ދެ ފޫޓު، ތިން ފޫޓު ހުދު ގަނޑެއްގައި ފެންނަ ރީތި ހިތްގައިމު މަންޒަރެކެވެ. ދޮށީ އުމުރުގެ ފުރައިގެ ދިވެހި އަންހެނެކެވެ. ދިވެހިވަންތަ ބުރުގާއެއް އަޅައިގެނެވެ. މޫނު މަތީގައިވާ ރޫތަކާއި ދެ ލޮލުގައިވާ ކަޅިއާއި އެ ފުރިހަމަ ހިނިތިވުން ސާފުކޮށް އެ ފޮޓޯއިން ފެނެއެވެ. މޫނާ ވަރަށް ގާތުން ނަގާފައިވާ އެ ފޮޓޯގައި ފަހަތުގައި ދިވެހިން އާންމުކޮށް އިށީންނަން ފަރުމާކޮށްފައިވާ ޖޯލިފައްޗެއް ވެސް ފެނެއެވެ. މާމަ ޖޯލީގައި އިށީނދެ އިނީއެވެ. އެއީ ހުދާއި ކަޅު ކުލަ ހިމެނޭ ފޮޓޯއެކެވެ. ކުލަ ހުރި ފޮޓޯގަނޑަކަށް ނުވިޔަސް ފަހުގެ ތާރީހެއްގައި ނަގާފައިވާ ފޮޓޯއެއް ކަން އެއަށް ބަލާލުމުން ވެސް ފާހަގަވެއެވެ.

މާލޭގައި ހުންނަ އާޓް ގެލެރީގައި ދިވެހި ފަންނާނުންގެ އެކި ކުރެހުންތައް އަތުރާލާފައި ހުންނައިރު ކުރެހުންތައް އެކު އެކީ ލޮލަށް ފެންނަހާ ދުރުން ވެސް މި ފޮޓޯގަނޑު ލޮލުގައި އަޅައިގަތީއެވެ. ފުރަތަމަ ވެސް ގަބޫލު ކުރެވުނީ އާންމު ފޮޓޯއަކަށް ވުން އެކަށީގެންވާ ކަމުގައެވެ. ހުދާއި ކަޅު ކުލަ ހިމެނޭ އެ ފޮޓޯއާ ކައިރިވެލާފައި ފޮޓޯއާ އިން ވެގެން ފާރުގައި ތަތްކޮށްފައިވާ ނޯޓް ކިޔާލުމުން ސާފުވީ މިއީ އާންމު ފޮޓޯއެއް ނޫން ކަމެވެ. ދިވެހިން ފަންނާނަކު ފަންސުރު ބޭނުންކޮށްގެން އޭނާގެ އަތުން ކުރަހާފައިވާ ޕޯޓްރޭޓެކެވެ. ފަންސުރު ތުނޑަކުން ފޮޓޯ އެހާ ތަފްސީލްކޮށް ހުށަހަޅާފައިވަނީ، ޒުވާން ދިވެހި ފަންނުވެރިޔާ އީމާ ޝަރީފެވެ.

ދިވެހި ފަންނާނުންގެ ހުނަރުތައް ދައްކާލުމަށް ކޮންމެ އަހަރަކު ބާއްވާ "އަންވެލިން ވިޝަންސް" ގެ މި އަހަރުގެ މައުރަޒުގައި ހުރި ކުރެހުންތަކުން ފާހަގަކޮށްލެވޭ މި ހާއްސަ ކުރެހުން ފެނި ހިނދުކޮޅަކު މަޑުކޮށްލައިގެން ހުންނަނިކޮށް ކުރެހުން ހުށަހަޅައިދިން ފަންނުވެރިޔާ އީމާއާ ވެސް ބައްދަލުވިއެވެ. ކުރިން ވެސް ބެލެވުނު ގޮތުގައި ފޮޓޯއެއް އެހާ ތަފްސީލްކޮށް ފެންނާނެ ގޮތަށް ކުރެހުން ތައްޔާރުކޮށްލަން ވަގުތުތަކެއް ނެގިއެވެ. މަސައްކަތްތަކެއް ކުރަން ޖެހުނެވެ. ވަރަށް ބޮޑަށް އެ ކަމަށް ފޯކަސް ކުރަން ޖެހުނެވެ.

