ތިރީގައި މިވަނީ 1988 ވަނަ އަހަރުގެ ނޮވެމްބަރ 03 ވަނަ ދުވަހު ރާއްޖެ އަށް ދިން އުދުވާނީ ހަމަލާގައި އެންމެ އިސްކޮށްހުރި އެކަކު ކަމަށްވާ ހ.ހާޖަރާގޭ އަބްދުﷲ ލުތުފީ އެމައްސަލައިގެ ތަޙްޤީޤަށް ދީފައިވާ ބަޔާނެވެ. ނޮވެމްބަރ 03 ގައި ހައްޔަރުކޮށް ތަޙްޤީޤު ހިންގި ބައެއް މީހުންގެ ބަޔާން މީގެ ދެތިން އަހަރު ކުރިން އިންޓަނެޓްގައި ލީކް ކޮށްލާފައިވެއެވެ. މިލިޔުމުގައި މިވަނީ ބަޔާނުގެ ސްކޭން ކޮޕީ ބަލައިގެން އެއްވެސް ބަދަލެއް ނުގެނެސް ބަޔާން އަލުން ލިޔެފައެވެ.

ބަޔާނުގެ އެންމެ މަތީގައި ލިޔެފައިވާ ގޮތުގައި މިބަޔާން ނެގީ 1989 ވަނަ އަހަރުގެ ޖަނަވަރީ 16 ވަނަ ދުވަހުއެވެ.

ބަޔާނުގެ ހަތަރުވަނަ ބައި ތިރީގައި އެވާ ލިންކުން ފެންނާނެ

ފަސްވަނަ ބައި

1988 ސެޕްޓެމްބަރ މަހު ފަހުކޮޅު އިބްރާހިމް ހުސައިން ޒަކީއާ ބައްދަލުވެގެން ދެކެވުނު ވާހަކައެއްގެ ތެރޭގައި އޭނާގެ އޮސްޓްރޭލިއާއަށް ވަޑައިގަންނަވަން ދަތުރުފުޅެއް ހަމަޖެހިގެން އުޅޭވާހަކަ ވިދާޅުވިއެވެ. މިދަތުރުފުޅަކީ އޮނަރަބަލް އިލްޔާސް އިބްރާހިމް ވެސް ވަޑައިގަންނަވާ ދަތުރުފުޅެއް ކަމުގައި ވިދާޅުވިއެވެ. ދަތުރުފުޅު އޮތީ 1988 އޮކްޓޯބަރ މެދެއްހާ ހިސާބުގައި ކަމަށާ މިދަތުރުފުޅު ނިންމަވާފައި އޮނަރަބަލް އިލްޔާސް އިބްރާހިމް މާލެ ވަޑައިގަތުމާއެކު 1988 އޮކްޓޯބަރ މަހުގެ ފަހުކޮޅު ރައީސުލްޖުމްހޫރިއްޔާގެ ބޭރު ދަތުރުފުޅެއް ހަމަޖެހެމުންދާ ކަމަށާ، އެދަތުރުފުޅުގައި ވެސް އިބްރާހިމް ހުސައިން ޒަކީ ބައިވެރިވެ ވަޑައިގަންނަވާ ކަމަށް ވިދާޅުވިއެވެ.

