މުޅި ދުނިޔެއަށް ބެލި ނަމަވެސް މާލެ އަކީ އެންމެ ބޮޑަށް ތޮއްޖެހިފައިވާ ވެރިކަން ކުރާ ސިޓީއެވެ. ދެކިލޯމީޓަރުގެ ކުޑަ ތަންކޮޅެއްގައި ލައްކަ އަކަށްވުރެ ގިނަ މީހުން ދިރިއުޅެން ޖެހިފައިވުމުން ނިކުންނަ ކިތަންމެ މައްސަލައެއް އެބަހުއްޓެވެ. ލައްކަ އަކަށް ވުރެ ގިނަ މީހުން ބޭނުންވާ އެތައް ޚިދުމަތެއް ދިނުމަށް އެކަށޭނަަ ޖާގައެއް މާލެއަކު ނެތެވެ. އަދި މި އެންމެން ވެހިކަލް ދުއްވާނެ ޖާގަ އާއި އެވެހިކަލްތައް ޕާކް ކުރާނެ ޖާގައެއް ވެސް ނެތެވެ. ނަމަވެސް ހުރިހާކަމެއް ގުރުބާންކޮށްފައި ކޮންމެވެސް ގޮތެއް ހަދައިގެން ދެކިލޯމީޓަރުގެ މިކުޑަކުޑަ ޖާގައިގައި ހުރިހާ ކަމެއް ކުރަން އެބަ ޖެހެއެވެ.

މާލެ ތޮއްޖެހިފައިވާ މިންވަރުންގެ އެންމެ ރަނގަޅަށް ފެންނާނީ މާލޭގެ ހިމަ ގޯޅިތަކުންނެވެ. ޕާކް ކޮށްފައިވާ ސައިކަލްތަކުން ގޯޅިތައް ފުރިފައި އޮންނައިރު އަދި ގޯޅިގައި ހުންނަ ފިހާރަކުން ނެރެފައި ހުންނަ އެއްޗެހިންނާއި، ގޭގެއިން ނެރެފައި ހުންނަ އެއްޗެހިންނާއި ކުނިން ގޯޅިތައް އޮންނަނީ ފުރިފައެވެ.

މާލޭގެ ހިމަ ގޯޅިއެއް – ވަގުތު އިމޭޖްސް: އިބްރާހިމް ޝާބިލް

ގޯޅިން ހިނގާފައިވާ މީހެއްގެ ފަހަތުން ކާރެއް ނުވަތަ ސައިކަލެއް އައި ނަމަވެސް އޭނާ ދެން ހަދާނެ ގޮތެއް ނެތި ގޯޅީގައި ތާށިވެއެވެ. މިހެން ތާށިވާ ކޮންމެ ފަހަރަކު މީހަކަށް އަނިޔާއެއް ނުލިބުނު ނަމަވެސް ދިމާވާ ވެހިކަލްތައް ދުއްވާ މީހުންނާއި ހިނގާ މީހުންނަށް ފަސޭހައިން ގޯޅިތަކުގައި ހިނގޭނެ ގޮތެއް ހަދަން އެބަޖެހެއެވެ.

މި ކަމަށް ހައްލެއް ގެންނަން ސަރުކާރުން ވެސް ވަނީ ގިނަ މަސައްކަތްތަކެއް ކޮށްފައެވެ. އެގޮތުން ހައުސިން މިނިސްޓްރީން ފަށާފައިވާ މަޝްރޫއުގެ ދަށުން މާލޭގެ ގިނަ ގޯޅި ތަކެއް ވަނީ ހަމަ އެކަނި ހިނގާފައި އުޅޭ މީހުންނަށް ހާއްސަ ކޮށްފައެވެ. ނަމަވެސް އެމަސައްކަތް ވެސް މިހާރު އޮތީ ހުއްޓިފައެވެ. އަދި މާލޭގެ ޓްރެފިކް ފުލޯއަށް ފަސޭހަ ކުރުމަށް ހައުސިން މިނިސްޓްރީން އަންނަނީ ބައެއް ތަންތަނާއި މަގުތަކަށް ބަދަލުތަކެއް ގެންނަމުންނެވެ.

މާލޭގެ ހިމަ ގޯޅިއެއް – ވަގުތު އިމޭޖްސް: އިބްރާހިމް ޝާބިލް

ތޮއްޖެހިފައިވާ ހިމަ ގޯޅިތައް ހަމަހިމޭން ތަންތަނަށް ބަދަލުކުރުމަކީ މާލެ ހިއްފަސޭހަކުރުމުގެ ގޮތުން ފެށި މުހިއްމު މަސައްކަތެކެވެ. މިގޮތަށް ގޯޅިތައް ހިނގާފައި އުޅޭ ތަނަކަށް ބަދަލުކުރުމަކީ އެ ސަރަހައްދުގެ އާންމުންނަށް އުފާވެރިކަން ގެނުވި ކަމެވެ.

ނަމަވެސް އަދިވެސް ބަންދުކޮށްފައި ހުންނަ ހިމަ ގޯޅިތަކަށް ސައިކަލުތަށް ދަނީ ވަންނަމުންނެވެ .އަދި ޕާކުވެސް ކުރަމުންނެވެ. ހުރިހާ އެންމެވެސް ހެދިފައި ހުންނަ ގަވާއިދު ތަކަށް ހުރުމަތް ތެރިކޮށް ހިތުމަކީ އެންމެނަށް އޭގެ ފައިދާ ކުރާނެ ކަމެކެވެ.

