ފާތުމަތު ނަފީސާގެ މުޅި އުމުރު ހުސް ކުރީ ލިބޭ އާމްދަނީން ހަރަދުތައް ބެލެހެއްޓުމަށް ފަހު ބާކީވާ ފައިސާ އިން ހައްޖަށް ދިއުމަށެވެ. ހައްޖުގެ މަތިވެރި އަޅުކަން އަދާ ކުރުމަށް މަހެއްގެ މައްޗަށް އާންމުކޮށް އޭނާ އަށް އެއް ކުރެވެނީ ދެ ތިން ހާސް ރުފިޔާއެވެ. އެކަމަކު، ގިނަ މަސް މަހު އެއްވެސް ވަރަކަށް ފައިސާއެއް ރައްކާ ނުކުރެވެއެވެ. އެންމެ ފަހުން، ގައިބާރު ދޫވެ، ވަޒީފާ ދޫކޮށްލަން ޖެހުމާ ގުޅިގެން ނަފީސާ ކުރަމުން އައި ފޮނި ހުވަފެން ހަގީގަތަކަށް ނުވިއެވެ. ވަޒީފާ އިން ވަކިވާން ޖެހުނު އިރު، އެއްވެފައި ހުރީ ވިއްސަކަށް ހާސް ރުފިޔާއެވެ.

އެއީ ހައްޖަށް ދިއުމަށް އެންމެ އެކަށީގެންވާ އަދަދެއް ނޫނެވެ. މިހާރު ހައްޖަށް ދިއުމަށް މަދުވެގެން އަށްޑިހަ ހާހެއްހާ ރުފިޔާ ބޭނުންވެއެވެ.

އެ މާޔޫސްކަމާއި ހިތާމައިގެ ތެރޭގައި ހުއްޓައި މާލެ އަށް އުފަން ނަފީސާ 69، ގެ އުންމީދުގެ "ހުޅުކޮޅު" އަލުން ދިއްލައި ދިނީ މި ސަރުކާރުންނެވެ. ޕެންޝަން ފަންޑުން ފައިސާ ނަގައިގެން މިދިޔަ އަހަރު ފުރަތަމަ ހައްޖަށް ދިޔަ 13 މީހުންގެ ތެރޭގައި ނަފީސާ ހިމެނެއެވެ.

ޕެންޝަން ފައިސާ އިން ހައްޖަށް ދެވޭނެ ގޮތް ހެދުމަކީ ރިޔާސީ އިންތިޚާބުގެ ކެމްޕެއިންގައި ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވެވަޑައިގެންނެވި ވައުދެކެވެ. އެ ވައުދާ އެއްގޮތަށް ޕެންޝަންގެ ގާނޫނަށް މިހާރު ވަނީ ބޮޑެތި ބަދަލުތަކެއް ގެނެސްފައެވެ.

ޕެންޝަނާ ބެހޭ ގާނޫނާއި ގަވައިދުގައި މިހާރު އޮންނަ ގޮތުން ޕެންޝަން ސްކީމްގެ ބައިވެރިއަކަށް ހައްޖުގެ އަޅުކަން އަދާ ކުރުމަށް ދޫކުރެވޭނީ ހައްޖަށް ގެންދިއުމުގެ ރަސްމީ އަގުގެ ގޮތުގައި ސަރުކާރުން އެ އަހަރަކަށް ކަނޑައަޅާ އަދަދުގެ 80 ޕަސަންޓަށް އިތުރު ނުވާ ވަރަށެވެ.

އެ ފަންޑުގެ ފައިސާއިން ހައްޖަށް ދެވޭ ޝަރުތުތަކުގެ ތެރޭގައި، ހައްޖަށް ދާން ފައިސާ ދޫކުރުމަށް އެދި ހުށަހަޅާ އިރު ރިޓަޔަމަންޓް ސޭވިން އެކައުންޓުގައި 336،000ރ. ހުރުން ހިމެނެއެވެ. އެއީ ޕެންޝަން ލިބޭ އުމުރަށް ދިއުމުން މަހަކު 2،000ރ. ދިނުމަށް ބޭނުންވާ އެންމެ މަދު މިންވަރެވެ.

