ރާއްޖެ އިން އެއް ދުވަސް ތެރޭގައި ކޮވިޑް-19 އަށް 215 މީހުން ފައްސިވުމަކީ ރިކޯޑެކެވެ. އަދި އެއް ދުވަސް ތެރޭގައި 149 ދިވެހިން ފައްސިވުމަކީ ވެސް ރިކޯޑެކެވެ. ހަމައެކަނި މި އަދަދުތަކުން ވެސް ރާއްޖޭގެ ޙާލަތު އޮތީ ނުރައްކާތެރި ފައްތަރެއްގައި ކަން އެނގެއެވެ.

ކޮވިޑް-19 ރާއްޖެއިން އެންމެ ފުރަތަމަ ފެނުނު އިރާ ބަލާއިރު ޙާލަތަށް މިވަނީ ވަރަށް ބޮޑެތި ބަދަލުތަކެއް އައިސްފައެވެ. އޭރު ޞިއްޙީ ޚިދުމަތްތެރިން ކެނޑި ނޭޅި ކުރަމުން ދިޔަ މަސައްކަތުން ކޮންޓެކްޓް ޓްރޭސިން ހަދައި، އެގޮތް މިގޮތުން ބަލި ފެތުރޭ ގޮތްތަކާއި ބަލި ޖެހެނީ ކާކުގެ ކިބައިންކަން ހޯދުނަސް މިހާރު މި އޮތީ މިބަލި ޖެހެނީ ކާކުގެ ޒަރިއްޔާއިން އަދި ކިހިނެއްކަން ނޭނގޭ ހިސާބަށް ކަންކަން ދާން ފަށައިފައެވެ.

ހައި ރިސްކު މީހުންނަށް ބަލި ޖެހޭ މިންވަރު އިތުރުވެ ކޮވިޑް-19 ޖެހިގެން އެޑްމިޓް ކުރާ މީހުން ގިނަވެއްޖެއެވެ. ވޭތުވެދިޔަ 24 ގަޑިއިރެއްހާ އިރުގެ ތެރޭގައި ކޮވިޑް-19 ޖެހިގެން ދެ ދިވެއްސަކު ވަނީ ނިޔާވެފައެވެ. އެކަމުން ވެސް ކަމުގެ ސީރިއަސްކަން ހާމަވެއްޖެއެވެ.

އެންމެ ފުރަތަމަ މިބަލި ރާއްޖެއިން ފެނުމާއި އެކު މާލެ ސަރަހައްދުން ފެނިގެން ދިޔައީ މި ބަލި ނެތް ކަމަށް ބުނެ ގިނަ ބަޔަކު ކަންފަސޭހަކޮށް މަންޒަރެވެ. ސަރުކާރުން އެޅި ފިޔަވަޅުތައް މާނަކުރީ އެއީ ސަރުކާރުން ރައްޔިތުންނަށް ކުރާ ޖެއްސުމެއްގެ ގޮތުގައެވެ. އެންމެ ފުރަތަމަ ގިނަ މީހުން އެއްތަނަކަށް އެއްވެ ނޫޅުމަށް ސަރުކާރުން އިލްތިމާސް ކުރިއެވެ. އެކަމަކު، ސަރުކާރުގެ އެދުމަށް ބޯލެނބީ މަދު ބައެކެވެ.

ޖަލު އޮފިސަރެއްގެ ސުންކު ނަގަނީ

ސަރުކާރުގެ އެދުމަށް ފުރަގަސް ދިނުމުގެ ނަތީޖާއަކީ މާލޭގައި ބަލި ފެތުރެން ފެށުމެވެ. އެހާ ހިސާބުން ރާއްޖެ ފުރަބަންދަކަށް ދިޔައެވެ. ފުރަބަންދަކީ ރާއްޖޭގައި ކޮވިޑް-19 ފެތުރުން ކޮންޓްރޯލް ކުރުމަށް ސަރުކާރުން އެޅި އެންމެ ވަރުގަދަ އެއް ފިޔަވަޅެވެ. ހުއްދަ ނެތި ބޭރަށް ނުނިކުމެވޭ ގޮތަށް ހަމަޖެއްސި ނަމަވެސް، ބައެއް މީހުން އެ ކަމަށް ވެސް ބޯލެނބި މަންޒަރެއް ނުފެނެއެވެ.

