ތާރީހީ ލިޔުންތަކުންނާއި ފޮތްތަކުން ވަރަށް ސާފުކޮށް ފެންނަ ހަގީގަތެކެވެ. ވެރިންނަށް ފާޑުކިއުމަކީ އޭރުގެ ގާނޫނީ ހުކޫމަތުގައި ޖާގަ ދެވިފައި އޮތް ކަމެއް ނޫނެވެ. ސިޔާސީ ގޮތުންނާއި ބާރުގެ ގޮތުން ނުފޫޒުގަދަ ބޭބޭފުޅުންނަށް ފާޑު ކިޔާކަށް ނުވާނެއެވެ. ފާޑު ކިޔައިގެން ކުރިމަތިލާން ޖެހެނީ ކޮންމެ ވެސް ޒާތެއްގެ އަދަބަކަށެވެ. ގޭބަންދަކަށެވެ. ނޫނީ ރަށަކަށް އަރުވާލައި ރަށު ބަންދެއްގައި ބަހައްޓައެވެ. ހުރަގޭގައި ނޫނީ ޖަލުގައި ބަންދު ކުރެއެވެ. މި ހުދުމުހުތާރު ސިފަތަކާއި ދެކޮޅުވެ ރާއްޖެ ބަދަލު ކުރަން "ސިޔާސީ ހަރަކާތެއް" ފެށުނު ވާހަކަތައް ވެސް ފަހުގެ ތާރީހަށް ބިނާކޮށް ލިޔެފައިވާ ލިޔުންތަކުންނާއި ފޮތްތަކުން ފެނެއެވެ. އެ ހަރަކާތްތަކުގެ ބައިވެރިންނާއި ސަލާމަތީ ބާރުތަކުގެ ކުރިމަތިލުންތަކާއި ހިނގައިދިޔަ ސިޔާސީ ހަމަނުޖެހުންތަކުގެ ބާބުތައް ވެސް ތާރީހީ ފޮތްތަކުގައި އެ ވަނީ މިހާރު ރައްކާކޮށްފައެވެ.

މިހާރު އަމަލު ކުރަމުންދާ ފެހި ގާނޫނުއަސާސީގައި "ލިޔުމަކުން" ވަނީ މި ހައްގުތައް ކަށަވަރުކޮށްދީފައެވެ. ހިޔާލު ފާޅު ކުރުމުގެ މިނިވަން ކަމެވެ. އިހްތިޖާޖާއި މުޒާހަރާއާއި ހަޅުތާލުގެ ހައްގެވެ. އެއްވެ އުޅުމުގެ ފުރުސަތެވެ. ވެރިންނަށް ފާޑުކިޔުމުގެ ހުއްދަ ދެވުނެވެ. ޒަމާނީ ޑިމޮކްރެޓިކް އުސޫލުތަކަށެވެ. ގިނަ ސިޔާސީ ޕާޓީތައް އެކުލެވޭ ނިޒާމެކެވެ. ޕާޓީއަކުން ނޫނީ ޕާޓީތަކަކުން ވެރިކަން ކުރާ އިރު، އިދިކޮޅު ޕާޓީތަކުން ވެރިކަން ކުރާ ޕާޓީ ޖަވާބުދާރީ ކުރުވާ ގޮތަށެވެ. އާ ނިޒާމު ތަންފީޒު ކުރަމުންދާތާ 12 އަހަރު ވެގެން ދިޔައީއެވެ. އެކަމަކު އަދިވެސް ކުރިން އެ އޮތް އަޑުތަކާއި މަންޒަރުތަކަށް ބަދަލެއް ނާދެއެވެ. އެ ޝަކުވާތަކާއި ކަންބޮޑުވުންތައް ހަމަ އޮތީއެވެ. ތަފާތުވާ ކަމަކީ "ހުދުމުހުތާރު" ލީޑަރުންތަކެއް ހިސާރުކޮށްގެން މިހާރު އުޅެނީ "ސިޔާސީ ބާރު" ދެވިފައިވާ ޕާޓީތައް ކަމެވެ.