މިލިބުނު މައުލޫމާތު ސިއްކަ އަހްމަދު އިސްމާއިލް މަނިކަށް އަޅުގަނޑު ދިނުމާއެކު، ރައީސުލްޖުމްހޫރިއްޔާ ފުރާވަޑައިގަންނަވާ ތާރީޚް ސާފުކޮށް އަޅުގަޑަށް އަންގާދިނުމަށް ބުނީމެވެ. މިގޮތުން 1988 އޮކްޓޯބަރ 14 ގައި ސިއްކަ އަހްމަދު އިސްމާއިލް މަނިކު ސިންގަޕޫރުން އަޅުގަޑާ ގުޅާފައި ރައީސުލްޖުމްހޫރިއްޔާ ފުރާ ވަޑައިގަންނަވަނީ 29 އޮކްޓޯބަރ 1988 ގައި ކަމަށް ކޮމްފާމް ކޮށްދިނެވެ. މިމައުލޫމާތު ހޯދީ އިބްރާހިމް ހުސައިން ޒަކީ އަރިހުންކަމުން ސިއްކަ އަހުމަދު އިސްމާއިލް މަނިކު ބުންޏެވެ. އެޚަބަރު އަޅުގަޑު އުމާ މަހޭޝްވަރަމް އަށް ވެސް ދިނީމެވެ.

ދެން އެރޭ ނިދުމަށްފަހު ހެދުނު ތެދުވެގެން ދިޔައީ އުމާ މަހޭޝްވަރަމްގެ ބަބުލަޕިޓިޔަ އޮފީހަށް އޭނާ ހޯދާށެވެ. އޭނާ ހޯދައިގެން ކޮލްޕެޓިޔައަށް ދިޔައިރު މިސްޓަރ ބާބޫ އަޅުގަޑުމެން ޕޫކުލަމް އަށް ދިއުމަށްޓަކައި ބޯޓެއް ހޯދާފައި އޮތެވެ. އެރޭ 10:30 ހާއިރު ޕޫކުލަމްއަށް ދެވުނެވެ. މިތަނުން އަޅުގަޑާއި އުމާ މަހޭޝްވަރަމްއާއި އާރާ އާއި ތިން މީހުން ދިޔައީ މުއްލިކުލަމްއަށެވެ.

މިދުވަސްވަރު ކަނޑުމަޑުވެފައި މޫސުން ރީއްޗެވެ. ޕްލޮޓްގެ މެންބަރުން ދުވަހަކަށް ވުރެ ދުވަހެއް އިތުރުވަމުން ދެއެވެ. 29 އޮކްޓޯބަރ 1988 ހާ ހިސާބަށް އަޅުގަޑުމެން ތިބީ މުއްކުލަމް ކޭމްޕްގައެވެ. 29 އޮކްޓޯބަރ 1988 ދުވަހު އުމާ މަހޭޝްވަރަމް އާއި އަޅުގަޑާ ވަސަންތީއާ އަދި ހުރިހާ ގްރޫޕް ލީޑަރުންގެ ބައްދަލުވުމެއް އޮތެވެ. މިބައްދަލުވުމުގައި މާލޭގެ ފޮޓޯއާއި ޗާޓް އަދި އެންއެސްއެސްގެ ހެޑްކްއާޓަރޒްގެ ޗާޓް ވެސް ދައްކާ ޗާޓް ސަރަހަކޮށްދީ ހެދީމެވެ. މާލެއާ ހަމަލާ ދޭން އުޅޭކަން ގްރޫޕް ލީޑަރުންނަށް އެގޭނީ 29 އޮކްޓޯބަރގެ ޖަލްސާގައި އުމާ މަހޭޝްވަރަމް ބުނުމުންނެވެ.

