އަކީ އިއްޔެ އަކު އަދި މިއަދަކު ރާއްޖޭގައި ހިނގައިގެން އުޅޭ ކަމެއް ނޫނެވެ. މިއީ އެތައް ޒަމާންތަކެއްވީ ބޮޑު "ގައުމީ" މައްސަލައެކެވެ. މިކަންތައްގަނޑު ހިނގާފައި ވަނީ ވެރިކަމުގެ ބާރުތަކުގެ ތެރެއިންނެވެ. ކޮންމެ ދުވަހަކުވެސް ރާއްޖެއަށް "އޮޅުވާލައިގެން" އެތައް ސަތޭކަ ބިދޭސީންނެއް އެތެރެވެއެވެ. ދިވެހިން ފެށި މި މަސައްކަތަށް އެންމެ ފަހުން ބިދޭސީންވެސް ވަދެއްޖެއެވެ. ބައެއް މީހުން މިކަން ކުރަނީ ދިވެހިންނާއި ގުޅިގެންނެވެ. އަނެއް ބަޔަކު މިކަން ކުރަނީ ދިވެހިން ކަންކުރާ ގޮތް ވަރަށް ރަނގަޅަށް ދެނެތިބެމެ ވަކިންނެވެ.

ކޮންމެއަކަސް ބިދޭސީންގެ މައްސަލަތައް ބޮޑުވެފައިވާ މިންވަރު އެނގިގެން ދިޔައީ އެކަމުގެ ކަންބޮޑުވުންތަކާއި ގުޅިގެން ދާދިފަހުން ބޭއްވި ރައްޔިތުން މަޖިލީހުގެ ކޮމެޓީއަކަށް ޗީފް އޮފް ޑިފެންސް އަބްދުﷲ ޝަމާލް ދެއްކެވި ވާހަކަތަކާއި ގުޅިގެންނެވެ. އޭނާ ވަނީ ސިފައިން ހޯދާފައިވާ ބައެއް މައުލޫމާތުތައް މީޑިއާގެ ހާޒިރުގައި ކޮމެޓީއާ ހިއްސާ ކުރައްވާފައެވެ. ވިދާޅުވީ ރާއްޖޭގައި 179،954 ބިދޭސީން ރަޖިސްޓަރީ ވެގެން އުޅޭ ކަމަށެވެ. އަދި 66،000 އަށް ވުރެ ގިނަ ބިދޭސީން ގަވާއިދާ ހިލާފަށް އުޅޭ ކަމަށެވެ. މުޅި ޖުމްލަ ގާތްގަނޑަކަށް 250،000 އެއްހާ ބިދޭސީން އުޅޭ ކަމަށްވެއެވެ.

"ނޭޝަނަލް ސެކިއުރިޓީ ކައުންސިލުން ބައްދަލު ކޮށްފަައި މިކަމަކީ ނޭޝަނަލް ސެކިއުރިޓީއަށް ރާއްޖެއަށް އޮތް ބޮޑު ނުރައްކަލެއް ކަމަށް ވަނީ ނިންމާފައި. އެ ހިސާބުން ފެށިގެން މި އޮތީ ވަރަށް ބޮޑަށް ނޯމަލް ޕްރޮސީޖާއަށް ވުރެ ބޮޑަށް ފާސްޓް ޓެރެކެއްގައި އެ މީހުން ހައްޔަރު ކުރުމާއި ފޮނުވާލަން ޖެހޭ މީހުން ފޮނުވުމާއި މިކަހަލަ މުހިންމު ފިޔަވަޅުތައް އެޅުމަށްޓަކައި މަޝްވަރާ ކުރެވިފައިވޭ،" ޝަމާލް ވިދާޅުވިއެވެ.

