ތިރީގައި މިވަނީ 1988 ވަނަ އަހަރުގެ ނޮވެމްބަރ 03 ވަނަ ދުވަހު ރާއްޖެ އަށް ދިން އުދުވާނީ ހަމަލާގައި އެންމެ އިސްކޮށްހުރި އެކަކު ކަމަށްވާ ހ.ހާޖަރާގޭ އަބްދުﷲ ލުތުފީ އެމައްސަލައިގެ ތަޙްޤީޤަށް ދީފައިވާ ބަޔާނެވެ. ނޮވެމްބަރ 03 ގައި ހައްޔަރުކޮށް ތަޙްޤީޤު ހިންގި ބައެއް މީހުންގެ ބަޔާން މީގެ ދެތިން އަހަރު ކުރިން އިންޓަނެޓްގައި ލީކް ކޮށްލާފައިވެއެވެ. މިލިޔުމުގައި މިވަނީ ބަޔާނުގެ ސްކޭން ކޮޕީ ބަލައިގެން އެއްވެސް ބަދަލެއް ނުގެނެސް ބަޔާން އަލުން ލިޔެފައެވެ.

ބަޔާނުގެ އެންމެ މަތީގައި ލިޔެފައިވާ ގޮތުގައި މިބަޔާން ނެގީ 1989 ވަނަ އަހަރުގެ ޖަނަވަރީ 16 ވަނަ ދުވަހުއެވެ.

ބަޔާނުގެ ފަސްވަނަ ބައި ތިރިީގައިވާ ލިންކުން ފެންނާނެއެވެ.

ހަވަނަބައި

އަޅުގަޑުމެން ރާވާފައި އޮންނާނީ ރައީސުލްޖުމްހޫރިއްޔާ އަލްއުސްތާޛު މައުމޫނު އަބްދުލްޤައްޔޫމް ހުންނަވާ ތީމުގެއަށް މިސްޓަރ ފާރޫގުގެ ގުރޫޕުން ހަމަލާދިނުމަށާ، ފާރޫގަށް ތީމުގެ ދައްކާނީ ސަގަރު އަހުމަދު ނާސިރު (ސ.ހިތަދޫ/ޕެރިސްހޮލިޑޭ) ކަމަށެވެ. ހަމަޖެހިފައިވާ ގޮތުގެ މަތީން ނާސިރު ތީމުގެ ދައްކަން ދިޔައެވެ. އަދި އެންދެރިމާގެވެސް ދެއްކިއެވެ. ރޭވިފައިވާ ގޮތުގެމަތީން ފާރޫގު ގްރޫޕްގެ މީހުން މާލެ ފޭބުމާއެކު ތީމުގެއަށްގޮސް އެތާ ޑިޔުޓީއަށް ތިބި އެންއެސްއެސްގެ މީހުންނާ އަޅުގަޑުމެންގެ ހަތިޔާރުން ހަމަލާދީ އެމީހުންގެ އަތުގާ ހުރި ހަތިޔާރު އަތުލަން އުޅުނީމެވެ. އެހެންނަމަވެސް ހަތިޔާރު އަތެއް ނުލެވުނެވެ. އަދި، ރައީސުލްޖުމްހޫރިއްޔާގެ އާއިލާގެ ބޭފުޅުން ތިއްބަވާގެ މ.އެންދެރިމާގެއަށް ގޮސް އެގޭގައި ޑިޔުޓީއަށް ތިބި އެންއެސްއެސްގެ މީހުންނާ ހަތިޔާރުން ހަމަލާދީ އެމީހުންގެ އަތުންވެސް ބަޑިއަތުލަން އުޅުނީމެވެ. އެހެންނަމަވެސް އަތުވާގޮތެއް ނުވިއެވެ.

އަޅުގަޑު މާލެ ފޭބުމާއެކު ގުޅުނީ ސޭވަކޮޑިއާއެވެ. އޭނާއަކީ އަޅުގަޑުހުރި ގްރޫޕްގެ ލީޑަރއެވެ. ގްރޫޕްގައި އޭނާއާއި އެކު 7 މީހުން ތިއްބެވެ.

