ތިރީގައި މިވަނީ 1988 ވަނަ އަހަރުގެ ނޮވެމްބަރ 03 ވަނަ ދުވަހު ރާއްޖެ އަށް ދިން އުދުވާނީ ހަމަލާގައި އެންމެ އިސްކޮށްހުރި އެކަކު ކަމަށްވާ ހ.ހާޖަރާގޭ އަބްދުﷲ ލުތުފީ އެމައްސަލައިގެ ތަޙްޤީޤަށް ދީފައިވާ ބަޔާނެވެ. ނޮވެމްބަރ 03 ގައި ހައްޔަރުކޮށް ތަޙްޤީޤު ހިންގި ބައެއް މީހުންގެ ބަޔާން މީގެ ދެތިން އަހަރު ކުރިން އިންޓަނެޓްގައި ލީކް ކޮށްލާފައިވެއެވެ. މިލިޔުމުގައި މިވަނީ ބަޔާނުގެ ސްކޭން ކޮޕީ ބަލައިގެން އެއްވެސް ބަދަލެއް ނުގެނެސް ބަޔާން އަލުން ލިޔެފައެވެ.

ބަޔާނުގެ އެންމެ މަތީގައި ލިޔެފައިވާ ގޮތުގައި މިބަޔާން ނެގީ 1989 ވަނަ އަހަރުގެ ޖަނަވަރީ 16 ވަނަ ދުވަހުއެވެ.


އަޅުގަނޑަކީ އަމިއްލަ މަސައްކަތް ކޮށްގެން ދިރިއުޅެމުން އުޅޭ މީހެކެވެ. މިގޮތުން އުޅުނުއުޅުމުގައި ގާތްގަނޑަކަށް މީގެ ދެއަހަރާއި ބައި ދުވަސްކުރިން އަޅުގަނޑު ޤާނޫނާއި ހިލާފަށް ކަހަނބު އެކްސްޕޯޓް ކުރުމަށް ރާއްޖޭން ބޭރު ފަރާތަކާ ވާހަކަދައްކާ ހެދި މައްސަލައެއްގައި، މިނިސްޓްރީ އޮފް ޓްރޭޑް އެންޑް އިންޑަސްޓްރީޒް އިން ގޭގައި ބަންދުކޮށްފައިހުރީ މ.ވިލުދޮޅީގައެވެ. އެދުވަސްވަރަކީ 1986ގެ މެދެއްހާ ހިސާބެވެ.

ގޭގައި ހުރިހުރުމުގައި އަޅުގަޑާ ބައްދަލު ކުރަން އަންނަ މީހުންގެ ތެރޭގައ، ސިއްކަ އަޙުމަދު އިސްމާއިލު މަނިކު، އަބްދުﷲ ޝާހިދު، މިނާގޭކުޑަހުއްތު، އުމަރުޖަމާލު، އިބްރަހިމް ޙުސައިން ޒަކީ މިމީހުން ހިމެނެއެވެ. މިބައްދަލުވުމުގެ ތެރޭގައި އަބްދުﷲ ޝާހިދުއާ އުމަރު ޖަމާލުއާ ދެމީހުން، ދިވެހިރާއްޖޭގައި މިހާރު އޮތް ޤާނޫނީ ސަރުކާރާއި މެދު ހިތްހަމަނުޖެހިގެން ވާހަކަދައްކައެވެ. ދުލާއި ގަލަމުގެ މިނިވަންކަން ނެތްކަމަށާ އަދުލް އިންސާފު ނެތްކަމަށް އަޅުގަނޑުމެން އާއްމުކޮށް ވާހަކަދައްކަމެވެ.

މިގޮތަށް ވާހަކަދައްކާ އުޅުމުގެ ތެރޭގައި އެއްރެއަކު އަބްދުﷲ ޝާހިދު މިހާރުއޮތް ޤާނޫނީ ސަރުކާރު ބަދަލުކޮށްލައިގެން ނޫނީ މިކަންކަން އިސްލާހު ކުރެވެން ނޯންނާނެ ކަމަށް ބުންޏެވެ. އަދި އަޅުގަޑާ އުމަރު ޖަމާލުވެސް މިކަމާ އެއްބަސްވެ ވާހަކަދެއްކީމެވެ. އަޅުގަޑުމެން ވާހަކަދައްކަން ތިބެނީ ގޭގައި ވަކިން ހުންނަ ކޮޓަރިއެއްގައެވެ. އެކޮޓަރި ހުންނަނީ، އެއާކޮންޑިޝަން ކޮށްފައެވެ. ބޭރުން އަންނަ މީހަކަށް ވަދެވޭނީ ޓަކިޖަހާފައެވެ.

