ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގައި ގޮނޑި ކާމިޔާބު ކުރުމަށް އެ ދާއިރާގެ ރައްޔިތުންނަށް ޚާއްސަ ވައުދުތަކެއް ކެންޑިޑޭޓުން ހުށަހަޅައެވެ. ދާއިރާގެ ޢުމްރާނީ ތަރައްޤީ އާ އެކިއެކި އިޤްތިޞާދީ ހަރަކާތްތަކެވެ. ގޮނޑި ކާމިޔާބު ކުރުމަށް ފަހު ވެސް އެ ކަންކަމަށް އިސްކަން ދޭން މެންބަރު އުޅެއެވެ. ދާއިރާގެ ރައްޔިތުންގެ ސުވާލުތަކާ ވެސް ކުރިމަތިލާން ޖެހޭތީއެވެ. މަޖިލީހުގެ ބަހުސްތަކުގައި ދާއިރާގެ ޙާލަތު ބަޔާން ކުރެއެވެ. ދާއިރާގެ ކަންކަމުގައި ސުވާލު ކުރަން މަޖިލީހަށް ވަޒީރުން ހާޒިރުކުރެއެވެ. ވަކިން ވެސް ވަޒީރުންނާ ބައްދަލުކޮށް ހަދައެވެ.

އަށާރަވަނަ މަޖިލީހުގެ މެޖޯރިޓީ އޭރު ވެރިކަން ކުރާ ކޯލިޝަނަށް ލިބުމުން ސަރުކާރު ހިންގާ މި ކޯލިޝަނަށް ނިސްބަތްވާ މެންބަރުންގެ ފަރާތުން މި މަންޒަރުތައް ވަރަށް އާންމުކޮށް ފެނުނެވެ. ކޯލިޝަންގެ އެހެން ޕާޓީތަކުގެ މެންބަރުންނާއި އިދިކޮޅު އެމްޑީޕީގެ މެންބަރުންނާއި އަމިއްލަ މެންބަރުން ފަހުން ޕީޕީއެމްއަށް ގުޅުނުއިރު، އެ ގުޅުނު މެންބަރުގެ ދާއިރާގެ ކަންކަން ކުރިއަށް ވުރެ ބާރަށް ހިނގަން ފެށި މަންޒަރު ވެސް ފެނުނެވެ. ނަތީޖާއެއްގެ ގޮތުން ދާއިރާތަކުގެ މެދުގައި ތަފާތު ކުރުން ވަޒީރުން ގެންގުޅޭ ކަމުގެ އަޑުތައް ވަނީ ގަދަވެފައިވެއެވެ.

ނަވާރަވަނަ ރައްޔިތުންގެ މަޖިލީހުގެ ސުޕަ މެޖޯރިޓީ ލިބިގެން ދިޔައީ އެންމެ ޕާޓީއަކަށެވެ. ވެރިކަން ކުރާ މައި ޕާޓީ، އެމްޑީޕީއަށެވެ. ކ. އަތޮޅާއި އދ. އަތޮޅު ފިޔަވައި ކޮންމެ އަތޮޅެއްގެ ކޮންމެ ވެސް އެއް ގޮނޑިއެއް އެމްޑީޕީއަށް އޮތެވެ. މާލެ، އައްޑޫ، ފުވައްމުލައް، ކުޅުދުއްފުށި، ތިނަދޫ ފަދަ އާބާދީ ބޮޑެތި ރަށްތަކުގެ ހުރިހާ ގޮނޑިއެއް އެމްޑީޕީއަށް ދިނެވެ. ލާމަރުކަޒީ އުސޫލަކުން ރާއްޖޭގެ ކޮންމެ ސަރަހައްދެއް ތަރައްގީކޮށް ހިދުމަތްތައް ހޯދުމުގައި މާލެއަށް ވާން ޖެހޭ ބަރޯސާ ނިމމުމަކަށް ގެނައުމަކީ އެމްޑީޕީގެ ހާއްސަ އެއް ވައުދެވެ. އެ ވައުދު ހުށަހެޅުމާއެކު މިއީ އެމްޑީޕީއަށް އަދި ޕާޓީއަކަށް ވެސް ދިން އެންމެ ބޮޑު މެޖޯރިޓީއެވެ.

