މި އަހަރުގެ ކުރީކޮޅު ރާއްޖެ އޮތީ ކިރިޔާ ވެސް ކަމެއް ދޫކޮށްލާ އިރަށް، ގޯހުން ގޯހަށް ދާ ގޮތަށެވެ. ކޮވިޑް-19 ގެ ބަލިމަޑުކަން ކުއްލިއަކަށް ފެތުރިއްޖެ ނަމަ، ރާއްޖެ "އަނދަވަޅަކަށް" ވެއްޓުމުގެ ބިރާ އޮތީ ކުރިމަތިވެފައެވެ. އޭރުގައި މިއީ ކިހިނެއްވާ ބައްޔެއް ކަން ވެސް ނުހޯދެއެވެ. ގިނަ ގައުމުތަކުގައި އެތައް ބަޔަކު މަރުވަނީ ބަލަ ބަލަ ތިއްބައެވެ. ހާލު ބޮޑު މީހުންނަށް ދޭން ޑޮކްޓަރުން ލަފާ ދިން ހަމައެކަނި އެއްޗަކީ ވެންޓިލޭޓަރެވެ.

ދިފާއީ ނިޒާމު ފޫއަޅުވާލައި މެޝިނެއްގެ އެހީގައި ނޭވާލުމަށް އެތައް ބަޔަކަށް މަޖުބޫރު ކުރުވި ވަގުތެކެވެ. ފުއްޕާމޭ ހަލާކުކޮށްލައި އެތައް ބައެއްގެ ފުރާނަ ދުނިޔެއާ ވަކިވަމުން ދިޔަ ވަގުތެކެވެ. ބައްޔަށް ފަރުވާދޭނެ ބޭހެއް، ވެކްސިނެއް މިހާތަނަށް އައިއިރު ވެސް ހޯދި، ބޭނުން ކުރަން ފެށުނީކީ ނޫނެވެ. ކޮވިޑް-19 އެކަކުގެ ގައިން އަނެކަކުގެ ގަޔަށް ވަދެގެން ދަނީ އެއްވެސް މީހަކު ހީވެސް ނުކުރާ ފަދަ ގޮތަކަށް "ސިއްރުން"ނެވެ. އެ ބިރުވެރިކަން އެއްވެސް ގައުމަކަށް ކުޑަވީކީ ނޫނެވެ. މިއީ މުއްސަންޖެއް، ފަގީރެއް، ބޮޑެއް، ކުޑަ ގައުމަކަށް އޮތް ކަމެއް ނޫނެވެ.

އެކަމަކު، ރާއްޖެ ކަހަލަ ކުޑަ ގައުމަކުން ކޮވިޑް-19 އާ ދެކޮޅަށް ވަރުގަދަ ފިޔަވަޅުތައް ގިނަ ބަޔަކު ބަލައިގަނެއެވެ.

ހަތަރު ލައްކައެއްހާ މީހުންގެ އާބާދީއެއް އޮންނަ ރާއްޖޭގައި ކޮވިޑް-19 އަށް ތައްޔާރުވާން ފެށި އިރު، ރާއްޖެ އޮތީ މި ބައްޔާ ކުރިމަތިލެވޭ ހާލަތެއްގައެއް ނޫނެވެ. މާލެ އާއި ރަށްރަށުގައި އެކަށީގެންވާ ސިއްހީ ވަސީލަތްތަކެއް ހުރީކީ ނޫނެވެ. މިދިޔަ ޑިސެމްބަރު މަސް ނިމެން އުޅެނިކޮށް ދުނިޔޭގެ ސިއްހަތު ޖަމިއްޔާ، ޑަބްލިއުއެޗްއޯ އިން ކޮވިޑް-19 ސިފަކޮށްފައި ވަނީ "ގްލޯބަލް އައުޓްބްރޭކެއް"ގެ ގޮތުގައެވެ. އޭރުގައި ޗައިނާގައި ހަލުވިކަމާ އެކު، އެކެއްގެ ގައިން އަނެކެއްގެ ގައިން ބަލި ދިޔައީ ފެތުރެމުންނެވެ. މުއްސަނޖެއް، ފަގީރެއް ބެލުމެއް ނެތިއެވެ. ވާނުވާއެއް އެނގެނީކީ ނޫނެވެ.

