ރާއްޖޭގައި މިހާރު އަމަލުކުރަމުންދާ ފެހި ގާނޫނުއަސާސީ އާއެކު ސިޔާސީ ގޮތުންނާއި ފަރުދީ ގޮތުން ދިވެހިންނަށް ކުރިން ލިބިފައި ނެތް އެތައް ހައްގެއް ކަށަވަރުކޮށްދިނެވެ. އޭގެ ތެެރޭގައި ޚިޔާލު ފާޅުކުރުމުގެ މިނިވަންކަމާއި އެއްވެ އުޅުމުގެ މިނިވަންކަން ވެސް ހިމެނެއެވެ. އެގޮތުން، ގާނޫނުއަސާސީގެ 32 ވަނަ މާއްދާގެ ދަށުން ދައުލަތުގެ ހުއްދައެއް ކުރިން ހޯދުމަކާ ނުލައި ސުލްހަވެރިކަމާއެކު އެއްވެ އުޅުމުގެ މިނިވަންކަން ކޮންމެ މީހަކަށް ލިބިގެންވާ ކަމަށާއި ސުލްހަވެރިކަމާއެކު އެއްވެ އުޅުމުގެ މިނިވަންކަމުގެ ގާނޫނުގެ 13 ވަނަ މާއްދާގެ ދަށުން ހުއްދަ ހޯދުމަކާ ނުލައި ސުލްހަވެރިކަމާއެކު އެއްވެއުޅުމުގެ ހައްގު ކޮންމެ ދިވެހި ރައްޔިތަކަށް ލިބިފައިވާކަން ބަޔާންކޮށްފައިވެއެވެ.

ނަމަވެސް އެއްވެ އުޅުމުގެ ގާނޫނު އިސްލާހުކޮށް، ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމްގެ ވެރިކަމުގައި، އޭރު މަޖިލީހުގައި އޮތް ސަރުކާރުގެ މެޖޯރިޓީގެ ބޭނުންކޮށްގެން، މާލޭގައި މުޒާހަރާ ކުރުމުގެ ފުރުސަތު ދޭނީ ހަމައެކަނި ކާނިވާ ސަރަހައްދުގައި ކަމަށް ކަނޑައެޅިއެވެ.

އެ ނިންމުމަށް ސިޔާސީ ގޮތުން ތަފާތު އެތައް ފާޑު ކިޔުމެއް އަމާޒުވިއެވެ. އެއީ ގާނޫނުއަސާސީއިން ލިބޭ ހައްގެއް އޮބަހެއްޓުން ކަމަށާއި ޑިމޮކްރަސީއެއްގައި އެއްވެ އުޅުމުގެ ހައްގަކީ މުހިންމު ހައްގަކަށް ވާއިރު، އެ ހައްގު ހަނިކުރުމަކީ ފިނޑިކަމެއްކަމަށް އޭރު އިދިކޮޅު ފަރާތްތަކުން އައީ ތަކުރާރުކޮށް ބުނަމުންނެވެ.

އެއްވެ އުޅުމުގެ ގާނޫނު އިސްލާހުކުރުމަކީ ރައީސްގެ ވައުދެއް!

ހުވާކުރެއްވުމުގެ ރަސްމިއްޔާތުގައި ރައީސް ސޯލިހު ވާހަކަފުޅު ދައްކަވަނީ- ފޮޓޯ: ރައީސް އޮފީސް

ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވެރިކަމަށް ވަޑައިގަންނަވަން ފައިންޕުޅު ނެންގެވި ހިސާބުން ފެށިގެން، އެންމެ އަޑުހަރުކޮށް އެންމެ ގިނައިން ވެވަޑައިގެންނެވި ވައުދަކީ އެއްވެ އުޅުމުގެ މިނިވަންކަން ހިފެހެއްޓުމެއް ނެތި ހޯދައި ދެއްވާނެ ކަމުގެ ވާހަކައެވެ. ހއ.ތުރާކުނުން ފެށިގެން އައްޑޫ އާއި ހަމައަށް ކެމްޕެއިން ކުރައްވަން ވަޑައިގެންނެވި ކޮންމެ ރަށެއްގެ ޕޯޑިއަމްގައި ހެން އެ ވައުދު ތަކުރާރުވެސް ކުރެއްވިއެވެ.

