ކޮވިޑް-19 ގެ ނުރައްކާތެރި ބަލިމަޑުކަމުގެ ތެރޭގައި ގެއިން ބޭރަށް ނުދެވި ގޭގައި ބަންދުވެފައި ތިބުމުގެ ސަބަބުން އެތައް ދާއިރާއަކުން ހުނަރުވެރިން ފެންނަން ފެށިއެވެ. މުޅި އިންސްޓަގްރާމާއި ފޭސްބުކް ފުރާލާފައި ވަނީ އެކި ހުނަރުވެރިން ކޮށްފައިވާ ބުރަ މަސައްކަތްތަކުންނެވެ. ކެއްކުމުގެ ދާއިރާއިން ފެށިގެން އާޓްގެ ދާއިރާއާ ހަމައަށް އެތައް ސަތޭކަ މަސައްކަތްތަކެއްގެ ފޮޓޯ އާއި ވީޑިއޯ މީސްމީޑިއާ އަށް ލާފައި އެބަ ހުއްޓެވެ. އާޓް ދާއިރާ އަށް ބަލާއިރު ކުރެހުންތަކާއި އަތްތެރި މަސައްކަތްތައް ފެނިގެންދާ އެތައް ކުރެހުންތައް އަދި ހިތްގައިމު އެތައް އާޓް މަސައްކަތްތައް އެބަ ހުއްޓެވެ.

އުމުރުން 19 އަހަރުގެ ކުރެހުންތެރިޔާ އަރީން ޝަވީންއަކީ އާޓްގެ ދާއިރާގައި ފާހަގަކޮށްލެވޭ ކުރެހުންތަކެއް ކުރަހަމުން އަންނަ ޒުވާނެކެވެ.

އަރީންގެ އާޓް މަސައްކަތްތަކާއި ތިނޯސް ބޭނުންކޮށް ރޮދިން ހަދާފައިވާ ހިތްގައިމު ރީތި އާޓް މަސައްކަތްތަކަށް ސަމާލުކަން ނުހުއްޓޭނެ މީހެއް މަދުވާނެ އެވެ. އަރީން ބުނީ ސްކޫލްގައި އުޅޭ އިރު އޭނާގެ މަންމަ އަތްތެރި މިފަދަ މަސައްކަތްތައް ދަސްކޮށްދޭ ކަމަށާއި ގާލްގައިޑުގައި އުޅޭއިރު ވެސް މިފަދަ މަސައްކަތްތައް ދަސްވި ކަމަށެވެ.

ތިނޯހުން ކުރާ އެކި މަސައްކަތްތަކާއި ޕެއިންޓްގެ އިތުރުން އަރީންއަކީ ކެއްކުމުގެ ހުނަރާއި ލިއުމަށް ވެސް ވަރަށް ޝައުގުވެރިވާ ކުއްޖެކެވެ. މި ހުނަރުތަކަށް އެންމެ ބޮޑަށް އެހީތެރިވާ މީހުންނަކީ އޭނާގެ މަންމަ އާއި ބައްޕަ އަދި ދޮންބައްޕަ ކަމަށް އަރީން ބުނާ އިރު އޭނާ ބުނީ މަންމަ އަކީ މި މަސައްކަތުގައި ވަރަށް ހުނަރުވެރި މީހެއް ކަމަށެވެ. އަދި އަރީން ވަނީ އޭނާގެ މަންމަ އަށް ވަރަށް ބޮޑަށް ޝުކުރު އަދާކޮށްފައެވެ. އަދި ބައްޕަ އާއި ދޮންބައްޕަ އޭނާގެ އާޓް މަސައްކަތްތައް ހެދުމަށް ބޭނުންވާ ސާމާނު ގަނެދޭކަމަށް އޭނާ ބުންޏެވެ.

އާޓް މަސައްކަތް ކުރުމަށް ވަގުތު ހޯދަނީ ކިހިނެތްތޯ ސުވާލު ކުރުމުން އަރީން ބުނީ ސްކޫލްގައި ނޫޅޭ ވަގުތުތަކުގައި މި މަސައްކަތް ކުރަން ވަރަށް ވަގުތު ލިބުނު ކަމަށެވެ. ކިޔެވުމަށާއި އިމްތިހާންތަކަށް ވަގުތު ހުސްކުރަން ޖެހޭތީ މި މަސައްކަތް ކުރަން އެހާ ވަގުތު ނުދެވޭ ކަމަށްވެސް އަރީން ބުންޏެވެ.

ކެރިއަރެއްގެ ގޮތުން އަރީން ބޭނުން ވަނީ ޝެފަކަށް ވާށެވެ. އަދި ދަތުރުތައް ކޮށް ބޭރުގައުމުގެ ކެއްކުންތައް ދަސްކުރަންވެސް އޭނާ ބޭނުންވާކަން ފާހަގަ ކުރި އެވެ. އާޓްތަކަށް އެންމެ ގިނައިން ލިބޭ ކޮމެންޓު ތަކަކީ ކޮބައިތޯ އެހުމުން އަރީން ބުނީ މީހުން ކުރެހުންތަކަށް ކުރަނީ ތައުރީފް ކަމަށެވެ.

އެންމެ އުނދަގޫވާ ކަމަކަށް އަރީން ފާހަގަ ކުރީ މަސައްކަތްތައް އިތުރަށް ރަނގަޅު ކުރުމަށް ފަރިތަ ކުރަން ޖެހުމެވެ. އަދި މީހުންގެ ފާޑުކިއުންތައް ބަލައިގަނެ އިތުރަށް މަސައްކަތްތައް ރަނގަޅު ކުރުމަށް މަސައްކަތް ކުރާ ކަމަށް އޭނާ ބުންޏެވެ.

މިހާތަނަށް ހެދުނު އެންމެ ހިތްހަމަޖެހޭ އެއް އާޓް އަކީ ތިނޯހުން ފަހައިގެން ހަދާފައިވާ ގަހެއް ކަމަށް އޭނާ ބުނެއެވެ. އަދި އެންމެ ބުރަކޮށް މަސައްކަތް ކުރަމުން ދަނީ މިހާރު ހަދަމުން އަންނަ އާޓް މަސައްކަތް ކަމަށް އަރީން ބުނެއެވެ. އެ މަސައްކަތުގައި އާ ގޮތަކަށް ރޮދި ޖަހަންޖެހޭ އިރު އެންމެ ގިނަ ދުވަހެއް ވަންދެން ކުރި މަސައްކަތަކީވެސް މިހާރު ހަދަމުންދާ އާޓް މަސައްކަތް ކަމަށް އޭނާ ބުންޏެވެ.

އަރީންގެ އާޓް ތައް


އަރީން ބުނީ ކޮންމެ މީހަކީވެސް އެމީހެއްގެ ދާއިރާގައި މޮޅު މީހެއް ކަމަށާއި އެކަމާ ސުވާލު އުފައްދަން ނުޖެހޭ ކަމަށެވެ. އަދި ހިތް އެދޭ ދިމާލަށް ގޮސް، ކުރާހިތްވާ ކަމެއް ކޮށް އެކަމެއް ދަސްކުރުމުގައި ތިބުމަށް އޭނާ އެދިފައި ވެއެވެ.