ރާއްޖެ އަށް ކޮވިޑް-19 ގެ އެންމެ ނާޒުކު ދުވަސްވަރު، އާންމުންނަށް ނަސޭހަތްތެރިވުމުގައި އެއީ އެންމެ ބޮޑު ދައުރެއް އަދާ ކުރި ޑޮކްޓަރެވެ. ނެޝަނަލް އިމަޖެންސީ އޮޕަރޭޝަންސް ސެންޓަރު (އެޗްއީއޯސީ) އިން އާންމުކޮށް ކޮންމެ ރެއަކު ބާއްވާ ނޫސްވެރިންގެ ބައްދަލުވުންތަކުން ފެންނަ މޫނެކެވެ. ދިވެހިންގެ ސަމާލުކަން ދަމައިގަންނަ ފަދަ އިރުޝާދުތަކެއް ދެމުން އައި އައިޖީއެމްއެޗްގެ އެންމެ ދުވަސްވީ އެއް ޑޮކްޓަރެވެ.

ކޮވިޑް-19 ރާއްޖެއާ ބައްދަލު ކުރި ހިނދު، ދިވެހިންނަށް އެ ބަލީގެ މައުލޫމާތާއި އަދާހަމަތައް ފޯރުކޮށްދިނީ ކޮވިޑް-19 އާ ދެކޮޅަށް ހަނގުރާމަ ކުރަން ނުކުތް ހީވާގި ޑޮކްޓަރުންނެވެ. ދަރުބާރުގޭގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުންތަކުގެ ޒަރިއްޔާ އިން ރައްޔިތުންނަށްޓަކައި ކޮވިޑް-19 ގެ މައުލޫމާތުތައް ބަންޑުންކޮށްލެއްވުމަށް ޑޮކްޓަރުން ކުރެއްވި މަސައްކަތަކީ އެ ހައްސާސް ދަނޑިވަޅުގައި އެ ބޭފުޅުން ކުރެއްވި މިންނެތް މަސައްކަތެކެވެ.

ތ. ކަނޑޫދޫ އަށް އުފަން ޑރ. މޫސާ މުރާދަކީ މިއަދު ދިވެހިންނަށް ހިދުމަތް ކުރުމުގައި އިސް ސަފަށް ނުކުތް ޑޮކްޓަރެކެވެ.

ކޮވިޑް-19 އަކީ މުޅި ދުނިޔެއަށް ވެސް މުޅިން އާ ބައްޔަކަށް ވުމާއެކު އެ ބަލީގެ ދިރާސާތައް ކުރެވިފައި ނެތުމާއި، އެ ބައްޔަށް ބޭހެއް ހޯދިފައި ނުވާތީ އެތައް ގޮންޖެހުމެއް ޑޮކްޓަރުންނާ ދިމާވިއެވެ. ނަމަވެސް ގައުމަށް ދިމާވި ސިއްޚީ ކާރިސާގެ ވަގުތުގައި ގައުމުގެ އައްޑަނަ ކަމަށް ވެވަޑައިގެންނެވި ފަޚުހުރުވެރި ޑޮކްޓަރުންގެ ޓީމުގައި ޑރ.މުރާދުވެސް ހިމެނިވަޑައިގަންނަވައެވެ.

ކޮވިޑް-19 އާއި ގުޅިގެން ޑރ.މުރާދު ނޫސްވެރިންނަށް ނޫސްވެރިން އަށް މައުލޫމާތު ދެއްވަނީ؛- ވަގުތު އިމޭޖަސް- މުހައްމަދު އަފްޒަލް

ދިވެހިންނަށް ޑރ.މުރާދުގެ ނަން މިހާ އާއްމުކޮށް އިވިގެންދިޔަ ފަހަރަކީ މި ފަހަރު ކަމަށްވީ ނަމަވެސް ކޮވިޑް-19 ގެ ބަލިމަޑުކަމުގައި ޑރ.މުރާދު ކުރެއްވި ޚިދުމަތަކީ ޚިދުމަތުގެ ފޮތުން އެއް ސޮފްހާއެވެ.

