ނ. ހޮޅުދޫ ބަނދަރަށް އަރައިގެން އަންނަ އިރު، ގިނަ ބައެއްގެ ލޮލުގައި އަޅައިގަންނަ އެއް ތަނަކަށް ވާނީ ޒަމާނީ ފެންވަރަށް އެ ރަށުގައި ބިނާކޮށްފައިވާ މަސް ކަނޑާ ތަނަށެވެ. އެއީ އެހެން ރަށްރަށުގައި ހުންނަ މަސް ކަނޑާ ތަންތަނާ ތަފާތު ބިނާއެކެވެ. މިއީ ހޮޅުދޫގައި ތިބި ހުނަރުވެރިންގެ މަސައްކަތް ވަރަށް ބޮޑަށް ރަމްޒުކޮށްދޭ ބިނާއެކެވެ. ދިވެހިންގެ ކުޅަދާނަކަން ދައްކުވައިދޭ ރީތި އަދި ހިތްގައިމު ބިނާއެކެވެ.

ބީއެމްއެލްގެ ކޮމިއުނިޓީ ފަންޑުގެ އެހީ ވެސް ލިބިގެން އެ ބިނާ ގާއިމް ކުރުމުގެ ޕްރޮޖެކްޓްއަށް ޖުމުލަ 187،567 ރުފިޔާ ހަރަދުކޮށްފައިވެއެވެ. ބީއެމްއެލްގެ ކޮމިނިއުޓީ ފަންޑްއިން މި ޕްރޮޖެކްޓްއަށް ފަންޑް ކޮށްދީފައިވަނީ 50،000 ރުފިޔާއެވެ. އެއީ ބީއެމްއެލްގެ ކޮމިއުނިޓީ ފަންޑްގެ އެހީގައި ހިންގާ ކޮންމެ ޕްރޮޖެކްޓްއަކަށް ވެސް ބޭންކްއިން ފަންޑްކުރާ ވަރެވެ.

މި ބިނާ ތަރައްގީ ކުރުމުގައި ހަރަކާތްތެރިވި މައި ޗޮއިސް އޮފް ފުޓްބޯލް ކްލަބް (އެމްއެފްސީ) ގެ މެންބަރު މޫސާ ޝިމާއު ވިދާޅުވީ ޕްރޮޖެކްޓްއަށް ބޭނުންވާ އިތުރު ފައިސާ ހަމަޖެއްސީ ހެޔޮ އެދޭ އެކި ފަރާތްތަކުގެ އެހީތެރިކަމާ އެކުގައި ކަމަށެވެ.

މި ގޮތުން އެމްއެފްސީ ކްލަބްގެ މެންބަރުންގެ ފަރާތުންނާއި ރަށުގެ ވިޔަފާރިވެރިންނާއި އޮޑިވެރިންނާއި ހެޔޮ އެދޭ އިތުރު ފަރާތްތަކުގެ ފަރާތުން ފަންޑަށް އެހީތެރިކަން ލިބުނު ކަން ޝިމާއު ފާހަގަކުރެއްވިއެވެ.

ހޮޅުދޫ މަސް ކަނޑާ ތަން -- ފޮޓޯ: ހޮޅުދޫ އެމްސީއެފް

ޝިމާއު ފާހަގަކުރެއްވި ގޮތުގައި ކުރިން ރަށު ބަނދަރު ސަރަހައްދުގައި މަސް ކެނޑުމަށް ހާއްސަ ތަނެއް ނެތެވެ. އޭގެ ސަބަބުން ރަށު މަސްވެރިންނަށް މަސް ގެނެސް ރަށު ރައްޔިތުން މަސް ކަނޑާދީ ކަންކަން ކުރުމުގައި ދަތިތަކެއް ހުއްޓެވެ. އެހެންކަމުން މަސް ކަނޑާ ތަނެއްް އެޅުމުގައި ކްލަބް އިން އެހީތެރިކަން ދޭން ނިންމީ ކަމަށް އޭނާ ވިދާޅުވިއެވެ.

"ކުރީގަ މަސް ކަނޑަމުން ދިޔައީ ބަނދަރުގައި ހުންނަ ބާ މޭޒެއްގައި، ދެން އެ ކަން ބަދަލުކޮށް މަސްވެރިންނަށާއި ރަށުގެ ރައްޔިތުންނަށް، އެންމެނަށް، ލުއި ފަސޭހަ ކޮށްދިނުމަށްޓަކައި، ރަށު ބަނދަރު ސަރަހައްދުގައި މިފަދަ ގޮތަކަށް މަސް ކަނޑާ ތަނެއް ތަރައްގީ ކުރުމުގެ ވިސްނުން އައީ،" ޝިމާއު ވިދާޅުވިއެވެ.