"ޑިމޮކްރެޓިކް" މި ލަފުޒު ވެސް ހިމެނޭ ދިވެހި ރައްޔިތުންގެ ޑިމޮކްރެޓިކް ޕާޓީ ނުވަތަ އާންމުކޮށް އެންމެން ވެސް ކިޔާ ގޮތުން ނަމަ، އެމްޑީޕީއަށް ވެސް ފާޑުކިޔުންތައް މި ވޭތުވެދިޔަ ހަފުތާތަކުގައި ވަރަށް ބޮޑަށް އަމާޒުވެގެން އެބަ އުޅެއެވެ. ޕާޓީ ތެރޭގައި "ބްރޯއެއް" އުފެދި ނުފޫޒުގަދަ ކުރާ ކަމަށް، އަބަދުވެސް އެ ޕާޓީގައި އެންމެ "ބަސް ވިކޭ" ލީޑަރު ތުހުމަތު ކުރެއްވިއެވެ. "ބްރޯ" އާ ދެކޮޅަށް "ލީޑަރު" މަސައްކަތް ކުރައްވާ ބަހުގެ ހަމަލާތައް ވެސް ދެއްވަން ފެއްޓެވީއެވެ. ސަރުކާރުގެ ސިޔާސަތުތަކާ ފަހަކަށް އައިސް ފާޑުވިދާޅުވެ އުޅުއްވާ ޕާޓީގެ ނައިބު މުގައްރިރަކު ނުކުމެވަޑައިގެން ޕާޓީގެ ކަންކަމާ މެދު ކަންބޮޑުވުން ފާޅުކުރައްވައި ވާހަކަ ދެއްކެވީއެވެ. ޕާޓީގެ ޗެއާޕާސަންއަށް ސިޓީބިޓީ ވެސް ފޮނުވީއެވެ. ޗެއާޕާސަންގެ "އާދައިގެ" ޖަވާބަށް ކަމުނުގޮސްގެން ޕާޓީގެ އެންމެ އިސް ލީޑަރަށް ވެސް ސިޓީބިޓީ ފޮނުވީއެވެ. ދެ ލީޑަރުންގެ "އަރައިރުމަށް" މީސްމީޑިއާގައި "ކާޓޫން" ދައްކައިގެން ފާޑުކިޔުމުން މިހާރު އެ ބޭފުޅާ ހުންނެވި ޕާޓީގެ "އާދައިގެ" ހައިސިއްޔަތުން ވެސް އެއް ފަރާތްކޮށްލާފައެވެ.

މައްސަލައަކީ ކޮބައި ހެއްޔެވެ؟ ޕާޓީގެ އެހެން އާންމު މެންބަރަކު މެދުވެރިކޮށް ޕާޓީގެ ފިޔަވަޅު އަޅާ ކޮމިޓީގެ ނައިބު މުގައްރިރު ޝުއައިބް އަލީއަށް ތުހުމަތުތަކެއްކޮށް ފިޔަވަޅު އަޅާ ކޮމިޓީއަށް ގެންދެވި މައްސަލާގައިވާ ގޮތުން މައްސަލައަކީ މީސްމީޑިއާގައި ރައީސުލްޖުމްހޫރިއްޔާ އާއި ޕާޓީގެ ރައީސްއަށް ނިސްބަތްކޮށް ހުތުރު ބަސް ބޭނުން ކުރެއްވުމެވެ. ބޭނުން ކުރެއްވި ކަމެއް ފެންނާކަށް ނެތެވެ. ޕާޓީގެ އަގު ވައްޓާލަން މަސައްކަތް ކުރީއެވެ. ޕާޓީގެ މަސްލަހަތު ނަގާލަން އުޅުއްވީއެވެ. އެކަމަކު ޕާޓީގެ އަސާސީ ގަވާއިދުގައި އެއީ "ކުށެއް" ކަމަށް ރިއާޔަތްކުރެވޭނެ އެންމެ ނުކުތާއެއް ވެސް ފާހަގަކޮށްދެވިފައެއް ނުވެއެވެ.