ސުޕަ މެޖޯރިޓީ އޮތުމުން އެހެން ޕާޓީތަކުގެ މެންބަރުން ގެނައުމުގައި އެމްޑީޕީގެ ލީޑާޝިޕް އާއި ސަރުކާރުގެ އިސް ބޭފުޅުން އުޅުއްވާ ތަނެއް ނުފެނެއެވެ. އޭގެ ބޭނުމެއް ވެސް ނެތެވެ. އިތުރު މެންބަރުން ނުގެނެސް ވެސް ކަންކަން ނިންމޭ ވަރަށް އެމްޑީޕީއަށް އެކަނި މެޖޯރިޓީ އޮތުމުންނެވެ. އެހެންވިޔަސް މި މަޖިލީހުގައި މިފަދަ މަންޒަރުތައް ތަކުރާރުވާން ފަށައިފިއެވެ. މީގެ ޝަކުވާތައް އާންމު ވާން ފަށައިފިއެވެ.

-- ފޮޓޯ: މަޖިލީސް

ދާއިރާތަކުގެ މެދުގައި ތަފާތު ކުރުން ގެންގުޅޭ ކަމުގެ ތުހުމަތު

ރައްޔިތުންގެ މަޖިލީހުގެ މި އަހަރުގެ ފުރަތަމަ ދެ ދައުރު އެންމެ ގިނައިން ހާޒިރު ކުރެވުނު ވަޒީރަކީ ޕްލޭނިން އެންޑް ހައުސިން މިނިސްޓަރު މުހައްމަދު އަސްލަމްއެވެ. އަސްލަމްގެ މިނިސްޓްރީގެ ދައުރު ވެސް ބޮޑުވުމާ ވެސް އެކީއެވެ. މިއަހަރުގެ ފަހު ދައުރުގެ ޖަލްސާތައް ފެށި ފަހުން ވެސް އެންމެ ގިނައިން ހާޒިރުކުރި ވަޒީރަކީ އަސްލަމްއެވެ.

ތިންވަނަ ދައުރުގައި މިނިސްޓަރު އަސްލަމް ހާޒިރު ކުރެވުނު ޖަލްސާތަކުގައި ވެސް އާންމުކޮށް މެންބަރުން އަމާޒުކުރައްވާ ސުވާލުތައް ކުރައްވައެވެ. މެންބަރުން ތަމްސީލް ކުރައްވާ ދާއިރާގެ މަޝްރޫއުތަކާ ގުޅޭ ގޮތުން އައްސަވައެވެ. އެ ސުވާލުތަކުގައި އާ ކަމެއް ވެސް ފާހަގަވާން ފެށިއެވެ. ވަކި ދާއިރާއެއްގެ މަސައްކަތް އަވަސްވެފައި ތިމަންނަގެ ދާއިރާގެ ކަންކަން ލަސްވުމުގެ ޝަކުވާއެވެ. އާބާދީ ބޮޑު ރަށެއްގައި ނެތް އެތައް ހިދުމަތަށް ކުދި އާބާދީތަކުގެ ބައެއް ރަށްރަށުގައި ހަމަޖެހިގެންދާ ކަމުގެ ޝަކުވާއެވެ.

އެންމެ ފަހުން ބޭއްވި މަޖިލީހުގެ ޖަލްސާއަށް އަސްލަމް ހާޒިރު ކުރެވުނީ އެ ފަދަ ތުހުމަތެއްކޮށް ހުށަހެޅި ސުވާލަކަށް ޖަވާބު ދިނުމަށެވެ. ފޮނަދޫ ދާއިރާގެ މެންބަރު މޫސާ ސިރާޖް ހުށަހެޅުއްވި އެ ސުވާލުގައި ހިމެނޭ ކަންބޮޑުވުމަކީ ބަޖެޓްގައި ފައިސާ ކަނޑައެޅިފައިވާ އެތައް މަޝްރޫއެއް މަޑުޖައްސާލާފައި އޮތުމަށް ފަހު، ބަޖެޓްގައި ނެތް މަޝްރޫއަކަށް ދައުލަތުން 37 މިލިއަން ރުފިޔާ ހޭދަކުރާ ގޮތަށް މި އަހަރު ބަޔަކަށް ހަވާލުކުރުމެވެ. އެއީ ދުވާފަރު މަގުތައް ހެދުމުގެ މަޝްރޫއެވެ. އެ މަޝްރޫއުގައި ސޮއިކުރެވުނުއިރު ސިރާޖް ތަމްސީލް ކުރައްވާ ފޮނަދޫގައި މަގު ހެދުމުގެ މަޝްރޫއު އޮތީ މަޑުޖެހިފައެވެ.