އަދި ތަފާތު އެކި ސިޔާސީ ޕްލެޓްފޯމްތަކާއި އިންޓަވިއުތަކުގައި ވެސް އެންމެ ފުރަތަމަ ފުއްދަވާނެ ވައުދުތަކުގެ ތެރޭގައި ލިސްޓުގެ އެންމެ ކުރީގައި ހިމެނުނު އެއް ވައުދަކީވެސް އެއީއެވެ. ރައީސް ސޯލިހް ވެރިކަމަށް ވަޑައިގެންނެވިތާ އަހަރެއްވާން ކައިރިވެފައި ވަނިކޮށް، 2019 ވަނަ އަހަރުގެ އޮގަސްޓް މަހު އެއްވެ އުޅުމުގެ ގާނޫނުއިސްލާހުކުރަން ރައީސް މަޖިލީހަށް ފޮނުއްވާފައިވާ ކަމަށް ރައީސް އޮފީހުން ހާމަކުރެއްވިއެވެ.

ނަމަވެސް، 24 ގަޑި އިރުވެސް ނުވަނީސް ރައީސް އޮފީހުން ވަނީ އެ މައުލޫމާތަކީ ކުށް މައުލޫމާތެއްކަން ހާމަކުރައްވާފައެވެ.

އޭރު ސުލްޙަވެރިކަމާއެކު އެއްވެއުޅުމުގެ މިނިވަންކަމުގެ ގާނޫނަށް އިސްލާހު ހުށަހެޅުމުގެ ބިލް ރައްޔިތުންގެ މަޖިލީހަށް ހުށަހަޅަން ނިންމި ނިންމުން ރައީސް އޮފީހުން ބަދަލު ކުރީކަމެއް ނުވަތަ ނޫންކަމެއް ރައީސް އޮފީހުން ވިދާޅެއް ނުވެއެވެ.

އިސްލާހު ހުށަނާޅާ ވަނިކޮށް އެ މަޖިލީހަށް ހުށަހެޅުއްވީ ޖާބިރު!

ޖާބިރު މަޖިލީހުގެ ޖަލްސާއެއްގައި ވާހަކަދައްކަވަނީ: ފޮޓޯ މަޖިލީސް މީޑިއާ
ޖާބިރު މަޖިލީހުގެ ޖަލްސާއެއްގައި ވާހަކަދައްކަވަނީ: ފޮޓޯ މަޖިލީސް މީޑިއާ

ސަރުކާރުން އެ މައްސަލަ މަޖިލިހަށް ހުށަނާޅާ ވަނިކޮށް އެއްވެ އުޅުމުގެ ގާނޫނު އިސްލާހު ކުރަން މަޖިލީހަށް ބިލެއް ހުށަހެޅުއްވީ، ކާށިދޫ ދާއިރާގެ މެންބަރު ޢަބްދުﷲ ޖާބިރުއެވެ. މިދިޔަ އަހަރުގެ އޮގަސްޓް މަހު ހުށަހެޅުއްވި ބިލް އަދިވެސް އޮތީ މަޖިލީހުގައި ތާށިވެފައެވެ. އެ ބިލަށް އިސްލާހު އަނބުރާ ގެންދަވަން ދާދިފަހުން ޖާބިރު ވެސް ވަނީ މަސައްކަތް ކުރައްވައިފައެވެ.

ނަމަވެސް އޭރު އެ ބިލް އޮތީ ކޮމިޓީ މަރުހަލާގައިކަމުން ބިލް އަނބުރާ ގެންދިއުމުގެ ފުރުސަތު ޖާބިރުއަށް ލިބިވަޑައެއް ނުގަތެވެ.

ޖާބިރު ހުށަޅުއްވި އެ އިސްލާހު ފާސްވި ނަމަ މުޒާހަރާ ކުރުމުގެ ހައްގު އަނެއްކާވެސް ވަރަށް ފުޅާކޮށް ލިބިގެންދާނެއެވެ.