މިވާހަކަތައް ދައްކަން ތިބެނީ އަޅުގަޑާ އުމަރު ޖަމާލާ އަބްދުﷲ ޝާހިދުއާ ތިން މީހުންނެވެ. އަބްދުﷲ ޝާހިދުއަކީ، އެންއެސްއެސްގެ ލާންސްކޯޕްރަލްއަކަށްވާތީ، އޭނާ ބުނަނީ ފަސް މީހަކު ހަތިޔާރު ހިފައިގެން ސިފައިންގެއާ ދިމާކޮށްފިނަމަ ސިފައިންގެ ހިފިދާނެ ކަމަށެވެ. އަދި، މިގޮތުން، އޭކާ47ގެ 5 ބަޑި ހޯދަންވީކަމަށް، އުމަރު ޖަމާލުއާ އަބްދުﷲ ޝާހިދު އަޅުގަނޑާ ދިމާލަށް ބުންޏެވެ. އަޅުގަޑު ގޭގެ ބަންދުން ދޫކޮށްލުމުން އަޅުގަޑު ގަސްދުކުރީ ދިވެހިރާއްޖެ ދޫކޮށް ސްރީލަންކާއަށް ދިއުމަށެވެ.

ސްރީލަންކާއަށް އަޅުގަޑު ދިޔައީ 29 އޮކްޓޯބަރ 1986 ގައެވެ. އަޅުގަޑު ދިޔައީ އަންހެނުން ވާފިރާއާއި ދަރިފުޅު އިޖްޖާލު ގޮވައިގެންނެވެ. ސްރީލަންކާއަށް ގޮސް އަޅުގަޑުގެ ރަހުމަތްތެރިއެއް ކަމުގައިވާ މުހައްމަދު ބަހާއުއްދީން ސަލްމާނާއި ގުޅިގެން ހިކި ކަނޑުމަސް އުފެއްދުމުގެ ޚިޔާލުކޮށް މިކަމުގެ ބައެއް ތަޙްލީލުތައް ކުރީމެވެ.

ތަޙްލީލުތައް ކާމިޔާބު ގޮތަކަށްދައްކާތީ މުހައްމަދު ބަހާއުއްދީން ސަލްމާނާއި އަޅުގަޑު ބައިވެރިވެގެން ހިކިކަނޑުމަސް އުފެއްދުމަށްޓަކައި ފަށައިގަނެވުނެވެ. ނަމަވެސް މަސްލިބޭއަގު ބޮޑުކަމުން މިވިޔަފާރިއަކީ ފައިދާއެއް ނުވާނެ ވިޔަފާރިއެއްކަން ވިސްނުނެވެ.

ހަމަ މިދުވަސްވަރު ސިއްކަ އަހުމަދު އިސްމާއިލު މަނިކު ވެސް ސްރީލަންކާއަށް ދުރުވިއެވެ. ދުރުވެ އަޅުގަޑު ސްރީލަންކާގައި ހުރިކަން އެގިލައްވަތީ އެދުވަސްވަރު ދިވެހިހައިކޮމިޝަންގައި ވަޒީފާގައި ހުރި އަޅުގަޑުގެ ކޮއްކޮ ޒިޔާދު ހ.ހިނޯލިޔާ އަތުން އަޅުގަޑުގެ ޓެލެފޯން ނަމްބަރު ހޯއްދަވައިގެން އަޅުގަޑާއި ގުޅުއްވިއެވެ. ސިއްކަ އަހުމަދު އިސްމާއިލު މަނިކު ހުންނަނީ "އޮބްރޯއީހޮޓެލް" ގައި ކަމަށްވާތީ އޭނާޔާ ބައްދަލު ކޮށްލުމަށް، 1986ގެ ނޮވެމްބަރ މަހު ފަހުކޮޅު އެތަނަށް ދިޔައީމެވެ.