މި ތުހުމަތުތަކަށް އަސްލަމް ޖަވާބުދާރީވެވަޑައިގަތެވެ. އަސްލަމް ވިދާޅުވީ އެއީ މުޅިން އާ މަޝްރޫއެއް ނޫން ކަމަށެވެ. އެއީ ކުރިން އޮތް މަގު ހެދުމުގެ މަޝްރޫއެއްގައި ހިމެނޭ މަގުތަކުގެ އަދަދު އިތުރުކޮށް އެ މަޝްރޫއު އާކޮށްލީ ކަމަށް ވިދާޅުވިއެވެ. ބަޖެޓް ކޯޑްގެ އުސޫލުތަކުގައި ހިމެނޭ އުސޫލެއްގެ ތެރެއިން ކުރެއްވި ކަމެކެވެ. އެ ކަމުގެ ސަބަބުން ބަޖެޓަށް މާ ބޮޑު އަސަރެއް ވެސް ނުކުރައްވާ ކަމެވެ. އަސްލަމްގެ މި ޖަވާބުތަކުން ބައެއް މެންބަރުން ރުހިވަޑައެއއް ނުގަތެވެ.

އެމްޑީޕީގެ ފުރަތަމަ ސަރުކާރުގެ ރައީސް ކަން ކުރެއްވި ނަޝީދު މަޖިލީހުގެ ރިޔާސަތުގައި އިންނަވާއިރު، އާންމު ގޮތެއްގައި ވަޒީރުންނަށް ހާއްސަ މެސެޖްއެއް ދެއްވައެވެ. ބައެއް ފަހަރު އިންޒާރެވެ. ނަޝީދު ރުހިވަޑައިގަންނަވާ ޖަވާބު ދެއްވާނަމަ "ގްރޭޑް އޭ" ގެ މާކްސްއެކެވެ. ނުރުހުން ވެސް ފާޅުކުރައްވައެވެ. އަސްލަމްގެ ޖަވާބަށް ނުރުހުން ފާޅުކުރައްވައި ނަޝީދު ދެން ދެއްވީ ނަސޭހަތެވެ. މެންބަރުންގެ ޝަކުވާއަށް ވިސްނެވުމަށެވެ. ކޮންމެ އުސޫލެއްގެ ތެރެއިން ވިޔަސް މެންބަރުންގެ ޝަކުވާއަކީ ތަފާތު ކުރުމެވެ. އެ ކަން ތަކުރާރު ނުކުރެއްވުމަށެވެ.

ވިލިފުށި ދާއިރާގެ މެންބަރު ހަސަން އަފީފް ފާހަގަކުރައްވާ ގޮތުގައި ބަޖެޓްގައި ކަނޑައެޅޭ ފައިސާ ހަރަދު ކުރާނީ ގާނޫނު އަސާސީގައި އޮންނަ އުސޫލުގެ މައްޗަށެވެ. މަޖިލީހުން ފާސްކުރާ ބަޖެޓްގައި އޮންނަ ގޮތަށް ނޫން ގޮތަކަށް އެންމެ ފައިސާއެއް ވެސް ހަރަދުކޮށްގެން ނުވާނެއެވެ. އެ ނޫން ގޮތަކަށް ހަރަދު ކުރަން ވާނީ ކުއްލި ހާލަތެއް މެދުވެރިވެގެންނެވެ. ނޫނީ ވަރަށް މުހިއްމު ކަމަކަށް ބަޖެޓްގައި އޮތް ވަރަކަށް ވުރެ އިތުރުވުމުންނެވެ. ނޫން ނަމަ މަޖިލީހުގެ ރުހުން ހޯދަން ޖެހޭނެ ކަމަށް ވެސް އަފީފް ގަބޫލު ކުރައްވައެވެ.