އޭގެ ކުރީގައި މިކަން އެގޭނީ ހަމައެކަނި އުމާ މަހޭޝްވަރަމްއަށާއި ވަސަންތީއަށާއި އާރާއަށެވެ. ހުރިހާ ޕްލޭންތަކެއް ރޭވީ އުމާ މަހޭޝްވަރަމް އާއި ވަސަންތީއާއި ދެމީހުންނެވެ. އަދި މާލެ އަންނަން ދުރީމާ އެމީހުން ތިބޭނީ ވަސަންތީގެ ކޮމާންޑުގެ ދަށުގައެވެ. ވަސަންތީގެ ދަށަށް ތިބީ ފާރޫގާއި ބާބޫއެވެ. އަޅުގަޑާ ސަރަހައްދު އަހުމަދު ނާސިރާ ދެމީހުން ބޭރުގެ ކުލީ ސިފައިންގެ 80 މީހުންނާއެކު މާލެ އައިސް މާލެއާ ހަމަލާ ދިނުމަށްޓަކައި މުއްލިކުލަމް ބީޗުން ފުރީ 29 އޮކްޓޯބަރ 1988 ދުވަހުގެރޭ އިރާކޮޅު 08:30 ގައެވެ. އަޅުގަޑުމެން ހުރިހާ މީހުން މުއްލިކުލަމް ބީޗަށް ދިޔައިރު ބޮޑު ބޯޓެއް ފަޅޔގައި އޮތެވެ. އަދި އޭގެ އިތުރަށް ކުޑަވަރެއްގެ 2 ބޯޓާއި 55 ހޯސްޕަވަރގެ އިންޖީނެއް އަޅާފައިވާ ލޯންޗެއްވެސް އޮތެވެ. އަޅުގަޑުމެން މާލެއާ ހަމަލާދޭން ގެނައީ ތިރީގައި މިވާ ބާވަތްތަކުގެ ހަތިޔާރެވެ.

  • އޭކާ 47 ރައިފަލް
  • ޖީ 3 ރައިފަލް
  • ޓީ 56 ރައިފަލް
  • އާރް.ޕީ.ޖީ 7 (ރޮކެޓް، ޕްރޮޕެޑް، ގްރެނޭއިޑް)
  • މޯޓާރޒް
  • ޑައިނަމައިޓް
  • އެލް.އެމް.ޖީ. މެޝިން ބަޑި
  • ފިސްތޯލަ އަދި ވަޅިއެވެ.

މީގެ އިތުރުން އަޅުގަޑުމެން ފިލައިގެން ދަމުން ހައިޖެކް ކުރީ އެމްވީ ޕްރޮގްރެސްލައިޓުން އަބުރާ ގެންދަން އުޅުނު ހަތިޔާރާއި އަޅުގަޑުމެން މާލެތެރެއަށް ދޫކޮށްލާފައި ދިޔަ ހަތިޔާރުތަކާއި އެންއެސްއެސް އަށް އަތުލެއްވި ހަތިޔާރާބެހޭ ތަފްސީލް އަޅުގަޑުގެ އިއުތިރާފާއެކު އަޅުގަޑު ސޮއި ކޮށްފައިވާ ލިސްޓްގާ އެވަނީއެވެ.

މިހަތިޔާރުތައް ހޯދީ ޕްލޮޓް ޖަމާޢަތުގެ ފަރާތުންނެވެ. މީއެމީހުން ހަނގުރާމަކުރަން ގެންގުޅޭ ހަތިޔާރެވެ. މިކަމަށް ޚަރަދު ކުރަނީވެސް ޕްލޮޓް ޖަމާޢަތުގެ ފަރާތުންނެވެ. އެކަމަށް ޚަރަދުކުރާ މިންވަރެއް ނޭގެއެވެ.

މި ހަތިޔާރުތައް ރަބަރު ކޮތަޅުތަކުގައި ބަންދުކޮށް ބޯޓަށް އެރުވީމެވެ. ޓީ52 ބޯޓަށް އެރީ ވަސަންތީ އާއެކު 42 މީހުންނެވެ. ދެން ބާތީ ތިބި 38 މީހުން އެރީ ކުޑަ ދެބޯޓަށެވެ. ދެން އެރޭ 3 ބޯޓް ޕެޓްރޯލް ލޯންޗެއްގެ އެހީގައި ދަތުރުކޮށްފައި ނުކުމެތިބީ މަސްވެރިން މަސްވެރިކަން ކުރަން ނުކުރަން ހިސާބުގައެވެ. އަނެއް ދުވަހު ހެދުނު އަސަރަހައްދުން "ސައުތުވެސްޓް-37" ކިޔާ މަސްބޯޓެއް ހައިޖެކް ކޮށްގެން ކުޑަ ދެބޯޓްގައި ތިބި މީހުން މިބޯޓަށް ޓްރާންސްފާކޮށްގެން އަޅުގަޑުމެން ދަތުރުފެށީ 30 އޮކްޓޯބަރ 1988 ދުވަހުގެ ހެދުނު 08:30 ގައެވެ. އަޅުގަޑު ހުރީ ޓީ52 ގައެވެ. ނާސިރު ހުރީ ސައުތުވެސްޓް-37 ގައެވެ.