ކޮވިޑް-19 ގެ ތަޖުރިބާ "ވަގުތު" އާ ޚިއްސާކުރައްވަމުން ޑރ.މުރާދު ވަނީ އެ ބަލީގެ އެންމެ ސައްހަ މައުލޫމާތު ނޭނގުމަކީ ދިމާވި ވަރަށް ބޮޑު ގޮންޖެހުމެއް ކަން ފާހަގަ ކުރައްވައިފައެވެ.

" އާ ބައްޔެއްވީމަ، މައުލޫމާތު ވެސް އެހާ ސާފެއް ނޫން. ގައިޑްލައިނެއް ނެތް. މުޅި ދުނިޔެއަށް ދިމާވި ކަމެއް މިއީ. ވަރަށް ގިނަ އެހެން ކަންކަން ހުއްޓާލަން ޖެހޭ ގޮތަށް އައީ. މިކަމުގައި އުޅެމުން ވަރަށް ގިނަކަންކަން ދަސްވެ، ތަޖުރިބާ ވެސް ލިބިއްޖެ." ޑރ.މުރާދު ވިދާޅުވިއެވެ.

އުމުރުން 44 އަހަރުގެ ޑރ.މުރާދައަކީ ފާއިތުވި 15 އަހަރު ދުވަހު ސިއްހީ ދާއިރާއަށް ޚިދުމަތްކުރެއްވުމުގައި މެދު ނުކެނޑި ހޭދަކުރެއްވި މުރާލި ޑޮކްޓަރަކަށް ވާއިރު، އޭނާއަކީ ދިވެހި ޤައުމު އެދިގެން ގޮވާލި ކޮންމެ ވަގުތަކު އެކަމަށް އިޖާބަދީ ގައުމަށް ޚިދުމަތްކުރުމަށް ނުކުންނެވި، މުޅި ގައުމު އެ ޝަހުސަކާއި މެދު ފަޚުރުވެރިވުން ހައްގު ބޭފުޅެކެވެ.

އެގޮތުން 2004ގެ ސުނާމީ ކާރިސާގައި ކުރެވުނު ތަޖުރިބާއަކީ ޑ.މުރާދު ވިދާޅުވި ގޮތުގައި ހަނދާނުން ފިލުވާލަން ދަތި ތަޖުރިބާއެކެވެ. މީގެ އިތުރުން ސެޕްޓެމްބަރު 19، 2003 ވަނަ އަހަރު މާފުށި ޖަލުގައި ހިނގާދިޔަ ހަމަނުޖެހުންތަކާ ގުޅިގެން ބަޑި ޖެހުމުގެ ހާދިސާ ހިނގައި ދިޔަ ހާދިސާއަކީވެސް އެހާމެ ހަނދާނުން ފިލުވާލަން ދަތި ކަމެއްކަން ޑރ.މުރާދު ވަނީ ފާހަގަކުރައްވާފައެވެ.

" ވަރަށް ގިނަ ތަންތަނަށް ގޮސް ވަރަށް އެހެން ކަހަލަ ތަޖުރިބާތަކެއް ކުރަން ޖެހުނު ދުވަސްތަކެއް އެއީ. ދެން އޭގެ ފަހުން އެދިޔަ، ދުވަސްކޮޅުތަކުގެ ތެރޭގައި. އަޅުގަނޑުމެން ގޮސް ޖަލުގައި ޕޯސްޓްހަދާ، އެ ހިނގައި ދިޔަ ކަންތައްތަކަކީ ވަރަށް މެމޮރެބްލް ކަންތައްތަކެއް." ޑރ.މުރާދު ވިދާޅުވިއެވެ.

"އުންމީދު ކަނޑާލާ ހިސާބަށް ގޮސްފައި ތިބޭ މީހުން ފަރުވާއިން ރަނގަޅުވެގެން ދިޔައީމަ ވަރަށް އުފާވޭ. ވަރަށް ދެރަވޭ ޒުވާން އުމުރުގައި މީހުން މަރުވީމަ. ފަރުވާ ކުރާ މީހުން ކުރިމަތީގައި ނިޔާވާ ކޮންމެ ފަހަރަކުވެސް ދެރަވޭ. ޑެންގީ ހުން ފެތުރޭ ފަހަރު ޅަ އުމުރުގެ މީހުން ދުނިޔެ ދޫ ކުރީމަ ވަރަށް ދެރަވާ ވަގުތުތަކެއް އެއީ،"