"އެމަޖެންސީއެއްގައި ނޫނިއްޔާ ދެން އޮންނަ ގޮތަކީ ވަރަށް މުހިއްމު ކަމަށް ބަޖެޓްގައި ހަރަދު ކުރަން އޮންނަ ފައިސާ މަދުވުން، މިސާލަކަށް ފުލުހުންގެ ހިދުމަތްތަކަށް ފައިސާ މަދުވީ، ދެން ނުނިންމޭނެ ފުލުހުންގެ ހިދުމަތް އެ ހިސާބުން ހުއްޓާލާށެކޭ، ބައެއް ރަށްރަށް ގިރަމުން ވެސް އެބަދޭ، އެ ކަންކަމަށް ބަޖެޓް ހަރަދުނުކޮށް އެ ކަން މުހިއްމު ކަމަކަށް ނުވެފައި ރަށެއްގެ މަގު ހެދުން މުހިއްމު ވާނެ އުސޫލެއް އޮންނާނެތޯ، ގާނޫނު އަސާސީގައިވާ އުސޫލާ ކަނޑައެޅިގެން ހިލާފް،" އަފީފް ތަފްސީލް ކޮށްދެއްވިއެވެ.

އާ ދައުރެއް ކަށަވަރު ކުރަން ވެސް ދާއިރާގެ ކަންކަން މުހިއްމު

މަޖިލީހުގައި މިހާރު އިންތިހާބުވި މެންބަރުންގެ ތެރޭގައި މުޅިން އަލަށް އިންތިހާބުވި މެންބަރުން ގިނައެވެ. ވަކި ދާއިރާއެއް ކަށަވަރުކޮށް އެ ގޮނޑީގައި ދެމިތިބެ ދުވަސްވީ މެންބަރުން ވެސް އެބަ ތިއްބެވެ. ދާއިރާއަށް އުފަން މެންބަރުން ވެސް އެބަ ތިއްބެވެ. ދާއިރާއަށް އުފަން ނޫނަސް އިންތިހާބުވެ އައިސް ތިބި މެންބަރުން ވެސް އުޅެއެވެ.. މި ކޮންމެ މެންބަރަކު ވެސް ދާއިރާގެ ކަންކަމަށް އިސްކަންދީ ވަރަށް ފަރުވާ ބަހައްޓައެވެ.

ނަން ހާމަނުކުރާ ގޮތަށް މަޖިލީހުގެ އެމްޑީޕީގެ މެންބަރަކު ވިދާޅުވީ ސަރުކާރުގައި އެމްޑީޕީ އޮވެ، މަޖިލީހުގައި އެ ދާއިރާގެ ގޮނޑީގައި އެމްޑީޕީގެ މެންބަރަކު އިންނަވާތީ ދާއިރާގެ ރައްޔިތުން އުއްމީދު ކުރާ މިންވަރު ވަރަށް ބޮޑެވެ. ދާއިރާގައި ހިނގަން ސަރުކާރުން ބުނާ މަޝްރޫއުތައް ލަސްވަމުން ދިއުމާ ގުޅިގެން އޭގެ ޕްރޮޝަރު ސަރުކާރުގެ ޕާޓީއަށް ނިސްބަތްވާ މެންބަރަށް ވެސް އާދެއެވެ. އެހެންވެ، އެ މެންބަރަށް ދާއިރާގެ ކަންކަން އަވަސް ކުރަން މަސައްކަތް ކުރެވެއެވެ.

"އަޅުގަނޑުމެން މި ތިބީ ސަރުކާރުގައި، މަޖިލީހުގައި އަޅުގަނޑުމެންގެ މެޖޯރިޓީ، ދައްކާނެ ބަހަނާއެއް ވެސް ހަގީގަތުގައި ނެތް، ރައްޔިތުންގެ އެކްސްޕެކްޓޭޝަން ވެސް އެހެންވެ ވަރަށް މަތީގައި މި ހުރީ، ވަރަށް ޒުވާން މެންބަރުންތަކެއް ވެސް އެބަ ތިބޭ، އެ މެންބަރުންނަށް އާ ދައުރަކަށް އިންތިހާބުވާން ބޭނުންވާނަމަ މި ކަންކަން އަވަސް ކުރަން މަސައްކަތް ކުރަން އުޅޭނެ، އެ ކަން ފެންނާނެ އެހެންވެ އަބަދުވެސް، ވަޒީރުންނާ ބައްދަލުކޮށް އާދޭސްކޮށްގެން ވެސް ބަލާނެ މަޝްރޫއުތައް އަވަސްކޮށް ނަތީޖާ ދައްކަން،" އެ މެންބަރު ކިޔައިދެއްވިއެވެ.