އަޅުގަޑު އޭނާގެ ގްރޫޕް ގޮވައިގެން ދިޔައީ ސީދާ ކިނބިގަސްދޮށުގެއަށެވެ. އަޅުގަޑު އެގެއަކަށް ނުވަންނަމެވެ. އެހިސާބަށް ގޮސް ސޭވަކޮޑިއަށް ކިނބިގަސްދޮށުގެ ދެއްކުމަށްފަހު، 6 މީހުން އެތަނަށް ދޫކޮށްލީއެވެ. އެގެއަށް ދިޔަ މީހުން ކިނބިގަސްދޮށުގެ ގަރާޖްގެ ދޮރޯއްޓަށް ބަޑި ޖަހައިގެން ގޭތެއަށްވަދެ ގޭތެރޭގެ ދޮރުފަތް ތަކަށްވެސް ބަޑިޖަހާ ހަލާކު ކޮށްލައިގެން އެގެއަށް ވަނީމެވެ. އެގެއަކީ ސިފައިންގެ ވެރިޔާގެ ނާއިބު (މިނިސްޓަރ އޮފް ޑިފެންސްގެ ނާއިބު އަދި މިނިސްޓަރ އޮފް ޓްރޭޑް އެންޑް އިންޑަސްޓްރީޒް) އޮނަރަބަލް އަލްފާޟިލް އިލްޔާސް އިބްރާހިމް ހުންނަވާ ގެ ކަމަށްވާތީ، އެވަގުތު ބޭރުން އެގެއަށް ވަންނަން އައި އެންއެސްއެސްގެ ކޯޕްރަލަކާ ޕްރައިވެޓަކު ހިފާ ހައްޔަރުކޮށް ބަދެފައި ކޮޓަރި ތެރޭގައި ބައިތިއްބާ އަދި އެދެމީހުންގެ ފަހުން އެއަށް ވަންނަން އައި އެންއެސްއެސްގެ ސާރޖެންޓް ކުޑަނެވި ތުއްތު މަނިކުގެ ގަޔަށް ބަޑި ޖަހާ މަރާލާފައިވެއެވެ. އެގެއަށް ދިޔަ މީހުންނަށް އޮނަރަބަލް އިލްޔާސް އިބްރާހިމް ހައްޔަރު ކުރެވޭ ގޮތެއް ނުވިއެވެ.

ދެން ސަންކަރު ގޮވައިގެން އަޅުގަނޑު ދިޔައީ މަޖީދީމަގު ހުރިގޮތަށްގޮސް މިނިސްޓަރ އޮފް އެޓޮލްސް އެޑްމިނިސްޓްރޭޝަން އަދި ރައްޔިތުންގެ މަޖްލިސްގެ ރައީސް ހުންނަވާގެ ހ.މީނާޒްއަށެވެ. މީނާޒް ކައިރިއަށް ގޮސް ބޭރުގައި ތިބެގެން "އަބްދުﷲ ހަމީދު ނުކުންނާށޭ" ގޮވީމެވެ. މިހެން ދިވެހި ބަހުން ގޮވަން އަޅުގަޑާއެކު ދިޔަ ސަންކަރަށް ދަސްކޮށްދީ އޭނާ ލައްވާ ވެސް މިގޮތަށް ގޮއްވީމެވެ. ދެން މީނާޒް ގަރާޖް ބެލި އިރު އަބްދުﷲ ހަމީދުގެ ކާރުކޮޅު ގަރާޖަކުނެތެވެ. ގޭގެ ދޮރޯއްޓަށް އަޅުގަޑުމެން ބަޑިޖަހާ ހަލާކު ކޮށްލުމަށްފަހު ގޯތިތެރެއަށް ވަނީމެވެ. ވަދެ ކުޑަދޮރުތަކާ ދިމާއަށް ވެސް ބަޑި ޖަހީމެވެ. ގާތްގަޑަކަށް ތިރީހަކަށް ވަޒަން ޖެހިފައި ހުންނާނެއެވެ. އަބްދުﷲ ހަމީދުގެ ބޭފުޅުން ގޭގާ އުޅުއްވާތޯ ބެލީމެވެ. ބޭފުޅުން ނޫޅުއްވާކަމެއް ޔަގީނެއް ނޫނެވެ.