އެންއީއޯސީ ގައި މަސައްކަތް ކުރައްވާ ފަރާތްތަކާއި ރައީސް ބައްދަލު ކުރައްވަނީ - ފޮޓޯ: ރައީސް އޮފީސް

ކޮވިޑް-19 އާ ގުޅިގެން ރާއްޖެ އިން ޓާސްކް ފޯހެއް އުފެއްދީ ޖެނުއަރީ 21 ގައެވެ. ޖެހިގެން އައި ދުވަހު ފުރަތަމަ ޕްރެސް ކޮންފަރެންސް ބޭއްވިއެވެ. ރާއްޖެ އަށް ވެސް ކޮވިޑް-19 ގެ ބަލިމަޑުކަން އަންނާނެ ކަން އެނގި ތިބެއެވެ. ރާއްޖެ އަށް ބަލި އައުން ލަސް ކުރުމުގެ ނިޔަތުގައެވެ. ރައްކާތެރިކަމުގެ ފިޔަވަޅުތަކެއްގެ ގޮތުން ޗައިނާ އިން ފަތުރުވެރިން އައުން މަނާ ކުރިއެވެ. އޭގެ ފަހުގައި ފަހަރަކު ގައުމެއްގެ ބަޔަކު ރާއްޖެ އައުން މަނާކުރިއެވެ.

ޕާސަނަލް ޕްރޮޓެކްޓިވް އިކުއިޕްމަންޓް (ޕީޕީއީ) އަޅައި، ކޮވިޑް-19 އަށް ޓެސްޓް ކުރަން ބޭނުން ކުރާ ޓެސްޓް ކިޓްތައް ހޯދަން ފެށިއެވެ. ޑިކްލަރޭޝަން ފޯމް ފުރުމާއި އެކްސްކާޝަންތައް ހުއްޓުވުމާއި ރާއްޖޭގެ ހުރިހާ އެއާޕޯޓުތަކުގައި ތާމަލް ކެމެރާ ހަރުކޮށް ބަލި ހުރި މީހުން ދެނެގަންނަން ފެށިއެވެ. މިއީ ގާތްގަނޑަކަށް ދެ މަހެއްހާ ދުވަހުގެ ތެރޭގައި ކޮވިޑް-19 އާ ހަނގުރާމަ ކުރަން ރާއްޖެ އިން އެޅި ފިޔަވަޅުތަކެވެ.

"ޖެނުއަރީގައި ރެޑީވާން ފެށި އިރު، ރާއްޖެ އޮތީ ތައްޔާރަކަށް ނޫން މި ބައްޔާ ޑީލް ކުރެވޭ ވަރަށް. އެއީ ވަރަށް ބާރަށް ފެތުރެމުން ދިޔަ ބައްޔަކަށްވީމަ ރާއްޖެ އިން ބެލީ ސްޓްރެޓަޖީތައް ބޭނުންކޮށްގެން ރާއްޖެ އަށް ބަލި އައުން ލަސް ކުރުން،" ރާއްޖޭގައި ކޮވިޑް-19 އެންމެ ވަރުގަދަ އަށް ފެތުރުނު ދުވަސްވަރު، ނެޝަނަލް އިމަޖެންސީ އޮޕަރޭޝަން ސެންޓަރު (އެންއީއޯސީ) ގެ ތަރުޖަމާނަކަށް އުޅުއްވި މުހައްމަދު މަބްރޫކް އަޒީޒް ވިދާޅުވިއެވެ.

