(ބްރިޓިޝް ލޮޔަލްޓީ ޝިޕްރެކްގެ ޑައިވިން ސްޕޮޓް، އައްޑޫ ސިޓީ) ރާއްޖޭގެ ފުރަތަމަ އެއާޕޯޓާއި ޕޯސްޓް އޮފީހާއި ބޭންކް ފަދަ އުމްރާނީ ތަރައްގީގެ ބިނާތައް ހުޅުމުގެ ތާރީހީ ޝަރަފުވެރި އެތައް ސަފްހާއެއް ނިސްބަތްވަނީ މި އައްޑޫއަށެވެ. އައްޑޫގެ މި ތާރީހީ ސަފްހާތައް އަންނަނީ އިނގިރޭސިންގެ ހިމާޔަތުގައި ރާއްޖެ އޮވެ، އައްޑޫގެ ބިމުގައި އެ ގައުމުގެ ސިފައިން ގާއިމްވެ ތިބި ދުވަސްވަރުގައެވެ. އިނގިރޭސިން ވަނީ އައްޑޫގައި އެތައް އުމްރާނީ ބިނާއެއް އޭރު ގާއިމްކޮށްފައެވެ.

އައްޑޫގެ ރައްޔިތުން މިއަދު ތިބީ އިނގިރޭސި ދިރިއުޅުން އަދިވެސް ދިރިއޮތް މި ތާރީހު އެ ގައުމަށް ވިއްކައިގެން އައްޑޫގެ ފަތުރުވެރިކަން ތަރައްގީ ކުރެވޭނެ ކަމުގެ ތަސައްވުރަކާ އެކީގައެވެ. އައްޑޫއަށް އުފަން ހުސައިން މުފީދު އިސްވެ ހުރެ އެ ހިޔާލު ވުޖޫދަށް ގެންނަން މީގެ ދެ މަސް ކުރިން މަސައްކަތް ފެށިއެވެ. އޭނާއާ އެކީ ދިވެހި 75 ޑައިވަރުން އިއްޔެ ފީނައިގަތީ އެ ތަސައްވުރު ހަގީގަތަކަށް ހެދުމުގެ އުއްމީދުގައެވެ. މިއަދު ސިޓީގެ ލަގަބު ދެވިފައިވާ މި އައްޑު އަތޮޅުގެ މަރަދޫ ކައިރިން އޮންނަ ހެންކަޑަ ކައިރިއަށް ފައްތާލާފައިވާ "ބްރިޓިޝް ލޮޔަލްޓީ" ޝިޕްރެކް ކައިރިއަށެވެ. އެއީ "ބްރިޓިޝް ލޮޔަލްޓީ" ފައްތާލިތާ 75 އަހަރުވެސް ފުރިގެން އައުމާ އެކީއެވެ.

އައްޑޫ ސިޓީ ހަންކެޑަ ކައިރިއަށް ފައްތާލާފައި އޮންނަ "ބްރިޓިޝް ލޮޔަލްޓީ" ޝިޕްރެކް ފައްތާލި ހާދިސާއަށް 75 އަހަރު ފުރުން ފާހަގަކުރުމުގެ ގޮތުން ބޭއްވި ޑައިވިންގެ ބޮޑު އިވެންޓް - ވަގުތު އިމޭޖަލް: އިބްރާހިމް ޝާބިލް
އައްޑޫ ސިޓީ ހަންކެޑަ ކައިރިއަށް ފައްތާލާފައި އޮންނަ "ބްރިޓިޝް ލޮޔަލްޓީ" ޝިޕްރެކް ފައްތާލި ހާދިސާއަށް 75 އަހަރު ފުރުން ފާހަގަކުރުމުގެ ގޮތުން ބޭއްވި ޑައިވިންގެ ބޮޑު އިވެންޓް - ވަގުތު އިމޭޖަލް: އިބްރާހިމް ޝާބިލް