ދެން ސަންކަރު ގޮވައިގެން ދިޔައީ އަޅުގަޑުގެ މަންމަ އިންނަގެ ހ.ހާޖަރާގެއަށެވެ. އެގެއަށް ގޮސް މަންމަޔާ ބައްދަލު ކޮށްލުމަށްފަހު ފޯނެއް ކުރެވޭތޯ އުޅެ އަޅުގަޑު ބޭނުން ނަމްބަރާ ގުޅޭ ގޮތެއް ނުވިއެވެ. އަޅުގަޑު ގުޅަން އުޅުނީ މިނާގޭ ކުޑަހުއްތުއާއެވެ. އެއީ ކާރެއް ހޯދުމަށެވެ. އޭނާ އަކީ ވަރަށް ކުރިއްސުރެއް ރައްޓެއްސަކަށް ވާތީ އޭނާ އެކަން ކޮށްނުދޭނެހެން ހީނުވާތީއެވެ.

ދެން ގޭން ނުކުމެގެން އަޅުގަޑު ދިޔައީ މޯލްޑިވްސް އިލެކްޓްރިސިޓީ ބޯޑުގެ ޕަވަރހައުސް (އިންޖީނުގެ) އަށެވެ. އިންޖީނުގެއަށް ދިޔައިރު އެތާގައި ޕްލޮޓްގެ ހަތިޔާރު އެޅި 3 މީހުން ތިއްބެވެ. ދެން އަޅުގަނޑު އިންޖީނު ހުއްޓާލަން އެންގީމެވެ. އިންޖީނު ހުއްޓާލުމުގެ ސަބަބުން މާލޭ ރައްޔިތުންނަށާ ސަރުކާރަށް ވަރަށް ބޮޑަށް ގެއްލުން ލިބޭނެކަމަށް އަޅުގަޑު ގަބޫލުކުރަމެވެ. ކަރަންޓް ކަޑާލަން އަޅުގަޑު ޚިޔާލުކުރީ ދިވެހި ސަރުކާރުގެ ފަރާތުން އެނައުންސްމަންޓެއް ދީފާނެ ކަމަށެވެ. އިންޖީނު ހުއްޓާލުމަށްފަހު އެބުރި އައި މަގުމަތީގައި މެރީންވިޔު މުހައްމަދު ސަލީމު ކާރުގައި ދަނިކޮށް ދިމާވެގެން އެނާ ހުއްޓުވާ ކާރު ބާއްވާފައި ދިއުމަށް އެންގުމުން އޭނާ ކާރުން ފައިބާ ކާރު ބާއްވާފައި ހިގައްޖެއެވެ.

ދެން ދިޔައީ ޕޯސްޓަލް ބިލްޑިންގ ކައިރިއަށް ދިއުމަށެވެ. ޕޯސްޓަލް ބިލްޑިންގ ކައިރިއަށް ދިޔަ މަގުމަތީގައި އަލި ކިލެގެފާނު މަގުން އުތުރަށް އައިސް ކަޅުހުރާ މަގުން އިރަށް ގޮސް އަޅުގަޑު މަޑުކޮށްލީ ގ.އޯކަމް ކައިރިއަށެވެ. އެއީ އެގޭގައި ހުންނަ މ.ކަށިމާވިލާ ޕައިލެޓް މުހައްމަދު ނަޢީމު އުޅުއްވާތޯ ބެލުމަށެވެ. ބައްދަލުވީ އޭނާގެ އަންހެނުން މަރިޔަމް މުހައްމަދު އާއެވެ. ނައީމު ކޮބައިތޯ އެހުމުން ރަށުގައި ނެތްކަމަށް ބުންޏެވެ. ނަޢީމު ހޯދަން ދިޔައީ އޭނާ ބައިވެރިވާނެ ކަމަށް ފެންނާތީ ޚިޔާލު ބަދަލު ކޮށްލުމަށެވެ. އަދި ސިއްކަ އަހުމަދު އިސްމާއިލު މަނިކު ކޮބައިތޯ ވެސް ނަޢީމު އަންހެނުން ގާތުގައި އެހީމެވެ. ވީތަނެއް ނޭގޭކަމަށް ބުންޏެވެ.

