ދިވެހިރާއްޖޭގެ ތާރީޚް އެނގެން ފެށީއްސުރެން ރާއްޖެއަކީ ރަސްކަން ކުރަމުން އައިގައުމެކެވެ. އެތައް ޤަރުނަކަށް ފަހު ދިވެހިންގެ ވެރިކަން ޖުމްހޫރިއްޔަތަކަށް ބަދަލުވެގެން ދިޔައީ ކީއްވެތޯ މިއީ ގިނަ ބައެއްގެ ހިތުގައި އުފެދިފައިވާ ބޮޑު ސުވާލެކެވެ. މިކަމުގައި ސިޔާސީ އަދި ތާރީޚީ ބަދަލުތަކެއް ވާނެކަމީ ޝައްކެއް އޮތްކަމެއް ނޫނެވެ.

އޮޅުމެއްނެތި އެގި ފާޅު ވެގެންވާ ފަދައިން ދިވެހިންގެ ވެރިކަމަކީ އިސްލާމްދީން ލިބިގަތުމުގެ ކުރިން ފެށިގެންވެސް ރަސްކަމެކެވެ. މީލާދީން 1153 މ. ވަނަ އަހަރުގެ ތެރޭގައި އޭރު ތަޚުތުގައި ކޮއިމަލާ ކަލޯ އައްސުލްޠާން މުޙަންމަދު އިބްނު ޢަބްދުﷲ ގެ ނަންފުޅުން އިސްލާމީ ރަސްކަމެއް ފައްޓަވައި އެހާރުން ފެށިގެން އިސްލާމީ އުއްމަތަކަށް ދިވެހި މީސްތަކުން ބަދަލުވިއެވެ. އޭގެ ފަހުން ފުރަތަމައަށް ޖުމްހޫރީ ވެރިކަމެއް ލިބިގަތުމާއި ހަމައަށް އަށްޑިހަ ތިން ރަސްކަލުން ދިވެހި ސިންގާސަނާއަށް ރެދަލިކުރެއްވިއެވެ. ތަޚުތުގައި ރަސްކަން ދައުރުވި ޢަދަދަކީ ނުވަދިހަ ދޭކެވެ. މިގޮތުގެމަތިން 800 އަހަރު ވަންދެން ދިވެހިންގެ އިސްލާމީ ރަސްކަން ދެމިއޮތުމަށްފަހު 1953މ. ގެ ޖަނަވަރީން ފުރަތަމަ ދުވަހު ޖުމްހޫރީ ވެރިކަމަކަށް ބަދަލުވިއެވެ.

މީލާދީން ވިހިވަނަ ޤަރުނަށް އެޅުނު އިރު ރަސްކަލުންގެ އަމުރު ވެރި ބާރާއި ސީދާ ގޮތުގައި ރައްޔިތުންނާއި ގުޅުއްވެން ހުރި ވަސީލަތްތައް އޭގެ ކުރިޔަށް ވުރެން ކުޑަވެއްޖެއެވެ. ރަސްކަލުންނަށް ވެރިކަން ހިންގަވައި ދެއްވަން ތިއްބަވާ އެކިއެކި ބޭފުޅުންގެ އަތްޕުޅު މައްޗަށް އެބާރު ފިރުކައި ގަނެވުނީއެވެ. އަދި އެއީ މާލޭގެ މަތީ ޢާއިލާތަކުގެ މެދުގައި ވެރިކަމުގެ ވާދަވެރިކަން އެންމެގަދަވީ ދުވަސް ވަރަށްވެސް ވީއެވެ. ރަސްކަލަކު ތަޚުތުގައި ހަރުލައި އިންނެވުމާއި ނުއިންނެވުން އޮތީ [ޢާއިލީ ޕާޓީ] ގެ ބާރުން ކަމަށް ވެސް ވެއްޖެއެވެ.

އެކި ރަސްކަލުންގެ އަރިހުގައި އެކި ޕާޓީގެ އިސްބޭފުޅުންނެވެ. ވިހި ވަނަ ޤަރުނުގެ މެދަކަށް އައި އިރު ބާރުގަދަކޮށް އޮތީ ދެ ޢާއިލާއެވެ. އަޅުގަޑުމެން އެންމެން ވެސް ކިޔައިއުޅޭ ފުރަތަމަ ދުސްތޫރީ ޙުކޫމަތު އުފެދުނީ ރަސްކަމާއި ވެރިކަމުގެ ވާދަވެރިކަމުގެ ހޫނުކަން އެންމެ ގަދަވެގެންދިޔަ ދުވަސްވަރުގެ ފަހުކޮޅު ގައެވެ.