ރާއްޖޭގެ އެންމެ މަގްބޫލް އެއް ޝިޕްރެކަކީ ފަތުރުވެރި ޑައިވަރުންގެ މަންޒިލަކަށް ހެދިދާނެ ހެއްޔެވެ؟ އައްޑޫގެ ރައްޔިތުންގެ ތަސައްވުރާ އެއް ގޮތަށް އަހަރަކު އެއް ލައްކަ ޑައިވަރުން އެ ސްޕޮޓަށް ގެނެވޭނެ ހެއްޔެވެ؟ އައްޑޫ ރައްޔިތަކަށް ނުވި ނަމަވެސް އަތޮޅުތެރޭގެ ތަރައްގީއަށް ލޯބިކުރާ ޒުވާނެއްގެ ހައިސިއްޔަތުންނާ ވެސް އެކު، ދިވެހި އެ ޑައިވަރުންނާ އެކީ އެ ޝިޕްރެކް ބަލައިލަން ފޭބީމެވެ. ހިތުގައިވާ އެ ސުވާލުގެ ޖަވާބު ވެސް ހޯދުމުގެ މަގްސަދުގައެވެ.

އައްޑޫ ސިޓީ ހަންކެޑަ ކައިރިއަށް ފައްތާލާފައި އޮންނަ "ބްރިޓިޝް ލޮޔަލްޓީ" ޝިޕްރެކް ފައްތާލި ހާދިސާއަށް 75 އަހަރު ފުރުން ފާހަގަކުރުމުގެ ގޮތުން ބޭއްވި ޑައިވިންގެ ބޮޑު އިވެންޓް - ވަގުތު އިމޭޖަލް: އިބްރާހިމް ޝާބިލް

ކޮންމެއަކަސް މޫދަށް ފޭބުމާއި އެކު ދޯނީގައި ތިބި ޑައިވަރުން ދައްކަމުން ދިޔަ ވާހަކަތައް ސިފަވާން ފެށިއެވެ. އެ ހިތްގައިމު ކަމާއި ގުދުރަތީ ރީތިކަން ފެނުނެވެ. ދޯނިން ފޭބުމުގެ ކުރިން ޑައިވަރެއް ބުންޏެވެ. "ފައިބައިފިއްޔާ އަރާހިތެއް ނުވާނެ." ޑައިވަރު ބުނި ފަދައިން ސަރަހައްދު ބަލާލުމަށް ފައިބާފައި އަރާ ހިތެއް ނުވިއެވެ. އެ ހަރަކާތް ފެށުމުގެ ކުރިން އައްޑޫ މަރަދޫ ބަނދަރު ސަރަހައްދުގައި ބޭއްވި ރަސްމިއްޔާތުގައި އައްޑޫގެ މޭޔާރު އަބްދުﷲ ސޯދިގު (ސޯބެ) އެ ސަރަހައްދު ސިފަކޮށްދިނެވެ. ފެނުނީ އެ ސިފަކުރުންތަކާ ގާތް މަންޒަރެކެވެ. މުރަކައިގެ ބަގީޗާއެކެވެ.

މި ސަރަހައްދަށް އިތުރު ފުރިހަމަ ކަމެއް ގެނެސްދީފައި ވަނީ ކަނޑުއަޑީގެ އެކި ދިރުންތަކުންނެވެ. އެ ދިރުންތަކުގެ ތެރެއަށް ފައްތާލާފައިވާ އެ ތެޔޮ ޓޭންކަރަކީ މިއަދު ކަނޑުއަޑީގެ ބަގީޗާއެކެވެ.