ޗާކޯލް ފަންސޫރުން އީމާ ތަފްސީލް ކޮށްދިން އެ ފޮޓޯއަކީ ފޮޓޯގްރާފަރު، އީމާގެ ދެބެއިންގެ ދެދަރި ބޭބެ އަބްދުﷲ ޔަޝާއު މިދިޔަ އަހަރު ރ. އަލިފުށްޓަށް ކުރި ދަތުރެއްގައި ނެގި ފޮޓޯއެކެވެ. އީމާގެ ކުރެހުމަށް ރިފެރެންސް ފޮޓޯއަކަށް އެ ފޮޓޯ ބޭނުން ކުރުމަށް އެދުމުން އަބްދުﷲ ޔަޝާއު އެ ފޮޓޯ ދިނީއެވެ. އެ ފޮޓޯއަކީ މައުރަޒަށް ހާއްސަކޮށް އޭނާ ހުށަހަޅަން ބޭނުންވި ފޮޓޯއެކެވެ.

ޒުވާން ފަންނާނު އީމާ ޝަރީފް މައުރަޒަށް ހުށަހެޅި ކުރެހުމާއި އޭގެ ރެފެރެންސް ނުވަތަ އަސްލު ފޮޓޯ -- ފޮޓޯ: ޔުޝާއު އިންސްޓަގްރާމް

އުމުރުން 17 އަހަރުގެ އީމާ ކިޔައިދިން ގޮތުގައި، ކުރެހުމުގެ އެކި ހިސާބުތައް ފުރިހަމަ ކުރާނެ ގޮތަކާ މެދު ވިސްނުމަށް ކުރެހުމާ ދުރުވެ ސިކުނޑި ހުސްކޮށްލަން ޖެހުނު ވަގުތުތައް ވެސް އައެވެ. ކުރެހުމުގައި ހިމެނޭ ބައެއް ދިމާތައް ފުރަތަމަ ކުރެހުނު ގޮތާ މެދު ހިތްހަމަނުޖެހޭތީ ކުރެހުމުގެ އެކި އުކުޅު ބޭނުންކޮށް ބަދަލުކޮށްފައިވެއެވެ. ކުރަހަން ފެށި ފަހުން މުޅި އެ ކުރެހުން ފުރިހަމަ ކޮށްލެވުނީ ތިން މަހެއްހާ ދުވަހުންނެވެ.

"ކުރަހަން ފެށި ފަހުން ތިން މަހެއްހާ ދުވަހުން ފުރިހަމަކޮށްލެވުނީ، ދެން އެ ތިން މަހުގެ ތެރޭގައި ހުންނާނެ ބްރޭކް ޓައިމް ނަގާފަ ވެސް، ދުވަސްތައް ވެސް ބްރޭކްއެއްގެ ގޮތުގައި ނަގާފައި، އެއީ ކުރަން ހުންނަ އެހެނިހެން ކަންކަމަށް، ބައެއް ފަހަރު ކުރެހުން ފުރިހަމަ ކުރާނެ ގޮތާ މެދު ވިސްނާލަން ވެސް، ކުރެހުން ޑީޓެއިލް ކުރަން ވެސް ވަގުތު ދިޔަ، ބައެއް ފަހަރު ވަކި ތަނެއް ކުރެހުނު ގޮތް ބަދަލުކޮށްލަން އިތުރަށް ޝެޑޯކޮށް އެކި ގޮތްގޮތަށް ބަދަލުކޮށްފަ ވެސް ވާނެ،" ކުރެހުން ތައްޔާރު ކުރި ގޮތް ތަފްސީލްކޮށްދިނެވެ.

ޒުވާން ފަންނާނު އީމާ ޝަރީފް "ވަގުތު" ނޫހަށް އިންޓަވިއު ދެނީ -- ފޮޓޯ: މެކް

އީމާ ބުނި ގޮތުގައި ފޮޓޯ ތަފްސީލްކޮށް ކުރެހުމުގައި އެންމެ ދަތިވި ކަމަކަށްވީ ބުރުގާގެ ޑިޒައިނިންއެވެ. މާމަގެ ބުރުގާގެ ޑިޒައިނިން ވެސް ވަރަށް ތަފްސީލްކޮށް ކުރަހާފައިވެއެވެ. ކައިރިން ކުރެހުމަށް ބަލާލުމުން ބުރުގާގައިވާ ޑިޒައިންތައް ވަރަށް ފުރިހަމައަށް ފެނެއެވެ. ބުރުގާގެ ޑިޒައިންނާއި ބުރުގާ ކުރަހަން އުނދަގޫވި އެއް ސަބަބަކީ، އީމާ ބުނި ގޮތުގައި، މީގެ ކުރިން މި ގޮތަށް ޕޯޓްރޭޓް ކުރަހާފައި ހުރިއިރު ބުރުގާ އަޅައިގެން ހުރި މީހަކު ކުރަހަފާއި ނެތުމުންނެވެ.