1932މ. ވަނަ އަހަރުގެ ތެރޭގައި ޤާނޫނު އަސާސީ އެއް ފުރަތަމައަށް އުފެއްދި އިރު އޭގައިބުނާ ގޮތުން ދިވެހި ރަސްކަމަކީ ވިރާޘީ އިންތިޚާބީ ރަސްކަމެކެވެ. އޭގެ ފަހުން 1939މ. ގައި (ދެވަނަ ބޮޑު ހަގުރާމަ ފެށުނު ތަނާ) އޭރު ހުންނެވި ރަދުން އިސްތިޢުފާ ދެއްވުމާއި ގުޅިގެން ޢާއްމު އިންތިޚާބަކުން ހޮވޭ އިންތިޚާބީ ރަސްކަމަކަށް ދިވެހި ރަސްކަން ބަދަލު ވެއްޖެއެވެ. ރައްޔަތުންގެ ނަމުގައި އެކަމަށް އެއްކުރެވުނު ޚާއްޞަ މަޖްލީހުގެ އިއްތިފާޤުން ހޮވުނީ ތިރީސް އެތައް އަހަރެއް ވަންދެން ބޮޑުބަޑޭރި ކަމާއި ބޮޑު ވަޒީރުކަން ކުރެއްވި އަދި ފަހުން ރައްޔިތުންގެ ޒަޢީމަކަށް ހުންނެވި އަލް އަމީރު ޢަބްދުލް މަޖީދު ރަންނަބަޑޭރި ކިލެގެފާނެވެ. މިކިލެގެފާނު ތަޚުތުގައި އިށީދެވަޑައި ގަންނަވާނޭ ކަމުގެ ދިގު އިންތިޒާރެއްގައި ރައްޔިތުން ތިއްބައި 1952މ. ވަނަ އަހަރުގެ ތެރޭގައި އަވަހާރަވީއެވެ. ޖުމްހޫރީ ވެރިކަމަ ކަމަށް ދިވެހި ރަސްކަން ބަދަލު ކޮށްލުމުގެ ޚިޔާލު ތިލަވެގަތީ އެދަނޑިވަޅު ގައެވެ.

ރާއްޖޭގައި ފުރަތަމަ ޖުމްހޫރިއްޔާގެ އަސަރުތައް އެޖުމްހޫރިއްޔާ އުފަންވުމުގެ މާކުރިން ވަނީ ފޯރަން ފަށާފައެވެ. މިގޮތުން އެއްމެބޮޑަށް ފާހަގަކޮށްލެވެނީ ރާއްޖޭގެ ފުރަތަމަ ޤާނޫން އަސާސީ ފާސްކުރެވި އެއަށް ޢަމަލުކުރަން ފެށުމާއެކު ދިވެހިރަސްކަމުގެ ނުފޫޒު ބަލިކަށިވާން ފެށުމެވެ. މިގޮތުން ޤާނޫންއަސާސީ ބުނާގޮތުގައި ރާއްޖޭގެ ރަސްކަމަކީ އިންތިޚާބީ ރަސްކަމެކެވެ. މީގެ ނަތީޖާއަކަށް ވެގެންދިޔައީ ޒަމާނުއްސުރެ ރާއްޖޭގައި އޮތް ވިރާސީ ރަސްކަން ނެތި ދިޔުމެވެ. އަދި މިގާނޫން އަސާސީގެ ދަށުން ރައްޔިތުންގެ އަސާސީ މިނިވަންކަމާއި ހައްޤުތަކުގެ ދާއިރާ ފުޅާވާން ފެށުމެވެ.

ނިމިދިޔަ ޤަރުނު ފެށުނުއިރު ރާއްޖޭގެ ރަސްކަމުގެ ނިޒާމު ވަނީ ވަރަށްބޮޑަށް ބަލިކަށިވެފައެވެ. އޭރު ރަސްރަސްކަލުން ސިޔާސީ ގޮތުން ބެލެވެނީ ގޮޑިކޮއްކޮއިންގެ ގޮތުގައެވެ. މިގޮތުން މީލާދީން 1943 ވަނަ އަހަރުގެ އޭޕްރީލް މަހުގެ 7 ވަނަ ދުވަހު، ރާއްޖޭގައި އޭރު ހުންނެވި ރަދުން އައްސުލްޠާން ޙަސަން ނޫރައްދީނާއި ބޮޑުވަޒީރު އަލްއަމީރު މުޙަންމަދު ފަރީދު ދީދީ އާއި ދެބޭފުޅުން އެއްފަހަރާ އިސްތަޢުފާ ދެއްވިއެވެ.