ކޮވިޑް-19 ރާއްޖޭގައި ފެތުރުމުގެ ކުރިންނާއި ފަހުން ސަރުކާރުން ލަފާ ހޯދި ހަމައެކަނި ބަޔަކީ ސިއްހީ ހިދުމަތްތެރިންނެވެ. ކާވް ފްލެޓްކޮށްފައި ބޭއްވުމަށް ކުރެވުނުހާ މަސައްކަތެއް ކުރިއެވެ. ބޭރުން އަންނަ މީހުންގެ އަދަދު ވަރަށް ބޮޑަށް މަދު ކުރިއެވެ. ރާއްޖެއަކީ ފަތުރުވެރިންނަށް ބަރޯސާވެފައި އޮންނަ ގައުމަކަށްވުމުން، އެއީ ސަރުކާރަށް ނިންމަން އެހާ ފަސޭހަ ނިންމުމަކަށް ނުވިއެވެ. ރާއްޖެ އަށް އެންމެ ގިނަ އިން ފަތުރުވެރިން އަންނަ ޗައިނާ، އިޓަލީ، ޖަރުމަނު، ދެކުނު ކޮރެއާ އިނގިރޭސި ވިލާތް ފަދަ ގައުމުތަކުން މީހުން އައުން ހުއްޓުވިއެވެ. އެންމެ ފަހުން ރާއްޖޭގެ ބޯޑަރުތައް ވެސް ބަންދުކުރިއެވެ.

ރައީސް އޮފީހުގެ އަންޑަ ސެކްރެޓަރީ މަބްރޫކް މިއަދު ނޫސްވެރިންނާ ވާހަކަ ދައްކަވަނީ. --- ވަގުތު އިމޭޖަސް: އިބްރާހިމް ޝާބިލް

"ޓޫރިޒަމަށް ބަރޯސާވެފައި އޮތް ގައުމަކަށްވީމަ، އެ ނިންމުމަކީ ފަސޭހަ ނިންމުމެއް ނޫން. އެކަމަކު، ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ބޭނުންފުޅުވީ ރައްޔިތުންގެ ސަލާމަތަށްޓަކައި އަދި ދިވެހިން ރައްކާތެރިކަމަށްޓަކައި އެ ފިޔަވަޅު އަޅަން،" ރައީސް އޮފީހުގެ އަންޑަ ސެކްރެޓަރީ މަބްރޫކް ވިދާޅުވިއެވެ.

ޅ. ކުރެއްދޫ ރިސޯޓުން ކޮވިޑް-19 ފެތުރުމުގެ ކުރިންނާއި ގާތްގަނޑަކަށް ދެ ލައްކައެއްހާ މީހުން އުޅެމުންދާ މާލެއިން ބަލި ފެނުމުގެ ކުރިން ސަރުކާރުން ވަނީ އެންއީއޯސީގެ ނަމުގައި ހުރިހާ އިދާރާތަކެއް ބައިވެރިވާ ގޮތަށް އޮޕަރޭޝަން ސެންޓަރެއް ދަރުބާރުގޭގައި އެކުލަވާލައިފައެވެ. އޮޕަރޭޝަންސް ސެންޓަރުގެ މަސައްކަތްތައް ހުއްޓުމެއް ނެތި ކޮންމެ ދުވަހަކު ކުރިއަށް ދިޔައެވެ. އެކަން ތަޖުރިބާ ކުރެއްވި އެއް ބޭފުޅަކީ ވެސް މަބްރޫކެވެ.

"އެންމެން ވެސް ހޭލާ ކަހަލަ ގޮތަކަށް އުޅުނީ، ކޮންމެ ގަޑިއަކު ދިޔަޔަސް، އެތަން އޮންނާނީ ފުރިފައި، ރައީސްގެ ބައްދަލުވުން ކޮންމެ ދުވަހަކު އޮންނާނެ. އެންއީއޯސީގެ ތެރޭގައި ކޯޑިނޭޝަން މީޓިން އޮންނަން. އެންއީއޯސީ އޭރުގައި ހުއްޓިފައި ނޯންނާނެ،" މަބްރޫކް ވިދާޅުވިއެވެ.

