ޝެއިހް ސަބާހް އަލް އަހުމަދު އަލް ޖާބިރު އަލް ސަބާހް މިއަދު އަވަހާރަވުމާއި އެކު ފާއިތުވި ބައި ގަރުނެއްހާ ދުވަހު ދުނިޔެ އާއި ގަލްފު ގައުމުތަކުގެ ސުލްހައަށް އެންމެ ގިނަ މަސައްކަތްތައް ކުރެއްވި އެއް ޑިޕްލޮމެޓް އަބަދުގެ އަބަދަށް އަޅުގަނޑުމެންނާއި ވަކިވެގެން ދިޔައީއެވެ. ޝެއިހް ސަބާހް އުފަންވެވަޑައިގެންނެވީ 1929 ވަނަ އަހަރުގެ ޖޫން މަހުގެ 16 ގައި އެވެ. މިއަދު ޝެއިހް ސަބާހު އަވަހާރަވިއިރު އޭނާ ހުންނެވީ ކުވައިތުގެ އަމީރުގެ މަގާމުގައި އެވެ. އޭނާ އަކީ އަހްމަދު އަލް ޖާބިރު އަލް ސަބާހުގެ 4 ވަނަ ދަރިކަލުންނެވެ. 91 އަހަރުފުޅުގައި އޭނާ އަވަހާރަވިއިރު އޭނާގެ ހަޔާތުގެ ބޮޑުބައި ހޭދަކުރެއްވީ ކުވައިތާއި ގަލްފު ޤައުމުތަކުގެ ސުލްހަޔަށް މަސައްކަތް ކުރުއްވުމުގައި އެވެ.

2006 ވަނަ އަހަރުގެ ޖަނަވަރީ މަހުގެ 29 ވަނަ ދުވަހު ކުވައިތުގެ އަމީރު ކަމާއި ސަބާހު ހަވާލުވެވަޑައިގެންނެވި އިރު އޭނާ ވަނީ ކުވައިތުގެ ފޮރިން މިނިސްޓަރުކަން ސާޅީހަކަށް އަހަރު އަދި ބޮޑުވަޒީރުކަން 13 ވަރަކަށް އަހަރު ކުރައްވާފައެވެ. އެ މުއްދަތުގައި ސަބާހް ވަނީ ގަލްފް ކޯޕަރޭޝަން ކައުންސިލުގެ ލީޑާރޝިލް ކަމުގައި ހުންނަވައި ގަލްފުގެ ޤައުމުތަކާއި ޕާކިސްތާން، ތުރުކީވިލާތް، ބަންގްލަދޭޝް، ފަލަސްތީން އަދި ޖޯޑަންގެ ސުލްހަޔަށް އެތައް މަސައްކަތެއް ކުރަށްވާފައި އެވެ.

ފަލަސްތީނުގެ ދާހިލީ މައްސަލަތައް ހައްލު ކުރުމަށް ޝައިހް ސަބާހް ވަރަށް ބޮޑަށް ބާރުއެޅުއްވެވިއެވެ. ހަމާސް ޖަމާޢަތާއި ފަތަހަ ޖަމާޢަތުގެ ދެމެދުގައި އުފެދިފައި އޮތް ނުތަނަވަސްކަން ހައްލު ކުރުމަށް ވަރަށް ގިނައިން އެދެޖެމާއަތުގެ ވެރިންނާއި މަޝްވަރާ ކުރެއްވެވިއެވެ. ފަތަހަ ޖަމާޢަތާއި ހަމާސް ޖަމާއަތުގެ ދެމެދުގައި 2007 ވަނަ އަހަރު އުފެދުނު ނުތަނަވަސްކަން އެއްކޮށް ހައްލުނުވި ނަމަވެސް މައްސަލަ އިތުރަށް ގޯސްނުވެ އޮތް އެއް ސަބަބަކީ ޝައިހް ސަބާހް ސިއްރާއި ފާޅުގައި ދެޖަމާޢަތުގެ ވެރިންނާއި އެކު ކުރެއްވެވި މަޝްވަރާތައް ކަމަށް ތަޖުރިބާކާރުން ވިދާޅުވެއެވެ.