ޕެންޝަނާ ބެހޭ ގާނޫނުގައިވާ ގޮތުން ޕެންޝަން ސްކީމްގައި ބައިވެރިވެފައި ތިބި މީހުންގެ ތެރެއިން ހައްޖުގެ އަޅުކަން އަދާކުރަން ސޭވިން އެކައުންޓުން ފައިސާ ދޫކުރެވޭނީ އަލަށް ހައްޖަށް ދާ މީހުންނަށް އެކަންޏެވެ. ހައްޖުގެ އަޅުކަން އަދާކޮށްފައި ތިބި މީހުންނަށް އެ ފުރުސަތެއް ނެތެވެ.

ޕެންޝަނާ ބެހޭ ގާނޫނުގެ މަގްސަދަކީ ވަޒީފާ އަދާކުރާ ހުރިހާ ދިވެހިންނަށް ރިޓަޔާ ކުރާ އުމުރުގައި ޕެންޝަން ލިބޭނެ ގޮތް މަގުފަހިކޮށް ދިނުމާއި އިޖުތިމާއީ ރައްކާތެރިކަން ކަށަވަރުކޮށް ފުދުންތެރި އަދި މާލީ ގޮތުން ވަކި ފަރާތަކަށް ބަރޯސާ ނުވެ، މިނިވަން ކަމާއެކު ދިރިއުޅުމުގެ ފުރުސަތު ފަހިކޮށްދިނުމެވެ. ގިނަ ބައެއްގެ ނަޒަރުގައި މި ބަދަލަކީ ސަރުކާރުން ނިންމި ވަރަށް ހަރުދަނާ، ހެޔޮ ބަދަލެކެވެ.

"އޭރުގައި އަޅުގަނޑަށް ލިބޭ އެއްޗަކުން ދެކޮޅު ޖައްސައިގެން އުޅުނީ. އަޅުގަނޑުގެ ފިރިމީހާ އަށް ވެސް އެއްވެސް ފައިސާއެއް ރައްކާ ނުކުރެވެއޭ ބުންޔަސް ދޮގަކަށް ނުވާނެ، ގިނަ މަސް މަހު 500ރ. ވެސް ހުންނާނެ ރައްކާ ކުރެވިފައި،" ހަތަރު ކުދިންގެ މަންމަ ނަފީސާ ކިޔައި ދިނެވެ.

ނަފީސާ ބުނި ގޮތުގައި، ހައްޖަށް ދިއުމަށްޓަކައި އޭރުގައި އާމްދަނީގެ ގޮތުގައި ލިބެމުން އައި ހުރިހާ ފައިސާއެއް އެއް ކުރަން ބޭނުންވެއެވެ.

އެކަމަކު ގޭތެރޭގެ ހަރަދުތައް ކުރަން ހުރުމާއި ގޭގެ ކުއްޔާއި ދަރިންނަށް ހަރަދުކޮށްފައި އަތުގައި މާ ގިނަ ފައިސާ ނުހުންނަ ކަމަށް އޭނާ ބުންޏެވެ. ނަމަވެސް އެއްވެސް އިރެއްގައި ހައްޖަށް ނުދެވޭނެ ކަމަށް ނިންމައި އުންމީދު ކަނޑާލާފައި ނުވާ ކަމަށް ވެސް ނަފީސާ ބުންޏެވެ.

"ދަރިން ވަރަށް ގިނަ އިން ބުނާނެ، މަންމާއޭ ތިމަންނަމެންނަށް ވެދެވެން އޮތް އެހީތެރިކަމެއް ވެދޭނަމޭ. ތިމަންނަމެން ވަރަށް ދަތިކޮށޭ އުޅެނީ. އެކަމަކު ވެސް ކުރެވުނު ކަމެއް މަންމަގެ ހައްގުގައި ކޮށްދޭނަމޭ. ކޮންމެ ނަމާދަކަށް ފަހު ދުއާ ވެސް ކޮށްދޭނަމޭ، މަންމަގެ އެ ހުވަފެން ހަގީގަތަކަށް ހަދަން. ދަރިން ހަގީގަތުގައި ވަރަށް ރަނގަޅު. އަޅުގަނޑަށް އެހީ ވެސް ވި،" ސަރުކާރަށް ގިނަ އަހަރުތަކެއް ވަންދެން ހިދުމަތް ކުރެއްވި ނަފީސާ ބުންޏެވެ.

