މާލޭގެ ހުޅަނގު އުތުރު ކަނުގައި އޮންނަ ވިޔަފާރި ބަނދަރަކީ ރާއްޖެއަށް ބޭނުންވާ ހުރިހާ މުދަލެއްހެން ޖަމާ ކުރާ މައި ސަރަހައްދެވެ. އެކަމަކު ޖާގައިގެ ގޮތުން އެއީ މިހާރު މާ ތަނަވަސް ސަރަހައްދެއް ނޫނެވެ. ބައެއް ކޮންޓެއިނަރުތައް ބާޖު މެދުވެރިކޮށް ހުޅުމާލެ އަށް ބަދަލު ކުރާ ފަހަރު ވެސް އާދެއެވެ. މާލޭގެ ވިޔަފާރި ބަނދަރު މިހާރު ބޭނުން ކުރަމުން އަންނަނީ "ތިއަރެޓިކަލް މެކްސިމަމް ކެޕޭސިޓީގަ"އެވެ.

މިކަމަށް ހައްލެއް ގެނައުމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހްގެ ސަރުކާރުން ނިންމާފައި ވަނީ ކ. ގުޅީފަޅުގައި ބައިނަލްއަގުވާމީ ބަނދަރެއް އެޅުމަށެވެ. މިއީ 319 މިލިއަން ޑޮލަރުގެ މަޝްރޫއެކެވެ. އިންޑިއާގެ އެހީއާ އެކު ކުރިއަށް ގެންދާ މި މަޝްރޫއު ނިންމުމަށް ދެ އަހަރާއި ތިން މަސް ހޭދަވާނެ ކަމަށް ބެލެވެއެވެ. އަދި މަޝްރޫއުގެ ޓެންޑަރިން މަރުހަލާ ކުރިއަށް ދެ ހަފްތާގެ ތެރޭގައި ރާއްޖޭގެ ފިނޭންސް މިނިސްޓްރީން ކުރިއަށް ގެންދާނެއެވެ. މި މަޝްރޫއަކީ ރާއްޖޭގެ އިކޮނޮމިކް މިނިސްޓްރީގެ ބެލުމުގެ ދަށުން ކުރިއަށް ގެންދާ މަޝްރޫއެކެވެ.

ގުޅީފަޅު ބަނދަރު މަޝްރޫއުއަކީ 2019 ވަނަ އަހަރު ބޭއްވި މޯލްޑިވްސް ޕާޓްނަޝިޕް ފޯރަމްގައި ދިވެހި ސަރުކާރުން ބޭރުގެ އިންވެސްޓަރުންނަށް ހުށައެޅި ގްރޭޓާ މާލޭ ޑިވެލޮޕްމެންޓް މަޝްރޫއުގެ ބައެކެވެ. މި ފޯރަމްގައި ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ވިދާޅުވި ގޮތުގައި މާލޭގެ ބަނދަރު ގުޅީފަޅަށް ބަދަލު ކުރުމަކީ މި ސަރަހައްދުގައި ހިންގާ އެންމެ ބޮޑު އެއް މަޝްރޫއަށް ވެގެން ދާނެއެވެ.

ރާއްޖެއަކީ ބޮޑަށް މުދާ އިމްޕޯޓް ކުރާ ގައުމެކެވެ. ދެހާސް ދިހަ ވަނަ އަހަރާއި 2018 ވަނަ އަހަރުގެ ދެމެދު ޖުމްލަ ވިޔަފާރީގެ އަގު ވަނީ އަހަރެއްގެ މައްޗަށް 13.2 އިންސައްތަ އިތުރުވެފައެވެ. އަދި ހަމަ އެ މުއްދަތުގެ ތެރޭގައި އިގްތިސާދުގެ މިންވަރު ވަނީ 22.4 އިންސައްތަ އިތުރުވެފައެވެ. އަގާއި މިންވަރުގެ ގޮތުން ވިޔަފާރިއަށް އައިސްފައި މިވާ ކުރިއެރުމުގެ ފަހަތުގައިވާ ބޮޑު އެއް ސަބަބަކީ އިމްޕޯޓްތަށް އިތުރުވުމެވެ. ހަމަ މިމުއްދަތުގެ ތެރޭގައި އެކްސްޕޯޓްތައް ވަނީ އަގުގެގޮތުން އަހަރެއްގެ މައްޗަށް 11.9 އިންސައްތަ އިތުރުވެ، މިންވަރުގެ ގޮތުން 8.9 އިންސައްތަ އިތުރުވެފައެވެ.