ސިއްހީ ދާއިރާ އިން 1996 ވަނަ އަހަރު ތައުލީމް ހާސިލް ކުރައްވަން ފެއްޓެވި ޑރ.މުރާދު އެމްބީބީއެސް ފުރިހަމަކުރައްވާ ސިއްޚީ ދާއިރާ އަށް ޚިދުމަތްކުރައްވަން ފެއްޓެވީ 2003 ވަނަ އަހަރެވެ. އެ ހިސާބުން ފެށިގެން އައިޖީއެމްއެޗްގައި ބަލި މީހުންނަށް ޚިދުމަތް ކުރެއްވުމުގައި އޭނާ ދެއްކެވީ ނަމޫނާ ހިތްވަރެކެވެ.

އޭގެ ފަހުން 2007 ވަނަ އަހަރު ފިޒީޝަންއެއްގެ ގޮތުގައި ތަމްރީންވާން ޑރ.މުރާދު ވަނީ ފައްޓަވައިފައެވެ. އެގޮތުން ފިޒީޝަންއެއްގެ ގޮތުގައި ތަމްރީނުވެވަޑައިގެން 2010 ވަނަ އަހަރު ޚިދުމަތަށް ނުކުންނެވި ޑރ.މުރާދު ވަނީ ސްޕެޝަލިސްޓެއްގެ ގޮތުގައި ވެސް 10 އަހަރު ބުރަ މަސައްކަތްތަކެއް ކުރައްވައިފައެވެ.

އައިޖީއެމްއެޗްގެ މެޑިކަލް ވޯޑާއި، އައިސީޔޫގައި ވެސް ޚިދުމަތްކުރައްވާފައިވާ ޑރ.މުރާދު ގަބޫލުކުރައްވާ ގޮތުން އޭނާ އަށް ލިބޭ އެންމެ ބޮޑު ކުރިއެރުމަކީ ބަލި މީހުންނާއި، ބަލި މީހުންގެ އާއިލާއިން ބަލައިގަންނާނެ ފަދަ ޚިދުމަތްތަކެއް ކުރެވިފައިވާކަމުގެ އިޙުސާސްކުރެވުމެވެ.

"ބަލި މީހުންނާ ޑީލްކުރުމުގައި ވަރަށް ގިނަ ތަޖުރިބާ ކުރެވިއްޖެ. އިރާދަކުރެއްވީތީ ވަރަށް ގިނަ މީހުން ބަލައިގަނޭ، އަޅުގަނޑުގެ ޚިދުމަތް ނޫނީ ކޮށްދޭ ކަންކަން. އަނެއްހެން ހިތްހަމަނުޖެހިގެން އެއްޗެއް ބުނި މީހަކު ވަރަށް ދިމާވެފައި ނެތް. އަޅުގަނޑު ދެކޭ ގޮތުގައި އެއީ އެންމެ ބޮޑު ހިތްހަމަޖެހުމަކީ." ޑރ.މުރާދު ވިދާޅުވިއެވެ.

ޑރ.މުރާދު އާންމުކޮށް މަސައްކަތު ދުވަހެއްގައި ގާތްގަނޑަކަށް 12 ގަޑިއިރަށް ވުރެ ގިނަ ވަގުތު މަސައްކަތުގައި ހޭދަ ކުރައްވަން ޖެހިވަޑައިގަންނަވާ އިރު، ޑރ.މުރާދު ވިދާޅުވީ އާއިލާ އަށް ވަގުތު ހުސްކުރައްވަނީ ހަފްތާ ބަންދާއި ދިމާކޮށް ކަމަށެވެ.

" އާއްމުކޮށް މަސައްކަތް ކުރާ ދުވަހަކު ވަރަށް ގިނަ ވަގުތު ހޭދަވޭ. އެހެންވީމަ ބަލަނީ ހަފްތާ ބަންދު އާއިލާ އަށް ހުސްކުރެވޭތޯ." ޑރ.މުރާދު ވިދާޅުވިއެވެ.