ސިއްހީ ހިދުމަތްތެރިން ކޮވިޑް-19 ފެސިލިޓީގައި. --- ފޮޓޯ: ޕީއެސްއެމް

މަބްރޫކް ވިދާޅުވި ގޮތުގައި، ކޮވިޑް-19 އާ ގުޅިގެން ސަރުކާރުން ވިސްނި އެންމެ ބޮޑު އެއް ކަމަކީ ހަމައެކަނި މާލެ އަށް މިކަމުގައި ބަރޯސާ ނުވުމެވެ. އެހެންވެ، ކޮންމެ ރަށެއްގައި ޓާސްކް ފޯސްއެއް އުފައްދައި ކޮމިއުނިޓީ ސަވައިލަންސަށް 95،000 މީހުން ތަމްރީން ކުރިއެވެ. ކޮންމެ ރަށެއްގައި ކަރަންޓީން ކުރެވޭނެ ކޮޓަރިތައް ކަނޑައެޅިއެވެ. ރަށްތަކަށް އަރައި މީހުންގެ ހުން ހުރިތޯ ބެލުން ފަދަ ކަންކަން ކުރަން ފެށިއެވެ.

ކޮވިޑް-19 އަށް ފައްސިވާ މީހުންނާއި އެމީހުންގެ ކޮންޓެކްޓުން ބޭތިއްބުމަށް ރާއްޖޭގެ ބައެއް ރިސޯޓުތައް ކަނޑައެޅިއެވެ. ރާއްޖޭގެ އެކިކަންކޮޅުތަކުގައި ކޮވިޑް-19 އަށް ފަރުވާ ދިނުމަށް ފެސިލިޓީތައް ގާއިމު ކުރިއެވެ. އެ ހުރިހާ ތަނަކަށް ވަސީލަތްތައް ހޯދިއެވެ.

"ރިސޯޓުތައް ބޭނުން ކުރުމުގެ ސަބަބުން ބަލި ސްޕްރެޑްވާ މިންވަރު ކުޑަ ކުރެވިފައި ވަނީ އެކަކު ގައިން އަނެކަކު ގަޔަށް،" މަބްރޫކް ވިދާޅުވިއެވެ.

ވެރިރަށް މާލޭގައި ކޮވިޑް-19 ފެތުރެން ފެށި ދުވަސްކޮޅަކީ ގިނަ ގައުމުތައް ބަލިމަޑުކަމުގައި އޮތް ދުވަސްވަރެކެވެ. ބަލީގައި އެތައް ބަޔަކު ދުނިޔެއާ އަލްވަދާއު ކިޔަމުން ދަނީ އެކަކު ވެސް ހީނުކުރާ ފަދަ ހަލުވިމިނެއްގައެވެ. ގިނަ ގައުމުތަކުގައި ސިއްހީ ނިޒާމަށް ނުކަތާ ވަރަށް މީހުންނަށް ބަލި ޖެހުނެވެ. ހާލު ބޮޑުވާ މީހުންގެ އަދަދު ދިޔައީ މަތިވަމުންނެވެ. އެންމެ ފުރަތަމަ ފަރުވާ ދޭނީ ކާކަށްތޯ ނިންމާ ހިސާބަށް ކަންކަން ދިޔައެވެ.

އެކަމަކު، މިއަދާ ހަމައަށް އައިއިރު، ރާއްޖޭގެ ހާލަތު ތަފާތެވެ.

