ކޮވިޑް-19 އާ ގުޅިގެން މުޅި ދުނިޔޭގެ ފުޓުބޯޅައަށް ވެސް ބޮޑު އަސަރެއް ވަނީ ކޮށްފައެވެ. ސަޕޯޓަރުން ނުވައްދާ މެޗުތައް ކުޅެން ޖެހުމާއި ކުލަބުތަކަށާއި ފެޑެރޭޝަންތަކުގެ ސްޕޮންސަރުން މާލީ ގޮތުން ދަށްވެ އަޑިއަޅާލުމާއި މުބާރާތްތައް ފަސް ކުރި ތަން ފެނިގެންދިޔައެވެ.

ދުނިޔޭގެ އެހެން ގައުމުތަކެކޭ އެއްގޮތަށް ރާއްޖޭގެ ފުޓުބޯޅައަށް ވެސް މީގެ ބޮޑު އަސަރެއް ކުރިއެވެ. މިއަހަރުގެ ކުރީކޮޅުން ފެށިގެން ފުޓުބޯޅަ އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް) އިން މިއަހަރުގެ ފުޓުބޯޅަ ކަލަންޑަރު ވަރަށް ރަނގަޅަށް އެކުލަވާލިތަން ފެނިގެންދިޔައެވެ. އެގޮތުން އޭއެފްސީ ކަޕުގައި ރާއްޖޭގެ ދެ ޓީމެއް ހިމެނުމާއެކު އެ ދެ ޓީމު ކުޅޭ މެޗުތަކަށް ބަލައިގެން އަހަރުގެ ޝެޑިއުލް ރޭވިއެވެ.

އޭއެފްސީ ކަޕުގައި ރާއްޖޭގެ މާޒިޔާ އާއި ޓީސީ އެއް ގްރޫޕެއްގައި ލައްވާލުމާއެކު ދިވެހި ފުޓުބޯޅައިގެ ތަޖުރިބާކާރުންވެސް ދެކެމުންދިޔައީ މިއީ އޭއެފްސީ ކަޕުގައި އަނެއްކާވެސް ނިއުރޭޑިއަންޓް ހޯދި ފަދަ ކާމިޔާބީއެއް ތަކުރާރުކުރާނެ ރަނގަޅު ފުރުސަތެއްގެ ގޮތުގައެވެ. އެގޮތުން ހޯމް އެންޑް އަވޭ އުސޫލުން ބައެއް މެޗުތައް ކުޅުނެވެ. ނަމަވެސް ކޮވިޑް-19 ގެ ކޭސްތައް ރާއްޖެއިން ފެނުމާއި، މުޅި ދުނިޔޭގައި ކޮވިޑުގެ ނުރައްކާ ބޮޑުވުމާއެކު އޭއެފްސީން އެ މުބާރާތް ކެންސަލްކުރިއެވެ.

އެއާއެކު ވޯލްޑްކަޕް ކޮލިފައިންގެ މެޗުތައް ވެސް ވަނީ އަންނަ އަހަރަށް ފަސްކޮށްފައެވެ. ފަސްކުރިކަން ހާމަކުރީ ފަރިތަކުރުންތައް ފަށާފައިވަނިކޮށެވެ. އެއަށްފަހު މިއަހަރުގެ ފުޓުބޯޅަ ސީޒަންވެސް އެފްއޭއެމުން ކެންސަލްކުރިއެވެ. ކެންސަލްކުރިއިރު ރާއްޖޭގެ ފުރަތަމަ ޑިވިޝަނުގައި ވާދަކުރާ ޓީމުތަކުން ވަނީ ސީޒަނަށް ތައްޔާރުވާން ފަށައިފައެވެ.

ގާތްގަނޑަކަށް ހަތް މަސްވަންދެން ވާދަވެރި މެޗެއް ނުކުޅެ ހުރުމަކީ ކުލަބުތަކާއި ކުޅުންތެރިންނަށްވެސް ލިބޭނެ ބޮޑު ގެއްލުމެކެވެ. އެ ކުޅުންތެރިންގެ އާމްދަނީ ބަރޯސާވެފައިވަނީ ކުލަބުން ދޭ ފައިސާއަށެވެ. އަދި ކުލަބުތަކުން ބަރޯސާވަނީ އެފްއޭއެމާއި ސްޕޮންސަރުންގެ އަތުން ލިބޭ ފައިސާއަށެވެ.

މިދިޔަ އަހަރުގެ ޕްރިމިއަރ ލީގުގެ މެޗެއްގެ ތެެރެއިން-- ފޮޓޯ: އެފްއޭއެމް

ރާއްޖޭގެ އިގްތިސާދު މި ވަނީ ފުުން އަނދަވަޅަކަށް ވެއްޓިފައެވެ. އެއާއެކު ކުލަބުތަކަށް ލިބޭ ސްޕޮންސަ ފައިސާއަށް ވެސް ވަނީ އޭގެ އަސަރުކޮށްފައެވެ. ފީފާގެ ހެޔޮއެދުންތަކާއެކު ދުނިޔޭގެ ހުރިހާ ފެޑެރޭޝަނަކަށް ވަނީ މި ހާލަތުގައި ކުލަބުތަކުގެ ހާލަތު ރަނގަޅުކުރުމަށް ފައިސާ ދީފައެވެ. އަދި މި ފައިސާ ކުލަބުތަކަށްވެސް ވަނީ ހަވާލުކޮށްފައެވެ.

