ދުނިޔޭގެ އެކި ގައުމުތަކުގައި ކޮވިޑް-19 ފެތުރެމުން ދަނީ ދުނިޔޭގެ ސިއްހަތު ޖަމިއްޔާ (ޑަބްލިއުއެޗްއޯ) އިން ހީވެސް ނުކުރާ ފަދަ ބާރު މިނެއްގައެވެ. ހަލުވިކަމާ އެކު، ކޮވިޑް-19 ފެތުރި ވޭތުވެދިޔަ ހަތަރު ދުވަސްތެރޭ އެއް މިލިއަން މީހުންނަށް އަލަށް ބަލިޖެހިފައިވާ ކަމަށް ތަފާސް ހިސާބުތަކުން ދައްކައެވެ. ކޮވިޑް-19 ފެތުރުމުގައި ކުޑަ ގައުމެއް، ބޮޑު ގައުމެއް ތަފާތެއް ނެތެވެ. ދުނިޔޭގައި ހުރި ކޮންމެ ރައްޔިތަކަށް މި ބައްޔާ ކުރިމަތިލާން ޖެހިދާނެއެވެ.

ރާއްޖެ ތިން މަހެއްހާ ދުވަސް ވަންދެން ފުރަބަންދުގައި އޮތުމަށް ފަހު ބޮޑެތި ލުއިތަކެއް ދިނީ "ހިންދެމެލެވޭ ވަރު" ވީމައެވެ. އެއް ފަހަރާ ގިނަ އަދަދެއްގެ ބަޔަކަށް ބަލި ޖެހުމުގެ ފުރުސަތު ނުދިނުމުގެ ގޮތުންނެވެ. ރާއްޖޭގައި ސިއްހީ ވަސީލަތްތައް ގާއިމު ކުރުމުގެ ބޭނުމުގައެވެ.

ކޮވިޑް-19 އަށް ޓެސްޓް ކުރެވޭނެ ވަސީލަތްތަކާއި ސިއްހީ އިތުރު ވަސީލަތްތައް ގާއިމުކޮށް، ފުރަބަންދަށް ލުއިތަކެއް ދޭން ފެށީ ބަލި ޖެހޭ މީހުންގެ އަދަދު ކޮންޓްރޯލްވާން ފެށީމައެވެ. އެކަމަކު، ރާއްޖެ އިން މިހާރު މި ފެންނަނީ ދިވެހި އެއްވެސް ރައްޔިތަކު އުންމީދު ކުރާ މަންޒަރެއް ނޫނެވެ.

ފުރަބަންދަށް ލުއިތަކެއް ދިން ފަހުން، އެންމެ ގިނަ ބަޔަކު ކޮވިޑް-19 އަށް ފައްސިވި އަދި އެއް ދުވަސް ތެރޭގައި އެންމެ ގިނަ ދިވެހިން ބައްޔަށް ފައްސިވީ އިއްޔެއެވެ. އެއް ދުވަސް ތެރޭގައި 92 ދިވެހިން ފައްސިވުމަކީ ރިކޯޑެކެވެ.

ބްރިޖު ސަރަހައްދުގައި ބަޔަކު ކަސްރަތު ކުރަނީ.- ވަގުތު އިމޭޖަސް- މުހައްމަދު އަފްޒަލް

ހޯމަ ދުވަހުގެ އިރުއްސި ހަޔަކުން އިއްޔެ ހަވީރު ހަޔަކަށް 137 މީހަކު ފައްސިވެފައިވާ އިރު، އޭގެ ތެރޭގައި ހިމެނެނީ ދިވެހިންގެ އިތުރުން ބަންގްލަދޭޝްގެ 31 މީހަކާއި އިންޑިއާގެ ނުވަ މީހަކާއި ސްރީ ލަންކާގެ ހަތަރެއް އަދި ފިލިޕިންސްގެ އެކެކެވެ.

ރާއްޖެ އިން ކޮވިޑް-19 މިދިޔަ މާޗް 7 ގައި ފެނުނު ފަހުން އެންމެ ގިނަ މީހުން ފައްސިވެފައި ވަނީ އެޕްރީލް 30 ވަނަ ދުވަހުއެވެ. އެ ދުވަހު ވަނީ 178 މީހުން ވަނީ ފައްސިވެފައެވެ. އެކަމަކު، އެ ދުވަސް ގިނަ އިން ފައްސިވެފައި ވަނީ ބަންގްލަދޭޝްގެ މީހުންނެވެ.