"ކުރިން ބުރުގާ އަޅާފަ ހުރި މީހެއްގެ ޕޯޓްރޭޓްއެއް ކުރަހާލަން ޓްރައިއެއް ނުކުރަން، މި ފަހަރު މުޅިން އަލަށް ބުރުގާ އަޅައިގެން ހުރި މީހެއްގެ ފޮޓޯއެއް ބަލައިގެން މި ކުރެހީ، އެހެންވެ ބުރުގާގެ ޑިޒައިނިންގެ ޑީޓެއިލްސް ގެންނަން ކުޑަކޮށް އުނދަގޫވި، ދެން މޫނު މަތީގެ ރޫތައް ކުރެހިއިރު ލޯ ކައިރީ ހުރި ރޫތައް ކުރަހަން އުނދަގޫވި، ކުރެހުން ފެށީ ވެސް ލޮލާ ހަމައިން، އެހެންވެ ފުރަތަމަ ދުވަސްކޮޅު ތެރޭ އެބައި ވެސް ނިމުނު،" އީމާ ކިޔައިދިނެވެ.

މައުރަޒަށް ޒިޔާރަތް ކުރި ބައެއް ފަރާތްތަކުން އީމާ ޝަރީފްގެ ކުރެހުމަށް ބަލަހައްޓައިގެން -- ފޮޓޯ: މެކް

މި އަހަރުގެ މައުރަޒަށް އެ ކުރެހުން ހުށަހަޅަން ނިންމީ ކީއްވެގެންތޯ ސުވާލުކޮށްލުމުން އީމާ ބުނީ މީގެ ކުރިން އެ މިންވަރަށް ތަފްސީލްކޮށް ފަންސުރުން ޕޯޓްރޭޓް ކުރަހާފައި ނުވުމުންނެވެ. އެ ފޮޓޯގެ ކުރުހުން ތައްޔާރުކުރުމުގައި ތަފްސީލް ކުރަން ޖެހޭނެ އެކި ދިމާ ހުރުމުންނަވެ. ވަރަށް ތަފްސީލްކޮށް ކުރަހައިގެން ހުށަހަޅަން އޭނާ ބޭނުންވީއެވެ. ދޮށީ އުމުރުގެ ކަނބަލަކަށް ވުމުން މޫނު މަތީގައި ހުންނަ ރޫތަކާއި ލޯ ކައިރީގެ އިތުރުން ބުރުގާ ވެސް ތަފްސީލްކޮށް ކުރަހަން ޖެހޭނެއެވެ. އަދި އާންމު އެހެން މީހުންނާ ތަފާތުކޮށް ހާއްސަ އިސްކަމެއް ދީގެން އޭނާގެ ހިނިތުންވުން ހުށަހަޅައިދޭން ވެސް އެބަ ޖެހެއެވެ.

"ވަރަށް ޑީޓެއިލްކޮށް ފަންސުރުން އަބަދުވެސް ކުރަހާ ހިތްވޭ، އެކަމަކު މިހާ ޑީޓެއިލްކޮށް ކުރިން ނުކުރުހަން، އެހެންވެ ޗެލެންޖަކަށް ވެސް ބޭނުންވީ ކުރިން ނުކުރާ ވަރަށް މަސައްކަތްކޮށްގެން ޑީޓެއިލް ކުރެހުމެއް އެގްޒިބިޝަންއަށް ހުށަހަޅަން، އެހެންވެ ދޮށީ މީހެއްގެ ފޮޓޯ އިހްތިޔާރު ކުރީ ވެސް، ކުރިން ޓްރައި ނުކޮށް ހުރި ޑީޓެއިލްސްތަކެއް ވެސް ހުރީމަ، ހާއްސަކޮށް ބުރުގާއާއި އޭގެ ޑިޒައިނިން، ކުރެހުންތައް އިމްޕްރޫވްކޮށް އާ ތަޖުރިބާއެއް ލިބޭނެތީ،" އީމާ ބުންޏެވެ.

