އައްޑޫ ފްލައިންގ ސްކޫލުގެ ނުފެންނަ ފަރާތް ކޮންމެ މައެއް އަދި ބަފައެއްގެވެސް ހުވަފެނަކީ ދަރިންނަށް ރަނގަޅު މުސްތަގުބަލެއް ހޯދައިދިނުމެވެ. މިގޮތުން ފުރަތަމަ އަޅަންޖެހޭ ބިންގަލަކީ ރަނގަޅު ތަޢުލީމެއް ހޯދައިދިނުމެވެ. އެއީ ރަނގަޅު ވަޒީފާއެއް ހޯދާދިނުމުގެ ނިޔަތުގައެވެ. ބުރަ މަސައްކަތުން ލިބޭ ކުޑަ އާމްދަނީއަކުން ފަހަށް ރައްކާކޮށްގެން ނުނީ ދަރަންޏަށް ލޯނު ނަގައިގެން ދަރިންނަށް ރަނގަޅު ތަޢުލީމެއް ހޯދާދިނުމުގައި މަސައްކަތް ނުކުރާނެ އެއްވެސް މައެއް ބަފައެއް ނުހަންނާނެއެވެ. ދަރިން ކިޔަވައިގެން ޑޮކްޓަރުންނަން، އިންޖިނޭރުންނަށް ނޫނީ ޕައިލެޓުންނަށް ވުމަށް ނޭދޭނީ ކާކުހެއްވެ.

ރާއްޖޭގައި ފްލައިންގ ސްކޫލެއް އުފެދުމުން ޕައިލެޓްކަން ކިޔަވަން ރާއްޖޭން ބޭރަށް ދިއުމުގެ ބަދަލުގައި އައްޑޫގައި ޕައިލެޓްކަން ކިޔެވޭގޮތަށް ހަމަޖެހިގެންދިއުމަކީ މައިންބަފައިންގެ ފޮނިއުންމީދުތައް އާވެގެން ދިޔަކަމެކެވެ. މިގޮތުން ދަރިންނަށް ޕައިލެޓްކަން ކިޔަވައިދިނުމަށް ގިނަ އާއިލާތަކަކުން ފާއިތުވި 10 އަހަރެއްހާ ދުވަހު ގެންދިޔައީ މި ފްލައިންގ ސްކޫލުގައި ދަރިން އެންރޯލްކޮށް ކިޔަވައި ދިނުމަށް މަސައްކަތް ކުރަމުންނެވެ.

ނަމަވެސް ކަންހިނގަމުން ދިޔައީ ހީކުރި ގޮތަކަށް ނޫނެވެ. އައްޑޫ ފްލައިންގް ސްކޫލުން 18 މަހުން ކިޔަވައިދޭންބުނާ ޕައިލެޓްކަން އެސްކޫލުން ނިންމާދެނީ ހަތަރު އަހަރު ދިގުދަންމާލައިގެނެވެ. އަދި ކޮންމެ ކުއްޖެއްގެ އަތުން 40 ހާސް އެމެރިކާ ޑޮލަރު ނަގާއިރު 4 އަހަރު ނިމޭއިރު އާއިލާ އޮންނަނީ އެއްކޮށް ދަރާވިކިފައެވެ. ނޫނީ ސަލާމަތްނުވާ ބޮޑު ލޯނެއް ބޮލުގައި އެޅިފައެވެ.

މި ސްކޫލުގައި ކިޔަވާ ރާއްޖޭން ބޭރުގެ ދަރިވަރުންނަށާއި ފޯރާފަށުގެ އާއިލާތަކުގެ ދަރިންނަށް އޮންނަނީ ތަފާތު ގޮތްތަކެވެ. އެއީ އިތުރަށް ފައިސާ ދިނުމަކީ އެފަދަ ދަރިވަރުންނަށް އުނދަގޫކަމަކަށް ނުވާތީވެ މުއްސަނދި މީހާއަށް މޮޅުގޮތެވެ. ނިކަމެތި މީހާއަށް ނިކަމެތި ގޮތެވެ. ފްލައިންގ ސްކޫލުގައި ކިޔަވަމުންދާ ދަރިވަރުންނަށް އެސްކޫލުން ކުރިމަތިކުރަމުން ގެންދާ ދުއްތުރާއި ދަތިތަކުގެ އަސަރުގަދަ ވާހަކަތައް ނޫސްތަކުންނާއި ސޯޝަލް މީޑިއާއިން ފެންނަން ހުންނާނެއެވެ.