އަޅުގަޑާ އަޅުގަޑާއެކު ދިޔަ މީހުން އެގޭން ފެންބޮއެ ހަދައިގެން ކަޅުހުރާ މަގުން ހުޅަގަށް އައިސް ހުސްނުހީނާ މަގުން އުތުރަށް ގޮސް މަޑުކުރީ ޕޯސްޓަލް ބިލްޑިންގ ކައިރީގައެވެ. އޭރު ބާބޫ އެތާ ހުއްޓެވެ. ޕޯސްޓަލް އިމާރާތުގެ އެތެރޭގައި އިމަޖެންސީ ޖަނަރޭޓަރެއް ހިންގާފައި ހުއްޓާ ފެނުނެވެ. އެތަނަށް ނުވަދެވިގެން ޖަނަރޭޓަރ ގޮއްވާލަންވީނޫންހޭ އަޅުގަޑު ކުރެން ބާބޫ އެއްސެވެ. އެހެން ހަދައިގެން ނުވާނެ ކަމަށް ބުނެ ބޭރު ދޮރު ހުޅުވޭތޯ އަޅުގަޑު ބެލީމެވެ. ނުހުޅުވުމުން ދޮރުގެ ތަޅަށް ބާބޫ ދެތިން ވަޒަން ޖެއްސެވެ. އަދި އަޅުގަޑުވެސް ދެއުންޑަ ވަރު ޖެހީމެވެ. މީ ދިވެހި ސަރުކާރުގެ ވަރަށް އަގުބޮޑު އިމާރާތަކަށް އަޅުގަޑު ދިން ގެއްލުމެއް ކަމަށް ގަބޫލު ކުރަމެވެ. ޕޯސްޓަލް އިމާރާތް ވަށައިގެން ބެލިއިރު ފުރަގަހުގައި ދޮރެއް ހުޅުވިފައި ހުރުމާއެކު އަޅުގަނޑުމެން އިމާރާތްތެރެއަށް ވަދެ ޖަނަރޭޓަރު ނިއްވާލެވޭތޯ ބެލީމެވެ. ނަމަވެސް ނިއްވާލަށް ނޭގުނެވެ. މީގެ އިތުރުން އެތާގައި ބެޓްރީވެސް ހުއްޓެވެ.

ދެން އަޅުގަޑު ޕޯސްޓަލް ބިލްޑިން ދޫކޮށްލާފައި ދިޔައީ މެރިންޑްރައިވް ޕޯސްޓް އޮފީސް ކުރިމައްޗަށެވެ. އަޅުގަޑު ޕޮސްޓްއޮފީސް ކައިރިއަށް ދިޔައިރު އަލަށް ހަދަން ފަށާފައިވާ ޕާކްތެރޭގައި ވަރަށް ގިނަ އަދަދެއްގެ ދިވެހި ރައްޔިތުން އެއްކޮށްފާ ތިއްބެވެ. އެމީހުން ތިބީ ގަދަ އަވީގައި ބައިތިއްބާފައެވެ. އެއީ ފަޅު އޮޑިފަހަރުން ބަޑީގެ ބިރުދައްކައިގެން ގަދަކަމުން ގެނެސްފައިވާ މީހުންނެވެ.

ދެން އެތާ 5 މިނެޓެއްހާއިރު މަޑުކޮށްލައިގެން ހުރުމަށްފަހު އެތަނުން ގޮސްދެން މަޑުކޮށްލީ ތާކިރުބާއީ ފިހާރަކައިރީގައެވެ. މިފިރާރައިގެ ގާގަޑުމަތީގައި ޖައްސާލައިގެން އިންދާ ސަގަރު އަހުމަދު ނާސިރު އޮރެންޖްކްރަޝްއާއި ބިސްކޯދު ގެނެސްދިނެވެ. އެތަކެތި ކައިގެން އަހުމަދީ ބާޒާރު 3 ނަމްބަރު ގޯޅިން ދަނިކޮށް ކޯޕްރަލް އަބްދުﷲ ޝާހިދުގެ ބައްޕަގެ ފިހާރަ "ޓީޑީއެމް" ފެނިގެން އެފިހާރަގައިއުޅޭ ސ.ހިތަދޫ/ލިލީމީހާގެ އައްބާސް ނަޒީރު ލައްވާ ފިހާރަ ހުޅުވައިގެން ސްރީލަންކާއަށް ކޯލެއް ކުރީމެވެ. އަޅުގަޑު މިކޯލް ކުރީ ޓެލެކޮމިއުނިކޭޝަން ކަޑާލާފައިތޯ ބެލުމަށެވެ.