މިހިސާބުން ދިވެހިރާއްޖޭގެ ސިޔާސީ މަސްރަޙަށް މެދުވެރިވީ އާދަޔާ ޚިލާފު ބަދަލުތަކެކެވެ. އެހިސާބުން ފެނިގެންދިޔައީ ރާއްޖޭގެ އެންމެމަތީވަލީ، މަތީ ދަރަޖައިގެ ބޭފުޅުންކޮޅެއްގެ އިސްތަށިފުޅުގައި އެޅިގެން ދިޔަތަނެވެ. އޭރުވެސް ދިވެހިރާއްޖޭގެ ސިންގާސަނާ ހުރީ ފަޅަށެވެ. މާގިނަދުވަސްތަކެއްނުވެ ސުމުއްވުލްއަމީރު އަލްޙާއްޖަ ޢަބްދުލްމަޖީދު ރަންނަބަނޑޭރިކިލެގެފާނަށް ދިވެހިރާއްޖޭގެ ރަސްކަން ދިވެހިން އެރުވިއެވެ. 11 އޭޕްރީލް 1943 ގައި އެގޮތަށް އެކަން ހަމަޖެއްސިއިރު އެމަނިކުފާނު ހުންނެވީ ރާއްޖެއިން ބޭރުގައި ކަމުން ރަސްކަމަކާ އެމަނިކުފާނު ހަވާލުވެވަޑައެއް ނުގަންނަވައެވެ. އޭރު އެކަލޭގެފާނު ހުންނެވީ މިސްރުގައެވެ. އެމަނިކުފާނުގެ ބަދަލުގައި ވެރިކަން ހިންގެވީ ރަނގަޅު ބޭފުޅުންގެ މައްޗަށް އެކުލެވޭ ވަލީ ކޮމެޓީއަކުންނެވެ. މިކޮމެޓީއަކީ އެދުވަސްވަރު ސިޔާސީ ދާއިރާގައި ހިމެނޭ އެންމެ ގާބިލް ބޭފުޅުންގެ ތެރެއިން ހޮވާލެވިފައިވާ ބޭފުޅުންކޮޅެކެވެ.

ހަމައެގޮތަށް އެދުވަސްވަރަކީ ރާއްޖޭއިން ބޭރުން ކިޔަވާވިދާޅުވެގެން ގިނައަދަދެއްގެ ބޭފުޅުން ރާއްޖެއަށް އަންނަންފެށި ދުވަސްވަރެވެ. ޚާއްޞަކޮށް ހުޅަނގުގެ ތަޢުލީމެވެ. ނަތީޖާއަކަށް ވެގެން ދިޔައީ ރާއްޖޭގެ ޤާނޫން އަސާސީ އިސްލާޙުކުރެވެމުން ދިޔަ ދުވަސްވަރު އެބޭފުޅުންގެ ޚިޔާލު މިކަމުގެ ތެރެއަށް ވަދެގެން ދިޔައެވެ. ރައްޔިތުންގެ ފުރިހަމަ ބާރާއެކު ވެރިކަންކުރުމުގެ ވައްޓަފާޅިއަކަށް އެބޭފުޅުން ދިޔައީ މަޑުމަޑުން ބަދަލުކުރައްވަމުންނެވެ. މިގޮތައް ގައުމުގެ ކަންތައްތައް ކުރިއަށް ދަނިކޮށް އަމީރު ޢަބްދުލް މަޖީދު ރަންނަބަޑޭރި ކިލެގެފާނު އަވަހާރަވީ އެވެ.

ތަޚުތު ހުހަށް ހުންނަތާ ގިނަދުވަސްވާން ފެށުމުން އެކަންކޮޅެއްގައި ޖެއްސުމަށް ކުރެވުނު މަސައްކަތްތަކުގެ ތެރެއިން ނުކުތް ނަތީޖާއަކީ ދިވެހިރާއްޖޭގެ ވެރިކަމުގެ ނިޒާމު ކޮންމެގޮތަކަށް އޮތްކަމުގައިވިޔަސް ޤައުމުގެ އެންމެމަތީ ވެރިއެއްގެ މަޤާމުގައި ހުންނެވުމަށް ދިވެހީން އެދެނީ އަލްއަމީރު މުޙަންމަދު އަމީން ދޮށިމޭނާ ކިލެގެފާނު ކަމުގައިވެގެން ދިއުމެވެ.