ބައްދަލުވެގެން އަޅުގަޑު ކުރަނީ ކޮންމަސައްކަތެއްތޯ ސުވާލުކުރުމުން ހިކިކަނޑުމަސް އުފެއްދުމުގެ މަސައްކަތް ކުރާކަމަށް ބުނީމެވެ. ދެން އޭނާވެސް ކޮންވެސް ވަރެއްގެ އިންވެސްޓްމަންޓެއް ސިލޯނުގައި ކުރަން ހިޔާލުކޮށްފައިވާ ކަމަށް ބުނުމުން ބައެއްކަހަލަ ވިޔަފާރީގެ ފީސިބިލިޓީ މުހައްމަދު ބަހާއުއްދީން ސަލްމާން ހަދާފައިވާ ކަމަށް ބުނީމެވެ.

ޖެހިގެން އައި ދުވަހު އެނާޔާ އަޅުގަޑާ ދެމީހުން އަހުމަދު އިސްމާއިލު މަނިކާ ބައްދަލުކުރަން އެފީސިބިލިޓީތައް ހިފައިގެން ދިޔައީމެވެ. އޭގައި ޕޯލްޓްރީ ފާމިން އާއި ޑަކްފާމިން ހިމެނެއެވެ. އަހުމަދު އިސްމާއިލު މަނިކު ބެއްލެވުމަށްފަހު ޑަކް ފާމިން އާއި ހިކިކަނޑުމަސް އުފައްދަން އިންވެސްޓްކޮށްފާނޭ ކަމުގައި ބުނުމުން އަޅުގަޑާ މުހައްމަދު ބަހާއުއްދީން ސަލްމާން އެކަމާ އެއްބަސްވީމެވެ.

އަދި އަހްމަދު އިސްމާއިލް މަނިކު އިންވެސްޓް ކުރާނީ ފޮރިން އިންވެސްޓްމަންޓެއްގެ ގޮތަށް ސަރުކާރުގައި ރަޖިސްޓްރީ ކޮށްގެންކަން ޤަވައިދުން ކަމަށް ބުނުމުން މުހައްމަދު ބަހާއުއްދީން ސަލްމާން މިކަންކަން ގަވައިދުން ހަމަޖެއްސިއެވެ. ކޮންމެއަކަސް އަހުމަދު އިސްމާއިލް މަނިކު މިކަމަށް ދެއްވި -/100000 (އެއްލައްކަ ސިލޯނު ރުފިޔާ) ބޭނުން ކޮށްގެން ކުއްޔަށް ބިން ހޯދާ އަދި އަޅުގަޑު އުޅޭނެ ގެއެއް ހޯދުނެވެ. ގެ ހޯދީ "މަރަގޮޑާ ސްޓޭޓް" އިންނެވެ. ގެ ތައްޔާރުކޮށް އަޅުގަޑާ އަޅުގަޑުގެ ފެމެލީ އެގެއަށްވަނީއެވެ.

އަޅުގަޑުމެން އުފެއްދި ކުންފުނީގެ ނަމަކީ "ޗެރީވެލީ ލައިވްސްޓޮކް އެންޑް މެރީން ޕްރޮޑަކްޓްސް" އެވެ. ކުންފުނީގެ ހިއްސާދާރުންނަކީ، ސިއްކަ އަހުމަދު އިސްމާއިލު މަނިކާ މުހައްމަދު ބަހާއުއްދީން ސަލްމާނެވެ. އަޅުގަޑަކީ ސިއްކަ އަހުމަދު އިސްމާއިލު މަނިކުގެ ފަރާތުން ކުންފުނީގެ ކަންތައްތައް ހިންގުމަށް ޕަވާ އޮފް އެޓާނީ ދީފާ ހުންނަ މީހެކެވެ. އަޅުގަޑުގެ ފަރާތުން ކުންފުންޏަށް ލާފައި ވަނީ ހަމައެކަމި ކުރީއްސުރެ އަޅުގަޑު ގެންގުޅެމުން އައި ޖީޕްއެވެ.

