ކޮންމެ ޤައުމެއްގައިވެސް އެ ޤައުމެއްގެ ރައްޔިތުން ޢަމަލުކުރާ އުޞޫލީ ޤާއިދާތަކެއް އެކުލެވި، އެ ޤައުމެއްގެ ރައްޔިތުން މައިގަނޑު ގޮތެއްގައި ޤަބޫލުކުރާ، "ފަންޑަމެންޓަލް ވެލިއުސް"ތަކެއް ރަމްޒުކޮށްދޭ އަސާސީ ޤާނޫނެއްވާނަމަ، އެއަށް އަޅުގަނޑުމެން ޤާނޫނު އަސާސީ ނުވަތަ "ކޮންސްޓިޓިއުޝަން"އޭ ކިޔާ އުޅެމުއެވެ. އެ ޤާނޫނަކީ ދަޢުލަތުގެ އިންތަކާއި މިންތައް ކަނޑައަޅައި ، ރައްޔިތުންގެ ހައްޤުތަކާއި ވާޖިބު ބަޔާންކުރާ، ޤާނޫނުގެ ޙުކޫމަތާއި، ޤައުމުގެ އިސްތިޤުލާލު ޤާއިމުކުރާ ޤާނޫނަކަށްވެއްޖެނަމަ، އެއަށް ޚާއްޞަ މަޤާމެއްދީ، ޤައުމުގެ ބާކީ ހުރިހާ ޤާނޫނަކަށްވުރެ އިސްކޮށް، އެއަށް އަޅުގަނޑުމެން ޤާނޫނު އަސާސީ އޭ ކިޔަމުއެވެ.

1932 ވަނަ އަހަރުގެ ޤާނޫނު އަސާސީގައި، ދިވެހި ދަޢުލަތަކީ ވިރާސީ އަދި އިންތިޚާބީ ރަސްކަމެއްގެ ގޮތުގައި ބަޔާންކޮށް ކަނޑައަޅާފައިވެއެވެ. 1953ވަނަ އަހަރު، މުޙައްމަދު އަމީންދީދީގެ ޒަޢާމަތުގައި ފާސްކުރެވުނު ޤާނޫނު އަސާސީގައި، ދިވެހިރާއްޖެއަކީ ޖުމްހޫރިއްޔާއެއް ކަމުގައި ލިޔެވިގެންދިޔައެވެ. 2008ވަނަ އަހަރު ފާސްކުރެވުނު ޤާނޫނު އަސާސީން، ދިވެހިރާއްޖޭގައި ހިނގާނީ، ޒަމާނީ، ދީމިޤްރާތީ އަދި ޖުމްހޫރީ ވެރިކަމެއްގެ ގޮތުގައި ފުރަތަމަ ފަހަރަށް ކަނޑައެޅިގެންދިޔައެވެ.

ރައީސް މުޙައްމަދު އަމީންގެ ވެރިކަމުގައި ވެސް ސިޔާސީ ޕާޓީތައް ވުޖޫދުގައި ވިއެވެ. އެގޮތުން މުޙައްމަދު އަމީނަކީ، ދިވެހި ރައްޔިތުންގެ "މުތަޤައްދިމު ޕާޓީ"ގެ ވެރިކަން ކުރި ރައީސެއް ކަމުގައިވެއެވެ. އަމީންދީދީގެ ވެރިކަން ވެއްޓުމާއި ވިދިގެން ސިޔާސީ ޕާޓީތައް އުވިގެންދިޔައެވެ. ނަމަވެސް 21ވަނަ ޤަރުނުގެ ތެރޭގައި ދިވެހި މުޖުތަމަޢަށް ސިޔާސީ ޕާޓީތައް އަނެއްކާވެސް ތަޢާރަފްވެ، ސިޔާސީ ޕާޓީތަކުގެ ވާހަކަ ފާޅުގައި ދައްކަން ފެށިއެވެ. 2008ވަނަ އަހަރުގެ ޤާނޫނު އަސާސީއާ ހަމައަށް އަޅުގަނޑުމެން ވާސިލްވާންޖެހުނު އިޖްތިމާޢީ އަސާސްތައް އަޅުގަނޑުމެން ދެނެގަންނައިރު، 2000ވަނަ އަހަރުން ފެށިގެން، އެ މަސައްކަތް އައީ ފާޅުކަން ބޮޑު ގޮތެއްގައި ކުރަމުންނެވެ.

2000 ވަނަ އަހަރުން ފެށިގެން އެކި ގޮތްގޮތަށް އެކި ފަރާތްތަކުން، ދިވެހި ރާއްޖޭގައި ރޭވިގެން ހިންގާ ވާދަވެރި ސިޔާސީ ހަރަކާތްތައް ހިންގުމަށާއި، ސިޔާސީ ޕާޓީތައް ރަޖިސްޓްރީ ކުރުމަށް އެދި އެތައް ގޮތަކަށް މަސައްކަތް ކުރިއެވެ. ނަމަވެސް އޭރުގެ ސަރުކާރުން މިކަމަށް ފުރުޞަތުތަކެއް ފަހިކޮށެއް ނުދިނެވެ. ކަންމިހެން ހިނގަމުންގޮސް، 2003ވަނަ އަހަރު މާފުށީ ޖަލުގައި، ޖަލު ބަލަހައްޓަން އޭރުތިބި އޮފިސަރުންގެ ބަޔަކު 18 އަހަރުގެ ޒުވާނަކަށް އަނިޔާކޮށް، މަރާލިކަމުގެ ޚަބަރުތައް ތިލަވިއެވެ. އެ ޚަބަރާއިއެކު މާފުށީ ޖަލުގައި މުޒާހަރާކޮށް އިތުރު ތިން މީހަކު މަރުވެ، ވެރިކަންކުރާ މާލެތެރެއަށް މުޒާހަރާ ބަންޑުންވެގެންދިޔައެވެ. އެއަށްފަހު 2003ވަނަ އަހަރުގެ ނޮވެމްބަރ މަހު، ދިވެހި ފަސްގަނޑުގައި ރަޖިސްޓްރީ ކުރުމުގެ ހުއްދަ ނުލިބުމުން، ކޮޅުނބުގައި ރަޖިސްޓްރީކޮށް އިފްތިތާޙު ކުރެވުނު، މޯލްޑިވިއަން ޑިމޮކްރަޓިކް ޕާޓީ ވުޖޫދަށް ގެނެވުނީ، ފަހުގެ ތާރީޚެއްގައި ދިވެހި ރާއްޖޭގައި އުފަންކުރެވުނު އެންމެ ފުރަތަމަ ސިޔާސީ ޕާޓީގެ ގޮތުގައެވެ.