މިއީ ކަންބޮޑުވާން ޖެހޭ ވަރުގެ ވާހަކަތަކެކެވެ. ހަމަ އެ ކޮމެޓީގައި އިންނަވާ ޑިފެންސް މިނިސްޓަރު މާރިޔާ އަހުމަދު ދީދީ ދެއްކެވި ވާހަކަތަކަކީ ވެސް ކަންބޮޑުވާ ވާހަކަތަކެކެވެ. ވިދާޅުވީ ބިދޭސީން މިފަހަކަށް އައިސް އިހުތިޖާޖު ކުރަނީ ހަމައެކަނި އެމީހުންގެ މުސާރަ އާއި ގުޅުންހުރި ކަންކަމުގައި ނޫން ކަމަށެވެ. އެކަމުގެ އަޑީގައި ބަޔަކުވާ ކަމަށް މިނިސްޓަރު ތުހުމަތު ކުރެއްވިއެވެ.

"ކޮންމެހެން މުސާރަ ނުލިބި ހައްގެއް ހޯދަން ނިކުންނަނީކީ ނޫން، އަދި މީގަ ފޮރުވިފައިވާ ފަރާތްތަކެއް ވެސް ވާނެކަން ގަބޫލު ކުރެވޭ. އެހެންވެ އެކަންކަމާ ބެހޭ ގޮތުން ބަލާ ތަހުގީގު ކުރަމުން މިދަނީ،" މާރިޔާ ވިދާޅުވިއެވެ.

އިކޮނޮމިކް މިނިސްޓަރު ފައްޔާޒު ތުހުމަތު ކުރައްވާ ގޮތުގައި ބިދޭސީންގެ މުޒާހަރާތަކަކީ ބަޔަކު އަޑީގައި ތިބެގެން ސިޔާސީ މަގްސަދެއް އޮވެގެން ހިންގަމުންދާ ކަމެކެވެ.

ދެ ވަޒީރުންގެ ވާހަކައިންނާއި ޗީފް އޮފް ޑިފެންސްގެ ވާހަކަތަކުން އެތަކެއް ސުވާލުތަކެއް އެބަ އުފެދެއެވެ. އެގޮތުން ބިދޭސީންގެ މައްސަލާގައި ފޮރުވިފައިވާ ކަމަށް މިނިސްޓަރު މާރިޔާ އެ ވިދާޅުވަނީ ކޮން ބައެއް ހެއްޔެވެ. މިނިސްޓަރު ފައްޔާޒު އެ ވިދާޅުވީ ސިޔާސީ ބޭފުޅުން ނުވަތަ ސިޔާސީ ޕާޓީއަކީ ކޮން ބައެއް ހެއްޔެވެ. މިއީ ރައްޔިތުންނަށް ފޮރުވައިގެން އުޅެންޖެހޭ ވަރަށްވުރެ ބޮޑު މައްސަލައަކަށްވާއިރު އެކަމުގައި އެންމެ ބަހެއް ވިދާޅުވުމަށްފަހު ރައްޔިތުންގެ ހިތްތަކަށް ސުވާލު މާކެއް ދޫކޮށް ނުލައްވާށެވެ.

ސާފުކޮށް އެނގިގެންދާ އެއްކަމަކީ މިއީ ބޮޑު "ކަޅު" ވިޔަފާރިއެއް ކަމެވެ. އެތައް ބަޔަކު މި ނުބައި ވިޔަފާރި ކޮށްގެން ޖީބުތައް ފުރައިފިއެވެ. އަދިވެސް ޖީބުތައް ފުރިފައިވާ މިންވަރު ކުޑަ ކަމުން އިތުރު މީހުން މި މަސައްކަތް ކުރަނީއެވެ. މިކަންކަން ކުރަނީ ވަރަށް ރޭވިގެންނެވެ. އެކަން ސާފުވެގެން ދަނީ ފުލުހުންނާއި ސިފައިންގެ ފްލެޓުތައް ހަދަމުން އަންނަ އައިލެންޑް އެކްސްޕާޓު ކުންފުނީގެ ބިތުފަންގި ނެގުމުންނެވެ.