މާލެ އިން އޭރު ދުވާލެއްގެ މައްޗަށް ޖޫރިމަނާ ކުރާ މީހުންގެ އަދަދު ވެސް 100 އަށްވުރެ ގިނައެވެ. އެކަމަކު އާންމުން ހޭލުންތެރިވުމާއި ފުލުހުން 24 ގަޑިއިރު މާލޭ މަގުތައް މަތީގައި ފޯރިއަށް ތިބެ ކުރި މަސައްކަތުންނާއި ސިއްހީ ހިދުމަތްތެރިން އަދި އެހެން ކަމާބެހޭ އިދާރާތަކުން ކުރަމުން ދިޔަ މަސައްކަތާއެކު ބަލި ޖެހިފައި ތިބި މީހުންގެ އަދަދު ދެހާހާ ގާތްވެފައި އޮއްވައި ބަލި ފެތުރުން ކޮންޓްރޯލް ކުރިއެވެ.

ކޮވިޑް-19 އަށް ސުންކު ނެގުމުގެ މަސައްކަތް އެޗްޕީއޭ އިން ކުރަނީ؛- ވަގުތު އިމޭޖަސް- މުހައްމަދު އަފްޒަލް

އޭރު ސްކޫލްތަކާއި ސަރުކާރުގެ މުހިންމު ޚިދުމަތްތައް ފޯރުކޮށްދޭ އިދާރާތައް ވެސް ބަންދުކޮށްފައި ހުންނަތާ އެތައް ދުވަހެއް ވެއްޖެއެވެ. އެއަށްފަހު ސަރުކާރުން ފުރަބަންދަށް ލުއިތަކެއް ދޭން ނިންމިއެވެ. އެކަމަކު، މާލެ ތެރެއިން ދެން ފެނުނީ މާ ހިތްގައިމު މަންޒަރެއް ނޫނެވެ.

އާއިލީ ބައްދަލުވުންތަކާއި އެހެނިހެން ބައްދަލުވުންތައް ފެށިއެވެ. ގޭގެއަށް ޒިޔާރަތް ކުރަން ފެށިއެވެ. ހަވީރު ފިންޏަށް ދުއްވާލަން ދާން ފެށީއެވެ. ނަމެއްގައި ދަތްދޮޅީގައި މާސްކު އަޅައިގެން ފިކުރެއް ޚިޔާލެއް ނެތި ކޮފީތަކަށް ދާން ފެށީއެވެ. އަހަރުމެންގެ ތެރޭގައި ތިބި މަދު ބައެއްގެ ޢަމަލުތަކުގެ ސަބަބުން މިހާރު އެ ނުރައްކަލާ ކުރިމަތިލާން ޖެހިފައި ވަނީ، ގޭގައި "ބަސް" އަހައިގެން ތިބި ރައްޔިތުންނަށެވެ.

ދިގު ފުރަބަންދަކަށް ފަހު އަލުން މާލޭގެ މަގުތަކަށް ނުކުތުމުގެ ހުއްދަ ދިނުމާ އެކު، އާއިލާގެ މެމްބަރުންތަކެއް މާސްކް އަޅައިގެން އުސްފަސްގަނޑު ސަރަހައްދުގައި މަޑުކޮށްލައިގެން. --- ވަގުތު އިމޭޖަސް: އިބްރާހިމް ޝާބިލް

އަދިވެސް މިކަން "ސީރިއަސް"ކޮށް ނަގަނީ މަދު ބައެކެވެ. ކޮންމެ ކަމެއް ވެސް ކުރަނީ ބަޔަކު ފަހަތުން ނުކުމެ ނަސޭހަތް ދީގެން ނުވަތަ އަދަބު ދީ ޖޫރިމަނާ ކުރަން ފެށީމައެވެ. ބަލި ފެތުރެމުން ގޮސް މި ބަލި ރާއްޖެއިން ފެނުނު މިންވަރު އެންމެ ފަހުން 4،000 އަށް އެރީއެވެ.