ރާއްޖެ އިން ކޮވިޑް-19 އަށް 12،000 މީހުން ފައްސިވިޔަސް، ބަލީގައި ނިޔާވި މީހުންގެ ރޭޓް މަދެވެ. ވޭތުވެދިޔަ އަށް މަހެއްހާ ދުވަހުގެ ތެރޭގައި ރާއްޖެ އިން މިހާތަނަށް 12،314 މީހަކު ކޮވިޑް-19 އަށް ފައްސިވި އިރު، ކޮވިޑް-19 ޖެހިގެން ނިޔާވި މީހުންގެ އަދަދު އުޅެނީ 45 ގައެވެ. ބަލި ޖެހިގެން ރަނގަޅުވީ މީހުންގެ އަދަދު 11،000 އަށް ވުރެ މައްޗަށް އަރައެވެ. ބަލީގައި ނިޔާވާ މީހުންގެ އަދަދު މަދުވުމަކީ މަބްރޫކް ވިދާޅުވި ގޮތުގައި، ސަރުކާރުން އެޅި ފިޔަވަޅުތަކުގެ ސަބަބުންނާއި ސިއްހީ ހިދުމަތްތެރިންނާއި ސަރުކާރުން ދިން އިރުޝާދުތަކަށް ރައްޔިތުން ބޯލެނބުމުގެ ނަތީޖާއެވެ.

"އެއްވެސް މީހަކު މި ބަލީގައި ނިޔާވެދާ ހަބަރު ލިބުމަކީ ކޮވިޑް ޓީމަށް ހުއްޓުން އަންނަ ކަމެއް. އެންމެ އުނދަގޫ ކަމަކަށްވީ ބަލީގައި މީހަކު ނިޔާވި ކަމަށް ބުނަން ޖެހުން. އެހާ ހިސާބުން ބަލަނީ އެއީ ކިހިނެއްވީ ކަމެއްތޯ. މީހުން ނިޔާވުން އެއީ ވަރަށް ބޮޑު ކަމެއް،" މަބްރޫކް ވިދާޅުވިއެވެ.

ދިގު ފުރަބަންދަކަށްފަހު މާލެ ހަލަބޮލި ވެފައި؛- ވަގުތު އިމޭޖަސް- މުހައްމަދު އަފްޒަލް

މަބްރޫކް ވިދާޅުވި ގޮތުގައި މާލެއަކީ އެންމެ ތޮއްޖެހިފައި އޮތް ސިޓީތަކުގެ ތެރޭގައި ހިމެނޭ އިންޑިއާގެ މުމްބާއީ، ޖަޕާންގެ ޓޯކިޔޯ، މެކްސިކޯ ސިޓީ، ސިންގަޕޫރު ފަދަ ތަނެކެވެ. މި ހުރިހާ ތަނެއްގައި ވެސް ކުޑަ ތަންކޮޅެއްގެ ތެރޭގައި ގިނަ ބަޔަކު އުޅޭ ކަން އޭނާ ފާހަގަ ކުރެއްވިއެވެ. މާލެ ފިޔަވައި ތޮއްޖެހިފައި އޮތް އެ ސިޓީތަކުން ފެނުނީ ވަރަށް ހިތާމަވެރި މަންޒަރުތަކެއް ކަން މަބްރޫކް ފާހަގަކުރެއްވިއެވެ.

މަބްރޫކް ވިދާޅުވި ގޮތުގައި ދުނިޔޭގައި ތޮއްޖެހިފައި އޮތް ސިޓީތައް ކޮވިޑް-19 އާ ހެދި ދިޔައީ "އޮބިނޯވެގެން"ނެވެ.

"އެކަމަކު މާލޭގެ ކޮންޓްރޯލް ނުގެއްލި މިދިޔައީ ސަރުކާރުން އެކަނި ކުރި މަސައްކަތަކުން ނޫން. އެންމެން ގުޅިގެން ކުރި މަސައްކަތުގެ ނަތީޖާ މި ފެންނަނީ. ރާއްޖޭގެ ހާލަތު ވަރަށް ބޮޑު ތަން ރަނގަޅުވާ ތަން މި ފެންނަނީ އެހެން ގައުމުތަކަށް ވުރެ،" މަބްރޫކް ވިދާޅުވިއެވެ.