ފުރަބަންދަށް ދިން ލުއިތަކާ ގުޅިގެން ބަޔަކު މަގުމަތީގައި ؛- ވަގުތު އިމޭޖަސް- މުހައްމަދު އަފްޒަލް

ހިތުގައި މިހާރު އުފެދިފައި އޮތް ސުވާލަކީ ދުނިޔޭގެ އެހެން ގައުމުތަކަށް "ދެ ވަނަ ރާޅު" އަރާ އުސޫލުން ރާއްޖެ އަށް އެފަދަ ރާޅެއް އެރީބާއެވެ؟

އެކަމާ ގުޅިގެން ހެލްތު އެމަޖެންސީ އޮޕަރޭޝަންސް ސެންޓަރު (އެޗްއީއޯސީ) އާއި ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) ފަދަ ތަންތަނުން ވަކި އެއްޗެއް ނުބުނި ނަމަވެސް ޔަގީންވާ ކަމަކީ ބަލި ޖެހޭ މީހުންގެ އަދަދު އިންތިހާ އަށް އިތުރުވެފައިވާ ކަމެވެ. އަދި ބަލި ޖެހިގެން ހޮސްޕިޓަލްގައި ފަރުވާދޭން ޖެހޭ މީހުންގެ އަދަދު އިތުރުވުމެވެ. އޭގެ ތެރޭގައި ދުވަސްވީ މީހުންނާއި ބޮޑެތި ބަލިތަކަށް ފަރުވާ ހޯދާ މީހުން ހިމެނެއެވެ.

ރާއްޖޭގައި މިހާތަނަށް 3,506 މީހުންނަށް ކޮވިޑް-19 ޖެހުނު އިރު، ބަލިޖެހިފައިވާ 932 މީހުންނަށް މިހާރުވެސް ދަނީ ފަރުވާދެމުންނެވެ. މީގެތެރެއިން 64 މީހުންނަށް ފަރުވާދެމުންދަނީ އެޑްމިޓްކޮށްގެންނެެވެ. އޭގެ ތެރޭގައި ހިމެނޭ ބިދޭސީއަކަށް ފަރުވާދެނީ ވެންޓިލޭޓަރުގައެވެ.

ބިދޭސީންތަކެއް ހިނގާފައި ދަނީ. --- ވަގުތު އިމޭޖަސް: މުހައްމަދު އަފްޒަލް

ހުޅުމާލެ ކޮވިޑް-19 ވިލެޖްގައި މަސައްކަތް ކުރަމުން އަންނަ ޑޮކްޓަރަކު "ވަގުތަށް" ވިދާޅުވީ ފުރަބަންދަށް ފަހު، ރާއްޖޭގައި ކޮވިޑް-19 ފެތުރެމުން މިހާރު ދަނީ ކަމާބެހޭ ފަރާތްތަކުން ހީވެސް ނުކުރާ ވަރުގެ ހަލުވި މިނެއްގައި ކަމަށެވެ. އެ ޑޮކްޓަރުގެ ކަންބޮޑުވުމަކީ އެޑްމިޓް ކުރާ މީހުން ގިނަވުމެވެ.

"މީގައި އުމުރުން ދުވަސްވީ މީހުންނާއި ބޮޑެތި ބަލިތައް ހުންނަ މީހުން އެޑްމިޓް މި ކުރަނީ އެމީހުންގެ ހާލަތު ގޯސްވެދާނެ ކަމަށް ބަލާފައި. މިފަދަ މީހުންގެ ހާލަތު ވަރަށް ގާތުން ބަލަން ޖެހޭނެ ވަގުތު ފާއިތުވުމުގެ ކުރިން،" ޑޮކްޓަރު ވިދާޅުވިއެވެ.

ޑޮކްޓަރު ވިދާޅުވި ގޮތުގައި އެހާ ގިނަ ބަޔަކަށް ބަލި ޖެހެމުން ދަނީ ރައްކާތެރިކަމުގެ ފިޔަވަޅުތައް އެޅުމުގެ ފަރުވާ ކުޑަ ކުރާތީއެވެ. އެހެންވެ، ދިވެހިން މިހާރަށް ވުރެ ބޮޑަށް ސަމާލުވެ، ގައިދުރު ކަމާއި މާސްކް އެޅުން ފަދަ ކަންކަމަށް ސަމާލުވުމަށް އޭނާ ނަސޭހަތްތެރިވެވަޑައިގެންނެވިއެވެ.