ޕެންޝަން ފަންޑެއް ރާއްޖޭގައި އުފެއްދީ އުމުރުން ދުވަސްވެ، ވަޒީފާ އިން ވަކިވާ ދުވަހު އަތްމަތި ދަތިނުވެ ދިރިއުޅެވޭނެ ގޮތެއް ހެދުމުގެ ބޭނުމުގައެވެ. ޕެންޝަނާ ބެހޭ ގާނޫނުގައިވާ ގޮތަށް، އެ މީހަކު ޖަމާކުރި ފައިސާ، އުމުރުން 65 އަހަރު ވުމުން، ވަކި މުއްދަތެއް ވަންދެން ލިބެމުންދެއެވެ. އެންމެ ފަހުގެ ތަފާސް ހިސާބުތައް ދައްކާ ގޮތުން ނަމަ، ޕެންޝަން ފަންޑުގައި 11 ބިލިއަނަށް ވުރެ ގިނަ ރުފިޔާ އެބަހުއްޓެވެ.

ނަފީސާ ބުނީ ޕެންޝަން ފަންޑުގައި ހުރި ފައިސާ އިން ހައްޖަށް ދެވޭނެ ގޮތް ހެދުމަކީ ސަރުކާރުގެ ވަރަށް ހަރުދަނާ ނިންމުމެއް ކަމަށެވެ. އޭނާ ސިފަ ކުރި ގޮތުގައި، އެއީ ރައްޔިތުންނާ ދޭތެރޭގައި ބަހައްޓާ އޯގާތެރިކަމާއި ހިތްހެޔޮކަމުގެ ރަމްޒެކެވެ. ސަރުކާރުން ރައްޔިތުންނާ ދޭތެރޭގައި ވިސްނާ ކަމެވެ. ރައްޔިތުންގެ ހެވާއި ލާބަ އަށް މަސައްކަތް ކުރާ ކަމުގެ ވަރަށް އަލިގަދަ ހެއްކެއް ކަމަށް ވެސް އޭނާ ބުންޏެވެ.

"ގާނޫނާއި ގަވައިދުގެ ތެރެއިން މިކަން ސަރުކާރުން މި ކުރަނީ، އެ ގާނޫނާއި ގަވައިދުގެ ތެރެއިން މި ނަސީބު ލިބުމުން ވަރަށް ހިތްހަމަޖެހުނު. އަޅުގަނޑަށް ބުނާނެ އެއްޗެއް ވެސް ނޭނގުނު ޕެންޝަން ފައިސާ އިން ހައްޖަށް ދެވޭނެ ކަން ޔަގީންވި ދުވަހު،" ނަފީސާ ކިޔައި ދިނެވެ.

"ހަގީގަތުގައި ރައްޔިތުންނާ ދޭތެރޭގައި ސަރުކާރުން ބަހައްޓާ އޯގާތެރިކަން މި ފެންނަނީ، އަޅުގަނޑު މިކަން އަބަދުވެސް ހަނދާން ކުރާނަން،"

ނަފީސާ އަށް ލިބޭ އެންމެ ބޮޑު އެއް ހިތްހަމަޖެހުމަކީ މިއީއެވެ؛ އެއީ ދުނިޔޭގައި ހުއްޓައި ހައްޖަށް ދިއުމުގެ ނަސީބު އަތުގައި ހިފުމެވެ.

ކިޔުންތެރިންގެ ހިޔާލު

11 ކޮމެންޓް

 1. މިއީ ސީދާ ޕްރޮޕަގަންޑާ...

