ރާއްޖޭގައި ލާމަރުކަޒީ ނިޒާމު ހިންގަމުން އަންނަތާ ނުވަ އަހަރެއްހާ ދުވަސްވީ އިރު، ކައުންސިލްތަކުގެ "ފިޔަތައް" ހުރީ ކޮށާލައިފައެވެ. ރައްޔިތުންގެ އަތް މައްޗަށް ބާރުތަކެއް ދޫކޮށްލި ކަމަށް ބުނި ކަމުގައި ވިޔަސް ހަގީގީ ތަރައްގީއެއް ރަށްރަށަކުން ނުފެނެވެ. ބާރުތައް ދޫކޮށްލީ ނަމެއްގައެވެ.

މަގެއްގައި ޖަހާފައި ހުރި މަގު ބައްތިއެއް އެނދިޔަސް، ކުޑަ ކުދިންގެ ޕާކެއް އެޅިޔަސް، މިސްކިތުގެ އާބާތުރަ ފިލުވަން ވިޔަސް، ހިތްފަސޭހަ ބީޗުތަކެއް ހަދަން ވިޔަސް، ފުރަތަމަ ހުއްދަ ހޯދަން ޖެހޭނީ ކަމާގުޅޭ ވުޒާރާއެއް މެދުވެރިކޮށެވެ. ބައެއް ފަހަރު، ފަސޭހަކަމާ އެކު، އެކަން ހަމަޖެހޭ ފަހަރު އާދެއެވެ. އަނެއް ބައި ފަހަރު ސިޓީ ފޮނުވި ކައުންސިލަރުގެ ފިކުރު އެނގޭ ހިސާބުން އެކަމެއް ފުރިހަމަ ނުވެ، ލަސްވެއެވެ.

ގިނަ ފަހަރު ކައުންސިލްތަކަށް ލިބޭ ޖަވާބަކީ ދައުލަތުގެ ބަޖެޓުގައި ޖަހާފައި ނުވާތީ، އެކަމަކަށް ފައިސާ ހަމަޖައްސައި ދެވެން ނެތް ކަމެވެ.

ލާމަރުކަޒީ ގާނޫނުގައި އިދާރީ ގިނަ ޚިދުމަތްތަކެއް ފޯރުކޮށްދިނުމުގެ ޒިންމާ މަތިކޮށްފައި ވަނީ ކައުންސިލްތަކާއެވެ. ކޮންމެ އަހަރެއްގައި ވެސް ކައުންސިލްތަކަށް ވަކި މިންވަރެއް ހާއްސަކޮށްފައިވެއެވެ. ގިނަ ފަހަރު އެ ފައިސާއަކުން ނުފުދެއެވެ. ރައްޔިތުން ބަލައިގަންނަ ފަދަ ތަރައްގީގެ މަޝްރޫއުތަކެއް ހިންގުމުގެ ޖާގައެއް ނުލިބެއެވެ. ރައްޔިތުން "ދުވަނީ" ކައުންސިލަރުންނާ ދިމާލަށެވެ.

ރައީސް އިބްރާހިމް މުހައްމަދު ސޯލިހް އައްޑޫ ސިޓީ ކައުންސިލްގެ މެމްބަރުންނާ ވާހަކަ ދައްކަވަނީ. --- ފޮޓޯ: ރައީސް އޮފީސް

ރައީސް އިބްރާހިމް މުހައްމަދު ސޯލިހްގެ ވައުދުތަކުގެ ތެރެއިން އެންމެ މުހިއްމު އިސްކަމެއް ދެއްވި އެއް ވައުދަކީ ލާމަރުކަޒީ ގާނޫނަށް ބަދަލުތަކެއް ގެނެސް، ކައުންސިލްތަކަށް "ހަގީގީ" ބާރުވެރިކަން ދިނުމެވެ. އެ ވައުދާ އެއްގޮތަށް ކައުންސިލްތަކަށް ވަނީ މާލީ ގޮތުން ބާރުވެރިކަން ދީފައެވެ.

އެމަނިކުފާނުގެ ވެރިކަމުގެ އެއް އަހަރުގެ ތެރޭގައި ލާމަރުކަޒީ ނިޒާމަށް ވަނީ ބޮޑެތި ބަދަލުތަކެއް ގެނެސްފައެވެ.