ރާއްޖޭގައި މިހާރު އޮތް ހާލަތާ ގުޅިގެން ހެލްތު މިނިސްޓަރު ޢަބްދުﷲ އަމީން ވަނީ ރާއްޖެ ނުރައްކާތެރި އަނދަވަޅަކަށް ވައްޓާނުލުމަށް ނަޞޭޙަތްތެރި ވެވަޑައިގެންފައެވެ. އަދި މި ބައްޔަށް ފަރުވާއެއް ހޯދިއްޖެ ނަމަވެސް އެފަރުވާއެއް އެންމެ އަވަހަށް ގެންނަ ޤައުމުތަކުގެ ތެރޭގައި ރާއްޖެ ހިމެނުމަށް އަމީން ގެންދަވަނީ ބައިނަލްއަޤުވާމީ ފެންވަރުގައި މަސައްކަތް ކުރައްވަމުންނެވެ.

"އޮގަސްޓު މަހަކީ އަޅުގަނޑުމެންނަށް އުނދަގޫ މަހަކަށް ވެގެންދާނެ، މިގޮތުން ދުވާހަކު 200 އަށް ވުރެ ގިން ކޭސް ފެނިގެން ހިނގައިދާނެކަމުގެ އިންޒާރު ހާލަތު ދިރާސާ ކުރައްވާ ފަރާތްތަކުން ވަނީ ދެއްވާފައި،" އަމީން ވަނީ ވިދާޅުވެފައެވެ.

ކޮވިޑް-19 ހަމައެކަނި ފެތުރެނީ ރާއްޖޭގައި އުޅޭ ބޭރު މީހުންގެ އިހުމާލުން ކަމަށް ބުނެ ވާހަކަ ދައްކަމުން އައި މީހުންގެ އަނގަތައް މިހާރު ބަންދުވެއްޖެއެވެ. ރާއްޖެއިން ކޮވިޑަށް ފައްސިވި ބިދޭސީންނަށްވުރެ ފައްސިވި ދިވެހިންގެ އަދަދު ވަނީ އުފުލިފައެވެ. ޒިންމާ ނަގާނެ މީހަކު ނެތެވެ. ކޮންމެ ކަމެއްގައިވެސް ސަރުކާރުން އަޅާ ފިޔަވަޅުތަކުގެ ދޯދިޔާ ކަމުން ކަމަށް ބުނެ ވާހަކަ ދައްކަމުން އަމިއްލަ ޒިންމާއެއް އޮންނަކަން ހަނދާން ނައްތާލައިގެން އުޅުނު މީހުން ކުރި ކުށުގެ އަދަބު ހުރިހާ ދިވެހިންނަށްވެސް ލިބިއްޖެއެވެ.

ފުރަބަންދަށް ދިން ލުޔާއެކު މާލޭގެ މަގުމަތި ހަލަބޮލިވެފައި. -- ވަގުތު އިމޭޖެސް: އިބްރާހިމް ޝާބިލް

މުޅި ރާއްޖެ އެކަމަކަށް ބަރޯސާވެގެން އޮންނަ ފަތުރުވެރިކަން ކުރިއެރުވުމަށް އެންމެން ހިންމަތާއެކު މަސައްކަތް ކުރަންވީ ވަގުތު އަނެއްކާވެސް ބަލިމަޑުކަމުގެ ދެވަނަ ރާޅު ދިވެހިންގެ ތެރެއަށް ބިންދާލާކަމުގެ ރަތް ސިގުނަލް ފެންނަން ފަށައިފިއެވެ. އެތައް ދިވެހިންނެއްގެ ވަޒީފާތައް ގެއްލި އާއިލާތައް ދަނީ ބިކަވަމުންނެވެ.