ޝައިހް ސަބާހް އިސްރާއީލުގެ އަނިޔާވެރިކަމާއި ދެކޮޅަށް ފާޅުގައި އަޑުއުފުއްލެވިއެވެ. އަރަބި ގައުމުތަކުން މިހާރު އިސްރާއީލާއި ހާރިޖީ ގުޅުން ގާއިމު ކުރަމުން ގެންދިޔަ ނަމަވެސް ކުވޭތުން ބުނެފައި ވަނީ އެގައުމު ވާނީ އިސްރާއީލާއި ހާރިޖީ ގުޅުން ގާއިމު ކުރާ "އެންމެ ފަހު ގައުމަށް" ކަމަށެވެ. އިސްރާއީލާއި ހާރިޖީ ގުޅުން ގާއިމު ކުރާނީ ފަލަސްތީނަށް މިނިވަން ވަކި ދައުލަތެއް ހިންގުމުގެ ފުރުސަތު ލިބުނު ދުވަހަކުން ކަމަށް ވެސް ކުވޭތުން ވަނީ ބުނެފައެވެ.

ސައުދީ އަރަބިއްޔާ އާއި ޔޫއޭއީ އިސްވެ އޮވެ ޤަތަރާއި ގުޅުން ކަނޑާލި މައްސަލައަށް ހައްލެއް ގެނައުމަށް ވެސް އެންމެ ބޮޑަށް މަސައްކަތް ކުރެއްވި އެއް ލީޑަރަކީ ޝައިހް ސަބާހް އެވެ. ބައިބައިވުމުގެ ސަބަބުން އެއްވެސް ގައުމަކަށް ފައިދާއެއް ނުކުރާނެ ކަމަށް ވިދާޅުވެ ޤަތަރާއި ސައުދީ އަދި ޔޫއޭއީ އިން ވެސް ގުޅުން ބަދަހިކުރަން މެދުވެރިއެއްގެ ރޯލު ޝައިހް ސަބާހް އަދާކުރެއްވެވިއެވެ. ބައެއް ތަޖުރިބާކާރުން ވިދާޅުވާ ގޮތުގައި ޤަތަރުގެ މައްސަލައަށް ހައްލެއް ނުގެނެވުނު އެއް ސަބަބަކީ ޝައިހް ސަބާހް އާލާސްކަންފުޅު ބޮޑުވެ، މަޝްވަރާތަކަށް ވަގުތު ނުދެވުމެވެ. އެހެން ނޫންނަމަ ޝައިހް ސަބާހް ވާނީ މިހާރު ޤަތަރުގެ މައްސަލައަށް ހައްލު ގެނެސްދެއްވާފައި ކަމަށް ވަރަށް ގިނަ ތަޖުރިބާކާރުން ދެކެވަޑައިގަންނަވައެވެ.

ޔަމަނުގެ ދާހިލީ ހަނގުރާ ހުއްޓުވުމަށް ވެސް ޝައިހް ސަބާހް ހުއްޓުމެއް ނެތި މަސައްކަތް ކުރެއްވެވިއެވެ. އަދި އިނގިރޭސިވިލާތް، އެމެރިކާ، ފަރަންސޭސިވިލާތް އަދި ޖަރުމަންވިލާތުގެ މެދުގައި އުފެދިފައި އޮފް ދެބަސްވުންތަކަށް ހައްލު ހޯއްދަވައިދެއްވުމަށް މަސައްކަތް ކުރައްވާފަ އެވެ.

އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕާއި ޝެއިހް ސަބާހު ވަނީ 5 ސެޕްޓެމްބަރު 2018 ގައި ވައިޓް ހައުސްގައި ބައްދަލުކުރައްވައިފަ އެވެ. އެ ބައްދަލުކުރެއްވުމުގައި ދެބޭފުޅުން ވަނީ ނިރުބުވެރިކަން ހުއްޓުވުމާއި ގުޅޭގޮތުން ވާހަކަ ދައްކަވާފަ އެވެ. އެ ބައްދަލުކުރެއްވުމަކީ އެ އަހަރުތެރޭގައި ދެބޭފުޅުންގެ 3 ވަނަ ބައްދަލުކުރެއްވުމެވެ.

އެމެރިކާގެ 39 ވަނަ ރައީސް ޖިމީ ކާޓާ ޝައިހް ސަބާހު ސިފަކުރަށްވަނީ "ދުނިޔޭގެ އިންސާނިއްޔަތަށް މަސައްކަތް ކުރަށްވާ ލީޑަރެއެއްގެ" ގޮތުގައި އެވެ. އިންސާނިއްޔަތަށްޓަކައި ވެސް އެމަނިކުފާނު ވަނީ ވަރަށްގިނަ މަސައްކަތްތަކެއް ކުރައްވާފައި އެވެ. އެގޮތުން ކާރިސާތަކުގައި ލިބޭ ގެއްލުންތަކަށް އެހީތެރިކަން ފޯރުކޮށްދެއްވުމާއި ސުލްހަޔާއި ހަމަޖެހުން ގެނުވުމަށް މަސައްކަތް ކުރެއްވުމާއި ސިއްޚީ ދާއިރާ ކުރިއެރުވުމަށް މަސަައްކަތް ކުރެއްވުން ހިމެނެ އެވެ.