އުފެދުނު ސިޔާސީ ހަލަބޮލިކަން 2004ވަނަ އަހަރާއި ހަމައަށް ދިގުދެމިގެންގޮސް، އެ އަހަރުގެ އޮގަސްޓް މަހު އަނެއްކާވެސް މުޒާހަރާތައް އިތުރުވެ ވެރިކަންކުރާ މާލެ އަނެއްކާވެސް ހަލަބޮލިވެގެންދިޔައެވެ. އެއަށްފަހު ސިޔާސީ ޕާޓީތައް ޤާނޫނީ ގޮތުން ދިވެހިރާއްޖޭގައި ހުއްދަކުރެވި، އޭގެމައްޗަށް ބުރަވެ، މުޅިން އަލަށް ރައްޔިތުންގެ ޙާއްޞަ މަޖިލީހެއް އިންތިޚާބުކޮށް، މުޅިން އައު ޤާނޫނު އަސާސީއެއް އެކުލަވާލުމުގެ މަސައްކަތް، އޭރުގެ ރައީސް މަޢުމޫނު ޢަބްދުލް ޤައްޔޫމުގެ ޒަޢާމަތުގައި ފެށިގެންދިޔައެވެ. މިގޮތުން އެކުލަވާލި ޙާއްޞަ މަޖިލީހުގެ މަސައްކަތްތަކުގެ ތެރެއިން 2007ވަނަ އަހަރު، ދިވެހި ސަރުކާރު ހިންގާނީ ބަރުލަމާނީ ނުވަތަ ރިޔާސީ ނިޒާމަކުންތޯ އަހައި، އާއްމުންގެ ޚިޔާލު ހޯދުމުގެ ރިފަރެންޑަމްއެއް ދިވެހިރާއްޖޭގައި ބޭއްވުނެވެ. އޭރު ވޯޓުލުމުގެ ހައްޤު ލިބިފައިވާ ފަރާތްތަކުގެ 78 އިންސައްތަ ޓާންއައުޓާއިއެކު، ދިވެހިންގެ 62 އިންސައްތައިން ނިންމީ، ދިވެހި ރާއްޖޭގައި އޮންނަން ފެންނަނީ، 1953ވަނަ އަހަރު ބިންގާ އެޅުނު ރިޔާސީ ނިޒާމު ކަމަށެވެ. އަޅުގަނޑުމެންގެ މި ޤާނޫނު އަސާސީ ވުޖޫދަށް އައީ އެ ޤާނޫނު އަސާސީ ޑްރާފްޓްކޮށް ފާސްކުރުމަށް އިންތިޚާބު ކުރި މަޖިލީހުގެ 4 އަހަރުގެ މަސައްކަތަށްފަހު، ދިވެހިރާއްޖޭގައި އެންމެ ފުރަތަމަ ފަހަރަށް، ވާދަވެރި ސިޔާސީ ފިކުރު ހިމެނިގެން މަލްޓި ޕާރޓިޒަން އުޞޫލުންނެވެ. ނަޖީތާއަކަށްވީ، ޒަމާނީ، ފަރުދީ މިނިވަންކަމާއި، ޑިކޮމްރަސީގެ ސިފަތަކާއިއެކު، ލާމަރުކަޒީ އުޞޫލުން އިދާރީ ދާއިރާތައް ހިންގައި، ޖުމްހޫރީ ވެރިކަމަކަށް ޖާގަދޭ ޤާނޫނު އަސާސީއެއް އަޅުގަނޑުމެންނަށް ލިބިގެން ދިއުމެވެ.

"ފެހި" ޤާނޫނު އަސާސީއަށް ޢަމަލު ކުރަން ފެށިފަހުން 12 އަހަރުވީއެވެ. އައު ޤާނޫނުލްއުޤޫބާތު ވުޖޫދުވިފަހުން 6 އަހަރުވީއެވެ. ޖިނާޢީ އިޖުރާޢަތުގެ ޤާނޫނަށް ޢަމަލުކުރަމުން އަންނަތާ، 4 އަހަރަށްވުރެ ގިނަވީއެވެ.

ދައްކަން މިއުޅެނީ މި ހުރިހާ ޤާނޫނަކުން ވެސް ހައްލު ނުލިބުނު ކަމެއްގެ ވާހަކައެވެ. 2008ވަނަ އަހަރު ވުޖޫދަށްގެނެވުނު ޤާނޫނު އަސާސީން ތިންބާރު ވަކިވެ، ވެރިކަން ހިންގުމުގެ ބާރާއި، ޤާނޫނު ހެދުމުގެ ބާރާއި، ޢަދުލު އިންސާފު ޤާއިމުކުރުމުގެ ބާރު، މިނިވަން މުސްތަޤިއްލު ގޮތެއްގައި ހިނގަން ދުސްތޫރީ ނިޒާމުގެ ތެރެއިން މަގުފަހިވެގެން ދިއުމުން، ޒަމާނުންސުރެ ރާއްޖޭގެ ޢަދުލުގެ ނިޒާމުގައި ހުރި "ދޯހަޅި" އެތައް ކަމަކަށް ހައްލު ލިބިގެންދާނެ ކަމަށް ގިނަ ބަޔަކަށް ޤަބޫލުކުރެވުނެވެ.

"ވާނުވާ" މުރާޖާ ކުރުމަށް ގެނެވުނު އިސްލާޙު

"ވާނުވާ"އޭ ބުނަނީ ވާންވިގޮތެއް، ވާނެގޮތެއް ނޭނގޭތީއެވެ. ޝަރީޢަތް ކުރިއަށްދާކަމެއް ނުދާކަމެއް "މުއްތަޙަމަށް" ނޭނގޭތީއެވެ. އެތައް ޕްރޮސެކިއުޓަރ ޖެނެރަލެއް ތަޖުރިބާކުރެވިއްޖެއެވެ. ސިޔާސީވެރިން ވެސް މި ވާހަކަތައް އެކިއެކި ޕޯޑިއަމްތަކުގައި އެކި ގޮތްގޮތަށް ދައްކައިފިއެވެ. އެއްބަޔަކަށް މިއީ ސިޔާސީ ބަދަލު ހިފުމެކެވެ. އަނެއް ބަޔަކަށް މިއީ މުޅި އިންސާނީ ނަސްލު ލަދުގަންނަން ޖެހޭފަދަ ލާއިންސާނީ ޢަމަލެކެވެ.

ރާއްޖޭގެ މިހާރުގެ ޕީޖީ، އަލްއުސްތާޒު ޙުސައިން ޝަމީމް އެ މަޤާމާއި ހަވާލުވެވަޑައިގެންނެވި އެއްމަޤްޞަދަކީ، "ވާނުވާ"އަށް ހައްލެއް ހޯދުންކަމަށް އެމަނިކުފާނު ތަކުރާރުކޮށް ވިދާޅުވިއެވެ. ޓީވީގެ އެކިއެކި ޕްރޮގްރާމުތަކުގައްޔާއި، އެކި ފޯރަމްތަކުގައި އެކަމަށް ޙައްލެއް ހޯދުމަށް ވަކާލާތުކުރެއްވިއެވެ. ޤާނޫނީ ގޮތުން އެކަމަށް ޙައްލެއް ހޯދުމަށް ޤާނޫނުތަކަށް ގެންނަންޖެހޭ އިޞްލާޙުތަކާއި، ޤާނޫނު އަސާސީގެ ދެވަނަ ބާބުން ކަށަވަރުކޮށްދީފައިވާ އެންމެހާ ހައްޤުތައް ނުގެއްލޭނެގޮތަށް، ކުށުގެ ތުޙުމަތުގައި ހައްޔަރުކޮށްފައިވާ މީހުންނާއި ދޭތެރޭ ޢަމަލުކުރާނެ ގޮތްތައް ރާވައި އިންތިޒާމުކުރާނެ ގޮތުގެ ޚިޔާލާ މަޝްވަރާ، ކަމާއި ގުޅުންހުރި ފަރާތްތަކާއި ޙިއްސާކުރެއްވުމުގައި ވަގުތު ހޭދަކުރެއްވިއެވެ. "ވާނުވާ"އަށް ޙައްލެއް ހޯދުމަށް އެންމެ ބޮޑު މަސައްކަތެއް ކުރެވޭނީ ރައްޔިތުންގެ މަޖިލީހަށްކަމަށާއި، ޖިނާޢީ އިޖުރާޢަތަށް އިސްލާޙު ގެންނަން ޖެހޭކަމަށް ހަރު އަޑުން ވިދާޅުވެ މެމްބަރުންނަށް ލޮބީ ކުރެއްވިއެވެ. ނަތީޖާއެއްގެ ގޮތުން، ޖިނާޢީ އިޖުރާޢަތުގެ ޤާނޫނުގެ 60ވަނަ މާއްދާ ރައްޔިތުންގެ މަޖިލީހުން އިސްލާޙު ކުރިއެވެ.

