ހއ. ދިއްދު އަށް އުފަން ޝުޖާއު އަދުނާން، މިދިޔަ ހުކުރު ދުވަހު އުޅުނީ އޭނާގެ ރަހްމަތްތެރިންނާ އެކުގައި މަޖާ ކުރުމުގައެވެ. އެކުވެރިންނާ އެކީގައި ނޫޑުލްސް ކައްކައި، ފިނި ބުރު ޖަހަން ދިޔަ އިރު ވެސް އޭނާގެ ފަރާތުން ބަލި ކަމެއް ފާހަގަ ކުރެވިފައެއް ނުވެއެވެ. އެކަމަކު، ޝުޖާއުގެ ކުއްލި މަރާ އެކު، އޭނާގެ އެކުވެރިންނަށް އެކަން ގަބޫލު ކުރަން ދަތިވިއެވެ. އެމީހުންނަށް ވަނީ ބޮޑު ހިތްދަތިކަމެއް ލިބިފައެވެ.

ދިއްދު އަށް އުފަން އުމުރުން 36 އަހަރުގެ ޝުޖާއުއަކީ ފުލުހުންގެ ވަޒީފާގައި ދެމިހުރި ހިދުމަތްތެރި ދަރިއެކެވެ. އޭނާ ނިޔާވި ހަބަރާ އެކު ދިއްދޫގެ އިތުރުން މުޅި ރާއްޖެ އަށް ވެސް ލިބުނީ ކުއްލި ސިހުމެކެވެ.

އިލެކްޓްރޯނިކްސްގެ ދާއިރާ އިން ތައުލީމް ހާސިލްކުރުމަށް ފަހު ފުލުހުންގެ އިދާރާގައި ޚިދުމަތްކުރަމުން އައި ސާޖެންޓް ސުޖާއުއަކީ އޭނާގެ އެކުވެރިން ބުނާ ގޮތުން އެންމެންނާއި ވެސް ގުޅޭ، ހުލްގު ހެޔޮ، މަޑުމައިތިރި މިޒާޖެއްގެ މީހެކެވެ. އޭނާގެ ގާތް އެކުވެރިޔަކު "ވަގުތަށް" ކިޔާދިން ގޮތުގައި ޝުޖާއު އަކީ އޭނާގެ ގާތް މީހުންނާއި ރަނގަޅު ގުޅުމެއް ދަމަހައްޓާ ހިތްހެޔޮ މީހެކެވެ.

" މިޒާޖުގައި މަޑުމައިތިރި މީހެއް. އެންމެންނާވެސް ގުޅޭނެ. މާލޭގައި ހުރި އިރުވެސް ގުޅާނެ. ވަރަށް ގުޅުން ބާއްވާ ރަނގަޅު މީހެއް އޭނާއަކީ. ސަކާރާތް ވެސް ޖަހާނެ ވަރަށް ރައްޓެހިންނާއެކު އުޅޭނެ." އެމީހާ ބުންޏެވެ.

ހޮނިހިރު ދުވަހު ޝުޖާއު ކުޅުދުއްފުއްޓަށް ގެންދިޔައީ އޭނާއަށް ނޭވާލާން ދިމާވި އުނދަނގޫތަކާ ގުޅިގެން ކަމަށް އޭނާގެ އެކުވެރިޔާ ބުންޏެވެ. އޭގެ އެއް ދުވަސް ކުރިން ޝުޖާއު އާއެކު ވަގުތު ހޭދަ ކުރަން ފުރުސަތު ލިބުނު ކަމަށް ވެސް އޭނާ ބުންޏެވެ.

" އެއްކޮށް ގޮސް ނޫޑްލްސް ކައްކާ ގެއަށް ދިޔައީވެސް ނޫޑްލްސް ހިފައިގެން. އެހެން އުޅެފަ ބުރެއް ޖަހަންވެސް ދިޔައިން. އޭރު ސްވިމިން ޓްރެކްގެ މަސައްކަތުގައި ކަމެއް ކުރަން ދާން ޖެހޭ ވާހަކަ ބުނި. އޭރުވެސް އެތާ ކޮންމެސް ތަނެއް ހަލާކުވެފައި ހުރެގެން. އެރޭ ވަރަށް ލަސްވަންދެން އެއްކޮށް އުޅެފަ ދިޔައީ. އޭރުވެސް ބަލިވެ އުޅޭކަމެއްވެސް އެކަހަލަ އެއްވެސް ކަމެއް ނުފެނޭ." އެމީހާ ކިޔައި ދިނެވެ.