މީގެ 10 އަހަރުކުރިން ފެށުނު މިސްކޫލުގެ ޚިދުމަތް ފެށުމަށް ސަރުކާރުން ދީފައިވާ ތަރުހީބަކީ އައްޑޫ އެއަރޕޯޓުގައި ހެނގަރުތަކާ ސްކޫލު ހިންގާނޭ ޢިމާރާތްތައް ރަމްޒީ ކުއްޔަކަށް ހަމަޖައްސައި ދިނުމެވެ. އަދި ސަރުކާރާއެކު ސޮއިކުރެވިފައިވާ އެއްބަސްވުމުގައި ހިމަނާފައިވާ ހުރިހާ ޝަރުތުތައްވެސްވަނީ ލުއިކޮށްދީފައެވެ. ދަރިވަރުންގެ ފްލައިންގ ލެސަންތަކުގައި އައްޑޫން ކައިރި އެއަރޕޯޓުތަކަށް އުދުހުމުގައިވެސް އެއްވެސް ފީއެއް ނުނަގާގޮތަށް އުސޫލެއްނެތި ހަމަޖައްސާދީފައެވެ. ސަބަބަކީ ރާއްޖޭގެ ދަރިވަރުންނަށް ޕައިލެޓްކަން ކިޔެވޭނޭގޮތް ތަނަވަސްކޮށްދިނުމަށް ސްކޫލަށް އެހީވުމެވެ.

ރާއްޖޭގައި ހިންގާ ސްކޫލަކުން ޑޮލަރުން ފީނެގުމަކީ މުޅިން މަނާކަމެއް ކަމުގައި ވީނަމަވެސް ސަރުކާރުންވަނީ ސްކޫލުގެ ޑިމާންޑުތަކާ އެއްގޮތަށް ދަރިވަރުންގެ ފީ ޑޮލަރުން ދެއްކޭނެ އިންތިޒާމް ބޭންކް މެދުވެރިކޮށްވެސް ހަމަޖައްސާދީފައެވެ. ނަމަވެސް ސްކޫލުން ގެންދިޔައީ ގެއްލުންވާ ކަމަށް ބުނެ މިލިއަނުން ފައިދާ ނަގަމުންނެވެ. އަދި މިވަރުން ނުވެގެން ސްކޫލުގައި ކިޔަވާ ދަރިވަރުން އައްޑޫގެ ގޭގެއިން ކޮޓަރި ކުއްޔަށް ހިފައިގެން ތިބިތިބުންވެސް ހުއްޓުވާ އެއަރޕޯޓުން ނުއަގުގައި އިމާރާތްތައް ހޯދާ ކިޔަވާ ކުދިން ބޭއްތިއްބުމުން އައްޑޫ ރައްޔިތުންނަށް ލިބެމުންދިޔަ އެފައިސާވެސް ސްކޫލަށް ލިބޭގޮތް ހަދާ އައްޑޫ ރައްޔިތުންގެ ކަރަށް ފައިން އަރާފައެވެ.

މި ސްކޫލު ހިންގުމުގައި ސްކޫލުން ބޮޑު އިންވެސްޓްމަންޓެއް ކޮށްފައި ނުވާއިރު މިފަދަ ބޮޑު "ގުރުބާނީއެއް" ސަރުކާރުން ވަމުންދަނީ ކިއްވެބާއެވެ. އަދި މިކަމުގެ ސަބަބުން ދިވެހި އެތައް އާއިލާއަކަށް ހިތްދަތި އަސަރުތަކާ މާލީ ގެއްލުންތައް ލިބެމުންދާއިރު މިކަމާ އަޅާނުލަނީ ކީއްވެބާއެވެ. މިސްކޫލުގައި ކިޔަވަމުންދާ 200 އެއްހާ ދަރިވަރުންގެ އާދޭސްތަކުގެ އަޑު ނާހަނީ ކީއްވެބާއެވެ.