"އެއްވެސް ޑޮކްޓަރަކު ބޭނުމެއް ނުވާނެ ބަލި ޖެހޭ މީހުންގެ އަދަދު ގިނަވެ، ފަރުވާ ނުކުރެވި ބަޔަކަށް ދޫކޮށްލަން ޖެހޭ ހާލަތަކަށް ދާން. އެ ހާލަތަށް ނުދިއުމަށް ފަރުދީ ޒިންމާ އަދާ ކުރަން އެބަޖެހޭ. މިހާރު މި ފެންނަނީ ސީރިއަސް މަންޒަރެއް،" ޑޮކްޓަރު ވިދާޅުވިއެވެ.

މާލޭގައި ސިއްހީ އޮފިޝަލުންތަކެއް، ބައެއްގެ ސުންކު ނަގަނީ. --- ވަގުތު އިމޭޖަސް: މުހައްމަދު އަފްޒަލް

ދިވެހިންގެ މެދުގައި ކޮވިޑް-19 ފެތުރެނީ ކަމާބެހޭ ފަރާތްތަކުގެ އިރުޝާދުތަކަށް ބޯލަނބަމުން ނުދާތީ ކަމަށް ބުނުމުގެ ޖާގަ މިހާރު އެބައޮތެވެ. ފުރަބަންދުގެ ދުވަސް ވަރު ދިވެހިން ގޯސް ކުރީ ބިދޭސީންނެވެ. އެމީހުންނާ ކައިރިވާން ވެސް ބައެއް މީހުން ދެކޮޅު ހެދިއެވެ. ބިދޭސީންގެ ގައިން ބަލި ފެތުރުމުގެ އެންމެ ބޮޑު އެއް ސަބަބަކަށްވީ ތޮއްޖެހިގެން ދިރިއުޅުމެވެ. އެކަމަކު، ދިވެހިންގެ ތެރޭގައި މިހާރު މި ބަލި ފެތުރެނީ ކީއްވެބާއެވެ؟

ބައެއް މީހުންގެ ނަޒަރުގައި ދިވެހިން މާ ބޮޑަށް ފަރުވާ ކުޑަކޮށްލަނީއެވެ. ބޭރުގައި މާސްކު އަޅައިގެން އުޅުނަސް، ސަމާލުކަން ދޭން ޖެހޭ އެހެން ބައެއް ކަންކަމުގައި އަމަލު ކުރާ ގޮތް މާ ބޮޑަށް ވެސް ދޯދިޔާއެވެ. ފިހާރަތަކާއި ހޮޓާ/ކެފޭ/ރެސްޓޯރެންޓް ފަދަ ތަންތަނުގައި ހުންނަން ޖެހޭ ގައިދުރުކަމެއް ނެތެވެ. ގިނަ މީހުން ޕާޓީތަކާއި އެއްވުންތައް ބާއްވަނީއެވެ. ޖަމާއަތުގައި ނަމާދު ކުރުމަކީ ވެސް ބަލި ފެތުރުމުގެ ބާރެއް ކަމަށް ތަޖުރިބާކާރުން ދެކެއެވެ.

ރާއްޖެ އަށް ދެން އޮތް އެންމެ ބޮޑު އެއް ބިރަކީ ބޯޑަރުތައް ހުޅުވާލައި ފަތުރުވެރިންނަށް މަރުހަބާ ކިޔުމެވެ. ބޯޑަރުތައް ހުޅުވާލައި ފަތުރުވެރިން އައުމަށް ރާއްޖެ އިން ދައުވަތު ދިނީ އިގްތިސާދު ގާތްގަނޑަކަށް ފުނޑިފައި އޮއްވައެވެ. އަބަދު ފުރަބަންދުގައި ނުތިބެވޭނެ ކަމަށް ކަނޑައަޅައި ޓޫރިޒަމް ހުޅުވާލައި، ހަމަޖެހުމުގެ ނޭވާއެއް ލެވޭނެ ގޮތަށް ސަރުކާރުން ހާއްސަ ފިޔަވަޅުތަކެއް އެޅިއެވެ.