ކޮވިޑް-19 ގެ ބަލިމަޑުކަން ކުރިމަތިވެ ދިމާތި ދަތިތަކާ އެކުގައި ވެސް ދޮޅު އަހަރު ދުވަހުގެ މުއްދަތެއްގައި ނިންމާލެވުނު އެ މަސް ކަނޑާ ތަނާއި އެހެން އާންމު ތަންތަނާ ހުރި މައިގަނޑު ތަފާތަކީ ވަސީލަތްތައް ހުރުމުގެ އިިތުރުން އެ ބިނާގެ ރީތި ޑިޒައިނެވެ.

ހޮޅުދޫ މަސް ކަނޑާ ތަން ގާއިމް ކުރުމުގެ މަސައްކަތް ކުރަނީ -- ފޮޓޯ: ހޮޅުދޫ އެމްސީއެފް

ބިނާގެ ޑިޒައިނަކީ ހޮޅުދޫ އަށް އުފަން އާކިޓެކްޓުންނާއި ޑިޒައިނަރުންގެ މަސައްކަތެކެވެ. ހޮޅުދޫއަށް އުފަން މުހައްމަދު ސިރާޖް (ކުޑޫ)، 42، ގެ ސިއާޗް ޕްރައިވެޓް ލިމިޓެޑް އާކިޓެކްޗާ ފާމްއިންނެވެ. މި ފާމްއިން މި މަސައްކަތް ކުރީ އަގެއް ނެތި ވޮލިއުންޓިއާ މަސައްކަތެއްގެ ގޮތުގައެވެ.

ސިރާޖް ވިދާޅުވި ގޮތުގައި މި މަސައްކަތަކީ އޭނާގެ ފާމްގައި މަސައްކަތް ކުރާ ހުނަރުވެރި ދިވެހި ބައެއް އެހެން އާކިޓެކްޓުންނާ ވެސް އެކީގައި ފަރުމާކުރެވުނު ޑިޒައިނެއް ކަމަށެވެ.

ޑިޒައިން ފަރުމާ ކުރުމުގެ އެކިއެކި މަސައްކަތްތަކުގައި ގާތްގަނޑަށް ފަސް ކުދިންގެ ޓީމެއް މަސައްކަތް ކުރި ކަން އޭނާ ފާހަގަކުރެއްވިއެވެ. މި ޓީމުގައި ސްރީލަންކާ އާއި ފިލިޕީންސްގެ އާކިޓެކްޓުން ވެސް އުޅޭ ކަން އޭނާ ފާހަގަކުރެއްވިއެވެ.

ސިރާޖްއާ ގުޅިގެން މި މަސައްކަތުގައި އުޅުއްވި އަހުސަން އަބްދުލް މުހުސިން، 27، ވިދާޅުވި ގޮތުގައި ބީއެމްއެލްގެ ކޮމިއުނިޓީ ފަންޑު މެދުވެރިކޮށް ފަންޑިން ލިބުމާ ގުޅިގެން ޑިޒައިނަރުންގެ މެދުގައި މަޝްވަރާ ކުރަން ފެށި ދުވަހުން ފެށިގެން އަމާޒު ކޮށްފައި ވަނީ ތަފާތު ޑިޒައިނެއްގައި ބިނާ ފަރުމާ ކުރުމަށެވެ.

"އަޅުގަނޑުމެންގެ ތެރޭގައި މަޝްވަރާކޮށް ހިޔާލު ބަދަލު ކުރުމުގެ ތެރެއިން މި ހިޔާލު އުފަންވީ. ވިސްނުމަކަށްވީ މިއީ މަސް ކަނޑާ ތަނެކޭ، އެހެންކަމުން މަހުގެ ބައްޓަމަށް މި ބިނާ ޑިޒައިން ކުރުން ސަޅިވާނެއޭ، އެ ގޮތަށް ދެން މި ޑިޒައިންގެ ހިޔާލު އުފެދިގެން އައީ،" ފ. ނިލަންދޫއަށް އުފަން އަހުސަން ކިޔައިދިނެވެ.

ހޮޅުދޫ ބަނދަރު ސަރަހައްދުން މިހާރު ފެންނަ މަސް ކަނޑާ ތަނުގެ ބިނާއަށް ބަލާލުމުން ވެސް މި ކަން ފާހަގަކޮށްލެވެއެވެ. މަސް ކަނޑާ ތަނުގެ ބިނާ ހިޔާ ކޮށްފައިވާ ބަޔާއި އެ ތަނުގެ އިސްކުރު ބަރި ހިމެނޭ ސަރަހައްދާއި ބިނާގެ ތިރީ ފަށަލާގައި ވަށައިގެން ބިމުގައި ގާ ޖަހާފައިވާ ސަރަހައްދު ވެސް ފަރުމާކޮށްފައިވަނީ މަހުގެ ބައްޓަމަކަށެވެ.