ފްލައިންގ ސްކޫލުގައި ގެންގުޅޭ އެއް އިންޖީނުގެ ސެސްނާ ކުދި މަތިންދާ ބޯޓުތަކަކީ ކެނެޑާއިން 15 ހާސް އެމެރިކާ ޑޮލަރަށް ގަންނަންލިބޭ މަތިންދާބޯޓެވެ. މިސްކޫލުގައި މިހާރު 11 ވަރަކަށް މަތިންދާބޯޓު އޮތްއިރު ރަނގަޅަށް ދުއްވޭ ފެންވަރުގައި އޮންނަނީ ދެތިން ބޯޓެވެ. ގިނަ ބޯޓުތަކަކީ އަބަދުވެސް ބޮޑެތި މަރާމާތު ކުރަންޖެހިފައި އޮންނަ ބޯޓުތަކެކެވެ. ބޯޓުތައް މަރާމާތު ކުރަނީވެސް އިންޓަރނޭޝަނަލް ސްޓޭންޑަޑްތަކާ ޚިލާފަށް ސަޓިފައިޑް އިންޖިނިއަރެއްނެތި އަމިއްލަ އަމިއްލައަށެވެ. ފްލައިންގ ސްކޫލުގެ ސަލާމަތާ ރައްކާތެރި ކަމުގެ މިންވަރު ދަށްވެ މިސްކޫލު ގަވައިދުން އިންސްޕެކްޓް ކުރުމުގައި ސިވިލްއޭވިއޭޝަން އޮތޯރިޓީ ވެސްވަނީ ބޮޑުތަނުން ފެއިލްވެފައެވެ. ބޯޓުތަކުގެ ރައްކާތެރިކަމާއި ސަލާމަތީ ފެންވަރު ކަށަވަރު ކުރެވިފައި ނުވާއިރު ކިޔަވާ ކުދިންނަށް އިންސްޓްރަކްޓަރުން ތިބެންޖެހޭ ރޭޝިއޯވެސް ބެލެހެއްޓިފައެއް ނުވެއެވެ. މީކީ ޓިއުޝަން ކުލާހެއް ނޫނެވެ.

އޭޝިއަން އެކަޑަމީ އޮފް އޭރޮނޮޓިކްސްގެ ނަމުގައި އައްޑޫގައި ހިންގަމުންދާ ފްލައިންގ ސްކޫލަކީ ސްރީލަންކާގެ ޢާއިލާއަކަށް ނިސްބަތްވާ އަލީ އަކްބަރު ސައިފުއްދީން ޖީވަންޖީ އާއި ނާޒްނީން ޖީވަންޖީ އާއި ފަރިދާ ޖީވަންޖީ އާއި އިމްރާން އަލީ އަކްބަރ ޖީވަންޖީގެ ނަމުގައި ރަޖިސްޓްރީކޮށްފައިވާ ކުންފުންޏަކުން ހިންގާ ސްކޫލެކެވެ. މިއީ ޖީވަންޖީގެ ޢާއިލީ ވިޔަފާރީއެކެވެ.

މިސްކޫލް އައްޑޫ އެއަރޕޯޓުގައި ގާއިމުކުރުމަށް މަގުފަހިކޮށްދީފައިވަނީ އައްޑޫއަށް ނިސްބަތްވާ ޓްރާންސްޕޯޓް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރ އަހުމަދު ޒުހައިރާއި އޭނާގެ ޅިޔަނު އެމްޕީއެލްގެ މެނޭޖިންގ ޑިރެކްޓަރ އަހުމަދު ޝާހިދާއި ސިވިލްއޭވިއޭޝަންގެ ޗީފް އެގްޒެކެޓިވް ހުސައިން ޖަލީލެވެ. މި ކުންފުނި އުފައްދާ ކުންފުނީގެ ސެކްރެޓަރީގެ ގޮތުގައިވެސް ފުރަތަމަ ހަމަޖައްސާފައިވަނީ އަހުމަދު ޝާހިދުއެވެ.

ސްކޫލުގައި ހިންގާ ޖަރީމާތައްކަށް މަގުފަހި ކޮށްދިނުމުގެ ގޮތުން ގޭން އިންޓަރނޭޝަނަލް އެއަރޕޯޓުގެ ޗެއަރމަންކަމަށް ހަމަޖައްސާފައިވަނީ ސްޓޭޓް މިނިސްޓަރ ޒުހައިރުގެ ދޮށީ ދަރިއެވެ. އަދި އެއަރޕޯޓު ކުންފުނީގެ މެނޭޖިންގ ޑިރެކްޓަރ ކަމުގައިވެސް ހަމަޖައްސާފައިވަނީ އޭނާގެ ތިމާގެ ބޭފުޅެކެވެ. މީގެ އިތުރުން ސްޓޭޓް މިނިސްޓަރ ޒުހޭރާއި ދެބަފައިން އިސްކޮށް ތިއްބަވައިގެން ފްލައިންގ ސްކޫލްގެ ބޯޓުތައް ބޭނުންކުރާގޮތަށް ސްކައި ޑައިވް މޯލްޑިވްސްގެ ނަމުގައި އެ ސްކޫލުންވަނީ ވިޔަފާރީއެއްވެސް ރަޖިސްޓްރީ ކޮށްފައެވެ. ވީއިރު މިސްކޫލުގެ ކަންތައްތައް ރަނގަޅުވާނޭ ކަމަށް ވިސްނުމަކީވެސް ބޭކާރު ކަމެކެވެ.