  ސަރުކާރު ވަޒީފާތަކުގައި ޕެންޝަން ކަނޑާލީ ކޮންސަރުކާރަކުން؟
  އެމްޑީޕީ ސަރުކާރުން
  ވަޒީފާތަކުގެ މުސާރަ 15% އަށް ކުޑަކޮށްލީ ކޮންސަރުކާރަކުން؟
  އެމްޑީޕީ ސަރުކާރުން
  އެމްޑީޕީ ސަރުކާރުން މުސްކުޅިންނަށް އެންމެ 2500ރ ދިނީވެސް. އެވެސް 5000އަށް ހެދީ ޔާމީނުގެ ސަރުކާރުން.

  މިސަރުކާރުގެ ޕެންޝަނަކީ ވަރަށް ބޮޑު އޮޅުވާލުމެއް. އެއްވެސް ކަމެއް ނުކޮށް މުޅި އުމުރު ދުވަހު މަސައްކަތް ނުކުރާ މީހުންނަށްވެސް މުޅި އުމުރުދުވަހު ބުރަމަސައްކަތްކޮށް މުސްކުޅިވާ ދުވަހު އަޅާލާނޭ މީހަކު ނުވާ މީހުންނަށް މިލިބެނީ އެކައްޗެއް. ހައްގުވެރީންނަށްވެސް ހައްގު ނުވާ މީހުންނަށްވެސް ހަމަހަމަ އެވީ. މިސަރުކާރުގެ ގަވާއިދުތައްވާ ގޮތުން 30-40 އަހަރު މަސައްކަތް ކުރާ މީހާއަށް ވުރެ ގިނައިން އިއްޔެ އައި އިންޑިޔާ މީހާއަށްވެސް މަހު މުސާރު ގިނައިން ލިބޭ. އަދި މަސައްކަތް ވަކި އަހަރުތަކަކަށް ނުކުރެވޭނަމަ ޕެންޝަންވެސް ނުލިބޭނެ.

  44
  10
  • ބޮޑުވެގެންވާ ޕުރޮޕަގަންޑާ

   ރައްޔިތުންގެ ފައިސާ ރައްޔިތުންގެ އަަތުން އޮޅުވާލައިގެން ނަގައި އެންމެ 13 މީހުން ހައްޖަށް ފޮނުވީމާ އެފޮނުވާ މީހުންގެ ހައްޖު ސައްހަވާނެތޯ؟ ހައްޖަކީ ހަލާލު ފައިސާއިން ކުރަން އޮންނަ އަޅުކަމެއް. ހައްޖަކީ އެކަމެއް ކުރުމަށް ކުޅަދާނަވެގެން ނުވާ މީހުން ކޮންމެހެން ކުރަންޖެހޭ އަޅުކަމެއް ނޫން. ނިއުމަތްތައް ދެއްވަނީ މާތްﷲ. އެކަމަކު ނިއުމަތްތައް ހޯދުމަށް އަންގަވައިފައިވަނީ ހަލާލުމަގުގައި. ރައްޔިތުންގެ މުދާ ރައްޔިތުންގެ އަތުން އަތުލާއިރު އެރައްޔިތު މީހާ ހައްޖަށް ދާނީ ކިހިނެއް؟ އޯކޭ ދޯ ގާސިމް ފަދަ މަހުޖަނެއްގެ ހަރަދުގައި ހައްޖަށް ދިޔަކަސް. މާލޭގައި އުޅޭ ގިނަމީހުން އެއުޅެނީ ކުށްޔަށް ދައްކައި ދަރިންނަށް ރަނގަޅަށް ކިޔަވައި ނުދެވިގެން. އެހެން މީހެއްގެ ފައިސާއިން ހުއްދައާ ނުލައި ނުހައްގުން 13 މީހުން ހައްޖަށް އެފޮނުވީ. ރާއްޖޭގައި ދެން އުޅޭ މީހުންގެ ހައްގު ކޮބާ؟

   12
   3
 2. ޓ

  ޚިޔާލީނަމެއް ބޭނުންކޮށްލީ. ދޯ.......މިއީ ސަރުކާރުން ހެޔޮ ކަމުންކޮށްދޭ ކަމެއްނޫން އަހަރެންގެ ހައްގެއް އަހަރެންނަށް
  ޢަދި އެންމެ 13 މީހުން...ހައްހާ

  36
  4
 3. ﷲގެ އަޅާ

  މި އަޅާ އަށްވެސް ހައްޖުގެ މާތް އަޅުކަން ފުރިހަމަ ކުރުމުގެ ހެޔޮ ނަސީބު މިންވަރު ކުރައްވާނދޭވެ . އާމީން .

