މައިންބަފައިން ބޮޑެތި ހަރަދު ކޮށްގެން ސްކޫލަށް ފޮނުވާ ހުރިހާ ކުދިންނަށް މޮޅަށް ކިޔެވުމުގެ ނަސީބެއް ގިނަ ފަހަރަށް ނުލިބެއެވެ. މަނާއަކީ އެ ކުދިންނަކީ މުޖުތަމައުގައި ބޭކާރުވެގެން އެއްވެސް މުސްތަގުބަލެއް ނެތް ބަޔަކަށްވުމެއް ނޫނެވެ. ހުރިހާ ދަރިވަރުންނަކީ ކިޔެވުމަށް ޝައުގުވެރިކަން ހުންނަ ކުއްޖަކަށްވެސް ނުވެދާނެއެވެ. ނަމަވެސް އަޒުމެއް ހުރިއްޔާ ކާމިޔާބު ލިބޭނެކަން ސާބިތުކޮށްދިން ކިތަންމެ ބަޔަކު ދިވެހީންގެ ތެރޭގައިވެސް އެބަ އުޅެއެވެ.

މިއީ ކުޑައިރު ގިނަ ބައެއްގެ މަލާމާތް އަމާޒުވެފައިވާ އުމުރުން 20 އަހަރުގެ ގއ. ގެމަނަފުއްޓަށް އުފަން ޒުވާން އިންޖިނީއަރު އަހުމަދު އައުޒަމް، ކާމިޔާބީއާ ހަމައަށް ވާސިލުވުމަށް ކުރި ދަތުރެވެ.

ކުޑައިރު ވާހަކަ ދެއްކުމަށް އުނދަގޫތައް ހުރުމުން އައުޒަމް އަކީ އޭރުގައި އެހާ ގިނައިން މީހުންނާ ވާހަކަ ދައްކާ ސަކަރާތް ޖަހައި އުޅުނު މީހެއް ނޫނެވެ. އޭނާ އަކީ ގިނަ ވަގުތު ސްކޫލުން ގެޔަށްދާ ގޮތަށް ގޭގައި ގިނަ ވަގުތު ހޭދަކުރި މީހެކެވެ. މިގޮތުން ކުޑައިރުގެ އެންމެ ޚާއްސަ ހަނދާނަކީ ކުޅެން ގެންގުޅުނު ކުޑަ މޯޓަރެއްގެ ވާހަކައެވެ.

އައުޒަމް ބުނީ، މިހާރުވެސް ހަނދާން ހުންނަނީ ކުޑައިރު، ސްކޫލް ނިންމާފައި ގެއަށް އަންނަ ގޮތަށް މޯޓަރު ހިފައިގެން އެ ރޫޅައި ކުދި ކޮށްގެން އެ މަރާމާތު ކުރާ ހަނދާން ކަމަށާއި، އެއީ މިއަދު އޭނާއަށް ލިބިފައިވާ ކާމިޔާބީގެ ފެށުން ކަމަށެވެ.

"ސުކޫލް ގަޑި ނިންމާލާފައި އައިސް އަޅުގަނޑު ވަގުތު ހޭދަ ކުރަނީ މޯޓަރު ފަދަ ކުޑަކުޑަ ސާމާނު ރޫޅާ މަރާމާތުކޮށް ހެދުމަށް، މިހާރު ގޮތަށް ކުދިން އަތަށް ޓެބްލެޓް، ފޯނު ފަދަ ސާމާނު ދީފަ ހުންނަ ޒަމާނެއް ނޫން އެއީ،" އައުޒަމް ބުންޏެވެ.

ސްކޫލް ދައުރުގައި ލިބުނީ ހިތް ދަތި ބަސްތަކެއް

ސްކޫލުގައި ކިޔަވަމުން ދިޔަ އިރު، ޕްރައިމަރީ ގްރޭޑްތަކުގެ ޓީޗާސް-ޕޭރެންޓް ބައްދަލުވުމުގައި ޓީޗަރުން މަންމަ އާއި ބައްޕަ ކައިރީ ދައްކާ ވާހަކަތަކުން އެމީހުން ހިތްހަމަނުޖެހޭކަން އިހުސާސް ކުރެވޭ ކަމަށާއި ނަމަވެސް އޭރުގައި ކިޔެވުމަށް އެއްވެސް ކަހަލަ ޝައުގުވެރި ކަމެއް ނުހުންނަ ކަމަށް އައުޒަމް ބުންޏެވެ.