މި މި ފްލައިން ސްކޫލުން ރާއްޖޭގައި ރަޖިސްޓްރީކޮށް އެކަށީގެންވާ ޚިދުމަތެއް ދެމުންނުދަނީ ކީއްވެގެންބާއޭ މިސުވާލަކީ ކޮންމެ މީހެއްގެ ހިތުގައިވެސް އުފެދޭނެ ސުވާލެކެވެ. ބޮޑު އަދަދުން ޑޮލަރުން ދިވެހި ދަރިންގެ އަތުން ފައިސާ ނަގާ އައްޑޫ އެއަރޕޯޓުގެ ވަސީލަތްތައް ބޭނުން ކުރަމުންދާއިރުވެސް ސްކޫލުގެ ކަންތައްތައް ރަނގަޅު ނުކުރެވެނީ ކީއްވެގެންބާއޭ ސުވާލެއް ނޫފެދޭތޯއެވެ.

މި ފްލައިންގ ސްކޫލުގެ ހިއްސާދާރެއް ކަމުގައިވާ އިމްރާން އަލީ އަކްބަރު ޖީވަންޖީ އަކީ 2016 ވަނަ އަހަރު ލީކްކޮށްލި މަޝްހޫރު ޕެނަމާ ޕޭޕާރސްގެ ތެރޭގައި ހިމެނޭ އޮފްޝޯރ ކުންފުންޏެއް ކަމުގައިވާ އެއަރލިންކް ވޯރލްޑްގެ ހިއްސާދާރު އަދި ޑައިރެކްޓަރެއްވެސް މެއެވެ. ޕެނެމާ ޕޭޕާރސްގައި ހިމެނީ އޮފްޝޯރ ކުންފުނިތަކަކީ ބޮޑެތި ޖަރީމާތައް ހިންގުމަށް ރަޖިސްޓްރީކޮށްފައިވާ ކުންފުނިތަކެއްކަން މި ޕޭޕަރުތައް ލީކުކުރި ޖަރުމަނުގެ ދެ ލޯޔަރުން ކަމުގައިވާ މޮސަކް އާއި ފޮންސެކާ ތުހުމަތު ކޮށްފައިވެއެވެ.

މީގެ ތެރޭގައި މަނީ ލޯންޑަރ ކުރުމާއި، ޑްރަގް ޓްރެފިކް ކުރުންފަދަ ބޮޑެތި ޖަރީމާތައް ހިމެނެއެވެ. ޕެނަމާ ޕޭޕާރސްގެ ތެރޭގައި ހިމެނޭ ކުންފުންޏެއްގެ ހިއްސާދާރަކު ގެއްލުން ވަމުންދާ ފްލައިންގެ ސްކޫލެއް ރާއްޖޭގައި ހިންގުމުގައި މިހާ ވަރުގަދަޔަށް ފައި ހިއްޕާލައިގެން ހަރަކާތެރި ވަމުންދަނީ ކީއްވެބާއޭ ހިތަށް އަރައެވެ. އަދި ސްޓޭޓް މިނިސްޓަރ އަހުމަދު ޒުހައިރުގެ ކޮންޓްރޯލްގައި މިއޮންނަންޖެހެނީ ކީއްވެގެން ބާއޭ ސުވާލެއް ނުއުފެދޭތޯއެވެ.