މި ބަލީގެ ސަބަބުން ރާއްޖޭގެ ހާލަތު މިހާ ހިސާބަށް ގޮސްފައި އޮތް އޮރު އަދިވެސް ބަލިން ރައްކާތެރިވުމަށް އަމިއްލައަށް ޒިންމާއެއް އުފުލުމުގެ މުހިންމުކަމާއި މެދު ވިސްނާލަން ނުވޭ ހެއްޔެވެ. އިޓަލީ އާއި، ސްޕެއިން، އަދި އެމެރިކާފަދަ ބޮޑެތި ގައުމުތަކުން ވެސް އިރުޝާދުތަކަށް ފުރަގަސްދީ މުޅި ގައުމު ބަލިމަޑުކަމުގެ ތެރެއަށް ވައްޓާލައިގެން، ގައުމުތައް ހަލާކުވަމުން އެ އަންނަ ތަންތަން ބަލައި އިބުރަތެއް ހޯދައި، މާ ލަސްނުވަނީސް ރާއްޖެ ސަލާމަތް ކުރުމަށް އެންމެން މަސައްކަތް ފެށުން މުހިންމެވެ.

ކިޔުންތެރިންގެ ހިޔާލު

3 ކޮމެންޓް

  1. އަހަރެން

    ވަރަށް ރަނގަޅު ވާހަކައެއް. ވަރަށް އިބްރަތްތެރި.. ސާބަހޭ ވަގުތު ކުދިން..
    ނަމަވެސް މާލޭގެ މީހުންގެ ގޮތް ދޫނުކުރާކަން.. އަމިއްލަ ނަފްސުވެސް މިބަލިން ރައްކާތެރިކުރަން ބޭނުންނުވާ ހާލު އެހެން މީހުންގެ ނަފްސުވެސް މި ބަލިން ރައްކާތެރިވާން ނޭދޭ. ހާދަ ދެރައޭ.
    ކޮބާ ދިވެހިންގެ އެއްބައިވަންތަ ކަން؟ ކޮބާ ދިވެހިންގެ އެކުވެރިކަން؟ ކޮބާ ފަރުދީ ޒިންމާތައް؟ ކޮބާ އަމިއްލަ ރައްކާތެރިކަން؟ ހެޔޮނުވާނެ. ގޭގައި މަޑުކޮށްލަ ދީބަލަ. މިއީ އާބާދީ ކުޑަ ގައުމެއްކަން ހަނދާނުގަ ބަހައްޓަބަލަ. 215 އަކީ ކުޑަ ނަންބަރެއް ނޫނޭ. 149 އަކީ ކުޑަ ނަންބަރެއް ނޫނޭ. އެތައް ބަޔަކު ބިރުވެރިކަމެއްގެ ތެރޭގައި. އެތައް ބަޔަކު ގޮތް ހުސްވެ މާޔޫސްވެފައި.. އެތައް ބަޔަކު ޑިޕްރެޝަންގައި.. ކާކު މިކަމަށް ވިސްނަނީ.
    ~ރައްޔިތުންގެ ރައްކާތެރިކަން. ރައްޔިތުންގެ މުށުތެރޭގައި.~
    ރައްކާތެރިވޭ. ނޫނީ ގިނަ ބަޔަކު ގެއްލިދާނެ.

    9
    3
  2. އޮޅުވާލި ވޯޓު

    ނީހުނައް ބިރުދައްކަނީ އޮޅުވާލަނީ ވައްކަންކުރަނީ ޓެސްޓުނަހަދާވެސް މެސެޖުއެބަކުރޭ ޕޮޒެޓިއުވެއްޖެޔޭކަލެ މިހެންކިޔާފަ

  3. އަރީ

    ބިރު ބޮޑެއްނޫން. ބިރުބޮޑުކަމަށް ދައްކުވަނީ. ފައްސިވާ %99 މީހުނަކަށް ތިޔަކިޔާ އެއްޗަކަށް ފައްސިއޭ ބުނީމަ ލިބެނީ ހައިރާންކަމެއް. ޢެއްވެސް އަލާމާތެއް ނުހުރޭ. ދެން ކޮން ބިރެެއް. ކޮވިޑް ނަމުގަ ބިރު ގަންނަވަން ތިއުޅެނީ. ބޭރުގެ އެހީހޯދަން.