މަބްރޫކް ވިދާޅުވީ ރާއްޖޭގެ ހާލަތު ވަރަށް ބޮޑު ތަން ރަނގަޅުވި ނަމަވެސް، ސިއްހީ ތަޖުރިބާކާރުން ދީފައި ހުރި އިރުޝާދުތަކުގައި ހިފަން ޖެހޭ ކަމަށެވެ. އަތް ދޮވުމާއި މާސްކް އެޅުމާއި ތިން ފޫޓުގެ ދުރުމިނެއް ބެހެއްޓުމާއި ރޯގާ ޖެހިއްޖެ ނަމަ، ޑޮކްޓަރަކަށް ދެއްކުމުގެ މުހިންމު ކަން ފާހަގަކުރެއްވިއެވެ. އާންމުންނަށް ތައުރީފް ކުރައްވައި މަބްރޫކް ވިދާޅުވީ ރައްޔިތުން މި ބައްޔަށް ވަރަށް ބޮޑަށް ހޭލުންތެރިވެފައިވާ ކަމަށެވެ.

އެކަމަކު، އިރުޝާދުތަކަށް ބޯނުލަނބައި، ބަލި ފެތުރޭ މިންވަރު އިތުރުވެ ގޯސްވާން ފަށައިފި ނަމަ، ފިޔަވަޅުތައް ވަރުގަދަ ކުރަން ޖެހޭ ކަން ފާހަގަކުރެއްވިއެވެ. އެހެންވެ، ހުރިހާ ރައްޔިތުން ވެސް ފަރުވާ ކުޑަ ނުކުރުމަށް އޭނާ ނަސޭހަތްތެރިވެވަޑައިގެންނެވިއެވެ.

ކޮވިޑް-19 އާ ގުޅިގެން ރާއްޖެ އިން އެޅި ފިޔަވަޅުތަކާ ގުޅިގެން ބައެއް ފަރާތްތަކުން ކުރަނީ ތައުރީފެވެ.

އަންނަ އަހަރަށް ލަފާކޮށް ދައުލަތުން ހުށަހެޅި 34.7 ބިލިއަން ރުފިޔާގެ ބަޖެޓަށް ބަހުސް ކުރައްވަމުން ރައްޔިތުންގެ މަޖިލިހުގެ ހަނިމާދޫ ދާއިރާގެ އެމްޑީޕީގެ މެމްބަރު އަބްދުލްޣަފޫރު މޫސާ ވިދާޅުވީ މި ހާލަތަށް އާދެވުނީ ކޮވިޑް-19 އެންމެ ގަދަ އަށް ފެތުރުނު ދުވަސްވަރު ދައުލަތުން ކުރި ހޭދަތަކުގެ ސަބަބުންނެވެ. ދިވެހިންގެ ހާލަތު ރާއްޖެއާ ކައިރީގައި ހުރި ގައުމުތަކާއި ޔޫރަޕްގެ ގައުމުތަކަށް ބެލިއަސް ސާފުވާ ކަމަށް އޭނާ ވިދާޅުވިއެވެ.

"ކޮރޯނާ ވައިރަސްގެ ކަންތަކުގައި ﷲ ގެ ވާގިފުޅާ އެކުގައި ރަނގަޅަށް މިއޮތީ. މި ރަނގަޅު ހޯދުނީ ސަރުކާރުން ބޮޑު ހޭދައެއްކޮށްގެން ސަރުކާރުން ބޮޑު މަސައްކަތްތަކެއް ކުރެވިގެން. އަޅުގަނޑުމެން މިގޮތުގައި ދެމިތިބެ ކުރިއަށް ދާން މި ޖެހެނީ،" ޣަފޫރު ވިދާޅުވިއެވެ.