ދައުލަތް ހިންގެވުމުގެ އިސްވެރިޔަކަށް އަމަލީ ގޮތުން އޭރު ވެސް ހުންނެވީ އަލް އަމީރު މުޙަންމަދު އަމީނު ދޮށީމޭނާކިލެގެ ފާނެވެ. މުހައްމަދު އަމީން އަކީ ރަސްމަތިފުށުގެ އާއިލާ އަކަށް ނިސްބަތްވެ ވަޑައިގަންނަވާ ބޭފުޅެއް ކަމަށް ވީނަމަވެސް މުހައްމަދު އަމީން ސިޔާސީ ދާއިރާ އަށް ވެންނެވިއިރު މުހައްމަދު އަމީން އަކީ ޢާއިލާގެ އެހެން ބޭފުޅުންހާ މަގުބޫލް ބޭފުޅެއް ނޫނެވެ. ރާއްޖޭގެ އެންމެމަތީ މަޤާމާއި ހަމައަށް މުހައްމަދު އަމީން އަށް ވަޑައިގެންނެވުނީ ޢިލްމީ ޤާބިލިއްޔަތާއި ތެދުވެރިކަމާއި ވަފާތެރިކަމާއި ކުރައްވަމުން ގެންދެވި ޤައުމީ ޚިދުމަތްތަކުގެ މަތިވެރިކަމާއި އަދި ވިސްނުންތެރިކަމާއި މުރާލިކަމާއި ހިތްވަރުފުޅު ގަދަކަމުންނެވެ. ޢާންމުރުހުން ކޮންމެގޮތަކަށް އޮތަސް އެވަގުތަށް ފެންނަންހުރީ މި ކުޅަދާނަ ދިވެހި ދަރިޔާއެވެ.

އާދެ، ދިވެހިރާއްޖޭގައި މިހާރު އޮންނަން ފެންނަނީ ކޮންކަހަލަ ވެރިކަމެއްތޯ، ތަޢުލީމް ލިބިގެން ތިބި ޒުވާނުންގެ މެދުގައި ފާޅުގައި ވާހަކަ ދެކެވޭން ފަށައިފިއެވެ. ހަމަ މިދަޑިވަޅު[ރައްޔަތުންގެ މުތަޤައްދިމް ޕާޓީ] ގެ ނަމުގައި ސިޔާސީ ޕާޓީ އެއްވެސް އަލަށް އުފެދިއްޖެއެވެ. އެއީ 1952މ. ވަނަ އަހަރުގެ ސެޕްޓެމްބަރ މަހުގެ ތެރޭގައެވެ. ޕާޓީ އުފެދުނުތާ މަހެއްހައި ދުވަހުގެ ތެރޭގައި މާލެއާއި ރާއްޖެތެރޭގެ އަންހެނުންނާއި ފިރިހެނުންގެ ތެރޭން ހަތަރުހާހަށްވުރެ ގިނަ ޢަދަދަކަށް ބައިވެރި ވެއްޖެއެވެ.

އަދި ހަމަ އެދަނޑިވަޅު ވޯޓް ދިނުމުގެ ޙައްޤުވެސް އެމީހުންނަށް ލިބުނެވެ. މި އައު ޙަރަކާތްތަކުން ނަފުސާނީ ގޮތުންވެސް މީސްތަކުންނަށް ހައިރާންކަން ލިބި ގޮތްތަކެއް ވެގަތެވެ. ފާޅުކުރެވޭ ޚިޔާލުތަކުންނާއި ޙަރަކާތްތަކުން ދައްކާ ގޮތުގައި އެންމެން ތިބީ މުޙަންމަދު އަމީނު ވަޑައިގަތް މަގަކުން ދިޔުމަށެވެ. ކުރަންވީ ކޮންކަހަލަ ވެރިކަމެއްތޯ، އެވެރިކަމަށް ކިޔަންވީ ކޮންނަމެއްތޯ ބަލާކަށް ބޭނުމެއް ނޫނެވެ. އިޤްތިޞާދީ ގޮތުން ބަލާއިރު އެދުވަސްވަރަކީ ފަހަކަށްއައިސް ދިވެހިން ދެކިފައި ނުވާފަދަ ތަދުމަޑު ކަމެއް ޢާންމު ވެފައިވާ ދުވަސް ތަކެކެވެ. އެހެންކަމުން މީސްގަނޑުއޮތީ ހުރިހާ މާނައެއްގައި ވަރަށް ބަލި ކޮށެވެ.

ދިވެހިރާއްޖޭގެ ފުރަތަމަ ޖުމްހޫރިއްޔާ ދުނިޔޭގެ އަލިކަން ދުށީ 1 ޖެނުއަރީ 1953ގައެވެ. ނަމަވެސް މި ޖުމްހޫރިއްޔާ ދެމިއޮތީ 7 މަހާއި ދުވަސްކޮޅަކުއެވެ.