"ބްރިޓިޝް ލޮޔަލްޓީ" ޝިޕްރެކް ފައްތާލާފައިވާ ސަރަހައްދު - ވަގުތު އިމޭޖަލް: އިބްރާހިމް ޝާބިލް

މި ރަސްމިއްޔާތުގެ ތެރެއިން ފެނުނު އިތުރު ޚާއްސަ ކަމަކީ ދިވެހި ޑައިވަރުންގެ މޫނުމަތިން ފެނުނު އުޖާލާކަމެވެ. ޖޯޝެވެ. އަތްތިލަ ބަޑީގެ އަޑު ގުގުމާލާފައި އޮތެވެ. އެއް އަޑަކުން ގޮވަމުން ދިޔައީ އައްޑޫ ސިޓީގައި ފަތުރުވެރިކަން ފުޅާ ކުރުމަށް ދެކެމުންދާ ތަސައްވުރު ހަގީގަތަކަށް ވާނެ ކަމުގެ އަޑެވެ. އެ ހަރަކާތުގައި ބައިވެރިވި ފަރާތްތައް އެ އަޑުން ފޯރި ހިފަމުން ދިޔަ ވަރަކަށް، އެ ސަރަހައްދުގައި އޮތް ލޯންޗެއްގައި ތިއްބެވި ވަޒީރާއި އައްޑޫގެ މޭޔަރު ވެސް ގެންދެވީ އަތްތިލަބަޑި ޖައްސަވަމުންނެވެ. ފަތުރުވެރިކަމުގެ ނަފާ ނުލިބި އެތައް އަހަރެއް ދިޔަ އިރު ވެސް މި ރައްޔިތުންގެ އުއްމީދަކަށް އަދިވެސް ބަދަލެއް ނާދެއެވެ.

މަގަތު ފާލަމާއި، ހެންކެޑަ ނަމަކަށް ކިޔާ ފަޅުރަށަކާއި ދޭތެރެއަށް ފައްތާލާފައިވާ އިނގިރޭސި ތެޔޮ ޓޭންކަރު، "ބްރިޓިޝް ލޯޔަލްޓީ"ގެ ޝިޕްރެކް އެތަނަށް ފެތުނުތާ 75 އަހަރު ވެގެން ދިއައީ އިއްޔެއެވެ. މި ޝިޕްރެކް އޮތީ 33 މީޓަރު އަޑީގައި ކަމަށް އެ ސަރަހައްދަށް ފޭބި ޑައިވަރުން ބުނެއެވެ.

އައްޑޫ ސިޓީ ހަންކެޑަ ކައިރިއަށް ފައްތާލާފައި އޮންނަ "ބްރިޓިޝް ލޮޔަލްޓީ" ޝިޕްރެކް ފައްތާލި ހާދިސާއަށް 75 އަހަރު ފުރުން ފާހަގަކުރުމުގެ ގޮތުން ބޭއްވި ޑައިވިންގެ ބޮޑު އިވެންޓް - ވަގުތު އިމޭޖަލް: އިބްރާހިމް ޝާބިލް

އިނގިރޭސިން ގަމުގައި ތިބި ދުވަސްވަރު އައްޑޫގެ އެތެރެވަރިއަށް ފެއްތި މި ނައު އޮތް ސަރަހައްދަކީ އައްޑޫއަށް ޒިޔާރަތްކުރާ ފަތުރުވެރިންގެ ތެރެއިން ޑައިވްކުރާ މީހުންގެ އެންމެ މަގްބޫލް އެއް ޑައިވް ސްޕޮޓް ކަމަށް މި ސަރަހައްދަށް ފޭބި ޑައިވަރުން ފާހަގަކުރިއެވެ. މި އަހަރު ތެރޭގައި އެއްލައްކަ ފަތުރުވެރިން އެ ސަރަހައްދަށް ގެނެސް އައްޑޫގައި ފަތުރުވެރިކަން ފުޅާ ކުރުމަށް އޮތް ތަސައްވުރު ކިޔައިދެއެވެ. މިއީ އަދި މި ހަރަކާތް އިންތިޒާމު ކުރާ ހުސައިން މުފީދުގެ ހިޔާލުގެ ފެށުމެވެ. އެ ހިޔާލަށް އިޖާބަދީ ނުކުތް ޑައިވަރުންގެ ޕްލޭނުގެ ބައެކެވެ. އައްޑޫ ޖަމިއްޔާތަކުން ވަނީ އިތުރު ހަރަކާތެއް ވެސް ރާވާފައެވެ. އަންނަ މާޗު މަހު ބާއްވަން ހަމަޖައްސާފައިވާ ހަރަކާތުގައި އަމާޒުކޮށްފައިވަނީ އިނގިރޭސި 75 ޑައިވަރުން ގެނައުމަށެވެ.