އެ މަސައްކަތް އެންމެ ފުރަތަމަ ހަވާލުކުރީ ނޫމަޑިއާއެވެ. އޭގެފަހުން އެ މަސައްކަތް ހަވާލުކުރީ ކުރިން މި ދެންނެވި އައިލެންޑު އެކްސްޕާޓުންނެވެ. މި ދެކުންފުނީގެ އެއްގޮތް ކަމަކީ ދެ ކުންފުނީގެ ވެސް އެއް ހިއްސާދާރުންތަކެއް ތިބުމެވެ. މިއީ އެމްއެމްޕީއާރްސީގެ ވައްކަމުގައި އޭރު ވެރިކަމުގައި ހުންނެވި ރައީސް އަބްދުﷲ ޔާމީނަށް ނޭނގި ނުވާނެ ކަމެކޭ ބުނާ ފަދައިން އޭރު ދައުލަތް ހިންގެވި މީހުންނަށް ވެސް ނޭނގި އޮޅުމަކުން ކޮށްފައިވާ ކަމެއް ނޫނެވެ. އެނގިތިބެ ކޮށްފައިވާ މިފަދަ ކަންކަމުގެ ސަބަބުން އާހިރުގައި ގެއްލުން ލިބިގެން ދަނީ މުޅި ގައުމަށެވެ.

ކޮންމެއަކަސް ދައުލަތުގެ އިސްވެރިންތަކެއް މިފަދަ ވާހަކަތަކެއް ދެއްކެވިއިރު މިކަމުގެ ހަގީގަތް ނުވަތަ އަސްލަށް ވާސިލުވާން އެބަޖެހެއެވެ. ރައްޔިތުންނަށް މިކަންކަމުގެ އަޑީގައި ތިބީ ކޮން ބައެއްކަން ސާފު ކޮށްދެއްވަން ޖެހެއެވެ. ގައުމީ ސަލާމަތަށް ނުރައްކާވާ ބައެއް ކަމާއި އެކަމުގެ އަޑީގައި ފޮރުވިފައިވާ ކަންކަން ހިމެނޭ ވާހަކައާ ސިޔާސީ ބަޔަކު އަޑީގައި ތިބި ކަމަށް ވިދާޅުވެ ވާހަކަ ނިންމާ ނުލައްވާށެވެ. ރައްޔިތުންނަށް ހަގީގަތް ސާފު ކޮށްދެއްވާށެވެ.

ކިޔުންތެރިންގެ ހިޔާލު

4 ކޮމެންޓް

  1. ބަކުރު

    ތިކަމުގެ އަޑީގައި ތިބީ ކަރަޕުސަނުން ފުރިގެންވާ އެމްޑީޕީ މީހުން އަމިއްލަބައިކޮޅަށް ލަނޑުވަދެދާނެތީ ދިފާއުކުރަން ނޫޅުއްވާ ހަގީގަތް ހާމަކުރުން މުހިއްމު.

    14
    1
  2. ބޯކިބާ

    ނަކަތްބަދަލުވިދުވަހޭ ކާބޯތަކެތީގެދުވަހޭ މިނިވަންދުވަހޭ ކިޔައިގެން މާލޭގަ ހުންނަ ދަނޑިއެއްގެ ވަށާ މީހުން ޖަމާވެގެން ވަލެއްޖަހާފަ އޭގެކޮޅަށް ފޮތިގަނޑެއް ނެގުންފަދަ ކަންކަމަށް ބޮޑެތި ހަރަދުކުރުމުގެ ބަދަލުގަ މަގުހެދުމާއި ސިއްހީކަންކަންފަދަ ބޭނުމެއްހިފޭކަހަލަ ކަންކަމަށް ފައިސާ ހަރަދުކުރަންވީ.

    12
    2
  3. ފާތުން

    ޙެޔޮނުވާނެ ތިބައިގަނޑު ޤައުމައް ފޮނުވާލަދީ

    12
    1
  4. އަޙްމަދު

    ކޮންމެ ކަމެއްގައިވެސް ކުރީގެ ސަރުކާރު ބޮލަށް ކަނޑާލުމުން ވަރަށް ޒިންމާދާރުކަން ކުޑަ! ކަލޭމެން ވިއްކީ އެމީހުންގެ ގޯސްވާހަކަ އެހެންވެ ކަލޭމެންނަށް ވޯޓްދީ ގޮނޑީގައި ބައިތިއްބާފައި ތިބީ! ގިނަވާހަކަ ނުދައްކާ ކަންކަން އިސްލާހް ކުރޭ!

    8
    1