މާލޭގެ ފުރަބަންދު ގެ ލުއިތައް ދިނުމުން ގިނަ އަދަދެއްގެ ދިވެހިން މަގުމަތީގައި؛- ވަގުތު އިމޭޖަސް- މުހައްމަދު އަފްޒަލް

އެކަމަކު، ރާއްޖެ އަންނަ ފަތުރުވެރިން ކޮވިޑް-19 އަށް ފައްސިވާން ފެށުމަކީ ވެސް ދިވެހިންނަށް ބަލި ޖެހެން އޮތް މަގެކެވެ. ރިސޯޓުތަކުގައި މަސައްކަތް ކުރާ ދިވެހިންނާއި ބިދޭސީންނަށް ވެސް ކޮވިޑް-19 ގެ ބިރާ މިހާރު ވަނީ ކުރިމަތިލާން ޖެހިފައެވެ.

ބައެއް މީހުންގެ ނަޒަރުގައި ފުރަބަންދު އުވާލައި ލުއިތައް ދޭން ފެށީ މާ އަވަހަށެވެ. އަނެއް ބަޔަކު ދެކޭ ގޮތުގައި ފުރަބަންދަށް ލުއިތައް ދީ ބޯޑަރުތައް ހުޅުވާލީ ސިޔާސީ ޕްރެޝަރާ ހެދިއެވެ. ހާއްސަކޮށް، ރައްޔިތުންގެ މަޖިލިހުން ސަރުކާރަށް ކުރި ޕްރެޝަރު ބޮޑުވީއެވެ. ރައްޔިތުންގެ މަޖިލިހުގެ ރައީސް މުހައްމަދު ނަޝީދު ފަދަ ބޭފުޅުންގެ ހުށަހެޅުންތަކަށް ސަރުކާރުން ބޯލަނބަން ޖެހުނީ ކަމަށް ދެކޭ މީހުން ގިނައެވެ. އޭގެ ބަދަލުގައި ފެނުނީ ސިއްހީ ތަޖުރިބާކާރުންގެ ހިޔާލުތައް "ބޮލާލައި" ޖެހި މަންޒަރެވެ.

މިހާރު މިއޮތީ ސަރުކާރުން ސީރިއަސްކޮށް ވިސްނަން ޖެހޭ ހާލަތަކަށް ގޮސްފައެވެ. މި ހާލަތު އިތުރަށް ގޯސްވިޔަ ނުދިނުމަށް މުހިންމު ފިޔަވަޅުތަކެއް އަޅަން ޖެހެއެވެ. ފުރަބަންދަށް ފަހު، ދީފައި އޮތް ލުއިތަކަށް ކޮންމެވެސް ވަރެއްގެ ހަރުކަށި ކަމެއް ނަމަވެސް ގެންނަން ޖެހެއެވެ. އެހެން ނޫނީ ހެލްތު މިނިސްޓަރު އަބްދުﷲ އަމީން ވިދާޅުވި ގޮތަށް "ނުރައްކަލުގެ ރަނގަބީލު"ގެ އަޑު ގަދަވެ، ނުރައްކާ ފައްތަރަކަށް ރާއްޖެ ހިނގައިދާނެއެވެ.

"ދެ ވަނަ ރާޅެއް" ނޫނެވެ. "ތިން ވަނަ ރާޅަކާ" ވެސް ދިވެހިން ކުރިމަތިލާން ޖެހިދާނެއެވެ.

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

  1. ހޯނު

    ކޮވިޑު ގެ ބިރުވެރި ކަން ދިވެހން އައް އިހުސާސް ވާ ނަމަ ކޮންމެ ރެޔަކު ޗާންދަނީ މަގު 4 އަގޮޅި ކަންމަތީ ކޮން މަސްހުނި އެއްބާ އެ މޮޑެނީ. މީ ޑިޖިޑަލް ދުނިޔެއެއް ކޮންމެހެން ކަންމަތި ތަކުގަ އެއް ނުވިސް ބޭޭނުން ކަންކަމާ އަޑު އުފުލޭނެ ކަންނޭގެ ސިޔާސީ ބޭނުމަކައް ޓަކާ ނިކަމެތި ރައްޔތުން ގެ ފުރާނަތައް ނުރައްކަލަކައް ހުށައޅާކައް ހެޔޮއެދޭ ސިިިޔާސީ ވެރިން އެއް ހިއްވަރެއް ނުދޭނެ

    4
    4
  2. ތެދު

    ﷲއަށްއުރެދުމަށްވުރެ ބޮޑުކަމަކީކޮބާ....!!!؟!
    ކަލޭމެންބިރުގައްނަނީ ކުޑަމަހުލޫގަކައް ނަމަވެސް މަހުލޫގް ހެއްދެވިފަރާތަކައްނޫން...ސުބުހާނަﷲ.