މާލެ ވިޔަފާރި ބަނދަރަކީ ރާއްޖެއަށް ބޭނުންވާ އެންމެހާ "ކޮންޓެއިނަރައިޒްޑް އިމްޕޯޓް ކޮމޯޑިޓީ" ތައް އަންނަ ހަމައެކަނި ބަނދަރެވެ. މި ބަނދަރުގެ ކުއޭ ދިގުމިނަކީ 102 މީޓަރެވެ. އަދި ފެނުގެ ފުންމިނަކީ -9.25 މީޓަރު ސީޑީއެވެ. އަދި ހުޅަނގު ފަރާތާއި އިރުމަތީ ފަރާތުގައި ދިގުމިނާއި ފުޅާމިނުގައި 75 މީޓަރު ހުންނަ އިރު، ފެނުގެ ފުންމިނުގައި -6.5 މީޓަރު ސީޑީގެ ހުންނަ ބާޖް ކުއޭ އެއް މި ބަނދަރުގައިވެއެވެ. ވިޔަފާރި ބަނދަރުގެ ތިއަރެޓިކަލް ކޮންޓެއިނާ ހޭންޑްލިން ކެޕޭސިޓީއަކީ ގާތްގަނޑަކަށް 100،000 ޓީއީޔޫ އާއި 120،000 ޓީއީޔޫ ދެމެދުގެ އަދަދެކެވެ. އެންމެ ފަހުގެ ހިސާބުތައް ދައްކާ ގޮތުން މާލޭގެ ވިޔަފާރި ބަނދަރު ހިންގަމުން ދަނީ އޭގެ ތިއަރެޓިކަލް މެކްސިމަމް ކެޕޭސިޓީގައެވެ.

ޝިޕިން އިންޑަސްޓްރީއަށް އަންނަމުންދާ ބަދަލުތަކާއި ފަހުގެ ޓްރެންޑްތަކަށް ބަލާ، ލަފާ ކުރެވޭ ގޮތުގައި ކުރިއަށް އޮތް ތަނުގައި ރާއްޖެ އަންނަ ހުރިހާ ކާގޯ ސެގްމެންޓްތަކުގައި ބޭނުންކުރެވޭ އުޅަންދުތަކުގެ ސައިޒު ބޮޑުވާނެއެވެ. މީގެ ސަބަބުން މިހާރު ބޭނުންކުރެވޭ ކުދި އުޅަނދުތަކާއި އަޅާ ކިޔާއިރު، ބޭނުންކުރެވޭ އުޅަންދުތަކުގެ ސައިޒު ބޮޑުވެ، ދަތުރުތަކުގެ އަދަދު މަދުވެ، ކޮންމެ އުޅަނދެއްގެ ކޯލް-ސައިޒް އިތުރުވެގެންދާނެއެވެ. އެހެންކަމުން ގުޅީފަޅުގައި ގާއިމްކުރެވޭ އައު ބައިނަލްއަގްވާމީ ބަނދަރުގައި ހެޔޮ މިންވަރެއްގެ ޓާމިނަލް އިންފްރާސްޓްރަކްޗާ، ސުޕާސްޓްރަކްޗާ، އަދި ބޮޑެތި އުޅަނދުތަކަށް ސާވިސް ދެވޭނެ އިކުއިޕްމެންޓް ހުރުން ލާޒިމެވެ. ސަރުކާރުގެ ބޭނުމަކީ އެ އަމާޒަށް ވީހާވެސް އަވަހަށް ހާސިލްވުމެވެ.