ފަހުން ޖާބިރު ވިދާޅުވީ އެ ގާނޫނު އިސްލާހު ކުރާއިރު އިތުރު ކަންތައްތައް ހިމަނަން ވިސްނެވީ، އެއްވެ އުޅުމުގެ ގާނޫނުގެ ނާޖާއިޒް ފައިދާ ނަގައިގެން ބަޔަކު ސަރުކާރު ވައްޓާލަން ރާވާފާނެތީ އެފަދަ ފުރުސަތެއް ނެތް ގޮތަށް ބިލް އިސްލާހުކުރުމަށް ކަމަށެވެ. ނަމަވެސް އެއްވެސް ހުރަހެއް ނެތި އެއްވެ އުޅުމުގެ މިނިވަންކަން ލިބޭނެ މަގު ފަހިކޮށްދެއްވާނެ ކަމަށް ޖާބިރު ވިދާޅުވިއެވެ.

އެ ބިލް ކޮމިޓީގައި ޕާކްކޮށްފައި އޮންނަތާ އަހަރެއް ވާން ކައިރިވެފައި ވަނިކޮށް، އެ ބިލް ކުރިއަށް ގެންދަން ފެށީ މެމްބަރުންގެ ޕްރެޝަ ބޮޑުވެގެންނެވެ.

އެގޮތުން ކޮމިޓީގެ މުގައްރިރު މިބިލް ޕާކުކުރެވިފައިވާ ސަބަބާއި މެދު ވިލިމާލެ ދާއިރާގެ މެމްބަރ އަހުމަދު އުޝާމްގެ އިތުރުން އެހެން މެމްބަރުންވެސް ވަނީ ސުވާލުކުރައްވާފައެވެ. އަދި ބިލް ޕާކުކޮށްފައި ގިނަ ދުވަސްތަކެއް ވަންދެން ބޭއްވުން ރަނގަޅު ނޫންކަމަށާއި މިކަމާއި ބެހޭ ގޮތުން ކޮމިޓީން ނިންމަން ޖެހޭ ކަމަށް އެ މެމްބަރުން ފާހަގަކުރެއްވިއެވެ.

އެއްވެއުޅުމުގެ ގާނޫނު ކުރިން އޮތް ގޮތަށް ބަދަލުކުރަން ބޭނުންވޭ؟

ހޯމް މިނިސްޓަރ އިމްރާން އާއި ކޮމިޝަނަރ އޮފް ޕޮލިސް މުހައްމަދު ހަމީދު - ވަގުތު އިމޭޖްސް: މުހައްމަދު ހައްޔާން
ހޯމް މިނިސްޓަރު އިމްރާން އާއި ކޮމިޝަނަރ އޮފް ޕޮލިސް މުހައްމަދު ހަމީދު - ވަގުތު އިމޭޖްސް:

އެއްވެ އުޅުމުގެ ހައްގު ހަނިކުރި އިސްލާހު އުވާލަން ރައްޔިތުންގެ މަޖިލީހަށް ހުށަހެޅި ބިލުގެ މަސައްކަތް ކޮމިޓީން ދިރާސާ ކުރަމުންދިޔައިރު ސަރުކާރުގެ ކަމާބެހޭ ފަރާތްތަކުން ކޮމިޓީއަށް ހާޒިރުކުރުމުން މިހާރު އެ ބިލް ހުށަހަޅާފައިވާ ގޮތަށް ފާސްވެއްޖެނަމަ ގައުމުގެ މަސްލަހަތު ހިފަހައްޓަން އުނދަގޫވާނެ ކަމަށް ބުނެފައިވާކަން، އެ ބިލް ދިރާސާކުރަމުންދާ ގައުމީ ސަލާމަތާއި ޚާރިޖީ ގުޅުންތަކުގެ ކޮމިޓީގެ މުގައްރިރު މަރަދޫ ދާއިރާގެ މެމްބަރު އިބްރާހީމް ޝަރީފް ވަނީ ފާހަގަ ކުރައްވައިފައެވެ.