އެމެރިކާ އިރާޤު ހަނގުރާމައިގެ ސަބަބުންނާއި އައިއެސްގެ ހަނގުރާމަވެރިން އިރާޤަށް ހަމަލާދީ އިރާގުގެ ބޮޑު ސަރަހައްދެއް ސުންނާފަތި ކޮށްލުމުން ގައުމު އާރާސްތު ކުރުމަށް މިދިޔަ އަހަރު ޝައިހް ސަބާހް ވަނީ 30 ބިލިއަން އެމެރިކާ ޑޮލަރުގެ އެހީއެއް އިރާޤަށް ދެއްވާފައެވެ.

ޝެއިހް ސަބާހަށް ވަނީ ދުނިޔޭގެ ސުލްހަޔަށް މަސައްކަތް ކޮށްދިނުމުންނާއި އިންސާނިއްޔަތުކަމަށް މަސައްކަތް ކޮށްދިނުމުން ދުނިޔޭގެ ޤައުމުތަކުން އެތައް އެވޯޑެއް ލިބިފަ އެވެ. އަދި އދ އިންވެސް ވަނީ ސަބާހުގެ މަސައްކަތަށް މެޑަލްއެއް ދެއްވާފަ އެވެ.

ޝައިހް ސަބާހް ފާހަގަ ކުރެވެނީ ހަމައެކަނި ސުލްހައަށް ކުރެއްވި މަސައްކަތްތަކަކުން ނޫނެވެ. ގަލްފުގައި އޮތް އެންމެ މުއްސަނދި އެއްގައުމަށް ކުވޭތު ހެއްދެވުމާއި އެގައުމަށް ޒަމާނީ ތަރައްޤީ ގެންނަވާ، ސަރަހައްދީ އަދި ދުނިޔޭގެ އެންމެ މަތީ ފެންވަރުގައި ފައި ހަމަކުރެވޭ ގައުމަކަށް ކުވޭތު ހެއްދެވި ހަޤީޤީ މޭސްތިރިއަކީ ޝައިހް ސަބާހް އެވެ.

ފަހަކަށް އައިސް ޝައިހް ސަބާހް އަށް ވެސް ކުރިމަތިވި ކަންކަމަކީ ފަސޭހަފުޅު ކަންކަމެއް ނޫނެވެ. 2011 ވަނަ އަހަރު އަރަބި ގައުމުތަކުގައި ފެށުނު "ރަބީއުގެ އިންގިލާބުގެ" ރޯޅިތައް ކުވޭތުގެ އައްސޭރި ފަށަށް ވެސް ފޯރިއެވެ. އެތައް ފަހަރަކު ޤާނޫނު ހަދާ މަޖިލިސް އުވާލަން ޖެހުނެވެ. ނަމަވެސް ރައްޔިތުން ސަރުކާރާއި ދެކޮޅަށް ނިކުމެ ދާހިލީ ހަމަނުޖެހުންތަކެއްގެ ތެރެއަށް ނުދިޔައީ ޝައިހް ސަބާހް އެޅުއްވި ހަރުދަނާ، އަދި މުހިއްމު ފިޔަވަޅުތަކުގެ ސަބަބުންނެވެ.

ޝައިހް ސަބާހް ފާހަގަ ކުރެވެނީ އެމެރިކާ އަދި ހުޅަނގާއި ވެސް ވަރަށް ގާތް ގުޅުމެއް ބޭއްވެވި ވެރިއެއްގެ ގޮތުގައެވެ. ނަމަވެސް އެމެރިކާ އިން ވެސް ބޭނުންވާ ހުރިހާކަމެއް އެމެރިކާ އިން ބޭނުންވި ގޮތަކަށް އޭނާ ނުކުރައްވަވައެވެ. އަމިއްލަ އުސޫލުތަކެއް ހިފެހެއްޓެވިއެވެ.

ކުވައިތުގެ އާބާދީގައި 4.8 މިލިއަން މީހުން ތިބި އިރު އެޤައުމަކީ ދުނިޔޭގެ ހަވަނަޔަށް އެންމެ ބޮޑު ތެލުގެ ރިޒާވް އޮތް ޤައުމެވެ. ޝެއިހް ސަބާހުގެ އާއިލާއިން ކުވައިތުގެ ވެރިކަން ކުރާތާ 260 އަހަރު ވަނީ ވެފަ އެވެ.