"މި މާއްދާގެ (ށ) ނުވަތަ (ކ)ގެ ދަށުން ޝަރީޢަތް ނިމެންދެން މީހަކު ބަންދުގައި ބަހައްޓަން ފަނޑިޔާރު ނިންމަވައިފިނަމަ އެ ނިންމުން ކޮންމެ 30 ދުވަހަކުން މުރާޖާކުރަންވާނެއެވެ. އަދި އޭނާ އިތުރަށް ބަންދުގައި ބަހައްޓަންޖެހޭ ސަބަބެއް އޮތްތޯބެލުމަށްޓަކައި، އޭނާ ހައްޔަރުކޮށްފައިވާ ފަރާތުން އޭނާ ކޯޓަށް ހާޟިރުކުރަންވާނެއެވެ." މިއީ ޖިނާޢީ އިޖުރާޢަތުގެ ޤާނޫނުގެ 60ވަނަ މާއްދާގެ (ވ)އަށް ގެނެވިފައިވާ އިސްލާޙެވެ.

300 މީހުން "ވާނުވާ" ގައި

މިއީ ޑިސެމްބަރ 27 ވީ އާދިއްތަ ދުވަހު ދިވެހިރާއްޖޭގެ ސްޕްރީމް ކޯޓުގައި ކުރިއަށްދިޔަ ޝަރީޢަތުގެ މަޖިލީހުގައި ފަނޑިޔާރު ހުސްނުއްސުޢޫދު ކުރެއްވި ސުވާލެއްގެ ޖަވާބު ދެއްވަމުން، "ވާނުވާ"ގައި ތިބި މީހުންގެ އަދަދުކަމަށް ޕީޖީގެ ވަކީލް ވިދާޅުވި އަދަދެވެ. 300 މީހުން "ވާނުވާ"ގައި ތިބިކަމާއި، ޖިނާޢީ އިޖުރާޢަތުގެ ޤާނޫނަށް ގެނެވުނު ތިންވަނަ އިޞްލާޙުގައިވާ ގޮތުގެމަތިން އެ ފަރާތްތަކުގެ ބަންދު މުރާޖާކޮށްދިނުން އެދި އެ މައްސަލަ ބައްލަވާ ކޯޓުތަކަށް ސިޓީއަކުން ދަންނަވާފައިވާކަމަށް ވިދާޅުވިއެވެ. ޖިނާޢީ އިޖުރާޢަތުގެ ޤާނޫނުގެ 60ވަނަ މާއްދާގެ (ވ)އަށް ގެނެވުނު އިސްލާޙުގައިވާ ގޮތުން، އެ މާއްދާގެ ނައްޞަށް ބެލުމުން ދެ ކަމެއް ސާފުވާން އެބަ އޮތެވެ.

ފުރަތަމަ ކަމަކީ، ޝަރީޢަތް ނިމެންދެން ބަންދުކޮށްފައިވާ މީހުންގެ ބަންދު ކޮންމެ 30 ދުވަހަކުން މުރާޖާކުރުމެވެ. ދެވަނަ ކަމަކީ، އެމީހަކު އިތުރަށް ބަންދުގައި ބަހައްޓަންފެނޭތޯ ނުވަތަ ނޫންތޯ ކަނޑައެޅުމެވެ. އެކަން ކުރަން މިޖެހެނީ އެމީހަކު ހައްޔަރުކުރި ފަރާތުންނެވެ. ދެން އުފެދޭ ސުވާލު އަދި މާ ބޮޑެވެ. މުރާޖާކުރުން "ވާނުވާ"ގައޭ ދަންނަވަން މި ޖެހެނީ މިހާ ހިސާބުންނެވެ.

އެންމެ އާދައިގެ މީހާއަށް ވެސް ފަހުމުވާ ގޮތަށް ދަންނަވާލަމާތޯއެވެ. ޖިނާޢީ ހުރިހާ މައްސަލަތަކެއްގައި ދަޢުވާ އުފުލާ ފަރާތަކީ ދިވެހިރާއްޖޭގެ ޕްރޮސެކިއުޓާރ ޖެނެރަލެވެ. ކޯޓަށް މައްސަލަ ހުށަހަޅައި، އެމީހަކާއި ދެކޮޅަށް ދަޢުވާ ހުށަހަޅަނީ ވެސް ޕީޖީންނެވެ. ބަންދުކޮށްދިނުމަށް އެދެނީ ވެސް ޕީޖީންނެވެ. ޕީޖީގެ އެދިލެއްވުމާއި ގުޅިގެން މައްސަލައިގެ ވަށައިގެން ހުރި ހުރިހާ ކަންކަމަށް ބެލުމަށްފަހު، ޤާނޫނުތަކާއި ކަމާއި ގުޅިގެން ހެދިފައިވާ ޤަވާއިދުތަކާއި ހަވާލާދީ އެމީހަކު ޝަރީޢަތް ނިމެންދެން ބަންދު ކުރަނީ އެ މައްސަލަ ބަލާ މަޢުޟޫޢީ ފަނޑިޔާރެވެ. ޝަރީޢަތް ނިމެންދެން ބަންދު ކުރުމަށް މީހެއްގެ މައްޗަށް ޢަމުރެއް ނެރުމުން، އެ ޢަމުރުގައިވާ ގޮތުގެ މަތިން އެމީހަކު ރިމާންޑް ޖަލެއްގައި ބަންދުކޮށް، އެމީހަކު ބަލަހައްޓަނީ މޯލްޑިވްސް ކަރެކްޝަނަލް ސާރވިސަސްއިންނެވެ. އިސްލާޙުކޮށްފައިވާ މާއްދާގައި ޢިބާރާތް ގެންނަވާފައިވަނީ، "އޭނާ ހައްޔަރުކޮށްފައިވާ ފަރާތުން އޭނާ ކޯޓަށް ހާޟިރުކުރަންވާނެއެވެ" މިފަދައިންނެވެ. އެހެންކަމުން އެއީ ކޮންފަރާތެއްކަން ސާފުވާންޖެހެއެވެ.

ހައިކޯޓުގެ ފަނޑިޔާރުންގެ ދެ ބެންޗުން ނިންމީ ދެ ގޮތަށް

ހައިކޯޓުގެ 2020ވަނަ އަހަރުގެ 267 ނަމްބަރ ޤަޟިއްޔާ (އަލީ ޒުބައިރު ވ. ޕްރޮސެކިއުޓަރ ޖެނެރަލް);މި މައްސަލައަކީ ޖިނާޢީ އިޖުރާޢަތަށް ގެނެވުނު އިސްލާޙާއިއެކު، ބަންދު މުރާޖާކުރުމަށް ކްރިމިނަލް ކޯޓަށް ހުށަހެޅި މައްސަލައާއި ގުޅިގެން، "ކޯޓު އަމުރު މުރާޖާކޮށް ނިންމި ނިންމުން" އިސްތިޢުނާފުކުރުމަށް އެދި، ގދ ހޯޑެއްދޫ، ގުލޭނުރަންމާގެ، ޢަލީ ޒުބައިރުގެ ފަރާތުން ހައިކޯޓަށް ހުށަހެޅި މައްސަލައެކެވެ. މި މައްސަލައާއި ގުޅިގެން ދެ ނުކުތާއެއް ޒުބައިރުގެ ފަރާތުން ފާހަގަކުރައްވާފައިވެއެވެ.