އަޅުގަޑު ކުރި ފޯނު ވަގުތުން ކޮޅާބާ ހުޅުނެވެ. އަޅުގަޑުގެ ގޭގައި އޭރުހުރި އަބްދުﷲ ޝާހިދުއާ ވާހަކަދެއްކީމެވެ. އަބްދުﷲ ޝާހިދު ގާތުގައި އަޅުގަޑު ބުނީ އަޅުގަޑުމެން މިއުޅެނީ ސިފައިންގެއާ ހަމަލާދީގެން ކަމަށާ އަދި އެންއެސްއެސް އަމާންނުނަގާ ކަމަށެވެ. އަޅުގަޑު އެހެން ބުނީމާ ޝާހިދު އެކަން ގަބޫލު ނުކުރުމުން ޝާހިދު ބައްޕަ ފިހާރާގައި ހުރިޢައްބާސް ލައްވާވެސް ޝާހިދުއާ ވާހަކަދެއްކުވީމެވެ. ޢައްބާސް ވާހަކަ ދެއްކުމަށްފަހު އަޅުގަޑު ފޯނު އަތުލާފައި ޝަހިދު ގާތުގައި ބުނީ ޝާހިދުގޮސް ދިވެހި ހައިކޮމިޝަން ބަލަހައްޓާށެވެ. މިހެން ބުނީ ސަމާސާއަކަށެވެ. އަދި އަޅުގަޑު ގޭގައި ގެންގުޅޭ ލަންކާ ސުޖާތާ ކިޔާ އަންހެން ކުއްޖަކާ ވެސް ވާހަކަދެއްކީމެވެ. އަޅުގަޑުގެ ކާރު ޝާހިދު ދުއްވަނިކޮށް އެކްސިޑެންޓްވި ވާހަކަ ބުންޏެވެ.

މިހާ ހިސާބުން އަޅުގަޑު ފޯނު ބާއްވާފައި އަނެއްކާވެސް ޕޯސްޓްއޮފީހާ ދިމާއަށް އަތިރިމައްޗަށް ނުކުތް އިރު ވަރަށް ގިނަ ގުރޫޕްގެ ލީޑަރުން ތިއްބެވެ. އޭގެތެރޭގައި ފާރޫގު، ބާބޫ، ސޭވަކޮޑި ތިއްބެވެ. މިހާހިސާބަށް ދިޔައިރު އަޅުގަޑުމެން މިކަން ރޭވިގޮތަށް ކާމިޔާބު ކުރެވުމުގެ އެއްވެސް އުއްމީދެއް ނެތްކަން އެގިއްޖެއެވެ. އަދި އަޅުގަޑުމެން ރާވާފައިވާ ސަރުކާރު ބަދަލު ކޮށްލުމުގެ މަސައްކަތް ކާމިޔާބު ނުވާ ހިސާބަށް ދިއުމުން އަޅުގަޑު ނާސިރަށް ގޮވާލާފައި ލޯންޗެއްލިބޭތޯ މަސައްކަތް ކުރުމަށް ބުނީމެވެ. އެއީ ކާމިޔާބު ނުވާގޮތް ވުމުން ކޮންމެހެން އެމީހުންގެ ތެރޭގައި ހުންނަން ބޭނުންނުވާތީއެވެ. ނަމަވެސް އަޅުގަޑު ލޯންޗެއް ހޯދަނީ ކީއްކުރަންކަން އެމީހުންނަށް އިހްސާސް ކުރެވިގެން އެމީހުން ދޫކޮށްލާފައި އަޅުގަޑު ގޮސްގެން ނުވާނެކަމަށް ބުންޏެވެ. އަދި އެމީހުން މިތަނަށް ގެނައީ އަޅުގަޑުކަމާ އެމީހުން ގެންގޮސްދޭން ޖެހޭނީވެސް އަޅުގަޑުކަމުގައި ބުންޏެވެ.