ދެން ޕާޓީގެ ލީޑަރުންނަށް ފާޑުކިޔުމުން ފިޔަވަޅު އެޅީ ކަމަށް ނުބެލެވޭނެ ހެއްޔެވެ؟ ލިޔުމަކުން ވިޔަސް، ކުރެހަމުން ވިޔަސް އަދި އެހެން ފަންނެއް ބޭނުން ކޮށްގެން ވިޔަސް ލީޑަރުންނަށް ފާޑުކިޔުމުގެ ފުރުސަތު ނުދެވެނީ ނޫން ހެއްޔެެވެ؟

ސިޔާސީ ޕާޓީތަކުގެ އެތެރޭގެ ޑިމޮކްރަސީ އެބަ އޮތްތަ؟

ސިޔާސީ ޕާޓީތައް އުފައްދައި ގިނަ ޕާޓީ ހިމެނޭ ޑިމޮކްރެޓިކް ނިޒާމެއްގައި މުހިއްމު އެއް ބަހާއަކަށް ގައިމު ވެސް ވާނީ ޕާޓީތަކުގެ އެތެރޭގެ ޑިމޮކްރަސީއެވެ. ޕާޓީ ތަމްސީލް ކުރަން ވާނީ ޕާޓީގެ އާންމު މެންބަރުންގެ ފިކުރެވެ. ވަތަނީ ފިކުރަކަސް ހައްގުތަކުގެ ފިކުރަށް ވިޔަސް އެ ޕާޓީގެ ކޮންމެ ނިންމުމެއްގައި އެ ޕާޓީގެ އާންމު މެންބަރުންގެ ބައިވެރިވުމާއި އެ މެންބަރުންގެ ބަސް އޮންނަން ވާނެއެވެ. އެތެރޭގެ އިންތިހާބުތައް އޮންނަން ވާނެއެވެ. އިންތިހާބުތަކުން މަސްއޫލިއްޔަތު ހަވާލު ކުރެވޭ ލީޑާޝިޕް މަސައްކަތް ކުރަން ވާނީ އެ މެންބަރުން ގަބޫލު ކުރާ މައިގަނޑު ސިޔާސަތެއްގެ މައްޗަށެވެ. ލީޑާޝިޕްގެ ނިންމުންތަކަށް ހިތްހަަމަނުޖެހުން ފާޅު ކުރުމުގެ ފުރުސަތު އާންމު މެންބަރުންނަށް އޮންނަން ވާނެއެވެ.

ޕޮލިޓިކަލް އެނަލިސްޓަކު ވިދާޅުވި ގޮތުގައި ކުރީގެ ރައީސް މައުމޫންގެ ވެރިކަމުގައި ކަންބޮޑުވުމަކަށް ވެގެން ދިޔައީ ދިގު މުއްދަތެއް ވަން ދެން އެއް ވެރިޔަކު ވެރިކަމުގައި ހުރެވޭ ގޮތަށް އޮތުމުންނެވެ. އާ ނިޒާމު ގެނެސް ފަސް އަހަރުގެ ދެ ދައުރު ވެރިކަން ކުރެވޭ ގޮތަށް ބަދަލު ގެނައީ، އެކަކު ގިނަ ދުވަހު ބާރުގައި ހުރެ އޭނާ ބޭނުންވާ ގޮތަށް ދައުލަތުގެ ހުރިހާ ކަމެއް ބައްޓަން ކުރަމުން ދާތީއެވެ. އެކަމަކު ސިޔާސީ ޕާޓީތަކަށް ޖަގާ ލިބޭ އާ ނިޒާމަށް ފަހުގައި ވެސް ފެންނަ މަންޒަރަކީ ހަމަ އެ ތިބޭ އެއް ލީޑަރުންތަކެއް ޕާޓީގައި އިސްކޮށް ހުންނަ މަންޒަރެވެ. ލީޑަރަށް ފާޑުކިޔާ ފަރާތްތައް ޕާޓީން އެއް ފަރާތް ކޮށްލަނީއެވެ.

