އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް މިހާރު ގެންދަނީ ވެރިކަމުގެ ދެވަނަ ދައުރެއް ކާމިޔާބު ކުރަން ކެމްޕޭން ކުރަމުންނެވެ. ޓްރަމްޕް ކޮވިޑް-19 އަށް ފައްސިވުމުން ކެމްޕޭނަށް ބޮޑެތި ހުރަސްތައް ކުރިމަތި ނަމަވެސް ހީކުރެވުނުގޮތާއި ހިލާފަށް ވަރަށް އަވަހަށް ބަލިން ރަނގަޅުވެ، މިހާރު ވަނީ ކެމްޕޭނަށް ނިކުމެފައެވެ. ޚިޔާލު ހޯދުމުގެ ވޯޓްތަކުން ދައްކާ ގޮތުގައި ޓްރަމްޕް އާއި ވާދަކުރާ ޖޯ ބައިޑަން އުޅެނީ ޓްރަމްޕަށް ވުރެ މާކުރީގައެވެ. ނަމަވެސް އެމެރިކާގެ ބައެއް ތަޖުރިބާކާރުން ވިދާޅުވާ ގޮތުގައި ޓްރަމްޕް އިންތިޚާބު ކާމިޔާބު ކުރުމުގެ ފުރުސަތު އަދިވެސް އެބައޮތެވެ.

"ގޯލްއަޕް" އިން ނެގި ޚިޔާލު ހޯދުމުގެ ވޯޓަކުން ވެސް ދައްކާ ގޮތުގައި އިންތިޚާބުގައި ވޯޓް ދޭނީ ބައިޑަން އަށް ކަމަށް ގިނަ މީހުން ބުނި ނަމަވެސް ގިނަ މީހުން ގަބޫލުކުރާ ގޮތުގައި ޓްރަމްޕް އިންތިޚާބު ކާމިޔާބު ކުރުމަކީ އެކަށީގެންވާ ކަމެކެވެ. ޓްރަމްޕް އިންތިޚާބު ކާމިޔާބު ކޮށްފާނެ ކަމަށް ގިނަ މީހުން ގަބޫލުކުރާ ސަބަބަކީ 2016 ވަނަ އަހަރު ވެސް ހިލަރީ އެމެރިކާ މީހުންގެ މެދުގައި މާބޮޑަށް މަގުބޫލު ނަމަވެސް ޓްރަމްޕް އިންތިޚާބު ކާމިޔާބު ކުރުމެވެ.

އެމެރިކާގެ ރިޔާސީ އިންތިހާބުގެ ނަތީޖާ ބިނާވަނީ، ކޮންމެ ސްޓޭޓެއްގެ އާބާދީއަށް ބިނާކޮށް އެ ސްޓޭޓަކަށް ކަނޑައަޅާފައި އޮންނަ އިލެކްޓޯރަލް ކޮލެޖްގެ ވޯޓަށެވެ. މިސާލަކަށް އެންމެ އާބާދީ ބޮޑު ކެލިފޯނިއާއަށް 55 އިލެކްޓޯރަލް ކޮލެޖް ވޯޓު ކަނޑައަޅާފައިވެ އެވެ. އަދި އާބާދީ އެންމެ ކުޑަ ބައެއް ސްޓޭޓްތަކަށް ލިބެނީ އެންމެ ތިން ކޮލެޖް ވޯޓެވެ. ކޮންމެ ސްޓޭޓެއްގެ ކޮލެޖް ވޯޓު ކާމިޔާބުކުރެވޭނީ އެ ސްޓޭޓެއްގެ އާންމުންގެ އެންމެ ގިނަ ވޯޓު ލިބޭ ކެންޑިޑޭޓަކަށެވެ. އެހެންކަމުން އާބާދީ މަދަސް ހުރިހާ ކުދި ސްޓޭޓްތަކެއްގެ ކޮލެޖް ވޯޓު ލިބިގެން، ވެރިކަމަށް އާދެވޭނެއެވެ. އެހާލަތުގައި ބަލިވާ ކެންޑިޑޭޓަށް އާބާދީ ބޮޑު ސްޓޭޓްތަކުގެ ކޮލެޖް ވޯޓު ލިބޭ އިރު، އާންމު ވޯޓު ވެސް އެކެންޑިޑޭޓަށް ގިނަވާނެއެވެ.