އީމާ ޝަރީފް ފަންސޫރުން ކުރަހާފައިވާ އެހެން ޕޮޓްރޭޓެއް -- ފޮޓޯ: އީމާ އިންސްޓަގްރާމް

އާއިލާގައި ތިބި އެހެން ފަންނާނުންގެ މަސައްކަތް ފެނި ޝައުގުވެރިކަން އުފެދި، ވަރަށް ޅައިރުއްސުރެން ފެށިގެން ކުރެހުމުގެ ތެރޭގައި އުޅެމުން އައި އީމާއަކީ ކުރެހުމުގެ އެކި ބާވަތްތައް ތައްޔާރުކުރުމުގެ ޝައުގު ހުރި ފަރާތެކެވެ. ފަންސޫރު ކުރެހުމާއި ފެންކުލައާއި ކުލަ ފަންސޫރު ކުރެހުން ތައްޔާރުކޮށްފައިވާ އީމާ އެންމެ ހާއްސަ ޝައުގެއް ދެނީ ވެސް ތަފްސީލްކޮށް ހުށަހަޅައިދޭ ޕޯޓްރޭޓްތަކަށެވެ. ބޮޑަށް ކުރަހާ ހިތް ވަނީ ވެސް ފަންސޫރު ބޭނުންކޮށްގެންނެވެ. "ސޭންޑް އާޓްސް" އަށް ޝައުގު ހުންނަ އީމާގެ އެފަދަ ބައެއް ފަންނުތައް ވެސް މަދަރުސީ ހަރަކާތްތަކެއްގައި ފެނިގެން ގޮސްފައިވެއެވެ.

އީމާ ޝަރީފްގެ ސޭންޑް އާޓްގެ މަސައްކަތެއް -- ފޮޓޯ: އީމާ ޔޫޓިއުބް

އެހެންވިޔަސް މިއީ މި މައުރަޒަށް ކުރެހުމަށް ހުށަހަޅަން އިމާއަށް ފުރުސަތު ލިބުނު ފުރަތަމަ ފަހަރެވެ. އީމާ ބޭނުންވީ އެ ފުރުސަތަކީ އޭނާގެ ކުރެހުންތަކުގެ ފެންވަރު އިތުރު ކުރުމަށް ލިބޭ ފުރުސަތެއްގެ ގޮތުގައި ބޭނުން ކުރުމަށެވެ. ކުރެހުން ތައްޔާރު ކުރުމުގައި ތަޖުރިބާ ނުކުރެވި ހުރި ބައެއް ކަންކަން ކުރެވިދާނެ ކަމުގެ އަޖުމަ ބަލާލާށެވެ. އާ ފުރުސަތެއް ލިބުމުން އާ ތަޖުރިބާއެއް ކުރުމަށެވެ.

"ފުރަތަމަ ފަހަރު ވީމަ ބޭނުންވީ އާ ފުރުސަތު ވެސް ވަރަށް ހާއްސަވާން،" އީމާ ބުންޏެވެ.

އީމާ ޝަރީފް ފަންސޫރުން ކުރަހާފައިވާ އެހެން ކުރެހުމެއް -- ފޮޓޯ: އީމާ އިންސްޓަގްރާމް

"ރެފްލެކްޓް" ގެ ނަމުގައި މައުރަޒަށް އީމާ ހުށަހެޅި މި ތަސްވީރު ފެނި ހަމަ ހުއްޓުން އަރައެވެ. މާލޭގައި ތިބިނަމަ މައުރަޒަށް ޒިޔާރަތްކޮށް ހަމަ ލޮލަށް ބަލާލަން ހަމަ އެހާމެ ހިތްގައިމެވެ. މީސް މީޑިއާގައި ދަނީ އެތައް ބައެއްގެ ތައުރީފްތައް ވެސް ލިބެމުންނެވެ. މައުރަޒަށް ޒިޔާރާތް ކުރާ ފަރާތްތަކުން އެ ކުރެހުން ފާހަގަކުރެއެވެ.