"ޕާޓީތައް އުފެދުނީއްސުރެން މި ފެންނަނީ ލީޑާޝިޕްގައި އެއް ބޭފުޅުންތަކެއް ހުންނަ ތަން، ނޫނީ ހުންނަން އުޅޭ ތަން، ފަނަރަ އަހަރު މި ދަނީ، ތިން ދައުރު މި ދަނީ، ރިޔާސީ އިންތިހާބެއްގައި ނާކާމިޔާބުވުމުން ވެސް ޕާޓީގެ އިސް މަގާމު މި ލިބެނީ ހަމަ އެ ބޭފުޅަކަށް، ޑިމޮކްރަސީތަކުގައި އިންތިހާބުތަކުން ބަލިވުމަކީ ޕާޓީ އާންމު މެންބަރުންނަށް ލީޑަރު ޖަވާބުދާރީ ވާން ޖެހޭ ކަމެއް، އެކަމަކު ރާއްޖޭގައި އެ ލީޑަރު އެބަ ޖެހޭ އަބަދުވެސް އެ ގޮތުގައި ހުންނަން، އޭނާގެ އަމުރުމައުރޫފު ތާ އަބަދު ހިނަގަން ޖެހޭ،" ހާރިޖީ ދާއިރާގައި ވެސް މަސައްކަތް ކުރައްވާފައިވާ އެނަލިސްޓް ވިދާޅުވިއެވެ.

ސިޔާސީ ދާއިރާގައި ކުރިން މަސައްކަތް ކުރެއްވި ބޭފުޅަކު ފާހަގަކުރެއްވީ އިދިކޮޅު ކޯލިޝަންގެ މައި ޕާޓީ، ޕީޕީއެމްގެ އަސާސީ ގަވާއިދެވެ. އޭނާ ވިދާޅުވީ އެ ޕާޓީގެ އަސާސީ ގަވާއިދުގައި އޮންނަ ގޮތުން ނަމަ ޕާޓީގެ ރިޔާސީ ކެންޑިޑޭޓް ކަނޑައަޅާނީ ޕާޓީގެ އެތެރޭގެ ޕްރައިމަރީ އަކުންނެވެ. އެކަމަކު ޕާޓީގެ އިންތިހާބީ ކައުންސިލްއަކުން މިހާރު ވެސް އެ ޕާޓީގެ ލީޑަރަށް ރިޔާސީ ޓިކެޓް "ތަބަކަށް" ލާފައި ދީފިއެވެ. މީގެ ކުރިން 2018 ގައި ވެސް ޕްރައިމަރީއެއް ނެތި ރިޔާސީ ޓިކެޓް ދިނެވެ. އޭރު އެ ކަން ކުރީ އަސާސީ ގަވާއިދުގެ މާއްދާއެއްގެ ތެރެއިން ލިބިފައި އޮތް "ހަނި" ޖާގައަކުންނެވެ.

އޭނާ ދެން ފާހަގަކުރެއްވީ އެމްޑީޕީގެ އަސާސީ ގަވާއިދުގައިވާ ކަމެކެވެ. އެއީ އެ ޕާޓީގެ އެންމެ އިސް ލީޑަރަކީ ޕާޓީ ވެރިކަމުގައި އޮންނަ ނަމަ، ރައީސުލްޖުމްހޫރިއްޔާއެވެ. ރަައީސް ނަޝީދު ވެރިކަމުގައި ހުންނެވި އިރު ވެސް އެ ގޮތް އެ މާއްދާ އެ ގޮތުގެ މަތިން ތަންފީޒު ކުރެއްވި ކަމެވެ. ޕާޓީގެ އިސް ލީޑަރުގެ ހައިސިއްޔަތުން ރައީސް ނަޝީދު އޭރު ޕާޓީއަށް އިރުޝާދު ދެއްވިއެވެ. ޕާޓީ ހިންގެވުމުގައި އަބަދުވެސް ނަޝީދުގެ އިރުޝާދު ހޯދައެވެ. އެކަމަކު މިއަދު އެއް ބަޔަކު އެ މާގަމު ހެދީ "އޮނަރަރީ" މަގާމަށެވެ. ޕާޓީގެ އިސް ލީޑަރަސް ރައީސް އުޅުއްވަން ޖެހޭނީ ގައުމު ހިންގަވަން ކަމަށް ބުނެއެވެ. ޕާޓީ ހިންގަވާނީ ޕާޓީގެ ރައީސް ކަމަށް ވެއްޖެއެވެ. ލީޑަރު ތަފާތުވާނަމަ މާއްދާ ތަންފީޒުވާ ގޮތް ވެސް ތަފާތު ވަނީއެވެ.