މާލެ އެރުމުގައި އަޅުގަޑުމެން ފުރަތަމަ ރާވާފައި އޮތީ މިހާބޮޑު ކަމަކަށް އަންނައިރު މީހުން ވެސް ތިބޭނީ ދަތުރު މަތީގައި ވަރުބަލިވެ ލޮޑުވެފައި ކަމަށްވާތީ މާލެއާ ކައިރިވުމުން ކަޑުއޮތްގިރީގައި ވަރުބައްޔަށް މަޑުކޮށްގެން ތިބެފައި ރަށާއި ކައިރިންދާ ދީނިފަހަރު ރަބަރު ޑިންގީގައި ގޮސް ހައިޖެކް ކޮށްގެން އެދޯނިފަހަރުގައި މާލެ އަންނާށެވެ. އެހެން ނަމަވެސް ސިއްކަ އަހުމަދު އިސްމާއިލް މަނިކު ބުނެފައި ވަނީ އެއީ ރައްކާތެރި ގޮތެއް ނޫންކަމަށާ އެތާގައި މަޑުކޮށްގެން ތިއްބާ ބޭޒާރުވެ އަޅުގަޑުމެންގެ މަޤުޞަދު ހާސިލްނުވެދާނެ ކަމަށެވެ. ވީމާ އެކަން އެގޮތަށް ނުކުރީއެވެ.

އަޅުގަޑުމެން ފުރިއިރު އުމާ މަހޭޝްވަރަމްގެ ފަރާތުން ސިޓީއެއްވެސް ދިނެވެ. އޭގައި ވަނީ އެންއެސްއެސްގެ ހެޑްކްއާރޓަރޒްއާއި ހަމަލާ ދިނުމުގައި އެންމެ އިސްކޮށް ހުންނާނީ ވަސަންތީ ކަމަށާ އޭނާގެ ދަށުން ފާރޫގާ ބާބޫ ކަމަށެވެ. އެސިޓީ މިހާރު ވަނީ ބޯޓުތެރޭގައި ވީދާލާފައެވެ. މިހަމަލާގެ ތެރެއަށް އަޅުގަޑު ނުވަނުމަށާއި މިނިސްޓަރުގެ ގޭގެ ދައްކާފައި، ސިފައިންގެ މައި މަރުކަޒު އަތުލެވެންދެން އަޅުގަޑު ދުރުގައި ހުރުމަށް ހަމަޖެހިފައި ވެއެވެ. އަދި ސިފައިންގެ އަތުލުމަށް ފަހު އަޅުގަނޑު ސިފައިންގެއަށް ދާން ވެސް އޮތީ ރޭވިފައެވެ. އެއީ އަޅުގަޑުގެ މީހުން ހޯދާ މުޅި ތަން އަޅޔގަޑުގެ ކޮންޓްރޯލްގެ ދަށަށް ގެނައުމަށްޓަކައެވެ. އަޅުގަޑުގެ މީހުން ކަމުގައި ބަލާފައި އެވަނީ ޝާހިދުއާ އައްބާސް އަދި އެމީހުންނަށް ތާއިދު ކުރާނޭކަމަށް ބުނާ މީހުންނަށެވެ.