އައު ޖުމްހޫރިއްޔާ އިޢްލާން ކުރުމުގެ ފަހުން އެތައް ދުވަހެއް ވަންދެން މާލެއާއި ރާއްޖެތެރޭގައި އެކަމުގެ އުފާ ފާޅުކުރުން އޮތެވެ. ޖުމްހޫރީ ކާނިވަލް ޖުމްހޫރީ މަޢްރަޟް އަދި ޖުމްހޫރީ ކުޅިވަރު މިނަން ނަމުގައި މާލޭގައި ބޭއްވުނު ކަންކަމުގެ ތެރޭގައި ގިނައިން ހިމެނިގެންވަނީ އެހާތަނަށް މުޅިން އާ ކަންކަމެވެ. އޭގެތެރޭން ވެސް އެންމެ ޚާއްޞަ އެއްކަމަކީ ދިވެހި އަންހެނުންގެ ރީތީގެ މުބާރާތް އެވެ. ބޭއްވެމުންދިޔަ ކުޅިވަރުތަކުގެ ތެރޭ ހިމެނޭ ކަންކަމުގައިވެސް އައު ކުޅިވަރު ހުއްޓެވެ. ހުރިހާ ކަމެއްގައި ވެސް ބޭރުކަރަކަރައިގެ ސަގާފަތާއި ވައްޓަފާޅި ދިޔައީ ދިވެހިންގެ ދިރިއުޅުމުގެ ތެރެއަށް ވަދެ ދިވެހި ސަގާފަތުގައި ވަކިހިތްޕަމުންނެވެ.

ޖުމްހޫރީވެރިކަން ނިމުމަށް މެދުވެރިވި ސަބަބުތައް

ފުރަތަމަ ޖުމްހޫރިއްޔާ އުފަންވީ ދުވަސްވަރަކީ ދެވަނަ ބޮޑުހަގުރާމައިގެ ތަދުމަޑުކަން ރާއްޖެއަށް އެންމެބޮޑަށް ކުރިމަތިވި ދުވަސްވަރުގައެވެ. ނަސީބު ދެރަކަމުން ޖުމްހޫރިއްޔަތެއްގެ އުފަންވުމާއިގުޅިގެން އެދަތިތައް ދިޔައީ ހައްލުނުވެ ބޮޑުވަމުންނެވެ. ރާއްޖޭގެ އިޤްތިޞާދުގެ ބަލިކަށިކަމުންނެވެ. އެގޮތަށް ދިމާވުމުން އާންމުންގެ ތެރެއިން ގިނަބަޔަކަށް ހީކުރެވުނީ އަދި ވެރިކަމަށް ދަހިވެތިވެފައިވާ (އަދި އާއިލީ ކޯޅުމުގައި ތިބި ސިޔާސީ) ފަރާތްތަކުން ވިސްނުވައި ދެމުން ދިޔައީ އެމުސީބާތަކީ ޖުމްހޫރިއްޔަތުގެ ސަބަބުން ކުރިމަތިވި ކަމެއްކަމުގައެވެ.

ޖުމްހޫރީ ވެރިކަމުގެ އައުސަރުކާރު ހިންގަންފެށީ ޖުމްހޫރިއްޔާގެ އައު ޤާނޫނު އަސާސީއެއް އެކުލެވިގެން އޭގެ މައްޗަށެވެ. އެ ޤާނޫނުގައި ރައީސާއި ރައްޔިތުން މަޖްލިސްއާއި އަދި ކެބިނެޓް ހިމެނިގެން ވުމުގެ އިތުރަށް ސެނެޓް އެއްވެސް އަލަށް އުފައްދާފައި ވެއެވެ. މިބާރު ތަކުން ދައުލަތް ހިންގުމުގެ ތެރޭގައި އެތަކެއް ގެޒެޓް ވަރަށް ކުޑަދުވަސް ކޮޅެއްގެ ތެރޭގައި ޤާނޫނު ތަކަކަށް ވެގެން ދިޔައެވެ.

މިއައު ދުވަސް ދިވެހިންނަށް ފެނުނުއިރު ދިވެހިންގެ ޢާއްމު ޙާލަތު އޮތީ ވަރަށްދަށު ދަރަޖައެއްގައެވެ. ދެވަނަ ބޮޑުހަގުރާމަ ފެށުނިއްސުރެ އައި ދަތިތަކެއް ހަމައެގޮތަށް ޙައްލެއް ނައިސް އޮތީއެވެ. ފޭރާމާއި ކާބޯތަކެއްޗާއި އަދި އެނޫންވެސް ޟަރޫރީ ބޭނުންތައް ފުއްދައިގަތުމުގެ މަގުތައް އަފްރާދުންނަށް ވަނީ ވަރަށް ދަތިވެފައެވެ. އިޤްތިޞާދީ ހުރިހައި ރޮނގަކުންނެވެ. މިހެން އޮތް ދަނޑިވަޅެއްގައި ވެރިކަމުގެ ފަރާތުން ރަނގަޅެއް ގެނެވޭތޯ ކުރެވުނު ކޮންމެ ކަމެއްހެން ވަމުންދިޔައީ އިތުރު ދައްޗަކަށެވެ.