އައްޑޫ ސިޓީ ހަންކެޑަ ކައިރިއަށް ފައްތާލާފައި އޮންނަ "ބްރިޓިޝް ލޮޔަލްޓީ" ޝިޕްރެކް ފައްތާލި ހާދިސާއަށް 75 އަހަރު ފުރުން ފާހަގަކުރުމުގެ ގޮތުން ބޭއްވި ޑައިވިންގެ ބޮޑު އިވެންޓް - ވަގުތު އިމޭޖަލް: އިބްރާހިމް ޝާބިލް

އައްޑޫ ސިޓީއަކީ ރާއްޖޭގެ ވަކި ސަރަހައްދެއްގެ ގޮތުގައި ފަތުރުވެރިކަން ފުޅާ ކުރެވިގެން ދާނެ ސަރަހައްދެއް ކަމަށް މިނިސްޓަރު ވިދާޅުވި ވިދާޅުވުމާއި ގުޅިގެން އެ ސަރަހައްދުގައި ހުރި އިތުރު ޒުވާނަކާއި ވާހަކަ ދައްކާލީމެެވެ. އޭނާގެ ލޮލުން އެވަގުތު ކަރުނަ ހިލެފައިވާ މަންޒަރު ދުށީމެވެ. "ވަރަށް އުފާވެރި ޚަބަރެއް މިނިސްޓަރު އެ ދެއްވީ. އަޅުގަނޑު މިދާއިރާގައި މަސައްކަތް ކުރާތާ 7 އަހަރު މިވީ. ސަރުކާރުން އެ ވައުދު ފުއްދައިފި ނަމަ އައްޑޫއަކީ ދުނިޔޭގެ މަޝްރަހުގައި އެންމެ މަގުބޫލު ޑެސްޓިނޭޝަނަކަށް ހެދޭނެ ކަމުގެ އުންމީދު އެބަ އޮތް." އައްޑޫގެ އެ ޒުވާން ޑައިވަރު ބުންޏެވެ.

އައްޑޫ ސިޓީ ހަންކެޑަ ކައިރިއަށް ފައްތާލާފައި އޮންނަ "ބްރިޓިޝް ލޮޔަލްޓީ" ޝިޕްރެކް ފައްތާލި ހާދިސާއަށް 75 އަހަރު ފުރުން ފާހަގަކުރުމުގެ ގޮތުން ބޭއްވި ޑައިވިންގެ ބޮޑު އިވެންޓް - ވަގުތު އިމޭޖަލް: އިބްރާހިމް ޝާބިލް

ކޮވިޑް-19 ގެ ސަބަބުން ރާއްޖޭގެ ބޯޑަރުތައް ބަންދު ކުރެވި، ފަތުރުވެރިކަން ހުއްޓުމަކަށް އައެވެ. އެހެން ނަމަވެސް މިހާރު ބޯޑަރުތައް އަލުން ހުޅުވާލެވި ހީނަރުވެފައިވާ ސިނާއަތަށް ބަހާރުގެ ކުލަވަރު އަންނަން ފަށައިފައިވާ ކަން ފާހަގަކޮށްލެވެއެވެ. ބަންދުކުރެވިފައިވާ ރިސޯޓްތައް ވެސް އަލުން ހުުޅުވަމުން ދާއިރު ގެއްލިފައިވާ އެތައް ސަތޭކަ ވަޒީފާތަކަށް މީހުން ނަގަންވެސް ވަނީ ފަށައިފައެވެ.