ޑިމޮކްރަސީއެއްގައި ސިޔާސީ ޕާޓީތަކުގެ ހަރަކާތްތަކަކީ އަބަދުވެސް އެންމެ މުހިއްމު ރޯލު އަދާ ކުރާ މުއައްސަސާއެވެ. ދެފުށްފެނުމާއިި ގާނޫނުތަކާއި ގަވާއިދުތަކާއި ޕާޓީގެ އެތެރޭގެ އަސާސީ ގަވާއިދު ތަންފީޒުކުރުމާއި ލީޑާޝިޕްއިިން އާންމު މެންބަރުންނަށް ޖަވާބުދާރީ ވުމަކީ އެ މުއައްސާސާގައި ވެސް އެންމެ އަސާސީ ރުކުންތަކެވެ. ޕާޓީގެ އާންމު މެންބަރަކު ލީޑަރަށް ފާޑުކިޔައިގެން ފިޔަވަޅު އެޅޭ ގޮތަށް އަސާސީ ގަވާއިދު އޮތުމަކީ ވެސް ޑިމޮކްރެޓިކް ހަމަތައް ނެތުމެވެ. ޑިމޮކްރަސީގެ ހަމަތައް ޕާޓީތަކުގެ އެތެރޭގައި ފަރިތަ ނޫނީއެވެ. އަދިވެސް މި ފެންނަނީ ތާރީހީ ލިޔުންތަކުން މާޒީގައި ފެނިިގެން ދިޔަ "ސަގާފަތެއް" އަދި އަދަށް ވެސް އެކި ސިފަސިފައިގައި އޮންނަ މަންޒަރެވެ.