ޓީވީ ޕްރޮގްރާމެއްގައި ބައިވެރިވެވަޑައިގެން މާފަންނު މެދު ދާއިރާގެ މެންބަރު އިބްރާހިމް ރަޝީދު (ބޮންޑެ) ވެސް މިފަދަ މޭރުކަމުން ވާހަކަ ދައްކަވާފައިވެއެވެ. މެންބަރު ބޮންޑެ ވިދާޅުވީ ކޮރަޕްޝަން ނައްތާލަން މަޖިލީހަށް ވަޑައިގެންނެވި އެމްޑީޕީގެ ބައެއް މެންބަރުން "ކޮރަޕްޓެޑް" ވަޒީރުންގެ ފަހަތުން އުޅުއްވާ ކަމަށެވެ. ނޯތު ކޮރެއާގައި އޮންނަ "ހުދުމުހުތާރު އުސޫލެއް" އެމްޑީޕީ ޕާލިމެންޓްރީ ގްރޫޕްގައި އޮންނަ ކަމަށާއި ބައެއް މެންބަރުން ސިއްރުން ވަޒީރުންނާ ގުޅުން ބަދަހިކޮށް ދާއިރާގެ ކަންކަން އިސްކުރަން އުޅޭ ކަމަށެވެ.

ދާއިރާއާ މެދު އިހުމާލުވާނަމަ މެންބަރުގެ ޒިންމާ އަދާކުރާނީ މި ގޮތަށް!

ރައްޔިތުން ތަމްސީލް ކުރުން އިސްކޮށް ގާނޫނު ހަދާ މަޖިލީހަށް ރައްޔިތުންގެ މަންދޫބުން އިންތިހާބު ކުރާއިރު، މަންދޫބު އިންތިހާބު ކުރެވޭ ދާއިރާއާ މެދު އިހުމާލުވާނަމަ ނުވަތަ ދާއިރާއަށް ކޮންމެހެން ބޭނުންވާ އަސާސީ ހިދުމަތްތައް ދިނުމަށް ބޭނުންވާ އުމްރާނީ ތަރައްގީގެ ބިނާތައް ގާއިމް ކުރުން ލަސްވާނަމަ އެ ކަން އަވަސް ކުރުމަށް މެންބަރުގެ ރޯލެއް އޮވެއެވެ. މި ކަމުގައި މެންބަރުގެ ރޯލު ގާނޫނު އަސާސީގައި ވަރަށް ސާފެވެ.

ގާނޫނީ ވަކީލަކު ފާހަގަކުރެއްވި ގޮތުގައި، ރައްޔިތުންގެ މަޖިލީހުގެ ގާނޫނީ ޒިންމާއަކީ ގާނޫނު ހެދުމާއި ދައުލަތުގެ މުއައްސަސާތައް ޖަވާބުދާރީކުރުވުމެވެ. އެ ކަމުގައި އޭނާގެ ދާއިރާގެ ރައްޔިތުންގެ ޖުމުލަ ވިސްނުން އިސްކުރުމެވެ. ދާއިރާ ތަމްސީލް ކުރުމެވެ. ދާއިރާއަށް ކޮންމެހެން ބޭނުން ޖެހިފައިވާ ކަމެއް ވުމުގައި ލަސްވާނަމަ އެއީ ދާއިރާގެ ރައްޔިތުންނަށް ދޭން ޖެހޭ ހިދުމަތެއް ދިނުމުގައި އިހުމާލުވަނީއެވެ. ރައްޔިތުންނަށް ދައުލަތުން ވެވޭ އިހުމާލުތަކުގައި ދައުލަތުގެ ކަމާ ބެހޭ މުއައްސަސާތައް ޖަވާބުދާރީ ކުރުވަން ޖެހެނޭއެވެ.

"މި ނިޒާމު ބައްޓަން ކުރުމުގެ ވިސްނުން މި އޮތް ގޮތަކީ، ގާނޫނު ހަދާ މަޖިލީހުގެ މެންބަރު އޭނާގެ ދާއިރާގެ ރައްޔިތުން ތަމްސީލް ކުރުން، އެކަމަކު ގާނޫނުތައް ހަދާނީ ރައްޔިތުންގެ މުޅި އާބާދީގެ މަސްލަހަތަށް، އެ ދާއިރާއަށް ގާނޫނެއް، މި ދާއިރާއަށް ގާނޫނެއް ނޫން، މުއައްސަސާތައް ޖަވާބުދާރީ ކުރުމުގައި ވެސް އޮންނަނީ އެ ގޮތަށް،، ދާއިރާއަށް އިހުމާލެއް ވާނަމަ މަޖިލީހަށް ހާޒިރުކޮށް ޖަވާބުދާރީ ކުރުވުން، ގާނޫނީ ޒިންމާ އޮތް ގޮތަކީ މިއީ،" ގާނޫނީ ވަކީލް ފާހަގަކޮށްދެއްވިއެވެ.