ހޮޅުދޫ މަސް ކަނޑާ ތަން -- ފޮޓޯ: ހޮޅުދޫ އެމްސީއެފް

ދުވާލުގެ ވަގުތުތަކުގެ އިތުރުން ރޭގަނޑުގެ ވަގުތުގައި ވެސް އަލިކޮށްގެން ބޭނުންކުރެވޭ ގޮތަށް ގާއިމް ކޮށްފައިވާ އެ ތަނުގައި އެއް ފަހަރާ އަށް މީހުނަށް މަސް ކަނޑާލަން ތިބެވޭނެއެވެ.

އެ ތަނުގައި ސާފު ރީތި ފެން ލިބޭނެ ގޮތަށް އިސްކުރު ހަރުކޮށްފައިވާ އިރު މަސް ކަނޑާނެ ތަނަވަސް ޖާގައެއް އޮވެއެވެ. އަދި ތަކެތި ރައްކާތެރި ކުރާނެ ގުދަނެއް ވެސް އެ ތަނުގައި ހިމަނާފައިވެއެވެ.

ހޮޅުދޫ މަސް ކަނޑާ ތަން -- ފޮޓޯ: ހޮޅުދޫ އެމްސީއެފް

އަހުސަން އިތުރަށް ކިޔައި ދިން ގޮތުގައި އެ ރަށުގެ ބަނދަރު ސަރަހައްދުގައި ފެންނަ މަސް ކަނޑާ ތަނުގެ ބިނާ ފެންނަ ގޮތަށް ޑިޒައިން ގެނެވުނީ ތިން ފަހަރެއްގެ މަތިން ޑިޒައިން ކޮންސެޕްޓް ތައްޔާރު ކުރުމަށް ފަހުގައެވެ. ޑިޒައިނަށް ބަދަލު ގެންނަން ޖެހުނީ ހިޔާ ކުރެވޭ ސަރަހައްދު މަހުގެ ބައްޓަމަކަށް ބިނާކުރެވޭއިރު ފަސޭހަ ގޮތަކަށް އަމަލީ ގޮތުން ފަރުމާ ކުރުމުގެ ބޭނުމުގައެވެ.

"ތިން ފަހަރު ވެސް ބޮޑަށް މަހުގެ ކާވިންއަށް ބޮޑަށް ބަދަލު ގެންނަން ޖެހުނީ، އަމަލީ ގޮތުން އެ ބިނާ ކުރާއިރު މަހުގެ ކާވިން ފަސޭހަ ގޮތަކަށް އަދި ރީތިކޮށް އެޅޭނެ ގޮތަކަށް ވިސްނަމުން ބަދަލުތައް ގެނެވުމުން މިހާރު އެ ފެންނަ ގޮތަށް ޑިޒައިން ކޮންސެޕްޓް ތައްޔާރު ކުރެވިފައިވަނީ،" އަހުސަން ތަފްސީލްކޮށްދިނެވެ.

ހޮޅުދޫ މަސް ކަނޑާ ތަނުގެ ބިނާގެ ޑިޒައިން ކޮންސެޕްޓްއަށް ގެނެވުނު ބަދަލުތައް -- ފޮޓޯ: ސިއާޗް

ހޮޅުދޫގެ މަސް ކަނޑާ ތަނުގެ ބިނާ ޑިޒައިންކޮށްފައިވާ ސިއާޗް ޕްރައިވެޓް ލިމިޓެޑް ކުންފުންޏަކީ ހޮޅުދޫގެ ގެތަކާއި އެ ރަށުގައި ހުންނަ މޭނާ ސްކޫލްގެ ބައެއް ބިނާތަކާއި ގެސްޓްހައުސްތަކުގެ ބިނާތަކުގެ ޑިޒައިން ކޮންސެޕްޓްގެ އިތުރުން ބައެއް ރިސޯޓްތަކުގެ ބިނާތައް ވެސް ޑިޒައިންކޮށްދީފައިވާ ފާމެކެވެ. ކ.ހިންމަފުށީގައި ގާއިމް ކޮށްފައިވާ މިސްކިތް ފަދަ ބިނާތައް ވެސް ހިމެނެއެވެ.

ރާއްޖޭގެ ޕްރޮޖެކްޓްތަކުގެ އިތުރުން ބޭރުގެ ބައެއް ޕްރޮޖެކްޓްތައް ޑިޒައިން ކުރުމަށް ވެސް މި ފާމްއާ ހަވާލު ކުރެވިފައިވެއެވެ. މި ގޮތުން، މިސްރުގައި ހަދަމުންދާ ރިސޯޓަކާއި ދުބާއީގައި ހަދަމުންދާ ރިސޯޓެއް ޑިޒައިން ކުރުމުގެ ޕްރޮޖެކްޓް ފާހަގަކޮށްލެވެއެވެ.