ކަން މިދަރަޖައިގައި އޮއްވާ އިޞްލާޙީ ފިޔަވަޅެއްގެ ގޮތުން ކުރީން ހިންގިފައިނުވާ ޤާނޫނު ތަކެއް ހިންގަންފެށުނެވެ. އެއީ ވައްކަންކުރާ މީހުންގެ އަތްކެނޑުން، މަރަށް މަރުހިފުން، އަދި ތަކެތީގެ ކޮންޓްރޯލް އަގު ބޮޑުކުރުންފަދަ އެތައްކަމެކެވެ. އަދި މިކަންކަމުގެ އިތުރަށް އެންމެ ޙައްސާސީ މައްސަލައަކަށް ދިމާވެފައި އޮތީ ދުންފަތުގެ ބުއިންތައް މަނާވުމެވެ. އަދި މިކަމަށްއޮތް ޢުޤޫބާތްވެސް ބޮޑުކަމެވެ. މިއިން ކޮންމެކަމަކީ ޝަރީޢަތް މެދުވެރިވެގެން ޢުޤޫބާތް ދެވޭ ކަންކަމަށް މީހުން އެއްދުވަހުން އަނެއް ދުވަހަށް ދިޔައީ ގިނަވަމުންނެވެ.

އާދެ، ކަން މިހިސާބަށް ދިއުމުން ޢާއްމުންނަށް ލިބުނު ހާސްކަމުގައި ކޮށްދެވިފައި އޮތް އެއްވެސް ހެޔޮކަމެއް ވެސް މީސްތަކުންގެ ހިތުގައި ނެތްކަހަލައެވެ. އަނެއްކޮޅުން ރާއްޖޭގެ ވެރިއަކަށް ހުންނެވި މުޙަންމަދު އަމީނު ގެ ޞިއްޙީ ޙާލުކޮޅު ޖުމްހޫރިއްޔާގެ ތަންކޮޅެއް ކުރީއްސުރެން ފެށިގެން ވަނީ ވަރަށް ބޮޑަށް ދަށަށް ގޮސްފައެވެ. ކުރިންހުރި ތޫނު ވިސްނުން ފުޅަށް ކޮށިކަން އަންނަމުން ދިޔައީ ވަރަށް ބޮޑަށެވެ. މިޒާޖުފުޅު ހުރިގޮތުން މަސައްކަތްޕުޅަށް ލުޔެއް ގެންނެވުމަކަށް ނުވަތަ މަޤާމުން ދުރުވެ ވަޑައިގަތުމަކަށް ހިތްޕުޅަށް ފަސޭހަފުޅު ކަމަކަށް ނުވިއެވެ.

މިދަޑިވަޅު އަރިހުގައި ކުރިޔަށްތިބި މީހުންކުރެ ބަޔަކު ޤަސްދުކުރީ ވަރަށް ނޭދެވޭ ގޮތަކަށް ފުރްޞަތުގެ ބޭނުން ކުރުމަށެވެ. ތެދުވެރިކަމާއެކު ލަފާ ދެންނެވުމެއްނެތި އަދި ކަންހުރި ގޮތް ފާޅުކޮށް ދިނުމެއްނެތި މުޙަންމަދު އަމީނު މަޤާމުން ދުރުކުރެވޭނޭ ވަގުތެއް މަތިކުރުމަށެވެ. އެހެންކަމުން ދަނޑިވަޅު ހޯދައިގެން އެފުރްޞަތުގެ ބޭނުން ކުރީއެވެ. އެއީ ޙަރަކާތްވެ ނުއުޅުއްވޭ ފަދަ ކުއްލި އާލާސް ކަންފުޅެއް މެދުވެރި ވެގެން އެކަމަށް ފަރުވާއަށް ރާއްޖޭން ބޭރަށް ވަޑައިގަތް ވަގުތު އޭނާ މަޤާމުން ވަކިކޮށްލުމެވެ. މާލޭގައި ރައްޔިތުން އެއްކޮށް އިންޤިލާބު ކޮށް ސަރުކާރު ބަދަލުކޮށްލީއެވެ. އެއީ 21 އޯގަސްޓް 1953މ. ގައެވެ. މިއިންޤިލާބާ އެކު މުތަޤައްދިމް ޕާޓީ އުވާލައި ޖުމްހޫރީ ޤާނޫނު އުވާލާ ދުންފަތުގެ އިސްތިޢުމާލު ކުރުން ހުއްދަކޮށް މެރުމާއި އަތްކެނޑުމުގެ ޤާނޫނުވެސް އުވައިލިއެވެ.