ނެޓްފްލިކްސްގެ މަޝްހޫރު ސީރީޒްތަކުގެ ތެރޭގައި ހިމެނޭ ކޮލޮމްބިއަން ޑްރަގް ލޯޑް ޕަބްލޯ އެސްކޮބާ ފަދަ ނޫނީ މެކްސިކަން ޑްރަގްލޯޑް އެލްޗާޕޯ ފަދަ ސީރީޒްތައް ނޫނީ ޓޮމް ކުރޫޒްގެ އެމެރިކަން މޭޑް ބަލައިލުމުން ކޮންމެވެސް ދިމާލަކަށް މިކަން މިސްރާބު ޖަހާހެން ހިއެއް ނުވޭތޯއެވެ. މި ސީރީޒްތަކުގައި ކާމިޔާބު ކަމާއެކު ޑްރަގް ޓްރެފިކް ކުރަނީ އަމިއްލަ އެއަރޕޯޓާއި އަމިއްލަ މަތިންދާބޯޓުތަކުގައެވެ. ސްޓޭޓް މިނިސްޓަރ ޒުހައިރުގެ ދެބަފައިން ލެއިޝަރ ކާގޯގެ ނަމުގައި ކުންފުންޏެއް ރަޖިސްޓީކޮށް ފިޔަފާރި ކުރަމުން ދިއުމަކީވެސް އިއްތިފާގަކަށްވެދާނެއެވެ.

ކަށަވަރުކަމާއިއެކު އެނގޭ ކަމަކީ ބާރުގަދަ ފްލައިން ސްކޫލެއް ބޭރު ބަޔަކު އައިސް ރާއްޖޭގައި ހިންގައި، އެތައް ދަރިވަރުންގެ ޙައްޤުތަކަށް އަރައި ގަންނަމުންދާއިރު ފިޔަވަޅެއް ނޭޅޭނީ ގައުމު ފޮރުވިފައިވާ "ބާރުތަކެއް" އޮވެގެންނެވެ.

ކިޔުންތެރިންގެ ހިޔާލު

26 ކޮމެންޓް

 1. ފާއިޒް

  ރައްޔިތުން ނިކުމެ ތިތަން ހަމައަކަށް އަޅުވާލަން ހިނގާ މި ސަރުކާރުން ކޮންމެ ކަމެއްގައިވެސް ހިންގަނީ ޖަރީމާ....

  154
  2
 2. އަކަސަކަ

  ވަރަށް ފުރިހަމަ ރިޕޯޓެއް، ނޫސްވެރިޔާވެސް އެހާމެ ހިތްވަރު ގަދަ

  103
 3. ސުސް

  ޒީރޯ ޓޮލަރެންސް އެހެންނޫންތޯ؟

  74
 4. އަންނި

  އައްޑު ގަ ތިބީ ގަމާރުން..... އަމިލްޔަ އިސްތިހާރު ވެގެން އުޅޭ ގަމާރުން ތަކެއް..... މާމޮޅެތި ބަޔެއް އުޅޭ ކަމަ ވެގެން އިސްތިހާރު ކުރުން ނޫކަމެއް ވެޖެއް؟

  94
  3
 5. ބުރާންޗެއް

  މިސްކޫލް އައްޑޫ އެއަރޕޯޓުގައި ގާއިމުކުރުމަށް މަގުފަހިކޮށްދީފައިވަނީ
  1 އައްޑޫއަށް ނިސްބަތްވާ ޓްރާންސްޕޯޓް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރ އަހުމަދު ޒުހައިރު 2އެމްޕީއެލްގެ މެނޭޖިންގ ޑިރެކްޓަރ އަހުމަދު ޝާހިދާއި
  3 ސިވިލްއޭވިއޭޝަންގެ ޗީފް އެގްޒެކެޓިވް ހުސައިން ޖަލީލެވެ.
  ދެން ކިޔާދީބާލަ ގައުމުގެ ވައްކަމުން ސަލާމަށް ވާނެގޮތެއް

  ކޮންމެ ބަޔަކުވެސް ވެރިކަމަށް އަންނަނީ ކޮންކަމެއް ކުރަންކަން ރައްޔިތުން ދެނެގަންނާކަށް ނުވޭތޯ

  80
  1
 6. ހަސަނު

  ސާބަހޭ ނޫސްވެރިޔާއަށް. ސަނާކިޔާ ނޫސްތަކުން މިވާހަކަ ނުލިޔާނެ

  97
  2
 7. ދަލާސްޓް

  މި ލި އުމުގަ އިވާ މަޢުލޫމާތު ސަ އްޚަ އެއ އް ނޫން. އެމްޕީ އެލްގަ އި އއަހުމަދު ޝާހިދު ކިޔާ މީހެ އް ދުވަހަކުވެސް ނޫޅޭ.