" އެފްއޭއެމުން ވަރަށް ރަނގަޅަށް މުއާމަލާތްކުރޭ ކުލަބާ، ދަތިތަށް އެބަހުރި، ވަރުގަދަ ކުޅުންތެރިން ދޫކޮށްލަންވެސް ޖެހުނު ހާލަތު ގޯސްވެގެން ، އެފްއޭއެމުން ދިން ފައިސާ، އެކަމަކު އޭގެން މާގިނަ ދުވަހަކު ނުހިފެހެއްޓޭނެ، ސްޕޮންސަރުން ނުލިބޭތީ އެންމެ ބޮޑު މައްސަލައަކީ، އެފްއޭއެމުންވެސް ދެވެން އޮތް އެއްބާރުލުމެއް އެބަ ދޭ" ނަން ހާމަނުކުރުމަށް އެދި ފުރަތަމަ ޑިވިޝަނުގައި ވާދަކުރާ ކުލަބެއްގެ އިސް އޮފިޝަލެއް ބުންޏެވެ.

ކުޅުންތެރިންވެސް ތިބީ މާލީގޮތުން ދަށް ހާލަތެއްގައެވެ. ފުޓުބޯޅަ ކުޅެގެން ލިބޭ ފައިސާއަށް ބަރޯސާވާ ކުޅުންތެރިން ރާއްޖޭގައި އަދިވެސް އެބަތިއްބެވެ. އެ ކުޅުންތެރިންގެ އުއްމީދަކީ ވީ އެންމެ އަވަހަކަށް ސީޒަން ފެށުމެވެ.

" ވަރަށް އުނދަގޫކޮށް މި އުޅެނީ، އަނބިދަރިންވެސް ރަށަށް ބަދަލުކޮށްފިން، ޖޮބުން ވެސް މުސާރަ ކުޑަކޮށްފި، ކުލަބުން އެބަ ޔަގީންކަންދޭ ސީޒަން ފެށީމަ ރަނގަޅުވާނެ ކަމަށް، އެހެންވެ ރަށަށް ނުގޮސް މި މަޑުކުރަނީ، މާލެގަ ޖޮބުންވެސް މާ ރަނގަޅު އެއްޗެއް ނުލިބޭ ކޮވިޑާ ހެދި، ބޭނުމީ ވީހާވެސް އަވަހަށް ސީޒަން ފަށަން" ނަން ހާމަނުކުރުމަށް އެދި ފުރަތަމަ ޑިވިޝަނުގައި ވާދަކުރާ ކުލަބެއްގެ ކުޅުންތެރިއެއް ބުންޏެވެ.

މިނޫނަސް ގިނަ ކުޅުންތެރިންގެ ވާހަކަތައް ހުރީ ދާދި އެއްގޮތަކަށެވެ. މައިގަނޑު ކަންބޮޑުވުމަކީ ލިބޭ އާމްދަނީ މަދުވުމެވެ. އަދި ފުޓުބޯޅަ ސީޒަން ފެށުމެވެ.

މިދިޔަ ސީޒަނުގެ ޕްރިމިއަރ ލީގުގެ ޗެމްޕިއަން މާޒިޔާ

އެފްއޭއެމްގެ ޓެކްނިކަލް ކޮމެޓީގެ ލަފާގެ މަތިން މިއަހަރުގެ ފުޓުބޯޅަ ސީޒަން ފެށުމަށް ތައްޔާރުވަނީ ޑިސެމްބަރު ކުރީކޮޅުގައެެވެ. އަދި އެޗްޕީއޭއިން ވަނީ ފުޓުބޯޅަ ޓީމުތަކުން ފަރިތަކުރުންތައް ބޭއްވުމުގެ ހުއްދަދީފައެވެ.

މި އަހަރު ފުރަތަމަ ޑިވިޝަނުގައި ވާދަކުރާ އަށް ޓީމަކީ އެންމެ ފަހުގެ ޗެމްޕިއަން މާޒިޔާގެ އިތުރުން ޓީސީ، އީގަލްސް، ގްރީން ސްޓްރީޓްސް، ދަ ގްރާންޑޭ ސްޕޯޓްސް ކްލަބް، ކްލަބް ވެލެންސިއާ، ޔުނައިޓެޑް ވިކްޓްރީ އަދި ސުޕަ ޔުނައިޓެޑް ސްޕޯޓްސް (ސަސް) އެވެ.

ދިވެހި ފުޓުބޯޅަ އާއިލާގެ އެންމެ ބޮޑު ކަންބޮޑުވުމަކީ ކުލަބުތައް ދަށް ހާލަތަކަށް އަނެއްކާވެސް ވެއްޓިދާނެތީއެވެ. ނަމަވެސް އުއްމީދަކީ އެފްއޭއެމާއި ކަމާބެހޭ ފަރާތްތަކުގެ އެހީއާއެކު ދިވެހި ފުޓުބޯޅައިގެ ހާލަތު ކުރިން ހުރިވަރަށް ރަނގަޅުވުމެވެ. މި ހާލަތުގައި ކުލަބުތަކުންވެސް ބަލަންވީ ކުޑަ ހަރަދެއްގައި ކުލަބު ހިންގޭނެ ގޮތެކެވެ.

މި ހާލަތުން އަރައިގަނެ ދިވެހި ކުލަބުތަައް އަނެއްކާވެސް ކުޅޭތަން ފެނުމަކީ ދިވެހި ކޮންމެ ފުޓުބޯޅަ ސަޕޯޓަރެއްގެވެސް އެންމެބޮޑު އެއް އުއްމީދެވެ.

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

  1. ފާތުން

    ލާރިނެތިއްޔާ ތިކަންތައް ނުކުރާނީ. ލިބުނީމަ ކުރޭ.

  2. ވިސްނޭ

    ރެފްރީންނަށް ވެސް ލާރިނުދީ އެ ފަށަނީ...ކީކޭކިޔާނީ..