އަޅުގަޑު ފިލާން އުޅޭކަން އެމީހުންނަށް އެގުމާއެކު އަޅުގަޑުގެ ގާތަށް އެމީހުން ޖެހިލިއެވެ. އެވަގުތުން ފެށިގެން އެމީހުންނާ ވަކިން ފުރައިގެން އަޅުގަޑަށް ނުދެވޭނެކަން އެގުނެވެ. ނަމަވެސް ސޭވަކޮޑި، ކާނދިޕަން، ޖޫޖް، ކޭލްރާޖަން މި 4 މީހުން ގާތްގަޑަކަށް (3 ނޮވެމްބަރ ދުވަހުގެ 10:30 އާއި 11:00 އާއި ދެމެދުގެ ވަގުތެއްގައި ޓީ 52 ބޯޓުގައި ފިލައިގެން ދިޔައީއެވެ. ފާރޫގާއި ބާބޫ ގަސްދުކުރީ ރޭވީމާ "ވިތްޑްރޯ" ކުރުމަށެވެ. އަދި މިކަމަށް މަގުފަހިކުރުމަށްޓަކައި ބޮޑު ބޯތެއް ހޯދުމުގެ ނިޔަތުގައި ބާބޫ އާއި އަޅުގަޑާއި އާރާއާއި އަދިވެސް އިތުރު 4 މީހުން ދޯންޏަކަށް އަރައިގެން 01:30 ހާއިރު ބަނދަރު މައްޗަށް ނުކުތީމެވެ.

ބަނދަރު ބަލައިގެން އެންމެ ރަގަޅު ބޯޓެއް ކަމުގައި ފެނުނީ "ޕްރޮގްރެސްލައިޓް" އެވެ. މިހާހިސާބަށް ކަންތައް ދިޔައިރު އަޅުގަޑުމެން ދިން އުދުވާނީ ހަމަލާގައި ސިފައިންގެ މީހުންނާއި އާއްމުންގެ މީހުން މަރުވެފައިވާކަމާއި އަދި ސާޅީހަކަށް މީހުން ބަޑީގެ ހަމަލާއިން ޒަހަމު ވެފައިވާކަމާއި ސިފައިންގެ މަރުކަޒަށާއި އަދި ސަރުކާރުގެ އިމާރާތްތަކާއި މުދަލަށް ބޮޑެތި ގެއްލުންތައް ދެވިފައިވާކަމާއި ދިވެހިރާއްޖޭގެ އިސްލާމީ ޝަހުސިއްޔަތު ދައްކުވާދޭ އެންމެ ފުރިހަމަ އިމާރާތް ކަމުގައިވާ އިސްލާމީ މަރުކަޒުގެ ހުރުމަތްކަޑާ އެތަނަށްވެސް ބޮޑެތި ގެއްލުންތައް ލިބިފައިވާކަމާ މާލޭގެ ހުކުރު މިސްކިތައް ޤަޟާޙާޖާ ކޮށްފައިވާ އަދި މަސްޖިދުލްޒިކުރާއަށް އެދުވަހު މަޣުރިބު ނަމާދަށް މީހުން ޙާޟިރުވެފައިވަނިކޮށް ސަގަރު އަހުމަދު ނާސިރު އަރުވާ އިމާމު އަތުން މައިކު އަތުލައިގެން ޤާނޫނީ ގޮތުން އުފެދިފައިވާ ސަރުކާރާއިމެދު ރައްޔިތުންގެ ހިތުގައި ރުޅުވެރިކަން އުފައްދަން ދައުލަތާ އިދިކޮޅަށް އަހުމަދު ނާސިރު ލައްވާ ވާހަކަ ދެއްކުވިފައިވާކަން އަޅުގަޑަށް އެގިއްޖެއެވެ.