ކޮވިޑް-19 އާއި ގުޅިގެން އައްޑޫ ސިޓީ ސަރަހައްދުގެ ދެ ރިސޯޓެއް ވެސް ބަންދު ކުރެވިފައިވެއެވެ. އެއީ ޝަންގްރިއްލާ ރިސޯޓާއި ހެރެތެރެ ރިސޯޓެވެ. މި ދެ ރިސޯޓް ބަންދު ކުރެވުމާއި ގުޅިގެން ގިނަ ޒުވާނުންތަކެއްގެ ވަޒީފާާ ގެއްލިގެން ދިޔައެވެ. ނަމަވެސް ވަޒީފާ ގެއްލިފައިވާ އެ ޒުވާނުންގެ މޫނުތަކަށް މިނިސްޓަރު މައުސޫމް އިއްޔެ ވަނީ ކޮންމެވެސް ވަރެއްގެ ހިނިތުންވުން ވުމުގެ ކުލަވަރެއް ގެނެސްދީފައެވެ. މިނިސްޓަރު ވިދާޅުވީ އައްޑޫ ސިޓީ ސަރަހައްދުގައިވާ ދެ ރިސޯޓް އަލުން ހުޅުވުމުގެ މަސައްކަތް ޓުވަރިޒަމް މިނިސްޓްރީއިން ކުރަމުން ދާކަމަށެވެ. އަދި ވަރަށް އަވަހަށް ދެ ރިސޯޓް ވެސް ހުޅުވިގެން ދާނެ ކަމަށް އުންމީދު ކުރައްވާ ކަމަށެވެ.

އައްޑޫ ސިޓީ ހަންކެޑަ ކައިރިއަށް ފައްތާލާފައި އޮންނަ "ބްރިޓިޝް ލޮޔަލްޓީ" ޝިޕްރެކް ފައްތާލި ހާދިސާއަށް 75 އަހަރު ފުރުން ފާހަގަކުރުމުގެ ގޮތުން ބޭއްވި ޑައިވިންގެ ބޮޑު އިވެންޓް - ވަގުތު އިމޭޖަލް: އިބްރާހިމް ޝާބިލް

ރާއްޖޭގެ މުޅި އިގްތިސާދު ބަރޯސާވެފައިވާ ފަތުރުވެރިކަމުގެ ނަފާ މިހާތަނަށް ވެސް ނުލިބި އޮތް ސަރަހައްދުތަކުގެ ތެރޭގައި އައްޑޫ ސިޓީ ހިމެނެއެވެ. ވެރިރަށް މާލެ ސަރަހައްދު ނެގުމަށް ފަހު، އެންމެ އާބާދީ ބޮޑު މި ސަރަހައްދުގައި ފަތުރުވެރިކަން ފުޅާ ނުވާ ސަބަބުތަކެއް އޮވެ ވާހަކަތަކެއް ވެސް އަބަދު ދެކެވެއެވެ. ރާއްޖޭގައި އާންމު ގޮތެއްގައި ހިންގާ "ބީޗް ޓޫރިޒަމް" ވިޔަފާރި ހިންގޭނެ ފަޅުރަށްތަކާއި ވަސީލަތްތައް އައްޑޫގައި މަދު ކަމަށް އެންމެން އެއްބަސްވެއެވެ. ނަމަވެސް އެންމެ ބޮޑު އެއް މައްސަލައަކީ އައްޑޫ ގަމުގައި އޮންނަ އިންޓަނޭޝަނަލް އެއާޕޯޓް ވެސް ތަރައްގީ ނުކުރެވުމެވެ. އެއާޕޯޓަށް ބައިނަލްއަޤުވާމީ ގިނަ ދަތުރުތަކެއް ކުރެވެމުން ނުދިއުމެވެ. އައްޑޫގައި އެނދުގެ އަދަދު މަދުވުމެވެ. އެކަމަކު މި ހުރިހާ ވާހަކަތަކެއް އޮވެމެ، އައްޑޫ ޒުވާނުންނާއި ރައްޔިތުން ނުކުމެ އިއްޔެ ބޮޑު ހަރަކާތެއް ބޭއްވީ އައްޑޫއަށް ހާއްސަ ފަތުރުވެރިކަމެއް ގެނެވޭނެ ތަސައްވުރެއް ސަރުކާރަށް ދައްކަމުންނެވެ.