މާލޭގެ ހިމަ ގޯޅިއެއް – ވަގުތު އިމޭޖްސް: އިބްރާހިމް ޝާބިލް

ބައެއް ފަހަރު ގޯޅިތައް ތޮއްޖެހި ގިނަ ދަތިތައް ދިމާވަނީ ހަމައެކަނި ތިމާއަށް ފަސޭހަވާނެ ގޮތައް ބައެއް ކަންކަން ކުރެވޭތީއެވެ. ތިމާގެ ސައިކަލް ބޭނުންގޮތަކަށް ޕާކް ކޮށްލާ، ތިމާގެ ފިހާރަ އިން ނެރޭ ފޮށިގަނޑު ނުވަތަ ތިމާގެ ފިހާރައަށް ގެންނަ މުދާ ތަރުތީބެއް ނެތި ގޯޅިމަތީގައި ބެހެއްޓޭތީއެވެ. ތިމާގެ ގެއިން ނެރޭ ކުނި ކޮތަޅު ގޯޅީގައި ބޭއްވޭތީއެވެ.

މިއީ އަމިއްލަ ޒިންމާއެއް ކަމުގައި ދެކިގެން އަމިއްލަ އަށް ރަނގަޅު ކުރަން ޖެހިފައިވާ ކަންކަމެވެ. ކޮންމެ މައްސަލަ އަކީ ސަރުކާރުން ނުވަތަ ކަމާބެހޭ އިދާރާ އަކުން ހައްލު ކުރަން ޖެހޭ މައްސަލައެއް ކަމަށް ނުދެކި ފަރުދީ ޒިންމާ ވެސް އުފުލަން އެބަޖެހެއެވެ. މާލެ އަކީ ތޮއްޖެހިފައިވާ ތަނެއްކަން ގަބޫލުކޮށް އެތޮއްޖެހުން އިތުރު ކުރުމުގެ ސަބަބަކަށް ތިމާގެ އަމަލުތައް ނުހައްދަވަމާތޯއެވެ. ހުރިހާ އެންމެން މިގޮތައް ވިސްނާ ނަމަ އެއީ ވެސް މާލޭގެ ތޮއްޖެހުމަށް ލިބޭނެ ވަރަށް ބޮޑު ހައްލެކެވެ.

ކިޔުންތެރިންގެ ހިޔާލު

3 ކޮމެންޓް

  1. އަލީ އާރިފް

    ތޮއްޖެހިފައިވާ މާލެ އޭ މިކިޔަނީ، އެހެންވީމަ ފަރުދީ ޒިންމާ އަށް ވުރެން ސަރުކާރުގެ ޒިންމާ ފުރަތަމަ އަދާކުރޭ، ސަރުކާރުގެ ސިޔާސަތު އޮތްގޮތުން އަދިވެސް އޮތީ ތޮއްޖަސަން، ތޮއްޖެހުން ކުޑަކޮށްގެން ފަރުދީ ޒިންމާ އިތުރުކުރެވޭނީ.. ހިމަގޯޅިޔަކަށް ޕިކަޕެއްވަނީމަ އޯވާރޓޭކް ކުރެވޭނެ ޖާގައެއް ނޯވޭ، ދެފަރާތުގަ ސައިކަލްތައް ޕާކުކޮށްފަ، ނުވިތާކަ އިމާރާތް ހަދަން ގެނެސްފަ ހުންނަ ވެއްޔާ ސިމެންތިތާ މަގުގެ އެއްފަޅީގަ ނޫނީ ދެފަޅީގަ ޖަހާ ފުރާލާފަ، މިކަން ހައްލުކުރަން ފަރުދުންނަށް ކޮންކަމެއްބާ ކުރެވޭނީ،، ޕާރކް ކުރާނެ ތަނެއް ނެތަސް ކޮންމެ ދެމަފިރިޔަކަށް ކާރަކާ 2 ސައިކަލް، ރެޖިސްޓްރީ ކޮށްދޭ، މިކަމަށް ވެސް ޙައްލެއް ހޯދުނީކީ ނޫން،،

  2. ޙުސޭނު

    މާލޭގަ ތޮއްޖެހުން ހައްލު ނުވާނެ. މީކީ ފަރުދީ މައްސަލައެއް ނޫނޭ. މީ މުޅިރާއްޖެތެރެ ފެލާލަން ސަރުކާރުން ގެންގުޅޭ ސިޔާސަތެއް. ފުލެޓްތައް ހިތުހުރި ގޮތަކަށް ދީފަ ރައްޔިތުންގެ ޒިންމާއޭ ނުކިޔާ

  3. ކުދުކަލޯ

    ދަންނަވާލަންޖެހެނީ ތޮއްޖެހުމުގެ މައްސަލަ ހައްލުކުރުމުގަ ސަރުކާރާއި ރައްޔިތުންގެ ހިއްސާއޮތީ ދާދިއެއްމިންގަނޑެއްގަ. ސަރުކާރުން ކަމެއްހައްލުކުރުމުގައަޅާ ފިޔަވާޅާމެދުރައްޔިތުން ބަލައިގަނެއިހްތިރާމްކުރަންޖެހޭނެ އަދި ހަމައެފަދައިން ރައްޔިތުންގެ ކަންބޮޑުވުންތައް ދިރާސާކޮށް ބަލާހައްލުކުރުމުގެ މުހިންމުކަންވަރަށްބޮޑު.