ފުރަތަމަ ނުކުތާއަކީ، އެޓަރނީ ޖެނެރަލްގެ ފަރާތުން ހުށަހަޅާފައިވާ "ޖިނާޢީ މައްސަލަތަކުގައި ޢަމަލުކުރާނެ މައިގަނޑު ސިޔާސަތުތައް 2018"ގެ ދަށުން ޝަރީޢަތް ނިމެންދެން ބަންދުކޮށްފައިވާ ފަރާތްތަކުގެ ބަންދު ކޮންމެ 30 ދުވަހަކުން ޕީޖީގެ ފަރާތުން މުރާޖާކުރަންޖެހޭނެކަމަށް ކަނޑައަޅާފައި ވީނަމަވެސް، އެކަން ޕީޖީގެ ފަރާތުންކޮށްފައިނުވާކަމާއި، އަދި އެކަންކުރަމުން ދިޔަކަން އެނގޭނެ އެއްވެސް ލިޔުމެއް ނުވަތަ އެފަދަ މަޢުލޫމާތެއް ވެސް ބަންދުގައި ހުރި ފަރާތައް އަދި އެފަރާތުގެ ވަކީލުންނަށް ވެސް ދީފައިނުވާކަމާއި، އެހެންކަމުން ޕީޖީގެ ފަރާތުން ބަންދު މުރާޖާކުރަމުން ގޮސްފައިނުވާތީ އެފަރާތް ބަންދުން ދޫކޮށްލަންޖެހޭކަމަށް ބުނެ ހުށަހެޅި ނުކުތާއެވެ.

ދެވަނަ ނުކުތާއަކީ، ޖިނާޢީ އިޖުރާޢަތުގެ ޤާނޫނަށް 3ވަނަ އިސްލާޙު ގެނައުމުގެ ޤާނޫނުގެ 60ވަނަ މާއްދާގެ (ވ)ގެ ދަށުން ޝަރީޢަތް ނިމެންދެން ބަންދުކޮށްފައިތިބޭ މީހުން، އޭނާ ހައްޔަރުކޮށްފައިވާ ފަރާތުން ކޮންމެ 30 ދުވަހަކުން އޭނާ ކޯޓަށް ހާޟިރުކުރަންޖެހޭކަމަށާއި އަދި އޭނާ އިތުރަށް ބަންދުގައި ބަހައްޓަންޖެހޭ ސަބަބެއް އޮތްތޯ ބަލަންޖެހޭކަމަށް ކަނޑައަޅާފައިވާއިރު، ޒުބައިރަކީ ޝަރީޢަތް ނިމެންދެން ބަންދުކޮށްފައިވާ ފަރާތެއްކަމުގައި ވީހިނދު، ޖިނާޢީ އިޖުރާޢަތުގެ ޤާނޫނަށް ގެނެވުނު އިސްލާޙުގެދަށުން، ޒުބައިރުގެ ބަންދު މުރާޖާކުރުމުގެ އަޑުއެހުމެއް 22 އޮކްޓޯބަރ 2020ގައި ބާއްވަންޖެހޭކަމަށާއި، ނަމަވެސް އެ އަޑުއެހުން ބާއްވާފައިނުވާ ކަމާއި، 10 ނޮވެމްބަރ 2020ގައި ބޭއްވި އަޑުއެހުމަކީ ކުރިން ތާވަލުކުރެވުނު ޝަރީޢަތުގެ އަޑުއެހުމެއްކަމާއި، އެހެންކަމުން 22 އޮކްޓޯބަރ 2020ން ފެށިގެން 10 ނޮވެމްބަރ 2020އާއި ހަމައަށް ޒުބައިރު ބަންދުގައި ބަހައްޓާފައި ހުރިހުރުން ރަނގަޅުނުވާނެކަމަށާއި، އެހެންކަމުން ޢަލީ ޒުބައިރު ބަންދުން ދޫކޮށްލުމަށް އެދޭކަމަށް ބުނެ ހުށަހެޅި ނުކުތާއެވެ.

މި މައްސަލައާއި ގުޅިގެން ޝަރީޢަތުގެ މަޖިލީހުގައި ދަޢުލަތުން ވެސް ވަނީ ޒުބައިރުގެ ނުކުތާތަކަށް ރައްދު ދެއްވާފައެވެ. އެގޮތުން "ޖިނާޢީ މައްސަލަތަކުގައި ޢަމަލުކުރާނެ ސިޔާސަތުތައް 2018"ގެދަށުން ޕީޖީގެ ފަރާތުން ބަންދު މުރާޖާކުރުމުގެ ކަންކަން ކުރިއަށް ގެންގޮސްފައިވާނެކަމާއި އަދި ބަންދު މުރާޖާކުރުމަށްފަހު އިތުރު ބަދަލެއް ގެންނަން ފެނިއްޖެކަމަށްވާނަމަ އެކަން ކޯޓަށް އަންގަމުންދާނެ ކަމަށް ޕީޖީގެ ވަކީލް ވަނީ ވިދާޅުވެފައެވެ. މީގެއިތުރުން ޖިނާޢީ އިޖުރާޢަތުގެ ޤާނޫނަށް 3ވަނަ އިސްލާޙު ގެނައުމުގެ ޤާނޫނުގެ 60ވަނަ މާއްދާގެ (ވ)އަށް ބެލުމުން "އޭނާ ހައްޔަރުކޮށްފައިވާ ފަރާތުން އޭނާ ކޯޓަށް ހާޟިރުކުރަންވާނެ"ކަމަށް އޮތުމުން އެ އިލްތިޒާމަކީ މޯލްޑިވްސް ކަރެކްޝަނަލް ސާރވިސްގެ ފަރާތުން އަދާކުރަންޖެހޭ އިލްތިޒާމެއްކަން އެނގޭކަމާއި، އަދި މިހާރު ޢަމަލުކުރަމުންދާ ގޮތަށް ބަލާއިރު، ޝަރީޢަތް ނިމެންދެން ބަންދުކޮށްފައިވާ މީހާގެ ބަންދު މުރާޖާކުރުމަށްޓަކައި ކޯޓުން ދަޢުވަތު ދިނުމުން މޯލްޑިވްސް ކަރެކްޝަނަލް ސާރވިސްގެ ފަރާތުން އެމީހަކު ކޯޓަށް ހާޟިރުކޮށްދެނީކަމަށް ޕީޖީން ބުނެފައިވެއެވެ.

ޖިނާޢީ އިޖުރާޢަތުގެ ޤާނޫނަށް 3ވަނަ އިސްލާޙު ގެނައުމުގެ ޤާނޫނުގެ 60ވަނަ މާއްދާގެ (ވ)އަށް ބެލުމުން މިއީ ދަޢުލަތުން އިސްނަގައިގެން ބަންދު މުރާޖާކުރުމުގެ އަޑުއެހުންތައް ބާއްވަންޖެހޭ އިޖުރާޢަތެއްނޫންކަން އެނގޭކަމާއި އަދި 30 ދުވަސް ހަމަވާއިރު ވެސް ބަންދު މުރާޖާނުކުރެވުމަކީ ޚާލިޞް އެ ސަބަބަށްޓަކައި ބަންދު ފާސިދުވެ ބަންދުން ދޫކޮށްލަންޖެހޭނެ ސަބަބެއްކަމުގައި ނުދެކޭކަމަށް ވެސް ދަޢުލަތުން ވަނީ ވިދާޅުވެފައެވެ.