މިވަގުތު މާލޭގެ ވިޔަފާރި ބަނދަރު އޮޕަރޭޓް ކުރަމުން ދަނީ ފުލް ކެޕޭސިޓީގައި ކަމުން އަވަސް ގޮތަކަށް ކެޕޭސިޓީ އިތުރު ކުރެވޭނެ ގޮތްތައް ހޯދުން ވަނީ ވަރަށް މުހިންމުވެފައެވެ. މާލެ އޮތީ އެއްކޮށް ފުރި، ތޮއްޖެހިފައި ކަމުން ބަނދަރު އޮޕަރޭޝަންތައް ކުރިއަށްއޮތްތަނުގައި ފުޅާކުރެވޭނެ ހަމައެކަނި ގޮތަކީ ބަނދަރާއި ބަނދަރުގެ ސަޕޯޓިން ލޮޖިސްޓިކަލް ފެސިލިޓީތައް މާލެއިން ގުޅީފަޅާއި ތިލަފުއްޓާއި ދިމާލަށް ބަދަލުކުރުމެވެ. އިގްތިސާދީ ކުރިއެރުމުގެ ފޮނި މީރުކަން ހޯދުމަށް އާ ބަނދަރެއް ތަރައްގީ ކުރުމަކީ ރާއްޖެ އަށް މިހާރު ބޭނުން ޖެހިފައި އޮތް ކަމެކެވެ.

ގުޅީފަޅު ބަނދަރު: ޖާގަ ތަނަވަސްވެފައި ބޮޑެތި ބޯޓު ފަހަރު ކައިރި ކުރެވޭ!

ގުޅީފަޅު ބަނދަރު ތަރައްގީ ކުރަނީ ތިން ފިޔަވައްސަކަށް ބަހާލައިގެންނެވެ. ފުރަތަމަ ފިޔަވަހީގެ ތަރައްގީގެ މަޝްރޫއުއަށް ބޭނުންވާ ސަޕޯޓް އިންޑިއާގެ ލައިން-އޮފް-ކްރެޑިޓްގެ ދަށުން ލިބޭނެއެވެ. ބަނދަރުގެ ޑީޓެއިލްޑް ޕްރޮޖެކްޓް ރިޕޯޓް ތައްޔާރުކޮށްފައި ވަނީ ދިވެހި ސަރުކާރުން ހިޔާރު ކުރި ޔޫރަޕިއަން ޖޭވީ ކޮންސަލްޓެންޓެކެވެ. އެ ރިޕޯޓުގައި ގުޅީފަޅު ބަނދަރު ތަރައްގީ ކުރާނެ ގޮތުގެ ހުރިހާ ތަފްސީލަކާއި ކުރެހުމެއް ހިމަނާފައިވެއެވެ.

ރިޕޯޓުގައިވާ ގޮތުން ބަނދަރު ތަރައްގީ ކުރުމުގެ ފުރަތަމަ މަރުހަލާގައި ކޮންޓެއިނާ ތުރޫޕުޓްގެ މިހާރުގެ އަދަދު ކަމަށްވާ 120،000 ޓީއީޔޫ އިން 260،000 ޓީއީޔޫ އަށް އިތުރު ކުރެވޭނެއެވެ. އަދި ކުއޭ ދިގުމިން މާލޭ ވިޔަފާރީ ބަނދަރުގެ މިހާރުގެ ދިގުމިން ކަމަށްވާ 102 މީޓަރުން 610 މީޓަރަށް އިތުރު ކުރެވޭނެއެވެ. އަދި ކުއޭސައިޑް ގައި (-16 މީޓަރު ސީޑީ ގެ ބެޑް ލެވެލްއަކާ އެކު) 14.5 މީޓަރާ ހަމައަށް ޑްރާފްޓް އެލަވެންސް ހުންނާނެއެވެ. މިއީ ޕޯސްޓް-ޕެނެމެކްސް އުޅަނދުފަހަރު ޑްރާފްޓް ކުރުމަށް އެކަށީގެންވާ މިންގަނޑެކެވެ. އަދި ކުއޭ ދިގުމިން 610 މީޓަރަށް އިތުރުކުރެވޭނޭހެން ޑިޒައިން ކުރެވިފައިވަނީ، ބަނދަރު ހުޅުވުމުން އަންނާނެ ކަމަށް ލަފާކުރެވޭ އެންމެ ބޮޑު ދެ އުޅަނދުފަހަރު އެކޮމޮޑޭޓް ކުރުމަށެވެ.