"އެމީހުން ހިތާމަ އެ ކުރަނީ އަޅުގަނޑުގެ މުސްތަގުބަލަށް ވިސްނާފައި. އެހެނަސް ކިޔެވުންވީ އަޅުގަނޑަށް ކުރާ ހިތް ނުވާ ކަމަކަށް" އައުޒަމް ބުންޏެވެ.

އޭރު އެގޮތަށް ކަން ހިނގާފައި ހުރި ނަމަވެސް، ގްރޭޑް 10 އިން ފެށިގެން ކިޔަވަން އަޒުމު ކަނޑައަޅައި އެގޮތުގައި ހިފި ކަމަށާއި އޭގެ ނަތީޖާއެއްގެ ގޮތުން ޓީޗަރުންގެ ފަރާތުން ވެސް އޭނާ ކިޔަވަން މަސައްކަތް ކުރާތަން ފެންނަ ކަމަށް ޓީޗަރުން ބުނެފައިވާ ކަމަށް އައުޒަމް ވަނީ ބުނެފައެވެ. އެފަދަ ބަސްތަކެއް މުދައްރިސުންގެ ފަރާތުން ލިބުމުން އުފާވި ކަން އޭނާ ވަނީ ފާހަގަ ކޮށްފައެވެ.

އާންމު ނަމުން ނަމަ އައުޒަމް އަށް "ޕިސްޓަން" އޭވެސް ކިޔައި އުޅޭ

އައުޒަމް ބުނީ، ލޮލަށް ފެންނަ ބައެއް ތަކެތި ހަދާފައި ހުންނަ ގޮތް ވިސްނާތީ އޭނާއަށް ބައެއް ފަހަރު ނިދަން އުނދަގޫވާ ކަމަށާއި ލޮލަށް ނިދި އަންނަނީ އެތަކެތި ހަދާފައިވާ ގޮތް ދިރާސާ ކުރެވުމުން ކަމަށެވެ.

"ކިޔަވަން އިންނަ އިރުވެސް ހިތަށް އަރަނީ ބޯޑުގަ ލިޔަން ގެންގުޅޭ މާކަރު އެއްޗެހި ހަދާފަ މި ހުންނަނީ ކިހިނެއްބާއޭ، އެކަހަލަ އެއްޗެއް ހިތައް އަރައިފިއްޔާ ނުނިދޭނެ ހަމަ، އެ ދިރާސާކޮށް ވާނުވާ އިނގުނީމަ ދެން ހަމަ ނިދޭނީވެސް"

ކުޑައިރު ގެންގުޅު މޯޓަރުވީ ގުދުރަތުން ދެއްވި ހަދިޔާއަކަށް

ކުޑައިރުއްސުރު މޯޓަރު ފަދަ ތަކެތި ރޫޅައި މަރާމާތުކުރަން ވަގުތު ހޭދަކުރުމުން އޭނާގެ އެ ހުނަރު މިހާރު ވަނީ ފެނިފައެވެ.

އައުޒަމްއަކީ މިހާރު އެމްޓީސީސީގައި މެކޭނިކެއްގެ ގޮތުގައި މަސައްކަތް ކުރަމުން އަންނަ ޒުވާނެކެވެ. އޭނާ ގަބޫލު ކުރާ ގޮތުގައި މިއީ ކުޑައިރު ގެންގުޅު މޯޓަރު ސަބަބުން އޭނާއަށް ލިބުނު ކުރި އެރުމެވެ. ކުޑައިރު އަޒުމުގައި ލައިގެން ހުރި މެކޭނިކެއްގެ މަގާމުގައި މިއަދު ހުރެވޭތީ އައުޒަމް އެކަމާއި ފަހުރުވެރިވެއެވެ. އަދި އެދާއިރާއިން އިތުރު ހަރުފަތަކަށް ދެވޭތޯ މަސައްކަތް ކުރާނެ ކަންވެސް އައުޒަމް ވަނީ ފާހަގަ ކޮށްފައެވެ.

"އުއްމީދަކީ ރާއްޖޭގައި ހުރި އެންމެ މޮޅު (ނަންބަރ 1) އިންޖިނިއަރަކަށްވުން" އައުޒަމް ބުންޏެވެ.

އައުޒަމް އަކީ ހަމަ އެކަނި މޯޓަރު ރޫޅުމުގެ ހުނަރު ލިބިފައިވާ މީހެއް ނޫނެވެ. އޭނާ އަކީ ބައިސިކަލް އަމިއްލަ ޑިޒައިނަށް މޮޑިފައިކޮށް އުޅުނު މީހެކެވެ.