ޓްރަމްޕަށް އޮތީ ކޮން ފުރުސަތެއް؟

ސީއެންއެން އިން ނަގަމުން ގެންދާ ޚިޔާލު ހޯދުމުގެ ވޯޓަށް ބަލާއިރު ޖުމްލަ ވޯޓުން ޓްރަމްޕަށް ލިބޭނެ ކަމަށް ލަފާކުރެވެނީ %42 ވޯޓެވެ. ނަމަވެސް އިލެކްޓޯރަލް ކޮލެޖް ވޯޓްގައި ޓްރަމްޕް ދަނީ ބައިޑަން އާއި ވަރަށް ގާތުން ވާދަކުރަމުންނެވެ. ވަކިވަކި ސްޓޭޓްތަކުގެ އިލެކްޓޯރަލް ކޮލެޖްގެ ވޯޓަށް ބަލާއިރު ޓްރަމްޕް ބައެއް ސްޓޭޓްތަކުން ބައިޑަން އާއި ވަރަށް ގާތުން ވާދަކުރެއެވެ. ނަމަވެސް ޓެކްސަސް ގައި ޓްރަމްޕްގެ މަގުބޫލުކަން އަދި ކުޑަވެފައި އޮތުން އެއީ އިންތިޚާބު ކާމިޔާބު ކުރަން އޭނާ އަށް އޮތް އެންމެ ބޮޑު ގޮންޖެހުމެވެ.

އެމެރިކާގެ އިންތިޚާބުތައް ދިރާސާ ކުރާ ފަރާތްތަކުން ބުނާ ގޮތުގައި އެމެރިކާގެ އިންތިޚާބުތަކުގެ "ނަތީޖާ ނިންމަނީ" ވޯޓްލާ މީހުން %4 މީހުންގެ ވޯޓުންނެވެ. އެމީހުން ބުރަވާ ކޮޅަކަށް އިންތިޚާބު ނިމިގެން ދެއެވެ. މުޅި ގައުމުގެ އާބާދީއަށް ބަލާއިރު އެއީ ވޯޓް ދޭނެ ކެންޑިޑޭޓެއް އެންމެ ފަހުވަގުތު ނިންމާ ރައްޔިތުންނެވެ. އެހެންކަމުން އިންތިޚާބަށް އަދި ދެހަފްތާ އަށްވުރެ ގިނަ ދުވަސް އޮތުމުން ޓްރަމްޕަށް އިންތިޚާބު ނާކާމިޔާބު ވެއްޖެކަމަށް ނިންމަން މާއަވަސް ކަމަށް ތަޖުރިބާކާރުން ވިދާޅުވެއެވެ.

ޔުނިވަސިޓީ އޮފް ކެލިފޯނިއާގެ ތަޖުރިބާކާރަކު ވިދާޅުވީ އެމެރިކާ ރައްޔިތުންގެ ވިސްނުމާއި ފިކުރަށް ބަދަލު އަންނަވަރުގެ ސިޔާސަތުތަކެއް އިއުލާންކޮށް، ނިންމުންތަކެއް ނިންމުމުގައި ޓްރަމްޕް އަދިވެސް ކުރި ހޯދަފާނެއެވެ. "ޓްރަމްޕް މިހާތަނަށް ކެމްޕޭން ކޮށްފައިވާ ގޮތައް ބަލާއިރު އިންތިޚާބު ކާމިޔާބު ކުރެވޭވަރުގެ ނިންމުމެއް ކުރިއަށް މިއޮތް މަދު ދުވަސްކޮޅުގެ ތެރޭގައި ޓްރަމްޕް ނިންމާފާނެ. މޮޅު ސިޔާސަތުތަކެއް ރައްޔިތުންނަށް ވިސްނައި ދިނުމުގައި ޓްރަމްޕް ކުރި ހޯދަފާނެ." އޭނާ ވިދާޅުވިއެވެ.