ލާމަރުކަޒީ ގާނޫނަށް ގެނައި ބަދަލުތަކުގެ ތެރޭގައި ދައުލަތުގެ އެ އަހަރެއްގެ އާމްދަނީގެ މަދުވެގެން ފަސް ޕަސެންޓް ކައުންސިލްތަކަށް ޚާއްސަކުރުން، ކައުންސިލްތަކުން ދޭ ޚިދުމަތްތަކުން ނަގާ ފީ އާއި ކުއްޔަކީ އެ ކައުންސިލަކަށް ލިބޭ އާމްދަނީގެ ގޮތުގައި ކަނޑައެޅުން، ބިމާއި ރަށްރަށާއި ފަޅާއި ފަރު ފަދަ ތަންތަނުގެ ކުލީގެ ގޮތުގައި ލިބޭ އާމްދަނީގެ 40 އިންސައްތައަށް ވާ ފައިސާ ކައުންސިލްތަކަށް ސަރުކާރުން ދޭ ހިލޭ އެހީގެ ގޮތުގައި ކަނޑައެޅުން، މީހުން ދިރިއުޅޭ ރަށްތަކުގެ ބިމު ކުލީގެ 100 އިންސައްތަ ކައުންސިލަށް ލިބޭ އާމްދަނީއެއްގެ ގޮތުގައި ހަމަޖެއްސުމެވެ.

މީގެއިތުރުން ރަށު ލެވެލްގައި ހިންގާ މަޝްރޫއުތަކުގެ ތެރެއިން ޖުމްލަ އަގު ފަސް މިލިއަނަށް ވުރެ ދަށުގެ ޕީއެސްއައިޕީ މަޝްރޫއުތައް ކައުންސިލްތަކުން ހިންގާ ގޮތަށް ވަނީ ބަދަލު ގެނެސްފައެވެ. ކައުންސިލްގެ ދައުރު، ތިން އަހަރުން ފަސް އަހަރަށް ވެސް ބަދަލު ކުރިއެވެ..

ރަށްރަށާއި ސިޓީ ކައުންސިލްތައް ހިނގަނީ އަންހެނުންގެ ދައުރު ރައްކާތެރި ކުރެވި އަންހެންގެ ބައިވެރިވުމާއި އެކުގައި ކަން ކަށަވަރު ކުރުމަށްޓަކައި ކައުންސިލްތަކުގައި އަންހެނުންގެ ދައުރެއް ކަނޑައަޅައި މި މަގުސަދު ހާސިލްކުރަން ކައުންސިލްތަކުގެ މެމްބަރުންގެ ތެރެއިން 33 އިންސައްތަ އަންހެނުންނަށް ހާއްސަކުރަން ޖެހޭ ގޮތަށް ގާނޫނު ވަނީ ބަދަލުކޮށްފައެވެ. މިފަދަ އެތައް ބައިވަރު ބަދަލެއް ގެނެސްފިއެވެ.

މާލީ ގޮތުން ކައުންސިލްތައް ލާމަރުކަޒު ކުރުމުން ހަގީގީ މާނައިގައި ނިޒާމް ހިނގައިގަންނަން ފެށިއެވެ. ރައްޔިތުންނަށް ލިބޭނެ އެންމެ ބޮޑު އުފަލަކަށް ވާނީ މައި ސަރުކާރަށް ބަރޯސާވެ، ހައްގު މިންވަރު ނުލިބި ތިބެން ޖެހުން ނިމުމަކަށް އައުމުންނެވެ.

މި އަހަރަށް ފާސް ކުރި ބަޖެޓުގައި ކައުންސިލްތަކަށް މާލީ އެހީ ފޯރުކޮށްދިނުމުން ބައެއް ރަށްރަށުން ބަދަލުތަކެއް އަންނަން ފަށައިފިއެވެ.

ރައީސް، ފުވައްމުލަކު ސިޓީ ކައުންސިލަރުންނާ ބައްދަލު ކުރައްވަނީ. --- ފޮޓޯ: ރައީސް އޮފީސް

ގދ. ތިނަދޫއަކީ 12،000 މީހުންގެ އާބާދީއެއް އޮންނަ ރަށެކެވެ. މީގެކުރިން ދައުލަތުގެ ބަޖެޓުން އެ ރަށަށް ދެނީ 4.6 މިލިއަން ރުފިޔާއެވެ. ތިނަދޫއަކީ އާމްދަނީ ހޯދާ ރަށަކަށްވުމުން އަހަރެއްގެ މައްޗަށް ގާތްގަނޑަކަށް 11 މިލިއަނާއި 13 މިލިއަން ރުފިޔާ ހޯދައެވެ.

އެކަމަކު، ރައީސް އިބްރާހިމް މުހައްމަދު ސޯލިހްގެ ސަރުކާރުން ގެންނެވި ބަދަލާ އެކު، ކައުންސިލަށް ގާތްގަނޑަކަށް ސާޅީހަކަށް މިލިއަން ރުފިޔާ ލިބެއެވެ.