މިހާހިސާބަށް ކަންތައް ގޮސްފައިވަނިކޮށް އަޅުގަޑުމެން އަވަސްއަވަހަށް ހުރިހާ އެންމެން ޕްރޮގްރެސް ލައިޓަށްއަރާ ބޯޓްގެ ކެޕްޓަނާ ފަޅުވެރިން އެއްކޮށް ދެމީހުންނަށް ކިޔަމަންތެރިކަމާއެކު އަމަލުކުރުމަށް އެންގީމެވެ. އަދި އެއްގަމުން ހޯދައިގެން ބޯޓަށް ގެންނަންވީ މީހުންގެ ލިސްޓެއް އަޅުގަޑު ދިވެހި ބަހުން ލިޔެފާ ސަގަރު ނާސިރު ލައްވާ އެކަންކުރުވުމަށް ބާބޫ އާއި ހަވާލު ކުރީމެވެ. އެބޭޅުންނަކީ،

1.އޮނަރަބަލް އަލްފާޟިލް އަހުމަދު މުޖުތަބާ
2.އޮނަރަބަލް އަލްއުސްތާޛް މުހައްމަދު ޒާހިރު ހުސައިން
3.އޮނަރަބަލް އަލްފާޟިލް އަބްދުﷲ ޖަމީލް
4.އޮނަރަބަލް އަލްފާޟިލް ޢައްބަސް އިބްރާހިމް
5.އަލްފާޟިލް އިސްމާއިލް ނަސީރު
6.އަލްފާޟިލް ބަދުރުއްނަސީރުމިއެވެ.

ބޯޓަށް އައި ޕްލޮޓް މީހުންގެ ތެރެއިން ހަތިޔާރުއެޅި 4 މީހުން ބޯޓުގައި ތިބީއެވެ. އަޅުގަޑު އަތުގައި އޮތް ހަތިޔާރު ޖީ-3 ރައިފަލް އެތަނުން ހަތިޔާރު ނެތް މީހަކާ ހަވާލުކުރީމެވެ. އަދި ހަވީރު 04:40 ހާއިރު ދީނި އައިއިރު އަޅުގަޑުގެ ލިސްޓްގައި ނެތް ކިތަންމެ ބަޔަކު ގެނައެވެ.

އަޅުގަޑު ލިސްޓް ދިން ބޭފުޅުން ތެރެއިން ގެނެވުނީ ހަމައެކަނި އޮނަރަބަލް އަހުމަދު މުޖުތަބާ އާއި އިސްމާއިލް ނަސީރެވެ. އަޅުގަޑު ލިސްޓްގައި ލިޔެފައިނެތް ވަރަށް ގިނަ މީހުން ތިއްބެވެ. އޭގެތެރޭގައި ބަލި މީހުންނާއި އޮނަރަބަލް މުޖުތަބާގެ އަބިކަބަލުން އަބުރާ މާލޭ ފޮނުވުމަށް އާރާކައިރީ އަޅުގަޑު ބުނީމެވެ. ދޯނި އައިމާ ފޮނުވާނަމޭ ކިޔާފައިވެސް ނުފޮނުވިއެވެ.

އަޅުގަޑު ދެންދިޔައީ ކެޕްޓަން ކޮޓަރީގައި ތިއްބެވި އޮނަރަބަލް މުޖުތަބާ އާއި މުޖުތަބާގެ އަބިކަބަލުންނާއި އަދި އިސްމާއިލު ނަސީރުއާ ވާހަކަ ދެއްކުމަށެވެ. މުޖުތަބާއާއި ނަސީރު ގެނައީ އަޅުގަޑު އަންގައިގެންކަމުގައި ބުނީމެވެ. އެއީ މިހާރު ހިގަމުންމިދާ ހަގުރާމަ ސުލްހަވެރި ގޮތެއްގައި ނިންމާލެވޭތޯ ބަލާށެވެ. އަދި ސިފައިން ހަތިޔާރު ބަހައްޓާފައި ނުކުތުމަށް މުޖުތަބާ ސިފައިންގެއަށް އަންގަވާ ދެއްވުމަށް އަޅުގަޑު އެދުނީމެވެ.