  4
  53
  • އަބްދުއްލަޠީފު

   ތީބޮޑުވަގެއް. ހަދާ ބުހުތާން ދޮގު ބަލާބަލަ. ފްލައިން ސްކޫލުގެ ދަރިވަރުން އެބައުޅޭ ޓެކްސީ ދުއްވަންވެސް. މީ އެކުދިންގެ ހާލަކީވެސް. ކޯސް ނިމޭނީ ކޮންއިރަކުންބާ؟ ރައްޔިތުން ނިކުމެ ވަގުންތައް ހަނާ އަރުވާލަނިކޮށް ހުންނާނެ ރާކަނި މަސް ކެވިފަ

   37
 8. އަސްލުލުތުފީ

  ކަ އުންސިލުވެސްދީ މޮޔަ އިންނަ އްވާނީ ތިހެން އަދިވެސް ޔާމީނަ އްބަވާ އޭރުން ހަ އްގުލިބޭނެ ތާހިރު ދިރި އުޅުންތީ

  51
  1
 9. ހުސޭނުބޭ

  ރޯޔަލް ފްލައިއިންގ ސްކޫލްތަ

  71
 10. އަދުރޭ

  ވޭތިވެދިޔަ އެއްވެސް ސަރުކާރަކުން އައްޑޫ ރައްޔިތުންގެ ކުރިއެރުމަށް ފަރުވާލެއް ނުބަހައްޓާ ކަމަށް އަބަދާ އަބަދު އެސޓީގެ ވެރިން ތާއަބަދު ޝަކްވާކުރާ ކަމެއް ކޮށްދޭނީ ކިހިނެއް؟ ސަރުކާރަކުން މިފަދަ ފައިދާ ހުރި ކަމެއް ފަށާއިރަށް އެކަމެއް ހަލާކުކޮށްލާ އަމިއްލަ ފައިދާއަށް ޓަކައި ކޮރަޕްޝަނުގެ ހާއްޔަކަށް ހަދައިގެން މިތިބެނީ ހަމަ އައްޑޫގެ ރީނދޫ ލަޝްކަރެއް! ތިކަން މިސަރުކާރަކަށް ހަމައަކަށް ނޭޅުވޭނެ!!!

  21
 11. ޢަދުރޭ

  ޖީވަން ޖީ މެން އަހަރުމެން ދިވެހީންގެ ޒުވާން ދަރީންގެ މުސްތަޤްބަލްގެ ހުވަފެންތަ އް ފެނަށް ހަދާލި އަ ދީގެން ނުވާނެ ،😠
  . ވަގުތު ޓީމުން ހާދަބޮޑު ހެޔޮ ކަމެކޭ ތި ކޮށްދިނީ ، މީގެ އަޑީގަ ތިބީ ޖީވަން މެންކަން ފަޅާ އަރުވާލީ ،. އޭޝިޢަން އެރޯނޮޓިކްސް ޖަހައިގެން ޖީވަން މެން ހިންގާ ބޮޑު ޖަރީމާ އެ އއް މީ

  25
 12. ހާސަރު

  "ކޮންމެ ކުއްޖެއްގެ އަތުން 40 ހާސް އެމެރިކާ ޑޮލަރު" އޭ..؟! ސުބުޙާނަﷲ..! އެންމެ ގިނަވެގެން 18 މަސް ދުވަހުން ނިމޭނެކަމުގެ ޔަގީންކަން ދީގެން މަގޭ ދަރި ތިތަނަކަށް ވެއްދީ. 4 އަހަރު ވާން ކައިރިވެފަ ހުއްޓާ ކޯސް ނިމުނުއިރު ކޯސް ފީއަށް އެކަނިވެސް 58،000 ޑޮލަރު ދައްކަން ޖެހުނު. އެވެސް އެއް "ރޭޓިން" މަދުކޮށް. އަނެސްކާ އެޖަހަން އިތުރަށް 4،000 ޑޮލަރު ދައްކައިގެން ގޮސް 1 ހަފުތާއިން ނިންމަ ދޭނެކަމަށް ބުނެ ނިމުނީ 3 މަސް ދުވަހުން. އައްޑޫގަ ދަރި ބަހައްޓަން މަހަކު 10،000 ރުފިޔާ ވަރު ހޭދަކުރަން ޖެހުނު. ދަރީގެ ކޯސް ނިމުނު އިރު މުޅި ޢާއިލާ ބަނޑަށް ޖެހޭ ހިސާބުގަ މިތިބީ. ނުވިތާކަށް އަހަރު ވީއިރުވެސް ކޮވިޑާ ހެދި ދަރިއަށް ވަޒީފާއެއްވެސް އަދި ނުލިބޭ. ވިއްކާލާކަށް މާމަގެ ފައްޓަރު ބައެއްވެސް ނެތް..! ):