ސިއްޚީ ދާއިރާއަށްޓަކައި ޑރ.މުރާދު ކުރައްވާ ފޮނި އުންމީދަކީ އެކަށީގެންވާ ތަމްރީނާއި ތަޖުރިބާ ލިބިފައިވާ ދުނިޔޭގެ ފެންވަރުގައި ފަވާލެވޭ ފަދަ، ދާއިރާ އާއި ދޯޅު ދިވެހި ޑޮކްޓަރުންތަކެއް އުފެދިގެން އައުމެވެ. އަދި ސިއްހީ ދާއިރާގެ މުސްތަގްބަލް ފަރުމާކުރެއްވުމުގައި ވެސް ޑރ.މުރާދު ހޭދަކުރައްވަނީ ފާހަގަކޮށްލަންޖެހޭ ފަދަ މުހިންމު ދައުރެކެވެ.

އެގޮތުން އައިޖީއެމްއެޗްގެ ޑޮކްޓަރުން ތަމްރީނު ކުރުމުގައި މިހާރުވެސް މުދައްރިބެއްގެ ހައިސިއްޔަތުން ޑރ.މުރާދު ބައިވެރިވެވަޑައިގަންނަވައެވެ. އަދި ނަރުހުންނާއި އެހެނިހެން ފަރާތްތަކަށް ތަމްރީނު ދިނުމުގެ މަސައްކަތް ވެސް ކުރިއަށް ގެންދަވައެވެ.

މި ދާއިރާއަށް ނުކުންނަވަން ބޭނުންވާ ފަރާތްތަކަށް ޑރ.މުރާދުގެ ނަސޭހަތަކީ މި ދާއިރާއަކީ ގިނަ ވަގުތުތަކެއް އާއިލާ އާއި ރަހުމަތްތެރިންނާ ދުރުގައި ހޭދަ ކުރަން ޖެހޭ ދާއިރާއަކަށް ވުމުން އެކަމަށް ތައްޔާރު ވެގެން ނުކުތުމެވެ.

އަދި ބަލިވާ ވަގުތަކީ މީހާއަށް އެހެން މީހުންގެ އަޅާލުމާއި އޯގާތެރިކަން ބޭނުންވާ ވަގުތަކަށް ވާތީ، ބަލި މީހުންގެ އިހުސާސްތައް ދެނެގަތުމަކީ ރަނގަޅު ޑޮކްޓަރަކަށް ވުމަށް ނުހަނު މުހިންމުކަމެއްކަމަށް ވެސް ޑރ.މުރާދު ފާހަގަކުރައްވައެވެ.

 

ކިޔުންތެރިންގެ ހިޔާލު

3 ކޮމެންޓް

 1. ފައި

  ޑޮކްޓަރ މޫސާމުރާދަކީ އަޙުލާގު ރަގަޅު، ގައުމަށް ޙިދުމަތްކުރުމުގައި ލާމަސީލު ނަމޫނާ ޑަކްޓަރެއް. ވަރަށް މަދުވާނެ ޑޮކްޓަރ މުރާދު ކަހަލަ ޙިދުމަތްތެރި ބޭފުޅުން .

  36
 2. ގެރި

  މި އެޗްޕީއޭގަ އުޅޭ އެންމެނަކީ ގައުމަށްޖެހިފަ އޮތް ބޮޑު ބަލާވެރިކަމެއް

  5
  7
 3. ވަހީދާ

  ޑރ.މުރާދުއަކީވަރަށްހިތްހެޔޮއަޚްލާގުރަގަޅު ބޭފުޅެއް. މިކަހަލަޤަވުމަށްއަގުހުރި ޚިދުމަތް ތެރި ބޭފުޅެއްގެވާހަކަނޫހަކުން ގެނެސް ދިނަސްކޮމެންޓްއެއްކޮށްލެވޭބޭފުޅުންވަރަށް މަދުކަމަށްފާހަގަކުރެވޭ. ޢަޅުގަނޑުގެ ދުޢާ އަކީތިޔަޚިދުމަތްތެރިޔާއަށްއިތުރުކުރިއެރުމާއި ބާއްޖަވެރިކަންމާތްﷲމިންވަރުކޮށްދެއްވުން.. އާމީން