ކިޔުންތެރިންގެ ހިޔާލު

6 ކޮމެންޓް

 1. މޮޔަސޮރު

  ތިއީ ދޮންވެ ފާވެފައިވާ ޑިމޮކްރަސީގައި އޮންނަ ގޮތް، ޚުދުމުޚްތާރު ވެރިންގެ ސިފަ

  27
 2. އިބުރާހީމް

  އެއީ ޑިމޮގްރަސީ އެންޑީޕީ އަކީ ނަމުން ޑިމޮގްރަސީ ކަމުން އެޓިލަރު

  33
 3. އިންޑިއާ އައުޓް

  އިންޑިއާ އައުޓް އިންޑިއާ އައުޓް އިންޑިއާ އައުޓް އިންޑިއާ އައުޓް އިންޑިއާ އައުޓް އިންޑިއާ އައުޓް އިންޑިއާ އައުޓް އިންޑިއާ އައުޓް އިންޑިއާ އައުޓް އިންޑިއާ އައުޓް އިންޑިއާ އައުޓް އިންޑިއާ އައުޓް އިންޑިއާ އައުޓް އިންޑިއާ އައުޓް އިންޑިއާ އައުޓް އިންޑިއާ އައުޓް އިންޑިއާ އައުޓް އިންޑިއާ އައުޓް އިންޑިއާ އައުޓް އިންޑިއާ އައުޓް އިންޑިއާ އައުޓް އިންޑިއާ އައުޓް އިންޑިއާ އައުޓް އިންޑިއާ އައުޓް އިންޑިއާ އައުޓް އިންޑިއާ އައުޓް އިންޑިއާ އައުޓް އިންޑިއާ އައުޓް އިންޑިއާ އައުޓް އިންޑިއާ އައުޓް އިންޑިއާ އައުޓް އިންޑިއާ އައުޓް އިންޑިއާ އައުޓް އިންޑިއާ އައުޓް އިންޑިއާ އައުޓް އިންޑިއާ އައުޓް އިންޑިއާ އައުޓް އިންޑިއާ އައުޓް އިންޑިއާ އައުޓް އިންޑިއާ އައުޓް އިންޑިއާ އައުޓް އިންޑިއާ އައުޓް އިންޑިއާ އައުޓް އިންޑިއާ އައުޓް އިންޑިއާ އައުޓް އިންޑިއާ އައުޓް އިންޑިއާ އައުޓް އިންޑިއާ އައުޓް އިންޑިއާ އައުޓް އިންޑިއާ އައުޓް އިންޑިއާ އައުޓް އިންޑިއާ އައުޓް އިންޑިއާ އައުޓް އިންޑިއާ އައުޓް އިންޑިއާ އައުޓް އިންޑިއާ އައުޓް އިންޑިއާ އައުޓް އިންޑިއާ އައުޓް އިންޑިއާ އައުޓް އިންޑިއާ އައުޓް އިންޑިއާ އައުޓް އިންޑިއާ އައުޓް އިންޑިއާ އައުޓް އިންޑިއާ އައުޓް އިންޑިއާ އައުޓް އިންޑިއާ އައުޓް

  38
 4. ޖިންނި

  ނާކާމިޔާބު ވުމުގެ އިތުރުން ފިނޑި ކަމުން ފިލި ދޮގުހަދައިގެން މަކަރާއި ހީލަތުން ޕާރޓީ ކުދިންނާ މައިދާން ދޫކޮށް ފިލާގެން ޤައުމުން ބޭރަށް ދިޔަ އެވަރުންވެސް މަތި ފަޑީގަ ހުންނަންވީ ހަމަ އެމީހާ

  18
 5. ކާފަގެ ކުޑަރަތްފޮތުން

  އިންސާނާ އެންމެ އުފާ ވަނީ އޭނާއަށް ތައުރީފު ކުރުމުންނެވެ. އޭނާ އެންމެ ރުޅި އަންނަނީ އޭނާއާ ދެކޮޅަށް ފާޑު ކިޔުމުންނެވެ.

  20
 6. ބޭހޮއްކޮ

  ތިޔަޕާޓީތަކަކީ މިގައުމުގަ އޮއް ރައްޔިތުންގެ މެދުގައި އޮތް އެކުވެރިކަން ނަގާލާ ރައްޔިތުން ބައިބައިކޮއް ފަސޭހަ ކަންމަތީގަ ވެރިކަމުގަ ރައްޔިތުންކުރާމަސައްކަތުން ޓެކުހުގެ ނަމުގަ ރުފިޔާ ނަގައިގެން ރައްޔިތުން އަޅުވެތި ކުރަން ހަދައިގެން އުޅޭ ޕާޓީތަކެއް ރައްޔިތުންނައް ދޮންކަޅު އަންގާ ނުލާ ފަޅުތަކާ ރައްތައް ބޭރުގެ މީހުންނައް ހިބައިން ކަމައް ހަދާފައި ދީގެން ޖީބުފުރަމުންދާބަޔެއް މިހާ ތަނައް ފެނިފައި ހުރީ މިބުނި ސިފަތައް ރައްޔަތުން ވިސްނައްވީ ރައްޔިތުން ދެއްތޯ މިމީހުންނައް ބާރު މިދެނީ 3000 މީހުން ހަމަނުވަންޏާ ޕާޓީއެއް ރަޖިސްތަރީއެއް ނުވޭ ވީމާ މިހާރުވެސް ރައްޔިތުންގެ ބާރު އެބައޮއް ޕާޓީއަކުންވީފައިދާ އެއް ވެސް ރައްޔިތަކައް ނެއް ދެންކީއްކުރަންތޯ ޕާޓީގަ މެންބަރަކައް ވަނީ