  35
 13. ބޮޑުވަރިހަމަ

  ޔާމީން ސަރުކާރު ދޯ. އުހުން ކުރީ ސަރުކާރު-- ދެން ހުރިހާ ކަމެއް ވަރިހަމަވީ

  21
 14. ޙަސަނު

  އައްޑޫ މަރުމޯލުން ތިބޭނެ އަތްޖަހަން

  36
 15. ޙަލީ

  ފާއިޒުގެ ކޮމެންޓަށް މަވެސް ތާއީދު

  10
 16. Anonymous

  އެބުނާހެން !!!!!! ގެއްލުންވާ ސްކޫލެއް ހިންގުމުގައި މިވެރިން މިވަރަށް ފައިވިއްދާފައި ވާކަމަކީ ހަމަ ސުވާލު އުފެދޭ ކަމެކެވެ. ދަރިވަރުން ފެލައިގެން ހިންގަނީ ހަމަ ގެއްލުމުގައި ތޯއެވެ.؟؟؟؟

  22
 17. ކޮރަލް

  މިފެންނަނީ އަނދިރު ފަރާތެވެ. ސޯސަލް މީޑިޔާގަ ފޮރި ހިއްޕާލަން ވީ އެވެ.

  25
 18. ގަން ފެވްދޫ ހަޗާ

  ތީ ޖީ ވަން ޖީ އިން ހިންގާ ޖަރީމާ އެކަޑަމީ އެއް ދޯ؟

  19
 19. ޢަލޫ

  ފުލައިން ސްކޫލް ކަންތަށްވެސް ހައްލުވާނީ ކައުންސިލްގެ ފުލް މެޖޯރިޓީ އެމް.ޑީ.ޕީއަށް ލިބިގެންކަން އައްޑޫ އުރިހާ ރައްޔިތުން ޤަބޫލުކުރާނެ. އަޅުގަނޑު މެންނަށް ވޯޓް އަޅާ ފޮށިތަށް ފުރާލައްވާ. ޕާޓީގެ ބޮޑުންނަށް އިނގޭ އައްޑޫ ރައްޔިތުން ވަރަށް ގަމާރު ވާނެކަން. ޝުކުރިއްޔާ