އަޅުގަޑު އުޅޭ ގޭގައި ފިޔޮއް ވިއްސާތަނަކާއި ބަދިގެއަކާއި ދޮންނަ ކޮޓަރިއެއް ތައްޔާރު ކުރީމެވެ. ބިން ހޯދޯ ކެލެނިޔާ އާއި ގާތްގަޑަކަށް 8 ކިލޯމީޓަރ ދުރުގައިވާ "ކަޑަވައްތަ" ހިސާބުންނެވެ. ފާމްއެޅީ މިޔާގައެވެ. އަދި އެއްދުވަސްވީ އަސްދޫނި ލަންޑަނުން އެތެރެކުރުމަށްފަހު މަސައްކަތް ފެށީ މިތާގައެވެ. މުޅި ފާމްގެ ހުރިހާ އިންވެސްޓްމަންޓެއް ހެދީ ސިއްކަ އަހުމަދު އިސްމާއިލް މަނިކެވެ. މިގޮތުން ގާތްގަޑަކަށް -/700000 (ހަތްލައްކަ) ސިލޯނު ރުފިޔާ ސިއްކަ އަހުމަދު އިސްމާއިލު މަނިކު ހަރަދު ކޮށްފައިވެއެވެ. 1987ގެ މެދަކާ ހިސާބަށް ދިޔައިރު ކުންފުނިން ގެއްލުންވާ ގޮތަކަށް ދިމާވާން ފެށިއެވެ. އެއީ ތަކެއްޗަށް ޖެހުނު އަގު ބޮޑުކަމުންނާއި މަސްވިއްކާނެ މާކެޓްތައް ނުލިބުމުގެ ސަބަބުން މަސްއުކާލަން ޖެހުމާއިއެކު އަސްދޫނި ނުގެންގުޅެވޭނެ ކަމަށް ފެނުމެވެ.

މިހާ ހިސާބުން މި ޕްރޮޖެކްޓަށް ސިއްކަ އަހުމަދު އިސްމާއިލް މަނިކު ފައިސާ ދިނުން މުޅިން ހުއްޓާލައިފިއެވެ. އަދި އަސްދޫނީގެ ބަދަލުގައި ކުކުޅު ގެންގުޅުމުގެ ހުއްދަ ނެގުމަށް ސިއްކަ އަހުމަދު އިސްމާއިލް މަނިކު ބުނުއްވިއެވެ.

އަޅުގަނޑު ކޮޅުބުގައި މިއުޅުނު އުޅުމުގައި ބަބުލަޕިޓިޔާ ކޯމިލް ކައިރީގައި ހުންނަ ސައިހޮޓަލަކަށް ސައިބޯން ގޮސް އުޅެމެވެ. މިއުޅުމުގެ ތެރޭގައި ކޯމިލްގައި އުޅޭ މިސްޓަރ ރުޑްރާ ކިޔާ ތަމަޅަޔަކާ ރައްޓެހިވިއެވެ. އެއީ ގާތްގަޑަކަށް 1986 ޑިސެމްބަރ ހާތާގައެވެ. މިހޮޓަލަށް ސައިބޯން ވަންނަ ބައެއް ފަހަރު މީނާއާއި ދިމާވެ ރައްޓެހިވެ ވާހަކަދެއްކުމުގެ ތެރޭގައި މިރުޑްރާއަކީ ކުއްޔަށް ގެހޯދާދޭ ބްރޯކަރެއްކަމަށް އަޅުގަޑުގާތުގައި ބުނެފައިވެއެވެ. އަދި އަޅުގަޑަކީ ދިވެހި ވިޔަފާރިވެރިއެއް ކަމުގައި މީނާ ގާތުގައި ބުނެފައި ވާނެއެވެ.

1987 ވަނަ އަހަރުގެ ޖޫމް މަހުގެ ފަހުކޮޅު މިރުޑްރާއާއި މިދެންނެވި ސައި ހޮޓަލުން އަޅުގަޑާ ދިމާވެގެން ބުނެފައި ވަނީ "ޕްލޮޓް" (ޕީޕަލްސް ލިބަރޭޝަން އޮފް ޓެމިލް އީލާމް) ގެ މައުޓްލެވެނިޔާ ލީޓަރ އަޅުގަޑާ ބައްދަލުކޮށްލަން ބޭނުންވާ ކަމަށެވެ. އަޅުގަޑު އޭނާ އެބުނި ލީޑަރާ ބައްދަލުކޮށްފާނެ ކަމަށް ބުނުމުން ޖެހިގެން އައި ދުވަހުގެ 8:30 އާއި 9:30 އާއި ދެމެދުގެ ވަގުތެއްގައި ބަބުޅަޕިޓިޔަ ހިންދީ ކޯހިލް ކައިރިއަށް ދިއުމަށް އަޅުގަޑު ގާތުގައި ރުޑްރާ ބުންޏެވެ. ޖެހިގެން އައި ދުވަހު އަޅުގަޑުގެ ޖީޕްގައި ކޯހިލް ކައިރިއަށް ދިޔައިރު މިސްޓަރ ރުޑްރާ އާއިއެކު އެހެން ޒުވާން ފިރިހެނަކު ހުއްޓެވެ.