ރާއްޖޭގެ ފަތުރުވެރިކަމަކީ ހަމައެކަނި އަލި ދޮންވެލީގައި ފަތުރުވެރިން އޮށޯއްވެގެން ތިބެ ޗުއްޓީ ހޭދަކުރުން ނޫންކަން ގަބޫލު ކުރަން އެބަޖެހެއެވެ. ދުނިޔޭގެ އެހެން ގިނަ ގައުމުތަކުގައި ވެސް ތާރީޚީ ބިނާތައް ބަލާލުން ފަދަ ކަންކަން ކުރަން ކޮންމެ އަހަރަކު އެތައް މިލިއަން ބަޔަކު ދަތުރު ކުރެއެވެ. އައްޑުއަކީ އިނގިރޭސީން އެތައް ދުވަހަކު ވަޒަންވެރިވެގެން ތިބި ތަނަކަށް ވުމުންނާއި އަދި ތާރީޚީ އިތުރު އެތައް ކަމެއް ފާހަގަ ކުރެވެން އޮތް ސިޓީއަކަށް ވުމުން ސައިޓް ސީން ފަތުރުވެރިކަން ކުރިއެރުވިދާނެ ކަމާއިމެދު އިތުރަށް ސުވާލު ކުރާނެ ޖާގައެއް ނެތެވެ.

އަދި ޑައިވިން ޑެސްޓިނޭޝަނެއްގެ ގޮތުގައި އައްޑޫ މާކެޓް ކުރުމަކީ ވެސް ނުކުރެވޭވަރު ކަމެއް ނޫނެވެ. އެމަސައްކަތް ކާމިޔާބު ކުރަން "ބްރިޓިޝް ލޮޔަލްޓީ" ޝިޕްރެކަކީ ނަސީބެކެވެ. ރަނގަޅަށް މާކެޓް ކުރެވިއްޖެނަމަ ވަރަށް ގިނަ "ޕައުންޑާއި ޑޮލަރު" ވަންނަ މަގަކަށް ހެދިދާނެ ތަނަކަށް "ބްރިޓިޝް ލޮޔަލްޓީ" ޝިޕްރެކް ހެދިދާނެއެވެ.

އައްޑޫ ރައްޔިތުން ދެކެމުން އަންނަ ހުވަފެން ބިލާހަކަށް ވިޔަ ނުދީ، އެ ހުވަފެން ހަގީގަތަކަށް ހަދައިދިނުމަށް ސަރުކާރުން މަސައްކަތް ކުރަން ޖެެހެއެވެ. އައްޑޫގައި އަލުން ފަތުރުވެރިކަން ފެށިގެން ދިއުމަކީ އެތަށް ބައެއްގެ އުންމީދެކެވެ. ރައްޔިތުންގެ އިހުސާސްތަކަށް ކަމޭ ހިތާ ނަމަ ފޮނި ވައުދުތަކެއް ވެ، އެވައުދުތައް ފުއްދަން ސަރުކާރުން މަސައްކަތް ކުރަން ޖެހެއެވެ. އައްޑޫއަށް ވަޑައިގެން މިނިސްޓަރު މައުސޫމް ވިދާޅުވި ގޮތަށް "އައްޑޫ މީހާގެ ޖީބަށް ޕައުންޑް ވަންނާނެ" ގޮތެއް ހަމަޖައްސަން އައްޑޫ ރައްޔިތުން އިސްވެ އެ ކުރާ މަސައްކަތުގައި ސަރުކާރުން އެއްބާރުލުންދީ އެ ހަރަކާތްތައް ފުޅާކުރަން ހޭދަކުރަން ޖެހެއެވެ.