މި މައްސަލަ ބައްލަވާފައިވަނީ ހައިކޯޓުގެ ތިން ފަނޑިޔާރުން ހިމެނޭ ބެންޗަކުންނެވެ. މިބެންޗުގައި ހިމެނިވަޑައިގަންވަނީ ފަނޑިޔާރު ޙަސަން ޝަފީޢުއާއި ފަނޑިޔާރު ޢަބްދުﷲ ޙަމީދާއި އަދި ފަނޑިޔާރު ފާތިމަތު ފަރުހީޒާއެވެ. މި މައްސަލަ ނިންމުމުގައި ފަނޑިޔާރު ހަސަން ޝަފީޢުއާއި ފަނޑިޔާރު ޢަބްދުﷲ ޙަމީދުގެ ރަޢުޔު އެއްގޮތެވެ. މައިގަނޑުގޮތެއްގައި މި ދެ ފަނޑިޔާރުން ފާހަގަ ކުރައްވާފައިވާ ނުކުތާތަކަށް ބަލާއިރު، ޤާނޫނުގައި ވަކިކަމެއް ވަކިގޮތަކަށް ކުރަންވާނެކަމަށް ބަޔާންކުރުމަށްފަހު އެ ކަމެއް އެ ބަޔާންކުރި ގޮތަކަށް ނުކޮށްފިނަމަ، ނުކުންނާނެ ޤާނޫނީ ނަތީޖާ ސީދާ ކަނޑައެޅިގެން ބަޔާންކޮށްފައިނުވާނަމަ އެ ޤާނޫނުގައި ކަނޑައަޅާފައިވާ އެންމެހައި އުޞޫލުތަކަށް ރިޢާޔަތްކުރަންޖެހޭކަމާއި، ޖިނާޢީ އިޖުރާޢަތުގެ ޤާނޫނަށް ބެލުމުން އެނގޭ އެއްކަމަކީ، ވަކި ޙާއްޞަ ޙާލަތެއްގައި ޝަރީޢަތް ނިމެންދެން ބަންދުކުރުމަށް އަންގައި ޢަމުރު ނެރެވިދާނެކަމާއި، މިގޮތުން ބަލާއިރު ޝަރީޢަތް ނިމެންދެން ބަންދުކުރުމަށް ޢަމުރު ކުރެވިދާނެކަން ޖިނާޢީ އިޖުރާޢަތުގެ ޤާނޫނުގެ 60ވަނަ މާއްދާގެ (ވ)އަށް ބެލުމުން އެނގޭކަމަށެވެ. އެހެނީ، އެ މާއްދާ ފެށިގެން އަންނަނީ "މި މާއްދާގެ (ށ) ނުވަތަ (ކ)ގެ ދަށުން ޝަރީޢަތް ނިމެންދެން މީހަކު ބަންދުގައި ބަހައްޓަން ފަނޑިޔާރު ނިންމައިފިނަމަ،..." މިފަދައިންކަމާއި، ކޮންމެ 30 ދުވަހަކުން މުރާޖާކުރަންޖެހެނީ، ޝަރީޢަތް ނިމެންދެން ބަންދުގައި ބަހައްޓަން ފަނޑިޔާރު ނިންމި ނިންމުންކަމަށްވާއިރު، އެ ނިންމުމަކީ ކޮންމެ 30 ދުވަހަކުން ނިމުމަކަށް އަންނަ ގޮތަށް މުއްދަތު ކަނޑައެޅިފައިވާ ނިންމުމެއްކަމުގައި ބަލައިފިނަމަ، ޝަރީޢަތް ނިމެންދެން ބަންދުކުރުމަށް ޤާނޫނުގައި ދީފައިވާ އިޚްތިޔާރުގެ ބޭނުން ކެނޑިގެންދާނެ ކަމަށް ޤަބޫލުކުރެއްވޭކަމަށް ވެސް ފަނޑިޔާރުން ވަނީ ފާހަގަ ކުރައްވާފައެވެ.

މި މައްސަލައަކީ، މައްސަލަ ބެއްލެވި ތިން ފަނޑިޔާރުންގެ ތެރެއިން ދެ ފަނޑިޔާރުންގެ އަޣުލަބިއްޔަތުން ނިންމާފައިވާ މައްސަލައެކެވެ. ޙުކުމަށް އަޣުލަބިއްޔަތު ދެއްވި ދެ ފަނޑިޔާރުން ފާހަގަ ކުރައްވާފައިވާ ގޮތުގައި، ޖިނާޢީ އިޖުރާޢަތުގެ ޤާނޫނަށް އިސްލާޙު ގެނައުމުގެ ޤާނޫނުގެ 60ވަނަ މާއްދާގެ (ވ)ގެދަށުން، ކޮންމެ 30 ދުވަހަކުން، ބަންދު މުރާޖާނުކޮށްފިނަމަ އެކަމުގެ ނަތީޖާއަކީ އެމީހަކު ބަންދުންވީއްލުން ނޫންކަމަށާއި، އެހެންކަމުން ޒުބައިރު ޝަރީޢަތް ނިމެންދެން ބަންދުކޮށްފައިވާ ކުރުން، ދަމަހައްޓަންޖެހޭކަމަށެވެ.

މި މައްސަލަ ދިވެހިރާއްޖޭގެ ހައިކޯޓުން ނިންމާފައިވަނީ، މި މަހުގެ 9ވަނަ ދުވަހުއެވެ. ބަންދު ޢަމުރު މުރާޖާކުރުމާއިގުޅޭ އެހެން މައްސަލައެއް ހަމަ މި ދުވަހު ހައިކޯޓުގައި ކުރިއަށްދިޔައެވެ. މި މައްސަލަ އިސްތިޢުނާފުކޮށްފައިވާ ފަރާތަކީ، ގދ. ހޯޑެއްދޫ މެޑްރިޓްހައުސް، އަޙުމަދު ޤިޔާސްއެވެ.

ފަނޑިޔާރު ފާތިމަތު ފަރްހީޒާއާއި ފަނޑިޔާރު މުޙައްމަދު ފައިޞަލްގެ އިތުރުން ފަނޑިޔާރު ޙަސަން ޝަފީޢު ހިމެނޭ ގޮތުން އެކުލަވާލި މި ބެންޗުން ފަނޑިޔާރު ފާތިމަތު ފަރުހީޒާގެ ރަޢުޔަށް، ފަނޑިޔާރު މުޙައްމަދު ފައިޞަލް ވަނީ ތާޢީދު ކުރައްވާފައެވެ. މި ދެ ފަނޑިޔާރުން މި މައްސަލަ ނިންމުމުގައި ރިޢާޔަތްކޮށްފައިވަނީ، ޖިނާޢީ އިޖުރާއަތުގެ ޤާނޫނުގެ 60ވަނަ މާއްދާގެ މަޤްޞަދަށެވެ. އެގޮތުން އެ މާއްދާ މާނަކުރުމުގައި އިސްތިޢުނާފު ކުރާ ފަރާތާއި، އިސްތިޢުނާފު ރައްދުވާ ފަރާތުން އެއްބަސްވެފައިވާ ކަންތައްތަކުގެ ތެރޭގައި ޝަރީޢަތް ނިމެންދެން މީހަކު ބަންދުގައި ބަހައްޓަން ފަނޑިޔާރު ނިންމައިފިނަމަ، އެ ޢަމުރު ކޮންމެ 30 ދުވަހަކުން މުރާޖާކުރަންޖެހޭނެކަން ހިމެނޭކަމަށާއި ހަމައެއާއިއެކު، މި ޤާނޫނަށް ޢަމަލުކުރަން ފެށިއިރު، މައްސަލަ އިސްތިޢުނާފުކުރާ އަޙުމަދު ޤިޔާޞް ހުރީ ކޯޓު ޢަމުރެއްގެދަށުން ބަންދުގައިކަމަށްވުމުން، ޤާނޫނަށް ޢަމަލުކުރަން ފެށި ތާރީޚުކަމުގައިވާ 22 ސެޕްޓެމްބަރ 2020ވަނަ ދުވަހުން ފެށިގެން 30 ދުވަސްވާއިރު، އަޙުމަދު ޤިޔާޞްގެ ބަންދު ޢަމުރު މުރާޖާކުރަން ޖެހޭކަމަށް ޤަބޫލުކުރެވޭކަމަށާއި އަދި އެ މުއްދަތުގައި ޤިޔާޞްގެ ބަންދުގެ ޢަމުރު މުރާޖާކުރެވިފައިނުވާކަމަށް ވެސް ދެފަރާތުން ފާހަގަކޮށްފައިވާއިރު މިކަން ކުރިމިނަލް ކޯޓުގެ މުރާޖާ ނިންމުމުން ވެސް އެނގޭކަމަށެވެ. އަދި މި މައްސަލައާއި ގުޅިގެން ދެ ފަރާތުގެ ދެމެދުގައި ޚިލާފު އުފެދިފައިވަނީ ކަނޑައެޅިފައިވާ މުއްދަތުގައި ޢަމުރު މުރާޖާނުކުރުމުން ނިކުންނާނެ ޤާނޫނީ ނަތީޖާއަކާއި މެދުގައިކަން މި ދެ ފަނޑިޔާރުންވަނީ ފާހަގަ ކުރައްވާފައެވެ.

