ދިރިއުޅުމުގެ ޚަރަދުތަށް އިންތިހާއަށް ގޮސްފައިވާ ޒަމާނެއްގައި ގޭގެ ޔުޓިލިޓީ ބިލުތައް އައުމުން ނުތަނަވަސް ވާންޖެހޭ ފަހަރު އަންނަނީ މަދަކުންނޫނެވެ. ދިރިއުޅުން ފަސޭހަކުރުމަށް ގެއާއި ބަދިގެއަށް ހޯދާ ކަރަންޓު ސާމާނުގެ އަދަދު މިދަނީ ދުވަހެއް ދުވަހަކަށް އިތުރުވަމުންނެވެ. މި ތަކެއްޗަކީ އެ ތަކެތި މަސައްކަތް ކުރުމަށް ކަރަންޓު ބޭނުންވާ ސާމާނެވެ.

ވާ ހޫނުން ސަލާމާތްވުމަށް ކޮޓަރިތައް އެއަރކޮންޑިޝަން ކުރުމަކީ މިއަދު އެންމެންވެސް ކުރާ ކަމެކެވެ. ހަމަ އެހެންމެ ރާއްޖެއަކީ ހޫނުގަދަ ޤައުމަކަށްވެފައި، ކާބޯތަކެތި ގިނަދުވަހަށް ރައްކާކުރުމަށް އައިސްއަލަމާރިއަކީ ކޮންމެހެންވެސް ގެއަށް ހޯދަންޖެހޭ އެއްޗަކަށް މިވަނީ ވެފައެވެ. އަންނައުނުން ދައު ފިލުވުމަށް ގުދާރު ބިންދައިގެން ބުރުސްއެޅި ޒަމާން މާޒީވެ ދޮންނަ މެޝިނަށް ބަދަލު ކުރީ ހިނިތުންވަމުންނެވެ. ކަރަންޓު ބިލު މަޑުމަޑުން ބޮޑުވަމުން އަންނަ ކަމުގެ އިޙްސާސް ކުރެވޭ ކޮންމެ ފަހަރަކު ދިރުއުޅުން ފަސޭހަކުރުމަށް ގެއަށް ހޯދާފައިހުރި ކަރަންޓު ސާމާނާއިމެދު ވިސްނާލެވުނީ ކިތަށް ބޭފުޅުންނަށްތޯއެވެ. ހޯދިފައި ހުރި ކަރަންޓު ސަމާނު ހޯދުމުގައި އެ ތަކެތި މަސައްކަތް ކުރުމަށް ހޭދަވަނީ ކިހާ ކަރަންޓެއްތޯ ދެނެގަންނަން އެނގެނީ އަޅުގަނޑުމެންގެ ތެރެއިން ކިތަށް ބޭފުޅުންނަށްތޯއެވެ.

ފިހާރައަކަށް އެއްޗެއް ގަންނަންދާއިރު އެތަނުގައި ވިއްކަން ހުންނަ އައިސްއަލަމާރި، ދޮންނަމެޝިން ނުވަތަ އޭސީ އަކީ ތިމާއަށް އޭގެ ފައިދާ އެންމެ ފުރިހަމަ ގޮތުގައި ލިބޭނެ އެއްޗެއްކަން ތިމާއަށް ބުނެދޭން ތިބެނީ އެ ފިހާރައެއްގެ ސޭޓުންނާއި ސޭލްސް އެސިސްޓަންޓުން ކަމަށްވާއިރު، ގަންނަން ތަކެއްޗަކީ އެ ތަކެތީގެ ސަބަބުން ކަރަންޓަށް ކުރަންޖެހޭ ހޭދަ އިންތިހާއަށް ބޮޑުވެދާނެ އެއްޗެއްކަމަށް އޭގެން އެއްވެސް ފަރާތަކުން ބުނެފާނެހެއްޔެވެ. ނުވަތަ އެ ތަކެއްޗަކީ އޭގެ ސަބަބުން ތިމާވެއްޓަށް ގެއްލުންދޭ މިންވަރު އިތުރުވުމަށް މަގުފަހިކުރާ އެއްޗެއްކަމަށް ބުނެފާނެހެއްޔެވެ. މިފަދަ މަޢުލޫމާތު ތަކަކީ އެންމެންނަށް އެނގޭ ފަރިތަ މަޢުލޫމާތުތަކަށް ވާންޖެހޭނެ ކަމަށް ޤަބޫލުކުރެވޭހެއްޔެވެ.