ނީމަސް އެމްޓީބީއެސްގެ ފަރާތުން ތައްޔާރު ކުރި ޕްރޮޖެކްޓް ރިޕޯޓުގައިވާ ގޮތުން މި ބަނދަރުގެ "ޕްރޮޖެކްޓެޑް ކޮންޓެއިނާ ތުރޫފުޓް" އަކީ 2025 ވަނަ އަހަރު 199،000 ޓީއީޔޫ އަދި 2050 ވަނަ އަހަރާ ހަމައަށް 692،000 ޓީއީޔޫއެވެ. އަދި ޕްރޮޖެކްޓެޑް ޖެނެރަލް ކާގޯ އަކީ 2025 ވަނަ އަހަރަށް 61،000 މެޓްރިކް ޓަން، އަދި 2050 ވަނަ އަހަރަށް 156،000 މެޓްރިކް ޓަނެވެ.

މި މަޝްރޫއުގައި ކުއޭ ސްޓްރަކްޗާގެ ހަތަރު ވައްތަރެއް ބޭނުން ކުރެވޭނެއެވެ. މި ވެގެންދާނީ އެންކާޑް، ސްޓްރަކްޗާޑް ފާރުތަކަށެވެ.

  • ކޮންޓެއިނަރު ކުއޭ (ދިގުމިން=650 މީޓަރު، ފެނުގެ ފުންމިން -16މީޓަރު ސީޑީގައި)
  • ޖެނެރަލް ކާގޯ ނޯތު ކުއޭ (ދިގުމިން=260 މީޓަރު، ފެނުގެ ފުންމިން -12.5މީޓަރު ސީޑީގައި)
  • ޖެނެރަލް ކާގޯ ވެސްޓް ކުއޭ (ދިގުމިން=440 މީޓަރު، ފެނުގެ ފުންމިން މަދުވެގެން -5މީޓަރު ސީޑީގައި)
  • ޕޯޓް ސާވިސަސް ކުއޭ (ދިގުމިން=125 މީޓަރު، ފެނުގެ ފުންމިން މަދުވެގެން -5މީޓަރު ސީޑީގައި)

ބަނދަރު ހިންގުމަށް އެތައް އިމާރާތްތަކާއި ފެސިލިޓީއެއް ބޭނުންވާއިރު، ގުޅީފަޅުގައި ގާއިމު ކުރާ ފެސިލިޓީތަކަކީ:

  • އެޑްމިނިސްޓްރޭޝަން އަދި އެމެނިޓީސް އިމާރާތް
  • ކަސްޓަމްސް އިންސްޕެކްޝަން ފެސިލިޓީ (އެކްސް-ރޭ ފެސިލިޓީ އާއެކު)
  • ކޮންޓެއިނާ ފްރެއިޓް ސްޓޭޝަން (ސީއެފްއެސް)
  • މެއިންޓެނެންސް ވޯކްޝޮޕް/ފެސިލިޓީ
  • ވެއާހައުސިން
  • ލޭންޑްސައިޑް ގޭޓްވޭތައް/ސެކިއުރިޓީ ފެސިލިޓީތައް
  • ޕޯޓް އިކުއިޕްމެންޓް ފިއުލިން ފެސިލިޓީ
  • އަލިފާން ޑީޕޯޓް
  • ލީކިން ކޮންޓެއިނާ އޭރިއާ
  • ރީފާ ގެންޓްރީސް