މި ޤާނޫނީ ސުވާލަށް ޖަވާބެއް ހޯދުމަށްޓަކައި މާނަކުރުމުގެ ހަމަތައް ބަޔާންކުރުމުގެ ޤާނޫނުގައިވާ އުޞޫލުތަކުގެ ދަށުން، ޙާއްޞަކޮށް އެ ޤާނޫނުގެ 4 ވަނަ މާއްދާގެ ދަށުން ހައްލު ހޯދައިދިނުމުގެ އުޞޫލުން އަދި އެ ޤާނޫނުގެ 6ވަނަ މާއްދާގެ އެހީގައި ޖިނާޢީ އިޖުރާޢަތުގެ ޤާނޫނުގެ 60ވަނަ މާއްދާގެ (ވ) މާނަކުރުމަށްޓަކައި މި އިސްލާޙު ގެނެވުނު މަޤްޞަދަށް ބަލާލަން ޖެހޭކަމަށް ފަނޑިޔާރު ފާހަގަ ކުރެއްވިއެވެ.

ޖިނާޢީ އިޖުރާޢަތުގެ ޤާނޫނަށް 3ވަނަ އިޞްލާޙު ގެނައުމުގެ ބިލުގައި ޖިނާޢީ އިޖުރާޢަތުގެ ޤާނޫނަށް 130އަށްވުރެ ގިނަ އިސްލާޙު ހުށަހަޅާފައިވާއިރު، މި އިސްލާޙުން ގެންނަން ބޭނުންވާ އެންމެ ބޮޑު ބަދަލަކީ ޝަރީޢަތް ނިމެންދެން ބަންދުގައި ތިބޭ މީހުންނަށް "ވާނުވާ ނޭނގި" ތިބޭ ތިބުން ނިމުމަކަށް ގެނައުން ކަމުގައި ޖަލްސާގައި ވާހަކަދައްވާފައިވާ ވަރަށް ގިނަ މެމްބަރުން ފާހަގަކޮށްފައިވެއެވެ. އަދި މިގޮތަށް އެތައް އަހަރެއް ވަންދެން ބަންދުގައި ތިބޭ މީހުންގެ ޙަޔާތުން ގެއްލިގެންދާ ދުވަސްތަކަށް ބަދަލުނުދެވޭނެކަމަށާއި، މި ބަންދުތަކާއި ގުޅިގެން ވިޔަފާރި ބަނގުރޫޓުވެ އަނބިދަރީން ގެއްލެމުންދާކަމަށް ފާހަގަކޮށްފައިވެއެވެ.

ޤާނޫނުގައި ބަންދު ޢަމުރު މުރާޖާކުރާނީ ވަކިފަރާތަކުން އިސްނަގައިގެންކަމަށް ކަނޑައެޅިފައިނުވަނީ މަޤްޞަދެއް އޮވެގެންކަމުގައި ދެކެވެޑައިގަންނަވާކަމަށާއި، އެހެނީ ޝަރީޢަތް ނިމެންދެން ބަންދުގައި ތިބޭ ބައެއް ފަރާތްތައް ޝަރީޢަތް ނިމެންދެން ބަންދުކުރުމަށް ފުރަތަމަ ނިންމާ ފަނޑިޔާރާއި ދަޢުވާ ހުށަހެޅިގެން މައްސަލަ ބަލާ ފަނޑިޔާރު ތަފާތުވެ، ޢަމުރު މުރާޖާކުރަންޖެހޭ ފަނޑިޔާރާއި މެދު ސުވާލު އުފެދޭ ޙާލަތްތައް ވެސް އައުން އެކަށީގެންވާކަމާއި، އެހެންކަމުން ޤާނޫނުން ތަޞައްވަރުކޮށްފައިވާގޮތަށް ކުށުގެ ތުޙުމަތުގައި ބަންދުގައި ތިބޭ މީހުންގެ މުއްދަތު އިތުރުކުރާ އުޞޫލުން ހައްޔަރު ނުވަތަ ބަންދު ކޮށްފައިވާ ފަރާތުގެ އެދުމަށް ނުވަތަ ޕްރޮސެކިއުޓާރގެ އެދުމަށް ނުވަތަ ފަނޑިޔާރުގެ އިސްނެގުމަށް ވެސް ޢަމުރު މުރާޖާކުރެވިދާނެކަމާއި މިކަމުގައި އެންމެ ރަނގަޅު އިޖުރާޢަތުތައް ކަނޑައެޅުމަށް މުޢައްސަސާތަކުން މަޝްވަރާކޮށް ގޮތެއް ނިންމުމަކީ އެންމެ ރަނގަޅުގޮތްކަމަށާއި އިސްތިޢުނާފީ މަރުޙަލާގައި މިކޯޓުން އެކަމާމެދު ގޮތެއް ނިންމަންޖެހޭކަމުގައި ނުދެކޭކަމަށް ވެސް ފަނޑިޔާރު ފާހަގަ ކުރެއްވިއެވެ.

ވަކީލުން ވެސް "ވާނުވާ" ގައި

ޖިނާޢީ އިޖުރާޢަތުގެ ޤާނޫނަށް އިސްލާޙު ގެނައުމުގެ ޤާނޫނުގެ 60ވަނަ މާއްދާގެ (ވ)އަށް ގެނެވުނު އިސްލާޙާއި ގުޅިގެން ޕީޖީގެ ވަކީލުން ވެސް ދިފާޢީ ވަކީލުން ވެސް ތިބީ "ވާނުވާ"ގައެވެ. ހައިކޯޓުގެ ފަނޑިޔާރުންގެ ދެ ބެންޗަކުން ދެ ގޮތަކަށް މި މައްސަލައިގައި ގޮތް ނިންމުމުން، ޤާނޫނު މާނަކުރުމުގައި ތަބާވާންޖެހޭ އުޞޫލުތަކާއި ހަމަތަކަކީ ކޮބައިކަން މިވަނީ ސާފުނުވެފައެވެ.
މި މައްސަލައާއި ގުޅިގެން ފޯނު މެދުވެރިކޮށް "ވަގުތު"އަށް ދެއްވި އިންޓަރވިއުއެއްގައި މަޝްހޫރު ޤާނޫނީ ވަކީލް އަލީ ޝާހް ވިދާޅުވީ، އުފެދިގެން މިއުޅޭ މައްސަލައަކީ ޤާނޫނު ހެދުމުގައި އުޅޭ މައްސަލައެއްކަމަށާއި ޤާނޫނު ވުޖޫދުކޮށްފައިވަނީ ޖިނާޢީ އިޖުރާޢަތުގެ 60ވަނަ މާއްދާ ރަނގަޅަށް ދިރާސާނުކޮށްކަމަށް ޤަބޫލުކުރައްވާކަމަށެވެ.