ޓްރަމްޕްގެ ސިޔާސަތުތައް

ޓްރަމްޕްގެ ސިޔާސަތުތައް އޮތީ ދުނިޔެއަށް ބިރަކަށް ވެފައި ކަމަށް ވަރަށް ގިނަ މީހުން ގަބޫލު ކުރެއެވެ. ހާއްސަކޮށް މެދުއިރުމަތީގައި ޓްރަމްޕް ގެންގުޅެން ބޭނުންވާ ސިޔާސަތުތަކަކީ ސަރަހައްދީ ހަމަނުޖެހުން ގެއްލި ހަނގުރާމައެއް ފެށިދާނެ ކަމެއް ކަމަށް ވަރަށް ގިނަ ތަޖުރިބާކާރުން ވިދާޅުވެއެވެ. މީގެ އިތުރުން ތިމާވެށީގެ މައްސަލަތަކުގައި ޓްރަމްޕް ގެންގުޅޭ ސިޔާސަތުތަކުން ވެސް ދުނިޔެ އަށް އޮތީ ނުރައްކަލެވެ. އޭނާގެ އިމިގްރޭޝަން ސިޔާސަތުގެ ސަބަބުން ހާއްސަކޮށް އެތައް މުސްލިމުންނަކަށް އެމެރިކާ އަށް އެތެރެވުމުގައި ގޮންޖެހުންތައް ވަނީ ކުރިމަތިވެފައެވެ.

ނަމަވެސް އެމެރިކާގެ ހާލަތު ދިރާސާ ކުރާ ފަރާތްތަކުން ބުނާ ގޮތުގައި އެމެރިކާގެ ދާހިލީ ސިޔާސަތުތައް ތަންފީޒު ކުރުމުގައި ޓްރަމްޕް ވަނީ ރައްޔިތުންގެ ތާއިދު ހޯދާފައެވެ. މެދުފަންތީގެ މީހުންގެ ޓެކްސައްތައް ދައްކޮށް މުއްސަނދިންގެ އަތުން ޓެކްސް ނަގާ މިންވަރު އިތުރު ކުރުމާއި އިތުރު ވަޒީފާތައް އުފެއްދުމަށް ޓްރަމްޕް ގެންގުޅޭ ސިޔާސަތައް އެމެރިކާ ރައްޔިތުންގެ ތާއިދު އެބައޮތެވެ.

އިސްރާއީލުން ބޭނުންވާ ހުރިހާ ކަމެއް އެމެރިކާ އިން ކޮށްދިނުން އެއީ އެމެރިކާގެ ނުފޫޒުގަދަ ލޮބީ ގްރޫޕްތަކުގެ ތާއިދު ވަރަށް ބޮޑަށް ޓްރަމްޕަށް ލިބިފައިވާ ސަބަބެކެވެ. ރިޕޯޓްތައް ބުނާ ގޮތުގައި ލޮބީ ގްރޫޕްތަކުގެ ތާއީދާއި އެކު ޓްރަމްޕަށް ވަނީ އިންތިޚާބުގެ ކެމްޕޭނަށް ފަސޭހައިން ފަންޑް ލިބޭނެ މަގު ވެސް ތަނަވަސް ވެފައެވެ.

ކޮވިޑް-19 ވާނީ ޓްރަމްޕަށް ގޮންޖެހުމަކަށްތަ؟

ކޮވިޑް-19 އެންމެ ހަލުވިކަމާއިއެކު ފެތުރެމުންދާ އެއްގައުމަށް ވެފައި ވަނީ އެމެރިކާއެވެ. ބަލީގެ ސަބަބުން އެތައް ލައްކަ ބައެއްގެ ވަޒީފާ ވެސް ވަނީ ގެއްލިފައެވެ. ނަމަވެސް ޔުނިވަސިޓީ އޮފް ޓެކްސަސްގެ ޕްރޮފެސަރެއް ކަމަށްވާ ޖޯން މެކޭން ދެކެވަޑައިގަންނަވާ ގޮތުގައި ކޮވިޑް-19 އަކީ ޓްރަމްޕަށް އޮތް "ފައިދާއެކެވެ."