ކިޔުންތެރިންގެ ހިޔާލު

7 ކޮމެންޓް

  1. ސަން

    ފޮޓޯ ކޮޅު ނަގާލެވިއްޖެ. ދެން މި އަހަރަށް ހުރ ކަންތައް ނިމުނީ. އައްޑޫ ރައްޔިތުންނަށް އެވަރުން ފުދޭނެ.

    39
    1
    • މީހެއް

      އަމިއްލަ އަށް މައްޝޫރުވާން ނޫޙުގަ ފޮޓޯ ޖެހިޔަސް މިދެން ބޮޑުވަރު

  2. ޝިޔާމް

    ތި ޝަރަފުވަނީ މާޒީވެ ގޮސްފައި. ތި ޝަރަފު އަބުރާ އިއާދަ ކުރަން ބޭނުންވަނީ އިޙްލާސްތެރި ދަރިންތަކެއް.

    27
    1
  3. ނާގާބިލު

    ބޮޑު ޕްރޮޖެކްޓް އެނިން މާލީ. ދެން އައްޑޫ ރައްޔިތުންގެ ޖީބު ޕައުންޑުން ފުރިފަ ހުންނާނީ

    16
  4. ތ

    މިއީ މުޅިން އިސްޓަންޓް މީނާ އަށް ނަތީޖާ ނެރެވުނު ކަމެއް ދައްކަ ބަލަ އަބަދު މީހުން ހެއްދުން ބުއްދި ގަބޫލު ނުކުރާ ވާހަކަ ދެއްކުން ޕައުންޑުން ޖީބު ފުރާލާ ވާހަކަ ދެއްކުން ދިވެހި ރުފިޔާއިން ޖީބު ނުފުރޭ އިރު ކިހިނެއް ޕައުންޑުން ފުރޭނީ ޖޯކް އޮފް ދަ އިޔަރ
    ދެން ބޮޑު ދެ މަހާނަ ގަލުގެ ކައިރީގައި ފޮޓޯ ނަގައި ފާތިހާ ކިޔަވައިފި ފަހަތަށް ތަ އަހަރެމެން މިހިނގަނީ މަސްވެރިން ގެ ޖީބު ޑޮލަރުން ފުރާލުން ފަތުރުވެރިކަމުން ޕައުންޑުން ފުރާލުން ހެ ހެެ ކޮސް މަ ކޮސް ވާހަކަ

    13
  5. ﷲގެ އަޅާ

    ހޫމމމމމ 😮 އައްޑޫ އަކީ މެޖިކް ލޭންޑް އެއް . ވޯޓް ލާ ދުވަސްވާރާ ކައިރިކޮށް ސިޔާސީ ރާޑަރަށް އަރާނެ ނިކަން ސާފު ކޮށް.
    ވޯޓް ލާ ނިމޭ ދުވަހު ރާޑަރުންވެސް ގެއްލޭ.
    މީ ވަރަށް ވާހަކަ😉

    18
  6. އަބްދޫ

    75 އަހަރު ވިއިރު ވެސް ނެތް ކަމެއް.2 ރިސޯޓް ހިންގާތާ 10 އަހަރަށް ވުރެ ގިނަ ދުވަސް ވެއްޖެ އުންމީދެއްނެތް. މޫދަށް ބަޔަކު ފުންމާލުމުން އޮތީ ކޮންއުންމީދެއް؟