"އަޅުގަނޑަށް ޤަބޫލުކުރެވޭ ގޮތުގައި އެރާރ އޮފް ލޯ އެއް އުފެދިގެން މިއުޅެނީ. ރައްޔިތުންގެ މަޖިލީހުން އެއްވެސް ވަރަކަށް ދިރާސާއެއް ހެދުމެއްނެތި މި އިސްލާޙު ގެނެސްފައި މިވަނީ. އެ މާއްދާ އެއަށްވުރެ އިތުރަށް ސާފުވާންޖެހޭ. ބަންދު ޢަމުރު މުރާޖާކުރުމުގެ ފުރުޞަތު ދެ ޙަޞްމަށް ވެސް އޮންނާނެކަމަށް އަޅުގަނޑު ޤަބޫލުކުރަނީ. އެއީ ޕީޖީގެ ފަރާތުން ކުރަންޖެހޭކަމެއްނޫންކަމަށް ކޯޓުތަކުގައި ވަކާލާތުކުރުމަކީ ޒިންމާދާރު ކަމެއް ނޫން. ޤާނޫނަކުން ލާޒިމުކޮށްފައިވާ ކަންކަމަށް ދަޢުލަތުން ވެސް އިޙުތިރާމުކުރަންޖެހޭ. ކޮންމެ ތިރީސް ދުވަހަކުން ބަންދު މުރާޖާކުރަންޖެހޭކަމަށް ޤާނޫނުގައި ބަޔާންކޮށްފައި އެވަނީ. އެހެންކަމުން ޝަރީޢަތް ނިމެންދެން ބަންދުކޮށްފައި އެއްހާސް މީހުން ތިއްބަސް އަދި އެއަށްވުރެ ގިނަ މީހުން ތިއްބަސް އެކަން ދަޢުލަތުން ކުރަންޖެހޭނެ. ދެން ދަޢުލަތުން އެ ވިދާޅުވަނީ އެކަންކުރުމުގެ ކެޕޭސިޓީ ދަޢުލަތުގެ ނެތް ވާހަކަ. ކެޕޭސިޓީ ނެތިގެން ބަންދު މުރާޖާނުކުރެވުމުގެ ނަތީޖާއަކީ އެ ފަރާތްތައް ބަންދުން ދޫކޮށްލުންކަމަށް ވެސް އަޅުގަނޑު ޤަބޫލެއް ނުކުރަން. ޤާނޫނު ހިނގަންވާނީ ޕެރެލަލްކޮށް" ޝާހް ވިދާޅުވިއެވެ.

މިމަހުގެ 27 ވަނަ ދުވަހު ދިވެހިރާއްޖޭގެ ސްޕްރީމް ކޯޓުގައި ކުރިއަށްދިޔަ ޝަރީޢަތުގެ މަޖީލީހެއްގައި ދަޢުލަތުގެ ވަކީލުގެ އަރިހުން ކޯޓުތަކުގެ ކެޕޭސިޓީއާއި ގުޅިގެން ފަނޑިޔާރު ހުސްނުއްސުޢޫދު ސުވާލެއް ކުރިމަތި ކުރެއްވިއެވެ.

ކޮންމެ ތިރީސް ދުވަހަކުން ތިރީސް ދުވަހަކުން ބަންދު މުޖާރާކުރުމަށް ޤާނޫނުގައި ބަޔާންކޮށްފައި އޮތްއިރު، ކޯޓުތަކުގައި އެ ކެޕޭސިޓީ ހުރިކަމަށް ދަޢުލަތުން ޤަބޫލުކުރައްވަންތޯ؟ ފަނޑިޔާރު ސުޢޫދުގެ މި ސުވާލުގެ ޖަވާބުގައި ދަޢުލަތުގެ ވަކީލް ވިދާޅުވީ އެ ކެޕޭސިޓީ ކޯޓުތަކުގައި ނެތްކަމަށެވެ.

މި މައްސަލަ އާއި ގުޅިގެން ވަކީލުންގެ މެދުގައިވާ ވަނީ ޚިލާފު އުފެދިފައެވެ. މަޝްހޫރު ޤާނޫނީ ވަކީލް، މުޙައްމަދު ނިޝާން އިބްރާހިމް ވިދާޅުވީ، މި މައްސަލަ އަކީ ޤާނޫނު ހެދުމުގައި އުފެދިގެން އުޅޭ މައްސަލައެއް ނޫން ކަމަށާއި، ޖިނާޢީ އިޖުރާޢަތުގެ ޤާނޫނަށް ބަދަލު ގެނައުމުގެ ޤާނޫނުގެ 60 ވަނަ މާއްދާގެ (ވ)ގެ ނައްޞަށް ބެލުމުން ކަންކުރަންޖެހޭ ގޮތް ވަރަށް ސާފުކޮށް ފެންނަން އެބަ އޮތް ކަމަށެވެ.

"އެ މާއްދާގައި ބަޔާންކޮށްފައި އެވަނީ ކަންކަން ކުރަންޖެހޭ ގޮތް. ޝަރީޢަތް ނިމެންދެން ބަންދުކޮށްފައި ތިބޭ މީހުން ކޮންމެ ތިރީސް ދުވަހަކުން ތިރީސް ދުވަހަކުން، އެމީހުންގެ ބަންދު މުރާޖާކުރުމަށް ކޯޓަށް ހާޟިރުކުރަންވާނެކަމަށް އެވަނީ ބަޔާންކޮށްފަ. ދެން އުފެދޭ ސުވާލަކީ އެއީ ކޮންބައެއް ކުރަންޖެހޭ ކަމެއްތޯ. ޖިނާޢީ އިޖުރާޢަތުގެ ޤާނޫނުގެ ބެލެނިވެރި ފަރާތަކީ ޕީޖީކަމަށް އެ ޤާނޫނުގައި ބުނެފައިވޭ. އެހެންވީމަ އެކަން ކުރަންޖެހޭނީ ޕީޖީ. ޤާނޫނުގައި ވަކިގޮތަކަށް ކަމެއްކުރުމަށް އަންގާފައި ވަނިކޮށް އެކަމެއް ނުކުރީމަ އެކަމުގެ ނަތީޖާއަކަށްވެގެންދާނީ އެމީހުން ބަންދުން ވީއްލުން. ބައްލަވާ ޤާނޫނު އަސާސީގެ 45ވަނަ މާއްދާ. އެ މާއްދާގައި ބުނަނީ، ޤާނޫނުގައިވާ ގޮތުގެ މަތީންނޫން ގޮތަކަށް އެއްވެސް މީހެއްގެ ގަޔަށް އަތްލައި ހިފާ ހައްޔަރުކޮށް ބަންދުކޮށްގެން ނުވާނެކަމަށް. އެހެންވީމަ އަޅުގަނޑު ޤަބޫލުކުރާ ގޮތުގައި ކޮންމެ ތިރީސް ދުވަހަކުން ތިރީސް ދުވަހަކުން ބަންދު މުރާޖާ ނުކުރާކަމަށްވާނަމަ، އެމީހަކު އެ ހުންނަނީ ޣައިރުޤާނޫނީ ބަންދެއްގަ" ވަކީލް ނިޝާން ވިދާޅުވިއެވެ.