އެގޮތުން، އެއްވެ އުޅުމުގެ ހައްގު ހަނިވާ ގޮތަށް 18 ވަނަ ރައްޔިތުންގެ މަޖިލީހުން އެއްވެ އުޅުމުގެ ގާނޫނަށް އިތުރު ކުރި މާއްދާ އުވާނުލައި އެ މާއްދާއަށް އިސްލާހުތަކެއް ގެންނަ ގޮތަށް އެއްބަސްވެވަޑައިގެން އެ އިސްލާހުތައް ހިމެނޭ ޑްރާފްޓެއް ރައްޔިތުންގެ މަޖިލީހަށް ފޮނުވާނެ ކަމަށް ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ ވަނީ މަޖިލީހުގެ ގައުމީ ސަލާމަތާއި ހާރިޖީ ގުޅުމުގެ ކޮމިޓީގައި އެދިވަޑައިގެންފައެވެ.

އެއްވެ އުޅުމުގެ ގާނޫނު މިހާރު އޮތް ގޮތުން ގާނޫނުއަސާސީގައި ކަށަވަރުކޮށް ދީފައިވާ އެއްވެ އުޅުމުގެ ހައްގު ހަނިވާކަން ފާހަގަކުރައްވައި އިމްރާން ވިދާޅުވީ، އެ ގާނޫނު އިސްލާހު ކުރަން ޖެހޭ ކަމަށެވެ.

އެ މިނިވަންކަން ދޭން ޖެހޭނީ، ރައްޔިތުންގެ ރައްކާތެރިކަން ކަށަވަރުވާ ގޮތަށް ކަމަށްވެސް އިމްރާން ވިދާޅުވިއެވެ. ހޯމް މިނިސްޓްރީން އިސްލާހުތަކުގެ ޑްރާފްޓްއެއް ފޮނުވާނެ ކަމަށް ވެސް އެ ބައްދަލުވުމުގައި އިމްރާން ވިދާޅުވިއެވެ.

މުޒާހަރާ ރޫޅާލުމަށް ފުލުހުން މަސައްކަތް ކުރަނީ. --- ވަގުތު އިމޭޖަސް: މުހައްމަދު އަފްޒަލް

މި މައްސަލައިގައި ގައުމީ ސަލާމަތާއި ހާރިޖީ ގުޅުންތަކުގެ ކޮމިޓީގައި ވާހަކަދައްކަވަމުން، ކޮމިޝަނަ އޮފް ޕޮލިސް މުހައްމަދު ހަމީދު ވަނީ އެއްވެ އުޅުމުގެ މިނިވަންކަން ހަނިކުރި އިސްލާހު އެގޮތުގައި އޮތްކަމަށް ވިޔަސް، އެއްވެ އުޅުމުގެ މިނިވަންކަން މިހާރުވެސް ފުލުހުންނަށް ދެވޭނެ އެންމެ ފުޅާދާއިރާއެއްގައި ދެމުންދާކަމަށް ފާހަގަކުރައްވާފައެވެ.

އެގޮތުން މިހާރުވެސް މާލޭގެ އެކި ސަރަހައްދުތަކުގައި ސިޔާސީ އަދި ސިޔާސީ ނޫންވިޔަސް އެއްވެ އުޅުމުގެ ފުރުސަތުދޭ ކަމަށާއި ނަމަވެސް އަމަން އަމާންކަން ގެއްލޭ ފަދަ އެއްވެސް ކަމެއް ކުރުމުގެ ފުރުސަތު ނުދެވޭނެ ކަމަށް ހަމީދު ވިދާޅުވިއެވެ.