އެގޮތުން ބައިސްކަލުގައި މީޓަރު ހަރުކޮށް، ދުއްވުމުން ކަރަންޓް އުފައްދައިދޭ މިންވަރު ހާމަވާ ގޮތަށް ހަދައި، ހެޑްލައިޓާ ސައިޑްލައިޓް އަދި އިިމަޖެންސީ ލައިޓް ހަރުކޮށްފައި ވެއެވެ. މީގެ އިތުރުން ސްޕީކަރު ހަރުކޮށްފައި ހުންނަ އިރު، ފޯނުން ގުޅާ މީހުންނާ ވާހަކަ ދެއްކޭ ގޮތަށް ވެސް އެ ބައިސިކަލް ވަނީ ހަދައިފައެވެ.

އައުޒަމް ހަދާފައިވާ ބައެއް ބައިސިކަލްތައް-- ފޮޓޯ: އައުޒަމް

މީގެއިތުރުވެސް އައުޒަމް އެފަދަ ތަކެތި ދެކެވާ ލޯތްބެއްގެ ބޮޑުކަމުން އޭނާ ދިރިއުޅުމުގައި ބޭނުން ކުރާ ބައެއް ތަކެތީގައި ވެސް އެފަދަ ކުރެހުންތައް ފެނިގެންދެއެވެ. އެގޮތުން ބަލާއިރު އަޅާ ބެލްޓް، ތޮފި، ގަޑި އާއި ކެއުން ބުއިމަށް ބޭނުން ކުރާ ސަމުސާ، އޫ ފަދަ ތަކެތިވެސް ފަރުވާ ކޮށްފައިވަނީ އިންޖިނިއަރިންނާ ގުޅޭ ގޮތަށެވެ.

އައުޒަމް ބޭނުން ކުރާ ބައެއް ތަކެތި އިންޖިނިއަރިންއާއި ގުޅޭގޮތަށް ފަރުމާ ކޮށްފައި-- ފޮޓޯ: އައުޒަމް

ހުވަފެންތަކުގައި ކުލަ ޖެއްސުމަށް ރަށުގައި ގަރާޖެއް

ސާނަވީ އިމްތިހާން ނިންމުމަށްފަހު އަމިއްލަ ރަށުގައި "ގަރާޖެއް" ހުޅުވައިގެން އައުޒަމް އޭނާގެ އުންމީދުތަކުގައި ކުލަ ޖެއްސުމަށް މަސައްކަތް ފެށިއެވެ. އެއާއެކު ރަށުގައި އަމިއްލަ އުފެެއްދުންތައް އީޖާދު ކުރަމުން ގަރާޖުގައި މަސައްކަތް ކުރަމުންނާއި ރަށުން ބޭރުގައި ވެލްޑިންގެ މަސައްކަތް ކުރަން ގޮސް އުޅޭ ކަމަށް އައުޒަމް ބުންޏެވެ.

އެ ގަރާޖުގައި ސައިކަލު ދޮވުމުގެ ހިދުމަތްތައްވެސް އޭނާ ކޮށްދިނެވެ. އަދި ބައެއް ރަށްރަށުން ގެންނަ އިންޖީނުތައް މަރާމާތު ކުރުމުގެ މަސައްކަތްތައްވެސް އޭނާ ކޮށްފައި ވެއެވެ.

އައުޒަމް ބުނީ، އޭނާއަށް ލިބުނު އެ ކާމިޔާބީއާއި ހަމައަށް ވާސިލުވުމަށް އެންމެ ބޮޑު އެހީތެރިކަމެއް ފޯރުކޮށްދީފައިވަނީ އޭނަގެ މައިންބަފައިން ކަމަށާއި އެކަމަށް އޭނާ މިއަދުވެސް ޝުކުރު އަދާ ކުރާ ކަމަށެވެ. އަދި މިއަދު އޭނާއަކީ މައިންބަފައިން ފަޚުރުވެރިވާފަދަ ދަރިއެއް ކަމަށް ޤަބޫލުކުރެވޭ ކަމަށްވެސް އައުޒަމް ފަޚުރުވެރިކަމާއެކު ބުންޏެވެ.

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

 1. ލަވްލީ

  ހާދަ އުފާވެރި ވާހަކަ ކޮޅެކެވެ.

  47
  1
 2. ޙަސަނު

  ވަރަށް ފުރިހަމަ! ކުރި ހިތްވަރަށް ސާބަސް!
  އެއްމަންނަކީ އިލްމް ލިބޭ ބައެއް ނޫން. ޢެހެންނަމަވެސް ހިލްމަކީ އަމިއްލަ އަށް ހޯދީމަ ލިބޭނެ އެއްޗެއް.

  33