  89
  3
 4. ދޮށީކޮއި ޢަލީގެ މުޙައްމަދު

  ވެނުމަސް ވެނަށް ކާންދީފަ މިބުނަނީ ހެޔޮކަމުން ކޮށްދިން ކަމެކޭ ނާފީސައްތާ ބުނަންތަ އެއީ ނަފީސައްތަގެ ފައިސާ މޮޅު ގަވާއިދެއް ހަދާލަފަ އެދިނީމަ ވާނެތަ ސަރުކާރުގެ ހެޔޮފުޅު ކަމަށް

  21
  3
 5. ޅަބޭ

  މިހަބަރުގެ ސުރުހީއައް "ސަރުކާރުން ވެނުމަސް ވެނައް ކާންދޭން ފަށައިފި" ޖެހިނަމަ މާތާހިރުވީސް.

  26
  2
 6. ވގ

  ކޮން ފައިސާ އަކުންތޯ ވަޒީފާ އަދާނުކުރާމީހަކައް 65 ވީމަދެނީ އަހަރުމެން ގުދުބިދެންދެން މަސައްކަތް ކޮއްފަ ފައިސާ މިޖަމާކުރަނީ ފަތްބޮއިގެން ޖަލުގަ އޮވެފަނިކުނައިރައް 65 ވާއިރައް މިފައިސާ ހަމަޖެހޭ ކިހާއިންސާފްތޯ އޯގާތެރި ދެއްތޯ

  12
 7. ބުއްޅަބެ

  ކޮބާތަ ނަފީސާއްތަ ހަމަ ހިޔާލީ ނަމެއް، ވަގު ސަރުކާރު، އިންޑިޔާ އައުޓް،

  16
 8. ގެރި ގުއި

  ޕެންޝަން އަކީ މީހުން ބުރަ މަސްއްކަތް ކޮއްފަ ލިބޭ ލާރިކޮޅުފޭރިގެން ބަޔަކު ހިންގާ ޖަރީމާއެއް މަކރާ ހީލަތެއް

 9. އަހްމަދު

  ޕެންޝަން ފަންޑުން ނަފީސާ ހައްޖަށް ފޮނުވީ ރައީސް ސޯލިހުގެ ފައިސާއިންތޯ؟ ޕެންޝަން ފަންޑުގައި ހުންނަނީ މީހުންގެ އަމިއްލަ ފައިސާ. އެފައިސާ އިން ހައްޖަށް ދިއުމަށް ދޫކުރުމަކީ ސަރުކާރެއްގެ ހެޔޮކަމެއްނޫން. ރައީސް މައުމޫނުގެ ވެރިކަމުގައި ކޮންމެ އަހަރަކު 40މީހުން ސަރުކާރުގެ ޚަރަދުގައި ހައްޖަށް ފޮނުވި. އެއީ ސަރުކާރުގެ ހެޔޮކަން. މިކަންދަންނަ މީހަކު މިއަދަކުނެތް.

 10. ޝާން

  މިއީ އަމާ ބުނީތީ ފަރަށްދާ އުސޫލުން ޕެންޝަން ފަންޑުން ހައްޖައް ފޮނުވުން، ރާއްޖޭގެ އެވްރެޖް މުސާރައަކީ 4435 ރުފިޔާ. މިމުސާރަ ލިބޭމީހެއްގެ އެކައުންޓަށް 336000 ރުފިޔާ ހަމަވާނީ 46 އަހަރު މަސައްކަތް ކޮށްގެން. ޢުމުރުން ވިހިއަހަރުން ވަޒީފާ އަދާކުރަންފަށާ މީހާއަށް އޭރުހުންނާނީ 66 އަހަރުވެފަ. ދެން ހައްޖައްދާން އިތުރަށް ބޭނުންވާ %20 ހޯދަން ނާށި ގަނޑު ހިފައިގެން ނިކުނަން ޖެހޭނީ.