އެހެންކަމުން ގާނޫނުއަސާސީގައި ކުރިން ދިން މިނިވަންކަން އިއާދަކުރަން އިދާރާތަކުން ބޭނުން ނުވާކަން ސާފުކޮށް ހާމަވެއެވެ. އެކަަމަށް ހެކިދޭ އިތުުރު އަނެއް ކަމަކީ، ފަހަކަށް އައިސް މާލޭގައި އެކިކަންކަމާ ގުޅޭ ގޮތުން އަޑު އުފުލާ އެއްވެ އުޅުން ފެށުމާއެކު ހޯމް މިނިސްޓްރީން ކަނޑައަޅާފައި ވަނީ ހުއްދަ ހޯދުމެއް ނެތި މާލޭގައި މުޒާހަރާ ކުރެވޭނީ ކާނިވާ ސަރަހައްދުގައި އެކަނި ކަމަށް އެ ވުޒާރާއިން އެންގުމެވެ.

އެ އިސްލާހާ ދެކޮޅަށް ކުރިން އެންމެ ބޮޑަށް އަޑުއުފުލި މިހާރު ވެރިކަން ކުރާ ކޯލިޝަންގެ މައި ޕާޓީ އެމްޑީޕީގެ ސުޕަ މެޖޯރިޓީ އޮތް ނަމަވެސް އެއްވެ އުޅުމުގެ ގާނޫނު އިސްލާހުކުރަން އިސްކަން ދީފައި ނުވުމުން، އެ މަސައްކަތުގައި އިހުލާސްތެރިކަން އޮތް މިންވަރާ މެދު ސުވާލު އުފެދެއެވެ.

އެއްވެ އުޅުމުގެ ހައްގު ހަނިކޮށްފައި އޮތް އޮތުން އުވައިލުމުގައި ރަައްޔިތުންގެ މަޖިލީހުން ޒިންމާ އަދާނުކުރާ ކަމަށް މި ސަރުކާރު ހިންގާ ކޯލިޝަންގައި ހިމެނޭ ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމްގެ މޯލްޑިވްސް ރިފޯމް މޫވްމަންޓް (އެމްއާރުއެމް) އިން ވެސް ވަނީ ބުނެފައެވެ. އަދި އެ ގާނޫނު އުވާލަން ޓްރާންސްޕޭރެންސީ މޯލްޑިވްސްއިން ވެސް ވަނީ ގޮވާލާފައެވެ.

ކިޔުންތެރިންގެ ހިޔާލު

8 ކޮމެންޓް

  1. އައްބާސް

    ނިމިދިޔަ ސަރުކާރުން އެއްވެ އުޅުމުގެ ހައްގަށް ފައިން އެރީތީ މާލެ ސަރަހައްދުން ތިފެންނަ ފަސޭހަތަށް ލިބިގެންދަނީ.. އެވަރުން ވެސް އޮބި ނޯވެދިޔައީ.. ސަބަބު ތަކާއިމެދު ވިސްނާ ޒިންމާދާރު ލިޔުން ލިޔެބަލަ..

    5
    3
  2. ކުޅުދުއްފުށިމީހާ

    ޢެއްނުވެވިގެން އުޅޭ ބައެއްދޯ! ޢެއްވަންބޭނުމިއްޔާ ޕިންކީން މައްކާއަށް ދާން ނޫންތަ ޔާްންޓެ ބުނެފައޮތީ ، ޔާންޓޭބުނާބަސްވެސް ނާހަންތަ މުއުޅެނީ މިހާރުކޮވިޑް ބަލިއުޅޭއިރު ރަނގަޅުމަގުޞަދެއް، ނެތްކަން އެނގިއްޖެ ،ނޫހުގަ މުޅިރާއްޖޭ ، މުޒާހަރާބާއްވަން އިއުލާންކޮށްފަ ، ކުޅުފުއްފުށީގައި ގޮވަނީ ރައްޔިތުންނަށް ބާއްވާ ބިލެއްމީރު ކޮށްލުމަކަށް ޕީޕީއެމް ހޮޅުއަށި ދޮށަށް މިރޭ 9ޖަހާއިރައް ޖަމާވުމަށް ، އަޅެ މިތެޅެނީ ހޮސްޕިޓަލް މުއައްފަުނަށް ޖެއްސުމެއް ނުކުރެވިގެންބާ. ޕޮއް..ކަތް..ޕޮއް..ކަތްތައް.