އަޅުގަޑަށް އޭނާ ތައާރަފްކޮށްދިނީ ޕްލޮޓްގެ މައުންޓްލެވިނިޔާގެ އޭރިޔާ ކޮމާންޑާރގެ ނަމުގައެވެ. ދެން އަޅުގަޑުގެ ޖީޕަށް ކޮމާންޑަރ އަރުވައިގެން ތަންކޮޅަކަށް ދުއްވާލިތަނާ މިކޮމާންޑަރުގެ ނަމަކީ ޖާނޫ ކަމުގައި އަޅުގަޑުގެ ގާތުގައި ބުންޏެވެ. އަޅުގަޑުގެ ނަމަކީ އަބްދުﷲ ކަމުގައި އަޅުގަޑު ބުނީމެވެ. މިދެންނެވި ޖާނޫ (ފަހުން އެގުނު ގޮތުގައި ވަސަންތީ) އަޅުގަޑު ގާތުގައި އޭނާ އަޅުގަޑު ދަންނަތާ ދުވަސްކޮޅެއް ވެއްޖެ ކަމަށާ އަޅުގަނޑާއި ބައެއް ދިވެހިންނާއި ބެހޭ މައުލޫމާތު އެމީހުން (ޕްލޮޓް) އިން ހޯދާފައިވާ ކަމަށާއި އަދި، ޕްލޮޓަށް އެގިފައިވާ ގޮތުގައި އަޅުގަޑަކީ މިހާރު ސްރީލަންކާގައި ވިޔަފާރިއެއް ހިންގާ މީހެއްކަމަށާއި ދުވަސްކޮޅެއް ކުރިން އޭރު ދިވެހިރާއްޖޭގައި އޮތް ޤާނޫނީ ސަރުކާރާއި އިދިކޮޅު ހަރަކާތެއްގައި ބައިވެރިވެ އޭރުގެ ރައީސް ޤާނޫނާއި ހިލާފަށް ވެރިކަމުން ދުރުކުރަން އުޅުނު މައްސަލައެއްގައި ޖަލުގައި ވެސް އުޅެފައިވާ މީހެއްކަން އެގިފައިވާކަމަށް ވެސް ބުންޏެވެ.

އަޅުގަޑަކީ އޭނާ އެބުނާފަދަ މައްސަލައެއްގައި އުޅެފައިވާ މީހެއްކަމަށް އަޅުގަނޑު ބުނުމަށްފަހު އެމައުލޫމާތު ހޯދީ ކިހިނެއްތޯ ސުވާލުކުރީމެވެ. މިސްޓަރ ޖާނޫ ބުނީ އެމީހުން ވަނީ އެކަންކަން ބަލާފައި ކަމުގައެވެ. ދެން ޖާނޫ ބުނީ އޭނާގެ ބޮސް އުމޭމަހޭޝްވަރަމް އަޅުގަޑާއި ބައްދަލުކުރަން ބޭނުންވާ ކަމަށާއި ބައްދަލު ވެދާނެތޯއެވެ.