"ކޮވިޑް-19 ކޮންޓްރޯލް ކުރަން ސްޓޭޓްތައް ފުރަބަންދު ކުރުމާއި ޓްރަމްޕް ވަރަށް ދެކޮޅު. ހަޤީޤަތުގައި އާއްމުން ވެސް ބޭނުމެއް ނުވޭ ފުރަބަންދު ވެގެން ތިބޭކަށް. އެއީ އާމްދަނީ ދަށަށް ގޮސް ދިރިއުޅުމަށް ދަތިތައް ކުރިމަތިވާނެތީ. ޓްރަމްޕް ފުރަބަންދާއި ދެކޮޅު ހަދާތީ ގިނަ ރައްޔިތުން އޭނާ އަށް ތާއިދު ކުރޭ. ދެން އޮތީ ވެކްސިން އުފެއްދުން. ޓްރަމްޕް ބުނަމުން އެދަނީ ވެކްސިން އުފެއްދުމަށް ބޭނުންވާ ފަންޑް ސަރުކާރުން ފޯރުކޮށްދީފީމޭ. ވެކްސިން އާއްމު ނުކޮށް އުޅެނީ ކުންފުނިތަކުން އޭނާގެ އިންތިޚާބަށް ހުރަސް އަޅަން ވެގެންކަމަށް. އެކަން ބައެއް ރައްޔިތުން އެބަ ގަބޫލު ކުރޭ. އެހެންވީމަ މިއީ ޓްރަމްޕަށް އޮތް ފައިދާއެއް." މެކޭން ވިދާޅުވިއެވެ.

ކޮންމެއަކަސް އެމެރިކާގެ އިންތިޚާބަކީ މުޅި ދުނިޔެއަށް ވެސް މުހިއްމު އިންތިޚާބެކެވެ. ސަބަބަކީ ދުނިޔޭގެ "އެނބުރުމަށް" އެންމެ ބޮޑު އަސަރެއް ކުރުވާ އެއް ގައުމަކީ އެމެރިކާއަށް ވާތީއެވެ. ދުނިޔޭގެ ހަމަޖެހުމަށް އެމެރިކާގެ ވެރިކަމަށް ވެސް ދުނިޔެ ބަލައި ގަންނަ ދުނިޔެއަށް ހަމަޖެހުން ގެންނަން ބޭނުންވާ ލީޑަރަކު ބޭނުން ވެއެވެ. ހިޔާލު ހޯދުމުގެ ވޯޓްތަކުން ޓްރަމްޕް ފަހަތުގައި އޮތްނަމަވެސް އެނަތީޖާ ބަދަލުވުން އެއީ ވަރަށް ކައިރީގައި އޮތް ކަމެކެވެ.

ކިޔުންތެރިންގެ ހިޔާލު

3 ކޮމެންޓް

  1. ސާމިޔާ

    އަހަރެންގެވޯޓު މިފަހަރު ބައިޑަންއަށް ..

    12
    3
  2. އަންނި

    ލިބޭނެ ހޯދާނަން ، މިދިވެހި ގައުމުގެ ރަސްކަންވެސް އަޅުގަނޑު ހޯދާނެ ގޮތައް.

    2
    1
  3. މިއީ ހަގީގަތް

    ކުރެވިދާނެ...ކުރީފަހަރު ހިލަރީ ވެސް 2 މިލިއަނައްވުރެ ގިނަ ވޯޓުކުރީގައިއޮތީ އެކަމަކުވެސް
    ޓްރަމްޕު ފެނުނީ...ސަބަބަކީ ޔަހޫދީންގެ ތާއީދު އޮތުން އަދި ރަޝިއާ ހެކްކޮށްގެން މަކަރުހެދުން...އެމަރިކާ ސަރުކާރު ކޮންޓްރޯލް ކުރަނީ އިޒްރޭލްގެ ލޮބީގުރޫޕްތަކުން........