ރައީސް ނަޝީދު ވެސް މި ކަން ފާހަގަކުރެއްވިއެވެ. އެމަނިކުފާނު މެންބަރުންނަށް ކުރެއްވި އިލްތިމާސްއަކީ އެ މެންބަރުގެ ދާއިރާގެ ކަންކަން އަވަސް ކުރުމަށާއި އެ ދާއިރާއަށް އިސްކަން ދޭން އެއްވެސް ވަޒީރަކާ އެކީ ހާއްސަ ގުޅުމެއް ނުއުފެއްދުމަށެވެ. ފޯނު މެދުވެރިކޮށް ގުޅައިގެން ދާއިރާގެ ކަންކަން އަވަސް ކުރަން އެދިވަޑައިނުގަތުމަށެވެ. މަޖިލީހުގެ އިންތިޒާމުތައް ރޭވިފައި އޮންނަ ގޮތަކީ ދާއިރާއެއްގައި ކަމެއްގައި، ނޫނީ ވަޒީރާ ގުޅުން ހުރި މެންޑޭޓެއްގައި ހިމެނޭ ޖުމުލަ ކަމެއްގައި ވެސް މަޖިލީހަށް ހާޒިރުކޮށް ޖަވާބުދާރީ ކުރުން ކަމަށެވެ.

ފެހި ޤާނޫނު އަސާސީގައި އެކުލެވިފައި އޮންނަ ރައްޔިތުންގެ މަޖިލީހުގައި ސަރުކާރު ތަމްސީލް ކުރާ މެންބަރުންނެއް ނުތިބޭނެއެވެ. އަތޮޅު ތަމްސީލް ކުރާ މެންބަރުން ވެސް ނުތިބޭނެއެވެ. އެއީ ކޮންމެ 5،000 ރައްޔިތަކު ތަމްސީލް ކުރުމުގެ "ތިއޮރީ" ގެ އެކުލެވުމެކެވެ. އިންތިހާބު ކުރާ ދާއިރާގެ ރައްޔިތުން ތަމްސީލްކުރުމުގެ އިތުރަށް މުޅި ރައްޔިތުންގެ މަސްލަހަތު އިސްކުރަން ޖެހޭނެއެވެ. އެހެންވެ އޭގެ ރަސްމީ އިންތިޒާމަކީ ވެސް މަޖިލީހަށް ހާޒިރުކުރެވި ސުވާލުކޮށް ޖަވާބުދާރީ ކުރުވުމެވެ. ސަރުކާރު ހިންގާ ޕާޓީގެ މެންބަރުންގެ މައްޗަށް ވެސް އޮންނަ އުސޫލަކީ އެއީއެވެ.

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

  1. ސިކުނޑި

    ލާމަރުކަޒީ ނިޒާމުގެ ދަށުން ދާއިރާތައް ތަރައްގީ ކުރުމަށް އަތޮޅުތަކުން ލިބޭއެއްޗެއް އަތޮޅުތަކަށް ދީގެން މެނުވީ ތިމެއް ނުހުއްޓުވޭނެ! ހއ. ގައި އޮންނަ ރިސޯޓުގެ ކުއްޔާއި ޓެކްސް މާލެ ސަރުކާރަށް ނަގާފައި އެއިން ރ އަތޮޅު ތަރައްގީ ކުރުމަކީ ހަމަޖެހޭ އުސޫލެއްނޫން! މުޅި ރާއްޖެ އެއްވަރަކަށް ތަރައްގީއެއްވެސް ނުކުރެވޭނެ! އެކަން ގަބޫލުވެސް ކުރަންޖެހޭނެ! އަދި މެންބަރުންނަކީ ދާއިރާ ތަރައްގީ ކުރަން ހޮވާ ބައެއްކަމަށް ގަބޫލު ކުރާހާ ދުވަހަކު މިކަމެއް ހައްލެއް ނުވާނެ!

  2. ބެއްޔާ

    ދާއިރާއަށް ހޮވުމާއެކު މެންބަރ ގެ ޚަބަރެއް ހިލަމެއް ނުވޭ! ދެން ކޮން ދާއިރާއެކޭ ކިޔާކައް! ނޯ ގޯތި ނޯ ވޯޓް.

    17