ދިވެހި ޖުމްހޫރީ ވެރިކަން ބަދަލުކޮށް ލެވުނު ގޮތާއި އޭރު ޢާއްމު ޙާލަތު ހުރިގޮތުން އަދި މީސްތަކުންގެ ވިސްނުމާއި ތަޢުލީމީ ފެންވަރު ހުރި ގޮތުން އެނަމުގައި ވެރިކަމެއް ހިންގަން ވެސް ޢާއްމުން ނުރުހިއްޖެއެވެ. އެހެންކަމާއެކު އަލުން ރަސްކަމެއް ބިނާ ކުރެވުނީ އެވެ. ޢާއްމު ވޯޓަކުން ޖުމްހޫރިއްޔާއަކުން ރަސްކަމަށް ވެރިކަން ބަދަލުކޮށްލައި ވަރަށް ތަނަވަސް އަޣްލަބިއްޔަތަކުން ރަސްކަލަކަށް އިންތިޚާބު ކުރި އަލްއަމީރު ޢަބްދުލް މަޖީދު ރަންނަބަޑޭރި ކިލެގެފާނުގެ ދޮށީ ދަރިކަލުން އަދި އަލް އަމީރު މުޙަންމަދު އަމީނުގެ ދެބޭންގެ ދެދަރި ބޭބޭފުޅު މުޙަންމަދު ފަރީދު ފާށަނާ ކިލެގެފާނެވެ. 1968މ. ގެ ތެރޭގައި ދެވަނަ ފަހަރަށް ޖުމްހޫރީއްޔާއަށް ބަދަލު ވަންދެން ރަސްކަމުގައި ހުންނެވީ އެރަދުންނެވެ. އަދި އެއީ ދިވެހި ރާއްޖޭގެ އެންމެ ފަހުގެ ކީރިތި މަހާ ރަދުންނެވެ.

ކިޔުންތެރިންގެ ހިޔާލު

6 ކޮމެންޓް

  1. ތެންކްސް

    ތެންކްސް ފޯ ދަ ހިސްޓަރީ ލެސަން.

    9
    4
  2. ޕުތުރީ

    މިވެސް ދަތި ދުވަސް ވަރެއް. ޥެރިކަން ކުރަން ނޭގޭނަމަ. ޢިގްތިސާދު ހަމަޔަކަށް އަޅުވަން ނޭންގޭ. ނުކިޔަވާ ތި ބި މީހުން ވެރިކަން ދޫކޮއްލުން ރަގަޅު. ފަހުން ވެރި ކަމަށް އަންނަން ނަމަވެސް

    10
    2
  3. ބެއްޔާ

    މީ ދިވެހިން. ފުރަތަމަ ކިޔާނީ ސަނާ. ދެން ދުވަސްކޮޅަކުން ހެއްދެވި ނެހެއްދެވިއަށްގޮވާ ތަޅާ ބޭރު ކުރާނީ. ފުރަތަމަ ކިޔަންފެށީ: "ފަޚުރުލްވަޠޮން އަމީނަށް ޝުކުރެއްގެ މީތަރާނާ " މާގިނަ ދުވަހެއްނުވެ ދެންކިޔަންފެށީ "ބަލާޔޭ ގައުމަށް މެދުވެރިވީ" މީ ހާލަކީ މިހާރުވެސް.

    16
    4
  4. ކަމަނަ

    ވެރިކަން ވެއޓުނީ އަންހެންވެރިން އެއްކޮށްގެން ރީތިމުބާރާތް ބާއްވާ "ކޮޅުނު ކޮޅީގެ" ސަބަބުން. މިކީ އޮޅުވާލެވޭނެ ހަޤީގަތެއްނޫން.

    6
    3
  5. ނޯ ޓު މަކުނު ކުޅި

    ކުއްލިއަކަށް ވެރިކަން ވެއްޓުނީ ކީއްވެ؟ ކުއްލިއަކަށް ވެރިކަން ވެއްޓުނީ ބަޔަކު ވެރިކަމުގެ ދަހިވެތި ކަމުގައި ރައްޔިތުންގެ ބަޔަކު ގުނބޯ ހައްދާ ނުބައި ރޭވުމެއް ރާވައި ވެރިކަން ވައްޓާލީމާ.