މިވަގުތު މާލޭގައި ހުރި ބަނދަރުގެ ސައިޓަކީ ވަރަށް ތޮއްޖެހިފައިވާ، މެކްސިމަމް ކެޕޭސިޓީއަށް ވުރެވެސް މަތިން ހިންގެމުންދާތަނެކެވެ. މި މައްސަލައަށް ދިގު މުއްދަތުގެ ހައްލެއް ފޯރުކޮށްދިނުމަށްޓަކައި ބަނދަރު އޮޕަރޭޝަންތައް މާލެއިން، ކައިރީގައިވާ ތިލަފުށި އަދި ގުޅީފަޅަށް ބަދަލުކުރުމަށް ވަނީ ހަމަޖެހިފައެވެ. މިއީ މާލެ އަތޮޅުގެ ދެކުނު ސަރަހައްދު އިތުރަށް ތަރައްގީކޮށް؛ މާލެ، ތިލަފުށި އަދި ވިލިނގިލި ގުޅީފަޅުގައި ގާއިމްކުރެވޭ ބައިނަލްއަގްވާމީ ބަނދަރާއި ގުޅުވާލުމުގެ މަޝްރޫއުގެ ބައެކެވެ. ބަނދަރު ރީލޮކޭޝަން މަޝްރޫއުގެ މައިގަނޑު ކޮންސެޕްޓަކީ މިވަގުތު ހުރި ހުރިހާ ކޮމާޝަލް ޕޯޓް އޮޕަރޭޝަންތައް ގުޅީފަޅަށް ބަދަލުކޮށް، އިންޑަސްޓްރިއަލް ހަރަކާތްތައް ތިލަފުއްޓަށް ބަދަލުކުރުމެވެ. މީގެ ސަބަބުން ބަނދަރާއި، ގުޅިފައިވާ ވެއާހައުސިން އަދި ލޮޖިސްޓިކަލް ހަރަކާތްތައްވެސް ފުޅާކުރެވުމުގެ އިތުރުން، މާލޭގައި އަލުން ތަރައްގީ ކުރެވޭނެ ތަނެއް ހުސްވެގެންދާނެއެވެ.

ފުރަތަމަ ފިޔަވަހިއަށް ފަހު ގުޅީފަޅު ބަނދަރުގައި ކޮންމެ އަހަރަކު 260،504 ޓީއީޔޫ އަދި 74،730 މެޓްރިކް ޓަނުގެ ޖެނެރަލް ކާގޯ ހޭންޑަލް ކުރެވޭނެއެވެ. އަދި ގުޅީފަޅަށް ރީލޮކޭޓްކޮށް ބަނދަރު އަލުން ތަރައްގީ ކުރުމުގެ ސަބަބުން ޑްރައި އަދި ލިކުއިޑް ކާގޯ ހޭންޑަލް ކުރުމުގެ ކެޕޭސިޓީވެސް ވަރަށް ބޮޑު ތަނުން އިތުރުވެގެންދާނެއެވެ. ގުޅީފަޅު ބަނދަރުގެ ރެވެނިއު ޕްރޮޖެކްޝަން ދެ ގުނައިން އިތުރުވެ، 2023 ވަނަ އަހަރު 50 މިލިއަން ޑޮލަރުން، 2027 ވަނަ އަހަރު 100 މިލިއަން ޑޮލަރަށް އިތުރުވާނެ ކަމަށް ބެލެވެއެވެ.

މި ހުރިހާ އިގްތިސާދީ ހަރަކާތްތަކަކީ ކުރިއަރައި ދިއުމަށް އެކަށީގެންވާ ބަނދަރަކަށް ބޭނުންވާ ކަންކެމެވެ. ސަބަބަކީ ގިނަ އަދަދެއްގެ ކޮންސްޓްރަކްޝަން ސާމާނު އަދި ކާބޯތަކެތި ގައުމުގެ ބަނދަރުން އެތެރެ ނުކުރެވޭނެ ނަމަ ކޮންސްޓްރަކްޝަން ސިނާއަތާއި ޓޫރިޒަމްގެ ސިނާއަތް ކުރިނާރާނެއެވެ. އެހެންކަމުން ގައުމުގެ އިންފްރާސްޓްރަކްޗާ ކެޕޭސިޓީ އަދި އެފިޝެންސީ އަކީ ގައުމުގެ އިގްތިސާދީ ކުރިއެރުމަށްޓަކައި ކޮންމެހެން މުހިންމު ކަންތަކެވެ.