ގދ. ތިނަދޫ ކައުންސިލްގެ ކުރީގެ ރައީސް އިބްރާހިމް އައްސަދު ވިދާޅުވި ގޮތުގައި، ކުރިއާ ބަލާފައި މި ލިބުނީ ވަރަށް ބޮޑު ކުރިއެރުމެކެވެ. މިއީ ލާމަރުކަޒީ ނިޒާމަށް މި ސަރުކާރުން ގެނައި ވަރަށް ރަނގަޅު ބަދަލެއް ކަމަށް ވެސް އޭނާ ވިދާޅުވިއެވެ. އަދި ބާރުތައް ކައުންސިލްތަކުގެ އަތް މައްޗަށް ދޫކޮށްލުމަކީ ލިބުނު ވަރަށް ބޮޑު ފަސޭހައެއްގެ ގޮތުގައި އައްސަދު ވަނީ ސިފަ ކުރައްވައިފައެވެ.

"މީގެ ކުރިން، މާ ބޮޑު ބާރެއް ނޯވޭ، މިސްކިތަކާ ގުޅުން ހުރި ކަމެއް ވިޔަސް، މިނިސްޓްރީ އަށް ލިޔެގެން ހުއްދަ ހޯދައިގެން އެ ކަމެއް ކުރަން ޖެހެނީ. މިއިން ކޮންމެ ކަމެއް ހެން މި އޮންނަނީ ލާރިއާ ގުޅިލާމެހިފައި،" އައްސަދު ވިދާޅުވިއެވެ.

ކައުންސިލްތައް ރަނގަޅު ގޮތުގައި ވިސްނުންތެރިކަމާ އެކީގައި ކަންކަން ކުރާ ނަމަ، މިއޮތީ ވަރަށް ރަނގަޅު ފުރުސަތެއް ކަމަށާއި ކައުންސިލްތަކަށް ވެސް އުމްރާނީ ތަރައްގީތަކެއް ކުރެވިދާނެ ކަމަށް އޭނާ ވިދާޅުވިއެވެ. އައްސަދު ވިދާޅުވި ގޮތުގައި ސާޅީހަކަށް މިލިއަން ރުފިޔާގެ ބަޖެޓުން މިސްކިތްތަކުގެ އާބާތުރަ ފިލުވައި، ދަނޑުގައި ލައިޓް ޖެހުމާއި ފެން ހެދޭ މަގުތަކުގައި ތާރު އެޅުން ފަދަ ކަންކަން ބަޔަކު ލައްވައި ކުރުމުގެ ފުރުސަތު އެބައޮތް ކަމަށެެވެ.

"ސަރުކާރާ ނުބެހި ކުރެވޭނެ ބައިވަރު ކަންކަން ހުންނާނެ،" ތިނަދޫ ކައުންސިލް މެމްބަރެއްގެ ގޮތުގައި މިހާރު ހުންނެވި އައްސަދު ވިދާޅުވިއެވެ.

އައްސަދު މިސާލެއްގެ ގޮތުގައި ދެއްކެވީ ތިނަދޫގައި ފްލެޓުތައް ކައިރީގައި ތާރު ނޭޅި އޮތުމުން އެކަމަށެވެ. އޭނާ ވިދާޅުވި ގޮތުގައި ބަޖެޓުން 300-400 މީޓަރުގެ ސަރަހައްދެއްގައި ތާރު އެޅިދާނެއެވެ. މިއީ ވަރަށް ރަނގަޅު ނިޒާމެއްގެ ތެރެއިން ކުރެވޭނެ ކަމެއް ކަމަށް އޭނާ ވިދާޅުވިއެވެ.

މާޒީއަށް އިޝާރާތް ކުރައްވައި އައްސަދު ވިދާޅުވި ގޮތުގައި ކުރިން ހަތަރު މިލިއަން ރުފިޔާ ލިބިގެން އޮފީސް ހިންގުމުގެ ހަރަދާއި ކަރަންޓު ބިލާއި ފެން ބިލާއި މުވައްޒަފުންގެ މުސާރަ ދީފައި، ބާކީ އޮންނަނީ 12،00ރ. އާއި 8،000ރ. އާ ދެމެދުގެ އަދަދެކެވެ.

"ތިނަދޫ ކައުންސިލަށް ހަގީގަތުގައި ވެސް މި ލިބުނީ ވަރަށް ފަހި ފުރުސަތެއް،" އައްސަދު ވިދާޅުވިއެވެ.

ނަމަވެސް އައްސަދު ވިދާޅުވި ގޮތުގައި މި އަހަރު ކޮވިޑް-19 ގެ ބަލިމަޑުކަން ދުނިޔޭގެ އެކި ގައުމުތަކަށާއި ރާއްޖެއަށް ކުރިމަތިވުމާ ގުޅިގެން ތިނަދު އަށް އެންމެ އެކަށީގެންވާ ތަރައްގީއެއް އަދި ގެނެވިފައެއް ނެތެވެ.