މި މައުރަޒަށް ހުށަހެޅޭ ކުރެހުންތައް އިނާމު ދިނުމަށް ކަނޑައަޅާފައި އޮންނަ ފަނޑިޔާރުންގެ ޕެނަލް ވެސް ނިންމީ "ޕެންސިލް ޑްރޮވިން" ކެޓަގަރީގެ އެވޯޑް އީމާއަށް ދިނުމަށެވެ. މިއީ އީމާއަށް މިފަދަ ވަނައެއް ވެސް ލިބުނު ފުރަތަމަ ފަހަރެވެ.

ފަންސުރު ކުރެހުމުގެ ކެޓަގަރީގެ އިނާމު އީމާ ޝަރީފަށް ނައިބު ރައީސް ފައިސަލް ނަސީމް ދެއްވަނީ -- ފޮޓޯ: މެކް

ހަފުތާއަކަށް ކުރިއަށްދާ އެ މައުރަޒުގެ ކުރެހުންތަކުގައި ކުރެހުންތެރިޔާ ކަނޑައަޅާ އަގެއްގައި ވިއްކުމަށް އޮންނައިރު، އީމާގެ މި ފުރިހަމަ މަސައްކަތް މިހާރު ވަނީ ކަނޑައެޅި އަގުގައި ވިކިގެން ވެސް ގޮސްފައެވެ. ފުރަތަމަ ބައިވެރި މައުރަޒުގައި ހުށަހެޅި ކުރުހުމަށް އެ ވަރުގެ ތަރުހީބެއް ލިބުމަށް އީމާ ވަނީ އެ ވަރަށް މަސައްކަތް ކޮށްފައެވެ.

"ހިއެއް ނުކުރަން ވަނައެއް ލިބޭނެ ކަމަކަށް، ވަނައެއް ލިބުމުން ދެން ވަރަށް ހިތްހަމަޖެހޭ، މިއީ މިފަދަ ވަނައެއް ވެސް ލިބުނު ފުރަތަމަ ފަހަރު ކަމުން،" އަހުމަދިއްޔާ ސްކޫލްގައި ތައުލީމް ހާސިލް ކުރަމުންދާ އީމާ ބުންޏެވެ.

ކިޔުންތެރިންގެ ހިޔާލު

4 ކޮމެންޓް

  1. އެދުވަސް

    ވަރަށް ހިތްގައިމު މަސައްކަތެކެވެ. ތި ލިބިފައިވާ ހުނަރަކީ ﷲ ޞުބުޙާނަހޫ ވަތަޢާލާ ދެއްވި ވަރަށް ބޮޑު ނިޢުމަތެކެވެ. އެހެންކަމުން އެކަލާނގެ އެންގެވި ގޮތުގައި ފައިތިލަ ސާބިތުކޮށް، މަސައްކަތުގައި އެކަލާނގެ ކިބައިން މަދަދާ އެހީތެރިކަމަށްއެދި، މަސައްކަތުގައި ކުރިއަރާ ދިއުމަށް އެދެމެވެ. އަދި ހަމައެއާއެކު، ތިބާގެ ހުނަރު އިތުރަށް ކުރިއަރައި، އޭގެ ހެޔޮމަންފާ މުޖުތަމަޢަށް ލިބުމަށްއެދި ދުޢާކުރަމެވެ.

    15
    3
  2. އެސޮރު

    ` މާޝާﷲ.

    8
    1
  3. ރަމީ

    އެތަކެއް ދުވަސްހޭދަކޮށް އެތަކެއް ޚަރަދުކޮށް އެތަކެއް ވިސްނުމާ މަސައްކަތުން ނިންމާލާ ފުރިހަމަ ރީތި މަަސައްކަތުގެ އިނާމަކަށް މި ލިބެނީ އަގެއްނެތް ޕްލާސްޓިކް ފިލައެއް! މިކަން ބަދަލުކުރަންވެއްޖެ!

    7
    1
  4. ޝާމް

    ސޫރަ ކުރެހުމަކީ ދީނުގަ ވަރައް ބޮޑައް މަނާ ކުރައްވާފަ ވާ ކަމެއް ބޮޑު ވެގެން ވާ ފާފަ އެއް ސޫރަ ކުރަހާ މީހުން އެއީ ދީނީގޮތުން ކިހާވަރު ކަމެއް ކަން ބެލުން ވަރައް މުހިއްމު

    19
    3