ޝުޖާއުގެ މަރާ އެކު އޭނާގެ އެކުވެރިޔާއަށް ލިބުނީ ކުއްލި ސިހުމެކެވެ. ހުރިހާ ކަމެއް ހިއްސާކުރި އެކުވެރިޔާގެ މަރު ބަލައިގަންނަން ވެސް އޭނާ އަށް އުނދަގޫވި ކަމަށް އޭނާގެ ވާހަކައިން ފާހަގަވިއެވެ.

" ހޮސްޕިޓަލުގައި ހުރި އިރު ވެސް ވިސްނީ އޭނާ ދޫކޮށްލީމަ އިންޑިއާއަށް ދާން، އިތުރަށް ޑޮކްޓަރަށް ދާން. އެވަރު ކަމެއް ވެދާނެ ކަމަށް ގަބޫލުވެސް ކުރަން ދަތި. އެންމެ ހަނދާން ވަނީ އަހަރެން ބަލިވި އިރު އޭނަ ކައިރީގައި ހުރިކަން. " އެމީހާ ބުންޏެވެ.

ޝުޖާއު ނިޔާވި އިރު އޭނާގެ އަންބަކާއި ތިން ދަރިން އެބަތިއްބެވެ. އަދި ތިން ވަނަ ދަރިފުޅު ވިހެއީ މީގެ ދުވަސްކޮޅެއް ކުރިންނެވެ. ޝުޖާއު ނިޔާވި އިރު އޭނާގެ މަންމަ އާއި ބައްޕަ ތިބީ މާލެ އަށް ކުރި ދަތުރަށް ފަހު އެނބުރި ރަށަށް އައިސް ކަރަންޓީނުގައެވެ.

ޝުޖާއުގެ އެކުވެރިޔާ ފާހަގަ ކުރާގޮތުން އޭނާ އަކީ، ޒިންމާދާރު ހަރުދަނާ ފިރިއެކެވެ. އައި މައިންބަފައިންނާއި މުޅި ދިއްދޫ ފަޚުރުވެރިވާ ފަދަ އިޚުލާސްތެރި ދަރިއެއް ކަމަށް ވެސް އޭނާ ބުންޏެވެ.

ޝުޖާއުގެ މައްޗަށް ކަށު ނަމާދުކުރުން އޮތީ ރޭ ފަތިސް ނަމާދަށްފަހު ދިއްދޫ ހުކުރު މިސްކިތުގައެވެ.

ކިޔުންތެރިންގެ ހިޔާލު

5 ކޮމެންޓް

  1. ާަ ނީމް

    Indeed we belongs to Allah
    And Indeed to him we will return

    31
    4
  2. ައަހުމަދު

    މާތްﷲ މަރްހޫމް ސުޖާއުއަށް ފާފަފުއްސަވާ ކައްވަޅުގެ އަޒާބުން ދިންނަވާ ސުވަރުގޭގެ ޖަންނަތުލް ފިރުދޯސްގެ މަތީ ދަރަޖަ މިންވަރު ކުރައްވާފާނދޭ . އާމީން

    65
    3
  3. ޫުުޔުލި

    ޥަރައް ދެރަ .

    20
    1
  4. ކެޔޮޅު

    މިއީ ދުނިޔޭގެ ހަޤާގަތް ހަމަ ކޮއްމެމީހަކުވެސްދާންޖެހޭނެކަން ޔަޤީން ނޭތްގެނީ ވަގުތު ކޮއްމީހަކުވެސް ހަނދާންކުރަންވީ މަރު!

    25
  5. ޝިފާޒް

    އަޅުގަނޑާއި އެކު ވަރަށް ދުވަހު މަސައްކަތް ކުރި ފުލުހެއް . ވަރަށް ވެސް ހިތްހެޔޮ ، ރުޅި މަޑު މުވައްޒަފެއް. މާތްﷲ މަރްހޫމް ސުޖާއުއަށް ފާފަފުއްސަވާ ކައްވަޅުގެ އަޒާބުން ދިންނަވާ ސުވަރުގޭގެ ޖަންނަތުލް ފިރުދޯސްގެ މަތީ ދަރަޖަ މިންވަރު ކުރައްވާފާނދޭ . އާމީން