މީގެ ދިހަ އަހަރު ކުރިން 2010 ވަނަ އަހަރާއި 2018 ވަނަ އަހަރާ ދެމެދު ރާއްޖޭގެ ޖީޑީޕީ (ޕާ ކައިންޑް އޮފް އެކްޓިވިޓީ) ދައްކާ ގޮތުގައި "ޕޯޓް ރިލޭޓެޑް" ނުވަތަ "ޕޯޓް ޑިޕެންޑެންޓް" އެކްޓިވިޓީތަކަކީ އެވްރެޖްކޮށް ޖީޑީޕީގެ 54 އިންސައްތައެވެ. އަދި ޕްރޯ-ރާޓާ ބޭސިސްއެއްގައި ޕޯޓް ރިލޭޓެޑް/ޑިޕެންޑެންޓް ޖީޑީޕީގެ ހިއްސާގެ ތެރެއަށް ޓެކްސް-ލެސް ސަބްސިޑީގެ ހިއްސާ އެއްކޮށްލައިފި ނަމަ، ރާއްޖޭގެ މުޅި ޖީޑީޕީގެ 60 އިންސައްތަ ބުރަވެފައިވަނީ ޕޯޓް އިންފްރާސްޓްރަކްޗާ ސަޕޯޓުގެ މައްޗަށެވެ.

ގުޅީފަޅުގައި ބައިނަލްއަގްވާމީ ބަނދަރު ހެދުމުގެ މަޝްރޫއުއަކީ ދިވެހި ސަރުކާރުގެ އަމާޒެއް ކަމުގައިވާ މާލެ އަތޮޅުގެ ދެކުނު ސަރަހައްދު އިތުރަށް ތަރައްގީކޮށް؛ މާލެ، ތިލަފުށި އަދި ވިލިންގިލި ގުޅީފަޅުގައި ގާއިމްކުރެވޭ ބައިނަލްއަގްވާމީ ބަނދަރާއި ގުޅުވާލުމުގެ މަޝްރޫއުގެ ތެރޭގައި ހިމެނޭ ބައެކެވެ. އަދި މި ފުޅާ މަޝްރޫއުގެ ތެރޭގައި ހިމެނޭ ގްރޭޓާ މާލޭ ކަނެކްޓިވިޓީ މަޝްރޫއު (ޖީއެމްސީޕީ) ގެ ދަށުން 6.7 ކިލޯމީޓަރު ދިގު ބްރިޖްތަކާއި ކޯސްވޭ ނެޓްވާކް މެދުވެރިކޮށް މާލެ ވިލިނގިލި އާއި، ގުޅީފަޅު ބަނދަރާއި، ތިލަފުށި އިންޑަސްޓްރިއަލް ޒޯން އާއި ގުޅުވާލެވޭނެއެވެ.

ގުޅީފަޅު ބައިނަލްއަގްވާމީ ބަނދަރު ތަރައްގީކުރެވި ބޭނުން ކުރެވެން ފެށުމަކީ ރާއްޖޭގައި އެތައް އިގްތިސާދީ ހަރަކާތްތަކެއް ހިންގުމަށް މަގުފަހިކުރުވާ، ކުރިމަގުގައި ރާއްޖޭގެ އިގްތިސާދު ކުރިއަރާ ދާން މެދުވެރިކުރުވާނެ މުހިންމު މަޝްރޫއުއެކެވެ. އިންޑިއާގެ ލައިން އޮފް ކްރެޑިޓްގެ ދަށުން ހިންގާ މަޝްރޫއުތައް އެ ގައުމުގެ އެގްޒިމް ބޭންކްގެ ވެބްސައިޓްގައި ހާމަކަން ބޮޑު ގޮތެއްގައި ވަނީ ޝާއިއުކޮށްފައެވެ.

ކިޔުންތެރިންގެ ހިޔާލު

6 ކޮމެންޓް

  1. މއކ

    ޕޯޓް އަޅަން އެންމެ ރަގަޅީ ތިލަފުށި. ގުޅީ ފަޅުން ގޯތި ދީބަ ހެޔޮނުވާނެ. ތިލަ ފުށީގަ މާބޮޑު ބަދަރެއް އެޅޭނެ.

    28
    6
  2. ހުސޭނުބޭ

    ސޯލިބޭ ސަރުކާރުގައި ތިވަރު ހަކަތައެއް ނެތް! ސޯލިބެޔަށް ކުެއވެނެކަމަކީ ބައިތުލްމާލުން ވައްކަންކުރުން! ދެން ޤައުމު އަޅުވެތިކޮށް އިސްލާމްދީނަށް ފުރައްސާރަކުރުން!