އުތުރުގެ ރަށެއްގެ ކައުންސިލަރަކު ވިދާޅުވީ ލާމަރުކަޒީ ނިޒާމަށް ގެނައި ބަދަލުގެ ސަބަބުން ކައުންސިލްތަކަށް ކަންކަން ކުރުމުގެ ފުރުސަތު އެބައޮތް ކަމަށެވެ. ގާނޫނީ ގޮތުން ދީފައި ހުރި ބާރުތަކުގެ ތެރެއިން ކައުންސިލްތަކަށް މާ ބޮޑެތި ގޮންޖެހުންތަކެއް ނެތް ކަމަށް އޭނާ ވިދާޅުވިއެވެ.

"މިއީ ގާބިލްކަން ހުރި މިންވަރަކުން ކައުންސިލްތަކުން ކަންކަން ކުރަންވީ ވަގުތު،" އޭނާ ވިދާޅުވިއެވެ.

ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ވެރިކަމަށް ވަޑައިގަތުމަށް ރައްޔިތުންނަށް ވެވަޑައިގެންނެވި ވައުދު ފުއްދަވައިފިއެވެ. ވައުދުތައް ތަންފީޒު ކުރުމުގެ ހުރިހާ ބާރެއް މިހާރު އޮތީ ރައްޔިތުން ތަމްސީލް ކުރާ ކައުންސިލަރުންނަށެވެ. ރައްޔިތުން ތިބީ ހަގީގީ ތަރައްގީ އަށް ފެން ބޮވައިގެންފައެވެ.

ކިޔުންތެރިންގެ ހިޔާލު

5 ކޮމެންޓް

  1. ޤާދިރު

    ތިޔަ ދިރުމުން ކުރީ ކޮން ފައިދާއެއް. ކައުން ސިލްތަކަށް ކިތައް މިލިޔަން ޙަވާލުކޮށްފިތަ؟

    15
    3
  2. ޝިޢާ

    ތިޔަ ދިރުމެއް ނުފެނުނެ. ފުވައްމުލަކު ސިޓީގެ މޭޔަރަށްވެސް ބާރު ލިބުމުން އޭނާ އުޅެނީ މީހުންގެ އަނބިން ފިތުނަވެރިކުރުވާ ޢާއިލާތައް ރޫޅައި ޅަދަރިން ބިކަކުރުމުގައި އަވަދިނެތި. އަދި ސިސްޓަރ އައިލްނޑެއްގެ ނަމުގައި އެމަސައްކަތަށް އިތުރަށް މަގުފަހިކުރުމުގައި. އޮފީހަށް ނުދިއުމާއި ތަން ހިންގުމުގައި ފަރުވާ ކުޑަކޮށް ކަރަޕްޓް މީހުން ލައްވާ ޖީބަށް ފައިސާ ވެއްދޭނެ މަގު ހޯދުމަށް. ކައުންސިލްގެ ފައިދާ ރައްޔިތުންނަށް ފޯރާނީ ތެދުވެރި އަމާނާތްތެރި ބަޔަކު ހޮވުނު ދުވަހަކުން.

    10
  3. ކަނބުލޮ

    ކިހާ ބޮޑު ބަލާއެއް.... ތިޔަ ބުނާ ބާރެއްދިނީމަ އެމީހުން ބޭނުން އެއްޗެއް ހަދަނީ.. ރަށުންބޭރު މީހަކު އެރަށެއްގަ އުޅެންޏާ ހަދަނީ ހަދާނެގޮތެއް.. ވަޒީފާ އަތުލަނީ.. ބޭނުން މީހަކަށް ވަޒީފާ ދީފަ ބޭނުންވީމަ ކަނޑާލާފަ ސަރުކާރުން ލިބޭ ހިލޭ ފުރުސަތުތަށް އަތުލާފަ އެމީހުން ބޭނުން މީހަކަށް ދީފަ މިހާރު އެހުރީ ދާއިމީ ވަޒީފާ ދީފަ... އެއްވެސް ޤާބިލްކަމެއްނެތް..

  4. އެމަންޖެ

    ވަރަށް ބޮޑު ދިރުމެއް އެއިން ކޮންމެ ކައުންސިލު މެންބަރަކައް ފާރަލާން ވަގެއް ބެހެއްޓުންވެސް.

  5. ޚަދީޖާ

    ކައުންސިލަރުންގެ ގޮތުގައި ގިނައިން ތިބެނީ ޤާނޫނެއް ގަވާއިދެއް ހަމައެއް ލަމައެއް ނުދަންނަ މީހުން. އެވަރުގެ ބައެއްގެ އަތަށް ބާރުތަކެއް ދޫކޮށްލަން ހެޔޮނުވާނެ.