(ނުނިމޭ)

ކިޔުންތެރިންގެ ހިޔާލު

9 ކޮމެންޓް

  1. ދޮން ކަލޯ

    ލުތުފީއަކީ ފިސާރި ކެރޭމީހެއް.... ލުތުފީ މިނިވަންވީމަ މިކަމުގައި ފޮރުވިފައިވާ ހަގީގަތް ފާޅުކޮއްދޭނެކަމަށް ހީކުރަން. 2015 ގެ އޮކްޓޯބަރ ފަހުކޮޅު ލަންކާގެ ހިއްކަޑުވައިން އަޅުގަނޑާއި ލުތުފީ ދިމާވި. ވިޔަފާރިއާއި ރާއްޖޭގެ ސިޔާސީ މަސްރަހުގެ ވާހަކަދެކެވުނު. އެދުވަހު ބުނި ނޮވެމްބަރު 3ގެ ހަމަލާއާއި ގުޅިގެން އިންގިރޭސިބަހުން ސާބިތު ހެކީގެ މައްޗައް ބިނާކޮށް ފޮތެއްލިޔުމުގެ މަސައްކަތް ފަށަން އުޅޭވާހަކަ. ހަބަރު ލިބިފައިވާގޮތުން މިފޮތް މިހާރުވަނީ ލިޔެ ނިމިފައި ޑިސްޓްރިބިއުޓް ކުރަންވެފައި. މިފޮތް އާމުންނާއި ހަމައަށް ލިބިގެން ދިއުމަކީވަރަށް މުހިންމުކަމެއްކަމުގައި ދެކެން...

    20
    66
    • ދޮން ހައްވަ

      މިކަހަލަ ބުރާންތިންވެސް ލައިގެން މި ރާއްޖެގަ ބޯހިމަނަން މިޖެހެނި. ކީއްކުރާނި. ލުތުފީ ލިޔާ ފޮތް ކިޔާބަލަ ކަލޭ. މަރުމޯލު

      54
      6
    • ވިސްނާ

      ބައްދަލުވުމުން، ތައުރީފާއި ޘަނާ ކިޔަން ލަދެއް ނުގަނޭތަ؟

      42
      6
    • ޢައިޝަތު

      ދެން ލުތުފީ ދައްކާ ވާހަކަ ޤބޫލު ކުާނެމީހަކު ނެތް... ކަލޭޔާ ކަލޭގެ އާއިލާއިން ލުތުފީ އަށް ސަނާ ކިޔާ،،،،
      މިހާދުސްވީމާ ކީއްވެ ތިފޮތެއް ނެރެން ތިއުޅެނީ...
      ތީ ތާ ރީހު އޮޅުވާލަން ސިއްކަ ފެމެލީން ކުޅޭ ގޭމެއް..
      ތި ފިލްމެއް ނުކުޅެވޭނެ...

      44
      3
    • އަހްމަދު

      ދޮން ކަލޯ ވެސް މިހިނމެނެނީ އޭނާ ފޮރުވައިގެން ގެންގުޅުނު މީހުންގެ ތެރޭގައިދޯ؟

      20
  2. ހުސޭނުބޭ

    ބާޣީ ލުތުފީގެ ބަޔާން: ލަންކާ އެންބަސީގައި ރަސްކަލެއްގެ އިއްޒަތުގައި އެތަކެއް ދުވަސްވަންދެން އުޅުނީ އިބްރާހީމް މުޙައްމަދު ޞާލިޙްގެ ފުރިހަމަ ބެލުމުގެ ދަށުން ......... މި ބައި ވަރަށް ކިޔާލަން ބޭނުން

    63
    9
  3. މުރުތައްދުއެލެކުސް

    މި ދޮންކަލޯ މީ އެލެކްސް އަހުމަދު - މުހައްމަދު ނަޝީދު. ވަގުތު ކަލޭމެންނަށް އިނގޭން މީކާކުކަން ބަލާލިމަ.....އޭނަ މިޓެރަރިސްޓް ކަލޭގެ ފޮރުވާ ކަންތައްކުރީ

    13
    1
  4. ލުތުފީ

    އަކީ ވަރަށް ބުއްދި ރަންގަޅު، ކެރޭ، ތަނަވަސް ހިޔާލުގެ ބޭފުޅެއް، ލުތުފީ މި ބަގާވާތުގަ ބައިވެރި ނުވިނަމަ ގައުމަށް މީނަގެ ބޭނުން ވަރަށް ބޮޑަށް ހިފުނީސް

  5. އޭ!!

    ބާކީ ބައި ކޮބައިތަ؟