ހުޅުމާލެ ކޮވިޑް ފެސިލިޓީގައި ސިއްހީ ހިދުމަތްތެރިންތަކެއް މަސައްކަތުގައި. --- ފޮޓޯ: ޕީއެސްއެމް

ޣަފޫރު ވެސް ވިދާޅުވީ ކޮވިޑް-19 އަށް ފަރުވާކުޑަކޮށް، މިކަމުން އަރައިގަނެވިއްޖެ ކަމަށް ދެކޭ ނަމަ، ދުވަހުން ދުވަހަށް ރާއްޖޭގައި ބައްޔަށް ފައްސިވާ މީހުންގެ އަދަދު އިތުރު ވާނެ ކަމަށެވެ. އެހެންވެ، އިތުރު ފުރަބަންދަކަށް ނުގޮސް ގައުމު ކުރިއަށް ދިއުމަށްޓަކައި އެންމެންގެ އެއްބާރުލުން ސަރުކާރަށް ބޭނުންވާ ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.

"ސަރުކާރުން ބޭނުން ނުވޭ އެއްވެސް ރަށަކަށް ނުދެވޭ ގޮތަށް 15 ދުވަހު ބަންދެއްގައި ބައިތިއްބާކަށް ރައްޔިތުންނެއް. ނަމަވެސް މިއަދުގެ ހާލަތު މިއީ. މި ހާލަތުން އަރައިގަނެވުނީމަ އަޅުގަނޑުމެންނަށް ކުރިން އުޅުނު އުސޫލުތަކުގެ މަތިން ކަންކަން ކުރެވިގެން ދާނެ ކަމާ މެދުގައި އެންމެން ވެސް އުންމީދު ކުރަނީ،" ޣަފޫރު ވިދާޅުވިއެވެ.

މަޖިލިހުގެ ކާށިދޫ ދާއިރާގެ މެމްބަރު އަބްދުﷲ ޖާބިރު ވިދާޅުވީ ކޮވިޑް-19 އާ ދެކޮޅަށް ސަރުކާރުންނާއި މަޖިލިހުން އެޅި ފިޔަވަޅުތަކުގެ ނަތީޖާއެއްގެ ގޮތުން "އަޅުގަނޑުމެންނަކީ ބެސްޓް" ބަޔަކަށްވެފައިވާ ކަމަށެވެ. އެކަމުގެ ސަބަބުން ދިވެހިންނަށް ފައިދާ ވާނެ ކަމަށް ވިދާޅުވިއެވެ. އަދި އެކަމަށްޓަކައި ރައީސް އިބްރާހިމް މުހައްމަދު ސޯލިހަށާއި ރައްޔިތުންގެ މަޖިލިހުގެ ރައީސް މުހައްމަދު ނަޝީދަށް ޖާބިރު ޝުކުރު އަދާކުރެއްވިއެވެ.

މިއީ އެކަމަކު، ކޮވިޑް-19 އާ ދެކޮޅަށް ކުރާ މަސައްކަތް ހުއްޓާލައިގެން ތިބެންވީ ވަގުތެއް ނޫނެވެ. ޔޫރަޕްގެ ހާލަތު ދަނީ ގޯހުން ގޯހަށެވެ. އިންޑިއާ އާއި އެމެރިކާ ފަދަ ގައުމުތަކުގައި ބައްޔަށް ފައްސިވާ މީހުންގެ އަދަދު މާ ބޮޑު ބަދަލެއް ނާދެއެވެ. ރަޝިއާ އާއި އިރާންގައި ރިކޯޑު އަދަދަކަށް މީހުން ފައްސިވެ މަރުވަނީއެވެ. ދުނިޔޭގެ ގިނަ ގައުމުތައް އަދިވެސް އޮތީ ބޮޑު ބިރުވެރިކަމެއްގެ ތެރޭގައެވެ.

އެހެންވެ، މިއީ ރައްޔިތުން ފަރުވާ ކުޑަ ކުރަންވީ ވަގުތެއް ނޫނެވެ. ފަރުދީ ޒިންމާ އަދާ ކުރުމުގައި ދެމިހުންނަންވީ ވަގުތެވެ.