  16
  4
 20. ޖުޒީ

  ވާރުގޭން ވާރުނަގަނީ ދެއްތޯ؟

  8
  1
 21. ކުދުވާނޑި މުހުންމާ

  އައްޑުއަށް ދިމާވެފައިވާ އެންމެ ބޮޑު މައްސަލައަކީ ސީދާ އައްޑޫގެ ރައްޔިތުންގެ ތެރެއިން ބައެއްމީހުން އެމީހުންގެ އަމިއްލާޖީބު ބޮޑުކުރަން ނުވަތަ އެމީހުންގެ ބާރު ދަމަހައްޓަން އުޅެގެން ދިމާވެގެންއުޅޭ މައްސަލައެއް. އިހްލާސްތެރިކަމާއިއެކު ކުރިއެރުމާއި ތަރައްގީއާއި ފާގަތިކަން ހޯދުމަށް އައްޑޫގެ އެއްވެސް އިސްވެރިޔަކު ނުވިސްނާ. ދެމީހަކު އެއްވިޔަސް މިކިޔާ އެއްޗަކީ ގަންއިންޓަނޭޝަނަލް އެއަރޕޯޓް، ގަމަށް ބޮޑެތި ބޯޓުނުޖައްސައޭ، އައްޑުއަށް ބޮޑެތި އާގުބޯޓު ސީދާ ބޭރުން ނާދެޔޭ ކީއްކުރާ ބަނދަރެއްހެއްޔޭ ދެން މިކަހަވާހަކަތަކެއް.
  ހަގީގަތަކީ ބޭރުން ބޮއިން 777 ގެ ފްލައިޓެއް ގަމަށް ޖެއްސިއަކަށް ފުރިހަމަކޮށް ހިދުމަތް ދެވޭކަށެއްނެތްކަން، އާގުބޯޓެއް އައްޑޫގެ ޕޯޓަށް އަޔަސް ރަނގަޅު ހިދުމަތެއް ނުދެވޭކަން. މިސާލަކަށް އިއްޔެރޭގައި އައްޑޫ އިންޓަނޭޝަނަލް ބަދަނރަށް އެއޮތީ ގާތްކޮށްފައި އިންޑިޔާއިން ކާގޯ ހިފައިގެން އައި އެސްޓީއޯގެ ބޯޓު. މުދާބޭލުމުގައި އެތަކެއް ތަކުލީފުތަކެއް އުފުލަން މުދަލުގެ ވެރިފަރާތަށް އެބަޖެހޭ. 24 ގަޑިއިރު ހަމަވެގެންދާއިރުވެސް ޖުމްލަ އަދަދު ސަތޭކަޓަނު ހަމަނުވާ ކަރާ، އަލުވި، ފިޔާ، ބިސް މިކަހަލަ އަވަހަށް ހަލާކުވާ މުދާކޮޅެއް އެއުޅެނީ ފާލަމަށް ގާތްކޮށްފައިވާ ބޯޓުން ޕޯޓަށް ނުބޭލިގެން. އިރުއޮއްސުމުން ކަނުއަނދިރީގައި. ދެން މިކަހަލަގޮތަކަށް ކަންކަން ކުރަން މިޖެހެނީ.
  އެހެންކަމުން ފުރަތަމަ ގެންނަންވީ އާގުބޯޓާއި ބޮއިން 777 އެއްނޫން، ފުރަތަމަ އައްޑޫގައި ޖެހެނީ މީހުން ތަމްރީނުކޮށް ތަންތަން ހިންގަން އިހްލާސްތެރި މީހުން ގެންނަން. އެމީހުންނަށް އެނގެން އެބަޖެހޭ ތިމަންނަމެން މިތަންތަނުގައި މިތިބީ ހިދުމަތް ހޯދަން އަންނަމީހުންނަށް ހިތުން ރުހުމުން ހިދުމަތް ދިނުމަތްކަމަށް. މީހުންނާއި ހިދުމަތް ރަނގަޅުކޮށްގެން ރަނގަޅު ތަރައްގީއާއި ކުރިއެރުން ލިބޭނީ.

  20
 22. މޭން

  ޔުނިވާސަލް /މަންޓާ އެއާ ގެ ސަންޖޭ މަނިކު އަކީވެސް ޕެނަމާ ޕޭޕާރސް ގަ ހިމެނޭ މީހެށް. ދެން ކޮބާ މައްސަލަ އަކީ؟

  6
  1
 23. ސަސްތީ

  ޖުޒީ އެބުނީ ރަނގަޅަށް. ވާރުގޭން ވާރު ނަަގަނީ. އަބަދުވެސް ވާކަމެއް. ދިރާގުންވެސް އެވަރަށް ނެގި.

 24. އާރު

  ތިޔަކަންކަމާ ބުއްޅަ ކޮފެރާ ނުސީދާނު އާއި ގުޅުން ވަރަށް ބުޑުކަމަށްފެނޭ. އަދި ކެނެރީގެ ނަޝީދު އައްޑުއަށް މާބޮޑެތި ކަންކަން ކޮށްދޭނެކަމަށް އެބުނާބުނުން ވެސް ތިޔަކަމާ ގުޅުން ވާނެ.

  7
  1
 25. މުހަންމަދު ސަނީފް

  އެމްޓީޑީސީ އަށް ކަމެއް ނުވެގެން އުޅެނީ ކީއްވެތޯވެސް އާޓިކަލެއްޖަހަން ވަގުތު ނޫހަށް ކެރޭނެތޯ؟ ރިސޯޓް ވިޔަފާރިން އާންމު ފަރުދުންނަށް އެންމެ ލޯލާރިއެއްވެސް ދޭން ބޭނުންނުވަނީ ކޮންބަޔަކު އަޑީގައި ތިބެގެންތޯ އެންމެނަށް އަންގާލަދެއްވާ؟ ސަރުކާރުތަށް އަދި ސިޔާސީ މީހުންތައް ކިހާވަރަކަށް ވިކުނީމަތޯ އަންގާލަދެއްވާ. އަދި އިތުރުކޮށްދެއްވާތި : މިރާއްޖޭގައި ހުރި ހުރިހާ ރިސޯޓެއް ސަރުކާރުން ހިންގާނެނަމަ ދައުލަތަށް ވަންނާނެ ފައިސާގެ މިންވަރުވެސް. ކޮންމެ ދިވެއްސަކަށް ކޮންމެ ކަމެއް ކުރާނެހާ ފައިސާތޯވެސް؟