    28
    5
  3. އިސްލާހު

    "ގުޅީފަޅު" އަކީ މާލެއަތޮޅު ދެކުނުބުރީގައި އޮންނަ "ގުޅި" އޭ ކިޔާ މީހުން އުޅޭ ރަށުގެ ވަށައިން ނުވަތަ އެރަށާ ގުޅިފައިވާ ފަޅު. ނަމަވެސް "ގުޅިފަޅު" އަކީ މާލެއަތޮޅު ދެކުނުބުރީގައި އޮންނަ "ވިލިނގިލި" އޭ ކިޔާ ރަށުގެ ދެކުނުން އޮންނަ ފަޅަކަށް ކިޔާނަމެއް. މިފަޅު ހިއްކައިގެން އުފައްދާފައިވާ ރަށަށްވެސް ކިޔަނީ "ގުޅިފަޅު". ކުރިމަގުގައި އެރަށުގެ ނަމަކަށް ވާނީ "ގުޅިމާލެ" ކަމަށް ބެލެވޭ. "ގުޅީމާލެ" އަށް ވެދާނެ ކަމަކަށް ނުބެލެވޭ..!

    5
    3
  4. ޢެޑްވަޑް

    ގުޅި ފަޅުގައި ކުރަން އެންމެ ރަނގަޅުކަމަކީ އެންޓަޓައިންމެންޓް ސިޓީ އެއް އެރަށުގައި ހެނދުން . މިގޮތުން ދިވެހިރާއްޖޭގެ ލަސްވެގާސް އަކަށް އެރަށް ހަދައިފިނަމަ އެކަމުން ދިވެހިންނަށް ޚާއްސަކޮށް ޒުވާނުންނަށް މާ ފައިދާ ބޮޑުވާނެ.. ޕޯޓް އެޅުން ކުރިންވެސް ޚިޔާލުކުރި ގޮތައް ތިލަފުއްޓައް ބަދަލު ކުރެވިދާނެ. ގިނަގިނައިން މިއުޒިކާއި ޓެލެންޓް ޝޯ ތައް އެރަށުގައި ބާއްވަން ވީ. އަދި މުޅި ދުނިޔެއަށް ދިސް ވެގާސް ގެ ނަމުގައި އެރައް އިސްތިހާރު ކުރަންވީ، ބޭރުގެ ފިލްމިސްޓާރުންނާއި ފެޝަން މޮޑެލުންނާއި ޑާންސް ކުރާ މީހުން ގެނެސް ބޮޑެތި ޝޯތައް އެރަށުގައި ބާއްވަންވީ.

    4
    8
  5. ހަމްދާން

    ގުޅީފަޅުގެ މެދުގައި އޮންނަ އެންމެ ފުންތަން ހިއްކަން މި ބޮލުރޮދީން އެއޮތީ ނިންމާފަ ފައިސާ ކާންވެގެން.. ތިޔަ ރަށުގެ މެދު ފަޅުގެ ފުންމިނުގައި 10 މީޓަރު ހުރޭ. ދެން ވިސްނާ މިތަން ހިއްކަންދާނެ އަގު ކިހިނެތް އަސްލު ފީސިބަލްވާނީ. އެކަމަކު ބޮޑުއަގުދީގެން އެގޮތައް އެކަން ކުރަން އުޅެނީ ހަމަ ދައުލަތުގަ ދަރަނި އަޅުވާލާފަ ޖީބައި ބޮޑުލާރިގަނދެއް ވައްދާލަން.

    10
    1
  6. ކެޕްޓަން

    ތިޔަ ކުރެހު މުގެ ބޯޓު ހުރިގޮތައް ގުޅީފަޅައް ކާރގޯ ކަނޑު ބޯޓު ޖައްސަން ޖެހޭނީ މަތިންތާބޯޓު ޖައްސާހެން އަދި ޖެޓުއިންޖީނުގަ. ކޮން ކަނޑުކޮހަކު ހެދި ޕުލޭނެއްތޯ ވަރައް ބަލާހިއްވޭ.

    2
    1