    5
    7
    • ބޯހަލާކު

      މީ ތިބުނާ ލާދީނީ ބައިގަނޑު ނަމަ މިހާރުއޮއްނާނީ މުޅިގައުމުގަ ހުޅުޖަހާފަ...!؟ ކޮރޯނާގެނަމުގަ މުޅިގައުމުކައިހުސްކުރާއިރު އޯކޭ، ޑޮލަރު 20ރ އޯކޭ، ވެންޓިލޭޓަރު އޯކޭ، ﷲއާއި ރަސޫލާއަށް ފުރައްސާރަ އޯކޭތަ.!!!!؟؟؟؟ އެމްޑީއެން، އެތެމާ އޯކޭވާނެތާ ލާދީނީ ބަޔަކައް..؟! ދެންމުޒާހަރާ އިދިކޮޅުންކުރީމަ އޯކޭއެއްނޫން....ހަހަހަ ...؟!

      9
      1
  3. އެމަންޖެ

    ނަސީދު މިގައުމުގެ ހަލާކު އެމްޑީޕީ މިގައުމުން ފޮހެލަންވެފަ އޮތް ޕާޓީއެއް.

    10
    3
  4. Anonymous

    ކޮވިޑް ދުވަސްވަރު އެއްވެ އުޅެން ޖެހޭތަ ކޮންމެހެން ހަދާފަވެސް

    5
    3
  5. ދާހިލީ

    ތިޔަބުނާ މިނިވަން ކަމެއްދީފިނަމަ ލާހިކެެެއްނޫ އެއްމެ ރެޔެއްވެސް ލޮލުފިޔައެއް ޖަހާލާކަށް
    ވެރިޔަކު ހުވާކުރާ ދުވަހު ގޮވަންފަށާނެ އިސްތިއުފާ އަނިޔާވެރިޔޭ
    އަހަރުމެން ދިވެހިން އެބަޖެހޭ ދީންދަސްކޮއް ތަހުޒީބުވާން.

    6
    2
  6. ސަލާމް

    މުޒާހިރާ ނުކުރިޔަސް މުޅި ރާއްޖޭގައި ކޮވިޑް.ކޮވިޑުން މުޅިރާއްޖެ ހަލާކުވެ ފަނާވެގެން މިދަނީ ކޮންޓްރޯލް ނުވެ. ދުނިޔޭގެ އެހެނިހެން ޤައުމް ތައްފަދައިން ބައްރުބަށްރަށް އޮންނަތަނެއްނޫން ރާއްޖެ މިއީ. ޖަޒީރާ ކޮށް އޮންނަ ތަނެއް. ވެރިކަމުގައި ތިބިމީހުންނަށް ކޮންޓްރޯލް ކުރަން އެނގުނުނަމަ މިފެންވަރަށް ރާއްޖެ ނުދާނެ. އެމްޑީޕީ އަކީ ބާސާކެނޑުމާ ދައްކާވާހަކައާ ޢަމަލާ ދިމާނުވާ ބައިގަޑި ޕާޓީއެއް.މުނާފިޤުންގެ ޢަލާމާތްތައް ފެންނަންހުރި ޕާޓީއެއް.

    4
    1
  7. ޖިހާ

    މިމީހުންނަށް 18 ވަނަ ރައްޔިތުންގެ މަޖްލީހުން ކުރިކަންތަކުން ރަނގަޅުމިވީ އެއްވެ އުޅުމުގެ މިނިވަން ކަމަށް ގެނެވުނު އިސްލާޙު އެކަނި. މިމީހުންގެ ވެރިކަން ދިފާޢުކުރުމަށް މިހާރު އެފޯމިއުލާ ރަނގަޅު ވެއްޖެ. އެހެން ޕާޓީތަކުން ކުރީމަ އެފޯމިއުލާ ރަނގަޅެއްނުވި. ވެރިކަމަށް އައުމަށް ވީ ވަޢުދު މަތީން ހަނދާން އެބަހުރިތަ؟މުނާފިގުންގެ ޢަލާމާތް ތަކުގެ ތެރޭގައި ވާހަކަ އެއްދައްކައިފިނަމަ އޭގައި ދޮގު ހިމެނޭނެ.