މިސްޓަރ އުމޭމަހޭޝްވަރަމް އަކީ ތަމަޅައިގެން ހަރަކާތުގައި ވަރަށް މަޝްހޫރު މީހަކަށް ވެފައި އޭނާ ބައްދަލުކުރަން އެދިފައިވުމާއިއެކު އަޅުގަޑަށް ވެސް އެފަދަ މީހަކާ ބައްދަލު ކުރުމަކީ އަޅުގަޑަށް ލިބޭ ޝަރަފެއްކަމަށް ބަލާ ބައްދަލު ކުރެވިދާނެ ކަމަށް ބުނީމެވެ. އެވަގުތު އުމޭމަހޭޝްވަރަމް ކޮޅުބުގައި ނެތް ކަމަށާއި ވަވޫނިޔާއިން ކޮޅުބަށް ވަރަށް އަވަހަށް އަންނާނެކަމަށާއި އައިމާ އަޅުގަޑަށް ފޯނުކޮށް އަންގާނޭ ކަމުގައި ޖާނޫ އަޅުގަޑު ގާތުގައި ބުންޏެވެ. ދެން އެއަށްފަހު ދިވެހިރާއްޖެ އާބެހޭ އާއްމު މައުލޫމާތު އޮޅުން ފިލުވިއެވެ. ދިވެހިރާއްޖެއަކީ ޖަޒީރާތަކެއް ކަމަށާ މަސްވެރިކަމާއި ޓޫރިޒަމްއަކީ އެންމެ ފައިދާ ބޮޑު މަސައްކަތް ކަމުގައި ބުނީމެވެ. އެތާކައިރީގައި ހުރި ކޭވީޖީ ބުކްޝޮޕަކުން ދިވެހިރާއްޖެއާބެހޭ ފޮތެއް ވެސް އަޅުގަޑު ގަނެ ހަދިޔާ ކުރީމެވެ.

ނުނިމޭ

ކިޔުންތެރިންގެ ހިޔާލު

7 ކޮމެންޓް

  1. ހަނާ

    ވަރަށް ސައުގުވެރި.އެދުވަހު ޝަހީދުވި ބަތަލުންނަށް ސުވަރުގޭގެ ނިއުމަތް ދެއްވާންދޭ

    109
    2
  2. ސަންޑާނު

    ދެވަނަ ޕެރެގުރާފުގައި އެބުނާ އިބުރާހީމް ހުސެން ޒަކީއަކީ ކޮން އިބުރާހީމް ހުސެން ޒަކީއެއް؟

    48
    1
  3. ހުސް ބާއީން

    އައްނިގެ ވެރިކަމުގައި

    އުމަރު ޖަމާލު ހުރީ ސްޓޭޓް މިނިސްޓަރަކަށް
    ޝާހިދު ހުރީ އިމިގްރޭޝަން ކޮންޓްރޯލާއަކަށް
    ކަރޯ އައްބާސް ހުރީ ކޫއްޑޫ އެމްޑީއަކަށް.

    71
  4. ސަން

    1988 ވަނަ އަހަރު އިންސާފު ޤާއިމު ކުރާ މިންގަނޑުން ސިއްކަ، އުމަރު ޖަމާލު އަދި ޝާހިދު މައްޗަށް ކުށް ސާބިތުވެފައި އޮތަސް މިއަދުގެ މިންގަނޑުން ކުށް ސާބިތުވާނެ ކަމަކަށް ނުބެލެވޭ. ސުވާލަކީ އޭރު އިންސާފު ޤާއިމުވިތޯ ނުވަތަ ނޫންތޯ؟ އޭރުގެ މިންގަޑަކީ ކޮބައިތޯ؟

    31
    5
    • ބުއްޅަބޭ

      މޑޕ ގޮލަޔަކަށް ވާނީ

      21
      15
      • ވަޑި

        އެސޮރުމެންނަށް ނޮވެމްބަރު3 ގެ ހަމަލާ ވެސް އަންނިބެގެ އާއިލާ އިން ކުރިކަމަކަށް ވާތީ އެ ނުވާނެ ގޯސްކަމަކަށް ވެސް

        34
        3
  5. ކުމާރު

    މި ބަޔާނަށް ބަލާއިރު ރާއްޖެއަށް ޙަމަލާދޭން ރާވާފައިވާ ކަމަށް ބެލެވެނީ މާލޭގެ ބޮޑުން ޕޮލޮޓްގެ މީހުންނާއި ގުޅިގެން ކަމުގައި ފެނެއެވެ،. އަދި ކުރިއަށް ރޭވުންތަކެއް ރާވާފައިވާކަމަށް ހާމަވެއެވެ.
    ލުޠުފީ އަކީ ހަމައެކަނި ޕްރޮކްސީއެކެވެ. އޭނާގެ ބޭނުން ފިލާތިބި ބޮޑުން ބޭނުންކުރިކަން މިއޮތީ ފެންނަށް.

    22
    2