ހޮޅުދޫ މަސް ކަނޑާ ތަން ގާއިމް ކުރުމުގެ އަމަލީ މަސައްކަތް ކުރަން ހަވާލުކުރީ އެމްއާރުޒެޑް ޕްރައިވެޓް ލިމިޓެޑަށެވެ. އެ ކުންފުންނަކީ ވެސް ހޮޅުދޫއަށް އުފަން ބައެއްގެ ހިއްސާ އޮންނަ ކުންފުންޏެއް ކަން މި މަސައްކަތުގައި އިސްކޮށް ހަރަކާތްތެރިވި އެމްސީއެފްގެ މެންބަރު ޝިމާއު ފާހަގަކުރެއްވިއެވެ.

އެމްއާރުުއެެޒް ޕްރައިވެޓް ލިމިޓެޑުން ސްޓްރަކްޗާގެ މަސައްކަތް ކުރިއިރު، ތަނުގެ ފިނިޝިން މަސައްކަތްތައް ކޮށްފައިވަނީ އެމްސީއެފްގެ ހީވާގި މެންބަރުންނެވެ.

އެމްސީއެފްގެ ފަރާތުން މި މަސައްކަތް ކުރުމުގައި މާލީ ގޮތުންނާއި އެހެނިހެން ގޮތްގޮތުން އެހީތެރިވި އެންމެހާ ފަރާތްތަކާއި އެމްސީއެފްގެ މެންބަރުންނަށް ޝުކުރު އަދާ ކުރާ ކަމަށް އެމްސީއެފްގެ މެންބަރު ޝިމާއު ވިދާޅުވިއެވެ.

ހޮޅުދޫ އަށް އެރުމުން ރަށު ބަނދަރު ސަަރައްދުން ފެންނަން ހުންނާނެ މަސް ކަނޑާ ތަނުގެ ބިނާ ރަމްޒު ކޮށްދޭނީ ރަށަށް އުފަން ހުނަވަރުވެރިންގެ މި މަސައްކަތެވެ. ރަށަށް އުފަން ޑިޒައިނަރުންނާއި އާކިޓެކްޓުންގެ އިތުރުން ރަށުގައި ހަރަކާތްތެރިވާ ވިޔަފާރިވެރިންނާއި އޮޑިވަރިންނާއި އެމްސީއެފް ފަދަ ކްލަބްތަކުގެ އެކުވެރި ގުޅުން ވެސް ރަމްޒުކޮށްދޭނެއެވެ.

ކިޔުންތެރިންގެ ހިޔާލު

4 ކޮމެންޓް

  1. ރަދީފް

    ސާބަހޭ ހޮޅުދޫ ޒުވާނުން.ހޮޅުދޫ އެއީ ނަމޫނާ ރަށެއް.ރަށުގެ މަގުތައް އެއީ އަބަދުވެސް ސާފުކޮށް ރީތިކޮށް އޮންނަ މަގުތަކެއް.ރަށުގެ ރައްޔަތުން އެއީ ހިތްހެޔޮ ރަނގަޅުބައެއް.ވ.ވެދުން

    26
    2
  2. ބުއްޅަބޭ

    ރަނގަޅުކަމެެއް.
    ނަމަވެސް ފަހުން ކުރަންޖެހޭ މަރާމާތު ކުޑަވެފައި ގިނަދުވަސްތަކަކަށް ހުންނާނެކަހަލަ ގޮތަކަށް ހަދާނަމަ ރަނގަޅުވީސް.
    ތިއީ މޭކަޕާއި، އެލެކްޓްރޯނިކްސް ވިައްކާ ޝޯވރޫމެއްނޫން.
    މަސްކަނޑަތަން ޓިނާއި ލަކުޑިން ހިޔާކޮށް، ރަނގަޅު ސީލިން އެއް އެޅިނަމަ ލަކުޑި ގިނަދުވަހު ހުންނާނެ، ޓިނުވެސް ގިނަދުވަހަށް ހުންނާނެ، އަދި ގެްލުމެއްދޭންވެސް އުނދަގޫވާނެ.
    ރާޢްޖޭގައި ތިބޭންކް ހިންގާތާ އެތައް އަހަރެއް ފަހުން ރަށަށް ސައިބޯނި ބޮތްކެއް ދިއްކުޮލުމަކުން ނުފުދޭ.

    15
    2
  3. ރާއްޖެ

    ބޮޑެތި ހެޑްލައިން ލިޔެގެން ޕްރޮމޯޓް ކުރާ ވަރުގެ ކަމެއް ނޫން ތިއަކީ. މި ސަރުކާރުގެ ރޭޓުން ބަލާ ނަމަ މެގަ ޕްރޮޖެކްޓެއް.

    18
    4
  4. މޭން

    ހަޑި.

    2
    6