އަލްއުސްތާޒު މުޙައްމަދު މިންހާޖަކީ ދިފާޢީ ވަކީލެއްގެ ޙައިޞިއްޔަތުން މި ދާއިރާގައި 8 އަހަރަށްވުރެ ގިނަ ދުވަހު މަސައްކަތް ކުރައްވާފައިވާ ވަކީލެކެވެ. މިންހާޖުގެ މުވައްކިލުންގެ ތެރެއިން ހަތަރު މީހަކު މިހާރު ވެސް ވަނީ ޝަރީޢަތް ނިމެންދެން ބަންދުގައެވެ. އޭގެތެރެއިން އެކަކުގެ ބަންދަށް ދެ އަހަރަށްވުރެ ގިނަ ވެއްޖެއެވެ. "ވާނުވާ"ގެ މި މައްސަލައާއި ގުޅިގެން "ވަގުތު"އަށް މަޢުލޫމާތު ދެއްވަމުން މިންހާޖު ވިދާޅުވީ، ޖިނާޢީ އިޖުރާޢަތަށް ގެނެވުނު އިސްލާޙާއި ގުޅިގެން، ކޮންމެ ތިރީސް ދުވަހަކުން ތިރީސް ދުވަހަކުން އެމީހުންގެ ބަންދު މުރާޖާކުރުމަކީ ކޮންމެހެން ކުރަންޖެހޭނެކަމެއްކަމަށާއި، ޤާނޫނުން އެކަން މަތިކޮށްފައިވާ ފަރާތްތަކުން އެކަމުގެ ޒިންމާ ނަގަންޖެހޭކަމަށެވެ.

"މިކަމަކީ ދެބަސްވާންޖެހޭ ކަމެއްނޫން. ޖިނާޢީ އިޖުރާޢަތުގެ ޤާނޫނަށް އިޞްލާޙު ގެނައުމުގެ ޤާނޫނުގެ ތިޔަ ވިދާޅުވާ މާއްދާ (60ވަނަ މާއްދާ)ގެ (ވ)ގައި ބަޔާންކޮށްފައި އެވަނީ އެކަން ކުރަންޖެހޭނެކަމަށް. އެ މާއްދާއަކީ އިޚްތިޔާރީ މާއްދާއެއްނޫން. ބަންދުގައި އިތުރަށް ބަހައްޓަން ފެނޭތޯ ނުވަތަ ނޫންތޯ ކަނޑައެޅުމަށް އެމީހަކު ކޯޓަށް ހާޟިރުކުރަންވާނެކަމަށް އެ މާއްދާގައި އެވަނީ ސާފު ޢިބާރާތުން ބަޔާންކޮށްފަ. ދެން ދަޢުލަތުގެ ކެޕޭސިޓީއެއް ނެތޭ ނޫނީ ދަޢުލަތުން އެމީހުންގެ ބަންދު މުރާޖާކޮށްފީމޭ ބުނުމަކުން އަދި އެކަމެއް ނުނިމޭ. ކިހިނެއްތޯ ކޯޓަށް ހާޟިރުނުކޮށް ބަންދު މުޖާރާކުރަނީ. ބަންދު ކުރުމަށް ފަނޑިޔާރު ނިންމީ ވަކިކަންތައްތަކެއް ބެލުމަށްފަހު. އޭގެތެރެއިން ކަމެއް މިހާރު އޮތްތޯ ނުވަތަ އޭގެތެރެއިން ކަމެއް އުނިވެފައިވޭތޯ ބެލޭނީ ފަނޑިޔާރެއްގެ ކުރިމައްޗަށް އެމީހަކު ހާޟިރުކޮށްގެން. މިސާލެއް އަޅުގަނޑު ދަންނަވާލާނަން. މިސާލަކަށް މިހާކު ހައްޔަރުކޮށްފައިވަނީ ހެއްކަށް ނުފޫޒު ފޯރުވަފާނެތީ. ހެއްކަށް ނުފޫޒު ފޯރުވާފާނެކަމަށް ބެލެވިގެން އެމީހަކު ޝަރީޢަތް ނިމެންދެން ބަންދު ކުރެވިދާނެކަމަށް ޤާނޫނުގައި އެބަބުނޭ. ދެން އެ މައްސަލައިގެ ހުރިހާ ހެކިބަހެއް ނެގުމަށްފަހު އެމީހަކު ބަންދުގައި ބޭއްވިދާނެތޯ. ދެން ކޮންހެއްކެއްތޯ އޮންނާނީ އެމީހަކު ނުފޫޒުފޯރުވަން. އެކަން ބަލަންޖެހޭނީ އެ މައްސަލަ ބެލި މަޢުޟޫޢީ ފަނޑިޔާރު. ފަނޑިޔާރު ކުރިމައްޗަށް އެމީހަކު ހާޟިރުކުރަންޖެހޭނީ ދަޢުލަތުން. އެއީ އެމީހާ ޝަރީޢަތް ނިމެންދެން ބަންދު ވެސް ކުރީ ދަޢުލަތުން އެދިގެންކަމަށްވާތީ." ވަކީލް މިންހާޖު ވިދާޅުވިއެވެ.

މުޅި މައްސަލައަށް ނަޒަރު ހިންގާލަމާތޯއެވެ. މައްސަލަ ވަރަށް ސާފެވެ. އަރައިގެން އުޅޭ އޮޅުންވެސް ސާފެވެ. ޝަރީޢަތް ނިމެންދެން މީހަކު ބަންދު ކުރުމަކީ ކޯޓުތަކަށް ކުރެވިދާނެކަމެކެވެ. އެ ބާރު ވަނީ ޤާނޫނުން ފަނޑިޔާރުންނަށް ދީފައެވެ. ނަމަވެސް ޤަބޫލުކުރަންޖެހޭ ހަޤީޤަތަކީ އިސްކުރަންޖެހޭނީ މުއްތަހަމްގެ ހައްޤުކަމެވެ. ހުރިހާ ވަޞީލަތެއް ހުރީ ދަޢުލަތުގައެވެ. ކުށުގެ ތުޙުމަތުގައި ބަންދުކޮށްފައި ހުންނަ މީހަކީ އެއްވެސް އާރެއްބާރެއް އޮތް މީހެއް މީހެއްނޫނެވެ. އެހެންކަމުން ޤާނޫނު މާނަކުރަންވާނީ ކުށުގެ ތުޙުމަތުގައިވާ މީހާގެ މަސްލަޙަތަށް އިސްކަން ދީގެންނެވެ. ދަޢުލަތުން ބޭނުންވާހާ ގޮތަކަށް ޤާނޫނުގެ މާއްދާތައް މާނަކޮށްގެން ނުވާނެއެވެ. "ވާނުވާ"ގެ މައްސަލައަކީ ޖިނާޢީ ޢަދުލުގެ ނިޒާމުގައި ޒަމާންވީ މައްސަލައެކެވެ. އެކަން ހައްލުކުރުމުގެ މަޤްޞަދުގައި ގެނައި ޤާނޫނުން ވެސް ވާންވީ ގޮތެއް އޮޅުމެއް ނުފިލިއެވެ.

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

  1. ޯޮ0-ޓޮލަރެންސް

    މުޅި ކޯލިޝަން ވެސް ވާނުވާގައި!

    12
    1
  2. ....އެހެން...

    ވާނުވާ ނޫނަސް ތަހުގީގަށްވެސް މީހަކު ބަންދު ކުރުން އެއީ އަނިޔާ އެއް...ކުށެއް ސާބިތު ނުވަނީސް އަދަބެއް ދިނުން ވާނީ އަނިޔާއަކަށް...ތަހުގީގަށް ނުފޫޒުފޯރުވަފާނެ ކަމަށްވަންޏާ އެބުނެދެނީ ތަހުގީގު ކުރަން ތިބި މީހުންނަކީ ނާގާބިލް ބައެކޭ...ގާބިލް މީހުން އެތަނަށްލައިގެން ތަހުގީގު ކުރުން އޮތީ...ގާބިލް މީހުން ނެތިއްޔާ ގާބިލް މީހުން އުފައްދަންވީ..މީ ދޯ ވެރިންގެ ޒިންމާ އަކީ...ތިމާމެންގެ ގާބިލްކަން ނެތުމުން އެހެން މީހުންނަށް ނުހައްގުން އަނިޔާ ދޭކަށް ނުޖެހޭ އަމިއްލައަށް ދުރަށްދިއުން އެންމެ ރިވެތި ގޮތަކީ...

    12
    2