    10
  6. ފަޅޮލޭ ކިޔާބަލަ

    ޒުވާން ލިއުންތެރިއާ ގެނެސް ދިން މައުލޫމާތުން އަލުން އަމީން މަރާލި ތާރީޚީ އަނިޔާވެރި ހާދިސާ ގެ ވާހަކައިގެ ހަނދާން އާވޭ. އެކަމަކު ބުނަން މުހައްމަދު އަމީނަކީ އެ ޒަމާނަށް ބަލާއިރު ތައުލީމީ ބޭފުޅެއް. ފަހަރެއްގައި މެޓްރިކިއުލޭޝަން ސެޓްފިކެޓް އޮތީ. އެއީ ޖީސީއީ އޯލެވެލް ފެންވަރު . އެއީ ލަންކާގައި އެ ޒަމާނުގައި ދިވެހިން ނަގާ އެންމެ މަތީ ސެޓްފިކެޓް. އެ ސެޓްފިކަޓާއި ހަމައަށް ވެސް ނުދާކަމަށް ތާރީޚު ދިރާސާކުރާ މީހުން ބޮޑަށް ބުރަވަނީ. އިންޑިއާ ގެ ބޮޑު ވަޒީރު މޯޑީ ވެސް ޑިގްރީ އާއި މާސްޓާޒް ޕޮލިޓިކްސް އިން އޮންނަ ކަމަށް އޭނަ ބުނަނީ. އެކަމަކު އޭނަ ކިޔެވި ޔުނިވަސީޓި ތަކުގެ ދަރިވަރަކަށް ނޫނީ ޕްރޮފެސަރަކަށް ވެސް ނޭނގޭ އެކަމެއް. ޢެގޮތައް އަމީން އަށް ވީވެސް .ކިޔެވުމުގެ ބަދަލުގައި ލަންކާގައި އުޅުއްވި އިރު އަމީން އުޅުއްވީ ބޮޑަށް ކުޅިވަރު ކުޅުއްވުމާއި ޕްލޭބޯއި ލައިފް ސްޓައިލް ގައި. އާދެ އަންހެން ކުދިން ގެ ކަންތަކުގައި. މިކަންތައް ހައްދުފަހަނަ އަޅާ ދިއުމުގެ ސަބަބުން އަމީން އަށް ނުކިޔެވުނު . އެކަމަކު އެޒަމާނުގެ ފެންވަރުން ރޯފިލާފައި ހުރީ . ޕްލޭބޯއި އަކަށްވުމުގެ ނަސީބު އަމީން އަށް ލިބުނީ އަމީން ގެ އާއިލާ އޮތީ ރައްޔިތުންނާއި ގައުމުގެ ޚަޒާނާ އަތިރީގޭ އާއިލާ ގެ މުށުތެރެއަށްލާފައި ވުމުން. ބޮޑު ބޭބެ ރަންނަބަނޑޭރި ކިލެގެ ފާނު ގައުމުގެ މުގުލުގައި ހުންނަވައިގެން ގައުމުގެ ޚަޒާނާ މިސްރުގައި ހުންނަވައިގެން ދޮވެލީ. އަމީން ގެ ވެރިކަން ވެއްޓެން ދިމާވި އެންމެ ބޮޑު މައްސައަކަށްވީ އޭނާ ރާއްޖޭގައި މުޅިން އަލަށް އަންހެނުން ކުރިއަށް ނެރެ ސަދޫމް ބައިގައި ގެ ސަގާފަތް ނުވަތަ އޭރުގެ ގައުމީ ކުޅިވަރު ނެތިކޮށްލަން ކުރެއްވި ބުރަ މަސައްކަތް. މި ކޮމެންޓުގައި ސީދާ ނުލިޔެ ނުސީދާކޮށް މި ލިއުނީ ތަންކޮޅެއް އައިބު ވާހަކަ އަކަށްވާތީ. ނަތީޖާ އަކަށްވީ އަމީން ގެ އެންމެ އަރިސް އެންމެ އިތުބާރު ކުރައްވާ ގައުމުގައި އިސް ސަފު ގައި ތިބި ގިނަ ބޭފުޅުން އެކަމާއި ހިތްހަމަ ނުޖެހި ކޯފާވީ. އެ ބޭފުޅުންނަށް "ގައުމީ ކުޅިވަރު" ކުރިއަށް ގެންދެވެން އޮތީ އަމީން މަރާލައިގެން . ވީމާ އެކަންކުރީ. ތާރީހީ ފޮތްތަކުގައި ލަދުހުތުރު ނުވަތަ "ޓެބޫ" އަކަށްވާތީ އެބައި ލިޔެވިފައި ނެތަސް ހަގީގަތަކީ މިއީ . އެކަން އެނގޭ ހަރު މީހުން މިހާރުވެސް މަދުން ނަމަވެސް ދުނިޔޭގައި އެބަތިބި .

    1
    4