އަދި ވަގުތީ ގޮތުން ސޯސަންގެ އެންއެސްއެސްގެ ހެޑްކްއާޓާޒަށް ހެދުމަށް ހަމަޖެއްސީމެވެ. އެއީ ސިފައިންގެ ހިފުމަށްފަހު އެވަގުތު އެތާތިބި އެންމެން ޣާޒީ ބިލްޑިންއަށް ގެންގޮސް އެމީހުންގެ ތެރެއިން އަޅުގަޑަށް ފެންނަ ބަޔަކު މަގާމުތަކަށް ހަމަޖެއްސުމަށްވެސް ވާނީ ނިންމިފައެވެ. އަދި ހުރިހާ މައްސަލަތަކެއް ހަމަޖެހެންދެން މިނިސްޓަރުން ގޭގައި ބަންދުކޮށްފައި ބޭތިއްބުމަށާ އޮފީސް އޮފީހުގެ ވެރިންގެ ގޮތުގައި ތިއްބެވި ހުރިހާ އެންމެން ވަޒީފާ އިން ވަކިކޮށް ގެއަށް ފޮނުވާލުމަށާ ރައްޔިތުންގެ މަޖިލިސް އެއްކޮށް މިހުރިހާކަމެއް މަޖްލިސް އަށް ހުށަހަޅާ އާސަރުކާރާ ކެބިނެޓް ހަމަޖައްސާގޮތް އެންގުމަށާއި އަދި ރައްޔިތުން ހަމަޖެހެންދެން ދެތިން ދުވަހަކަށް ކާފިޔު ހިންގުމަށް ރައީސް އޮފީހުން އިއުލާނެއް ނެރުމަށްވެސް ހަމަޖެއްސީމެވެ.

30 އޮކްޓޯބަރ 1988 ދުވަހުގެ އިރުއޮއްސި 06:30 ހާއިރު އަޅުގަޑުމެން ޓްޓިކޮރިން ބަލާފައި ކޭޕްކޮމަރިން ފަރާތަށްގޮސް ކޯސްޓްލައިން ބަލައިގެން ދިވެހިރާއްޖެއަށް ދަތުރުކުރީމެވެ. އަޅުގަޑުމެން ދަތުރު ކުރަމުން ދިޔައީ އުމާމަހޭޝްވަރަމް ފާހަގަ ޖަހާފައިވާ ޗާޓަކާ އެއްގޮތަށެވެ. ޗާޓްގާ ދާންވީ މިސްރާބު ރޮގުދަމާ ކޮމްޕަސް ބަލަންވީގޮތް ދައްކާފައިވެއެވެ. ޓީ-52 ބޯޓްގެ ކެޕްޓަނަކަށް ހުރީ ދަތުރުކުރުމުގެ ތަޖުރިބާ ވަރަށް ލިބިފައިވާ މީހެކެވެ.

2 ނޮވެމްބަރ 1988 ދުވަހުގެ އިރުއަރާ 6 ޖެހިއިރު އަޅުގަޑުމެން ތިބީ ދިވެހިރާއްޖޭގެ ހދ.ހަނިމާދޫ ބޭރުގައެވެ. އަޅުގަޑުމެން ބެލިބެލުމުން މާބޮޑަށް ރަށްތަކާ ކައިރިކުރެވިފައި ވާތީ ގާތްގަޑަކަށް 21 މޭލު ބޭރަށް ޖައްސާ މާލެއާ ދިމާލަށް މިސްރާބު ޖެހީއެވެ. 03 ނޮވެމްބަރ 1988 ރޭ ގާތްގަޑަކަށް މެންދަމުން އަލިވެ 1 ޖެހިއިރު މާލޭގެ އަލި އަޅުގަޑުމެންނަށް ފެނިއްޖެއެވެ. ހުރިހާ އެންމެން ވެސް އެމީހެއްގެ ހަތިޔާރާއެކު ޕޮޒިޝަން ނެގިއެވެ.