މިކަންކަމަށް ހައްލެއް ހޯދުމަށް ދުނިޔޭގެ ކަންކޮޅުތަކުގައި މިހާރު އެންމެ ކާމިޔާބު ކަމާއެކު ހިންގާ އެއް ޕްރޮގްރާމަކީ ކަރަންޓު ސާމާނުގައި އެނަރޖީ ލޭބަލް ހަރުކުރުމެވެ. ރާއްޖޭގެ ބާޒާރުގައި ވިއްކަން ހުރި ބައެއް ކަރަންޓު ސާމާނުގައިވެސް މިފަދަ ލޭބަލްތައް ހަރުކުރެވިފައި ހުންނަތަން ފެނެއެވެ. ނަމަވެސް އެ ލޭބަލްތަކަކީ ދިވެހިންނަށް އަމާޒުކޮށްގެން ރާއްޖެއަށް ޙާއްސަކޮށް ތައްޔާރުކޮށްފައިވާ ލޭބަލްތަކެއްނޫނެވެ. އެހެންކަމުން އެއީ ކަސްޓަމަރަށް އޭގެ ފައިދާ އެންމެ ފުރިހަމަގޮތުގައި ލިބޭ ލޭބަލަކަށް ފަހަރުގައި ނުވެދާނެއެވެ.

މޯލްޑިވްސް އެނަރޖީ އޮތޯރީޓީގެ ފަރާތުން ރާއްޖެއަށް ޚާއްސަ މިފަދަ ލޭބަލެއް ތައްޔާރުކުރުމުގެ މަސައްކަތް ވަރަށް ހަލުވި ދުވެއްޔެއްގައި އެބަ ކުރިއަށް ގެންދެއެވެ. މިކަމަށް ހަދަންޖެހޭ ދިރާސާތައްހަދާ ރާއްޖޭގެ ބާޒަރުގައި ވިއްކަން ބަހައްޓާ އެއަރކޮންޑިޝަނަރ، އައިސްއަލަމާރި އަދި އޮޓޮމެޓިކް ދޮންނަ މެޝިންގައި ހަރުކުރުމަށް މިފަދަ ލޭބަލެއް ތައްޔާރު ކުރުމުގެ މަސައްކަތް ދަނީ ކުރަމުންނެވެ. އެގޮތުން ހަރުކުރާ ލޭބަލަކީ އެ ލޭބަލް ހަރުކޮށްފައި ހުންނަ ތަކެތި ގަންނަންދާ ފަރާތްތަކަށް ބޭނުންވާނެ މަޢުލޫމާތު އެންމެ ފުރިހަމައަށްލިބޭ ލޭބަލަކަށް ހެދުމަށްޓަކައި އާންމުންގެ ޚިޔާލު ހޯދުމަށް މިހާރުވަނީ ހުޅުވާލެވިފައެވެ. މި ލޭބަލަކީ ރާއްޖޭ ކޮންމެ ހިސާބެއްގައި ދިރިއުޅޭ ކޮންމެ ރައްޔިތަކަށްވެސް އޭގެ ފައިދާ ކުރާނެ ލޭބަލެކެވެ. އެހެންކަމުން މިކަމުގައި ވީހާވެސް ގިނަބައެއްގެ ޚިޔާލު ލިބުން ވަރަށް މުހިއްމެވެ. މި ލޭބަލް ތައްޔާރުކުމަށް ބޭނުންވާ ޚިޔާލު ހުށައެޅުވުމަށް މޯލްޑިވްސް އެނަރޖީ އޮތޯރިޓިން ކުރިއަށް ގެންދާ ސާވޭގައި ބައިވެރިވެ، ތިބާގެ ޚިޔާލު ހިއްސާކޮށްލެވުމަށް ތިރީގައި އެވާ ލިންކު މެދުވެރިކޮށް ސާވޭގައި ބައިވެރިވެވޭނެއެވެ. ޚިޔާލު ހުށައެޅުމަށް ހޭދަވާނީ އެންމެ ފަސް ވަރަކަށް މިނެޓެވެ. މިފަދަ މުހިންމު ނިންމުމެއް ނިންމުމުގައި ހިއްސާވެ، މުސްތަޤްބަލުގައި ކަރަންޓަށް ކުރާ ހޭދަ ކުޑަކޮށްލުމަށް މިއީ ރަނުގެ ފުރުސަތެކެވެ.

މޯލްޑިވްސް އެނަރޖީ އޮތޯރިޓިން ކުރިއަށް ގެންދާ ސާވޭގެ ލިންކް

ނޯޓް: މަތީގައިވާ ލިޔުމަކީ މިނިސްޓްރީ އޮފް އެންވަޔަރަންމަންޓް އެންޑް އެނަރޖީ އިން ލިޔުއްވާފައިވާ ލިޔުއްވުމެކެވެ.