އަޅުގަޑު އިން ބޯޓް ޓީ 52 މާލޭގެ ބަދަރަށް ވަނީ ގާތްގަޑަކަށް 04:15 ހާއިރުއެވެ. ޓީ 52 ގައި ތިބި މީހުން ފުންމާލީ ކުރީގެ ޕޯސްޓް އޮފީސް ހުރި އިމާރާތުގެ ކުރިމައްޗަށެވެ. ވަސަންތީ އާއި އޭނާގެ ގްރޫޕް ދުއްވައިގަތީ ސީދާ އެންއެސްއެގެ ހެޑްކްއާޓާޒް އާއި ދިމާއަށެވެ. ސައުތު ވެސްޓް މަޑުކުރީ ކޮމާޝަލް ހާބަރާ ދިމާއަށެވެ. އެބޯޓުގައި ތިބި މީހުން ފޭބީ އެލިއާ ސްޓޯރ ކުރިމައްޗަށެވެ. ބޯޓުން މީހުންތައް ފުންމާލުމާއެކު ބަޑި ޖަހަން ފަށައިފިއެވެ. ޓީ 52 ން 4 މީހުން ފިޔަވާ ދެން ތިބި މީހުން ފޭބުމުން އެބޯޓް އެ 4 މީހުންނާއެކު ގޮސް ބަދަރުކުރީއެވެ. ސައުތުވެސްޓުން ދަތުރުކުރި 4 ކްރޫންނާ 4 ޓެރަރިސްޓުން އެބޯޓުގައި އެބުރި ދިޔައީއެވެ.

(ނުނިމޭ)

ކިޔުންތެރިންގެ ހިޔާލު

5 ކޮމެންޓް

  1. މޫސަ

    މި ބާޣީންގެ ބަޔާންތަކަކީ، ބޮޑުއަކުރުން، އެންމޭނަށް ކިޔޭނެހެން ފެންނަންޖެހޭ އެއްޗެއް. ބާޣީންނަކީ ބަދަލު ހިފާނެގޮތެއް އަބަދުވެސް ރާވަމުން ދާނޭބައެއް.

    65
    2
  2. ސަކޫރު

    ލުތުފީކަހަލަ ލޭކެކޭ ކެރޭމީހުން މަދުވާނެ... ދިވެހިންގެ ތެރޭގައި މިހާރު ނޫޅޭ ހިއްވަރު ހުރި ބަޔަކު. އެންމެންވެސް އުޅެނީ އަނެކާ ކުއްވެރިކޮށް ރައްކާވެވޭތޯ.

    8
    67
    • ޙިބަރު

      މާއިރާ ބުނެގެން ކުރި ކޮމެންޓެއްތަ ތީ. ނޫނީ ތީ ކިހާ ހިއްވަރެއް ހުރި މީހެއްތަ

      35
      2
  3. ޞާލާ

    ސިއކަ މިހާރު ވެރިކަމުގަ....
    ބޮޑު ބާޢީ ފަޒުނާ ބައޕަ ސިއކަ

    44
    4
  4. މޮޑަން

    މިހަކަލަ ކަންތަށް ހިންގަނީ ވެރިކަމުގަ ތިބޭމީހުން ނުރުހޭމީހުންގެ ދުވަސްދުށްވާލާތީ އެމީހުންވެސް ބަލާނެ ފުރުސަތެޢްލިބޭ އިރަށްވެރިކަމުގަ ތިބިމީހުންގެ ދުވަސްދުށްވާލެވޭތޯ މީދުނިޔެހިންގާގޮތް އާދަމްގެ ފާނު ދުނިޔެއަށް ފޮނުޢްވީސުރެ ދެބަސްވެވޭކަށްނެތް މިކަހަލަ ކަންތައްހިންގާއިރު ކަމާނުބެހޭ މީހުނަނަށް ބޮޑެތިގެޢްލުންތައްލިބޭނީ